އުމުރުގެ 'ފަހުކޮޅުގައި' ދަރިން ހޯދުމަށް މަޖުބޫރުވެފައިވާ އަންހެނުން އަންނަނީ މިމުޖުތަމައުގައިވެސް ގިނަވަމުންނެވެ. އެއީ ކިޔެވުމާއި ވަޒީފާއަށް އިސްކަންދެވުމުގެ ސަބަބުން ދެވަނަ ދަރިއެއް ނުހޯދައި މާބޮޑަށް ފަސްކުރެވިފައވާތީއެވެ. އަދި ހަމައެހެންމެ މިއުމުރުގެ ފިރިހެނުންވެސް ޒުވާން ކުދިންނާއި ކައިވެނި ކުރުމަށްފަހު އަމިއްލަ ދަރިން ބޮޑުވެފައިވަނިކޮށް އަލުން ދަރިން ހޯދުމުގެ ވިސްނުން ގެންނަން މަޖުބޫރުވާ ހާލަތުއާދެއެވެ.

ޒުވާން އުމުރުގައި ދަރިން ހޯދުމަށްފަހު ކުދިންގެ ބައްޕައާއި ނުވަތަ މަންމައާއި ވަރިވެގެން ދިއުމަށްފަހު އުމުރުން 40 އާއި 50 އަށް ދިއުމުން ޒުވާނުންނާއި ކައިވެނިކޮށް ނުވަތަ އިތުރަށް ދަރިން ބޭނުންވާ މީހުންނާއި ކައިވެނިކުރާ މީހުން މިހާރަކަށް އައިސް ގިނައެވެ. ވިސްނާލަންޖެހެނީ ރިޓަޔަރވާ އުމުރު ކައިރިވެފައިވަނިކޮށް އަލުން ދަރިން ހޯދުމުގެ ޒިންމާ ނެގުމަކީ އެ އުމުރުގައި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެކަމެކެވެ.

ފައިސާގެގޮތުން ތަނަވަސް، ހަމަޖެހޭ ދިރިއުޅުމެއް އުޅެވުނު ކަމުގައިވިޔަސް ދޮށީ އުމުރުގައި ދަރިއަކު ހޯދުމަކީ ނަފްސާނީގޮތުން ކުރާ އަސަރުތަކުގެ ސަބަބުން އެތައް ގޮންޖެހުމަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި ދަރިން ލިބުނު ނަމަވެސް، ކޮންމެ ބެލެނިވެރިޔަކު ވެސް ޤަބޫލުކުރާނެ ހަޤީގަތަކީ ބެލެނިވެރިކަމުގެ ޒިންމާއާއިއެކު އަންނަ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެވޭނެ ގޮތެއް ނޯންނާނެ ކަމެވެ. އެހެންނަމަވެސް މިއުމުރުގައި ދަރިންހޯދާނަމަ އަންހެނުންވެސް އަދި ފިރިހެނުންވެސް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އަދި ލިބެން އުޅޭ ދަރިފުޅަށް އޭގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރާއިމެދު ވިސްނާލަންވާނެއެވެ.

ހަޔާތުގެ ފަހުކޮޅުގައި ދަރިން ލިބުމުން، ބެލެނިވެރިކަމުގެ ޒިންމާއަދާކުރުމުގައި އިކުއޭޝަންއަށް ނުހަނު ބޮޑު ބަދަލުތަކެއް އާދެއެވެ. މިބަދަލުތައް އަންނަން ދިމާވަނީ ސާޅީސް، ފަންސަވީސް، ނުވަތަ އެއަށްވުރެ މަތީ އުމުރުގައި އަލަށް މައިންބަފައިންނަށް ވުމުންނެވެ. ދަރިން ބޮޑުވުމަށްފަހު އަލުން ދަރިން ހޯދުމާއި އަދި މިއުމުރުގައި އަލަށްވެސް ދަރން ހޯދުމާއިމެދު ވިސްނާ ކޮންމެ މީހަކުވެސް ނަފްސާނީ ގޮތުން ވިސްނާލަންޖެހޭ ތިން ކަމެއް ވެއެވެ.

1. ހާސިލްކުރަން ބޭނުންވާ އުފާވެރިކަން:

އުފާވެރިކަމާ ބެހޭ ސައިންޓިފިކް ދިރާސާތަކުން 'އުފާ' ދެ ބަޔަކަށް ބަހާލައެވެ. ފުރަތަމަ ބަޔަކީ ވަގުތުން ހިތްހަމަޖެހުން ލިބޭ ކަންތައްތަކުގެ ތެރެއިން ލިބޭ 'އިން-ދަ މޯމެންޓް' އުފާވެރިކަމެވެ. މިސާލަކަށް ޗޮކްލެޓެއް ކެއުން ނުވަތަ ފިނި ދުވަހެއްގައި ހޫނު ފެނުންފެންވެރުމުން ލިބެނީ ވަގުތީ ގޮތުން ލިބިދޭ އުފާވެރިކަމެކެވެ. ދެން އޮތީ ރިފްލެކްޓިވް އުފާވެރިކަމެވެ. މިއީ ދިރިއުޅުމުގެ މާނައާއި ފުރިހަމަކަން ތަޞައްވަރުކުރެވުމުން ލިބޭ އުފާވެރިކަމެކެވެ. މިބާވަތުގެ އުފާވެރިކަން އަޅުގަނޑުމެންނަށް ތަޖުރިބާކުރެވެނީ މައިލްސްޓޯންއަކަށް ވާސިލްވުމުން ނުވަތަ ފަޚުރުވެރިވާ ކަމެއް/ލަނޑުދަނޑިއެއް ހާސިލްވުމުންނެވެ. އެއީ ވަގުތީގޮތުން ލިބިދޭ އުފާފަދަ ހާލަތު ބަދަލުކުރުވާ އުފަލަކަށް ނުވެދާނެއެވެ. ނަމަވެސް އޭގެ އަސަރުތަކަކީ ދިގު މުއްދަތެއްގައި އިހުސާސްކުރެވޭ ވަރުގަދަ އިހުސާސްތަކެއް ކަމުގައި ފާހަގަކުރެވޭނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދަރިން ލިބުމަކީ ރިފްލެކްޓިވް އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. އެހެންނަމަވެސް މިއުފާވެރިކަން ހާސިލްކުރެވޭނީ އެމީހެއްގެ ވަގުތީ އުފާ ޤުރުބާންކޮށްފައެވެ. (ފަތިހު 2:00 ޖަހާއިރު ދަރިފުޅު ރޯލުމުން ތެދުވުމާއި، އަބަދު ޕުއްޕު ނެޕީ ބަދަލުކުރުމަކީ މަޖާކަމެއް ނޫނެވެ. ނަމަވެސް ދަރިފުޅަށް އާ ކަމެއް ދަސްވުމުން ނުވަތަ ބޮޑު ކަމެއް ހާސިލްކުރުމުން މައިންބަފައިންނަށް ލިބޭ ފަޚުރުވެރިކަމުގެ އިހުސާސްތަކާއި އެއްވަރުގެ އިހުސާސެއްވެސް ނޯންނާނެއެވެ) އުފާވެރިކަމުގެ އެއް ވައްތަރަށް ވުރެ އަނެއް ބާވަތަށް އިސްކަން ދިނުމަކީ މައްސަލައެއް ނޫނެވެ- އެއީ އަމިއްލަ އަށް އިސްކަންދޭ ކަމެކެވެ. މައިންބަފައިންނަށް އަލުން ވުމަށް ނިންމި ނިންމުމަކީ ދިރިއުޅުމުގެ މި މަރުހަލާގައި ތިބާގެ އުފާވެރިކަމުގެ ލަނޑުދަނޑިތަކާ އެއްގޮތް ނިންމުމެއްކަން ޔަޤީންކުރާށެވެ.

2. ތިބާގެ ކެތްތެރިކަން ހުރި މިންވަރު:

ދަރިން ތަރުބިއްޔަތު ކުރުމަކީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ދަރިފުޅު ޙިމާޔަތްކޮށް، ބެލުމާއި، ތަރުބިއްޔަތުކުރުމާއި، އުނގަންނައިދިނުމުގެ 18 އަހަރުގެ (ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަހުގެ) ދަތުރެއް ފަށަން ބޭނުންވާ ކެތްތެރިކަން ހުރިތޯ، އިޚްލާޞްތެރިކަމާއެކު އަމިއްލަ ނަފްސާ ސުވާލުކުރުމަކީ، މުހިންމުކަމެކެވެ. ކޮންމެ މީހެއްގެވެސް ކެތްތެރިކަން ހުންނަ މިންވަރު ތަފާތުވާނެއެވެ. އަދި ކެތްތެރިކަމުގެ މިންވަރަށް އުމުރުގެ އެކ ހިސާބުތަކުގައިވެސް ގުދުރަތީ ގޮތުން ބަދަލުތަކެއް އާދެއެވެ.

ތިމާގެ އަމިއްލަ ދިރިއުޅުމުގެ ދުވަސްތަކަށް ނަޡަރު ހިންގާލުމުން ފާހަގަކުރެވެނީ ކޮންގޮތަކަށް ހެއްޔެވެ؟ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި/ ސްޓްރެސްތަކާ ގުޅުވައިގެން ވަކި ދުވަސްކޮޅެއްގައި ނުވަތަ ވަގުތެއްގައި ކެތްތެރިކަން މަދުކަމަށް ނުވަތަ އިތުރުކަމަށްވެސް ފާހަގަކުރެވިދާނެއެވެ.ސައިންޓިފިކް ދިރާސާތަކުން އަހަރެމެންގެ ކެތްތެރިކަން ހުރި މިންވަރު ދެނެގަނެވޭނެ އެވެ.

ޖާނަލް އޮފް ޕޮސިޓިވް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ކެތްތެރިކަން ތިން ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ އިންޓަޕާސަނަލް ނުވަތަ އެހެންމީހުންނާއިމެދު ދިމާވާކަންކަމުގައި ކެތްތެރިވުމާއި، ދިރިއުޅުމުގެ އުނދަގޫކަންކަމށް ކެތްތެރިވުމާއި އަދި ކޮންމެ ދުވަހަކު ދިމާވާ އުނދަގޫތަކަށް ކެތްތެރިވުމެވެ. ތިބާގެ ކެތްތެރިކަން ހުރި މިންވަރު ދެނެގަތުމަށް ތިރީގައިމިވާ 11 ނުކުތާއަށް ވިސްނާލާށެވެ.

• ރައްޓެހިން ދެކޭނީ އަހަރެންނަކީ ވަރަށް ކެތްތެރި އެކުވެރިއެއްގެ ގޮތުގައި.

• އުނދަގޫ ވަގުތުތަކުގައި ތެޅިފޮޅިނުގަނެ ހައްލަކަށް އިންތިޒާރު ކުރުމުގެ ޤާބިލުކަން އެބަހުއްޓެވެ.

• އުނދަގޫ ނަމަވެސް ޓްރެފިކްގައި ތާށިވުމުން އަހަރެން ދެރައެއް ނުވެއެވެ.

• އެހެން މީހުންނާއިއެކީ އުޅުމުގައި އަމިއްލަގޮތް ޚިޔާރުނުކުރެވުނަސް ކެތްކުރަމެވެ.

• ދިރިއުޅުމުގެ އުނދަގޫ މައްސަލައަކަށް ނުވަތަ ބައްޔަކަށް ކެތްކުރުމަކީ އަޅުގަނޑަށް ވަރަށް ފަސޭހަ ކަމެއް.

• ޢާންމުގޮތެއްގައި ސަފުތަކުގައި އިންތިޒާރުކުރުމަކީ އުނދަގޫވާ ކަމެއް ނޫން.

• ގާތް ރަހުމަތްތެރިންނާއި ޢާއިލާއާ މެދު ކެތްތެރިވުމުގައި ދަތިތަކެއް އެބަހުއްޓެވެ.

• ދިރިއުޅުމުގެ ތަކުލީފުތަކުގައި އަހަރެން ކެތްތެރިވަމެވެ.

• މީހަކަށް އާ ކަމެއް ދަސްކުރަން ދަތިވާ ހިނދު، މާޔޫސްވެ، ރުޅިވެރިކަމެއް ނެތި އެމީހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

• ރަތް ލައިޓުގައި މަޑުކުރަންޖެހުމުން އަހަރެން ވަރަށް ރުޅިއާދެއެވެ.

• މީހުންގެ ފަރާތުން އަންނަ ކަންކަމަށް ކެތްތެރިވުމަކީ ވަރަށް ފަސޭހަކަމެއް.

ކެތްތެރިކަމުގެ ހާލަތާއިމެދު ވިސްނާ، އެ މައުލޫމާތު ބޭނުންކޮށްގެން ދަރިން ތަރުބިއްޔަތުކުރުމުގައި ތިބާގެ ނިންމުންތަކާއި ކެތްތެރިކަން އިސްކުރެވޭނެ މިންވަރާއިމެދު ، ދަރިން ހޯދުމުގެ މަރުހަލާއަށް އަލުން ދިއުމުގެ ކުރިން ވިސްނާލާށެވެ.

3. ދަރިއަކު ހޯދަން ބޭނުންވާ ހަގީގީ ސަބަބު:

ކޮންމެ ނިންމުމެއްވެސް ނިންމަންވާނީ ހުރިހާ ގޮތަކަށް ވިސްނާފައެވެ. ދިރިއުޅުމުގެ މި މަރުހަލާގައި ކުއްޖަކު ހޯދުމާއިމެދު ސިކުނޑީގައި ހިނގަމުންދާ ވިސްނުމުގެ ހަޤީގަތް ދެނެގަންނަން ޖެހެއެވެ. އެއީ ތިބާގެ އަމިއްލަ ޚިޔާލު ހެއްޔެވެ ނުވަތަ އެހެން މީހަކު ތިބާގެ ބޮލުތެރެއަށް 'ލައިދީފައިވާ' އެމީހުންގެ އަމިއްލަ ޚިޔާލެއް ހެއްޔެވެ؟

ދިރާސާތަކުން ދައްކާގޮތުގައ މީހެއްގެ އުޅުން ބިނާކުރާގޮތާއި ލަނޑުދަނޑިތައް ކަނޑައެޅުމުގައި ވިސްނުން ބިނާވަނީ ދެކަމެއްގެ މައްޗަށެވެ. އެއީ އިންޓްރިންސިކް އަދި އެކްސްޓްރިންސިކް ލަނޑުދަނޑިތަކެވެ. އިންޓްރިންސިކް ގޯލް އެއް ނުވަތަ މޯޓިވޭޝަނަކީ ތިމާއަށް ޓަކައި ކުރަން ބޭނުންވާ ކަމެއް ކަމަށް މާނަ ކުރެވިދާނެއެވެ. ނުވަތަ ތިމާ އަމިއްލަޔަށް ނަފްސަށްޓަކައި ހޯދަން ބޭނުންވާ ކާމިޔާބީއެއްކަމުގައި ބެލެވިދާނެއެވެ. އެހެންނަމަވެސް އެކްސްޓްރިންސިކް ގޯލަކީ އެހެން މީހުން ތިބާ ކުރާނެ ކަމަށް އުންމީދުކުރާ ކަމެއް ނުވަތަ ތިމާ ކުރަން ޖެހޭ ކަމަށް ހީވާ އަދި އުއްމީދުކުރާ ކަންކަމެވެ. ސައިކޮލޮޖިސްޓުން ބުނާގޮތުގައި އާންމުގޮތެއްގައި ކާމިޔާބީ ލިބޭނީ، އަމިއްލަ ނަފްސުގެ ކުރިއެރުމަށް ކަންކަން ކުރާމީހުންނަށެވެ.

ދިރިއުޅުމުގެ މި މަރުހަލާގައި ދަރިން ހޯދުމުގެ ޝައުގުވެރިކަމާ މެދު ފުންކޮށް ވިސްނާ، އިންޓްރިންސިކް އަދި އެކްސްޓްރިންސިކް ލަނޑުދަނޑިތައް ހަނދާނުގައި ބަހައްޓައިގެން، މިދަންނަވާ ފަސް ސުވާލު އަމިއްލަ ނަފްސާއި ކޮށްލާށެވެ. އަހަރެން މި ކަންމިކުރަނީ އެހެންމީހެއްގެ އަމާޒަކށް ވާސިލްވާން ހެއްޔެވެ؟ ނޫނީ އަހަރެން މިކަން ކޮށްފިނަމަ މީހެއްގެ ކިބައިން ލިބިދޭނެ އުފަލަކަށް ހެއްޔެވެ؟ މިކަން ނުކޮށްފިނަމަ އަހަރެން ދެރަވާނެ ހެއްޔެވެ؟ ހަގީގަތުގައި ވެސް މިއީ ވަރަށް މުހިންމު ކަމެއް ކަމަށް އަހަރެންގެ ޟަމީރު ގަބޫލުކުރޭ ހެއްޔެވެ؟ މިއީ އަހަރެންނަށް އުފާވެރިކަން ލިބޭނެ ކަމެއް ހެއްޔެވެ؟ މިކަމުގެ ސަބަބުން ހަޔާތުގައި ކުރިއެރުން ލިބި ލަނޑުދަނޑިތަކެއް ހާސިލްވާނެ ހެއްޔެވެ؟

އުމުރުން ދުވަސްވުމުން ދަރިން ހޯދުމަކީ ތަފާތު ގޮންޖެހުންތައް އަންނާނެ ކަމެކެވެ.ނަމަވެސް، ބެލެނިވެރިކަމުގެ ދެ ދަތުރަކީ ދުވަހަކުވެސް އެއްގޮތްވާނެ ދަތުރެއް ނޫނެވެ. އުމުރުގެ ކުރީކޮޅުގައި ދަރިން ލިބުމުގެ ތަޖުރިބާއާއި ފަހުކޮޅުގައި ލިބޭ ތަޖުރިބާވެސް ތަފާތުވާނެއެވެ. ޕްލޭނަކާއެކު އަދި ރަނގަޅު ސަބަބުތަކަށްޓަކައި ދަރިން ހޯދުމަކަށް ދުވަހަކުވެސް ގޯސް ވަގުތެއް ނޯންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން