އިޓަލީ ފަދަ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ޕާސްތާ އާއި ސްޕެގެޓީ އަކީ އާއްމު ކެއުމެކެވެ. ނަމަވެސް އެހިސާބުތަކުގައި މިއީ ސިއްހަތަށް ފައިދާހުރި ކާނާއެއްގެ ގޮތުގައި ދެކޭއިރު، ޕާސްތާގެ ސަބަބުން ހީވެސް ނުކުރާ ފަދަ ގެއްލުމެއްލިބުމަކީ އެކަށިގެންވާ ކަމެކެވެ.

އެހެންނަމަވެސް މީގެ 15 އަހަރު ކުރީން މިވަނީ ޕާސްތާ ރީހީޓްކޮށްގެން ކެއުމުމުގެ ސަބަބުން 20 އަހަރުގެ ޒުވާނަކު މަރުވެފައެވެ. މިހާދިސާއަކީ އެންމެނަށްވެސް އިބުރަތްލިބިގެންދާނެ ހާދިސާއެކެވެ.

އުމުރުން 20 އަހަރުގެ ބްރަސެލްސް އޭޖޭ ނަމަކަށް ކިޔާ މިޒުވާނާ މަރުވީ ޓޮމާޓޯ ސޯސް ހިމަނައިގައި ތައްޔާރުކޮށްފައިވާ ޕާސްތާއެއް ގިނައިރުތަކެއް ފަހުން އަލުން ހޫނުކޮށްގެން ކެއުމުންނެވެ. އޭނާ ހޫނުކޮށްގެން ކެއި މިޕާސްތާއަކީ މީގެ ފަސް ދުވަސް ކުރިން އޭނާ ތައްޔާރުކޮށްފައި ރޫމް ޓެމްޕަރޭޗަރގައި ބަދިގޭގައި ބަހައްޓާފައި ހުރި ޕާސްތާއެވެ. ކޮންމެއަކަސް އޭނާ ކުޅެން ދިޔުމުގެ ކުރިން އޭނާ އެޕާސްތާކެއީ މައިކްރޯވޭވްކުރުމަށްފަހުއެވެ.

ކުޅެން ނުކުމެ އުޅެނިކޮށް މާގިނައިރުތަކެއް ނުވެ، މޭނުބައިކުރުމާއި، ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިހުން ކުރިމަތިވާންށުމުން އޭނާ ގެއިން ބޭރަށް ނިކުއްތާ އެންމެ 30 މިނެޓް ފަހުން ގެއަށް އައެވެ.

ގެއަށް ވަދެވުނުތަނާ ހޮޑުލެވެންފެށިއެވެ. އަދި ބަނޑު ދިޔާވެ ބޭރަށްހިންގުން ކުރިމަތިވެ، ރޭގަނޑު ދަންވަރަށް އެޅުމުން ވަރުބަލިވެގެން ނިދުނެވެ. އޭނާ މަރުވެފައިވާކަން އެނގުނީ ޖެހިގެންއައި ދުވަހު ހެނދުނު 11 ޖަހާއިރު، އޭނާގެ މައިންބަފައިން އޭނާގެ ހާލު ދެކިލަން ބެލިބެލުމުންނެވެ.

މިހާދިސާވަނީ އެމެރިކާގެ ޖާނަލް އޮފް ކްލިނިކަލް މައިކްރޯބަޔޮލޮޖީގައި ނެރުނު ރިޕޯޓެއްގައި ވަނީ ޝާއިއުކުރެވިފައެވެ.

އޮޓޮޕްސީން އެނގުނު ގޮތުގައި އޭނާ މަރުވެފައިވަނީ ޕާސްތާ ކެއުމަށްފަހު 10 ގަޑިއިރު ފަހުން، ފަތިހު 4 ޖަހާލިހާކަންހާއިރު އެވެ. އެއީ 'ބެސިލަސް ސެރިއަސް' ނަމަކަށް ކިޔާ ބެކްޓީރިއާގެ ސަބަބުން ކާނާ ވިހަވި ކަމަށް ޝައްކުކުރެވޭ ކޭސްއެއް ކަމަށް ޖާނަލް އޮފް ކްލިނިކަލް މައިކްރޯބަޔޮލޮޖީ އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އަދި ޒުވާނާ މަރުވީ ކާނާ ވިހަވުމުގެ ސަބަބުން އޭނާއަށް ސެންޓްރިލޯބިއުލާ ލިވަރ ނެކްރޮސިސް ޖެހި، އޭނާގެ ގުނަވަންތައް މަސައްކަތްކުރުން ހުއްޓުމުންކަމަށެވެ.

އަދި އެޒުވާނާ ކެއި ޕާސްތާ ގިނަދުވަސްތަކެއް ވަންދެން ފިނިން ބޭރުގައި ބަހައްޓާފައި ހުރުމުން ބެކްޓީރިއާ އާލާވެ އޭގެ ސަބަބުން އުފެދުނު ވިހަ މާއްދާގެ މިންވަރު 14.8ގްރާމަށް އަރައިފައިވާ ކަމަށްވެސް އެރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފްރައިޑް ރައިސް ސިންޑްރޯމް އަކީ ކޮބައިތޯ؟

އުމުރުން 20 އަހަރުގެ ޒުވާނާ މަރުވެފައިވަނީ 2008 ވަނަ އަހަރުގައި ނަމަވެސް އޭނާގެ މައްސަލަ އިތުރަށް ދިރާސާކުރަމުން މިވާހަކަތައް އަލުން 2011 ވަނަ އަހަރު ދެކެވި ފްރައިޑް ރައިސް ސިންޑްރޯމް މި ލަފުޒު ޓިކްޓޮކްގައި ވައިރަލްވެ ބޭނުންކުރަންފެށިއެވެ. މިއީ ރަނގަޅަށް ރައްކާކޮށްފައި ނުވާ ކާނާ އަލުން ހޫނުކުރުމުން ދިމާވާ ކާނާ ވިހަވުމަށް މިހާރު އާއްމުކޮށް ބޭނުންކުރެވޭ ބަހެކެވެ. މީގެ ތެރޭގައި ބަތާއި އާފަލު އަދި ޕާސްތާ ހިމެނިދާނެއެވެ.

ކައްކާފައި ނުވާ ކާނާގައި ބެސިލަސް ސެރިއަސްގެ ސްޕޯރސް ކިޔާ ބެކްޓީރީއާ ހުންނާނެއެވެ. އަދި ބައެއްފަހަރު ކާނާ ކެއްކުމުންވެސް މުޅިންހެން މިބެކްޓީރިއާ އެއްކޮށް މަރުނުވެ ހުރެދާނެއެވެ. އަދި އާއްމު ފިނިހޫނުމިނުގައި ބަހައްޓައިފިނަމަ ބެކްޓީރިއާ ގިނަވެ، އެކެއުމުން ބޭރަށްހިންގުން މެދުވެރިވެދާނެ އެވެ. މި ހާލަތުގައި، އެ ކާނާ ކެއުމަށްފަހު އެއް ގަޑިއިރާއި ހަ ގަޑިއިރުގެ ތެރޭގައި ބަލިވެދާނެއެވެ.

ކައްކާފައި ހުންނަ ކާނާ އާއްމު ރޫމް ޓެމްޕަރޭޗަރގައި ނުވަތަ ފިނިހޫނުމިނުގައި ގިނައިރު ބެހެއްޓުމުން ބެކްޓީރިއާ އާލާވެ ގިނަވެ އެ ކާނާ ކެއުމަށް ރައްކާތެރި ނޫން ހާލަތަށް ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. މި ވިހަ މާއްދާތައް ކެއުމަށްފަހު ގޮހޮރުގައި ވެސް ބެކްޓީރިއާ އުފެދި ގާތްގަނޑަކަށް 15 ގަޑިއިރު ފަހުން ކާނާ ވިހަވުން މެދުވެރިވެދާނެ އެވެ. މިއީ މަހާއި ސޯސް، ސޫޕް އަދި ކިރު ފަދަ ތަކެތި ކަމުގައިވީނަމަވެސް ފަރުވާތެރިވާންޖެހޭނެ ކަމެކެވެ.

ކާނާ ރައްކާތެރިކަން ކަށަވަރު ކުރާނީ ކިހިނެއް؟

އެމެރިކާގެ އެންއެޗްއެސް އިން ބުނާ ގޮތުގައި ކެއުމުގައި ބަލަންވީ ކެއްކުމަށްފަހު ގިނައިރުނުކޮށް ތާޒާކަންމަތީ ހޫނުކޮށް ހުއްޓައި ކެއުމަށެވެ. އަދި ވަގުތުން ބޭނުން ނުކުރެވިއްޖެނަމަ ގަޑިއެއްހާއިރުގެ ތެރޭގައި ފިނިކުރުމަށް ފްރިޖަށް ލައި އަދި ފްރިޖުގައި ރައްކާކުރަން ޖެހެއެވެ. އެއްފަހަރަށްވުރެ ގިނައިން އަލުން ހޫނުކޮށްގެން ނުވާނެ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން