ޒުވާން އަންހެންކުދިން ހައްދާލައިގެން އެމީހުންގެ ފައިދާނެގުމަކީ ބައެއް ފިރިހެނުންނަށް ވަރަށް މަޖާ ކަމެކެވެ. އަދި ފޫހިފިލުވާލުމަށް މިގޮތަށް އަންހެންކުދިން ގެންގުޅެނީ ހަމައެކަނި ކައިވެނިނުކޮށް އުޅޭ މީހުނެއްވެސް ނޫނެވެ. މިކަމުގައި އެންމެ ކުރީގައި އުޅެނީ ކައިވެނިކޮށްގެން އަދި ދަރީންވެސް ލިބި އެދަރީން ބޮޑެތިވެފައިވާ ފިރިހެނުންނެވެ. ކައިވެނިކޮށްގެން އުޅޭ މިފަދަ ފިރިހެނުން އޮޅުވާލައިގެން އެތައް އަންހެންކުދިންނެއް އެމީހުންގެ މަޅީގައި ޖައްސައިގެން ގެންގުޅެމުންދަނީ އެތައް ބަހަނާތަކެއް ދައްކަމުންނެވެ.

ޒުވާން އަންހެންކުދީން ގިނަފަހަރަށް މިފަދަ ފިރިހެނުންގެ މަޅީގައި ޖެހިގެންދަނީ އެމީހުން ބޭނުންކުރާ ތަފާތު އުކުޅުތަކުގެ ސަބަބުންނެވެ. އެކަމުން ޒުވާން އަންކުދީން މިފަދަ މީހުންގެ ބަސްމޮށުންތެރިކަމާއި އެދައްކާ ވަހަކައަށް ނުހަނު ވިސްނުންތެރި ކަމާއެކު އަޑުއަހާށެވެ. އެފަދަ ފިރިހެނުން އުފާ ހާސިލްކުރަން ވަރަށް ތަފާތު ގޮތްގޮތަށް ވާހަކަދައްކާނެވެ. އެގޮތުން އަންހެނުންގެ ހިތް ލަންބުއާލަން އެމީހުން ބޭނުންކުރާ ތަފާތު ޢިބާރާތްތައް ތިރީގައި ހިއްސާކޮށްލަމެވެ.

އަންހެންކުދިން ލަންބުވާލުމަށް ފިރިހެނުން ބޭނުންކުރާ މަކަރުވެރި އުކުޅުތައް:

1. 'ހުސް މީހެއް' ކަމަށް ބުނުން:

ތިބާގެ ފައިދާނަގަން އުޅެނީ ކައިވެނިކޮށްގެން އުޅޭ ފިރިހެނެއްނަމަ އެންމެ ފުރަތަމަވެސް ތިބާ އަތުން ދޫވެދާނެތި ބުނާނީ އޭނާ ސިންގަލް ކަމަށެވެ. ނުވަތަ އެކަނިވެރިޔެއް ކަމަށެވެ. އޭނާ ކުއްޖަކާއި ރައްޓެހިވެގެން ނުވަތަ އިނދެގެން އުޅޭކަމަށް ބުނެފިނަމަ ތިބާ އޭނާއާއި ދުރަށް ހިނގައިދާނެތީ އެންމެ ފުރަތަމަވެސް މިދޮގު ހަދާނެއެވެ. އެހެންކަމުން މީހަކާ ރައްޓެހިވާއިރު އޭނާގެ ހަޤީގަތް ހޯދުމަށްފަހު ނޫނީ މިޒަމާނުގައި އެއްވެސް މީހަކާއި އެފަދަ ލޯބީގެ ގުޅުމެއް ބާއްވައިގެން ނުވާނެއެވެ.

2. އަނބިމީހާ ވަރަށް ގޯސް:

އަނބިމީހާ ކިތައްމެ ގޯސްވިޔަސް، އޭނާ ދޫކޮށްލެވޭނީ އިންނާނެ މީހަކު ލިބުނީމައެއް ނޫންހެއްޔޭ ބުނެ ޒުވާން އަންހެންކުދީން ހައްދާލައިގެން އުޅޭ މީހުން މިއަދު މިރާއްޖޭގައި ވަރަށްވެސް ގިނައެވެ. މީގެތެރެއިން ބައެއް ފިރިހެނުން ބުނަމުންދާ އަނެއް ޢިބާރާތަކީ ކިތައްމެ ގޯސްވިނަމަވެސް އަނބިމީހާ ވަރިކުރަން ބޭނުންނުވާ ކަމަށާއި ނަމަވެސް އިންނާނެ އިތުރު ކުއްޖަކު ހޯދަނީ އަނބެއްގެ ފުރިހަމަ ލޯތްބާއި އަޅާލުން ބޭނުންވާތީ ކަމުގައެވެ. މިފަދައިން ބުނެ އަންކުއްޖާއާ ދެއަންބަށް އިންނަން ބޭނުންވާކަމަށް ބުނެ އެކުއްޖާހިތް އޭނާއަށް ލަންބުއައެވެ. ދެން އެއަންހެންކުއްޖާ އޭނާގެ މަޅީގައި ރަނގަޅަށް ބެދުމުން އެތައް އަހަރެއްވަންދެން އަންހެން ކުއްޖާގެ ޒުވާންކަމުގެ ފައިދާ ނަގަމުންދެއެވެ. މިފަދަ ފިރިހެނުން ޒުވާން އަންހެންކުދީން އޮލުވާލައިގެން އަހަރުތަކެއް ވަންދެން ގެންގުޅެނީ ކުޅިވަރަކަށް ހަދާލައިގެންނެވެ.

3. ތިހާ ފުރިހަމަ ކުއްޖަކާއި އަދި ދިމާނުވޭ:

މިޖުމްލައަކީ ދެމަފިރިއެއްގެ އާއްމު ދިރިއުޅުމުގައި އަނބިން ފިރިންގެ ފަރާތުން އަޑުއިވެން ބޭނުންވާނެ ޢިބާރާތެއް ނަމަވެސް މިއީ ވަރަށް މަދު ބަޔަކަށް ނޫނީ އަޑުނީވޭނެ ޢިބާރާތެކެވެ. އެހެންކަމުން މިހެން މީހަކު ބުނާ އަޑުއިވުމަކީ އަންހެންކުއްޖާއަށް އޭނާގެ ޚާއްސަކަން އިހުސާސްވެ އޭނާއަކީ ފިރިހެންމީހާއަށް މުހިންމު މީހެއްކަމަށް ހީކުރެވި ޤަބޫލުރެވިގެންދާނެ ކަމެކެވެ. އެހެންނަމަވެސް ދަންނަންވީ ހަގީޤަތަކީ މިހެން އާއްމުކޮށް ބުނެއުޅޭނީ އެކިއެކި އަންހެންކުދިން ގެންގުޅޭ ނުވަތަ ގެންގުޅެފައިވާ އަންހެނުންގެ ފައިދާ ނަގަމުންދާ ފިރިހެނުންނެވެ. އެމީހުންނަށް ހީވާގޮތުގައި މިފަދަ ބަސްތަކުން އަންހެންކުދިން ހައްދާލައިގެން ގެންގުޅެން ފަސޭހަވާނެއެވެ. އަންހެންކުދިން ވިސްނާލާށެވެ. މިފަދަގޮތްގޮތަށް ފޮނި ބަސްތައް އާއްމުކޮށް އަމުނާނީ ސީރިއަސްކަމެއް ނެތް އަދި މާދަމާ އެހެން އަންހެނަކު ފެނުމުން ތިބާ ދޫކޮށްދާން ފަސްނުޖެހޭނެ މީހުންނެވެ.

4. އެއްވެސް މީހަކު ގާތުގައި ނުބުނާނަމޭ ބުނުން:

ފިރިހެނުން އެމީހުންގެ ޝަހުވަތްތައް ފުއްދުމަށް އަންހެނުންކުދިންގެ ފައިދާ ނަގަން ބޭނުންކުރާ އަނެއް އުކުޅަކީ އެމީހުންނަށް ވަސްވާސްތައްދީ އެއްވެސް މީހެއް ގާތުގައި ނުބުނާނެ ކަމަށް ބުނުމެވެ. އެއްވެސް މީހެއް ކައިރީ ނުބުނާނެކަމަށް ބުނެފައިވިޔަސް އެއްވެސް މީހަކަށް ތިބާގެ ހަށިގަނޑާއި އަތްލިޔަނުދޭށެވެ. މިފަދަ ފިރިހެނުން އެމީހުންގެ އެކުވެރިންނާއި މުޅި މުޖުތަމައަށް ތިބާ ބޭޒާރުކޮށްލާނީ ކޮންދުވަހަކު ކަމެއް ތިބާއަށް ނޭނގޭނެއެވެ.

5. ތަޢުރީފުތައް ގިނަވުން:

އޭނާ ތިބާގެ ފަރާތުން އެދުމެއް ފުއްދަން ބޭނުންވާނަމަ އަބަދުހެން ތިބާގެ ސިފައިގެ ފުރިހަމަކަމަށް ތަޢުރީފުކުރާނެއެވެ. އަދި މާދުވަހެއްނުވެ ލޯބިވާކަމަށްވެސް ބުނާނެއެވެ. ވިސްނާލާށެވެ. ރީއްޗޭ ބުނާކޮންމެ މީހަކީ ތިބާގެ ނަފްސާއި ތިބާގެ ހަށިގަނޑަށް ޤަދަރުކުރާނެ މީހެއް ނޫނެވެ. މިފަދަ މީހުންނާއި އާއްމު އެހެން ފިރިހެނުންނާއި ތަފާތަކީ އެމީހުން ތިބާއަށް އަބަދު ތައުރީފެއް ނުކުރާނެއެވެ. އަދި ތިބާ ދެކެ ލޯބިވާ މީހަކު ތިބާއަށް ތައުރީފުކުރާއިރު އެބަސްތައް ތިމާއަށް 'ޖެނުއިން' ނުވަތަ ހިތުގެ އަޑިން އަންނަ ބަސްތަކެއް ކަމުގައި އިހުސާސްކުރެވޭނެއެވެ.

6. 'އަހަރެން ދުވަހަކުވެސް މިހެން ނޫޅެން:

މިއީ އަންހެންކުދިން ހައްދަން އުޅޭ ފިރިހެނުންގެ އާއްމު ބަހެކެވެ. ތިބާ ހައްދާލަން އެބަސް ބޭނުންކުރަނީ އޭރުން ތިބާއަކީ އޭނާއަށް ޚާއްސަ މީހެއްކަމަށް އިހުސާސްކުރެވި އޭނާ ބޭނުންވާ ކަމެއް ހާސިލްކުރަން ފަސޭހަވާނެތީއެވެ. އަންހެންކުދިން މިކަމަށް ހުށިޔާރުވާށެވެ. އެހެން ނޫޅޭ މީހަކަށް އެހެން ބުނަން ނޭނގޭނެއެވެ. ނުވަތަ އެޔަގީންކަން އަރުވަންޖެހޭ ކަމެއް ވިސްނިފައިނުވާނެއެވެ. އޭނާ އެހެން ނޫޅޭކަން ތިބާއަށް ވިސްނައިދޭން މަސައްކަތްކޮށްފިނަމަ އެއީ އެހެން އުޅޭމީހެއްކަން ޔަގީންކުރާށެވެ.

7. 'އަހަރެންނަށް ލާރިލިބޭ ކޮޅުތައް ގިނަވާނެ':

އަންހެނުންނަކީ ލާރިއަށް އެކީގައި ވަގުތު ހޭދަކުރާ ބައެއްކަމަށް ދެކޭ ފިރިހެނުންނަކީ ތިބާއަށް ދޮގުހަދާނެ ބައެއްކަމަށް ޔަގީންކޮށްލާށެވެ. އަންހެނުންނަކީ ހަމައެހައި އަގެއްނެތް ލާރިއަށް ވިކޭނެ ބައެއްކަމަށް އިހުސާސްކުރެވޭ މީހުން ނޫނީ އަތުގައި ހުރި ލާރީގެ ވާހަކައެއް ނުދައްކާނެއެވެ. އަދި އަންހެންކުދިންނަށް އެމައުލޫމާތު ހިއްސާކުރުމުގެ ބޭނުމަކީ އޭނާއަތުގައި ނެތް ފައިސާއެއްގެ ދަޅަދައްކައިގެން ނަމަވެސް އަންހެންކުއްޖާގެ ފައިދާ ނެގުމަށް ޖަހާ މަޅިއެކެވެ.

8. 'އަހަރެން އެހައިގިނައިން ބޭރުތެރޭގައެއް ނޫޅެން':

ބޭރުތެރޭގައި ނޫޅޭކަމަށް ބުނުމުގެ ބޭނުމަކީ އޭނާގެ މައުސޫމުކަން އަންހެންކުއްޖާއަށް ޔަގީންކޮށްދިނުމެވެ. އަދި ނުބައި ނިޔަތެއް ނެތްކަމަށް އަންހެންކުއްޖާއަށް ވިސްނައިދިނުމެވެ. އާއްމުކޮށް ބޭރުތެރޭ އުޅޭ އެކި ކޮފީމޭޒުތަކުގައި ފިރިހެނުން ދައްކާ ގޯސްވާހަކަތަކާއި ތިމަންނަ ނުވަމޭ، ތިމަންގެ ރައްޓެހިންނެއް ނުތިބޭނޭ ބުނާނީ ތިބާއަކީ ރިވެތި އަޚުލާޤެއްގެ ވެރިއެއްނަމަ ތިބާއާއި އޭނާގެ މިޒާޖު ގުޅޭކަމަށް ދެއްކުމަށެވެ. އަދި އޭރުން ފަސޭހައިން ތިބާގެ ޖަޒުބާތުތަކާއި ކުޅެވޭނެ މަގުކޮށައި އޭނާގެ ވިޔާނުދާ ވިސްނުމާއިއެކު ތިބާގެ ފައިދާ ނެގުމަށް ޕްލޭންކުރެވޭނެއެވެ.

9. 'އަހަރެންގެ ހަޔާތަށް ރަނގަޅު ބައިވެރިއެއްގެ އިންތިޒާރުގައި މިހުރީ':

މިހެން ބުނާނީ އޭނާއަކީ އަންހެން ކުދިންނަށް އަޅާލާ އަންހެނުންނަށް އިހުތިރާމްކުރާ ތެދުވެރި މީހެއްގެ ގޮތުގައި އަމިއްލަ ނަފްސު ތިބާއަށް ހުށަހެޅުމަށެވެ. ތިމަން އެކިއެކި ކުދިންނާއި ވާހަކަ ދައްކަނީ އެމީހުންގެ ފައިދާނަގާށޭ ބުނުމުން ތިބާދާނީ ދުރަށް ނޫންހެއްޔެވެ؟ އެފަދަ މީހުން އަބަދުވެސް ބޭނުންވާނީ ތިބާ ހައްދާލައި ތިބާގެ ބޭނުންވެސް ހިފާލާށެވެ. އެހެންކަމުން މިފަދަ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ. އަދި ބައިވެރިއެއް ހޯދުމުގައި އެމީހެއްގެ މައުލޫމާތު ނުހޯދައި މީހަކާއި ކައިރިނުވާށެވެ.



ކިޔުންތެރިންގެ ހިޔާލު


0

ޖޯޖް

04-Oct-2023

ދެން ލިޔެލަންވީނޫންތޯ އަންހެނުން ފިރިހެނުނ ހައްލަން ޖަހާ މަޅިތަކުގެ ލިސްޓު.



ޓްރެންޑިން