އިޒްރޭލުގެ އިތުރުން މުޅި ހުޅަނގު ސިއްސުވާލި ފަލަސްތީނުގެ ހަމާސްގެ ހަމަލާ ހުޅނގުގެ މީޑިއާތަކުން ސިފަކުރީ އިޒްރޭލުގެ އާންމު ރައްޔިތުންނަށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ވޭތުވެދިޔަ ދިގު ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންދާ އިޒްރޭލުގެ އަނިޔާވެރި ލާއިންސާނީ އަމަލުތަކުގެ ވާހަކަ ގެނެސްނުދީ ތިބި ހުޅަނގުގެ މީޑިއާތައް ކުއްލިއަކަށް އެކްޓިވްވެގަތީ ހަމާސްއިން ހޮނިހިރު ދުވަހު އެމީހުންގެ ރައްޔިތުންގެ ދިފާއުގައި ދިން ވަރުގަދަ ހަމަލާތައް ކުށްވެރިކޮށް އެއީ ޓެރަރިސްޓް އަމަލެއްކަން ދުނިޔެއަށް ކިޔައި ދިނުމަށެވެ.

ހުޅަނގުގެ މީޑިއާތަކުން މިއަދުވެސް މަސައްކަތްކުރީ އިޒްރޭލަށް ތާއީދުކޮށް އެމީހުން ހިންގާ އުދުވާނާ އެއްކޮޅަށް ވާހަކަދައްކާ ހުޅަނގުގެ ޑިޕްލޮމެޓުންނާއި އިޒްރޭލުގެ ބޮޑުން އަރުވައިގެން ހަމާސްގެ ހަމަލާތައް ކުއްވެރިކޮށް އިޒްރޭލަކީ ހުދު ކާފޫރު ކަމަށް ހަދާށެވެ. މިއޮތް ހުރިހާ ދުވަހު ކަންކުރި ގޮތަށް ހުޅަނގުގެ މީޑިއާތަކުން މިއަދުވެސް އަވަސްވެގަތީ އިޒްރޭލު ސިފައިން ފަލަސްތީނުގެ ބިންތައް އައްސުން ފޭރިގަނެ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށް އެއްވެސް ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރައި ގަތުލުކޮށް ކުޑަކުދިން ހިފާ ހައްޔަރުކޮށް އެމީހުންގެ އަމިއްލަ ރަށް ތަޅުލައި ބަންދުކޮށް ހިންގަމުންދިޔަ ނާތަހުޒީބު ލާއިންސާނީ އަމަލުތަކުގެ ވާހަކަ އޮއްބާލާ ހަމާސްއާއި ފަލަސްތީނުގެ ރައްޔިތުން ކުށްވެރި ކުރުމަށެވެ.

ބައެއް ގައުމުތަކާއި އަލިފުދާލު ފަދަ ޖަމާއަތް ތަކަށް ކަނޑައަޅާފައި ތިބި ޑިޕްލޮމެޓުންނާއި ސިޔާސީ ގޮތުން ހަމާސްއާއި ޚިޔާލު ތަފާތު އިސް އަރަބި ލީޑަރުން ބީބީސީއާއި ސީއެންއެންއާއި ސްކައި ނިއުސްފަދަ ހުޅަނގުގެ ނުފޫޒުގަދަ ޓީވީ ޗެނަލްތަކަށް އަރުވައިގެން އެމީހުން އަވަސްވެ ގަތީ ހަމާސްގެ ހަމަލާތައް އެމީހުން ލައްވާ ކުށްވެރި ކުރުމަށެވެ. ނަމަވެސް ކަން ވެގެން ދިޔައީ އެމީހުން އުއްމީދުކުރި ގޮތާ މުޅިން ޚިލާފަށެވެ. ނަތީޖާ ނުކުތީ އެމީހުން ބޭނުންވި ގޮތަކަށް ނޫނެވެ.

އެމީހުން ޓީވީއަށް އެރުވި އަދި ބަސް ހޯދި އަރަބި އަދި ފަލަސްތީނުގެ ހުރިހާ ޑިޕްލޮމެޓުންނާއި ކަމުވޮށިގެންވާ މީހުން ދެއްކީ ވޭތުވެދިޔަ 75 އަހަރުގެ ދިގު ތާރީހުގައި އިޒްރޭލުގެ ސިފައިން ފަލަސްތީނު ރައްޔިތުންނާއި މެދު ކަންކުރި ގޮތުގެ ވާހަކައެވެ. އިޒްރާއީލުގެ އަނިޔާވެރި ސިފައިން ކޮންމެ ދުވަހަކު ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލު ތަކުގެ ވާހަކައެވެ. އެމީހުން ކިޔައިދިނީ ކޮންމެ ދުވަހަކު އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާވެރިވެ އެމީހުން ގަޔަށް ބަޑިޖަހާ މަރަމުންދާ ވާހަކައެވެ. އެމީހުން ކިޔައިދިނީ ކުށެއްނެތް ފަލަސްތީނުގެ އެތައް ޒުވާނުންނެއް އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށް އަނިޔާވެރިކަން ތަހައްމަލުކުރާ ވާހަކައެވެ. އެތައް ހާސް ކުޑަކުދިން އަސީރުކޮށް ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ވާހަކައެވެ.

ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 600 އާންމުންނާއި އެތައް ސިފައިންނެއް މަރުވުމުންވެސް އެކަން ކުށްވެރި ނުކުރާނަންތޯ ސުވާލު ކުރުމުން ޑިޕްލޮމެޓުންގެ ޖަވާބަކަށްވީ ވޭތުވެދިޔަ ދިގު ތާރީޚުގައި އިޒްރޭލުގެ ސިފައިން ވައިގެ މަގުންނާއި ކަނޑުމަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މަރަމުން ދިޔައިރު އެ މީޑިއާތަކުން އެމީހުން ގެނަސް އެކަން ކުށްވެރި ކުރާނަންތޯ ސުވާލުކޮށްފައި ނުވާކަމަށެވެ. ރައްޔިތުން ރޭގަނޑު ނިދާފައި ތިއްބާ ބޮންތައް އޮއްސާލައި އެތައް އާއިލާއެއް ނެތިކޮށްލި ވާހަކަ ދައްކަން ހުޅަނގުގެ މީޑިއާތަކުން އެމީހުންނަށް ފުރުސަތު ނުދިނީ މީޑިއާގެ ކޮން ހައްގެއް ހިމާޔަތް ކުރަންތޯ ޑިޕްލޮމެޓުން ސުވާލުކުރިއެވެ.

ހަމާސްގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ޚިލާފު އަމަލެއްކަމަށް ގަބޫލު ނުކުރަންތޯ ސުވާލު ކުރުމުން ޑިޕްލޮމެޓުން ވެސް ޖަވާބު ދިނީ އެފަފަ ސުވާލުތަކުންނެވެ. ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފައި އެމީހުންގެ މީހުން ވަޒަންވެރި ކުރުވާއިރު އެކަން އެއީ ބައިނަލްއަގުވާމީ ގަރާރުތަކާ ގާނޫނުތަކާ ޚިލާފުކަމަކަށް ނުވަނީތޯ ސުވާލު ކުރިއެވެ. އދގެ ނިންމުންތަކާ ބައިނަލްއަގުވާމީ ގަރާރުތަކަށް ބޯނުލަބައި އިޒްރޭލުން ކޮންމެ ދުވަހަކު ޖަރީމާތައް ހިންގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައި ގަންނަމުންދާއިރު ހުޅަނގުން ތިބީ އިޒްރޭލުގެ އެ އަމަލުތަކަށް ތާއީދުކޮށް އަތްޖަހާންކަން ޑިޕްލޮމެޓުން ފާހަގަކުރިއެވެ.

އދގެ ނިންމުންތަކާއި ގަރާރުތަކަށް އިޒްރޭލު ބޯނުލެނބިއަސް އދގެ ސަލާމަތީ މަޖިލީހަށް ވެސް ކުރެވުނު އެއްވެސް ކަމެއް ނެތްކަން ޑިޕްލޮމެޓުން ފާހަގަކުރިއެވެ. އަދި އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ބަލާނެ ބައިނަލްއަގުވާމީ ކޯޓެއްވެސް ނެތްކަން އެމީހުން ފާހަގަ ކުރިއެވެ. އަދި މިހާލަތައް މައްސަލަދިޔައީ ބައިނަލްއަގުވާމީ ފަރާތްތަކުން އެމަގަށް ދާން ޖާގަދީ އެއްވެސް ކަމަކަށް ހައްލު ހޯދައި ނުދިނުމުންކަން ވެސް ޑިޕްލޮމެޓުން ފާހަގަ ކުރިއެވެ.

މިފަހަރު ފެނިގެން މިދިޔައީ ހުޅަނގުގެ މީޑިއާތަކުން ފަލަސްތީނާ ބެހޭގޮތުން ދައްކަން އުޅުނު މަންޒަރު ނުދެއްކި ފެއިލްވެގެން ދިޔަތަނެވެ. އެމީހުން ކުޅެން އުޅުނު ޑްރާމާ ފްލޮޕްވެ ބޮޑުތަނުން ފަޟީހަތްވެ އަމިއްލައަށް ބަރަހަނާވި މަންޒަރެވެ.


ކިޔުންތެރިންގެ ހިޔާލު


0

و

17-Oct-2023

الحمدالله ربلعلمين



ޓްރެންޑިން