ބޭރަށްހިންގުމަކީ ކޮބާ؟

ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމުދެވޭނަމަ ބޭރަށްހިންގަނީކަމަށް ބެލެވިދާނެއެވެ. ބައެއްފަހަރު ބޭރަށް ހިންގާއިރު ލޭގެ އަސަރު ހުރުން އެކަށީގެން ވެއެވެ.

ބޭރަށްހިންގަނީ ކީއްވެ؟

އާންމުކޮށް ބޭރަށްހިންގުމަށް މެދުވެރިވަނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ފަދަ ޖަރާސީމެއްގެ ސަބަބުންނެވެ.

ބޭރަށްހިންގާނަމަ ފެންނާނެ އަލާމާތްތައް:



- އާދަޔާޚިލާފަށް ކަރުހިއްކުން

- ބޮލަށް އެނބުރުން އެރުން

- މާބޮޑަށް ވަރުދެރަވާގޮތްވުން

- ލޮލުގައި ރިއްސުން

- ކުޑަކަމުދެވޭ މިންވަރު މަދުވުން

- ހެޔަށް ގޮތްވާގޮތްވުން

- ހޮޑުލެވި ބޮޑުކަމުދެވޭއިރު ލޭގެ އަސަރު ހުރުން

- މާގިނައިން ހޮޑުލެވުން، އަދި ދިޔާއެއްޗެހި ބޭނުން ނުކުރެވުން

- އާދަޔާޚިލާފަށް ބަނޑުގައި ރިއްސުން

- ދިގުމުއްދަތަކަށް ބޭސްކުރުން ނުވަތަ މާބަނޑުމީހެއްނަމަ ލަސްނުކޮށް ޑޮކްޓަރަށްދެއްކުން

ބޭރަށްހިންގާނަމަ ޢަމަލުކުރާނީ ކިހިނެއް؟



- ގިނައިން ދިޔާތަކެތި ބޯންދޭށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު 200 މިލިލީޓަރަށްވުރެ ގިނައިން ފެންބޯންވާނެއެވެ.

- ހޮޑުލެވޭނަމަ، ހޮޑުލެވޭ ވަގުތު ދިޔާތަކެތި ދިނުމުގެ ބަދަލުގައި އޭގެ 5 މިނިޓް ނުވަތަ 10 މިނިޓް ފަހުން ދިޔާތަކެތި ދިނުން ރަނގަޅުވާނެއެވެ.

- ދިޔާތަކެތީގެ ގޮތުގައި ފެން، އޯ. އާރް. އެސް ނުވަތަ ސޫޕްފަދަ އެއްޗެއް ބޭނުން ކުރާށެވެ.

- ހަކުރު ގިނައިން ހުންނަ ތައްޔާރި ޖޫސް، ކޯލާފަދަ ތަކެތި ބޭނުން ނުކުރުން ނުވަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ސަމާލުވާން ވާނެއެވެ. ބޭރަށްހިންގާއިރު ހަކުރު ހުންނަ މުފަދަ ބާވަތްތައް ބޭނުން ކުރުމުން ބޭރަށްހިންގުން އިތުރަށް ގޯސްވެދާނެއެވެ.

- ތުއްތު ކުއްޖެނަމަ އެންމެ މުހިއްމީ އަވަސް އަވަހަށް ގާތުން ދިނުން: ތުއްތު ކުއްޖާ އަށް އެންމެ ފައިދާ ހުރި ކާނާއަކީ މައިމީހާގެ ކިރެވެ.

- ކެއުން މެދުކަނޑާނުލުން: ކާއެއްޗެހި ކެވޭނަމަ، މަދު އެތިކޮޅުން ލުއިކާނާ ކާންދޭށެވެ. އެހެންނަމަވެސް ތެޔޮ އަދި ހަވާދުލީ ކުޅި އެއްވެސް ބާވަތެއް ނުދޭށެވެ.

- އެންޓިބައޮޓިކް އަމިއްލަ އަށް ބޭނުން ނުކުރުން:

ބޭރަށްހިންގަނީ ވައިރަހެއްގެ ސަބަބުންނެވެ. އެންޓިބައޮޓިކަކުން އެފަދަ ވައިރަސްތަކަށް މާބޮޑު އަސަރެއް ނުކުރެއެވެ.

ބޭރަށްހިންގުމުން ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި އަމިއްލައަށް އެންޓިބައޮޓިކް ބޭނުން ކުރުމުން ބޭރަށްހިންގުން އިތުރަށް ގޯސްވެއެވެ.

- ޑޮކްޓަރަށް ދެއްކުން: މަތީގައި ބަޔާންކުރެވުނު ފަދަ ބޭރަށްހިންގުމުގެ އެ އެއްވެސް އަލާމާތެއް ފާހަނގަ ކުރެވިއްޖެނަމަ ލަސްނުކުރަށްވާ ޑޮކްޓަރަށް ދައްކަންވާނެއެވެ.

ބޭރަށްހިންގަނީ ނަމަ ސަލާލުކަންދޭންވީ ކަންތައްތައް:

- އެހެންމީހުންނަށް ބަލިފެތުރަ ނުދިނުމަށްޓަކައި، އެހެންމީހުންނަށް ކެއްކުންފަދަ ކަންކަން އެމީހާ ރަނގަޅުވަންދެން މެދުކަނޑާލުން އަދި ބޭނުންކޮށްފައިވާ ނެޕީ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން

- ބްލީޗްފަދަ އެއްޗެހި ބޭނުންކޮށްގެން ފާޚާނާ ރަނގަޅަށް ސާފުކޮށް ބެހެއްޓުން. ހާއްސަކޮށް ފްލޭޝްކުރާ ހޭންޑަލް، އިސްކުރު، ތަޅު ފަދަ ހިފާގެންގުޅޭ ތަކެއްޗާއި ތަންތަން ސާފުކުރުން

- އަވަސް އަވަހަށް ސައިބޯނިލައިގެން އަތްދޮވުން. މިގޮތުން އަތްދޮވުމުގައި ވަކިން ހާއްސަކޮށް ސަމާލުކަންދޭންވީ ކަންތައްތަކަކީ:

1. ފާޚާނާ ބޭނުންކުރުމަށްފަހު

2. ކާނާ ތައްޔާރު ކުރުމުގެ ކުރިން

3. ކުޑަކުދީންނަށް ކާންދިނުމުގެ ކުރިން

4. ނެޕީ ބަދަލު ކުރުމަށްފަހު

5. ނަޖިސްވެފައިވާ ހެދުން ނުވަތަ ތަކެތި ދޮވުމަށްފަހު

********

* މިލިޔުމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެނު ލީފްލެޓެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން