ޞާދިރު ޢަލީދީދީ   13 ޖުލައި 2020 - 14:33
ސަރާ
ސަރާ
އެޕިސޯޑް 24

...............

މިހާރަކަށް އައިސް ވަޖުދީގެ ވިސްނުމާއި ޚިޔާލުތަކާ މުޅިންވެސް ގުޅިފައިވަނީ ނަޖްމާއާއެވެ. ނަޖްމާ އޭނާއާ ވާހަކަ ނުދައްކަން އުޅެނީ ކީއްވެބާއެވެ. މިހާރު އޭނާ ތަކުރާރުކޮށް އެތައްފަހަރަކު އެގެއަށް ގުޅައިފިއެވެ. ނަމަވެސް ނަޖްމާ އޭނައަކާ އަނގަޔަކުން ނުބުންޏެވެ.

މިހާރު ސަރާވެސް ނަޖްމާއާ ސުވާލު ކުރަމުންދަނީ މަންމައަށް ފޯނުއެކުރާ މީހަކީ ކާކުކަން ދެނެގަންނާށެވެ. މަންމައަށް ވަމުންދާ ގޮތުން އެގުޅާ މީހަކީ މަންމައާ ކޮންމެވެސް ވަރަކަށް ގުޅުމެއްވާ މީހެއް ކަމަށް ސަރާ ޔަޤީންވެސް ކުރެއެވެ.

[މަންމާ ދޮގުނަހަދާ ތެދަށް ބުނެބަލަ...މަންމައަށް އެގުޅަނީ ކާކުތަ؟ އަހަރެންގެ ހިތް ވަރަށް ބާރަށް އެބަ ތެޅޭ....ތަފާތު އިޙްސާސްތަކެއް އެބަ ކުރެވޭ. މަންމައަށް ކެހިދިން މީހާތަ އެގުޅަނީ؟] ސަރާ އޭނާގެ ހިތުގައިވާ ޝައްކު ޔަޤީން ކުރަން ބޭނުންވިއެވެ.

[ދަރިފުޅާ...ތިޔަ ސުވާލު މަންމައާ ނުކޮށްބަލަ. ވިހި ފަންސަވީސް އަހަރުފަހުން އަހަރެން ލޮލަށް ފެނުނީމާ އަހަންނަށް އުނދަގޫ ކުރަން އުޅެނީ ކީއްވެގެންތަ؟ އޭނަގެ ސަބަބުން އަހަރެންގެ މުޅި ޙަޔާތް އެއްކޮށް ބަނަވެ ނިކަމެތިވީ...ޢާއިލާއާއި ތިމާގެ މީހުން އަހަރެންމަތިން ފޫހިކޮށްލީ....މުޅި ރަށަށް ބަދުނާމުވެ އެކަހެރިވީ...ދަރިފުޅާ މަންމައަށް އޭނާއަށް މަޢާފް ކުރާކަށް ފަސޭހައެއް ނޫން.] ނަޖްމާ ރޮމުން ގިސްލަމުން ދަރިފުޅުގެ ކޮނޑުގައި ބޯއަޅައިގެން ހުރެ ޙަޤީޤަތް ހާމަކުރަމުން ދިޔައެވެ.

[މަންމަ ތިބުނަނީ އެގުޅާ މީހަކީ އަހަރެންގެ ބައްޕައޭތަ؟] ސަރާއަށްވެސް ރޮވެނީއެވެ.

[އާނ...ދަރިފުޅާ އެގުޅާ މީހަކީ މިމަންމަ ނިކަމެތިކޮށްލި ދަރިފުޅުގެ ބައްޕަ....އޭނާ ކިތަންމެ މަޢާފަށް އެދުނަސް ކިހިނެއްހޭ މަންމަ އޭނާއަށް މަޢާފްކުރާނީ...] ނަޖްމާއަށް އަދިވެސް ރޮވެނީއެވެ.

[އަހަރެންވެސް އޭނާއަކަށް މަޢާފެއް ނުކުރާނަން...މިއަދަކު ނޫން އަހަންނަށް ބައްޕަ މުހިންމީކީ...އެދުވަސް ހިނގައްޖެ]. ބައްޕަގެ ލޯތްބާނުލާ އެއްވެސް އުފަލެއް އުނިނުކޮށް އަހަރެން ބަލާބޮޑުކުރީ މަންމަ....] ސަރާ މަންމަގެ ގައިގައި އޮޅުލައިގަތުމަށްފަހު ބާރަށް ރޯން ފަށައިފިއެވެ.

ފޯނު ރިންގްވާން ފެށީ އެވަގުތުއެވެ. ސަރާ މަޑުމަޑުން ގޮސް ފޯނު ނަގައިފިއެވެ. މިފަހަރުވެސް ގުޅީ ވަޖުދީއެވެ. ނަޖްމާއާ ވާހަކަ ދައްކަން ބޭނުންވެގެނެވެ.

[ތިހާވަރަށް މަންމަ ހޯދަން ތިއުޅެނީ ކީއްކުރަންތަ؟ މަންމަގެ މުޅި ދިރިއުޅުން ނަގާލެވުނީމާވެސް ހިތް ނުފުރެނީތަ؟ ތީ އެއްވެސް ރަޙުމެއް ނެތް މީހެއް...] ރޮމުން މިހެން ބުނެފައި ސަރާ ފޯން ބާއްވައިފިއެވެ.

ސަރާގެ އެޖުމްލަތަކުން ވަޖުދީއަށް ވަރަށް އަސަރު ކުރިއެވެ. ވުމާއެކު އެވަގުތު އޭނާ ބޭނުންވީ ސީދާ ސަރާމެން ތިބި ގެއަށް ދިޔުމަށެވެ. ސަރާއާއި ނަޖްމާގެ ކިބައިން މަޢާފަށް އެދެން އޭނާ ބޭނުންވަނީ ސަރާއާއި ނަޖްމާގެ ކުރިމަތީގައެވެ.

ނަޖްމާ ވަޖުދީއަށް މަޢާފް ކުރަން ބޭނުންނުވިޔަސް ސަރާ ބައްޕައަށް މަޢާފްކޮށްފައި ބައްޕައާ ވާހަކަ ދެއްކުމަށް ނަޖްމާ ސަރާއަށް ނަޞޭޙަތްތެރިވިއެވެ.

[ދަރިފުޅާ އެއީ ދަރިފުޅުގެ ބައްޕަ. ދަރިފުޅުވާނެ ބައްޕައަށް މަޢާފްކޮށްފަ ބައްޕައާ ވާހަކަ ދައްކަން.] އަމިއްލަ ދެލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން ނަޖްމާ ސަރާއަށް ނަޞޭޙަތްތެރިވިއެވެ.

[ނޫން...މަންމާ އަހަންނަކަށް ފަސޭހައެއް ނޫން އެބައްޕައާ ވާހަކަ ދައްކާކަށް. އެބައްޕަގެ ސަބަބުން މަންމަ އުޅުނު ނިކަމެތި ހާލު އަހަންނަށް އިޙްސާސް ކުރެވޭ.] ސަރާ އަދިވެސް ރޮނީއެވެ. ނަޖްމާ ދަރިފުޅުގެ ލޯ ފޮހެދެމުން ތަކުރާރުކޮށް އެދުނީ އެބައްޕައަށް ބަރުބަހެއް ނުބުނުމަށާއި ބައްޕައާ ރީތިކޮށް ވާހަކަ ދެއްކުމަށެވެ.

[އައްސަލާމް ޢަލައިކުމް.] ނަޖްމާއާއި ސަރާ ސިއްސައިގެން ދިޔައީ ދޮރު ހުޅުވައި އެތެރެއަށް ވަދެ މީހަކު ސަލާމް ގޮވާލީމައެވެ.

[ވަޢަލައިކުމުއްސަލާމް، ވަޖުދީބެ!؟ އިށީނދޭ....] ކުރިން ނަޖްމާ ސަރާގެ ބައްޕައަކީ ވަޖުދީކަން ބުނެދީފައި ނުވާތީ ސަރާ ހުރީ ބޮޑު އޮޅުންގަނޑެއްގައެވެ.

[ދަރިފުޅާ ސަރާ....ވަޖުދީބެއޭ ނުކިޔާ...ދަރިފުޅުގެ މަންމައަށް ކެހިދިން ކަމަށް ބުނާ ދަރިފުޅުގެ ބައްޕައަކީ މީ...ބައްޕައަށް މަޢާފްކުރޭ ދަރިފުޅާ...] އޭރު ވަޖުދީގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ވަޖުދީގެ ޖުމްލަތަކުން ސަރާ ގަނޑުވިކަހަލައެވެ.

[މާނައަކީ މަލަކާ އެއީ؟] ދެލޯ ބޮޑުކޮށްގެންހުރެ ސަރާއަށް ބުނެވުނެވެ.

[އާނ ދަރިފުޅާ....މަލަކާއަކީ ދަރިފުޅުގެ ދައްތަ. ކަންތައްތައް މެދުވެރިވެފައި މިވަނީ ވަރަށް ހިތާމަވެރި ގޮތްގޮތަށް.] ވަޖުދީގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެހިނދު ވަޖުދީ ދެއަތް ދިއްކޮށް އެދެއަތުގެ ތެރެއަށް ވަނުމަށް ސަރާއަށް އިޝާރާތް ކުރިއެވެ. ބައްޕައަށް މަޢާފް ނުކުރަން ކުރިން ބުނަމުން އަޔަސް، އެއްވެސް އިޚްތިޔާރެއްނެތި ސަރާއަށް ބައްޕަގެ ދެއަތުގެ ތެރެއަށް ވަދެ ބޮނޑިވެލެވިއްޖެއެވެ.

[ބައްޕާ...ކިހިނެއްތަ އަހަރެން ދައްތައާ ކުރިމަތިލާނީ...ދައްތައަށް މިހާރު އެނގޭތަ އަހަންނަކީ ކާކުކަން.] ބައްޕަގެ މޭގައި ބޯއަޅައިގެން އޮވެ ރޮއިރޮއިފައި ސަރާ ވާހަކަ ދެއްކިއެވެ. އޭރު މަންޒަރު ބަލަންހުރި ނަޖްމާގެ ލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަފައިބާ ހުއްޓެވެ.

[ނޫން...ނޭނގޭނެ. އަދި އެކަހަލަ އެއްވެސް ވާހަކައެއް ޝާޢިރާ މަންމަމެން ގާތު ބައްޕައެއް ނުބުނަން.] ވަޖުދީ ސަރާގެ ދެލޯ ފޮހެދެމުން ބުންޏެވެ.

ހަމަ އެވަގުތެވެ. ޢިމްރާން އޭނާގެ މަންމައާއި މަލަކާ ގާތު ބުނަމުން އެދަނީ ސަރާ އަލުން އެގެއަށް ގެންނަން ބޭނުންވާ ވާހަކައެވެ. އޭނާ ވާހަކަ ދައްކަމުން ދަނީ މަންމަމެންގެ ރޭވުން އޭނައަށް ނޭނގޭ ގޮތަށެވެ.

[އަހަރެން ބޭނުން އަލުން ސަރާ ގެންނަން.] ޢިމްރާން ލޮލުގެ ކުޑަކޮޅުން މަލަކާއަށް ބަލާލިއެވެ.

[އެ މުޑުދާރު އަންހެނާ...ދަރިފުޅުގެ ލޮލަށް އޭނާގެ މުޑުދާރުކަން ފެނުނީމާވެސް ތިއުޅެނީ އޭނާޔާހެދި؟] ފަހީމާ ދެލޯ ބޮޑުކޮށްލިއެވެ.

[ހެޔޮ ކިތަންމެ މުޑުދާރަސް. އަހަރެން ހާދަ ލޯބިވެޔޭ އޭނަދެކެ. އަހަންނަކަށް ސަރާއާ ވަކިން ނޫޅެވޭނެ. ސަރާއަކީ މަންމަމެން ތިބުނާ....] މިހެން ބުނެފައި ޢިމްރާން ހިނގައިގަތެވެ.

[ހެޔޮ އެކަހަލަ މުޑުދާރު އަންހެނަކު މިގެއަށް ވައްދައިގެން ނުވާނެ. އޭނާވާނީ ހަމަ އޭނަގެ މަންމަ ކަހަލަ މީހަކަށް. އޭނަ ރަނގަޅުނަމަ އޭނަ ވަރިޔަކަށްވެސް ނޭދުނީސް.] ޢިމްރާން ސަރާގެ ދިފާޢުގައި ވާހަކަ ދެއްކީމާ ފަހީމާ ވަރަށް ރުޅިގަދަވިއެވެ.

[މަންމައަށް އެނގޭތަ، މަންމައަށް ތި އެއްޗެހި ތިކިޔެނީ ސީދާ އަހަންނާ ދިމާއަށް. އަހަރެންގެ ދަރިފުޅުގެ މަންމަގެ ބޮލުގައި ތިވަރުގެ ހުތުރު ބަދުނާމެއް މަންމަ ތިއަޅުވަނީ ކުޑަކޮށްވެސް ވިސްނާފަތަ؟ މަންމަ ކިތަންމެ ދެކޮޅުހެދިޔަސް ސަރާގެ ބަނޑުގައިވާ ދަރިފުޅަކީ އަހަރެންގެ ދަރިފުޅަކަށް ނޫނީ ނުވާނެ.] ޢިމްރާންގެ ރުޅި މަޑުމަޑުން ބޭރަށް ފެންނަން ފަށައިފިއެވެ.

[އޭނަގެ ބަނޑުގައި އޮތީ ޢިމްރާންގެ ދަރިއެއް ނޫން...އެއީ އެއީ އޭނާގެ ވިޔާނުދާ އުޅުމުގެ ސިއްކަ. ދަރިފުޅު އެކަމާ ޙަވާލުވާކަށް ނުޖެހޭނެ.] ނިކަން ރުޅިއައިސްފައި ހުރެ ފަހީމާ ފިސާރި ބާރަށް ބުންޏެވެ.

[މަންމާ...ތިދަނީ މާމައްޗަށް. މަންމައެއްކަމަކު އަހަރެންގެ ދަރިފުޅާ ބެހޭގޮތުން ތިމޭރުމުން ވާހަކަ ދައްކައިގެން ނުވާނެ. މަންމައާއި ތިހިރަ އަންހެން މީހާގެ ކެހިވެރި މަޅީގައި ސަރާ ފަކީރު ޖެއްސި ގޮތުގެ ޙަޤީޤަތް، އެކަންކުރި މީހާ އަހަރެމެންނަށް ކިޔާދީފި. މިހާރު އަހަންނަށް ޔަޤީންވެއްޖެ މަންމައަކީ އަހަންނަށް ހެޔޮއެދޭ މީހެއް ނޫންކަން. އެހެން ނޫންނަމަ އަހަރެން އެންމެ ލޯބިވާ މީހާއާއި އަހަންނާ ދުރުކުރުމަށް އެވަރުގެ ކެހިވެރި މަޅިއެއް ނުޖެހީސް....] ފެންކަޅިވެފައިވާ ޙާލުގައި މިހެން ބުނެފައި ޢިމްރާން ގެއިން ނުކުމެއްޖެއެވެ.

ދަރިފުޅަށް ފަހީމާގެ ކެހިވެރި ރޭވުމުގެ ޙަޤީޤަތް އެނގުނީތީ ފަހީމާ ވަރަށް ބޮޑަށް ދެރަވެ ލަދުގަނެއްޖެއެވެ. ދަރިފުޅުގެ ކުރިމަތީގައި އޭނާގެ ޤަދަރުވެސް ކުޑަވެ މުޅިން މާޔޫސްވެއްޖެއެވެ.

ވަޖުދީ އެބަޔަށް އައިސްވަނީ އެވަގުތުއެވެ. ޝާޢިރާ ކޮބައިހޭ އަހާފައި މަލަކާ ގާތު އައިސްބަލާށޭ ބުނެފައި، ވަޖުދީ ގޮސް ވަނީ އެމީހުންގެ އެޕާޓްމަންޓަށެވެ. އޭރު ޝާޢިރާ މެދުގޭތެރޭ ސޯފާގައި ކޮންމެވެސް ފޮތެއް ކިޔަން އިނެވެ. ވަޖުދީ އައިގޮތަށް އައިސް ޝާޢިރާ އިން ސޯފާގައި އިށީނެވެ. މަލަކާވެސް އޭނާގެ ފަހަތުން އައިސް ވަނެވެ.

[ދަރިފުޅުވެސް އިށީނދޭ. މިއުޅެނީ ވަރަށްބޮޑު ވާހަކައެއް ދައްކަން. ޝާޢިރާވެސް އިހަށް ތިޔަފޮތް ބާއްވަބަލަ....] ވަޖުދީ މިހެން ބުނީމާ މަލަކާ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެއްޖެއެވެ. ޝާޢިރާވެސް ފޮތް ލައްޕާލުމަށްފަހު ވަޖުދީއާ ސުވާލު ކުރިއެވެ.

[ކިހިނެއްވީ!؟ ބައްޕާ...] މަލަކާ ހީކުރީ ޢިމްރާން އޭނައާއި ފަހީމާގެ ވާހަކަ ދައްކައިގެން އުޅެނީ ކަމަށެވެ. އެހެންވެ އޭނާހުރީ ހިސާބަކަށް ހާސްވެ ކަންބޮޑުވެފައެވެ. އަބަދުވެސް އޭނާ ބައްޕަދެކެ ވަރަށް ޖެހިލުންވެއެވެ. ބައްޕަ ރުޅިއަތުވެއްޖެއްޔާ އަބަދުވެސް އޭނާ ހާސްވެ ކަންބޮޑުވެއެވެ.

[ޝާޢިރާ...ދަރިފުޅާ....] ވަޖުދީ ފަސްޖެހެނީއެވެ. ޙަޤީޤަތުގައި އޭނާ ދައްކަން އެއުޅެނީ ދައްކާކަށް އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ފުރަތަމަ އޭނާ ޝާޢިރާގެ ކިބައިން މަޢާފަށް އެދެން ޖެހެއެވެ. ކޮންމެ ގޮތެއްވިޔަސް ސަރާއަކީ މަލަކާގެ ކޮއްކޮއެއްކަން މަލަކާއަށް އަންގަން ބޭނުމެވެ. ސަރާ ކަހަލަ ޞާލިޙު ދަރިއަކު އޭނާއަށް ލިބި، އެކުއްޖާއަށް ލޯތްބާއި އަޅާލުން ނުދެވުނީތީ މިހާރު އޭނާ އިންތިހާއަށް ދެރަވެއެވެ. ހުރިހާ ކަމެއްގެ ޒިންމާދާރަކީވެސް ޚުދު އޭނާ ކަމަށް އޭނާ ގަބޫލުކުރެއެވެ.

[ޝާޢިރާ...ދަރިފުޅާ މަލަކާ....ބައްޕައަށް މަޢާފްކުރޭ....ބައްޕަ ދައްކަން މިއުޅެނީ ވަރަށްބޮޑު ވާހަކައެއް....ބައްޕަ އުންމީދު ކުރަން ތިޔަ ދެމައިންވެސް ބައްޕައަށް މަޢާފްކުރާނެ ކަމަށް...] ވަޖުދީ އިސްޖަހާލިއެވެ. އެވާހަކަ ދައްކަން އޭނާ ފަސްޖެހެނީއެވެ.

[ބައްޕާ ކޮން ވާހަކައެއްތަ ބައްޕަ ދައްކަން ތިއުޅެނީ. އަވަހަށް ބުނެބަލަ.] މަލަކާއާއި ޝާޢިރާ ވަރަށް ހާސްވެއްޖެއެވެ.

[ބައްޕަ ގަސްދުކުރަނީ ސަރާ މިގެއަށް ގެންނަން.] ވަޖުދީ އިސްއުފުލައި ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

[އެއީ!؟ ވަޖުދީ އޭނަޔާ ދެއަންބަށް އިންނަނީ!؟] ޝާޢިރާގެ ދެލޯ ބޮޑުވެ އަނގަވެސް ތައްމިނަށް ހުޅުވުނެވެ.

[ޝާޢިރާ!] ޝާޢިރާ އެހެން ބުނީމާ ވަޖުދީ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ.

[ކިހިނެއްވީ؟ މުސްކުޅިވެ ގައިގެ ބާރުދޫވާ ހިސާބަށް އައިމަތަ، ދެއަންބަށް މީހަކާ އިންނަން ތިވިސްނަނީ....] މާބޮޑަށް ރުޅިއައުމުގެ ސަބަބުން ޝާޢިރާއަށް ވާނުވާ ނޭނގޭ ދަރަޖައަށް ދިޔައެވެ.

[މައިތިރިވެބަލަ ޝާޢިރާ. ބަލަ ސަރާއަކީ އަހަރެންގެ ދަރިއެކޭ....އެއީ މަލަކާގެ ކޮއްކޮ.....އަހަރެން މީ ސަރާގެ ބައްޕަ.....] ވަޖުދީގެ މިޖުމްލައިން ޝާޢިރާއާއި މަލަކާއަށް ހީވީ އެމީހުނާއެކު މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ.

[ސަރާއަކީ އަހަރެންގެ ކޮއްކޮއޭ!؟] މަލަކާ އާގަމަވި ކަހަލައެވެ.

[އާނ...ދަރިފުޅާ ސަރާއަކީ ދަރިފުޅުގެ ކޮއްކޮއެއް. ބައްޕަ އެދެނީ ތިޔަ ދެކުދިން ގުޅިގެން އެކުގައި އުޅުން. ވެދިޔަތަން ވެދިޔައީ. އެކަމާ މާބޮޑަށް ވިސްނުމުގެ މާނައެއްނެތް.] ވަޖުދީ އުޅުނީ މަލަކާ ހަމަޖައްސާށެވެ.

[ނުވާނެ ތިކަމެއް ބައްޕާ...އެއީ އަހަރެންގެ ކޮއްކޮއެއްގެ ގޮތުގައި ދެކޭކަށް އަހަރެން ބޭނުމެއް ނޫން. ބޭނުމެއް ނޫން.] ރޮމުން މަލަކާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ޝާޢިރާ ހުރީ ރުޅިއައިސް ތުރުތުރުއަޅާ ޙާލުގައެވެ.

[ޝާޢިރާ އަހަންނަށް މަޢާފްކުރޭ.] އެވަގުތު ވަޖުދީ ސަރާ ލިބެން މެދުވެރިވިގޮތާއި، ސަރާގެ މަންމަ އޭނަގެ ޙައްޤުގައި މީހަކާ ނީނދެ އަދިވެސް ހުރި ވާހަކައާއި، އެކަމަކުވެސް ޝާޢިރާއާ ވަކިވާން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޝާޢިރާ ހުރީ އިންތިހާއަށް ރުޅިއައިސްފައިކަމުން އެވަގުތު ވަޖުދީ ދެއްކި އެއްވެސް ވާހަކައެއް ޝާޢިރާ އަޑެއް ނޭހިއެވެ.

[މިހާރު ތިވާހަކަ އަހަރެން ގާތު ދެއްކުމުގެ މާނައެއް ނެތް....އަހަރެން ވަރަށް ފޫހިވެއްޖެ މިހާރު. ވަޖުދީ އަހަންނަށް އޮޅުވާލީ....] ޝާޢިރާވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ފަހަތުން ގޮސް ވަޖުދީ ޝާޢިރާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ.

[ދެން އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރާނެ ކަމެއް ނެތް. އަހަރެން ވަރަށް ބޮޑަށް ފޫހިވެއްޖެ. މިގޭގަ އުޅޭކަށްވެސް އަހަރެން ބޭނުމެއް ނޫން. އަދިވެސް މިކަހަލަ ކިތަންމެ ކަމެއް ހިނގާފައިވާނެ. އެފަދަ ކަންތައް ކުރާ މީހަކު އަބަދުވެސް އެކަން ތަކުރާރުކުރާނެ.] ޝާޢިރާގެ ރުޅި ކޮންޓްރޯލެއް ނުވިއެވެ. ޝާޢިރާވީމައެއް ނޫނެވެ. ކޮންމެ އަންހެނަކުވެސް އެފަދަ ގޮތެއް މެދުވެރިވާހިނދު، އެޝުޢޫރު ފާޅުކުރާނެއެވެ. އޭނާއާ އިނދެގެން ހުރެ ވަޖުދީ ވަނީ ވަރަށްބޮޑު ކުށެއްކޮށް، ބޮޑުވެގެންވާ ފާފަތަކެއް ކޮށްފައެވެ. އޭގެ ޙައްޤު އަދަބު އޭނައަށް ލިބެންޖެހޭނެ ކަމަށް ޝާޢިރާ ބުނެ، އެވަގުތު އަޑުގަދަކުރިވެސްމެއެވެ.

[ޙައްޤު އަދަބު އަހަރެން ލިބިގަންނާނަން.] އަދިވެސް ވަޖުދީ މަސައްކަތް ކުރީ ޝާޢިރާ ހަމައަކަށް އެޅުވޭތޯއެވެ. ނަމަވެސް އެވަގުތު އޭނާ އެތަނުން ނުކުމެގެންދިޔައީ ޝާޢިރާ ހަމައަކަށް ނޭޅުނީމައެވެ.

މިހާރު ސަރާއަށްވެސް ވަނީ ވަރަށްބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. އޭނާގެ އެއްވެސް ކުށެއްނެތި ދިރިއުޅުމަށް ކުއްލިއަކަށް މެދުވެރިވި ކަންތައްގަނޑަކީ ކިތަންމެ މަސައްކަތް ކުރިޔަސް ފިލައިގެންދާނޭ ކަމެއް ނޫނެވެ.

[މަންމާ...މިއީ ކިހާބޮޑު އިއްތިފާޤެއް. މަންމަ ކުރިން އަހަރެންގެ ބައްޕަ އޮޅުންފިލުވައިދިންނަމަ، ހަމަގައިމުވެސް އަހަންނަށް މިވަރުގެ ބޮޑު ލަދުވެތިކަމަކާ ކުރިމަތިލާން ނުޖެހުނީސް.] ސަރާ އަދިވެސް ހުރީ ވަރަށް ފިކުރުބޮޑުވެފައެވެ.

[ދަރިފުޅާ މަންމައަށް މަޢާފްކުރޭ. މިހާރު ދަރިފުޅުތީ ޢިމްރާންގެ އަންބެއްވެސް ނޫން. ދައްތައަށްޓަކައި ޢިމްރާން ދޫކޮށްލާ. ނިމާލަކީވެސް ނުލާހިކު ރަނގަޅު ކުއްޖެއް. އެސޮރު ދަރިފުޅުގެ ޙަޔާތަށް އަންނަން ހުރިއްޔާ، ދަރިފުޅު އެސޮރަށް އާނބަސް ބުނުމަށް މަންމަ ނިހާޔަތަށް އެދެން.] ނަޖްމާ ސަރާއަށް ރަނގަޅުގޮތް ވިސްނައިދޭން ފެށިއެވެ.

[އަހަރެންވެސް މިހާރު މިވިސްނަނީ ތިކަމާ...] ނަޖްމާއާއި ސަރާ އެހުރިހާ ވާހަކަތަކެއް ދެއްކިއިރުވެސް އެވާހަކަތައް އަޑުއަހަން ނިމާލް ހުއްޓެވެ. އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

ސަރާއަށް ނިމާލް ކުއްލިއަކަށް ފެނުމުން އޭނާ ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. އޭނާ ލަދުން އިސްޖަހާލީމާ ނިމާލް ސަރާއާ އަރާހަމަކޮށް ހިނިތުންވެލަމުން އޭނާ ކިތަންމެހާވެސް ސަރާ ބޭނުން ކަމުގައި ބުނެފިއެވެ. ވިހާ ގަދަވެގެން މާގިނަ ދުވަސްތަކެއްނުކޮށް ސަރާ އޭނާގެ ޙަޔާތަށް ގެންނަން ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ. އެކަމާ ސަރާ އުފާނުވިޔަސް، ނަޖްމާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ސަރާގެ ދިރިއުޅުމަށް އޭނާ ގެންނަން ބޭނުންވާފަދަ ކުއްޖަކީ ނިމާލެވެ. ވުމާއެކު ދަރިފުޅަށް ހިތްވަރުދީގެން ނިމާލް އޭނާގެ ޙަޔާތަށް ގެންނަން ނަޖްމާ ކިތަންމެހާވެސް ބޭނުމެވެ.

މަލަކާ މިހާރު އެހިސާބުގަނޑުގެ ޒުވާނަކާ ވާހަކަ ދައްކައިގެން ދާއިމަށް ރައްޒާޤުގެ ފުށުން ސަލާމަތްވާނޭ ގޮތެއް ވަނީ ރާވާފައެވެ. ރައްޒާޤު އޭނާ ގާތު އެއްލައްކަ ރުފިޔާއަށް އެދުނު ދުވަހު އޭނާވަނީ އެޒުވާނަކަށް އެޢަދަދަށް ފައިސާ ހުށަހަޅާފައެވެ. އެޒުވާނާ އޭނާ ގާތު ބުނެފައިވަނީ ރައްޒާޤު ނުކުޅެދޭ ޙާލަތަށް އަންނަވަރުގެ އެކްސިޑެންޓެއް ކުރިމަތި ކުރުވުމަށެވެ.

ނަމަވެސް އެޒުވާނާއާއި މަލަކާގެ ރޭވުން ކާމިޔާބު ނުކުރެވުނީ، އެޒުވާނާއާއި މަލަކާ ވާހަކަ ދެއްކި މަންޒަރު ނިޔާޒަށް ފެނި، ނިޔާޒް އެޒުވާނާއާ ފާރަލައި، އޭނާއާ ސުވާލުކޮށް އެރޭވުން ފޭލިކޮށްލީމައެވެ.

ނިޔާޒް އެޒުވާނާއަށް ފައިސާގެ ޢިނާޔަތްތަކާއި، އިތުރަށް ވަޒީފާގެ ފުރްޞަތު ހުށަހެޅުމުން އޭނާ އެވާހަކަ ވަރަށް ތަފްޞީލުކޮށް ނިޔާޒަށް ކިޔާދިންވެސްމެއެވެ. ވުމާއެކު ނިޔާޒް އެޒުވާނާ ގޮވައިގެން ޢިމްރާނާވެސް ބައްދަލުކުރުވިއެވެ.

[މަލަކާގެ އިތުރު ރޭވުންތަކެއްގައި ބައިވެރިކުރަން ރާވާފައިވާ ޒުވާނެއް މިހުރީވެސް. މީނާ މެދުވެރިކޮށް މަލަކާ ރާވަމުން ދަނީ އިންސާނެއްގެ ފުރާނަ ދުއްވާލަން.] ނިޔާޒް ބުންޏެވެ.

[އޭނާ ކަލެއާ ޙަވާލުކުރީ ކޮން ރޭވުމެއް ރާވަން. އެއީ ވަރަށް ނުލަފާ އަންހެނެއް. ކާކަށްތަ އޭނާ އަނިޔާވެރިވާން އެދުނީ...] ޢިމްރާން އެޒުވާނާއާ ސުވާލުކުރިއެވެ.

[ރައްޒާޤު ކިޔާ މީހަކަށް. އޭނާ ބުނީ އޭނާ ނުކުޅެދޭ މީހަކަށް ހެދޭވަރުގެ އަނިޔާތަކެއްދޭށޭ.] އެޒުވާނާ އޮޅުންފިލުވައިދިނެވެ.

[ތިޔަބުނާ ރައްޒާޤަކަށް އެވަރުގެ އަނިޔާއެއް ދޭން އޭނާ ވިސްނާ ސަބަބަކީ ކޮބައިބާ؟] ޢިމްރާން ވިސްނާލިއެވެ.

[ކޮންމެވެސް ސިއްރުތަކެއް ފޮރުވުމުގެ ބޭނުމުގައި ކަމަށްވާނީ. މަލަކާއަކީ އާދައިގެ އަންހެނެއް ނޫން. މާ ރޭވުންތެރި ނުރައްކާތެރި އަންހެނެއް އެއީ...އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ޢިމްރާން ނިކަން ވިސްނާލަބަލަ، އޭނާ ސަރާ ތިގެއިން ބޭރު ކުރަން ރޭވި ރޭވުންތައް. އަހަރެމެން ބޯހަރު ފިރިހެނެއްގެ ހިތަށްވެސް ނާރާނެހާ ކަންތައްތައް އޭނާ ކޮށްފައި އެހުންނަނީ.] ނިޔާޒް ބުންޏެވެ.

[ތިޔަބުނާ ރައްޒާޤަށް އެވަރުގެ އަނިޔާއެއް ދޭން ފައިސާގެ ބޮޑެތި ޢަދަދުތައް އެހުށަހެޅީ ކީއްވެގެންކަން އެއްވެސް ވަރަކަށް އެނގޭތަ؟ ހަމަގައިމުވެސް ތިކަމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއްވާނެ. ތިކަން ހޯދަންޖެހޭނެ.] ޢިމްރާން އަނެއްކާވެސް އެޒުވާނާއާ ސުވާލު ކުރިއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން