އަންހެނުންގެ ޞިއްހަތާއި ގުޅުންހުރި ބައެއް މައުޟޫއަކީ ވަރަށް ސިއްރުން ވާހަކަ ދައްކައިއުޅޭ ލަދުވެތި ކަންކަންކަމުގައި ގިނަ މީހުންދެކެއެވެ. އަދި މިހެންވެ ބައެއް އަންހެނުން އެކަމުގެ ވާހަކަ ހިއްސާކުރަން ނުކެރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުންވެސް ދުރުހެލިވެއެވެ. މީގެތެރޭގައި ހިމެނޭ އެއްމައުޟޫއަކީ އަންހެނާގެ ކުރިމަތިފަރާތުން އަންނަ ހުދުކުލައިގެ ޑިސްޗާޖްއާއި ބެހޭ ވާހަކަތަކެވެ. އެހެންކަމުން މިލިޔުމުގައި މިބަލާލަނީ މިކަމާއި ގުޅިގެން ބައެއް މީހުންގެ ހިތުތެރޭގައި އުފެދޭ ސުވާލުތަކަށެވެ.



ވައިޓް ޑިސްޗާޖް ނުވަތަ ވެޖަނަލް ޑިސްޗާޖަކީ އަންހެނާގެ ސަރވިކްސް އާއި ވެޖައިނާގައި ހުންނަ ގްލޭންޑްތަކުން އުފެދޭ ގުދުރަތީ ފްލުއިޑެކެވެ. މިއީ ސެލްތަކާއި ފްލުއިޑްތަކުން އެކުވެގެން ވެޖައިނާ ސާފުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ.

ވައިޓް ޑިސްޗާޖް އައުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟



ވައިޓް ޑިސްޗާޖް އައުމަކީ މައްސަލައެއް ނޫނެވެ. އަދި މިއީ އަންހެނުންގެ ޖިންސީ ގުނަވަނުގެ ސިއްހަތު ރަނގަޅުކަމުގެ އަލާމާތެކެވެ. ނަމަވެސް، ޑިސްޗާޖުގެ މިންވަރާއި ކުލަ އާއި ކޮންސިސްޓެންސީ އަކީ އެކިމީހުންނަށް އަދި އެކިދުވަސްވަރަށް ވެސް ތަފާތު ވެދާނެ އެއްޗެކެވެ.

ގަނޑު ގަނޑަށް "ތިކް' ޑިސްޗާޖަކީ މައްސަލައެއް ހެއްޔެވެ؟

ގިނަ ހާލަތްތަކުގައި ހުދު ކުލައިގެ 'ތިކް' ޑިސްޗާޖަކީ އާދައިގެ ކަމެކެވެ. މިއީ ގިނަ ފަހަރަށް އޯވިއުލޭޝަންގެ ތެރޭގައި ދިމާވާ ކަމެކެވެ. އަދި މިއީ މާބަނޑުވެއްޖެކަމުގެ އަލާމާތަކަށްވެސް ވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހެން ނަމަވެސް، ރިއްސުން، ދިލަނެގުން ނުވަތަ ނުބައިވަސްދުވުން ފަދަ އެހެން އަލާމާތަކާއިއެކު، ފެނިއްޖެ ނަމަ، މިއީ އިންފެކްޝަނެއް ކަމަށްވުން އެކަށީގެންވެއެވެ. އެކަމުން މިފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއް ނުވަތަ ޑޮކްޓަރެއްގެ ލަފާހޯދައި އެއާއެއްގޮތަށް އަމަލުކުރާށެވެ.

ސްޓިކީ ވައިޓް ޑިސްޗާޖަކީ ކޮބައި ހެއްޔެވެ؟

މައްސަރުދުވަސްވަރުގެ ގެ ކުރިންނާއި ފަހުން ފެންނަ ޑިސްޗާޖަކީ ކުޑަށްކޮށް ތަތްކަމެއް ހުންނަ ހުދުކުލައިގެ ޑިސްޗާޖެކެވެ. އާއްމުގޮތެއްގައި ސްޓިކީ ވައިޓް ޑިސްޗާޖުއައުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އާދަޔާ ޚިލާފަށް މުށި، ލަމްޕީ ނުވަތަ ކުލަ ގަދަވެއްޖެނަމަ އެއީ އިންފެކްޝަނެއް ނުވަތަ ހޯމޯނަލް އިމްބެލެންސްގެ އަލާމާތަކަށް ވެދާނެއެވެ.

ވައިޓް ޑިސްޗާޖާ މެދު ކަންބޮޑުވާންވީ ކޮން އިރަކު ހެއްޔެވެ؟

ހުދު ކުލައިގެ ޑިސްޗާޖަކާ އެކު ގައިގައި ރިއްސުން ނުވަތަ ކުރިމަތިފަރާތް ހިރުވުން ނުވަތަ ދިލަނެގުންފަދަ އިހުސާސެއްވާނަމަ ޑޮކްޓަރުގެ ލަފާހޯދުން މުހިންމެވެ. ގިނަދުވަހަށް މިއުނދަގޫތައް ކުރިމަތިވާނަމަ މިއީ ޔީސްޓް އިންފެކްޝަނެއް ނުވަތަ ކުރިމަތިފަރާތަށް ޖެހޭ އެހެން ވެޖަނަލް އިންފެކްޝަނެއްގެ އަލާމާތަކަށް ވެދާނެ އެވެ. އަދި ކުރިމަތިފަރާތުގައި ނުބައި ވަސް ހުރުމަކީވެސް ވިސްނަންވާނެ ކަމެކެވެ. އާއްމުކޮށް ކުރިމަތިފަރާތުގައި ކޮންމެވެސް ކަހަލަ ވަހެއް ދަލުގެ ސަބަބުންނާއި އެސަރަހައްދުގެ ޕިއެޗްގެ ސަބަބުން ހުންނާނެއެވެ. އެހެންނަމަވެސް އާއްމުކޮށް ހަށިގަނޑުގައި ހުންނަ ވަހާއި ޚިލާފަށް ދުވާ ނުބައި ވަހަކީ އިންފެކްޝަނެއްގެ އިޝާރާތެއް ކަމަށް ވެދާނެ އެވެ. ޑިސްޗާޖުގެ ކުލައަށް ބަދަލުއައުމަކީވެސް ވިސްނަންޖެހޭނެ ކަމެކެވެ. ހުދު ކުލަ އަޅި ކުލަޔަށް އަދި ފެހި، ނުވަތަ ރީނދޫ ކުލައަށް ބަދަލުވުމަކީ ހަށިގަނޑުގައި އިތުރު މައްސަލައެއް ހުރިކަމުގެ އަލާމާތެކެވެ. ވީމާ، މިހާލަތްތަކުގައި އިތުރަށް މަޑުނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން