* ނޯރޯ ވައިރަސް ފެތުރެނީ ކިހިނެއް؟

ނޯރޯ ވައިރަސް ފެތުރެން ދިމާވާ މައިގަނޑު އެއްސަބަބަކީ ބަލިޖެހިފައި ހުރިމީހާ ބޮޑުކަމުދިޔުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތްނުދޮވުމެވެ. އެގޮތުން ބޮޑުކަމު ދިޔުމަށްފަހު ރަނގަޅަށް އަތް ނުދޮވެ ތަންތަނުގައި އަތްލުމުން އެތަންތަނުގައި ބަލިނުޖެހޭމީހާ އަށް އަތްލެވުމުން ނުވަތަ ބަލިޖެހިފައިވާ މީހާ ރަނގަޅަށް އަތްނުދޮވެ ބަލި ނުޖެހިހުރިމީހާގެ އަތުގައި އަތްލުމުން ބަލިނުޖެހި ހުންނަމީހާއަށް ވައިރަސް ފެތުރިގެންދަނީއެވެ. އެއީ ބަލި ނުޖެހޭމީހާވެސް އެކަމަށް ސަމާލު ނުވާނަމައެވެ. މިސާލަކަށް ބަލިޖެހިފައިހުރި މީހާއަށް ނޭނގި ނަމަވެސް ބަލި ނުޖެހޭ މީހާގެ ގައިގައި ނުވަތަ އަތުގައި ނަމަވެސް އަތް ލެވިއްޖެނަމަ ބަލިނުޖެހޭމީހާ ރަގަޅަށް އަތްދޮންނަ ނަމަ ނުވަތަ ރަނގަޅަށް ފެންވަރާނަމަ އެމީހާއަށް އެ ވައިރަސް ޖެހުމުގެ ފުރުޞަތު ކުޑަވާނެއެވެ.

ބަލިޖެހިފައިހުރިމީހާ ރަނގަޅަށް އަތްނުދޮވެ، ކާތަކެތީގައި އަތްލުން ނުވަތަ ކާތަކެތި ތައްޔާރުކުރުމުގައި ބައިވެރި ވެއްޖެނަމަ، ބަލިނުޖެހޭ މީހާއަށް އެކާތަކެތި ކެއުމުން ބެލިފެތުރިގެންދާނެއެވެ. އެގެންކަމުން ބަލިޖެހިފައި ހުރިމީހާ ކާއެއްޗެހި ތައްޔާރު ކުރާނަމަ ވީހާވެސް ރަނގަޅަށް އަތްދޮވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ބަލިޖެހިފައި ހުރިމީހާއަށް ހޮޑުލެވޭ ވަގުތު އެ ބުރައިގެންދާ ހޮޑުތިކިންވެސް އެތަނެއް ރަނގަޅަށް ސާފު ނުކުރެވި ހުރިނަމަ އަދި އެތަނެއް ސާފުކުރާ ބަލިނުޖެހި ހުރި މީހާ އަށް ބަލިޖެހުމުގެ ފުރުޞަތުވެސް ބޮޑެވެ. އެހެންކަމުން ބަލި ނުޖެހި ހުންނަ މީހާވެސް އަބަދުވެސް ސަމާލުކަން ދޭންވީ އަބަދުވެސް ރަނގަޅަށް އަތްދޮވެ ސާފުތާހިރުކޮށް ތިމާއާއި ތިމާއުޅޭ ތަނެއްް އަބަދުބެސް ސާފުކޮށް ބެލެހެއްޓުމެވެ. މިދެންނެވި ނޯރޯ ވައިރަސް ޖެހިފައި ހުރި މީހާ އުޅޭތަންވެސް ވެސް އަބަދުވެސް ސާފުކޮށް ބެލެހެއްޓުން ވަރަށް މުހިއްމެވެ.

* ނޯރޯ ވައިރަސްގެ އަލާމާތްތައް:

- ހުންއައުން

- ބޭރަށްހިނގުން

- މޭނުބައިކުރުން

- ހޮޑުލެވުން

- ބޮލުގައި، ބަނޑުގައި ނުވަތަ ގައިގައި ރިއްސުން

* ސަމާލުވާށެވެ. މިދެންނެވި އެއްވެސް އަލާމާތެއް ނުފެނިވެސް ބަލީގެ ވައިރަސް ހަށިގަނޑުގައި ހުރެދާނެއެވެ.

އާއްމުގޮތެއްގައި މީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑުގައި ފެރުރޭތާ 1 ދުވަސް ނުވަތަ 2 ދުވަސް ފަހުންނެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަދި މިބަލީގެ އަލާމާތް ނުފެނުނު ނަމަވެސް މިބަލީގެ ވައިރަސް މީހާގެ ހަށިގަނޑުގައި ޖެހޭވަގުތުންފެށިގެން 3 ނޫނީ 4 ހަފްތާވަންދެންވެސް އޭނާގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. އަދި ހަމަ އެހެންމެ ބަލިޖެހިފައިވާ މީހާއަކީ ދިފާއީނިޒާމް ބަލިކަށިމީހެއްނަމަ، އޭނާގެ ގައިން އެބަލީގައި ދެމަސް ނޫނީ ތިން މަހަށްވެސް ދިގު ދެމިގެންދެއެވެ. މިމުއްދަތުގައި އޭނާގެ ފަރާތުން އެހެންމީހުންނަށް ބަލިފެތުރިގެންދާދިޔުން އެއީ އަޅުގަނޑުމެން ނުހަނު ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ.



* ސާފުޠާހިރުކަމަށް ސަމާލުވުން:

ބަލިޖެހިފައިވާ މީހާ އުޅޭތަނާއި ހިފައިގެންގުޅޭތަކެތި ރަނގަޅަށް ސާފުޠާހިރުކުރުމަކީ މިބަލި އިތުރަށް ފެތުރިޔަނުދީ ކޮންޓްރޯލް ކުރުމަށް އަޅުމެންނަށް ކުރެއްވެން އޮތް ކަމެކެވެ.

މިފަދަ ތަންތަން ސާފުކުރުމުގައި ގޭގައި ސާފުކުރުމަށް އާއްމުކޮށް ގެންގުޅޭ ތަކެތި ފަދަ ސެނެޓައިޒަރ ނުވަތަ އަލްކަހޯލް ހަމައެކަނި ބޭނުންކުރުމަކުން ނޯރޯ ވައިރަސް ފިލައިގެންނެއް ނުދެއެވެ. އެހެންނަމަވެސް ސައިބޯނިލައިގެން ދޮވުމުން ވައިރަސް ފަސޭހައިން ނައްތާލެވެއެވެ.

ބަލި ޖެހިފައިވާ މީހާ އުޅޭތަން ސާފުކުރަން ގޭގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ލަތްފިލުވާ، ބްލީޗް ފަދަ ތަކެތި އެއީ ފަސޭހައިން ލިބެން ހުންނާނެ އެއްބާވަތެވެ. އެހެންކަމުން ސާފުކުރަން ފެނުގެ ތެރެއަށް ބްލީޗް ނުވަތަ ލަތްފިލުވާ ބޭނުންކުރާއިރު އެންމެ ރަނގަޅީ 3.8 ލީޓަރުގެ ފެނުގެ ތެރެއަށް މަދުވެގެން 75 މިލިލީޓަރުގެ ލަތްފިލުވާ އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އެފެނުން އެތަންތަން ސާފުކުރުމެވެ. މިދެންނެވި ލަތްފިލުވާއާއި ފެން އެއްކުރާއިރު ގޭގައި އެހެންތަންތަން ސާފުކުރަން ގެންގުޅޭ އެއްވެސް ބާވަތެއް އެއްނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

* ސައިބޯނިލައިގެން ރައްކާތެރިގޮތުގައި އަތްތިލަ ދޮންނާނެގޮތް:

ހޭދަވާނީ 40 އާއި 60 ސިކުންތެވެ.

1. ފެނުން ދެއަތް ތެއްމާލާ!

2. ދެއަތުގެ ދެފުށުގައިވެސް ލެވޭވަރަށް ސައިބޯނި އަތަށްއަޅާ!

3. ދެއަތްތިލައިގެ އެތެރެފުށް އުނގުޅާ!

4. ވައަތުގެ އިނގިލިތައް ހުޅުވާފައި އަތްތިލައިގެ ބޭރުފުށާއި އިނގިލިތަކުގެ ދޭތެރެ ކަނާއަތުން ސާފުކުރޭ! ހަމަމިގޮތަށް ކަނާއަތްވެސް، ވާއަތުން ސާފުކުރޭ!

5. ދެއަތްތިލައިގެ އެތެރެފުށް އިނގިލިތަކުގެ ދޭތެރެއާއެކު ރަނގަޅަށް އުނގުޅާ!

6. ދެއަތުގެ އިނގިލިތައް ކައިރިކޮށްފައި އެއްއަތުގެ އިނގިލީގެ ބޭރުފުށް އަނެއަތުގެ އަތްތިލައިން އުނގުޅާ!

7. ވައަތުގެ ބޮޑުވާ އިނގިލި ވަށައިގެން ކަނާތުން އުނގުޅާ! އަދި ހަމަ މިގޮތަށް ކަނާއަތުގެ ބޮޑުވާ އިނގިލިވަށައިގެންވެސް ވާއަތުން އުނގުޅާ!

8. ވައަތުގެ އިނގިލިތައް ކައިރިކޮށް ކަނާއަތުން އަތްތިލައިގެ ވަށައިގެން އުނގުޅާ! މިގޮތަށް ކަނާއަތުގެ އިނގިލިތައްވެސް ވަށައިގެން އުނގުޅާ!

9. ވައަތުން ކަނާއަތުގެ ކުޑަހުޅު ވަށައިގެން ދެފަރާތަށް އުނގުޅާ! މިހޮތަށް ވައަތުގެ ކުޑަހުޅު ވަށައިގެންވެސް އުނގުޅާ!

10. ފެނުން ދެއަތްތިލައިން ރަނގަޅަށް ސައިބޯނި ފިލުވާ!

11. ޓިޝޫބޭނުންކޮށްގެން އިސްކުރު ބަންދުކުރޭ

12. ޓީޝޫއަކުން ދެއަތުން ފެންހިއްކާ

މިހާ ހިސާބުން ހުންނާނީ ދެއަތުން ޖަރާސީމް ފިލާފައެވެ.

* ސައިބޯނިލައިގެން އަތްދޮންނަވީ:

- ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި އަދި އޭގެފަހުން

- ކާންފެށުމުގެ ކުރިންނާއި ކެއުމުގެފަހުން

- ހޮޑާއި ބޮޑުކަމުދާތަކެތި ސާފުކުރުމަށްފަހުގައިއާއި ބަލިމީހާއަށް ހިދުމަތް ދިނުމަށްފަހު

- ފާޚާނާކުރުމަށް ފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު

- ނޭފަތްފޮޅުން، ކެއްސުން އަދި ކިނބިހި އެޅުމުން

- ކުނިގެންހުޅުމާއި ކުނިއުކާލުމަށްފަހު

* ބޭރަށް ހިނގާ ހޮޑުލާނަމަ ދެވިދާނެ ބައެއް ކާތަކެތި:

1. ކުޅިނޫން ކާހިތްވާ ކޮންމެ އެއްޗެއް

2. ބަތް، ބަތްޕެން، ދޮންކެޔޮ، އެޕަލްސޯސް، ޓޯސްޓްކުރި ޕާން (އެންމެ އެދެވިގެންވާ ބާވަތްތައް)

3. ލޮނު ބިސްކޯދު (ބޭރުގައި ލޮނު ހުންނަ ބިސްކޯދް)

4. ލޮނުޕެކެޓް

5. ސްޕޯޓް ބުއިން (ހަކުރުބަލި ނުހުންނަ މީހުންނަށް)

6. މަޑުކޮށްފައި ހުންނަ އަލުވި

7. ނޫޑުލްސް (މިއީ ޞިއްޙަތަށް ފައިދާ ހުރިބާވަތެއް ނޫނަސް މިފަދަ ވަގުތެއްގައި މިއީ ކާހިތްވާ އެއްޗަކަށްވުމުން ހަވާދުނާޅައި ކުޅިނޫންކޮށް ދެވިދާނެ)

8. ގޮދަން، އޯޓްސް (ލޮނުކޮޅެއް އަޅާފައި)

9. 100 ޕްލަސް (ލޮނުޕެކެޓް ނުދެވޭނަމަ ދެވިދާނެ ނަމަވެސް ހަކުރުމަތީ މީހުންނަށް ދިނުން އެދެވިގެނެއް ނުވޭ)

ނޯރޯ ވައިރަސްގައި މިހާތަނަށް ހޯދުނު ހޯދުންތަކުން، ވަކި ކާއެއްޗެއް ދީގެން ނުވަތަ ނުދީގެން ބައްޔަށް ބަދަލެއް އައްނަތަނެއް ފާހަގަކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ކިރުގެބާވަތްތަކާއި ފޮނިރަހަ ގަދަ ބުއިން އަދި ކުޅިކާއެއްޗެހި ބޭނުންކުރުމުން ބޭރަށްހިނގުން އިތުރެވެ. އެހެންކަމުން އެދެވިގެންވަނީ މިފަދަ ބާވަތްތައް ވަގުތީގޮތުން އެއްކައިރި ކޮށްލާށެވެ.

* ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

1. ގިނަގިނައިން އަތްދޮވުން- ހަމައެކަނި ހޭންޑް ސެނެޓައިޒަރ ބޭނުންކުރުމަކުން ނޯރޯވައިރަސް ފިލައިގެނެއްނުދޭ. އެންމެ ރައްކާތެރިގޮތަކީ ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން



2. ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު، އަންގި ބޭނުންކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން

3. ސާފުކުރުމަށް ބޭނުންކުރާ ޓިޝޫޕޭޕަރ ފަދަ ތަކެތި ރައްކާތެރިކަމާއެކު އުކާލުމަށްފަހު އެތަނަށް ބްލީޗް އެޅައި 5 މިނިޓްވަންދެން ބެހެއްޓުމަށްފަހު ސައިބޯނި ނޫނީ ދޮންނަ ސޮލިއުޝަންލައިން ރަނގަޅަށް ސާފުކުރުން

4. ބަލީގެ އެއްވެސް އަލާމާތެއް ހުރެ، އެއަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން

5. މީހުން އެއްވާ ތަންތަނަށް ނުދިއުން

********

މިލިޔުމަކީ އެޗްޕީއޭއާއި ޑރ. މުޙައްމަދު ޢަލީ ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން