28 މާރިޗު 2020 - 14:11
16 ވަނަ އެޕިސޯޑް

==========

[ފައިސާގެ ކަންތައް ހަމަޖެހޭނެ.] އަރުފާން ބުންޏެވެ.

[އަރުފާން...އެއްކަލަ ޝިޔާންމެން މިހާރުވެސް އެމަސައްކަތް އެބަ ކުރޭތަ؟] ތާރާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އެއްސެވެ.

[އެމީހުން ގެނައި ފަންޑިތަހަދާ މީހާ، އޭނާގެ ދަރިޔަކު ވަރަށް ބޮޑަށް ބަލިވެގެން ކުއްލިއަކަށް މާލެ ހިނގައްޖެ. މިހާރު އެމީހުން އެތިބެނީ އޭނާގެ އިންތިޒާރުގައި.] އަރުފާން އެއްމިޔަކަނުން ހީލަމުން ބުންޏެވެ.

[ކިހިނެއް އަރުފާނަށް އެނގުނީ؟] ތާރާ އެއްސެވެ.

[އަހަރެން މިދަނީ އެމީހުންގެ މަސައްކަތްތައް ވަރަށް ކައިރިން ބަލަމުން. އަހަރެން އެމީހުންގެ އަމަސައްކަތްތަކަށް އެތެރެ އެތެރޭން ހުރަސްއަޅާނަން.] އަރުފާން ބުންޏެވެ.

އެވަގުތެވެ. ރެކިމަނިކު އޭނާގެ ދަރިފުޅަށް ދިމާވެގެން އުޅޭގޮތް އެނގި، އެކަމުން ދަރިފުޅު މިންޖުވޭތޯ މަސައްކަތް ފަށަން ތައްޔާރުވަނީއެވެ.

އެދަރިފުޅާ ދިމާކޮށްގެން އުޅެނީ ސީދާ އަރުފާންގެ ސިފައިގައި އުޅެމުންދާ ޖިންނިކަން މިހާރު އޭނަޔަށް ކަށަވަރު ވެއްޖެއެވެ.

[އަހަރެން ބޭނުންވަނީ އަފްރާ ގެޔަށް ގެންދަން. އަހަރެންގެ ދަރިފުޅަށް ކަމެއް ދިމާވިޔަސް އަހަރެން ޒިންމާ އުފުލާނަން.] ޑޮކްޓަރުންނާ ވާހަކަ ދެއްކުމަށްފަހު، އެދުވަހު ރެކިމަނިކު އަފްރާ ގެޔަށް ގެންދިޔައެވެ. އޭނާ މަސައްކަތް ފެށީ ގެޔަށް ގޮހެވެ.

އަދިވެސް އިތުރަށް ރެކިމަނިކުގެ ޢާއިލާއަށް ގެއްލުންދޭން ޖިންނި ދަނީ ތައްޔާރުވަމުންނެވެ.

[ބައްޕާ...އަހަރެންގެ ބަނޑުތެރޭގައި އޮވެ ކޮންމެވެސް އެއްޗެއް އަހަރެންގެ އެތެރެހަށި ކަމުންދަނީ. އަހަރެން ސަލާމަތްކުރޭ...އައްދިއްޔޯއި ބައްޕާ....] އަފްރާ އަދިވެސް އެނބުރެމުން ދަނީއެވެ.

[ދަރިފުޅާ ކެތްތެރިވޭ...ބައްޕަ ދަރިފުޅު ތިވޭނުން ސަލާމަތް ކުރާނަން.] ރެކިމަނިކު ހިސާބަކަށް ކިޔަވަމުން އަފްރާގެ ބޮލުގައި އަތް ކާއްތާލިއެވެ. ހަމައެޔާއެކު އަފްރާގެ ބަނޑުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބުނެވެ.

[އަހަރެން މަރުވެދާނެ ބައްޕާ....ކޮންކަހަލަ ކަމެއްތަ ދިމާވެގެން މިއުޅެނީ.] އަފްރާ ބާރުބާރަށް ރޯންފެށިއެވެ.

ރެކިމަނިކު މަސައްކަތް ފެށިއެވެ. ރެކިމަނިކު ކިރިޔާ ދުރަށް ޖެހިލާއިރަށްވެސް އަފްރާގެ ބަނޑުގައި ވޭންއަޅަން ފަށައެވެ.

ރެކިމަނިކު ކިޔެވެލި ކިޔަވަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނުގައި ތިބި އެންމެނަށް ޙައިރާންކަން ލިބުނީ އަފްރާގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުންނެވެ.

ކުއްލިއަކަށް އަފްރާގެ ބަނޑު އުފުލެން ފެށިއެވެ. ހީވީ މީހަކު ފުއްޕާހަމަކަށް ވައި އަޅަމުން ދަނީހެންނެވެ. އެމަންޒަރު ފެނުމުން ބައެއް މީހުން އެތަނުން ނިކުންނަންވެސް އުޅުނެވެ. ނަމަވެސް ރެކިމަނިކު އެއްވެސް ކަމެއް ނުރަނގަޅު ގޮތަކަށް ނުދާނެ ކަމަށް ބުނެ، އެހެން މީހުނަށް ނަޞޭޙަތްތެރިވިއެވެ.

[އެއްވެސް މީހަކު ބިރުނުގަނޭ. އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަހަރެން އަފްރާ ޢާންމު ޙާލަތަށް ގެންނާނަން. އަފްރާއަށް ލައިގަނެގެން މިއުޅެނީ ޖިންނި ކަންތައްގަނޑެއް. އަހަރެންގެ މަސައްކަތަށްފަހު އަފްރާގެ ބަނޑުވެސް ހިނދޭނެ.] ކިޔެވެލި ކިޔަވަމުން ރެކިމަނިކު ވާހަކަ ދެއްކިއެވެ.

[ރެކިމަނިކު ކީއްވެގެންތަ ކުއްލިއަކަށް އޭއްޗަކު އެމަންޖެއަށް ޙަމަލަދިނީ.] މުއުމިނާ އެއްސެވެ.

[އަހަރެން ކުރަމުންދާ މަސައްކަތަކާ ގުޅިގެން ކަމަށް ޤަބޫލުކުރެވެނީ. އަމުދުން އަހަރެން އޭތީގެ ދުވަސް ދުއްވާލަން މަސައްކަތް ކުރާނަން.] ރެކިމަނިކު ބުންޏެވެ.

އޭރުވެސް ކިޔެވެލި ކިޔަވަން ތިބި މީހުން، އެމީހުންގެ މަސައްކަތައިގެން ކުރިޔަށް ދެއެވެ. ރެކިމަނިކު މިހާރު މަސައްކަތް ކުރަމުންދަނީ އަފްރާގެ ހަށިގަނޑުތެރެއަށް ބާރުފޯރުވަމުންދާ ޖިންނި ފައްސާލައި، އަފްރާއަށް އަމާންކަން ހޯދައިދޭށެވެ.

ނަމަވެސް އެމަސައްކަތަކީ އެއްދުވަހަކުން ކުރެވޭވަރުގެ މަސައްކަތެއް ނޫނެވެ.

އެއީ ބުރަ އުނދަގޫ މަސައްކަތެކެވެ. ކަޑައްތު ކުރަންޖެހޭނީ ފަހަރަކު މަރްޙަލާއެކެވެ.

[މުއުމިނާ...މިއީ ފަސޭހައިން ނިމޭނެ ކަމެއް ނޫން. އަހަރެން މިއަދު މިކުރާ މަސައްކަތުން އެމަންޖެ މިހާރު އުފުލަމުން އެދާ ބުރަ އުފުލާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އަހަރެން އޭތީގެ ވަސް މިދުނިޔެއިން ފޮހެލާނަން.] ރެކިމަނިކު ތަވީދު ލިޔަން ފަށަމުން ބުންޏެވެ. އޭރު ހަތަރު މީހަކު ކިޔެވެލި ކިޔަވަމުންދާތީ އަފްރާ އޮތީ ނިދިފައެވެ. އެހެން ނަމަވެސް ބަނޑުވަނީ އާދަޔާ ޚިލާފަށް ބޮޑުވެފައެވެ. ހީވަނީ ވިހަން ދުވަސް ފުރިފައިވާ މީހެއް ހެންނެވެ.

މުއުމިނާ ހާސްވެ ކަންބޮޑުވަނީ އެހެންވެގެންނެވެ. ދަރިފުޅު ހިމޭނުން އޮތް ކަމުގައިވިޔަސް ހަށިގަނޑަށް އައިސްފައިވާ ބަދަލަކީ މަޔަކަށް ބަލަން ކުޅަދާނަވާ ވަރުގެ ބަދަލެއް ނޫނެވެ.

ނިިދިފައި އޮތް އަފްރާއަށް އެދުވަހު ހޭލެވުނީ ބައްޕަ ރެކިމަނިކު ތަވީދެއް ލިޔެ އެޅުވުމަށްފަހު ބޭރަށް ނިކުމެލިތަނާހެންނެވެ.

އަފްރާ ރޮއިރޮއިފައި ފިޔާޒް އޭނާގެ ޢިއްފަތްތެރިކަން ނަގާލި ވާހަކައާއި، އެކަން ފިޔާޒް ކުރީ، ކުރީ ރޭގައި ކަމަށް، މަންމައާއި ދައްތަ އަސްރާއަށް ކިޔައިދިނީ އެއަށްފަހުގައެވެ.

[ދަރިފުޅަށް ޔަޤީންތަ ފިޔާޒްކަން. އިއްޔެ ރޭގެ ޙާދިޘާއަކުން ބަލިވެއިނަސް ނޭނގޭނެ. މަންމަމެން ފިޔާޒާމެދު ކިތަންމެ ނުރުހުނަސް ތިޔައީ ފިޔާޒްގެ ޢަމަލެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ.] މުއުމިނާ ބުންޏެވެ.

މަންމަމެން އެހެން ބުނީމާ އަފްރާ ވަރަށް ބޮޑަށް ބިރުގަނެ ހާސްވިއެވެ.

އޭގެފަހުން އޭނާގެ ޢިއްފަތް ނަގާލީ އިންސާނެއް ނޫންކަމާއި އެއީ ޖިންނިއެއްގެ ނުލަފާ ޢަމަލެއް ކަމަށް މުއުމިނާ އަފްރާއަށް އޮޅުންފިލުވައިދިނެވެ.

[ނޫން...މަންމާ...ތިހެން ނުބުނޭ. އަހަރެން ބިރުގަނޭ. އަހަރެންގެ ބަނޑުގައި މިއޮތީ އިންސާނެއް ނޫނޭތަ ތިބުނަނީ. ނުވާނެ ތިހެނެއް. އާނ...ނުވާނެ ތިހެނެއް...] އަފްރާ ރޮމުން އަމިއްލައަށް ބަނޑުގައި ތަޅަން ފެށިއެވެ. އެއީ ރެކިމަނިކު ގެޔަށް އައިސް ވަން ވަގުތެވެ. އަފްރާގެ އަތުގައި ހިފެހެއްޓީ އޭނާއެވެ.

[ދަރިފުޅާ...ހަމަޖެހިބަލަ. ދަރިފުޅާ...ބައްޕަ ތިއެއްޗެއްގެ ކިބައިން ދަރިފުޅު ސަލާމަތްކުރާނަން.] ދަރިފުޅުގެ ގައިގައި ހިފަހައްޓާލަމުން ރެކިމަނިކު ވާހަކަ ދެއްކިއެވެ. ނަމަވެސް އޭނަޔަކަށް އެކަންޏަކު އަފްރާއެއް ނުހިފެހެއްޓެއެވެ. އަފްރާ ބާރުބާރަށް ރޮމުން ތެޅިފޮޅެނީއެވެ.

[ބައްޕާ...އަހަރެންގެ ބަނޑުގައި މިހާރުވެސް ވޭންއަޅަމުން ދަނީ. އާނ...އެތެރެއިން ކައި ހުސްކުރަނީ ބައްޕާ....] އަފްރާ ބާރު އެތިފަހަރެއް އަމިއްލައަށް ބަނޑުގައި ޖެހިފައެވެ.

[އަހަންނަށް މިމަސައްކަތް ކުރެވޭނީ އައްޑުއަށް ގޮސް...އަވަހަށް އަފްރާ ގޮވައިގެން ފުރަން ތައްޔާރުވާންވީ. އަހަރެން އެކޮޅުގައި ކުރަމުން އައި މަސައްކަތަކަށް ހުރަސްއެޅުމުގެ ގޮތުން އޭތި ކޮށްގެން އުޅޭ ކަމެއް މިއީ. ދަރިފުޅާ އަސްރާ...އަވަހަށް ޓިކެޓް ހަމަޖައްސާ...ދަރިފުޅުމެންވެސް ދާންވާނެ.] ރެކިމަނިކު ބުންޏެވެ.

ރެކިމަނިކު އޭނާގެ ޢާއިލާއަށް ދިމާވި ޙާދިޘާގެ ވާހަކަ ޝިޔާންމެނަށް ކިޔައިދިނީ އެދުވަހު އޭނާއަށް ފޯނުކޮށްފައެވެ.

[އެހެންތަ...ރެކިމަނިކުބެ އަވަހަށް މިކޮޅަށް އާދޭ. ކޮންމެހެންވެސް އޭތި ހަމަބިމަށް ތިރިކޮށްލަން އެބަޖެހޭ. އަހަންނަށް ހީވަނީ އޭތި މިހާރު އެހެން ރޭވުމެއްވެސް ރާވަމުންދާނެހެން. ބިރުން އަހަރެމެން ގެއިންވެސް ނުނިކުންނަން.] ޝިޔާން ފޯނުން ރެކިމަނިކާ ވާހަކަ ދެއްކިއެވެ.

[އަހަރެމެން ދާނަން ކުރިއަށް އޮތް ދެދުވަސްތެރޭ. އަހަރެން ހޯދަން ބުނި ތަކެއްޗާއި މީހުން ހޯދައި ތައްޔާރުވާތި. މިފަހަރު އޭއްޗަށް އިތުރު އިންސާނަކަށް ގޯނާކުރާނޭ ފުރްޞަތެއް އަހަރެން ނުދޭނަން.] ރެކިމަނިކު ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ރެކިމަނިކުމެން ރާވަމުންދާ ހުރިހާ ކަމެއްހެން އަރުފާން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެހެންވެ އޭނާ މިހާރު ވިސްނަމުންދަނީ ވީހާވެސް އަވަހަކަށް ތާރާ ގޮވައިގެން އެހެން މީހުންނަށް ނުފެންނަފަށަށް، ބާރުނުފޯރުވޭފަށަށް ދާށެވެ.

[އަހަރެން މިހާރު ނިންމައިފިން...އިންޑިޔާއަށް ދާން. ދިރިއުޅުން މުޅިން އެކޮޅަށް ބަދަލުކޮށްލާނީ. އަހަންނަށް ފެންނަނީ ތި ދަރިފުޅު ތާރާ މަންމައާ ޙަވާލުކޮށްފައި ދާން.] އަރުފާން ބުންޏެވެ.

[ކީކީ!؟ ދަރިފުޅު މަންމައާ ޙަވާލުކޮށްފައޭ. އަހަރެން ދަރިފުޅާ ވަކިން އެއްވެސް ތާކަށް ނުދާނަން. ދަރިފުޅާ ވަކިން އަހަންނަށް ނުވެސް އުޅެވޭނެ. އަހަރެން ވަރަށް ބޮޑަށް ޙައިރާންވެއްޖެ، އަދި ދެއަހަރުނުވާ ދަރިފުޅުގެ ބައްޕައަކަށްވެހުރެ، އެ ދަރިފުޅު ދޫކޮށްލާފައިދާ ވާހަކަ އަރުފާން ބުނީތީ.....] ތާރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

[ތާރާ...ތާރާގެ މަންމަ އަހަރެމެން ފައިސާ ފޮނުވީމާ ނުލާހިކު ލޯބިން ދަރިފުޅު ގެންގުޅޭނެއެއްނު. އަހަރެން ބޭނުންވަނީ ދެމީހުން އުފަލުގައި ހޭދަކުރާނެ ވަގުތު އިތުރުކުރުން.] އަރުފާން ދެންވެސް އުޅުނީ ދަރިފުޅާ ނުލާ ފުރަން ތާރާ އެއްބަސްކުރުވާށެވެ. ނަމަވެސް ތާރާ އެކަމަކަށް އެއްބަހެއް ނުވާނެއެވެ.

އެދަރިފުޅަކީ އޭނާ ކުއްޖަކު ބޭނުންވެގެން ކުރި މަސައްކަތާއި، ކުރި އާދޭހެއްގެ ސަބަބުން ހޯދަންޖެހުނު ކުއްޖެކެވެ.

[އަރުފާން...ދަރިފުޅާނުލާ ދަންޏާ ދާތަނަކަށް އަރުފާން އެކަނިދޭ...އަހަންނެއް ނުދާނަން.] ޝިޔާންގެ ދޮންތަ ޝިނާ ތާރާމެންގެ ގެޔަށް އައިސްވަނީ އެވަގުތެވެ. ޝިނާ ސިޓިންގރޫމަށް ވަނުމާއެކު، އަރުފާނަށް އެ އިޙްސާސް ކުރެވުނެވެ. އޭނާ އަވަސް އަވަހަށް ތާރާ ސިޓިންގރޫމަށް ފޮނުވިއެވެ.

[އަހަރެން މިއައީ ވަރަށްބޮޑު ވާހަކައެއް ދައްކަންވެގެން. ޞަފޫރާ ދައްތާ...އަހަރެންގެ ވާހަކަ ރަނގަޅަށް އަޑުއަހާނެ ކަމަށް އުންމީދު ކުރަން.] ޝިނާ ބޭނުންވަނީ އެގޭގައި ތާރާގެ ފިރިމީހާގެ ސިފައިގައި މިހާރުވެސް އުޅެމުންދަނީ އިންސާނެއް ނޫންކަމާއި، އޭތީގެ ރޭވުމުގެ ވާހަކަ ސާފުކޮށް އެ ޢާއިލާއަށް ކިޔައިދޭށެވެ.

[އާނ...އަހަރެމެން މިތިބީ އަޑުއަހަން. އެކަމަކު ޝިނާގެ ކޮއްކޮއާ ބެހޭގޮތުން މިގޭތެރޭހުރެ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ.] ޞަފޫރާ ޝަރުޠު ކުރިއެވެ.

[އަހަރެން ދައްކަން މިއުޅެނީ އަހަރެންގެ ކޮއްކޮގެ ވާހަކައެއް ނޫން. މިގޭގައި އުޅޭ އަރުފާންގެ ވާހަކަ.] މިހެން ބުނެފައި ޝިނާ ވަށައިގެން ހޯދާލިއެވެ. ހިސާބަކަށް ބިރުގެންފައި ހުރެއެވެ. އޭރު ކޮޓަރިތެރޭގައި ގޮތްހުސްވެފައި އަރުފާން ހުއްޓެވެ. އަރުފާން ވިސްނަމުން އެދަނީ ޝިނާ ހުއްޓުވާނޭ ގޮތަކާމެދުގައެވެ.

[އަރުފާނާ ބެހޭގޮތުން ދައްކާ ވާހަކައެއްވެސް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. މާކުރިންވެސް އަހަރެމެންގެ ދެމެދަށް ހުރަސްއަޅަން ރޭވުންތަކެއް ރާވަމުންދާކަން އަހަންނަށް ވަނީ އެނގިފައި. އެފަދަ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން.] ޝިނާގެ މޯބައިލް ފޯނު ރިންގްވާން ފެށީ ތާރާ މިހެން ބުނިތަނާހެންނެވެ. ޝިނާގެ ފޯނަށް ގުޅީ ރެކިމަނިކެވެ.

[ޝިނާ...އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާ ގެޔަށްދޭ. މިހާރު ތި ވާހަކަ ކިޔައިދީފިއްޔާ މަސައްކަތް ކުރާކަށް ފަސޭހައެއް ނުވާނެ.] ރެކިމަނިކު ބުންޏެވެ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާ ޝިނާ އެތަނުން ނިކުމެއްޖެއެވެ.

އެއީވެސް އަރުފާންގެ ރޭވުމެވެ. އަރުފާން ބޭނުންވަނީ ރެކިމަނިކުމެން މަސައްކަތް ފެށުމުގެ ކުރިން ތާރާ ގޮވައިގެން އެހެން ކޮންމެވެސް ހިސާބަކަށް ފުރައިގެންދާށެވެ.

[ތާރާ...މިހާރު ފުރުމުގެ ކަންތައް، އަހަރެން މި ރާވަނީ ފެށޭ ހަފްތާގައި ހަމަޖައްސަން.] ޝިނާ ދިޔުމާއެކު އެތަނަށް އައިސް ހުއްޓެމުން އަރުފާން ވާހަކަ ދެއްކިއެވެ.

[ދަރިފުޅުމެން ކޮންތާކަށް ފުރާ ވާހަކަ ތިދައްކަނީ. މަންމަމެން އެކަނިކޮށްފައި އަނެއްކާ ދަނީތަ؟ ދަރިފުޅުމެން ތަނަކަށް ހިނގައްޖެއްޔާ މަންމަމެން ކިހާ އެކަނިވެރިވާނެ.] ޞަފޫރާ ތާރާގެ މޫނަށް ބަލައިލިއެވެ.

ދުވަސްކޮޅަކު އުޅެލަން އިންޑިޔާއަށް ދާން ކަމަށް. އަރުފާން އުޅެނީ ދަރިފުޅު މަންމަގާތު ބަހައްޓާފައި ދާން. އެކަމަކު އަހަންނަކަށް އެކަމެއް ނުކުރެވޭނެ.] ތާރާ ބުންޏެވެ.

[މަންމަޔަކަށް ނުފެނޭ...އެއްވެސް ބޭނުމެއްނެތި އިންޑިޔާއަށް ދާކަށް. މީހުން އިންޑިޔާ ސިލޯނަށް ދަނީ ބޭސްފަރުވާ ކުރަން. މަންމަ ޤަބޫލުކަމެއް ނޫން.] ޞަފޫރާ ބުންޏެވެ. ތާރާ އެޢާއިލާއާ ދުރަށް ފޮނުވުމަކީ އެއްވެސް ޙާލެއްގައި ޞަފޫރާގެ ދެމަފިރިން ރުހޭނެ ކަމެއް ނޫނެވެ.

ތާރާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅު ވަކިން އުޅުމަކީ އެމީހުނަށް ޤަބޫލުވެވޭނެ ކަމެއް ނޫނެވެ.

[މަންމާ...އަހަރެމެން ވަރަށް އަވަހަށް އަންނާނަމޭ...މަންމަ ކަންބޮޑުނުވެބަލަ....މިހާރު ދެން އަހަރެމެން އިންޑިޔާއަށް ޖައްސާލަން މިއުޅެނީ ބާޒާރުކޮށްލަން...] އަރުފާން ބުންޏެވެ.

[ބާޒާރުކުރަން މީހުން އިންޑިޔާއަށް ދޭތަ. އަދި ޔަޒާންވެސް ވަރަށްކުޑައެއްނު. މަންމައަކަށް އެއްގޮތަކަށްވެސް ނުފެނޭ، މިދަނޑިވަޅު ރަށުން ބޭރަށްދާކަށް.] ޞަފޫރާ ބުންޏެވެ.

ނަމަވެސް އޭނާގެ އަޑުއަހާނީ ހަމައެކަނި ތާރާއެވެ. އަރުފާން އެއަޑެއް ނާހާނެއެވެ. އެއީ ޝަފީޤުވެސް އައިސް ގެޔަށް ވަން ވަގުތެވެ.

[ޝަފީޤު...ދުވަސްކޮޅަކު އިންޑިޔާގައި އުޅެން ތާރާމެން އިންޑިޔާއަށް ދަނީޔޯ...އަހަރެން މިކިޔަނީ އަދި ދާކަށް ނުވެޔޭ.] ޞަފޫރާ ބުންޏެވެ.

[މަންމަ އެބުނީ ހަމަ ރަނގަޅަށް. ތިކުދިން ފުރާނެ ކަމެއް ނެތް. ތިޔައީ އެއްގޮތަކަށްވެސް ބައްޕައަށް ފެންނަ ކަމެއް ނޫން.] ޝަފީޤުވެސް އެކަމަށް އެއްބަހެއްނުވިއެވެ.

ތާރާ މީހަކާ އިނަސް، އެމީހުނާ ވަކިން ދުރަށް ފޮނުވާކަށް އެމީހުން ބޭނުމެއް ނުވެއެވެ.

ނަމަވެސް ޝަފީޤާއި ޞަފޫރާ އެވަރަށް ވާހަކަ ދެއްކިއިރުވެސް އަރުފާން އެކަމާމެދު އެއްވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެހެންވެސް އޭނާ ބޭނުންވަނީ މިވަގުތު އޭނާގެ ބާރުފޯރުވޭ ސަރަޙައްދަކަށް ދިރިއުޅުން ބަދަލުކުރާށެވެ.

ނަމަވެސް އޭނާ ބޭނުންހާ މާޙައުލެއްގައި ތާރާއަށް އުޅޭކަށް ފަސޭހައެއް ނުވާނެއެވެ. ތާރާއަށް ދިރިއުޅެވޭނީ އިންސާނީ ވެށްޓެއްގައެވެ.

ނަމަވެސް އަރުފާނަށް ކޮންމެ މާޙައުލެއްގައިވެސް އުޅެވިދާނެއެވެ. އޭނަޔަށް ހުރަސްތަކެއް މެދުވެރިވާނީ ފަންޑިތަ ހަދާ ބަޔަކު ފެނި، އެފަދަ ބަޔަކަށް އޭނަޔާމެދު ޝައްކު އުފެދޭ ހިސާބުންނެވެ.

މިހާރުވެސް އޭނަޔަށް ދިމާވެގެން މިއުޅެނީ އެފަދަ ކަމެކެވެ. އޭނަޔަށް ހުރަސްއަޅަނީ މިހާރު ރެކިމަނިކެވެ. ރެކިމަނިކު މިހާރު ރާވަމުންދަނީ އޭނާގެ ދުވަސް ދުއްވާލާށެވެ.

ރެކިމަނިކުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިޔަށް ގޮސްފިނަމަ، އަރުފާނާއި ތާރާގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭނެއެވެ.

ރެކިމަނިކު މިހާރު ބޭނުންވަނީ އިތުރު އެއްވެސް އިންސާނަކަށް އޭތީގެ ތުރާތައް ނުފޯރާގޮތަށް އޭތި ދުނިޔެއިން ނައްތާލާށެވެ. އޭތި އެވަނީ ރެކިމަނިކުގެ ޢާއިލާއަށްވެސް ތުރާތައް ކުރިމަތިކޮށްފައެވެ.

ރެކިމަނިކުގެ ހަގު އަންހެން ދަރިފުޅު އަފްރާ މިހާރު އެދަނީ އެ ވޭނާއި ބުރަ އުފުލަމުންނެވެ.

އަފްރާގެ ބަނޑުގައި އެވަނީ ރޫޙާނީ ބާރެއް އަށަގެންފައެވެ.

މަންމައާއި ބައްޕަ މާބޮޑަށް ނުރުހުންވުމާއެކު އިންޑިޔާއަށް ދިޔުމުގެ ވިސްނުން ތާރާ ބަދަލުކުރިއެވެ.

[މަންމައާއި ބައްޕަ އެހާވަރަށް ދެކޮޅުހެދީމާ އަހަރެން ބޭނުމެއް ނޫން އިންޑިޔާއަށް ދާކަށް. ދަންޏާ އަރުފާން އެކަނި ގޮސްލާ. މަންމަމެނާ ދެކޮޅަކަށް އަހަންނަކަށް ނުދެވޭނެ.] ތާރާ ބުންޏެވެ. ތާރާ ކުއްލިއަކަށް ނުދާން ނިންމީމާ އަރުފާން ގާތަށް ހިސާބަކަށް ރުޅިވެސް އައެވެ.

[ތާރާ...އަހަންނަކީ ތާރާގެ ފިރިމީހާއެއް ނޫންތަ؟ ތާރާ ދާންވާ ތަންތަނާއި ނުދާންވާ ތަންތަން ނިންމާނީ ތާރާގެ މަންމައާއި ބައްޕައެއް ނޫން. އަހަރެން ފުރާނީ ތާރާ ގޮވައިގެން.] އަރުފާން ހިތްހަމަނުޖެހިފައި ބުންޏެވެ.

[އަރުފާން...ރުޅިއައީތަ؟...ސޮރީ...އެކަމަކު އަރުފާން...އަހަރެންގެ މަންމަމެނާ ދެކޮޅަށް ކަމެއް ކުރުމަކީ އަހަރެން ރުހޭ ކަމެއް ނޫން. މަންމަމެން ހިތްހަމަނުޖެހޭ ގޮތަކަށް އަރުފާން ކަމެއް ކޮށްފިއްޔާ، އަހަރެން ވަރަށް ދެރަވާނެ. އަޅެ ދެން ބުނެބަލަ...ނުދާނަމޭ...] އަރުފާންގެ ކޮނޑުގައި ބޯއަޅާލަމުން ތާރާ ވާހަކަ ދެއްކިއެވެ.

ހަމަ އެވަގުތެވެ. ރެކިމަނިކު އޭނާގެ ޢާއިލާ ގޮވައިގެން އައްޑުއަށް ދިޔުމަށްޓަކައި އެންމެފަހުގެ ތައްޔާރީތައް ވަމުންދަނީއެވެ. މިހާރު ދަތުރުގެ ހުރިހާ ކަމެއްވެސް އެވަނީ ހަމަޖެހި ނިމިފައެވެ.

އޭނާ ޤަޞްދުކޮށްފައިވަނީ އަރުފާންގެ ސިފައިގައި އުޅޭ ޖިންނީގެ ދުވަސް އަނިޔާވެރި ގޮތަކަށް ދުއްވާލާށެވެ.

[އެއްވެސް ކުށެއްނެތި އަހަރެންގެ ދަރިފުޅަށް އޭތި އެ ޖެއްސި ތުރާތަކުގެ ބަދަލު، ލުއިގޮތަކަށް ދޭކަށް އަހަރެން ބޭނުމެއް ނޫން. އެންމެންގެ ޙާޟިރުގައި އޭތި އަންދާލާނަން. ދާއިމަށް އޭތީގެ ޢާއިލާގެ އުނދަގޫތަކުން އިންސާނުން ސަލާމަތް ކުރާނަން.]

ރެކިމަނިކު ހުރީ ފިސާރި ރުޅިއައިސްފައެވެ. އޭނަޔަކީ ކުރިންވެސް އެފަދަ ކިތަންމެ ޖިންނި ފަންޑިތައެއް ކާމިޔާބުކަމާއެކު ކޮށް ނިންމާފައިވާ މީހެކެވެ. އެހެންވުމުން އޭނާ ބުނާ ބަހުގައި އިތުބާރު ހުންނާނެ ކަމަށް ގިނަބަޔަކު ދެކެއެވެ.

ޖިންނި ފަންޑިތަ ހަދަން ރާއްޖޭގެ އެންމެ އުތުރަށްވެސް އޭނާ ވަނީ ދަތުރުކޮށް، ކާމިޔާބު މަސައްކަތްތަކެއް ނިންމާފައެވެ.

މިހާރުވެސް ރެކިމަނިކުގެ ދަރިފުޅު އެދަނީ އޭނާގެ ބަނޑުގައި އަށަގެންފައިވާ ޖިންނި ކުއްޖާގެ ސަބަބުން ވޭނާއި ބުރަ އުފުލަމުންނެވެ. ރެކިމަނިކު ކިރިޔާ ދުރަށް ޖެހިލާއިރަށް އަފްރާ ތެޅިފޮޅެން ފަށައެވެ. އެފަދަ ވަގުތުތަކުގައި އޭނާ އަމިއްލައަށް ބަނޑުގައި ތަޅައެވެ. ރޮމުން ބައްޕައަށް ގޮވަމުންނެވެ. އެހެންވެ ގިނަވަގުތު ރެކިމަނިކު ހުންނަނީ އަފްރާގެ ގާތުގައެވެ.

އަފްރާއަށް މިދިމާވި ބިރުވެރި ކަންތައްގަނޑުގެ ސަބަބުން އޭނާ އެންމެ ލޯބިވާ އޭނާގެ ބައިވެރިޔާ ފިޔާޒްވެސް މިހާރު އޭނަޔަށް ވަނީ ގެއްލިފައެވެ. އަފްރާ މޮޔަވެއްޖެ ކަމަށް ނިންމައި، ފިޔާޒް ވަނީ އަފްރާއާ ވަކިވުމަށް ނިންމާފައެވެ.

އަފްރާއަށް އެކަންތައް ދިމާވި ދުވަހު ފިޔާޒް ހޮސްޕިޓަލަށް ގޮސްފައިވެއެވެ. ނަމަވެސް އޭގެފަހުން އޭނާ އަފްރާގެ ޚަބަރެއްވެސް ބަލާފައެއްނުވެއެވެ. ހަމަގައިމުވެސް ފިޔާޒްގެ ހިތުގައި އަފްއަށްޓަކައި ތެދުވެރި ލޯބި އަށަގެންފައިވީނަމަ، ކިތަންމެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވިޔަސް، އެހުރަސްތައް ގިރާކުރަން މަސައްކަތް ކުރާނެއެވެ.

ނަމަވެސް އަފްރާގެ ޙަޔާތަށް ދިމާވި ހިތްދަތި ޙާދިޘާ ވެގެން ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ އިމްތިޙާނު ކުރެވުނު ކަމަކަށެވެ. ހަމަގައިމުވެސް އެއިމްތިޙާނުން ފިޔާޒް ފާހެއްނުވިއެވެ. އަފްރާގެ ޢާއިލާގެ އެންމެހާ މެމްބަރުންގެ ކުރިމަތީގައިވެސް ފިޔާޒްގެ ލޯބިވަނީ ފެއިލްވެފައެވެ.

[އަހަންނަށް ވިސްނުނުގޮތްވެސް ރަނގަޅެއްނު. އެފިޔާޒަކު އަފްރާދެކެ ޙަޤީޤީ ލޯބިވާނަމަ، ބަލިވިދުވަހު މިގޮތަށް ކަންތަކެއް ނުކުރާނެ. އޭނާ ފުރަތަމަ ދުވަހު އައިސް މަންޒަރު ބަލަން ހުރެފައި ދިޔަގޮތަށް އަޅާވެސްނުލާ...ފަހުން ނުކެރުނޭ ޚަބަރު ބަލައިލާކަށްވެސް.] އަފްރާގެ މަންމަ މުއުމިނާ ވާހަކަ ދެއްކީ އަފްރާގެ ދައްތަ އަސްރާއާއެވެ. އަސްރާވެސް މަންމަގެ އެވާހަކައަށް ތާއީދު ކުރިއެވެ.

[އަހަރެމެންނަށް ފެނިގެން މިދިޔައީ ކައިވެންޏަށްފަހުވެސް އަފްރާ ބަލިވެއްޖެނަމަ އޭނާ ކަންތައް ކުރާނޭގޮތް. ދެން އަމުދަކުން އަފްރާ ފިޔާޒާ ވާހަކަ ދައްކާކަށް އަހަރެމެން ފުރްޞަތެއް ނުދޭނަން.] އަސްރާ ފިސާރި ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

މިހާރު އެޢާއިލާގެ އެއްވެސް މީހަކު އެގުޅުމަކަށް އެއްބަހެއް ނުވާނެއެވެ. ޚުދު އަފްރާވެސް ރަނގަޅުުވުމަށްފަހު އަލުން ފިޔާޒްގެ ޙަޔާތުގެ ބައިވެރިޔަކަށްވުމަށް އެއްބަހެއް ނުވާނެއެވެ.

[މަންމާ...ބައްޕާ...އަޅެ އަހަރެންގެ ޙާލު ދެކެލާކަށް ފިޔާޒެއް ނާދޭތަ؟] ހަށިގަނޑަށް ލުއިވެ ހިސާބަކަށް ހަމަޖެހުނު ވަގުތު އަފްރާ އޭނާގެ މަންމަ ގާތު އެއްސެވެ.

[ދަރިފުޅާ...ތިވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ...ދަރިފުޅު ފުރަތަމަ ދުވަހު ރޮއިރޮއިފައި އޭނަޔަށް ގުޅާށޭ ބުނީމާ މަންމަމެން ގުޅިން. އޭނާ އައިސް ދުރުގައި ބަލަން ހުރެފައި ބައިގަޑިއިރުފަހުން ހިނގައްޖެ. އޭގެފަހުން ޚަބަރެއްވެސް ބަލައިނުލާ އަދިއަދަށްވެސް.] މުއުމިނާ ކިޔައިދިނެވެ.

މަންމަ އެހެން ބުނީމާ އިތުރަކަށް އަފްރާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާ އެއޮތްގޮތަށް އޮތީއެވެ. މިހާރުވެސް އޭނާގެ ބަނޑު ވަރަށް ބޮޑެވެ. އޭނާގެ އެތެރެހަށީގައި ޖިންނީގެ ބާރުވެއެވެ. އަފްރާގެ ބައްޕަ، އެ ބާރު ކަނޑުވަން މަސައްކަތް ކުރަން ބޭނުންވަނީ އައްޑުއަށް ދެވުމުންނެވެ.

އަފްރާ ޢާންމު ޙާލަތަށް ގެނެވޭނެކަމީ ޝައްކުކުރާ ކަމެއް ނޫނެވެ.

[ދަރިފުޅާ...ދަރިފުޅު މާބޮޑަށް ކަންބޮޑުވާނެ ކަމެއްނެތް. ބައްޕަ ދަރިފުޅު ޢާންމު ޙާލަތަށް ގެނެސް، އެ ޖިންނި ގިނަ ބައެއްގެ ކުރިމަތީގައި އަންދާލާނަން.] ރެކިމަނިކު އަފްރާގެ ހިތްހަމަޖައްސާލަދިނެވެ.

އޭރު އަފްރާ ރޮނީއެވެ. އޭނާގެ މިހާރުގެ ޙާލަތާމެދު ހިތާމަކޮށްފައެއް ނޫނެވެ. އޭނާއަށް ރޮވެނީ އޭނާ އެންމެ ލޯބިވާ އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް އޭނާ އުންމީދު ކުރަމުންދާ ފިޔާޒް އޭނަޔާމެދު ކަންތައް ކުރިގޮތް ހިތަށްއަރާފައެވެ.

ކުރިން ފިޔާޒް އޭނަގާތު ބުނަމުން އައިސްފައިވަނީ އޭނާ ވަރަށް ބޮޑަށް އަފްރާދެކެ ލޯބިވާ ކަަމަށާއި، އަފްރާއާ ނުލައި ދުނިޔޭގެ އެއްވެސް އުފަލެއް އޭނައަށް ނުލިބޭނެ ކަމަށްވެސް އޭނާ އައީ ބުނަމުންނެވެ. ނަމަވެސް އަފްރާ ބަލިވި ދުވަހު އޭނާވަނީ އެހުރިހާ ކަމެއް ހަނދާން ފުހެލާފައެވެ. ލޯތްބަކީ އެހާ ފަސޭހައިން ފޮހެވޭނެ އެއްޗެއް ނޫނެވެ.

ތެދުވެރި ލޯތްބަކީ ވަރަށް އާރުލާ އެއްޗެކެވެ. ނަމަވެސް ފިޔާޒަކީ ލޯތްބަށް މަކަރުހަދާ މީހެއްގެ ގޮތުގައި މިހާރު އަފްރާއަށް ވަނީ ޤަބޫލު ކުރެވިފައެވެ.

[ދަރިފުޅާ...ނުރޮއި ހުއްޓާލާ. މާދަމާ އައްޑުއަށް ގޮސް ބައްޕަ އޭތީގެ ދުވަސް ދުއްވާލާނަން. ބައްޕައަށް އެނގޭ މިހާރު ދަރިފުޅު ތިޔަ ހިތާމަކުރަނީ ފިޔާޒް ކަންތައް ކުރިގޮތުންކަން. ދަރިފުޅު ޙާލުގައި ޖެހުނު ދުވަހު އަޅާނުލި މީހަކާމެދު ވިސްނުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން.] ރެކިމަނިކު އަފްރާގެ ބޮލުގައި ފިރުމާލިއެވެ.

[ބައްޕާ...ފިޔާޒަކީ ކޮންކަހަލަ މީހެއްތަ...އަޅެ އޭނާ އަހަރެން ގާތުވީ ވަޢުދުތަކަކީ ކޮބައިތަ. އަހަރެން ހިއެއްނުކުރަން ބަލިވީމާ އަޅާނުލާ ދޫކޮށްލާނެފަދަ ރަޙުމެއްނެތް މީހަކަށް އޭނާ ވެދާނެ ކަމަކަށް.] އަފްރާގެ ބަޑި ފަޅައިގެންދިޔައެވެ.

އަފްރާވަނީ ފިޔާޒްގެ ތެދުވެރިކަމާއި އޭނާގެ ލޯތްބާމެދު އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކަމަށް އޭނާގެ މަންމައާއި ބައްޕައާއި ބޭބެ އަދި ދައްތަމެން ގާތު ބުނެ، މަންމަމެނާ ޒުވާބުވެސް ކޮށްފައެވެ. އަދި އެލޯތްބަށްޓަކައި އެގެ ދޫކޮށްދާން ތައްޔާރަށް ހުރި ކަމަށް ބުނެ، އޭނާގެ މަންމަގެ ހިތުގައި ޖައްސާފައެވެ.

[ދެން ނުރޮއި ދަރިފުޅާ...އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ދަރިފުޅުގެ ޙަޔާތަށް ފިޔާޒަށްވުރެން މާ ޤާބިލު މީހަކުވެސް އަތުވެދާނެ...] މުއުމިނާ އަފްރާގެ ލޯ ފޮހެދިނެވެ.

މަންމަގެ އެދުމުގެ މަތިން ތާރާ ރަށުން ބޭރަށްދާން އެއްބަސްނުވުމާއެކު، މިހާރު އަރުފާނަށް ވަނީ މުޅިންހެން ގޮތް ހުސްވެފައެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް، އޭނަޔާއެކު ތާރާ އެއްވެސްތާކަށް ދާކަށް އެއްބަހެއް ނުވިއެވެ. އެހެންވެ މިހާރު އަރުފާން ބޭނުންވަނީ ރެކިމަނިކަށް އިތުރު ހުރަސްތަކެއް މެދުވެރިކުރުވާށެވެ.

އެކަމަށްޓަކައި އަފްރާގެ ފުރާނަ ދުއްވާލަންވެސް މިހާރު އޭނާ އެހެރީ ތައްޔާރަށެވެ. އޭރުން ރެކިމަނިކު އޭނާގެ މަސައްކަތާމެދު ޖެހިލުންވެ ހުއްޓާލަފާނެ ކަމަށް އޭނާ ދެކެއެވެ.

[މިރޭ އެމަންޖެގެ ގާތުގައި މުއުމިނާ އޮންނާތި....ކަމެއް ދަމެއް ދިމާވެއްޖެއްޔާ އަހަންނަށް ގުޅާތި.] ރެކިމަނިކު އަފްރާ އޮތް ކޮޓަރިން ނިކުތީ ބާރަޖަހަން އުޅެނިކޮށެވެ.

[އާނ...އަހަރެން އޮންނާނަން މިތާނގައި. އަހަންނަށް ފެންނަނީ ރެކިމަނިކުވެސް މިތާނގައި އޮންނަން.] މުއުމިނާ ދަރިފުޅު ގާތުގައި އޮށޯތެވެ. އޭރު އަފްރާއަށް އޮތީ ނިދިފައެވެ.

[އެންމެނަކަށް މިގޮޅިތެރެޔަކު ނުތިބެވޭނެއެއްނު. ކަމެއް ގޯސްވެއްޖެއްޔާ އަހަންނަށް ގުޅާތި.] ރެކިމަނިކު ނިކުތެވެ.

އެތައްއިރެއް ވަންދެން ހޭލާ އޮތުމަށްފަހު މުއުމިނާއަށް ނިދިޖެހުނީ ދޭއްޖަހާ ބޮޑުވިފަހުންނެވެ.

އަފްރާއަށް ހޭލެވުނީ މުއުމިނާއަށް ނިދުނުތާ ފަނަރަވަރަކަށް މިނެޓް ފަހުންނެވެ. އަފްރާ ތެދުވިއެވެ. ހީވަނީ ކޮންމެވެސް މީހެއްގެ ބާރުގައި ތެދުވީހެންނެވެ. ނޫނީ އޭނާގެ ހަށިގަނޑަށް ބާރުފޯރުވަމުން އެދަނީ އޭނާގެ ބަނޑުގައިވާ ދަރިފުޅެވެ.

އެދަރިފުޅާ އަރުފާން ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެހެންވުމާއެކު، އަފްރާގެ ބަނޑުތެރޭގައި ދަރިފުޅު ގެންނަ ކޮންމެ ޙަރަކާތަކީވެސް ސީދާ އަރުފާންގެ ސިފައިގައި އުޅޭ ޖިންނީގެ ޙަރަކާތްތަކެވެ.

އަފްރާ ތެދުވެ ހިނގައިގަތީ އެކުއްޖާގެ ބާރުގައެވެ. އޭނައަށް މަގު ދައްކަނީވެސް ހަމަ ކުއްޖާއެވެ. އަފްރާގެ މިޞްރާބުހުރީ ގޭގެ މައިދޮރާ ދިމާއަށެވެ.

ނިދިފައި އޮތް މުއުމިނާއަށް ހޭލެވުނީ އެވަގުތެވެ. ހޭލެވުމާއެކު އޭނާއަށް ބަލައިލެވުނީ އަފްރާ އޮތް އެނދާ ދިމާއަށެވެ. ކަމަކުދާކަށް ނެތެވެ. އަފްރާއެއް ފެންނާކަށް ނެތެވެ.

އޭނާ ނިކަން ބާރަށް ރެކިމަނިކަށާއި އަފްރާއަށް ގޮވަމުން ކޮޓަރިން ނިކުމެއްޖެއެވެ. މުއުމިނާގެ އަޑަށް ރެކިމަނިކާއި އަފްރާގެ ބޭބެއާއި ދައްތަވެސް ތެދުވިއެވެ.

އެމީހުނަށް ބޭރަށް ނިކުމެވުނުއިރު އަފްރާ މަޑުމަޑުން މަޖީދީމަގުން ކުރިއަށް ގޮސްގޮސް ހުއްޓެވެ. ރެކިމަނިކު ނިކަން ބާރަށް ދުވެފައި ގޮސް އަފްރާގެ އަތުގައި ހިފެހެއްޓިއެވެ. ބައްޕަ ހިފެހެއްޓުމާއެކު އަފްރާ ހުއްޓުނެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


19

ފާތުން

30-Mar-2020

ވަރަށްރީތި ވާހަކައެއް❤❤❤❤ ކޮންމެ ދުވަހަކުވެސް އަޕްކޮއްދެއްޗޭ. 😍😍😍



ޓްރެންޑިން