ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ދެން އެކުއްޖާއަށް ހެޔޮނުބައި ވަކިކޮށްދެނީ އެކުއްޖާގެ މައިންބަފައިންނެވެ. އެގޮތުން ދަރިފުޅު ތަރުބިއްޔަތު ވެގެންދަނީ މައިންބަފައިން ކުއްޖާއަށް ދައްކާ ނަމޫނާއާއި ކުއްޖާ ބައްޓަންކުރަން ކުރެވޭ މަސައްކަތުގެ މައްޗަށެވެ. ތިރީގައި މިވަނީ ފޮލޯ ކިޔާ ޕޭޖެއްގައި ޝާއިއުކޮށްފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

މިއީ ތަފާތު ދެ ޢާއިލާއެއްގައި މައިންބަފައިން ތުއްތު ދެކުދިން ތަރުބިއްޔަތު ކުރުމަށް ކުރި މަސައްކަތުން އެދެކުދިންގެ މުސްތަޤުބަލް ބިނާވެގެންދިޔަ ގޮތުގެ ވާހަކައެވެ. އެއްކުއްޖަކުވީ ބޮޑުވަގަކަށެވެ. އަނެއް ކުއްޖަކާ ވެގެންދިޔައީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބޮޑު ޖަމިއްޔާއެއްގެ ދީލަތި ވެރިޔަކަށެވެ. މިވާހަކައިގައި ކިޔައިދެނީ މިދެކުދިންނާއި ދިމާވިމީހެއް ކިޔާދީފައިވާ ހަގީގީ ވާހަކައެކެވެ. ނިކަން ވިދާޅުވެ ބައްލައްވާށެވެ.

އެއްދުވަހަކު އަހަރެން ލޯޔަރެއްގެ އޮފީހަށް ޒިޔާރަތްކުރީމެވެ. އެތަނުގައި އޭރު ވައްކަންކުރާ މީހެއްކަމަށް ނަން މަޝްހޫރު މީހަކު އޭނާގެ ކޭސްގެ މައްސަލައަކާއި ގުޅިގެން އެވަކީލުގެ އޮފީހުގައި ހުއްޓެވެ. އަހަރެން އޭނާއާއި ދިމާވުމުން އަހާލީމެވެ. ކަލެޔަށް ތިޔަހެންވާން ޖެހުނީ ކީއްވެހެއްޔެވެ؟ އޭނާ ހީލާފައި ތިމަންގެ މަންމައާއިހެދިއޭ ބުނެލިއެވެ. އަހަރެން ހައިރާންވެފައި އެއީ ކިހިނެއްހެއްޔޭ ބުނުމުން ޒުވާނާ ބާރަށް ހޭންފެށިއެވެ. އަދި އޭނާގެ ވާހަކަ ކިޔައިދޭންފެށިއެވެ.

'އަހަރެން ގްރޭޑް 4ގައި އުޅެނިކޮށް އެއްދުވަހަކު ގެއަށް އައިއިރު ފަންސުރުވަނީ ގެއްލިފައެވެ. އަހަރެންގެ މަންމައަށް މިކަން އެނގުމާއެކު އަހަރެން ގައިގައި ތަޅަންފެށިއެވެ. އަދި ގޯސް ބަސްތަކުން އެއްޗެތިކިޔައި އަހަރެން ލަދުގަންނަވާލިއެވެ. އަހަރެންނަކީ އެއްވެސް ޒިއްމާއެއް ނުނަގާ ވިޔާނުދާ ކުއްޖެއްކަމަށް ބުނެ އަހަރެން ދެރަކޮށްލިއެވެ. އެހެންވެ އަހަރެންގެ މަންމަގެ ބަސްތަކާއި އަނިޔާއިން ރެކެންވެގެން އަހަރެން އޭގެ ފަހުން އެއްވެސް ދުވަހަކު ފަންސުރަކާއި ނުލައި ގެއަށް ނުދިއުމަށް ނިންމީމެވެ. އަހަރެންގެ ފަންސުރު ގެއްލުމުން އެހެން ކުދިންގެ ފަންސުރު ވަގަށް ނަގަން އަޒުމް ކަނޑައަޅައި އެގޮތަށް ކަންތައްކުރަން ފެށީމެވެ.'

'ޖެހިގެންއައި ދުވަހުންފެށިގެން އަހަރެން ކަނޑައެޅި އަޒުމާ އެއްގޮތަށް އަހަރެން މަސައްކަތް ފެށީމެވެ. އަހަރެން ނެގީ ހަމައެކަނި އެންމެ ފަންސުރެއް ދެފަންސުރެއް ނޫނެވެ. މިގޮތަށް މުޅި ކުލާހުގެ ހުރިހާ ކުދިންގެ ފަންސުރު ވަގަށް ނެގީމެވެ. ފުރަތަމަކޮޅުގައި އަހަރެން އެހެން ކުދިންގެ ތަކެތި ނެގުމަށް ޖެހިލުންވެ ބިރުގަނެއެވެ. އެހެންނަމަވެސް ފަހުން އަހަރެންގެ ބިރުފިލައިފިއެވެ. އަދި ހިތުގައި އެއްވެސް ބިރެއް އަދި ޖެހިލުންވުމެއްވެސް ނެތެވެ. އަދި ވައްކަންކުރުމަށް އެކިއެކި އުކުޅުތައް ދަސްކުރީމެވެ. ދެން ކްލާހުގެ ހުރިހާ ކުދިންގެ ފަންސުރުތައް ވަގަށްނެގުމަށްފަހު ވިއްކަންފެށީމެވެ. މިގޮތަށް މަހެއްހާދުވަހު މިކަންކުރުމުން އަހަރެން ހަމައެކަނި ކުލާސްކުދިންގެ ފަންސުރު ވަގަށް ނެގުމުން އުފަލެއްނުލިބުނެވެ. އެންމެ ފުރަތަމަކޮޅު ވައްކަންކޮށް އެތަކެތި ހާސިލުވުމުން ލިބުނު އުފާ މިހާރަކު ނުލިބުނެވެ. ދެން ބޭނުންވީ އެހެން ކުލާސްރޫމްތައްވެސް ފާސްކުރާށެވެ. މިގޮތަށް އެކިކުލާސްތަކުން ވައްކަންކޮށް ސްކޫލްގެ ހުރިހާ ކުދިންގެ އަތުން ވަގަށް ތަކެތި ނަގަމުންގޮސް އެންމެފަހުން ޕްރިންސިޕަލް އޮފީހުންވެސް ވައްކަންކުރީމެވެ. ދެން އޭގެފަހުން ފީލްޑް ޓްރެއިނިން އޮތްއަހަރުގައި އަހަރެން ޓްރެއިނިންނަގަމުންދިޔައީ ވައްކަންކުރުމުގެ އުކުޅުތައް ދަސްކުރަމުން އަމަލީގޮތުން އެކަންކަން ބޭނުންކުރަމުންނެވެ. މިހާރު އަހަރެންނަކީ ޕްރޮފެޝަނަލް ވަގަކީމުއެވެ.'

އެއީ ވަގުކަލޭގެ ވާހަކައެވެ. ދެން އަހަރެންނާއި ދިމާވީ ހުލްޤުހެޔޮ ދީލަތި މީހަކާއެވެ. އެމީހާވެސް އަހަރެން ސުވާލުކުރުމުން ވާހަކަތައް ކިޔައިދިނެވެ. އެއީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބޮޑު ޖަމާއަތެއްގެ ދީލަތި ވެރިޔެކެވެ. އޭނާ ކިޔައިދިން ގޮތުގައި އޭނާ ރަނގަޅު ތަރުބީޔަތެއްގެ ވެރިޔަކަށް ވެފައިމިވަނީ ސްކޫލުގައި ދިމާވި ޙާދިޡާއަކާގުޅިގެން މަންމަ ދެއްވި ނަސޭހަތާއި އަދި އޭނާ ތަރުބިއްޔަތު ކުރުމުގައި މަންމަ ގެންގުޅުއްވި ހަރުދަނާ އުސޫލުތަކުގެ ސަބަބުންނެވެ. ހައިރާންވާ ކަމަކީ ކުރިން ކިޔައިދެވުނު ވަގުކަލޭގެ އަށް މައުސޫމު ކުއްޖާ ބަދަލުވާންޖެހުނު، ސްކޫލުގައި ހިނގި އެ ޙާދިސާ އެއްގޮތްވުމެވެ. ނަމަވެސް މައިންބަފައިންނަށް ކުއްޖާ އަށް ރަގަޅުގޮތް ބުނެނުދެވުމުގެ ސަބަބުން ކުއްޖާ މުޖުތަމަޢު ބޭކާރު މީހަކަށްވެ، އެހެންމީހުންނަށް ތުރާލަކަށްވެގެންދިޔައީއެވެ.

ދެޒުވާނުންވެސް ތަރުބިއްޔަތުވުމުގެ އަޞްލަކީ ދާދި އެއް ޙާދިސާއެއް ނަމަވެސް ނުބައި މީހަކަށް އަދި ހެޔޮލަފާ ސާލިހު މީހަކަށް މިވަނީ މައިންބަފައިން ދައްކާ ނަމުނާގެ މައްޗަށެވެ. ހެޔޮލަފާ ދީލަތި ވެރިޔާގެ މަންމައާއި ބައްދަލުކުރުމުގެ ޝަޢުޤުވެރިކަން އުފެދުމުން އެ ޒުވާނާގެ އިޒުނައާއެކު އޭނާގެ މަންމައާއި ބައްދަލުކުރީމެވެ.

ހަރުދަނާ އުސޫލެއްގެވެރި އެ މަންމަ އޭނާގެ ދަރިފުޅު ހެޔޮލަފާ ޒުވާނަކަށް ވެގެން ދިޔަ ގޮތާބެހޭގޮތުން ކިޔައިދިނެވެ. 'އަހަރެންގެ ދަރިފުޅު ގްރޭޑް 2 ގައި އުޅުނުއިރު އެއްދުވަހު ސްކޫލުންގެއަށް އައީ ފަންސުރު ގެއްލުވާލައިގެންނެވެ. އަހަރެން އޭނާކުރެން ފަންސުރުކޮބައިތޯ ސުވާލުކުރީމެވެ. އަދި ފަންސުރާއި ނުލައި ދުވަހުގެ މަސައްކަތް ނިންމީ ކިހިނެއްތޯ ސުވާލުކުރީމެވެ. އެވަގުތު ޖަވާބުގައި އޭނާ ބޭނުންކޮށްލަން އެހެންކުއްޖަކު ގަލަމެއް ދިންވާހަކަ ބުނުމުން އަހަރެން ބުނީމެވެ. އެކުއްޖާގެ އެރަނގަޅު އަމަލުގެ ބަދަލުގައި އެއްވެސް އެއްޗެއް ނުވަތަ ފައިސާ ހޯދިތޯއެވެ. ޖަވާބުގައި ދަރިފުޅު ނޫނެކޭ ބުނުމުން އަހަރެން ބުނެދިނީ މިފަދައިންނެވެ. ދަރިފުޅުގެ އެކުވެރިޔާ ދަރިފުޅުގެ ކިބައިން އެހައިގިނަ ސަވާބު ހޯދުމުން ދަރިފުޅުވެސް އެފަދައިން ސަވާބުހޯދަންޖެހޭނެއް ނޫންހެއްޔެވެ؟

ދަރިފުޅު ހައިރާންވެ އެއީ ކިހިނެތްތޯ އެއްސެވެ. އަހަރެން ބުނީމެވެ. ދަރިފުޅަށް ދެ ގަލަން ގަންނާނީއެވެ. އެއްގަލަން އެއީ ދަރިފުޅު ލިޔާށެވެ. އަނެއް ގަލަން އެއީ ސަވާބު ހޯދުމަށެވެ. އެއީ އެއްވެސް ކުއްޖަކު ގަލަން ގެއްލިގެން ނުވަތަ ހަނދާންނެތިގެން ގަލަން ނުލައި އާދެވުމުން ދަރިފުޅު އެކުއްޖަކު ބޭނުންކުރުމަށް ދޭން ފޮތް ދަބަހުގައި ބާއްވާ ގަލަމެކެވެ. އަދި ކުލާސްނިމުމުން ދަރިފުޅު އެގަލަން އަނބުރާ ހޯދާނީއެވެ. މިހެން ބުނުމުން ދަރިފުޅު ވަރަށް އުފާވިއެވެ. އަދި އޭނާގެ ސްކޫލްގައި އެގޮތަށް ކަންތައްކުރަންފެށިއެވެ. މިހާރު އޭނާ ކޮންމެ ތަނަކަށް ދިޔަނަމަވެސް އޭނާގެ ދަބަހުގައި 6 ގަލަން އިތުރަށް ގެންގުޅެއެވެ.

އަހަރެން އެންމެ ހައިރާންވަނީ އަހަރެންގެ ދަރިފުޅަކީ ސްކޫލާއި ކިޔެވުމަށް ސަމާލުކަންނުދޭ ކުއްޖަކަށްވީނަމަވެސް އަހަރެން އިތުރު އެއްގަލަން ހަވާލުކުރުމަށްފަހު އޭނާގެ އުޅުން ބަދަލުވެ ކިޔެވުމަށް ޝައުޤުވެރިކަން އައިގޮތެވެ. އޭނާއަކީ ސްކޫލްގެ ހުރިހާ ކުދިން ލޯބިވާ ކުއްޖަކަށް ވެގެންދިޔައެވެ. އަދި ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރަންފެށިއެވެ.



ހުރިހާ ޓީޗަރުންނަށް އޭނާ ފާހަގަވާންފެށިއެވެ. އަދި އޭނާއަށް ކަމެއް ދިމާވެއްޖެނަމަ ހުރިހާ ކުދިންވެސް އޭނާއަށް އެހީތެރިވެދެއެވެ. ކުލާހުގައި ކުއްޖެއްގެ އަތުގައި ގަލަމެއް ނެތްނަމަ އަހަރެންގެ ދަރިފުޅު އެހީތެރިވެދެއެވެ. އަދި މިކަން ޓީޗަރުންނަށްވެސް އެނގެއެވެ. އަދި ކުލާހުގައި ގަލަމެއް ނެތިގެން ނުލިޔެވި ކުއްޖަކު ހުރިނަމަ ޓީޗަރުވެސް ރިޒާވް ގަލަންތަކުގެ ވެރިޔާ ކޮބައިތޯ އަހައިލައެވެ. މިހުރިހާކަމަކަމުން އަހަރެންގެ ދަރިފުޅު ސްކޫލަށް ހިތްޖެހި ކިޔެވުމުގެ ފެންވަރު މަތިވާންފެށިއެވެ. އޭނާ މިހާރު ޔުނިވަރސިޓީ ނިމި، ކައިވެނިކޮށް، ދަރިންލިބި، އަމިއްލަ ޒަވާޖީހަޔާތެއްގައި އުޅެމުންދާއިރުވެސް އަދިވެސް ރިޒާވް ގަލަންތަކުގެ ވާހަކަމަތިން ހަނދާނެއް ނުނެތެއެވެ. އަދި މިހާރު އޭނާއަކީ މިސަރަހައްދުގެ އެންމެ ބޮޑު އެހީޖަމިއްޔާގެ ވެރިޔާވެސްމެއެވެ.

ޢިބްރަތްތެރި ވާހަކައެއް ނުންތޯއެވެ؟ ދަރިންތަރުބިއްޔަތު ކުރުމުގައި މައިންބައިން ވިސްނަންޖެހޭ ނުކުތާއަކީ ދަރިފުޅު ތުއްތުއިރު ތަރުބިއްޔުކޮށް ވަކިގޮތަކަށް ބިނާކުރުމުގެ ތަޅުދަނޑިވަނީ ތިޔަ ލޮބުވެތި ބެލެނިވެރިންގެ އަތުގައިކަމެވެ. އެކުދިންގެ ފަރާތުން ފެނިދާނެ ނޭދެވޭ ކަމަކާއިވެސް އަހަރުމެން ބޮޑެތި މީހުން އަމަލުކުރަންޖެހޭނީ ކެތްތެރިކަމާއި އޯގާތެރިކަމާއި ލޯތްބާއި ހަމްދަރުދީ އިސްކޮށްގެންނެވެ. އަޅުގަނޑުގެ ދުޢާއަކީ ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެންގެ މައިންނާއި ބަފައިންނަށް މިންވަރު ކޮށްދެއްވުމެވެ. އާމީން!



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން