އަހުމަދު މަސްނޫމް   6 އޮކްޓޯބަރު 2023 - 2:14
ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުއިއްޒުގެ ވެރިކަމުގައި ރައީސް ޔާމީންގެ ދައުރު އޮންނަނީ ކިހާވަރަކަށްބާއެވެ. މަޤާމުތަކަށް އަންނަންޖެހޭނީ އެމަނިކުފާނުގެ ރުހުން ލިބިގެންތޯއެވެ. ނޫނީ ޑރ. މުއިއްޒު ސަރުކާރު ހިންގަވަންޖެހޭނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށްތޯއެވެ. މިއީ ހައްތަހާވެސް މީހުންގެ ހިތަށް އަންނަ ސުވާލުތަކެވެ. އެ ސުވާލުތައް މީހުންގެ ހިތަށް އަންނަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއީ މީގެކުރިން ރާއްޖޭގެ ވެރިކަމުގެ އެތެރެކޮއިލުގެ ތެރެއިން ފެނިފައިވާ މަންޒަރުތަކާއި ގުޅިގެނެވެ. ރައީސް ސާލިހާއި ރައީސް ނަޝީދު އަދި ރައީސް ޔާމީނާއި ރައީސް މައުމޫންގެ މެދުގައި ހިނގި ކަންކަމަކީ، މި ސުވާލުތައް އުފެދެން މެދުވެރިވާ މައިގަނޑު ސަބަބެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒުއަށް ލިބުނު ގޮތާއި ގުޅިގެން ތަފާތު ވާހަކަތައް ރަށު ތެރޭގައި ދައްކައެވެ. ބައެއް މީހުން ބުނާގޮތުން މުއިއްޒުއަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް ޔާމީންގެ "ބްލެސިންގ" ނުވަތަ "ރުހުން" ނެތިއެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން ޕާޓީގެ އުސޫލުތަކާއި ހިލާފު ނުވާން ނުވަތަ ޑިމޮކްރަސީގެ ރީތި ސިފަ ދެއްކެވުމަށް ޕާޓީގެ ނިންމެވުމަށް އިހްތިރާމްކޮށް ރައީސް ޔާމީންގެ "އެންޑޯސްމަންޓް" ނުވަތަ "ތާއީދު" ދެއްވީއެވެ. ކޮންމެއަކަސް ޕީޕީއެމް ރިޔާސީ ޓިކެޓް މުއިއްޒު ހޯއްދެވި ގޮތަކާއި ގުޅޭގޮތުން ދައްކާ ވާހަކަތަކުގެ ހަޤީޤަތް އެނގޭނީ ދެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނަށެވެ. އެ ބޭފުޅުންވެސް މިހާތަނަށް އައިއިރު މާގިނަ ވާހަކަތަކެއް ނުދައްކަވައެވެ. އެއީ ޕީޕީއެމް ޕީއެންސީއަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވެދާނެއެވެ.

މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމާއެކު ފެނިގެންދިޔައީ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި މަންޒަރެވެ. ގެއަށް ބަދަލުކުރެއްވި ދުވަހު ކަންކަން ހިނގި ގޮތާއި، އެކި ބޭފުޅުންގެ މޫނުމަތިން ފެނުނު ކުލަވަރުތައް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން މާނަކުރަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން ބުނާގޮތުން ރައީސް ޔާމީން ހުންނެވީ "ހިތްހަމަޖެހިފައެއް" ނޫނެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް ނޭނގެއެވެ. ފަހަރުގައި މުއިއްޒުއަށް ވެރިކަން ލިބުމަކީ އޭގެ ސަބަބަކަށްވެސް ވެދާނެއެވެ. ނޫނީ ނުވެވެސް ދާނެއެވެ. އޭގެ ހަޤީޤަތްވެސް އެނގޭނީ އެމަނިކުފާނާށެވެ.

ކޮންމެއަކަސް މިހާރު އެންމެ ގިނަ ބައެއްގެ ހިތުގައި އޮންނާނެ އެންމެ ބޮޑު ސުވާލަކީ ރައީސް ޔާމީން ހައްދަވާނީ ކިހިނެތްތޯއެވެ. މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ ދައުރަކީ ކޮބައިތޯއެވެ.

ރައީސް ޔާމިން ޑޜ. މުއިއްޒަށް އެއްބާރުލުން ދެއްވާނެތޯ ނުވަތަ ނޫންތައް އުފެދޭ ސުވާލުގެ ޖަވާބު އެލިބުނީ އެމަނިކުފާނުގެ "ކުޑަ ދޮރުން" ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެނީ އެމަނިކުފާނު ކުޑަ ދޮރުން ސަޕޯޓަރުންނަށް ދެއްވި މެސެޖަކީ މަޑުން ނުތިބެ މަގުމައްޗަށް ނުކުތުމަށެވެ. ރައީސް ޔާމިން ދޫކޮށްލަން ބާރަށް ގޮވަމުން ދިއުމަށެވެ. ނަމަވެސް އިންތިހާބީ ރައީސް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުށް ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރުމަށް ފުރުސަތު ދީފައި މަގުމައްޗަށް ނުނިކުތުމަށެވެ. ހަމަގައިމުވެސް މިފަހަރު މިއިތީ ދެ ބޭފުޅުންގެ ވިސްނުންފުޅު ތަފާތު ވެފައެވެ.

ރައީސް ޔާމީނަކީ ސިޔާސީ މަސްރަހުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ ލީޑަރުންގެ ތެރެއިން، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތަޖުރިބާ އެންމެ ބޮޑަށް ހުންނާނެ އެއް ބޭފުޅާއެވެ. ތައުލީމީ ބޭފުޅެކެވެ. ސްމާޓް، ވިސްނުން ތޫނު، އިލްމީ ބޭފުޅެކެވެ. ދުނިޔޭގެ ތާރީހުގައި ކަންކަން ހިނގާފައި ހުރި ގޮތް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ސިޔާސީ ކަންކަމުގައި "ބޯގޯސް" ކަންކަން ކުރައްވާނެ ބޭފުޅެއް ނޫންކަން މިހާތަނަށް ވަނީ ސާބިތުކޮށްދެއްވާފައެވެ. ސިޔާސީގޮތުން ތަޖުރިބާނުކުރައްވާ ކަމެއް ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.

ފެންނަން އޮތް ތަނަށް ބަލާއިރު، ރައީސް ޔާމީންގެ ފަރާތުން މުއިއްޒުއަށް ޖެއްސުންކުރުމުގެ ގޮތުން ކަމެއް ކުރައްވަފާނެކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ. ރައީސް ޔާމީނަކީ ޕްރޮފެޝަނަލިޒަމް ހިފަހައްޓަވާނެ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ފަރާތުން ރައީސް ސާލިހަށް އެކި ކަންކަމުގައި ކުރެއްވި ޕްރެޝަރު، ރައީސް ޔާމީންގެ ފަރާތުން މުއިއްޒުއަށް އަތުވެދާނެކަމަށް ބަލާނެކަމެއްވެސް ނެތެވެ. ރައީސް ޔާމީން އެހެނެއް ނުހައްދަވާނެއެވެ. ރައީސް ޔާމީން ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާނެއެވެ. އެކަންކަމުގައި އަމަލުކުރައްވާނެ ގޮތެއް އެނގޭނީ މުއިއްޒުއަށެވެ. އެކަމެއް ނުކޮށްދީގެން ރައީސް ޔާމީން ގޮސް މުއިއްޒުގެ ފައިބުޑަށް ވެއްޓި އާދޭހެއް ނުކުރައްވާނެއެވެ.

ހަޤީޤަތުގައި އެންމެ ބޮޑު ސުވާލަކީ، ކުރިއަށް އޮތް 5 އަހަރުގެ ދައުރުގައި ރައީސް ޔާމީނަށް މުއިއްޒުތޯ މުހިއްމީ ނޫނީ މުއިއްޒުއަށް ރައީސް ޔާމީންތޯ މުހިއްމީ، މި ސުވާލެވެ. ނޫނީ ރައީސް ޔާމީނާއި ނުލައި މުއިއްޒުއަށް ވެރިކަން ކުރެއްވޭނެތޯއެވެ؟

ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާއިރު ނިމިގެންމިދާ 5 އަހަރުގެ ދައުރުގައި ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އިދިކޮޅު ހަރަކާތްތައް އޮތީ ފާޑަކަށް މަޑުޖެހިފައެވެ. ދެން އޮތް ހުރިހާ ޕާޓީއެއް އޮތީ ރައީސް ސާލިހުގެ ސަރުކާރުގައެވެ. ނަމަވެސް ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް ބަލާއިރު، ޕީޕީއެމް ޕީއެންސީ ފިޔަވައި ހުރިހާ ބޮޑެތި ޕާޓީތަކެއް އޮތީ އިދިކޮޅުގައެވެ. ރައީސް ސާލިހުގެ އެމްޑީޕީ، ރައީސް ނަޝީދުގެ ޑިމޮކްރެޓްސް، ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ، އިމްރާންގެ އަދާލަތު ޕާޓީ، ރައީސް މައުމޫންގެ އެމްއާރުއެމް އަދި އުމަރު ނަސީރުވެސް ހަރަކާތްތެރިވާނީ އިދިކޮޅުގައެވެ. މިހެން މިކަން އޮއްވާ ރައީސް ޔާމީން އެކަހެރިކޮށްފައި ޑރ. މުއިއްޒަށް ވެރިކަން ކުރެއްވޭނެތޯ މިއީ ހަމަ ހިތަށް އަރާ ސުވާލެކެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުން މުއިއްޒުގެ ސަރުކާރަށް ނުފޫޒު ފޯރުވައި، އެ ސަރުކާރަށް ބާރު ހިންގަވަން ރައީސް ޔާމީން ބޭނުންފުޅެއް ނުވެއެވެ. ރައީސް ޔާމީން ބޭނުންފުޅުވަނީ މުއިއްޒު ބޭނުންވާ ގޮތަކަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވާށެވެ. ކެބިނެޓަށްވެސް ގެންނާނީ މުއިއްޒު ބޭނުންފުޅުވާ ބޭފުޅުން އެކަންޏެވެ. ރައީސް ޔާމީންގެ ފަރާތުން ނަންފުޅެއް ކެބިނެޓަށް ހުށަހެޅުއްވިޔަސް، މުއިއްޒު ބޭނުންފުޅު ނުވާކަމަށްވާނަމަ އެ ބޭފުޅަކު މަޤާމަށް އައްޔަން ނުކުރިޔަސް ރައީސް ޔާމީންގެ މައްސަލައެއް ނެތެވެ. ވެރިކަންކުރެއްވުމުގައި، ކުރަންވަން ބޭނުންފުޅުވާ ހުރިހާ ކަމެއް ކުރެއްވުމުގެ ބާރާއި މިނިވަންކަމަކާއި އިހްތިޔާރެއް މުއިއްޒުއަށް ވަނީ ދޫކޮށްލާފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ރައީސް ޔާމީން ވިސްނުމާއި މަސައްކަތް ހާއްސަކުރާނީ ޕީޕީއެމްއަށެވެ. ޕީޕީއެމް ވަރުގަދަކޮށް، ސިޔާސީގޮތުން ބާރުވެރިކުރުވާށެވެ. އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީންގެ މެޖޯރިޓީ މަޖިލީހުގައި އޮންނާނެ ގޮތެއް ހެއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަފާނެކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަަށް ރައީސް ޔާމީން ވާދަކުރައްވަފާނެކަމަށް ބެލުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކަށް އައުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އޮންނާނެއެވެ. އެކަން އެހެން ވެދާނެކަމަށް ބުނަނީއެއް ނޫނެވެ. އެކަމަކު އެއީވެސް ވެދާނެކަމެއް ނޫންތޯއެވެ.

ސިޔާސީ މަސްރަހު އޮތްގޮތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް މުއިއްޒުގެ ޕީއެންސީއަށް ލިބުމުގެ ފުރުސަތު ހަންޏެވެ. ގޮނޑިތައް ބެހިގެންދާނެ ގޮތުން އެއްވެސް ބަޔަކަށް މަޖިލީހުގެ ބޮޑު ކޮންޓްރޯލެއް ނުލިބިދާނެއެވެ. މަޖިލީހުގެ ކޮންޓްރޯލް މުއިއްޒުއަށް ނުލިބިއްޖެނަމަ ކަންކަން ކުރަން އެހާ ފަސޭހައެއް ނުވާނެއެވެ. މެމްބަރުން ގަނެގެން، ޑީލްތައް ހަދައިގެން އެކަންކަން ކުރުމުގެ ތަޖުރިބާ މުއިއްޒުގެ ކިބައިގައި އަދި ތަންކޮޅެއް ކުޑަވެދާނެއެވެ.

ރައީސް ޔާމީންގެ އެހީގައި ކަންކަން ކުރައްވަން އުޅުއްވައިފިނަމަ މުއިއްޒުއަށް ސަރުކާރުން ހިންގުމަކީ ވަރަށް ފަސޭޙަކަމެކެވެ. ނަމަވެސް ރައީސް ޔާމީނަކީ މާބޮޑު ބާރެއް އޮތް ބޭފުޅެއް ނޫންކަމަށް ދެކެވަޑައިގެން އެމަނިކުފާނު އެކަހެރިކުރުމަށްފަހު ވެރިކަންކުރަން މުއިއްޒު އުޅުއްވައިފިނަމަ ރައީސް ސާލިހާއި، އެމްޑީޕީ ދޫކުރައްވައި، ނަޝީދު ވަޑައިގެންނެވުމުން ވީގޮތް ވުން ދުރެއް ނުވާނެއެވެ.

ޑރ. މުއިއްޒުއަށް އޮތީ އިމްތިހާނެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިފައިވާ ކަންކަމުން އިބުރަތް ހާސިލްކުރުން މުހިއްމެވެ. ރައީސް ޔާމީންގެ އެހީތެރިކަން ހޯޢްދެވުމަކީ އިހްތިޔާރީ ކަމަކަށް ހައްދަވައިފިނަމަ "ބޮނޑިބުއިން" ގާތެވެ. އޭގެ ބަދަލުގައި

ރައީސް ޔާމީންގެ އެހީތެރިކަން ހޯޢްދެވުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށް މުއިއްޒު ހައްދަވަންޖެހޭނެއެވެ. މުއިއްޒުއަށް ލަފާ ދެއްވަން ރައީސް ޔާމީން އޭނާ ފަހަތުން ދުވެވަޑައިގަންނަވާ މަންޒަރެއް ނުފެންނާނެއެވެ. ބޭނުންފުޅުވާ ގޮތް ހައްދަވައި ނުދެއްވައިގެން މީޑިއާގައި ރައީސް ޔާމީން ބޮޑުހާއްކަވާ މަންޒަރެއްވެސް ނުފެންނާނެއެވެ. އަދި ފާޅުގައި މުއިއްޒުއާ ދެކޮޅަށް ރައީސް ޔާމީން އެއްވެސް ކަމެއް ނުކުރައްވާނެއެވެ.

އެއީ ސިޔާސީގޮތުން ބާރުގަދަ "ހައުސް އޮފް ކާމިނީ"އަށް ނިސްބަތްވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމަނިކުފާނުގެ ގޮތެއް ހުންނާނެއެވެ. ކިތަންމެ ވަރެއްވިޔަސް އެގޮތެއް ދޫކޮށެއް ނުލައްވާނެއެވެ. ކުރައްވާ ކަމެއް ކުރައްވާނީ ވަރަށް ވިސްނުން ތޫނުކަމާއެކުއެވެ. ޖަޒުބާތުގައި ޖެހިގެން އަވަސް އަރުވާލައިގެން ކަމެއް ކުރައްވަފާނެކަމަށް ބަލައިގެން ނުވާނެއެވެ.

ކޮންމެ ކަމެއްވެސް ކުރައްވާނީ ހިކުމަތްތެރިކަމާއި، ސިޔާސީގޮތުން އެކަމެއް ކުރައްވަންޖެހޭނެ ގޮތަށެވެ. އެމަނިކުފާނު އަޅުއްވާ އެންމެ ފިޔަވަޅަކުން ނުވަތަ ކުރައްވާ އެންމެ ކަމަކުން ވާދަވެރިޔާ އަރާނެ ގޮޅިއެއް ނެތި ސައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވާދަވެރިޔާ ސައިކޮށްލާއިރު، އެއީ ރައީސް ޔާމީން ކުރެއްވިކަމެއްކަން ނޭނގޭހާ މޮޅަށް އެކަންކަން ރޭވުމުގެ ގާބިލްކަން އެމަނިކުފާނުގެ ކިބައިގައި ހުންނާނެއެވެ.

ރައީސް ޔާމީންގެ ސިޔާސީ ކުޅިބައި އަތުރައިގެން އެ މަސައްކަތް މިހާރުވެސް ފަށައިފިކަން ޔަގީނެވެ. ނަމަވެސް ވެދާނެ ކަންކަން ކިޔައިދޭން އަދި ތަންކޮޅެއް އަވަހެވެ. ބަލަން ތިބެމާ ހިނގާށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ކުރިއަށް އޮތް ދުވަސްތަކުގައި ފޯރިގަދަވާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަހްމަދު

17-Oct-2023

ބައެއްމީހުންނަށް ހީވެފައިވާ އޮޅުމެއް , މުއިއްޒަށް ވެރިކަން ލިބުނީ ޔާމީނުގެ ސަޕޯޓްގެ ސަބަބުންނޭ , ނަމަވެސް ބުނަލަން ބޭނުންވަނީ ޚުދު ޔާމީނު އިންތިޚާބަށް ނުކުންނެވިނަމަވެސް ބޮޑު ތަފާތަކުން ބަލިވެގެން ދާނެކަން , ރައީސް ސޯލިހު ރަށްރަށައް ކުރެއްވި ދަތުރުތަކުގައި , ޔާމީނުގެ ހައްގުގައި ޔާމީނު ދެކެލޯބިވާ މީހުން ނުކުންނާށޭ ކިޔާފައި ޕީޕީ އެމުގެ އިސްމީހުން އަޑުގަދަކުރާއިން ގޮވީމާވެސް 10 ވަރަކަށް މީހުންވެސް ނުނިކުމޭ , ހަގީގަތަކީ މިފަހަރު ރައީސް ސޯލިހު ބަލިކުރަން ނެރުވުނު ކެންޑީޑޭޓަކީ ރައްޔިތުން ރުހި ގަބޫލުމީހަކަށް ވީމައޭ ވެރކަން ބަދަލުވގެން ދިޔައީ


-4

އެއްމެން

09-Oct-2023

އެހާ އަވަހަށް ބިރުދައްކަނީ! ކުރޔަށް އޮތް ފަސް އަހަރުގެ ރާއްޖޭގެ ރައީސަކީ ޑރ, މުއިއްޒު. މުއިއްޒު އެއްވެސް ދިވެއްސަކު ބާކީ ނުކުރައްވަވާނެ. ވީ އިރު ކީއްވެ ރައީސް ޔާމީން ބާކީ ކުރައްވަންވީ! ރައީސުލް ޖުމުހޫރިއޔާ ރައީސް ކަންކުރައްވަވާނީ ރައީސް އާއި އެކު ތިއްބަވަން ބޭނުންފުޅުވާ ހުރިހާ ދިވެހީންނާއިއެކު. ވީއިރު ރައީސް ޔާމީނަށް ވެސް އެބޭފުޅާ ޚިޔާރަކުރެއްވި ފުރުސަތެއް އެބައޮތް!


-6

ކަޅުރޭ

17-Oct-2023

ޢޭނަޔައް އެގޭނެ ދިމާވާނީ ކިހިނެއްކަން. މައުމޫނަށްހެދީ ކިހިނެއްތޯ. ރާއްޖޭގަ އެކަންހިތިކުރި މީހަކީ އެބޭފުޅާ މައުމޫނަށްހެދިގޮތް ނުފިލާނެ. މައުމޫނުއަންނި އާ ގުޅުނީމާ ކީ ހަޑިބަސްތައް އެގޭ. މިހާރު އެހެންކީ މީހުން ހަމަ އެވަޅަށް ވެއްޓުނީ. އަގަބެދޭބާ..... އަތައްގޮވީ ހަމަ. މައުމޫނުވަރެއް ނެއްްކަން މިއެގުނީ ސާފުކޮއް



ޓްރެންޑިން