އޮސްއޯޕޮރޯސިސްއަކީ ކަށިތައް ދެރަވެ އެކިއެކި މަސައްކަތްތަކުގެ ބުރަ އުފުލައިފިނަމަ އަވަހަށް ބިންދައިގެން ހިނގައިދާނެފަދަ ހާލަތަށް ކަށިތައް ދިއުމެވެ. މިބައްޔަކީ މުސްކުޅި އުމުރަށް އެޅުމުން ކަށިތައް ބަލިކަށިވެގެން ދިމާވާ ބައްޔެކެވެ. މިބަލީގައި ކަށިތައް ބަލިކަށިވެ ވަރަށް ނާޒުކު ހިސާބަށްދެއެވެ. އަދި އިށީންދެލާ ގޮތަކުންވެސް ނުވަތަ ގުދުވެލާ ގޮތަކުންވެސް ހަށި ބިންދައިގެން ދިއުމުގެ ފުރުސަތު އޮވެއެވެ. މިބަލި ތަހައްމަލު ކުރާ މީހުންނަށް އެންމެ 'ރިސްކު' ބޮޑީ އުނަގަނޑާއި އަތުގެ ހުޅާއި މައިބަދަޔަށެވެ.



މިމައްސަތައް ދިމާވާން މެދުވެރިކުރުވާ ބައެއް ކަންކަމަކީ އަމިއްލަޔަށް ހައްލު ކުރެވިދާނެ ކަންކަމެވެ. އެގޮތުން ކެއުމުގެ ވައްޓަފާޅި ބަދަލުގެނެސް ވީހާވެސް ހަށިގަނޑަށް ފައިދާހުރި ކެެއުމަށް އާދަކުރުމާއި ކަށިތައް ވަރުގަދަކުރުމަށް ހަރަކާތްތެރިވެ ކޮންމެވެސް ކަހަލަ ކަސްރަތުތަކެއް ދުވަހުގެ ތާވަލުގައި ހިމަނާލުމަކީ ތިބާ އަމިއްލަޔަށް ކުރެވިދާނެ ކަންކަމެވެ.

ކަށިތައް ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް ކެލްސިއަމްއާއި ވިޓަމިން ޑީއަކީ އެންމެ މުހިންމު ދެބާވަތުގެ މިނަރަލްއާއި ވިޓަމިންއެވެ. އެހެންނަމަވެސް މިދެބާވަތުގެ 'ނިއުޓްރިޝަންގެ' އިތުރުން 'ބޯން ޓިޝޫ ޑިވެލޮޕްމެންޓް' ނުވަތަ ކަށި އުފެއްދުމަށާއި ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް އެހެން މިނަރަލްތަކާއި ވިޓަމިންވެސް ހަށިގަނޑަށް ބޭނުންވެއެވެ. ތިރީގައި މި ހިމަނާލަނީ މިގޮތުން ހަށިގަނޑަށް ބޭނުންވާ އިތުރު ނިއުޓްރިއެންޓްސްތަކެވެ.

- މެގްނީޒިއަމް:

މެގްނީޒިއަމްއަކީ ކަށިތައް ވަރުގަދަކޮށްދިނުމަށް ކަށިތަކުގެ 'ބޯން ޑެންސިޓީ' އިތުރުކޮށްދެއެވެ. ބޯން ޑެންސިޓީ އިތުރުވުމުން އޮސްޓިއޯޕޮރޯސިސް ބައްޔާއި ހަށިތަކުގައި ފަސޭހައިން ރެނދުލުމާއި ފަސޭހައިން ބިންދައިގެން ދިއުމުގެ މައްސަލަތަކުން ރައްކާތެރިވެވޭނެއެވެ. މެގްނީޒިއަމް ލިއްބައިދޭ ކާނާގެ ތެރޭގައި ޗޮކްލެޓާއި ފެހިކަންގަދަ ފަތާއި ކިރާއި ޔޯގަޓް އެކިބާވަތުގެ ނަޓްސް ހިމެނެއެވެ.

- ޕޮޓޭސިއަމް:

ޕޮޓޭސިއަމްއަކީ ކެލްސިއަމް ހަށިގަނޑުގައި ހެފެހެއްޓުމަށާއި އެސިޑް ބޭސް ބެލެންސްކޮށް ކަށިތައް ގޭނި ކަށިތައް ބަލިކަށިވުމުން ރައްކާތެރޮކޮށްދޭ މާއްދާއެކެވެ. ޕޮޓޭސިއަމް ލިއްބައިދޭ ކާނާގެ ތެރޭގައި އެވަކާޑޯއާއި ދޮންކޭލާއި ތޮޅިއާއި ބޮރޮކޮލީއާއި މުގު ހިމެނެއެވެ.

- ވިޓަމިން ސީ:

ވިޓަމިންސީއަކީ އެކިކަހަލަ ރީނދޫ އަދި އޮރެންޖު ތޮށި ހުންނަ މޭވާތަކުގައި ހިމެނޭ މާއްދާއެކެވެ. މިއީ ހަށިގަނޑުގައި އޮކްސިޑޭޓިވް ސްޓްރެސް ނުވަތަ ހަށިގަނޑަށް ގެއްލުންދޭ ފްރީ ރެޑިކަލްއާއި އޮކްސިޖަންއާއި ދެމެދު އުފެދޭ އިމްބެލެންސްއަކުން ހަށިގަނޑަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމާއި އަދި އޭގެ ސަބަބުން ކަށިތައް ގޭނުމުން ސަލާމްތްކޮށްދިނުމަށްވެސް އެހީތެރިވެދޭ މާއްދާއެކެވެ.

- ފޮސްފަރަސް:

ބޮޑުވަމުން އަންނައިރު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފޮސްފަރަސް ލިބުމަކީ ކަށިތައް އުފެދުމުގައި ވަރގަދަވެގެންދާނެ ކަމެކެވެ. ފޮސްފަރަސް ހަށިގަނޑުގައި މަދުވެއްޖެނަމަ މަލްނިއުޓްރިޝަންގެ މައްސަލަޖެހި އޮސްޓިއޯޕޮރޯސިސްއަށް މަގުފަހިކުރުވައެވެ. ފޮސްފަރަސް ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ބިހާއި އެކިބާވަތުގެ މަސް އަދި އަލުވިއާއި އެސްޕެރަގަސް ހިމެނެއެވެ.

- ވިޓަމިން ކޭ:

ފެހިކަންގަދަ ފަތާއި ތަރުކާރީތަކުގައި މިބާވަތުގެ ވިޓަމިން ހިމެނެއެވެ. ވިޓަމިން ކޭއަކީ ކާބޯޒައިލަޝަން ކިޔާ ހާށިގަނޑުގައި ކަށިތައް މަސައްކަތްކުރުވުމަށް އެކްޓިވޭޓް ކުރަންޖެހޭ ބޯން ޕްރޮޓީން އެކްޓިވޭޓްކޮށްދޭ މާއްދާއެކެވެ.

- ޒިންކް:

ޒިންކްއަކީ ބޯން މިނަރަލައިޒޭޝަން ނުވަތަ ކަށިތައް އުފެދުމަށްޓަކައި ކަށިތަކަށް މިނަރަލްސް ފޯރުކޮށްދުނުމަށް އަދި ކޮލަޖިން ސިންތަސިސްއަށް ބޭނުންވާ މި މާއްދާ ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ބީންސްއާއި ބިހާއި ކަނޑު މަހުގެ ބާވަތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން