އަންހެނުންނަކީ އާއްމު ގޮތެއްގައި މައުސޫމު މަޑުމައިތިރި އަދި ރިވެތި އެތައް ސިފަތަކަކަކުން ޒީނަތްތެރިވެފައިވާ ބައެކެވެ. އެހެންނަމަވެސް މިހާރު މިފަދަ ޒުވާން އަންހެން ކުދީން ހޯދުމަކީ އަތްފުނާ އަޅައިގެންވެސް މަދުބަޔަކަށް ނޫނީ ނުވާނެ ކަމެއްކަން އަހަރެމެންގެ ތެރެއިން ގިނަމީހުން ޤަބޫލު ކުރާނެއެވެ.

ޓެކްނޮލޮޖީ ކުރިއަރާދިޔަހެން މިއަދު ކުޑަވެފައިވާ މިދުނިޔޭގެ ހުޅަނގު ޤައުމުތަކުގެ ތަޙްޒީބުވެފައިވާ މުޖުތަމަޢުގެތެރޭގައި ހުންނަ އަހަރެމެންގެ ދީނާއި ބީރަށްޓެހި އާދަތައް ނަކަލުކޮށް، އެ ނުބައި ގެއްލުންދެނިވި އާދަތަކުން އަދުގެ ޒުވާން ޖީލު، ދިރިއުޅުމުގެ ތެރެއަށް ގެނެސް އެމީހުންގެ ރިވެތި އުޅުމާއި ހިތްހެޔޮކަން އެއްކޮށްހެން ގެއްލުވާލައިފިއެވެ. ވަކިން ޚާއްސަކޮށް 'ފެމިނިޒަމް'ގެ ނަމުގައި ޔަހޫދީން ފަތުރަމުންދާ ނުބައި މަޅީގައި ޖެހި މުސްލިމް އަންހެން ކުދިންވެސް ހައްދުން ބޭރުވެ އެމީހުންގެ ތަބީޢަތާއި ނުގުޅޭ މާހަރުކަށި ކެރޭ މީހަކަށްވެގެން މަގުމައްޗަށް ނުކުމެގެން އުޅޭތަން މިހާރަކަށް ދަނީ ފެންނަމުންނެވެ. މިފަދަ ކުދިންނާއި ގުޅިގެން އުޅޭ ފިރިހެނުންނަށް އެމީހުންނާއި އެކުއުޅުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

ފިރިހެނުންގެ ފައިދާނަގާ އަންހެނުން އެހެން ކަންތައް ކުރާ ހާލަތްތައް

1. ޑޭޓް ކުރުން؛

'ޑޭޓް' ކުރުމަކީ ރައްޓެހިވުމުގެ ބޭނުމަށް އެކަކު އަނެކަކު ދެނެގަތުމަށް އެއްމޭޒުމަތިން ބައްދަލުވެ ވާހަކަ ދެއްކުމެވެ. މިއީ ދެމީހުންގެ ވިސްނުމާއި މިޒާޖު އެއްގޮތްތޯ ދެނެގަތުމަށް ވާހަކަ ދައްކާ މަރުހަލާއެކެވެ. އަދި މިއީ ރައްޓެހިވުންކަމުގައި ނުބެލެވޭތީ އެތައް ބަޔަކާއި މިހާރުގެ ކުދިން މިގޮތަށް ވާހަކަ ދައްކާ ހަދައެވެ. އެހެންނަމަވެސް މީގައި ހިމެނޭ ފިރިހެނުންގެ ބޭނުން ހިފާ އަންހެނުން މިކަން ކުރަނީ ކޮންމެހެން ދިރިއުޅުމެއް ހޯދުމުގެ ބޭނުމެއްގައެއް ނޫނެވެ. އަގުބޮޑު ރެސްޓޯރެންޓްތަކުން މީރު އެއްޗެހި ކައިފައި ފިރިހެންމީހާގެ ފަރާތުން ބިލް ކަނޑާލުމަށެވެ. މިފަދައިން އުޅޭ މީހުން އެފިރިހެނުންނާއި 'ކޮމިޓްވެ' ރައްޓެއްސެއްވެސް ނުވާނެއެވެ. ހަމައެގޮތަށް ކައިރީގައި ގެންގުޅެލާނެއެވެ.



2. 'ޑްރޮޕްޕެއް' ބޭނުންވުން؛

މިއީވެސް މިހާރަކަށް އައިސް ފިރިހެނުންގެ ފަރާތުން ފައިދާނެގުމަށް އެމީހުން ހައްދާލައިގެން އުޅޭ ފިރިހެނުންގެ ބޭނުންހިފާ އެއްކަމެވެ. ޚާއްސަކޮށް ސައިކަލެއް ނުވަތަ ކާރެއް ގެންގުޅޭ ފިރިހެން ކުއްޖަކާ އޭނާ ވާހަކަ ދައްކާނީ މިކަމުގެ ބޭނުމުގައެވެ. ކޮލެޖަށް ގެންގޮސްދީފައި އޮފީހަށް ގެންގޮސް ގެއަށް ލާފައި ޝޮޕިންއަށް ގެންގޮސްދީފައި އެފިރިހެންމީހާ އުޅެން ޖެހޭޏީ މުޅިންވެސް 'ޑްރޮޕް ބަޑީގެ' ގޮތުގައެވެ. މިފަދަ ކުދިން އެފިރިހެން ކުއްޖާއަކީ 'ރައްޓެއްސެއް'ގެ މަޤާމުދީފައި އަބަދުހެން މިފަދަ ކަންކަން ކުރުވުމަށް ގެންގުޅޭނެއެވެ. ފިރިހެން ކުއްޖާ ރައްޓެހިވުމަށް އެދުނަސް މިއީ 'ފްރެންޑްސް' ކަމަށްބުނެ އެވާހަކަ ނިންމާލާނެއެވެ. ދެން އެހެންކަމަށްވާނަމަ އެފިރިހެން ކުއްޖާގެ ވަގުތު ހުސްކޮށް އެފަދަ އަންހެނުންކުދިންގެ ކަންކަމަށް ޚާއްސަކުރަންވީ ކޮންސަބަބަކާއި ހުރެހެއްޔެވެ؟

3. ދަރީންނަށް ބައްޕައެއްގެ ލޯބި ހޯދައިދޭ ބޭނުންވުން;

އެކަނިވެރި މައިން އެމީހުންގެ ދަރިންނަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށް

އެމީހުންގެ އެކަނިވެރި ދިރިއުޅުމަށް ފިރިހެނަކު ގެނައުމަށްޓަކައި ބައެއްފަހަރު ފިރިހެނުންގެ ބޭނުންހިފައެވެ. މިގޮތުން އެމީހުންގެ ލޯބީގައި ޖައްސުވައި 2-3 ދަރިންގެ ބަފަޔަކަށްވުމަށް އެމީހުންނާއި ކައިވެނިކުރާހިސާބަށް ގެންދެއެވެ. ކައިވެންޏަކީ ދެމީހުންގެ ދިރިއުޅުމަށްވެސް ކުރިއެރުންތަކެއް ހޯދުމަށް ކުރަންޖެހޭ ކަމެކެވެ. އެއްމެ މީހެއްގެ ފައިދާއަކަށް ކުރަންވާނެކަމެއް ނޫނެވެ. ދަރިން ތިބިނަމަ އެންމެ ކުރީބައިގައިވެސް އެވާހަކަ ބުނެދޭންވާނެއެވެ. އަދި ދޮން ބައްޕައަކަށް ވުމުގެ ކުޅަދާނަކަމެއް ނެތްކަމަށް ފިރިހެން މީހާ ބުނުމުން އެމީހުންނަށް އެކަން ކުރުމަށް މަޖުބޫރުކުރުވައި ގަދަކަމުން ކައިވެނިކުރުވަން ނޫޅޭށެވެ.

4. ކައިވެނިކުރުމަށްފަހު؛

ކައިވެނިކުރުމަށްފަހު ފިރިހެންމީހާގެ ފައިދާނެގުމުގެ ފެހިކާޑު ލިބުނީކަމަށް މިފަދަ އަންހެނުން ޤަބޫލުކުރާނެއެވެ. އަދި އެފަދަ އަންހެނުން އެމީހުންގެ އެކުވެރިން ކައިވެނިކުރުމުން ފިރިހެން މީހާ ކޮންޓްރޯލްކޮށްފައި ބެހެއްޓުމަށް ނަސޭހަތްވެސްދެއެވެ. މިގޮތުން ލިބޭ ހުރިހާ ފައިސާއެއް އަންހެންމީހާއަށް ދޭންޖެހުމާއި ރައްޓެހިންނާއި ދުރުކުރުމާއި ފިރިހެން މީހާގެ އުފަލަށް އޭނާގެ އަމިއްލަ ފައިސާވެސް ޚަރަދުކުރުމުން މުޅިން މަނާކުރެއެވެ. މިހެން ކޮންޓްރޯލްކޮށްގެން ފިރިހެން މީހާ ގެންގުޅުމުން އޭނާ ޑިޕްރެޝަންއަށްދެއެވެ. އަދި ސްޓްރެސްވުމުގެ ސަބަބުން ގިނަފަހަރަށް ފިރިހެންމީހާ ދިރިއުޅުންމަތިން ފޫހިވެދެއެވެ.

5. ވަރިވުމުންވެސް ކޮންޓްރޯލްކުރުން؛

ވަރިވުމަށްފަހު ދަންނަހާ އެންމެންގެ ކުރިމަތީގައި ފިރިމީހާ ބޭޒާރުކޮށްލައި އޭނާހާ ނުބައި މީހަކުނުވާކަމަށް ހަދާލައެވެ. އަދި އެވަރުން ނުފުދިގެން އެހެން މީހަކާއި އެފިރިހެން މީހާ ކައިވެނިކޮށްފިނަމަވެސް ދެމީހުންނަށް ދަރިއެއް ލިބިފައި ހުރި ނަމަ އެދަރިފުޅު ބޭނުންކޮށްގެން އެދެމަފިރިންގެ ދިރިއުޅުން ރޫޅާލަން މަސައްކަތްކުރެއެވެ. މިފަދަ އަންހެނުން ދަރިން ބޭނުންކުރަނީ ހަތިޔާރެއްގެ ގޮތުގައެވެ. ވަރިކުރުމަށްފަހުވެސް ކުރިން ކައިވެނީގައި އުޅުނުހެން އެއްޗެތިގޮވައި ދަރިފުޅަށް ބޭނުންވާ އެއްޗެއް ވަގުތުންވަގުތަށް ހޯދައިނުދެވުމުން ކުރީގައި ކޮންޓްރޯލް ކުރިފަދައިން ކޮންޓްރޯލްކުރެވޭތޯ ބަލައެވެ. ނަމަވެސް ކައިވެނި ރޫޅިފައި މިހާރު އެހެން މީހަކާއި އިނދެގެން އުޅޭއިރު އެފިރިހެންމީހާއާއި ދިމާލަށް އެއްޗެތިގޮވަނީ ކޮންހައިސިއްޔަތަކުންކަން ވިސްނާލާށެވެ. ވަކިން ޚާއްސަކޮށް ދަރިފުޅަށް ކޮށްދޭންޖެހޭ ޚަރަދުވެސް ކުރަމުންދާއިރު ކުދިކުދި ކަންކަން ނަގައި ފިރިޔަކު ފަދައިން ދެއިރު ދެދަޅަޔަށް ގުޅައިގެން އެއްޗެތިގޮވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ކަންމިހެންހުރިނަމަވެސް ރިވެތި ޚުލްޤުހުރި އަންހެނުންވެސް އުޅެއެވެ. އެމީހުން ބޭކާރު ގޮތުގައި ފިރިހެނުންތަކެއް ކައިރީގައި ވަށާލައިގެން ނުގެންގުޅޭނެއެވެ. އަދި ބޭކާރުގޮތުގައި ގިނަ ފިރިހެނުންތަކަކާއި ވާހަކަވެސް ނުދައްކާނެއެވެ. ކައިވެނިކުރުމަށްފަހު އެފަދަ އަންހެނުން ފެނިގެންދާނީ ފިރިމީހާއަށް ކިޔަމަންތެރި މަޑުމައިތިރި ބައެއްގެ ގޮތުގައެވެ. އަދި ފިރިމީހާގެ ބަސް ޤަބޫލުކޮށް އޭނާގެ އަމުރަށް ތަބާވާ ރަނގަޅު އަންބެއްގެ ގޮތުގައެވެ. ކައިވެނި ރޫޅުނު ނަމަވެސް ދަރިންގެ ޚަރަދުތައް އަދާކޮށްދޭނަމަ އަދި ދަރިފުޅާއިއެކު ވަގުތު ހޭދަކުރާނަމަ ކުދިކުދި ކަންކަމުގައި ވަރިކުރި ފިރިހެންމީހާއަށް ގުޅައި ނުހަދާނެއެވެ. އޭނާއަށް ފުރިހަމައަށް އިޚްތިރާމް އަދާކުރާނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން