ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވުމާއި ހަމައަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަޤީޤަތާއި ހިލާފު އެތައް ތުހުމަތެއް އެޅުވި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ރާގު ބަދަލުވެ، މުއިއްޒުއާ "ގުޅެން" މަސައްކަތް ފަށައިފި ކަމަށް ގިނަބަޔަކު ބުނަން ފަށައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންކަމަށްވިޔަސް، ނިމިދިޔަ އިންތިހާބުގެ ތެރެއިން މުއިއްޒުއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އިމްރާން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މުއިއްޒުއަކީ ހީލާތްތެރި ބޭފުޅެއްކަމަށާއި، ރައީސް ޔާމީނަށް ހުކުމް އިއްވެވުމުން މުއިއްޒު ހުންނެވީ އުފަލުންކަމަށް ވިދާޅުވުމުގެ އިތުރުން، މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ ޣަރަގުވެގެންދާނީ ފުން ކަނޑަކަށްކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި މި ނޫނަސް ކިތަންމެ ތުހުމަތެއް މުއިއްޒުގެ އިސްތަށިފުޅުގައި އެޅުވިއެވެ.

މުއިއްޒުއާ ދިމާލަށް "ދުނިޔެ ލެއްވި ހުރިހާ އެއްޗެއް ގޮވުމަށްފަހު" މުއިއްޒަށް ވެރިކަން ލިބުމާއެކު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ވާހަކަ މިއަދު ވަނީ ބަދަލުވެފައެވެ. އިމްރާން ބުނާގޮތުންނަމަ މިހާރު އޭނާ ދަނީ މުއިއްޒަށް ނަސޭހަތް ދެއްވައި، އެކި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދެއްވަމުންނެވެ. އެގޮތުން އެންމެފަހުން ދެއްވި އިރުޝާދަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާއިރު އަމަކުކުރަންޖެހޭ ގޮތުގެ އިރުޝާދެެވެ.

މުއިއްޒުއަށް އިރުޝާދު ދެއްވަމުން ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ދިވެހި ފުލުހުންގެ ސަފުތައް ރޫޅި، މުއައްސަސާގެ މަސްލަހަތު ގެއްލި، ޤައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ޕޮލިސް ކަމިޝަނަރަކަށް ނުލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިމްރާންގެ ޓްވީޓްގައި މިއީ އޭނާއާ ބެހޭކަމެއް ނޫންކަމަށްވެސް އިއުތިރާފްވެވަޑައިގެންފައި ވެއެވެ. ނަމަވެސް އޭނާގެވެސް ޤައުމަށްވީތީ ހިތަށް އުނދަގޫވާ ވަރުން އެ ވާހަކަ ވިދާޅުނުވެ ނުހުންނެވުނީ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



"މީ އަަޅުގަނޑާ ބެހޭ ކަމެއް ނޫނޭވެސް ބުނެވިދާނެއެވެ. އެމީހެއްގެ ރޮނޑު ހަން ދަމާނެ ގޮތް އެނގޭނީ އެމީހަކަށެވެ. މުސްކުޅިން ބުނެއެވެ. އެކަމު ހަމަ އަޅުގަނޑުމެންގެވެސް ޤައުމަށްވީތީ،ހިތަށް އުނދަގޫވާ ވަރުން ބުނެލަމެވެ. ދިވެހި ފުލުހުންގެ ސަފުތައް ރޫޅި، މުއައްސަސާގެ މަސްލަހަތު ގެއްލި، ޤައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނަރ އޮފް ޕޮލިސްއަކަށް ނުލެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް އިލްތިމާސްކުރަމެވެ." އިމްރާން ކުރެއްވި ޓްވީޓުގައިވެއެވެ.

ރިޔާސީ އިންތިހާުބުގެ ކެމްޕެއިންގެ ތެރެއިން މުއިއްޒުގެ އިސްތަށިފުޅުގައި އެތައް ބަދުނާމެއް އެޅުވިއިރުވެސް، އެކަންކަމަށް މުއިއްޒު އެއްވެސް ރައްދެއް ނުދެއްވައެވެ. އެންމެ ކުޑަމިނުން އެމަނިކުފާނުގެ އެއްވެސް ސްޕީޗެއްގައި، އެއްވެސް ޕޯޑިއަމެއްގައި އިމްރާންގެ ނަންވެސް ނުގެންނަވައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މުއިއްޒުއަށް އިންތިހާބު ކާމިޔާބުވުމުގެ މައިގަނޑު އެއް ސަބަބަކީ މީހުން ކިޔާ އެއްޗެއްސަށް ރައްދު ނުދެއްވައި، ހިކުމަތްތެރިކަމާއެކު ކުރިއަށް ވަޑައިގަތުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން