ޞާދިރު ޢަލީދީދީ   14 ޖުލައި 2020 - 14:46
ސަރާ
ސަރާ
އެޕިސޯޑް 25

...............

[ތިޔަބުނާ ރައްޒާޤަކަށް އެވަރުގެ އަނިޔާއެއް ދޭން އޭނާ ވިސްނާ ސަބަބަކީ ކޮބައިބާ؟] ޢިމްރާން ވިސްނާލިއެވެ.

[ކޮންމެވެސް ސިއްރުތަކެއް ފޮރުވުމުގެ ބޭނުމުގައި ކަމަށްވާނީ. މަލަކާއަކީ އާދައިގެ އަންހެނެއް ނޫން. މާ ރޭވުންތެރި ނުރައްކާތެރި އަންހެނެއް އެއީ...އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. ޢިމްރާން ނިކަން ވިސްނާލަބަލަ، އޭނާ ސަރާ ތިގެއިން ބޭރު ކުރަން ރޭވި ރޭވުންތައް. އަހަރެމެން ބޯހަރު ފިރިހެނެއްގެ ހިތަށްވެސް ނާރާނެހާ ކަންތައްތައް އޭނާ ކޮށްފައި އެހުންނަނީ.] ނިޔާޒް ބުންޏެވެ.

[ތިޔަބުނާ ރައްޒާޤަށް އެވަރުގެ އަނިޔާއެއް ދޭން ފައިސާގެ ބޮޑެތި ޢަދަދުތައް އެހުށަހެޅީ ކީއްވެގެންކަން އެއްވެސް ވަރަކަށް އެނގޭތަ؟ ހަމަގައިމުވެސް ތިކަމުގައިވެސް ފޮރުވިފައިވާ ސިއްރުތަކެއްވާނެ. ތިކަން ހޯދަންޖެހޭނެ.] ޢިމްރާން އަނެއްކާވެސް އެޒުވާނާއާ ސުވާލު ކުރިއެވެ.

[އެ ރައްޒާޤާ އޭނާ ވަރަށް ގިނައިން ބައްދަލުކުރާކަން އެނގޭ. އެކަމަކު އެދެމެދުގައި ހިނގަނީ ކޮން ކަންތައްގަނޑެއް ކަމެއް އެއްގޮތަކަށްވެސް ނޭނގެ. އެނގޭހާވެސްވަރަކީ އެދެމެދުގައިވާ ސިއްރުތަކެއް ހާމަވެދާނެތީ މަލަކާ ޖެހިލުންވެ ކަންބޮޑުވާކަން.] އެޒުވާނާ ކިޔާދިނެވެ.

[ސިއްރުން ބައްދަލުކޮށް އެއުޅެނީ ކީއްކުރަންބާ؟ ކުއްލިއަކަށް ރައްޒާޤަށް އެވަރުގެ ގެއްލުމެއްދޭން ރޭވީ ކީއްވެބާ؟] އަނެއްކާވެސް ޢިމްރާނަށް އަހާލެވުނެވެ. މަލަކާގެ ނުބައި ނުލަފާ ރޭވުމާމެދު ޢިމްރާން ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[އަހަންނަކަށްވެސް ތިއެއް ނޭނގެ. އަހަރެން ގާތު ބުނީ އޭނާގެ ގައިގައި ކާރަކުން ޖައްސައި ބޮޑު އަނިޔާތަކެއް ލިބޭވަރުކޮށްފިއްޔާ، މިބުނީ ދާއިމަށް ނުކުޅެދޭ މީހަކަށް ވެދާނޭފަދަ އަނިޔާތަކެއް ދީފިއްޔާ، އެއްލައްކަ ރުފިޔާ ދޭނޭ ކަމަށް.] އެޒުވާނާ އިތުރަށް އޮޅުންފިލުވައިދިނެވެ.

[ނުލަފާ އަންހެނާ! ކަލެއަށް އެނގޭތަ ތިރައްޒާޤުގެ ގެ....] ރުޅިއައިސް ތުރުތުރު އަޅާ ހާލުގައި ހުރި ޢިމްރާން އެއްސެވެ. އެޒުވާނާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.

[ހިނގާ އަހަރެމެންނާއެކު ކާރުގައި އެގެއަށް ދަމާ....އޭނައަށް ތިޔަވަރުގެ ބޮޑު ލަނޑެއް ދޭން މަލަކާ ރޭވި ސަބަބު އޭނަ ގާތު އަހައި އޮޅުންފިލުވަންވާނެ.] ޢިމްރާން ޕާކިންގ ޒޯންގައި އޮތް އޭނާގެ ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ފަހަތުން އެޒުވާނާއާއި ނިޔާޒްވެސް ހިނގައިގެންފިއެވެ.

[އަހަރެމެންނަށް ކީއްކުރަން، މަލަކާގެ މަންމައާއި ބައްޕައަށްވެސް މަލަކާ ދަސްނުވިތާ!] ކާރަށް އަރަމުން ޢިމްރާން ބުންޏެވެ. އެހިނދު ޢިމްރާންގެ ހިތަށް އަރަމުން ދިޔައެވެ. އަދިވެސް ނޭނގޭ ކިތަންމެ ސިއްރުތަކެއް ހާމަވާނެއެވެ. މަލަކާއަކީ ބޮޑު ސިއްރު ފޮށްޓެކެވެ. ފޮށި ހުޅުވޭ ދުވަހަކުން އޭނާގެ ނަޞީބުވެސް އެނގޭނެއެވެ.

އެޒުވާނާ ދައްކަމުންދިޔަ މިޞްރާބަށް ދުއްވަމުން އައިސް މެދުފަންތީގެ ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްފިއެވެ.

[އެތެރެއަށް ވަދެ ރައްޒާޤު ބޭރަށް ނެރެންވީނު.] ޢިމްރާން ނިޔާޒް ގާތު އެދުނެވެ. ސަލާމް ގޮވާލުމަށްފަހު ނިޔާޒް އެތެރެއަށް ވަނެވެ. އިއްތިފާޤުން ސަލާމް ބަލައިގަތީވެސް ރައްޒާޤެވެ.

[ނިޔާޒް....ކިހިނެއްވީ؟] ރައްޒާޤު ނިޔާޒާ ސަލާމްކޮށްލިއެވެ.

[އައިސްބަލަ ކުޑަކޮށް ވާހަކަ ދައްކާލަން ބޭރަށް.] ނިޔާޒް ބޭރަށް ނުކުތެވެ. އޭރުވެސް ޢިމްރާނާއި އެޒުވާނާއާ ދެމީހުން ކާރުތެރޭގައި ތިއްބެވެ. ރައްޒާޤަށް ކާރު ދުއްވަން އިން ޢިމްރާން ފެނުނީ ނިޔާޒް އެކާރަށް އެރުމަށް އިޝާރާތް ކުރި ވަގުތުއެވެ. އެވަގުތު އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

[އަހަރެމެން ރައްޒާޤާ ވާހަކަ ދައްކަން މިއުޅެނީ ރައްޒާޤުގެ ރައްކަލަކަކަށް. ރައްޒާޤުގެ ޙިމާޔަތަށް...ކާރަށްއަރާ ހަމަޖެހިލުމަށްފަހު އަހަރެމެން ކުރާ ސުވާލަށް ޖަވާބު ދިނީމާ ނިމުނީ....] ފުރަތަމަފަހަރަށް ޢިމްރާން ރައްޒާޤާ ވާހަކަ ދެއްކިއެވެ. ރައްޒާޤު ކާރުގެ ފަހަތުޝީޓްގައި އިށީނެވެ. ޢިމްރާން މަޑުމަޑުން ކާރު ދުއްވާލިއެވެ. އޭރު ރައްޒާޤު ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[މަލަކާއާ ރައްޒާޤާ އެއްވެސް ގުޅުމެއް އޮވޭތަ؟] އާދައިގެ ވަރަކަށް ކާރު ދުއްވަމުން ޢިމްރާން ސުވާލު ކުރިއެވެ.

[އޭނ...ކީކޭ! ނޫން ނޯވޭ އެއްވެސް ގުޅުމެއް...ކާކު ދެއްކި ވާހަކައެއްތަތީ؟] ރައްޒާޤުގެ އަނގަ އޮޅޭގޮތްވިއެވެ.

[ތިޔަވަރަށް ތުރުތުރު ތިއަޅަނީ، ހަމަގައިމުވެސް ކޮންމެވެސް ގުޅުމެއްވާތީ...އެންމެ ރަނގަޅު. މަލަކާ މީހަކަށް ފައިސާދީގެން ރައްޒާޤަށް ވަރުގަދަ އަނިޔާތަކެއް ކުރަން ވިސްނާ ސަބަބެއްވާނެ. މިކާރުގައި މިއިން މީހަކީ މަލަކާ ފައިސާ ދިންމީހާ.] މިފަހަރު ރައްޒާޤާ ވާހަކަ ދެއްކީ ނިޔާޒެވެ. އޭރު ރައްޒާޤު އިނީ ޙައިރާންކަމާއެކު ދެލޯ ބޮޑުވެފައެވެ. އެހިނދު އޭނާ ހިތަށް އަރަމުން ދިޔައެވެ. ހަމަ ޙަޤީޤަތުގައިވެސް މަލަކާ އެވަރުގެ ނުބައި އަނިޔާވެރި ރޭވުމެއް ރޭވީބާއެވެ.

[އަހަންނާ މަލަކާގެ ގުޅުން ސިއްރު ކުރުމަށް އެދި އޭނާ އަހަންނަށް ފަސްލައްކަ ރުފިޔާވެސް ދިން. ޢިމްރާން މިހާރު ޢިމްރާންގެ ދަރިފުޅެއް ކަމަށް ދެކިގެން ތިއުޅޭ ދަރިފުޅަކީވެސް އަހަރެންގެ ދަރިއެއް....] ކުއްލިއަކަށް މަލަކާގެ އަނިޔާވެރި ރޭވުން ޚިޔާލަށް ގެނެވި، ރައްޒާޤު ހުރިހާ ވާހަކައެއްވެސް ކިޔާދިނެވެ. އެހިނދު ޢިމްރާނަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެންނެވެ. ރައްޒާޤު ކިޔާދިން ގޮތުން މަލަކާގެ ނުބައިކަން އޭނާއަށް ގަބޫލުކުރަން ދަތިވެއްޖެއެވެ.

[އަޞްލު ތެދު ވާހަކަތަކެއްތަ ތިދައްކަނީ؟] ޢިމްރާން ޤަބޫލުކުރަން ދަތި ޙާލުގައި އިނދެ އެއްސެވެ. އެއަށްފަހު ރައްޒާޤު އޭނާއާއި މަލަކާއާ ގުޅުނު ދުވަހާއި، މިހާރު ގުޅުން އޮތްގޮތް ވަރަށް ތަފްޞީލުކޮށް ޢިމްރާންމެނަށް ކިޔާދީފިއެވެ. އެއާއެކު ޢިމްރާން ބޭނުންވީ ސީދާ ރައްޒާޤު ގޮވައިގެންގޮސް އޭނާގެ މަންމައާއި މަލަކާގެ މަންމައާއި ބައްޕަގެ ކުރިމަތީގައި މަލަކާ ބޭޒާރުކޮށްލާށެވެ.

[ހިނގާ ގެއަށް. ގެއަށްގޮސް އެމުޑުދާރު އަންހެނާ ނިކަމެތިކޮށްލާނަން...] ޢިމްރާން ކާރު ގެއާ ދިމާއަށް ދުއްވާލައިފިއެވެ. ކާރު އޭގެ ބާރު ދުވެލީގައި ގޮސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލި ވަގުތަކީ މަލަކާވެސް ބޭރުން އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ.

ކުއްލިއަކަށް ކާރުން ފޭބި ރައްޒާޤު ފެނުމުން މަލަކާގެ ދެލޯ ބޮޑުވިއެވެ. އޭނާ ވަރަށް ޙައިރާންވެ ރައްޒާޤާ ދިމާއަށް ބަލަންހުއްޓާ ޢިމްރާނާއި ނިޔާޒްގެ އިތުރުން އޭނާ ރައްޒާޤާ ޙަމަލަދިނުމަށް ފޮނުވި ޒުވާނާވެސް ފައިބައިފިއެވެ.

[މުޑުދާރު އަންހެނާ، ކަލޭ އަހަންނާއެކު އާދޭ. އަހަރެންގެ މަންމަގެ ކުރިމަތީގައި ކަލެއަށް ޖެހޭނީ ކުށަށް އިޢްތިރާފްވާން. އަހަރެން ދުވަހަކުވެސް ކަލެއަށް މަޢާފެއް ނުކުރާނަން.] މަލަކާ އެއްވެސް ގަދަބާރެއް ދެއްކުމެއްނެތި ޢިމްރާނާއެކު އެތެރެއަށް ވަނެވެ.

[މަންމާ...ނުކުމެބަލަ...މަންމަގެ ލޯބިވާ ޞާލިޙް އަންހެނާގެ މުޑުދާރުކަން ދެކިލަން އައިސްބަލަ.] ޢިމްރާން މަލަކާ ސިޓިންގރޫމްގައި ހުރި ސޯފާއާ ދިމާއަށް ކޮއްޕާލިއެވެ.

މާގިނައިރެއްނުވެ ޢިމްރާންގެ އަޑަށް ޢިމްރާންގެ މަންމަ ފަހީމާއާއި މަލަކާގެ މަންމަ ޝާޢިރާ އެތަނަށް އަތުވެއްޖެއެވެ.

މަންމަމެން އައުމާއެކު ޢިމްރާން ހުރިހާ ވާހަކައެއްވެސް ކިޔާދީ މަލަކާ ފަޟީޙަތް ކޮށްލިއެވެ. އޭރު މަލަކާ އޭނާގެ މަންމައާއި ޢިމްރާންގެ މަންމަގެ އިތުރުން ޢިމްރާންގެ ކިބައިން މަޢާފަށް އެދި ރޮމުން ގެންދަނީއެވެ.

[އަހަންނަށް މަޢާފްކުރޭ...މަންމާ...ޢިމްރާން...އާދޭސް ކުރަން. އަހަންނަށް މަޢާފްކުރޭ...އަހަރެންގެ ބައްޕަ ގާތު މިވާހަކަ ނުބުނޭ....އަހަންނަށް ބައްޕައާ ކުރިމަތިލާކަށް ނުކެރޭނެ.] މަލަކާ ނުކުމެގެން ދުއްވައިގަތެވެ. ޙަޤީޤަތުގައި މިހާރު އޭނާ އެވަނީ ވަރަށް ބޮޑަށް ލަދުގަނެ އަސަރުކޮށްފައެވެ.

[މަލަކާ....] ޝާޢިރާ މަލަކާއަށް ގޮވާލިއެވެ. ނަމަވެސް ފަސްއެނބުރި ބަލައިވެސްނުލާ މަލަކާ ނުކުމެއްޖެއެވެ. އޭނާއެރީ އެގެއާ ވިއްސަކަށް ފޫޓް ދުރުގައި ޕާކް ކޮށްފައި އޮތް އޭނާގެ ކާރަށެވެ.

[ދަރިފުޅާ ޢިމްރާން..މަންމައަށް މަޢާފްކުރޭ...މަލަކާ މިވީ މަންމަ ހިތަށްވެސް ނާރާފަދަ ވިޔާނުދާ ކުއްޖަކަށް. ނުލާހިކު ޞާލިޙު ރީތި އަންހެން ކުއްޖަކު ދަރިފުޅު ގެނައިމާވެސް އެމަންޖެ ބޭރުކޮށްފައި މަންމައަށް ކުރެވުނީ ކޮންފަދަ މޮޔަކަމެއް.] މިހާރު ފަހީމާއަށްވެސް ރޮވެނީއެވެ. ގައިމެވެ. ޢިމްރާންގެ އުފާވެރި ދިރިއުޅުން ރޫޅުވައި އެދިރިއުޅުން ބަރުބާދުކޮށްލީ ސީދާ ފަހީމާއެވެ.

ބަނޑުއަޅާ ވިހޭ މައިމީހާގެ ކޮށި ވިސްނުމުގެ ސަބަބުން މިއަދު ޢިމްރާން އެހުރީ މުޅިން ބާކީވެ އެކަހެރިވެފައެވެ. ހީވެއެވެ. މިހާރު ސަރާވެސް އެނބުރި ޢިމްރާންގެ ޙަޔާތަކަށް އަންނާކަށް ބޭނުމެއް ނުވާނެއެވެ.

މިހާރު ސަރާގެ ގާތުގައިވެސް އޭނާއަށް އިންތިހާއަށް އަޅާލާ އޯގާތެރިއަކުވެއެވެ. އެއޯގާތެރިޔާ މިހާރު މަސައްކަތް ކުރަމުން ދަނީވެސް ސަރާގެ ޒަވާޖީ ހިޔާ ލިބިގަންނާށެވެ.

[ސަރާގެ ޙަޔާތަށް ދެން އަލުން ޢިމްރާން ގެންނާކަށް އަހަންނަކަށް ނުރުހެވޭނެ. ތަކުރާރުކޮށް އަހަރެން މިހެން ބުނާނަން.] ނަޖްމާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު ސަރާއާއެވެ.

[މަންމާ! މަންމަ ތަކުރާރުކޮށް ތިހެން ނުބުންޏަސް، މިހާރު އަހަރެންވެސް ޢިމްރާނާ އަލުން ގުޅުމަކަށް ނުވިސްނަން.] ސަރާ ބުންޏެވެ.

[މަންމައަށް ފެންނަނީ ނިމާލާ ގުޅެން. އެސޮރުވެސް ދަރިފުޅުދެކެ ނުލާހިކު ލޯބިވާކަން އެބައެނގޭ. ކޮންމެ ގޮތެއްވިޔަސް ޢިމްރާނަކީ މިވަގުތު ސަރާގެ ދައްތަގެ ފިރިމީހާ.] އެއީ ނިޔާޒް އެގެއަށް އައިސް ވަން ވަގުތެވެ. ނިޔާޒްގެ ފަހަތުގައި ޢިމްރާންވެސް ހުއްޓެވެ. ޢިމްރާން ފެނުމާއެކު ސަރާ އިސްޖަހާލިއެވެ.

[ސަރާ އަހަންނަށް މަޢާފްކުރޭ...އަހަންނަށް މަޢާފްކުރޭ...] ޢިމްރާން ކުޑަކޮށް ސަރާގެ ގާތަށް ޖެހިލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭރުވެސް ސަރާ އިނީ އިސްޖަހާލައިގެންނެވެ.

[މަޢާފަށް އެދުމުގެ މަޤްޞަދަކީ އަލުން ގުޅުމަށް ހުށަހެޅުން ކަމަށް ވަންޏާ...އަހަރެންގެ ކުރިމަތިންދޭ...އޯގާތެރިން އަހަންނަށް ފެނި ދަސްވެއްޖެ. އޯގާތެރިކަމާއި ރަޙުމްނެތް މީހަކަށް އަނެކާގެ އިޙްސާސްތައް ދެނެގަންނާކަށް ނޭނގޭނެ.] ސަރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.

[ތިހެން ނުބުނޭ ސަރާ...މިއަދު އަހަރެން މިވަނީ ވަރަށް ނިކަމެތިވެފައި. އަހަންނަށް ސަރާގެ އެހީ ވަރަށް ބޭނުން. ފުރަތަމަ ސަރާ އަހަންނަށް މަޢާފްކޮށްދީ.] ޢިމްރާންވެސް ފެންކަޅިވެއްޖެއެވެ.

[އަަހަރެން މަޢާފްކޮށްފިން. އެކަމަކު އަލުން އަހަންނާ ގުޅެން ޢިމްރާން ނުވިސްނާނެ ކަމަށް އުންމީދު ކުރަން. އަހަރެންގެ ޙަޔާތުން ދެނެއް ޢިމްރާނަކަށް ފުރްޞަތެއް ދޭނޭ ޖާގައެއް ނެތް. އަހަންނަށް ރަނގަޅީ ހަމަ މިހާރުވެސް ޢިމްރާން މިތަނުން ދިޔައްޔާ....] ސަރާ ވާހަކަ ދައްކަނީ އެއިން ގޮތަށް އިނދެއެވެ. އޭނާ އިސްއުފުލައި ޢިމްރާނާ ދިމާއަށް ބަލާވެސްނުލައެވެ.

[އާދޭސް ކުރަން ސަރާ ތިގޮތަށް އަހަރެން އެކަނިކޮށްނުލާ. ދެނެއް ސަރާޔާނުލާ ދިރިއުޅުމާއިގެން ކުރިޔަކަށް ނުދެވޭނެ. އަހަރެން މާޔޫސްކޮށްނުލާ.] ޙަޤީޤަތުގައިވެސް ޢިމްރާން އެހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ނޫން...މިވަގުތު މިތަނުންދޭ. މަންމާ ޢިމްރާން ގާތު ބުނެބަލަ މިތަނުން އަހަރެންގެ ކުރިމަތިން ދުރަށްދާށޭ...] ކުއްލިއަކަށް ސަރާގެ ދެލޮލުން ކަރުނަތައް ފައިބަން ފަށައިފިއެވެ. އެހިނދު ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. ސަރާ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނަޖްމާވެސް ސަރާގެ ފަހަތުންގޮސް ކޮޓަރިއަށް ވަނެވެ.

[ދަރިފުޅު ތިކުރި ހިތްވަރަށް މަންމަ ސާބަސް ދެން. ތިހިތްވަރު ހުރިއްޔާ ދަރިފުޅަށް ދިރިއުޅުން ބަދަލުކުރެވޭނެ.] ނަޖްމާ ސަރާއަށް ތަޢްރީފް ކުރަމުން ސަރާގެ ދެލޯ ފޮހެދިނެވެ. ޢިމްރާން ސަރާޔާ ދޭތެރޭ ކުރިން ކަންތައް ކުރިގޮތުން އޭނާ އެހުރީ ވަރަށް ބޮޑަށް ޢިމްރާން މަތިން ފޫހިވެފައެވެ. އޭނާގެ ކުރިމަތީގައި ޢިމްރާން ދެން ކިތަންމެ ރޮއި އާދޭސް ކުރިއަކަސް ޢިމްރާނަށް އިތުބާރު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ގަބޫލުކުރެއެވެ. އެއްފުޅައްމަތިން ފުންމާލި ބަކަރި ހާސްފުޅައްމަތިން ފުންމާނެއެވެ. އެމީހެއްގެ ކަށީގައި ހިފާފައިވާ އާދައެއް ބަދަލުކުރެވޭނޭ އެއްގޮތެއްވެސް ނޯންނާނެއެވެ.

ދުނބުރިވެސް ކިތަންމެ ދޮންކުރިޔަސް އަނބަކަށް ނުވާނޭ ފަދައިން ޢިމްރާންވެސް ވާނީ ހަމަ ޢިމްރާނަށޭ އަބަދުވެސް ނަޖްމާ ބުނަމުންދެއެވެ.

ޢިމްރާންގެ ފޯނު ރިންގްވީ ނިޔާޒް އޭނާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތްތަނާއެވެ. ފޯނުކުރީ އޭނާގެ ބައްޕަ ރަފީޤެވެ.

[ދަރިފުޅާ..ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދޭ...މަލަކާ އެކްސިޑެންޓްވެ....] ރަނގަޅަށް ޖުމްލަ ފުރިހަމައެއް ނުވިއެވެ.

[ކީކޭ!؟ މަލަކާ އެކްސިޑެންޓްވީއޭ! މަލަކާގެ ޙާލު ކިހިނެއް މިހާރު. ކޮންތާކަށް އަހަރެމެން ދާންވީ؟] ޢިމްރާންވެސް ވަަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

[ދަރިފުޅާ އިތުރަށް ބައްޕައަށް ވާހަކައެއް ނުދެއްކޭނެ. އަވަހަށް އައި.ޖީ.އެމް.އެޗަށް އާދޭ. ވަރަށް އަވަސް ކުރައްޗޭ.] ރަފީޤު ފޯން ބޭއްވިއެވެ. ބައްޕަގެ ވާހަކަތަކުން މަލަކާގެ ހާލު ވަރަށް ސީރިޔަސް ކަމަށް ދޭހަވުމާއެކު، ޢިމްރާނާއި ނިޔާޒް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

[މަލަކާ އެކްސިޑެންޓްވީއޭ؟! އަހަރެންވެސް ދާނަން. އަހަރެންގެ ދައްތައަށް އެވަރުގެ ކަމެއް ދިމާވީމާ، ކީއްވެތަ އަހަރެން ނުދާންވީ؟] ސަރާ އެހެން ބުނީމާ ޢިމްރާންމެން ހީކުރީ ސަރާ އަރާނީ އޭނާގެ ކާރަށް ކަމަށެވެ. ނަމަވެސް އެކާރަށް އެރުމުގެ ބަދަލުގައި ސަރާ ގުޅީ ނިމާލަށެވެ. އިސާހިތު ނިމާލް ކާރުގައި އަތުވެއްޖެއެވެ.

[ކިހިނެއްވީ ބަނޑަށް ތަދުވަނީތަ؟] ސަރާއާއި ނަޖްމާ ކާރަށް އެރުމާއެކު ނިމާލް އެއްސެވެ. އޭރު ޢިމްރާންމެން ކާރުގައި ހިނގައްޖެއެވެ. ނިމާލްވެސް ކާރު ދުއްވާލައިފިއެވެ.

[ދައްތަ މަލަކާ އެކްސިޑެންޓްވެ ހާލު ވަރަށް ސީރިއަސް ކަމަށް ޢިމްރާން ބައްޕަ ގުޅާފައި ބުނީމާ، ހޮސްޕިޓަލަށް.] ސަރާ ބުންޏެވެ.

[ތިޔަހެން ވެއްޖެއްޔާ ވީހާވެސް އަވަހަކަށް ދާންވާނެ. މަލަކާ ކިހިނެއްބާ އެކްސިޑެންޓްވީ؟] ބާރު ސްޕީޑްގައި ކާރު ދުއްވަމުން ނިމާލް ބުންޏެވެ.

ސަރާއާއި އޭނާގެ މަންމައަށް ހޮސްޕިޓަލަށް ވަދެވުނު ވަގުތުވީ އޮޕަރޭޝަން ތިއޭޓަރަށް މަލަކާ ވެއްދި ވަގުތަށެވެ.

[އެތަނަށް ވެއްދިޔަސް މާބޮޑު އުއްމީދެއްނެތޯ...އަހަރެމެން އެދުނިން ބޭރަށް ގެންދަންވެސް....އެކަމަކު އެވަރުން ކިހިނެއްތަ ފްލައިޓަށް އަރުވާނީވެސް...މަލަކާގެ ހާލު ވަރަށް ސީރިއަސް....އަދިވެސް ލޭމަނާނުވޭ.] ރަފީޤު ވާހަކަ ދެއްކީ ޢިމްރާނާއެވެ.

މަލަކާގެ އެކްސިޑެންޓާ ބެހޭގޮތުން މަންޒަރު ދުށް މީހުން ބުނަމުން ދަނީ މަލަކާ ގަސްދުގައި ބާރު ސްޕީޑްގައި ދުއްވަމުން ގޮސް ހެދިގޮނޑުދޮށު ސްޓޭޖްގައި ޖައްސާލީ ކަމަށެވެ. އެވެރިން އެގޮތަށް ވާހަކަ ދައްކަނީ ސަބަބުތަކެއް ނެތި ނޫން ކަމަށްވެސްވެއެވެ. އޭގެތެރެއިން ބަޔަކު ބުނާގޮތުގައި މަލަކާ ދުރުގައި މަޑުކޮށްގެން އޮވެ ކާރުގައި ހުރި އެންމެ ބާރު ސްޕީޑްގައި ދުއްވާލިއެވެ. އެވަގުތު އެމަންޒަރު ދުށް އަންހެނަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރި ކަމަށްވެސްވެއެވެ.

އެކާރު އޮތް ޙާލަތާއި މަލަކާ އޮތް ޙާލު ފެނުނު ކޮންމެ އިންސާނަކަށްވެސް އަސަރު ކުރާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކާރު އޮތީ ބަނޑިވެގެންގޮސް ކުރިއާއި ފަހަތް އެއްވެފައެވެ. މަލަކާ ކާރުގެތެރެއިން ނެރުނު ކަމަށްވަނީ ކާރުގެ މަތި ކީހާލައިގެންނެވެ. އެވަރުވެފައިވާ ކާރެއްގެ ތެރޭގައި އޮތް މީހަކަށް ވެފައިވާނޭގޮތް ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެއެވެ.

[މަލަކާ ކިހިނެއް؟] އެވަގުތު އެތަނަށް އައިސް ހުއްޓެމުން ސަރާ ޢިމްރާން ގާތު އެއްސެވެ.

[ވަރަށް ސީރިއަސް. މުޅި މީހާ އޮތީ ފުނޑުފުނޑުވެފައި.] ޢިމްރާން މާޔޫސީ ރާގުގައި ޖަވާބު ދިނެވެ. ވަގުތުން ސަރާ ފެންކަޅިވިއެވެ.

އޭރު އެތާ ކުރިމަތީގައި ހުރި ގޮނޑިތަކުގައި މަލަކާގެ މަންމަ ޝާޢިރާއާއި ފަހީމާ ރޮއިރޮއި ތިއްބެވެ. ޝާޢިރާ ފަހީމާގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ބާރުބާރަށް ރޮމުންދާއިރު ފަހީމާ ހިސާބަކަށް ޝާޢިރާއަށް ހިތްވަރުދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

[ހިތްވަރުކުރޭ ޝާޢިރާ. އިރާދަކުރެއްވިއްޔާ އެމަންޖެއަށް ދެރަގޮތެއް ނުވާނެ.] ފަހީމާ ރޮއިރޮއިފައި ބުނަމުންދިޔައެވެ. އޭރު މަލަކާގެ ބައްޕަ ވަޖުދީ ގެންދަނީ މަލަކާ ބޭރަށް ގެންދެވޭނޭ ގޮތްތަކެއް އޮތްތޯ ހޯދައި މަސައްކަތް ކުރަމުންނެވެ. ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތާ ޙަވާލުވެގެން ދިޔައީ ނިޔާޒެވެ.

[ވަޖުދީ އެތަނަށް އައިސްވަނީ ރޮވިފައި ސަރާ ކޮޅަށް ހުންނަތާ ވަރަށްގިނައިރުވި ފަހުންނެވެ. ސަރާ ފެނުމާއެކު ވަޖުދީ ސަރާގެ ގާތަށް ހުއްޓި ސަރާގެ ބޮލުގައި އަތްކާއްތާލައި ހިތްވަރު ދިނެވެ. [ދަރިފުޅާ ބަނޑާއެކު ތިގޮތަށް ކޮށްޅައް ހުންނާކަށް ނުވާނެ. ނަޖްމާ މިމަންޖެ ގޮވައިގެން ގޮސް އިށީނދެބަލަ.] ވަޖުދީ ވާހަކަ ދައްކަނީ ގަދަކަމުން ހިތްވަރު ކޮށްގެންނެވެ. ނަޖްމާ ސަރާގެ އަތުގައި ހިފައިގެންގޮސް ގޮނޑީގައި އިށީނދެއްޖެއެވެ.

[ޑޮކްޓަރުން ހުއްދަ ދެއްވައިފިތަ ފުރަން؟] ރަފީޤު ވަޖުދީ ގާތު އެއްސެވެ.

[އަދި ވަކި ޖަވާބެއް ނުދެއްވާ....] މާބޮޑަށް އަސަރު ކޮށްފައިވާތީ ވަޖުދީއަށް މިހާރު ކިރިޔާ ވާހަކަ ދެއްކެނީއެވެ.

މިހާރު ފުލުހުންނާއި ރާއްޖޭގައި ނިކުންނަ އެކިއެކި ނޫސްތަކުގެ ނޫސްވެރިން ކެމެރާ ހިފައިގެން ހޮސްޕިޓަލްތެރޭ ޙަރަކާތްތެރިވަމުންދެއެވެ. ނޫސްވެރިންނަށް އެކްސިޑެންޓާ ބެހޭގޮތުން މަޢްލޫމާތުދެވޭވަރުގެ ހިތްވަރެއްހުރި ހަމަ އެކަކުވެސް އެތާކު ނެތެވެ.

[ފްލައިޓަކަށް އެރުވޭވަރުގެ ޙާލަތެއް އެމަންޖެގެ ނެތޯ....] ރަފީޤު ވިސްނާލަބަލަ އެއޮތީ ކާރަށްވެފައި އޮތްވަރު. ކާރަށް އެވަރުވާއިރު އެމަންޖެއަށް ކިހާވަރެއްވާނެ.] ވަޖުދީގެ ލޮލުން ކަރުނަ އައެވެ.

[މިހުރިހާ ކަމެއްވެސް ދިމާމިވީ އަހަރެންގެ ސަބަބުން. އެމަންޖެ ގާތު ކުރިން ސަރާއަކީ އެމަންޖެގެ ކޮއްކޮއެއް ކަމަށް ބުނެވުނުނަމަ މިހެން މިކަންތަކެއް ނުވީސްކަންނޭނގެ. ޢިމްރާނާ ކައިވެނި ކޮށްގެން ސަރާ މިގެއަށް އައިއިރު ސަރާއަކީ އަހަރެންގެ ދަރިއެއްކަން އަހަންނަށް ނޭނގޭވިއްޔަ....] ވަޖުދީ ހީކުރީ މަލަކާ އެކްސިޑެންޓްވާން މެދުވެރިވި ސަބަބަކީ އޭނާ ކަމަށެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޖައުފަރު

15-Jul-2020

ވަރަށް މޮޅު ވާހަކަ އެއް މިއަދު މި ކިޔާލީ ފެށިގެން މިހިސާބަށް



ޓްރެންޑިން