އިންޑިއާ މީހުންނަކީ ސައި ބުއިމަށް މަޝްހޫރު ބައެކެވެ. އެގައުމުގެ މަގުމަތީ ބާޒާރުތަކުގައާއި އެކިއެކި ސްޓޯލް ތަކުގައި ގިނަވައްތަރުގެ ސައި ތައްޔާރުކޮށްގެން ވިއްކާ ހަދައެވެ. ފަހަކަށް އައިސް އެމީހުންގެ އެކި ބާވަތުގެ ސައި ދިވެހިންގެ މެދުގައި މަޤުބޫލު ބާވަތަކަށްވެ އެންމެފަހުން ރާއްޖޭގެ އެކި ކެފޭ ރެސްޓޯރެންޓްތަކުން މިހުރިހާ ވަތްތަރެއްގެ ސައި ލިބެންހުރެއެވެ.

އެގޮތުން މިހާރު ރާއްޖެއިންވެސް ލިބެންހުރި، އިންޑިއާގެ މަޝްހޫރު 7 ބާވަތެއްގެ ސަޔަށް ބަލާލާނަމެވެ.

ދެވިހިންނަށް ކަމުދާ އިންޑިއާގެ ތަފާތު 7 ސައި:



1. މަސާލާ ޓީ؛



މަސާލާ ޓީ އަކީ އިންޑިއާގައި އެންމެ މަޝްހޫރު ސައިގެ ބާވަތެވެ. ސައިފަތް އަޅާފައި ހުންނަ ފެނަށް ކާފޫރުތޮޅިއާއި ކަރަންފުލާއި ފޮނިތޮޅި، އިނގުރު އަދި އަސޭމިރުސް، ހަކުރު އަދި ކިރު އަޅައިގެން ތައްޔާރުކުރެވޭ މިސައިގައި މީރު ވަހެއް ހުރެއެވެ. މިސަޔަކީ ބުއިމުން ހަށިގަނޑަށް އަރާމު ލިއްބައިދީ ހިތްހަމަޖެހުން ގެނުވައިދޭ އެއްޗެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

2. ޖިންޖަރ ޓީ؛



ސައިފަތާއި ކިރު އަދި އިނގުރު ފޮތިކޮށްފައި އަޅައިގެން ތައްޔާރުކުރެވޭ ޖިންޖަރޓީއަކީ ކުޅިކަމެއް ހުންނަ އެހެންނަމަވެސް ހަކަތަ ލިއްބައިދޭ ސައިގެ ވައްތަރެކެވެ. އަދި މިއީ ރޯގާގެ އުނދަގޫތަކަށާއި ބަނޑުގެ އުނދަގޫތަކަށް ފަރުވާއެއްގެ ގޮތުގައިވެސް ދެވޭ ސައެކެވެ.

3. ކާޑަމަން ޓީ؛



މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަޤުބޫލު ސައިގެ ބާވަތެކެވެ. ކާފޫރުތޮޅި އަޅައިގެން ތައްޔާރުކުރެވޭ މީރު މިބުއިމަކީ މީރުވަހެއް ހުންނަ އަދި ރަހަވެސް އެހައިމެ ކަމުދާނެ މީރު ބުއިމެކެވެ.

4. ސިނަމަން ޓީ؛



މިއީ ފޮނިތޮށި ބޭނުންކޮށްގެން ތައްޔާރުކުރެވޭ ބުއިމެކެވެ. ފޮނިތޮށި އަޅައިގެން ތައްޔާރުކުރެވޭ މިސައިގައި ފޮނި ތޮށީގެ މީރު ފޮނި ރަހައެއް ސައިގައި ހުރެއެވެ. އަދި މީއީ ހިތްހަމަޖެހިލައި އަރާމުކޮށްލައި ސިކުނޑި ތާޒާކޮށްލުމަށް އެއްވަނައިގެ ބުއިމެކެވެ.

5. ސެފްރޯން ޓީ؛



މިއީ ސެފްރޯން ކޮޅެއް ސައިކައްކާއިރު އަޅާލައި ތައްޔާރުކުރެވޭ ސައެކެވެ. ސެފްރޯންއިން ސައިގެ ކުލަ ރީތިވެ ސައިގެ ރަހަވެސް މީރުވާނެއެވެ. އަދި މިއީ ޚާއްސާ މެހެމާނުންނަށް ދޭން ތައްޔާރުކުރެވޭ ބާވަތެއްގެ ސައެވެ.

6. މިންޓް ޓީ؛



މިއީ ގަނދަކޯޅިފަތާއި ސައިފަތް އެއްކޮށްގެން ފެނުގައި ކެއްކުމުން ތައްޔާރުކޮށްލެވޭނެ ސައިގެ ބާވަތެކެވެ. ހިކި ގަނދަކޯޅިފަތުންވެސް އަދި ރޯފަތުންވެސް މިސައި ތައްޔާރުކޮށްލެވޭނެއެވެ. ހަށިގަނޑަށް ފިނިކަން ގެނުވައިދީ ސިކުނޑި ތާޒާކޮށްލުމަށް މިއީ ބޯލަން ރަނގަޅު ސައެކެވެ.

7. ލެމަންގްރާސް ޓީ؛



ސައިފަތާއި ލެމަންގްރާސްއާއި އެއްކޮށްގެން ގެނުވައިދޭ މިފްލޭވަރއަކީ ހަށިގަނޑަށް ހަކަތަ ލިއްބައިދޭނެ އެއްޗެކެވެ. އަދި މިއީ ހުތްކަމެއް ހުންނަ ހާބަލް ސައިގެ ވައްތަރެއްކަމުން ހަށިގަނޑަށް ފައިދާހުރި ބާވަތެއް ކަމުގައި ވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން