ޞާދިރު ޢަލީދީދީ   17 ޖުލައި 2020 - 15:9
ސަރާ
ސަރާ
އެޕިސޯޑް 28

...............

[ބައްޕަމެން މާލެއަށް ދިރިއުޅުން ބަދަލުކުރާކަށް ނުވެސް ވިސްނާތަ؟ މިހާރު ކޮއްކޮވެސް އެހުރީ ކިޔަވާ ނިމިފައި.] ނިޔާޒް ވާހަކަ ދެއްކިއެވެ.

[މަންމަ ބުނީ މާލެއަށް ދިރިއުޅުން ބަދަލުކުރާނީ އަހަރެން މީހަކާ އިން ދުވަހަކުންނޭ. އަހަންނާ ސަރާގެ ކައިވެންޏަށްފަހު މަންމަމެން މާލެއަށް ބަދަލުވާނެ. ކޮއްކޮ ނަޝާވެސް ވަރަށް ބޭނުންވޭ ރާއްޖެ އައިސް މިތާނގައި ދިރިއުޅެން.] ނިމާލް ބުންޏެވެ. ނިމާލްމެންގެ ބައްޕަ ރާޒީއަކީ ލަންކާގައި ދިރިއުޅެން މާފޯރި ހުންނަ މީހެއް ނޫނެވެ. އެތަނަށް ބޮޑަށް ފޯރި ހުންނަނީ ޒާހިދާއެވެ. ޒާހިދާގެ ކިބައިގައި ބޮޑަށް އަށަގެންފައި ހުންނަނީވެސް ސިލޯނުގެ ވައްޓަފާޅިއެވެ.

[ރޭގައިވެސް މަންމަ ގުޅި. ބުނި ވީހާވެސް އަވަހަކަށް ކައިވެނިކުރާށޯ. އޭރުންނޯ މަންމަމެނަށް ރާއްޖެއަށް ބަދަލުވެވޭނީ. މަބުނިން ބޭބެވެސް އަދި މީހަކާ ނީނދެއެއްނޫންހޭ!] ސަމާސާ ރާގުގައި ނިމާލް މިހެން ބުނީމާ ނިޔާޒްގެ ގާތަށް ހިސާބަކަށް ހިނިވެސް އައެވެ.

[ނާޒިލާ ނިމިގެން އައުމާއެކު ބޭބެގެ ކައިވެނިވެސް ކުރެވޭނެ. ކޮއްކޮ ކައިވެނިކޮށްގެން ވިޔަސް ބައްޕަމެން މާލެ ގެނެވޭތޯ މަސައްކަތްކުރޭ....] ނިޔާޒް ބުންޏެވެ.

[އިރާދަކުރެއްވިއްޔާ އަހަރެންގެ ކައިވެންޏަށް ދެން މާގިނަ ދުވަސްތަކެއް ނެތް.] ކޮފީތަށީގެ ފަހު ކޯވަރު ހުސްކޮށްލަމުން ނިމާލް ބުންޏެވެ.

[ރޭގަ ނަޝާ ކޮއްކޮ ގުޅި. އޭނަ މާލެ އަންނަން ބޭނުންވާ ވާހަކަ ބުނީ...ބޭބެ ބުނިން އަވަހަށް އަންނާށޭވެސް.] ނިޔާޒް ބުންޏެވެ.

ހޮސްޕިޓަލުން ސަރާ ގެއަށް ދޫކޮށްލީ ޖެހިގެން އައި ދުވަހުއެވެ. ނަޞީބު ދިމާކުރިގޮތުން ހޮސްޕިޓަލުން ދޫކޮށްލިއިރު ސަރާގެ ގާތުގައި ހުރީ ނިމާލް އެކަންޏެވެ. ވުމާއެކު ނިމާލަށް ސަރާ ގޮވައިގެން އޭނާގެ ގެއަށްދާނޭ ފުރްޞަތު ލިބުނެވެ.

[ދެން މާބޮޑަށް ފިކުރުނުކުރޭ ސަރާ...އަހަރެން ސަރާގެ ހިތް ފުރިގެން ބާކީވާ ވަރަށްވެސް ލޯބިދޭނަން. މިހާރު މިއައީ ބިލްތައް ދައްކާފައި. އަވަހަށް ހިނގާ ގެއަށްދާން.] ނިމާލް ސަރާގެ އަތުގައި ހިފައިގެން ހިނގައިގަތީ އެއްއަތުން ދަރިފުޅު ނަގައިގެނެވެ. ސަރާގެ ބައްޕަ ވަޖުދީއާއި ޢިމްރާންގެ ބައްޕަ ރަފީޤަށް ހޮސްޕިޓަލަށް އާދެވުނީ ސަރާ ގެއަށްދިޔަތާ އިރުކޮޅެއްވީފަހުންނެވެ.

[ސަރާ ދާނީ ކުރިންވެސް އުޅުނު ގެއަށް. ހިނގާ އެގެއަށް މިއަދު ސަރާ އަހަރެމެންގެ ގެއަށް ގެންދަންވާނެ.] ރަފީޤު ބުންޏެވެ. ރަފީޤާއި ވަޖުދީ ދެން ދިޔައީ ނިމާލްގެ ގެއަށެވެ.

[އައްސަލާމް ޢަލައިކުމް....] ސަލާމް ގޮވީ ރަފީޤެވެ.

[ވަޢަލައިކުމުއްސަލާމް.] ސަލާމް ބަލައިގަތީ ސަރާގެ މަންމަ ނަޖްމާއެވެ.

[އެމަންޖެ ކޮބާ؟] އެތެރެއަށް ވަންނަމުން ވަޖުދީ އެއްސެވެ.

[ކޮޓަރީގައި އެބައޮތް. ކުޑަމީހާއަށް ބުއްދެނީހެން ހީވަނީ.] ނަޖްމާ މިހެން ބުނެފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ވަޖުދީވެސް ދިޔައެވެ. އޭނާ ބޭނުންވަނީ ދަރިފުޅާ ބައްދަލުކޮށް ދަރިފުޅު ގޮވައިގެން ގެއަށްދާށެވެ.

[ދަރިފުޅާ...ކީއްކުރަން މިގެއަށް ތިއައީ...ބައްޕަމެން މިއައީ ދަރިފުޅު ބަލާ. ހިނގާ ގެއަށްދާން. އަމިއްލަ ބޮޑު ގެއެއް ހުއްޓާ ހިލޭ ބައެއްގެ ގާތު ހުރުމުގެ ބޭނުމެއް ނެތް ދަރިފުޅާ...ދައްތަ ނިޔާވުމަށްފަހު ގޭތެރޭގެ އުފާވެރިކަަންވެސް އެވަނީ ނެތިގޮސްފައި. ބައްޕަމެންގެ އުފަލަށްޓަކައި މިހާރު ހުރިހާވެސް މީހަކީ ދަރިފުޅު....] ވަޖުދީ ކޮޓަރިއަށް ވަދެ ސަރާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.

[ބައްޕާ އާދޭސް ކުރަން ބައްޕާ....މިވަގުތު އަހަރެން ތިގެއަށް ގެންދަން މަސައްކަތް ނުކުރޭ...އަހަރެން ހާލުގައި ޖެހުނު ކޮންމެ ވަގުތެއްގައިވެސް އަހަންނަށް ހިޔާވަހިކަން ލިބުނު ގެއަކީ މިއީ. މާބަނޑު ދުވަސްވަރު އެބުރަޔާއެކު ވަނިކޮށް އެއްވެސް ރަޙްމެއްނެތި ތިގެއިން އަހަރެން ބޭރުކޮށްލީމާވެސް ހިނގަމުން ހިނގަމުން އައިސް ވަދެވުނު ހިޔާވައްސަކީ މިއީ....ނިމާލް އަހަރެން ނެރެ އެއްލާލަންދެން އަހަރެން އުޅެން ބޭނުންވަނީ މިގޭގައި. މަޢާފްކުރޭ ބައްޕާ. ބައްޕަގެ ތިހަވޭލިީގައި ދިރިއުޅެން ވަރަށް ކެތްތެރިކަމާއެކު އަހަރެން މަސައްކަތް ކުރިން. އެކަމަކު އަހަރެންގެ ކެތްތެރިކަން ކޮޅުންލީ. ހިތްފަޅައިގެން ހިނގައިދާނޭހެން ހީވުމުން އަހަރެން ތިގެ ދޫކޮށްލީ. އަހަރެންގެ ހިތުގައި ބައްޕައާއި މަރުވެދިޔަ ބަދުނަޞީބު ދައްތައަށް އެއްވެސް ބުރަކަމެއް ނެތް. އަހަރެން ދައްތައަށް ހެޔޮދުޢާ ކުރާނަން. މާތްރަސްކަލާނގެ ދައްތައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި....] ސަރާ ރޮއިރޮއިފައި ވާހަކަ ދެއްކިއިރު ވަޖުދީއާއި ނަޖްމާއަށްވެސް ވަނީ ރޮވިފައެވެ.

[ދަރިފުޅާ...ޢިމްރާންގެ ޙާލު ރަނގަޅެއް ނޫން. ދަރިފުޅު އޭނައަށް މަޢާފްކޮށްފަ، އަލުން ޢިމްރާނާ ގުޅުމަށް ބައްޕަ އެދެން.] ވަޖުދީ މިހެން ބުނީ ނަޖްމާ އެކަމާ ދެކޮޅު ހަދާނެކަން އެނގިހުރެވެސްމެއެވެ.

[ތިކަމެއް އެމަންޖެ ދެނެއް ނުކުރާނެ. ވަޖުދީއެއްކަމަކު ތިކަހަލަ ނަޞޭޙަތް މިމަންޖެއަށް ދީގެންނުވާނެ.] ނަޖްމާ ބުންޏެވެ.

[ބައްޕާ މަންމަ އެބުނީ ރަނގަޅަށް. އަލުން ޢިމްރާންގެ ދިރިއުޅުމާ ގުޅޭކަށް އަހަރެން ނުވިސްނަން....ނިމާލް އަހަންނަށް ވެދިން އެހީތެރިކަމުގެ ބަދަލު ދުވަހަކުވެސް އަހަންނަކަށް ނުދެވޭނެ.] ސަރާއަށް ގިސްލެވުނެވެ. އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ބައްޕަ ބަދަލުދީފާނަން. އޭނަގާތު އަހާބަލަ. ކިހާ ފައިސާއެއްހޭ ބޭނުންވަނީ. އެއްމިލިޔަން ރުފިޔާވެސް ބައްޕަ މިހުރީ ދޭން ތައްޔާރަށް.] މިހުރިހާ ވާހަކައެއް ދެއްކިއިރުވެސް ދޮރުމަތީގައި އެމީހުންގެ ވާހަކަތައް އަޑުއަހަން ނިމާލް ހުއްޓެވެ.

[ސަރާ ބައްޕާ...ކިތަންމެ މިލިޔަނެއް ދިނަސް ބޭނުމެއް ނޫން. ފައިސާއަކަށް އަހަރެންގެ ހިތެއް ބަދަލެއް ނުކުރެވޭނެ. ސަރާއަކީ ފައިސާވެރި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަން އެނގިގެނެއް ނޫން އަހަރެން ސަރާއަށް އެހީވީ....ސަރާދެކެ ލޯބިވާތީ...އަހަރެން ދުވަހަކުވެސް ސަރާ ހިތުގައި ނުޖައްސާނަން. ދާއިމަށް ސަރާ އުފަލުގައި ގެންގުޅޭނަން. ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި އުފަލާއި ހިތްހަމަޖެހުން ޙިއްޞާކޮށްގެން އަބަދުވެސް ސަރާ ގެންގުޅޭނަން. ހަމަގައިމުވެސް ޢިމްރާންފަދަ ރަޙުމްކުޑަ މީހަކަށް އަހަންނެއް ނުވާނެ.] ސަރާގެ ލޯބީގައި ޖެހި މިހާރު ނިމާލްގެވެސް އަމިއްލަ އިޚްތިޔާރެއް ނެތެވެ.

އެދުވަހު ވަޖުދީއާއި ރަފީޤު އެގެއިން ދިޔައީ މާޔޫސީ ހާލުގައެވެ. އެމީހުން ސަރާ ބަލާ ދިޔައީ ޢިމްރާނަށް ވަރަށްބޮޑު ޔަޤީންކަމެއް ދިނުމަށްފަހުގައެވެ.

[ބައްޕާ ކޮބައިތަ ސަރާ؟ ސަރާ ނައިތަ؟] ރަފީޤު އައިސް ވަނުމާއެކު ޢިމްރާން އެއްސެވެ. މިހާރު ޢިމްރާން ކޮޓަރިން ނުނިކުމެ އޮންނަތާ ދެދުވަސް ވަނީއެވެ. ކެއުމެއް ބުއިމެއްނެތި އޭނާގެ ކަމަކީ ރޮއި ހިތާމަ ކުރުމެވެ.

[ދަރިފުޅާ ބައްޕައަކަށް ހިއެއްނުވޭ ދެން ސަރާ އަންނާނެހެނެއް...ވަޖުދީ ވަރަށް ވާހަކަ ދެއްކި...އެކަމަކު ސަރާގެ ވިސްނުން ބަދަލުކުރާކަށް ބޭނުމެއްނުވި....] ޢިމްރާންގެ ބޮލުގައި ފިރުމާލަމުން ރަފީޤު ވާހަކަ ދެއްކިއެވެ.

[ބައްޕާ މިވަގުތު އިހަށް ބައްޕަ މިތަނުންދޭ...އަހަރެން ބޭނުން ވަނީ ސިކުނޑިއަށް އަރާމް ހޯދާލަން.] ޢިމްރާން މިހެން ބުނީމާ ދޮރުލައްޕާލުމަށްފަހު ރަފީޤު ނުކުތެވެ. އޭގެ މާގިނައިރުތަކެއް ނުވެއެވެ. ޢިމްރާން އޮތް ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާލިއަޑު އިވުނެވެ. ޢިމްރާން ތެދުވިއެވެ.

[ކާކު؟] ޢިމްރާން ސުވާލުކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. ދެންވެސް އިވުނީ ޓަކިޖަހާލި އަޑެވެ. އިމްރާން މަޑުމަޑުން ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނައަށް ލިބުނީ ބަޔާންކުރަންވެސް ދަތިވާފަދަ ހިތްހަމަޖެހުމެކެވެ. ދޮރުމަތީގައި ހުރީ ސަރާއެވެ.

[ސަރާ....] ލިބުނު އުފަލާއެކު ޢިމްރާންގެ ދޫ ޙަރަކާތް ކުރިއެވެ. ސަރާ އެތެރެއަށް ވަނެވެ. ޢިމްރާން ދޮރު ލައްޕާލުމަށްފަހު ތަންޑު އެޅުވިއެވެ.

[ސަރާ ތިއައީތަ؟ ހާދަ ރަނގަޅޭ. އަހަރެން ވަރަށް އުފާވެއްޖެ. ކޮބާ އަހަރެންގެ ދަރިފުޅު....] ޢިމްރާނަށް އުފަލުން ރޮވިއްޖެއެވެ. ސަރާ ހުރީ ހިނިއައިސްފައެވެ. ސަރާގެ މޫނުމަތިން ހިތްދަތިކަމުގެ ކުޑަވެސް އަސަރެއް ފެންނާކަށް ނެތެވެ.

[ސަރާ...އަހަރެންގެ ދަރިފުޅު ކޮބައިތަ؟ އަހަރެން މިހުންނަނީ ދަރިފުޅު ދެކެލާހިތުން ކެތްމަދުވެފައި.] ޢިމްރާން ސަރާގެ އަތުގައި ހިފެހެއްޓިއެވެ. ސަރާ ދެލޯ މަރާލަމުން ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.

[ސަރާ އެނބުރި އައީތީ އަހަރެން ވަރަށް އުފާވެއްޖެ...އަޅެ ކީއްވެތަ ސަރާ އަނގައިން ނުބުނެ ތިހުންނަނީ...އަނގައިން ބުނެބަލަ. ވާހަކަ ދައްކަބަލަ.] ޢިމްރާން ސަރާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[ސަރާ މިހާރު އަހަރެންދެކެ ލޯބިނުވަނީތަ؟ ލޯބިވާނަމަ އަހަންނާ އަނގައިން ބުނެބަލަ. އަހަރެންދެކެ ތިވަރަށް ރުޅިއައުމުގެ ޙައްޤު ސަރާއަށް އެބައޮތް. އަޞްލު އަހަންނަށް ސަރާޔާ ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަންވެސް އެނގޭ. ސަރާ ނޫން މީހަކު ތިގޮތަށް އަހަރެންގެ އަތުތެރެއަށް ނުވެސް އަންނާނެކަންނޭނގެ.] އިމްރާނަށް މިހެން ބުނެވުމާއެކު ސަރާ ޢިމްރާންގެ ހަށިގަނޑުން ވީއްލުމަށްފަހު ދުރަށް ޖެހިލިއެވެ.

[ސަރާވެސް ދެނެއް ތި ރަޙުމްކުޑަ ދެއަތުގެ ތެރެއަކަށް ނުވަންނާނެ. ތިޔައީ ހިލަ ހިތެއްގެ ވެރިއެއް. ނިކަން ވިސްނާލަބަލަ. އަހަރެންގެ މާބަނޑު ދުވަސްވަރު އަހަރެން ގެއިން ނެރެ އެއްލާލިއިރު ކުޑަކޮށްވެސް ވިސްނާލީމުތަ؟ ޢިމްރާންގެ މަންމަ ފަދަ މީހަކު އަދިވެސް ކިތަންމެ ބޮޑު ކެއްސެއްވެސް ދީފާނެ. އަހަރެން މިހާރު ބޭނުންވަނީ އަހަރެންގެ ދިރިއުޅުން އޯގާތެރި ބައިވެރިޔަކާއެކު ޙިއްޞާ ކުރަން....] މިހެން ބުނެފައި ސަރާ ހިނގައިގަތެވެ.

ބާރު ހަޅޭކަކާއެކު ޢިމްރާނަށް ހުވަފެނީ ޢާލަމުން ޙަޤީޤީީ ޢާލަމަށް އާދެވުނީ އެހާ ހިސާބުންނެވެ. ހޭލެވުމާއެކު އޭނާ ވަށައިގެން ހޯދަން ފަށައިފިއެވެ. ކުރިމަތީގައި ހުރީ އޭނާގެ މަންމަ ފަހީމާއެވެ.

[ދަރިފުޅާ ކިހިނެއްވީ! ހުވަފެނެއް ފެނުނީތަ؟] ފަހީމާ ޢިމްރާން އޮތް އެނދުގެ މަގަތުގައި އިށީނދެލިއެވެ.

[މަންމާ ސަރާ ކޮބައި؟ ސަރާ ދެންމެ މިތާނގަ ހުރި. ސަރާ އަހަންނަށް ދަރިފުޅުވެސް ނުދެއްކި. ސަރާ ބުނީ އަހަރެންގެ ޙަޔާތަށް ދެން ނާންނާނަމޯ.....] އިމްރާނަށް ރޮވިއްޖެއެވެ.

[ދަރިފުޅާ ހުވަފެނުގަ އެހެން ބުންޏަކަސް ސަރާ ދަރިފުޅުގެ ގާތަށް އަންނާނެ. ސަރާ އެއަށްވުރެން މާބޮޑަށް ދަރިފުޅުދެކެ ލޯބިވޭ. ފިކުރުނުކޮށް އަރާމްކޮށްލާ...] ފަހީމާ ދަރިފުޅުގެ ބޮލުގައި އަތްކާއްތަމުން ހިތްވަރު ދެމުން ގެންދިޔައެވެ.

[މަންމާ...މަންމައަށް އެނގޭތަ އަހަންނަށް މިހާލު މިޖެހުނީ މަންމަގެ ސަބަބުންކަން. މަޔެއްގެ ފުށުން ދަރިޔަކަށް ދެވޭނޭ އެންމެބޮޑު ހިތްދަތިކަން މިއަދު އަހަރެން ބަރުދާސްތު ކުރަމުން މިގެންދަނީ.] ޢިމްރާން މިހެން ބުނީމާ ފަހީމާއަށް ވަރަށް އަސަރު ކުރިއެވެ. ޙަޤީޤަތުގައިވެސް އޭނާގެ ސަބަބުން އޭނާގެ ދަރިފުޅު އެދަނީ ވޭންތަކެއް އުފުލަމުންނެވެ.

މިހާރު އޭނާގެ ހިތަށް އަރައެވެ. ކުރިން ސަރާއަކީ ކާކުކަމާއި، ސަރާއަކީ އެވިޔަފާރި ޚާންދާނުގެ އެއް ޙިއްޞާދާރުގެ ދަރިފުޅެއްކަން އެނގުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. ހަމަގައިމުވެސް އެނގުނުނަމަ، އޭނާ ސަރާ ޢިމްރާންގެ ދިރިއުޅުމުން ފައްސާލާކަށް މަސައްކަތެއް ނުކުރީހެވެ.

[މަންމައަށް މަޢާފްކުރޭ ދަރިފުޅާ...އިރާދަކުރެއްވިއްޔާ ސަރާ ގެނެސްދޭނަން. މަންމަ ސަރާ ބަލައިދާނަން...] ފަހީމާ މިހެން ބުނީމާ ޢިމްރާނަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ.

އޭނާ އެވަގުތު ޢިމްރާންގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އެހެން ބުންޏަސް ސަރާއާއި ސަރާގެ މަންމަގެ ކުރިމައްޗަށް އަރާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ.

[އަހަރެން ކިހިނެއް ސަރާއާ ކުރިމަތިލާނީ. ހެޔޮ ލަދުގަންނުވާލިޔަސް ވަރިހަމަ. އަހަރެންގެ ދަރިފުޅުގެ ޙައްޤުގައި އަހަރެން ސަރާގެ ކުރިމައްޗަށްގޮސް އާދޭސްވެސް ކުރާނަން.] ފަހީމާ ހިތާހިތާ ވާހަކަ ދައްކަމުން ކޮޓަރިން ނުކުތެވެ.

ފަހީމާ ނިންމީ ޖެހިގެން އަންނަ ދުވަހު އޭނާއާއި ރަފީޤު ސަރާ ބަލާ ދިޔުމަށެވެ. އޭރުން ސަރާ އަންނާނޭ ކަމަށް ފަހީމާއާއި ރަފީޤު ގަބޫލު ކުރެއެވެ. ނަމަވެސް ސަރާމެން ކުރިއަށް ރާވަމުން ދަނީ ކޮންގޮތެއް ކަމެއް ސަރާއާއި އޭނާގެ މަންމަގެ އިތުރުން ނިމާލް ފިޔަވައި އެކަކަށްވެސް ނޭނގޭނެއެވެ. ނިމާލް އޭނާގެ ބޭބެ ނިޔާޒް ގާތުވެސް އެއްވެސް ވާހަކައެއް ނުބުނެއެވެ.

[މަންމަ ބުނީ މަންމައާއި ބައްޕަ މާދަމާ ސަރާ ބަލާ ދާނަމޯ...މަންމަ ގޮސްފިއްޔާ ވަރަށް ހީވޭ ސަރާ އަތުވެދާނެހެން...] ޢިމްރާނާއި ނިޔާޒް ވާހަކަ ދައްކަން ތިބީ އާޓިފިޝަލް ބީޗްގައި ހުރި ކެފޭއެއްގެ ތެރޭގައެވެ.

އެއީ އެމީހުން ޢާންމުކޮށް ގޮސް އުޅޭ ތަނެކެވެ. އެވަގުތު ޢިމްރާންމެންގެ ކުރީގެ ފެމެލީ ޑޮކްޓަރ ޝަހީދު އެދިމާއަށް އަންނަތަން ނިޔާޒަށް ފެނުނެވެ.

[މިއަންނަނީ ޑޮކްޓަރ ޝަހީދު.] ނިޔާޒް ޢިމްރާނަށް ޝަހީދު ދެއްކިއެވެ. ޝަހީދު އައިސް ޢިމްރާންމެން ތިބި މޭޒާ އަރާ ހަމަކޮށް ހުއްޓުނެވެ.

[އިށީނދޭ...މިހާރު ހާދަ ނުފެނެޔޭ! ކީއްވެތަ ކުއްލިއަކަށް އަހަރެމެންގެ ޢާއިލާގެ ޑޮކްޓަރުކަމުން ދުރަށްދިޔައީ؟] ޑޮކްޓަރ ޝަހީދު އިށީނީމާ ޢިމްރާން އެއްސެވެ.

[އަޞްލު އެއީ ވަަރަށް ދިގު ވާހަކައެއް. މަލަކާ މަރުވީމާ މިވާހަކަ ދެއްކުންވެސް އެހާ ރަނގަޅެއްނުވާނެ. އަޞްލު މަލަކާ އަހަރެން ބޭރުކުރީ...މައްސަލައަކީ ސަރާ ބަލިވެއިނުން.] މިހެން ބުނެފައި ޝަހީދު ހުއްޓާލިއެވެ.

[އެއީ!؟ ސަރާ ބަލިވެއިނީމައޭ.] ޢިމްރާނަށް ޝޮކެއް ލިބުނެވެ. އެއަށްފަހު ޢިމްރާންގެ ކިބައިން މަޢާފަށް އެދުމަށްފަހު ޑޮކްޓަރ ޝަހީދު ހުރިހާ ވާހަކައެއްވެސް ކިޔާދިނެވެ.

[އަހަރެންގެ ގޭގައި ތަފާތު ގޮތްގޮތަށް ސަރާއަށް ދަތިކޮށްފިތާ. އެފަކީރު ހިތްފަޅައިގެން ނުގޮސް ދުނިޔޭގައި ހުރިކަން ނަޞީބެއްނު. ޢިމްރާން ދެފަރާތަށް ބޯހޫރާލިއެވެ. އެވަގުތު ޑޮކްޓަރ ޝަހީދު ދެކެ އޭނާ ކިތަންމެ ރުޅިއައި ކަމުގައިވިޔަސް، އޭނާ އެކަން ފާޅެއް ނުކުރެއެވެ. އޭނާ ޝަހީދާ ދިމާއަށް ބުނިހާވެސް އެއްޗަކީ ޝަހީދުމެންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް އިންސާނުން ނޫން ކަމަށެވެ.

[އަހަރެން މަޢާފް ކޮށްފިން...ސަރާގެ މަޢާފް ހޯދަންދޭ. އަހަންނަކަށް ސަރާގެ މަޢާފް ހޯދައެއްނުދެވޭނެ.] ޢިމްރާން ޑޮކްޓަރ ޝަހީދާ ދިމާއަށް ބަލައިވެސް ނުލައެވެ. ޑޮކްޓަރ ޝަހީދު އެތަނުން ތެދުވެގެން ހިނގައިގަތެވެ.

އިރުއޮއްސި އަނެއް ދުވަހެއްގެ ފެށުމަކަށް އިންތިޒާރުކޮށް ގޮސް ޢިމްރާން ހުއްޓާ އިރުވެސް އޮއްސިއްޖެއެވެ. އެހެންވެ އާ ދުވަހަކަށް އިރުވެސް އަރައިފިއެވެ. މިހާރު ޢިމްރާންގެ މަންމައާއި ބައްޕަ ތައްޔާރުވަމުން އެދަނީ ސަރާއާއި އެމީހުންގެ ދަރިފުޅު ބަލާ ދިޔުމަށެވެ. އެމީހުން އުއްމީދު ކުރެއެވެ. އެދެމަފިރިން އެކުގައި ގޮސް އެދިއްޖެނަމަ، ސަރާ އެނބުރި އަންނާނެއެވެ. ޢިމްރާނާ އަލުން ކައިވެނި ނުކުރި ކަމުގައިވިޔަސް ސަރާއަކީ އެމީހުންގެ ވިޔަފާރީގެ އެއް ޙިއްޞާދާރެވެ.

ވަޖުދީގެ ދެވަނަ ދަރިފުޅަކު މިހާރަކު ދުނިޔެއަކު ނެތެވެ. ވަޖުދީގެ ހުރިހާވެސް ކުއްޖަކީ ސަރާއެވެ.

[ހިނގާ އަވަހަށް ދާން..ކާރު އެއޮތީ ދޮރުމަތީގައި...] ރަފީޤު އެތެރެއަށް ވަންނަމުން ބުންޏެވެ. އޭރު ފަހީމާ ހުރީ ތައްޔާރުވެގެންކަމުން އޭނާ ރަފީޤާއެކު ކާރަށް އަރައިފިއެވެ. ކާރު ދުއްވީ ރަފީޤެވެ.

[އެމަންޖެ އަންނާނެބާ؟] ނިމާލްމެންގޭ ދޮރުމައްޗަށް ކާޑު މަޑުކޮށްލަމުން ރަފީޤު ބުނެލިއެވެ.

[ފަހީމާ ފައިބާ. އަހަރެން އަންނާނަން ކާރު ޕާކްކޮށްލާފައި.] ފަހީމާ ކާރުން ފޭބުމަށްފަހު ނިމާލްމެންގޭ ދޮރުމަތީގައި މަޑުކޮށްލިއެވެ.

މާގިނައިރުތަކެއްނުވެ ރަފީޤު ކާރު ޕާކް ކުރުމަށްފަހު އެތަނަށް އަތުވެއްޖެއެވެ. ދޮރާށިން އެތެރެއަށް ވަނީ ދެމީހުން އެކުގައެވެ.

[އައްސަލާމްޢަލައިކުމް.] ދޮރުން އެތެރެއަށް ވަދެ ގޯތިތެރޭގައި މަޑުކޮށްލަމުން ފަހީމާ ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތުމަށްފަހު ނުކުތީ މެދުޢުމުރުގެ އަންހެނަކާއި ފިރިހެނެކެވެ.

[ސަރާ ކޮބާ؟] ރަފީޤު އެއްސެވެ.

[މިގެ ކުއްޔަށްދީފައި އެމީހުން ހިނގައްޖެ.] ނޭނގެ ދިޔަތަނެއް.] އެތާހުރި ފިރިހެން މީހާ ޖަވާބުދިނެވެ.

[ހިނގައްޖެއޭ ކޮންތާކަށްބާދާނީ؟] ފަހީމާ ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ. ޙަޤީޤަތުގައި މިހާރު ފަހީމާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. އޭނާ އެގެއަށް އެއައީ ޢިމްރާނަށް އުންމީދީ ޔަޤީންކަމެއް ދީފައެވެ. ޢިމްރާންވެސް ހީކުރާނެއެވެ. މަންމައާއި ބައްޕަ އަންނައިރު ސަރާ ގެންނާނެއެވެ. އެދެމަފިރިންގެ އާދޭހުގެ އަޑުއަހާކަށް ސަރާއަކަށް ކެތެއް ނުކުރެވޭނެއެވެ.

[އަނެއްކާ ރަށަށްދިޔައީކީ ނޫންބާ؟] ރަފީޤު އެއްސެވެ.

[ރަށަށްދާ ވާހަކަވެސް ދެއްކި...ލަންކާއަށްދާ ވާހަކަވެސް ދެއްކި. ނޭނގެ ދިޔައީ ކޮންތާކަށް ކަމެއް.] އެމީހާ ޖަވާބު ދިނެވެ. ފަހީމާއާއި ރަފީޤު ނުކުތެވެ.

[ކިހާދެރަގޮތެއް މިދިމާވީ. މިކަން އެނގިއްޖިއްޔާ ޢިމްރާން ވަރަށް ދެރަވާނެ. މިހާރުވެސް ހިތާމަކޮށް އެސޮރު އެހަލާކުވަނީ....] ފަހީމާއަށް ހަދާނޭގޮތް ހުސްވިއެވެ. ދަރިފުޅުގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާއަށް ކުރެވިދާނޭ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ.

އެދަރިފުޅުގެ ދިރިއުޅުން ހަލާކުރީ ސީދާ އޭނާގެ އަތުންނެވެ. އެހެން ނަމަވެސް އޭނާ ވިސްނީ ފަހަރެއްގައިވެސް އެދަރިފުޅަށް ދެރައެއްދޭކަށް ނޫނެވެ. އޭނާ ވިސްނީ އެދަރިފުޅަށް މޮޅުގޮތް ހޯދައިދިނުމަށެވެ.

ޢިމްރާން ނުހަނު ލޯބިން ކައިވެނިކޮށް ކާމިޔާބު ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް ޢިމްރާންގެ ބައިވެރިޔާ ފައްސާލި މީހަކީ ދެވަނަ މީހެއް ނޫނެވެ. ހުރިހާ ކަމެއް ރޭވީވެސް ސީދާ ފަހީމާއެވެ.

[ހުރިހާ ކަމެއްގެ އަޞްލަކީވެސް ފަހީމާ...އަހަރެމެން ގޮސް އެސޮރު ގާތު ބުނާނީވެސް ކީކޭތަ؟] ރަފީޤުވެސް މާޔޫސްވެއްޖެއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން