ޞާދިރު ޢަލީދީދީ   16 ޖުލައި 2020 - 14:30
ސަރާ
ސަރާ
އެޕިސޯޑް 27

...............

[މަންމަ ކީއްވެތަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ؟] ގެއަށް ވަދެވުމާއެކު ޢިމްރާންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މިހެން ބުނެވުމާއެކު އެނދުމައްޗަށް ވެއްޓިގެންފިއެވެ.

[ދަރިފުޅާ...މަންމައަށް މަޢާފްކުރޭ...ދަރިފުޅު ލޯބިވާ ސަރާ އަލުން ދަރިފުޅުގެ ޙަޔާތަށް ގެނަޔަސް މަންމަގެ އެއްވެސް މައްސަލައެއް ނެތް. އަވަހަށް ސަރާ މިގެއަށް ގެނޭ. ކުށެއްނެތް އަންހެން ކުއްޖަކާ ދޭތެރޭ މަންމައަށް ކަންތައް ކުރެވުނު ގޮތާމެދު ވިސްނި، މިހާރު މަންމަ ވަރަށް ހިތާމަކުރަން.] ފަހީމާ ޢިމްރާން އޮތް އެނދުގެ މަގަތުގައި އިށީނދެ ޢިމްރާންގެ ބޮލުގައި ފިރުމަން ފެށިއެވެ.

[ސަރާ އަހަންނަކަށް މަޢާފެއް ނުކުރާނެ. ޢަމުދުން ސަރާގެ މަންމަވެސް އަހަންނަކަށް މަޢާފެއް ނުކުރާނެ. އެމީހުންގެ ހިތުގައި ޖެހިފައިވަނީ މާބޮޑަށް. އަހަންނަށް އިޙްސާސް ކުރެވޭ މަންމަގެ ސަބަބުން ސަރާ ރޮއި ހިތާމަކުރިވަރު.] ޢިމްރާނަށް ރޮވެން ފަށައިފިއެވެ.

[އަދި މަސައްކަތްކޮށްލަބަލަ. ސަރާއަކީ ތިބުނާހާ ހިތްހަރު ކުއްޖެއް ނޫން. އެމަންޖެ މަޢާފްކުރާނެ.] ފަހީމާވެސް ފެންކަޅިވެއްޖެއެވެ. އޭނާގެ ސަބަބުން ދަރިފުޅު އުޅެމުންދާ ހިތްދަތި ޙާލަތު ފެނި މިހާރު އޭނައަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[އަހަރެން މިއައީވެސް ހޮސްޕިޓަލުން. ސަރާގެ މަންމަ އަހަންނާ ދިމާއަށް ބަލައިވެސްނުލި. އަހަރެން ސަރާއަށް ދޭން ކުރުނބާ ފެންތަށްޓެއް ގެނެސްދިނީމާ އެއަކުވެސް ނުހިފި.....] އަސަރުން ފުރިފައިވާ އަޑަކުން ޢިމްރާން ވާހަކަ ދެއްކިއެވެ. ފަހީމާ ވަރަށް ދެރަވެއްޖެއެވެ. ކުރިން ދުވަހަކުވެސް ޢިމްރާނަށް އެވަރަށް އަސަރުކޮށްފައި ވަނިކޮށެއް އޭނައެއް ނުދެކެއެވެ. އޭނާގެ ސަބަބުން އޭނާގެ ބަނޑުއަޅާ ވިހޭ ހަމައެކަނި ދަރިފުޅަށް މިޖެހުނީ ކޮންފަދަ ނިކަމެތި ޙާލެއް ހެއްޔެވެ؟ އެއްވެސް ހާލެއްގައި އޭނާ އެކަންތައް ކުރީކީ ދަރިފުޅަށް ދެރައެއް ދިނުމުގެ ގަސްދަކު ނޫނެވެ. އޭނާ އުޅުނީ ދަރިފުޅަށް މޮޅުގޮތް ހޯދައިދޭށެވެ.

[ހިތްވަރުކުރޭ...ދަރިފުޅާ...މިވަގުތު ދަރިފުޅު އަރާމްކޮށްލާ. ވަރުބަލިފިލީމާ ސަރާއަށް ގުޅާނީ. އެމަންޖެ ވިހޭމާ އެތާނގައި ތިބި މީހުން ގުޅާނެވެސްމެއެއްނު.] ފަހީމާ ޢިމްރާންގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެދިނުމަށްފަހު ކޮޓަރިން ނުކުތެވެ.



ވިއްސާ ކޮޓަރިން ނެރެގެން ސަރާ ގެންދެވުނީ ނިމާލް ހިފާފައި ހުރި ޕްރައިވެޓް ކޮޓަރިއަކަށެވެ. ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހުވެސް ނިމާލް ނިޔާޒަށް ގުޅަން އުޅުނެވެ.

[ޢިމްރާންމެނަށް ގުޅަންތަ؟] ނިމާލް މިފަހަރު އެހީ ސަރާ ގާތުގައެވެ.

[ނޫން...ނުގުޅާތި...އަޅެ ދައްތަ...ހަމަ މަރުވީތަ؟] ކުއްލިއަކަށް މަލަކާގެ މަތިން ހަނދާންވެގެން ސަރާއަށް ރޮވުނެވެ. ނަޖްމާ ސަރާގެ ގާތަށްޖެހި ހިތްވަރުދޭން ފެށިއެވެ.

[އެމީހުނަށް ގުޅާނެ ކަމެއްނެތް. އެއީ އެވަރުގެ ބައެއްނަމަ، އަހަރެން ވާހަކަ ނުދެއްކިޔަސް ސަރާ ވިހައިގެން ނެރެންދެން މިތާ ތިބޭނެ. އަހަރެން މިބުނީނު ދެން އެކަމެއް ނުވާނެޔޭ.] ނަޖްމާ ހުރީ ވަކިގޮތަކަށް ޢަޒުމް ކަނޑައަޅައިގެންނެވެ.

[މަންމާ އަހަރެންވެސް ނޫޅެމޭ އެކަން ކުރާކަށް. ދެން ތިވާހަކަ ނުދައްކަބަލަ. ހޮސްޕިޓަލުން ދޫކޮށްލީމާ އަހަރެން ބޭނުންވަނީ ރަށަށްދާން.] ސަރާގެ މިޖުމްލައިގެ އަޑު އިވުނީމާ ނިމާލަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[ރަށަށްދާނީއޭ....ތިހެން ނުބުނޭ ސަރާ...ސަރާ ރަށަކަށް ނުދާނެ. ކިތަންމެ ދުވަހެއް ވަންދެންވެސް ސަރާއަށް އަހަރެންގެ ގޭގައި ހުރެވޭނެ. ސަރާގެ އަމިއްލަ ގެއެކޭ އެއްފަދައިން އެގޭގައި އުޅުމަކަށް ހުރަހެއް ނެތް.] ބޭބީގެ ކޮލުގައި ކޮށްޓާލަމުން ނިމާލް ބުންޏެވެ.

[އަބަދު ނިމާލްވެސް އަހަންނަކަށް އެހީއެއް ނުވާނަމެއްނު.] ސަރާ ނިމާލްގެ މޫނަށް ބަލައިލިއެވެ.

[ދާއިމަށްވެސް ސަރާ ބޭނުމިއްޔާ އަހަރެންގެ އެހީ ލިބޭނެ. ސަރާޔާއި ސަރާގެ ދަރިފުޅުގެ ސަބަބުން އަހަރެންގެ ގެއަށް އާރޯކަން އަންނާނެ.] ނިމާލް ބުނެލިއެވެ. މިހާރު ނިމާލް ބޭނުންވަނީ އޭނާ ސަރާޔާ ދޭތެރޭ ދެކޭގޮތް ފާޅުކޮށް ސަރާ އޭނާގެ ދިރިއުޅުމަށް ގެނެވޭނޭ ގޮތް ފަހިކުރާށެވެ. ޢިމްރާންގެ ޙަޔާތާ ގުޅިގެން އުޅުނު ދުވަސްވަރު ސަރާ ހިތްދަތިކަން ބަރުދާސްތު ކުރަންޖެހުނު ކަމުގައިވިޔަސް، އޭނާ ސަރާއަށް އެފަދަ ދުވަސްތަކެއް ނުދައްކާނެއެވެ. އޭނާ ސަރާ ގެންގުޅޭނީ ލޯތްބާއި އޯގާތެރިކަމުގެ ހިޔާވައްސެއްގައެވެ.

އޭނާ ސަރާއަށް ކުރިން ލިބިފައިނުވާ ލޯބި ދޭނެއެވެ. ޢިމްރާންގެ ހަނދާންތަކުން ސަރާއަށް އެއްކިބާވެވޭނޭ ވަރަށް އޭނާ ސަރާއަށް ލޯބިދޭނެއެވެ.

[ނިމާލް މިވަގުތު ތިހެން ބުންޏަސް އަބަދަކު ހިލޭ ބަޔަކަށް ތިގޮތަށް އެހީވާކަށް ނިމާލްގެ ޟަމީރުވެސް އެއްބަހެއް ނުވާނެ.] ސަރާ އިސްޖަހައިގެން ހުރެ ވާހަކަ ދެއްކިއެވެ.

[އަބަދަށް ސަރާ އަހަންނާ ހިލޭވެފައެއް ނުހުންނާނެ. ސަރާ...އަހަންނަށް ސަރާގެ ތިދަރިފުޅަށް ބައްޕައެއްގެ ލޯބި ދެވިދާނެ. ސަރާ އެއްބަސްވަންޏާ ތިދަރިފުޅު ލައްވާ ބައްޕަ ކިޔުއްވަންވެސް ބޭނުންވޭ....] ބޭއިޚްތިޔާރުގައި ނިމާލްގެ ހިތް ހުޅުވެން ފަށައިފިއެވެ. ސަރާ ކުޑަކޮށް ހުއްޓުންއެރިއެވެ.

[ނިމާލް ބޭނުންގޮތެއް....] ސަރާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޖަވާބު ދިނީ ސަރާގެ މަންމަ ނަޖްމާއެވެ.

އެވަގުތު ސަރާގެ މޯބައިލް ފޯން ރިންގްވާން ފެށުމާއެކު ސަރާ ފޯން ނަގައިފިއެވެ. ފޯނުކުރީ ޢިމްރާނެވެ.

[ސަރާ...އަހަރެންގެ އާދޭހުގެ އަޑު އަހާބަލަ. އަހަރެން ބޭނުން ދަރިފުޅު ދެކެލަންވެސް. އެކަމަކު ސަރާއާއި ސަރާގެ މަންމަގެ މޫނުމަތިން ފާޅުވަމުންދާ ނުރުހުމާއި ރުޅިވެރިކަމުގެ ސަބަބުން ތިދެމައިންނާ ކުރިމަތިލެވޭހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. ހެޔޮނުވާނެ، ސަރާ އަލުން އަހަރެންގެ ޙަޔާތަށް އައިސް އަހަންނަށް ހިތްހަމަޖެހުން ހޯދަދީ....ސަރާ މިއަދު ކިތަންމެ ނުރުހުމުގެ އަސަރު ދެއްކިޔަސް ސަރާ އަހަރެންދެކެވާ ލޯތްބަށް އެއްވެސްވަރެއްގެ ބުރުލެއް އަރާފައިނުވާކަން އަހަރެން ޔަޤީންކުރަން....ސަރާ...އަހަރެން ސަރާދެކެ ވަރަށް ލޯބިވޭ. ސަރާ އަލުން އަހަރެންގެ ޙަޔާތަށް އަންނަން އެއްބަސްނުވެއްޖެއްޔާ އަހަރެން މޮޔަވެސްވެދާނެ. މަރުވެސް ވެދާނެ.] ޢިމްރާންގެ ވާހަކަތައް އަޑުއަހަން އޮތް ސަރާ ކިތަންމެ ކެތްކުރަން މަސައްކަތް ކުރިކަމުގައިވިޔަސް، އޭނާއަކަށް ހިތްވަރެއް ނުކުރެވުނެވެ. ފޯނު ކަނޑާލެވުމާއެކު އޭނާއަށް ރޮއިގަނެވުނީއެވެ.

[ޢިމްރާން...ކިތަންމެ އާދޭސްކުރިޔަސް....މަންމައާ ދެކޮޅަށް އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭނެ...މަންމާ...ޢިމްރާން..ހާދަ އެބަ ރޮއޭ....] ރޮމުން ގިސްލަމުން ސަރާ ވާހަކަ ދެއްކިއެވެ.

އެވަގުތު ސަރާއަށް ކޮށްފައިވާ އަސަރު ފެނުމުން ސަރާ ޢިމްރާންދެކެ ލޯބިވާ މިންވަރު ވަރަށް ރަނގަޅަށް ނަޖްމާއަށް އިޙްސާސް ކުރެވުނެވެ. އެހެން ނަމަވެސް ދެން ޢިމްރާނާ އޭނާގެ ދަރިފުޅު ގުޅުވާކަށް އޭނާގެ ނަފްސު އެއްބަހެއް ނުވެއެވެ.

[އަޅާނުލާ ދަރިފުޅާ، ދަރިފުޅު ހަނދާން އެބަހުރިތަ، ފުރަތަމަ ދަރިފުޅު ފެނުމުން އޭނަ ދަރިފުޅުގެ ރުހުން ހޯދަން ކުރި އާދޭހާއި، ރުއި ރުއިމުގެ މަތިން...އެކަމަކު..އެކަމަކު ފަހުން ދަރިފުޅާ ދޭތެރޭ ރަޙުމެއް ނެތެއްނު. ދަރިފުޅުގެ ބައްޕަވެސް މަންމަގެ ލޯބި ހޯދަން ފުރަތަމަކޮޅު ވަރަށް އާދޭސްކުރި. މަންމަގެ ކުރިމަތީގައި ރޯންވެސް ރުއި....އެކަމަކު އޭނަވެސް މަންމައާ ދޭތެރޭ ކަންތައްކުރީ ކިހާ އިހާނެތިކޮށް...އޭނަގެ ސަބަބުން މަންމަގެ މުޅި ދިރިއުޅުން އެކަނިވެރިވީ.] މާޒީގެ ހިތްދަތި ދުވަސްތަކުގެ ތެރެއިން ސިފަވާން ފެށި މަންޒަރުތަކުން ނަޖްމާއަށް ރޮވޭގޮތްވިއެވެ.

[މާޒީ ހަނދާންކޮށްފަ މަންމަ ހިތާމަނުކުރޭ. އަހަރެންގެ ހިތް ކިތަންމެ ބޭނުންވިޔަސް، މަންމަ ނުރުހޭ ގޮތަަކަށް އެއްވެސް ކަމެއް ނުކުރާނަން. ކުރިންވެސް މަންމައާ ދެކޮޅަށް އެއްވެސް ކަމެއް އަހަރެން ކޮށްފައެއް ނުވާނެ.] ސަރާ އެނދުން ތެދުވެގެންގޮސް މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އޭރުވެސް ނިމާލް ހުއްޓެވެ. އަނގައިންވެސް ނުބުނެއެވެ.

[މަންމާ...އެކަމަކު ޢިމްރާންގެ ދަރިފުޅު ޢިމްރާނަށް ދައްކަން ޖެހޭނެއެއްނު. ދަރިފުޅަށް ބައްޕަގެ ލޯބި ބޭނުންވާނެ. އަހަރެން ފަދައިން ބައްޕައެއްގެ ލޯބި ނުލިބި މިދަރިފުޅު ބޮޑުވާން ވެއްޖެއްޔާޔޯ.] ސަރާ އެނދުމަތީގައި އޮތް ދަރިފުޅު މެޔާލާ ބޮނޑިކޮށްލިއެވެ.

[އަހަރެން ތިދަރިފުޅަށް ބައްޕަގެ ލޯބިދޭނަން. އުފަން އަހަރެންގެ ދަރިއަކު ފަދައިން ދެކޭނަން.] ނިމާލް ސަރާގެ ފުރަގަސްވާ ގޮތަށް އެނބުރުނެވެ.

[މިދަރިފުޅަށް ބައްޕަގެ ލޯބިދޭން ބުނާއިރު ނިމާލާ އަހަންނާ އޮތީ ކޮން ގުޅުމެއް؟ އަހަންނަކީ ނިމާލްގެ ކާކު؟] ސަރާގެ ލޮލުން އަދިވެސް ކަރުނަ ހުހެއް ނުވެއެވެ.

[ތިހެން ނުބުނޭ ސަރާ. އަހަރެންގެ ހިތަކީ ސަރާޔާ ވަރަށް ގާތް ސަރާގެ ފަރާތުން ހަމަޖެހުން ހޯދަން މަސައްކަތްކުރާ ހިތެއް. އެހިތުގައި ލޯތްބާއި އޭގެ ފުރިހަމަ އަސަރުވެސްވޭ. އެލޯބި އެހެން ހިތަކާއެކު ޙިއްޞާ ކުރަން އެހިތްވެސް ބޭނުންވޭ. ސަރާ...މަންމަވެސް މިތާ ހުރުމާއެކު އެހިތުގެ އެދުންތައް ސަރާގެ ކުރިމައްޗަށް ބަންޑުން ކުރަން އުނދަގޫވެސްވޭ.] މިހެން ބުނެފައި ނިމާލް ކުޑަކޮށް ހުއްޓާލިއެވެ. އެވަގުތު ނަޖްމާ އެތަނުން ބޭރަށް ނުކުތެވެ.

[ސަރާ ރުހުނަސް ނުރުހުނަސް އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި މިހާރު. އަހަރެން ސަރާދެކެ ވަަރަށް ލޯބިވޭ. އިއްޔެ މިއަދަކު ނޫން އަހަރެން ސަރާދެކެ ލޯބިވަނީކީ. އެންމެ ފުރަތަމަ ސަރާ ފެނުނު ރެއިން ފެށިގެން އަހަރެންގެ ހިތުގައި މިވަނީ ސަރާގެ ނަން ބިންވަޅު ނެގިފައި....އަހަންނަށް ދެން އިންތިޒާރެއް ނުކުރެވޭނެ...އަހަންނަށް އެހީވެދީ...] ނިމާލް ސަރާ އޮތް އެނދުގެ މަގަތުގައި އިށީނެވެ. ދެލޯ މަރާލުމަށްފަހު ސަރާ ނިމާލުގެ އަތްތިލައިގައި ހިފަހައްޓާލިއެވެ.

[އަހަރެން ނިމާލަށް އެހީވާނަން. ނިމާލާއެކު ދިރިއުޅުމެއް ފަށަން އަހަރެން އެއްބަސް...އެކަމަކު....ޢިމްރާންގެ ހަނދާންތަކުން އެއްކިބާވެވޭ ވަރަށް އަހަންނަށް ލޯބިދޭތި....] ސަރާ ނިމާލްގެ އަތްތިލައިގައި ދެއަތުން ހިފަހައްޓާލިއެވެ.

[އަހަރެން ސަރާއަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން. ސަރާއަށް ދާއިމަށް އަަހަރެންގެ ލޯބިދޭނެ ކަމަށް އެއްބަސްވަން....] ނިމާލަށް މިހެން ބުނެވުނު ވަގުތަކީ އެތަނަށް ނިޔާޒާއި ޢިމްރާނަށް އައިސް ވަދެވުނު ވަގުތެވެ. ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ޢިމްރާނަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓެވިއްޖެއެވެ. ދެލޯ ބޮޑުކޮށް ގަނޑުވެފައި އޭނާއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

[އައްސަލާމް ޢަލައިކުމް.] އިރުކޮޅަކު އެތެރޭގައި ހުރެމެ ނިމާލްމެނަށް އެމީހުން ތިބިކަން ނޭނގުމުން ނިޔާޒް ސަލާމް ގޮވާލިއެވެ. ނިޔާޒްގެ އަޑަށް ސިހިފައި ނިމާލް ސަރާގެ އަތުން ދޫކޮށްލިއެވެ. އޭރުވެސް ގަނޑުވެފައި ހުރި ކަހަލަ ގޮތަކަށް ޢިމްރާން ހުއްޓެވެ. ޢިމްރާން އެހުރިގޮތަށް ހުއްޓާ ނިޔާޒް ޢިމްރާންގެ ދަރިފުޅު ނަގައިގެން އައިސް ޢިމްރާންގެ އަތަށް ދިނެވެ. ޢިމްރާން ރޮމުން ދަރިފުޅާ ލޯބިކުރަން ފަށައިފިއެވެ.

[ދަރިފުޅާ..ބައްޕަގެ ރަންކޮޅާ...ދަރިފުޅުގެ މަންމަ ބައްޕަ ދޫކޮށްލައިފި...ބައްޕަ ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތޭވެސް މިހާރު ބައްޕައަށް ހީވާން ފަށައިފި. މިއަދު ބައްޕަ މިވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައި.] ޢިމްރާން ދަރިފުޅާ ލޯބިކުރަމުންދިޔައެވެ.

އެ ތުއްތު ދަރިފުޅާ ވާހަކަ ދައްކަމުންދާއިރު ޢިމްރާން ހީވަނީ ދުނިޔެއިން މޮޔަވެފައިވާހެންނެވެ. ސަރާ ޢިމްރާނާ ދިމާއަށް ބަލައިވެސްނުލައެވެ. އޭނާ އޮތީ އަނެއްފަރާތަށް އެނބުރިގެންނެވެ. ޢިމްރާންގެ ވާހަކަތަކުން ސަރާއަށްވެސް އެބަ ރޮވެއެވެ.

[ދަރިފުޅާ ބައްޕައަށް ހިތްހެޔޮކުރާތި...ދަރިފުޅުގެ މަންމަ ގާތުވެސް ބުނޭ، ބައްޕައަށް ހިތްހެޔޮކުރާށޭ......އަދި ބުނައްޗޭ ބައްޕަ މަންމަދެކެ ވަރަށް ލޯބިވެޔޭ...ބައްޕައަށް މަންމައާ ނުލާ އިތުރަށް ދިރިއުޅުމާއިގެން ކުރިއަށް ދެވެންނެތޭވެސް.....ބައްޕަގެ ހިތުގައި ދަރިފުޅުގެ މަންމައާމެދު އެއްވެސް ބުރަކަމެއް ނެތް.] ޢިމްރާނަށް އިތުރަށް އެތާނގައި ކެތެއް ނުކުރެވުނެވެ. އޭނާ ދަރިފުޅު ނިޔާޒްގެ އަތަށް ދިނުމަށްފަހު ވަރަށް ހަލުވިކޮށް އެތަނުން ނުކުމެއްޖެއެވެ.

[ސަރާ މިވަގުތު ޢިމްރާނަށް އެހީވެދީ...ސަރާ ޢިމްރާނަށް އަޅާނުލައިފިނަމަ ޢިމްރާނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.] ނިޔާޒް ދަރިފުޅު އެނދުގައި ބާއްވާލަމުން ބުންޏެވެ. އެއީ ނަޖްމާ އެތަނަށް ވަން ވަގުތުކަމުން ނިޔާޒަށް ޖަވާބުދިނީ ނަޖްމާއެވެ.

[އޭނައަށް ގޮތެއް ވެދާނެތީ ސަރާ ކަންބޮޑުވާންޖެހޭ....އެކަމަކު މާބަނޑު ހާލުގައި އެމަންޖެއަށް ވެދާނޭ ގޮތަކާ ދޭތެރޭ އޭނާ ކަންބޮޑެއްނުވި....ނުވެސް ވިސްނި.] ނަޖްމާ މިހެން ބުނީމާ ނިޔާޒްގެ އަނގަ ބަންދުވިއެވެ. ނަމަވެސް އޭނާ ހުއްޓާލާކަށް ބޭނުމެއް ނޫނެވެ.

[ނަޖްމާއްތާ...އަހަރެމެން އެބަޖެހޭ މަޢާފަށް އެދޭ ފަރާތްތަކަށް މަޢާފްދީ، މަޢާފަށް އެދެން ދަންނަ ބަޔަކަށްވާން. އެހެން ނޫނީ ހަމަޖެހުމެއް ނާންނާނެ.] ނިޔާޒް ބެލީ ނަޖްމާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ނަޖްމާގެ ޚިޔާލެއް ބަދަލެއް ނުވިއެވެ. އޭނާ ބުނީ އޭނާ ޢިމްރާނަށް މަޢާފްކޮށްފި ކަމަށާއި، އެހެން ނަމަވެސް އަލުން ޢިމްރާން އޭނާގެ ދަރިފުޅުގެ ޙަޔާތަށް އައުމަށް ޖާގަނުދޭނެ ކަމަށެވެ.

[މަޢާފް ކޮށްފިން...އެކަމަކުވެސް އަލުން އަހަރެންގެ ދަރިފުޅު އެމަޅީގައި ޖައްސާކަށް އަހަރެން ބޭނުމެއް ނޫން. މުއްސަނދި ފައިސާވެރިންނަށް ލޯބީގެ އަގު ވަޒަންކުރާކަށް ނޭނގޭނެ.] ނަޖްމާ ބުންޏެވެ. އޭރުވެސް ސަރާއަށް ރޮވެނީއެވެ.

[މަންމާ...ޢިމްރާނާ ދިމާއަށް އެއްޗެތި ނުކިޔައްޗޭ...] އެއްވެސް މީހަކު ޢިމްރާނަށް ދެރަބަހެއް ބުނާކަށް ސަރާގެ ހިތެއް ނޭދެއެވެ.

[ނެތް ސިފައެއްގެ ވާހަކަ މަންމަ ނުދައްކަމޭ ދަރިފުޅު...މުއްސަނދިންގެ ފާޑަކީ މާބުރުގެ އުޞޫލުން މާމެލާމެލިން ފޮނިބުއިން...ދަރިފުޅުގެ ބައްޕަ މަންމައާ ދޭތެރޭ ކަންތައްކުރިގޮތާ ދޭތެރޭ ދަރިފުޅު ނިކަން ވިސްނާލަބަލަ.] ނަޖްމާއަށް މިހެން ބުނެވުނު ވަގުތު ރަފީޤާއި ވަޖުދީ އެތަނަށް އައިސް ވަދެއްޖެއެވެ. ވަޖުދީމެން ވަނުމާއެކު ނަޖުމާ އެތަނުން ނުކުމެއްޖެއެވެ.

ވަޖުދީ ވަންގޮތަށް އައިސް އެނދުގެ އަނެއްފަރާތަށް އެނބުރި އޮތް ސަރާގެ ބޮލުގައި ފިރުމާލަމުން ދަރިފުޅާއޭ ކިޔާ ގޮވާލިއެވެ.

ސަރާ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލުމަށްފަހު އެނދުގެ މަގަތަށް އެނބުރުނެވެ. އޭރު ޢިމްރާންގެ ބައްޕަ، ކާފަގެ ރަންކޮޅާއޭ ކިޔާ ކުޑަ ދަރިފުޅާ ލޯބިކުރަމުންދިޔައެވެ.

[ހީވަނީ ހަމަ ޢިމްރާން ކުޑައިރުހެން. ހޮސްޕިޓަލުން ދޫކޮށްލީމާ ދަރިފުޅު ދާންވާނީ ގެއަށް.] ރަފީޤު ވަޖުދީ އަތަށް ދަރިފުޅު ދިނުމަށްފަހު ސަރާ އޮތް އެނދު ކައިރިއަށް ޖެހިލުމަށްފަހު ސަރާގެ ބޮލުގައި ފިރުމާލިއެވެ. އޭރުވެސް ނިޔާޒާއި ނިމާލާ ދެބެންވެސް އެތާނގައި ތިއްބެވެ.

[ނިމާލް އައިސްބަލަ ބޭބެއާއެކު ބޭރަށް ޖެހިލަން.] ނިޔާޒް ބޭރަށް ނުކުތެވެ. ފަހަތުން ނިމާލްވެސް ނުކުތެވެ.

[ކޮއްކޮއާ ސަރާއާ އޮންނަނީ ކޮންގުޅުމެއް؟] ނިޔާޒް ނިމާލާ ވާހަކަ ދެއްކީ ހޮސްޕިޓަލްގެ ކެންޓީނަށް ވަދެ ހަމަޖެހިލުމަށްފަހުގައެވެ.

[ސަރާއާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތް...އެކަމަކު ބޭބެ އަހަރެން ސަރާދެކެ ވަރަށް ލޯބިވޭ....މިހާރު ސަރާ ހިތާދެކޮޅަށް ނަމަވެސް އަހަރެންގެ ޙަޔާތަށް އަންނަން އެއްބަސްވެއްޖެ.] ފުރަތަރަފަހަރަށް ނިމާލް ބޭބެގެ ކުރިމަތީގައި ޙަޤީޤަތް ހާމަކޮށްލިއެވެ.

[ސަރާ އެއްބަސްވެއްޖެއޭތަ؟] ނިޔާޒް ޙައިރާންވިއެވެ.

[އާނ...ސަރާ އެއްބަސްވީ މިއަދު. ބޭބެ ޢިމްރާން ގާތު ބުނޭ ދެން އަހަރުމެންގެ ދެމެދަށް ނުވަންނާށޭ.] ނިމާލް އިސްޖަހައިގެން އިނދެ ބުންޏެވެ.

[ނިމާލް...ޢިމްރާންގެ ޙާލަތު ވަރަށް ރަނގަޅަށް ބޭބެއަށް އެނގޭ. ބޭބެއަށް ލާހިކެއް ނޫން. އެކަމަކު ކޮއްކޮ ތިދޭތެރެއަށް ވަނުމުން ބޭބެގެ ރަޙްމަތްތެރިޔާއާއި ބޭބެއާ ދެމެދު ފާރެއް ލެވިދާނެ. ބޭބެ ބޭނުން ކޮއްކޮ އުފާވެރި ދިރިއުޅުމެއްގައި އުޅޭތަން ދެކެންވެސް. އެހެންމެ ރަޙްމަތްތެރިޔާ އުފަލުގައި އުޅޭތަން ދެކެންވެސް ބޭނުންވޭ.] ނިޔާޒް ދެފަރާތަކަށް ބޯހޫރާލިއެވެ.

[ބޭބޭ...މިހާރު ސަރާ ދެކެ އަހަރެން ވަރަށް ލޯބިވޭ....ޢިމްރާން ސަރާއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އޭނާއަށް މިހާރު އޭގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެ.] ނިމާލް އިސްޖަހައިގެންހުރެ ވާހަކަ ދެއްކިއެވެ.

[އަދި ކޮއްކޮއާއި ސަރާއާ ދެމެދު އެއްވެސް ގުޅުމެއް ނެތް. ބޭބެއަށް ފެންނަނީ ތިގުޅުން ބަދަހިނުކޮށް ދުރުވާން.] ނިޔާޒް ވިސްނަނީ މަސްލަޙަތަށެވެ.

[ނޫން..ނުވާނެ އަހަންނަށް ސަރާޔާ ވަކިން އުޅެން ފަސޭހައެއް ނޫން. މިހާރު މިއޮތީ އަހަރެން ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އައުމުގެ ވަގުތު ޖެހިފައި...] ނިމާލް ބުންޏެވެ. އެއްވެސް ހާލެއްގައި މިހާރު ސަރާޔާ ވަކިވާކަށް ނިމާލް ބޭނުމެއް ނޫނެވެ.

[އެއްވެސް ފަރާތަކަށް މަޖްބޫރު ކުރުވާކަށް ބޭބެ ބޭނުމެއް ނޫން. ކޮއްކޮއާއި ސަރާ ވިސްނާފައި އެންމެ ރަނގަޅު ނިންމުމެއް ނިންމަނިކޮށް ބޭބެގެ މައްސަލައެއް ނެތް.] ނިޔާޒް މިހެން ބުނެފައި ވެއިޓަރު ގެނެސް ދިން ކޮފީތަށި ބޯން ފަށައިފިއެވެ.

އޭގެފަހުން އިތުރަށް ނިޔާޒް އެވާހަކައެއް ނުދައްކައެވެ. ދެން އޭނާ ދެއްކީ ލަންކާގައި ދިރިއުޅެމުންދާ ނިމާލްގެ މަންމައާއި، އެދެބެންގެ ބައްޕަގެ ވާހަކައެވެ. ނިމާލްގެ މަންމަ ޒާހިދާއާއި ނިމާލާއި ނިޔާޒްގެވެސް ބައްޕަ ލަންކާގައި ދިރިއުޅޭތާ މިހާރު ދިހަވަރަކަށް އަހަރު ވެދާނެއެވެ. ޗުއްޓީއެއްގައި މާލެ ނާންނަތާވެސް މިހާރު ފަސްއަހަރުވީއެވެ.

އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ނިމާލް ލަންކާއަށް ދަނީ އެހެން ވެގެންނެވެ.

[ބައްޕަމެން މާލެއަށް ދިރިއުޅުން ބަދަލުކުރާކަށް ނުވެސް ވިސްނާތަ؟ މިހާރު ކޮއްކޮވެސް އެހުރީ ކިޔަވާ ނިމިފައި.] ނިޔާޒް ވާހަކަ ދެއްކިއެވެ.

[މަންމަ ބުނީ މާލެއަށް ދިރިއުޅުން ބަދަލުކުރާނީ އަހަރެން މީހަކާ އިން ދުވަހަކުންނޭ. އަހަންނާ ސަރާގެ ކައިވެންޏަށްފަހު މަންމަމެން މާލެއަށް ބަދަލުވާނެ. ކޮއްކޮ ނަޝާވެސް ވަރަށް ބޭނުންވޭ ރާއްޖެ އައިސް މިތާނގައި ދިރިއުޅެން.] ނިމާލް ބުންޏެވެ. ނިމާލްމެންގެ ބައްޕަ ރާޒީއަކީ ލަންކާގައި ދިރިއުޅެން މާފޯރި ހުންނަ މީހެއް ނޫނެވެ. އެތަނަށް ބޮޑަށް ފޯރި ހުންނަނީ ޒާހިދާއެވެ. ޒާހިދާގެ ކިބައިގައި ބޮޑަށް އަށަގެންފައި ހުންނަނީވެސް ސިލޯނުގެ ވައްޓަފާޅިއެވެ.

[ރޭގައިވެސް މަންމަ ގުޅި. ބުނި ވީހާވެސް އަވަހަކަށް ކައިވެނިކުރާށޯ. އޭރުންނޯ މަންމަމެނަށް ރާއްޖެއަށް ބަދަލުވެވޭނީ. މަބުނިން ބޭބެވެސް އަދި މީހަކާ ނީނދެއެއްނޫންހޭ!] ސަމާސާ ރާގުގައި ނިމާލް މިހެން ބުނީމާ ނިޔާޒްގެ ގާތަށް ހިސާބަކަށް ހިނިވެސް އައެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން