ޞާދިރު ޢަލީދީދީ   18 ޖުލައި 2020 - 14:47
ސަރާ
ސަރާ
އެޕިސޯޑް 29

...............

[ކިހާދެރަގޮތެއް މިދިމާވީ. މިކަން އެނގިއްޖިއްޔާ ޢިމްރާން ވަރަށް ދެރަވާނެ. މިހާރުވެސް ހިތާމަކޮށް އެސޮރު އެހަލާކުވަނީ....] ފަހީމާއަށް ހަދާނޭގޮތް ހުސްވިއެވެ. ދަރިފުޅުގެ ހިތްހަމަޖެއްސުމަށްޓަކައި އޭނާއަށް ކުރެވިދާނޭ ކަމެއްވެސް އޭނާއަކަށް ނުވިސްނެއެވެ.

އެދަރިފުޅުގެ ދިރިއުޅުން ހަލާކުރީ ސީދާ އޭނާގެ އަތުންނެވެ. އެހެން ނަމަވެސް އޭނާ ވިސްނީ ފަހަރެއްގައިވެސް އެދަރިފުޅަށް ދެރައެއްދޭކަށް ނޫނެވެ. އޭނާ ވިސްނީ އެދަރިފުޅަށް މޮޅުގޮތް ހޯދައިދިނުމަށެވެ.

ޢިމްރާން ނުހަނު ލޯބިން ކައިވެނިކޮށް ކާމިޔާބު ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް ޢިމްރާންގެ ބައިވެރިޔާ ފައްސާލި މީހަކީ ދެވަނަ މީހެއް ނޫނެވެ. ހުރިހާ ކަމެއް ރޭވީވެސް ސީދާ ފަހީމާއެވެ.

[ހުރިހާ ކަމެއްގެ އަޞްލަކީވެސް ފަހީމާ...އަހަރެމެން ގޮސް އެސޮރު ގާތު ބުނާނީވެސް ކީކޭތަ؟] ރަފީޤުވެސް މާޔޫސްވެއްޖެއެވެ..

[ހިނގާ ގެއަށް ދިޔައީމަ ވިސްނޭނެ ބުނަންވާ އެތި....އެމީހުން ގެއަކު ނެތޭވެސް ބުނެވިދާނެ. އޭގެފަހުން ނިޔާޒާ ވާހަކަ ދައްކައިގެން އަހަރެމެން މަސައްކަތް ކުރާނީ އެމީހުން ދިޔަތަނެއް ހޯދަން.] ކާރަށް އަރަމުން ފަހީމާ ބުންޏެވެ.

ރަފީޤު ކާރު ދުއްވާލައިފިއެވެ. ރަފީޤުމެނަށް ގެއަށް އާދެވުނުއިރު އިންތިޒާރުގައި ޢިމްރާން ހުއްޓެވެ. ފުރަތަމަ މަންމައާއި ބައްޕަ ގެއަށް ވަނީމާވެސް އޭނާ ހީކޮށްގެންހުރީ ފަަހަތުން ސަރާމެން އައިސް ވަންނާނޭ ކަމަށެވެ.

[މަންމާ ކޮބާ ސަރާ....ސަރާ ނާދޭތަ؟] ދޮރާ ދިމާއަށް ބަލަން ހުރެފައި ޢިމްރާން އެއްސެވެ.

[ދަރިފުޅާ...އެއިން މީހަކު ގެޔަކު ނެތް. ވެދާނެ ބާޒާރަށް ދިޔައީ ކަމަށްވެސް.] ފަހީމާ އޮޅުވާލިއެވެ.

[އެހާ ތުއްތު ކުއްޖަކު ގޮވައިގެން ބާޒާރަކަށް ނުދާނެއެއްނު.] ޢިމްރާންގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާ ހީކުރިއެވެ. ސަރާ މަންމަ ދިޔައީމާވެސް ނައީއެވެ.

[ވެދާނެއެއްނު ދިޔައީ ކަމަށްވެސް.] ފަހީމާ އަނެއްކާވެސް ބުންޏެވެ.

[މަންމަ ދޮގުހަދަނީދޯ. ސަރާ ނައީދޯ. އަހަންނަށް އެނގެޔޭ ސަރާ ނާންނާނެކަން.] ޢިމްރާން ބުންޏެވެ. މަންމައަށް ކުރިން ކަންތައް ކުރެވިފައިވާ ގޮތުން މަންމަ ދައްކާ ވާހަކަ ގަބޫލުކުރަން އޭނައަށް މާފަސޭހައެއް ނޫނެވެ. ކުރިން ފަހީމާގެ ހުންނަ ވިސްނުމެއް ހަމަގައިމުވެސް މިހާރަކު ނެތެވެ.

[ދަރިފުޅާ...މެންދުރު ކައިފިންތަ؟] މައުޟޫޢު ބަދަލު ކޮށްލުމުގެ މަޤްޞަދުގައި ފަހީމާ ބުންޏެވެ.

[ކާހިތެއްނެތް. މިހާރަކު އެއްވެސް އެއްޗެއް ކާހިތެއްނެތް. މަންމައާއި ބައްޕަ ކާލާ. އަހަރެން މިދަނީ އޮށޯވެލަން.] ޢިމްރާން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ވީދެރައިން ރަފީޤާއި ފަހީމާ ބޯހޫރާލިއެވެ.

[ހެނދުނު ސައިވެސް ބުއީކީނޫން. އަހަންނަކަށް ނޭނގުނު ހަދާނެ ގޮތެއް. އަހަރެން މޮޔަވެދާނެހެން ހީވަނީ...] ފަހީމާ ސޯފާގައި އިށީނެވެ. އެވަގުތު ވަޖުދީ އެތަނަށް އައިސް ވަނެވެ.

[އެމަންޖެ ނައީތަ؟] ސޯފާގައި އިށީންނަމުން ވަޖުދީ އެއްސެވެ.

[ނައީކީ ނޫން. އަހަރެމެން ދިޔައިރު އެގެޔަކު ނެތް އެކަކުވެސް. އެގެވެސް ބަޔަކަށް ކުއްޔަށް ދީފައިހުރީ.] ރަފީޤު ޖަވާބު ދިނެވެ.

[ހަމަ ތެދެއް! ތިހެންވީއިރު އެމަންޖެމެން ދިޔައީ ކޮންތާކަށްބާ؟ ރަށަށްދިޔަތޯ ބަލައިފިންތަ؟] ވަޖުދީވެސް ކަންބޮޑުވިއެވެ.



ދަރިފުޅުވީތަން ހޯދަން އޭނާ ބޭނުންވިއެވެ. ސަރާއަކީ މިހާރު އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ވިޔަފާރިއާއި ފައިސާއާއި މުދަލުގެ ވެރިޔަކަށްވެސް ހުރީ ސަރާއާއި މަލަކާގެ ދަރިފުޅެވެ. ކުރިން ދަރިއެއްގެ ގޮތުގައި ސަރާ ދެކި ސަރާއަށް ބައްޕައެއްގެ ލޯތްބާއި އޯގާތެރިކަން ނުދެވުނަސް މިހާރު އެލޯބި ދޭން އޭނާ ނުހަނު ބޭނުމެވެ.

[ނިޔާޒް ގާތު ބުނެބަލަ. ސަރާމެން އެރަށުގައި އުޅޭތޯ ބަލައިލާށޭ. ދިޔަތަނެއްވެސް ހޯދަންވާނެ. މިހާރު މާބޮޑަށް ހިތްދަތިވެފައި ހުރީމާ ގޮތްދޫނުކޮށް އެހުންނަނީ...އެމަންޖެއަކީ އެހާ ބޯހަރު ކުއްޖެއް ނޫން.] ވަޖުދީ ތެދުވިއެވެ. އޭނާ ބޭނުންވަނީ އަވަހަށް އޮފީހަށް ގޮސް ނިޔާޒާ މަޝްވަރާ ކޮށްގެން ސަރާވީތަނެއް ހޯދާށެވެ.

[އަހަރެން މިދަނީ އޮފީހަށް. ނިޔާޒަށް އެންމެ ރަނގަޅަށް އެމީހުންވީ ތަނެއް ހޯދޭނޭ. ނިމާލް އެއީ ނިޔާޒްގެ ކޮއްކޮއެކޭ....] ވަޖްދީ ނުކުތެވެ.

އޭނަ އޮފީހަށް ގޮސް ނިޔާޒާ ބައްދަލު ކުރުމަކުންވެސް ސަރާމެން ދިޔަތަނެއް ނޭނގުނެވެ. ސަރާއާއި ނިމާލް ދިޔަތަނެއް އޭނާއަށްވެސް ނޭނގޭކަމަށްވެއެވެ. ޙަޤީޤަތުގައިވެސް އެމީހުން ދިޔަތަނަކަށް ދިޔައީ ނިޔާޒަށްވެސް ނާންގައެވެ. ނިމާލް ސަރާ ގޮވައިގެން ހިނގައިދާނޭ ކަމަށް ނިޔާޒަށް އެންމެ ބޮޑަށް ވިސްނުނީ ލަންކާއަށެވެ. ވުމާއެކު އޭނާ ވަގުތުން އޭނާގެ ބައްޕައާ ގުޅިއެވެ. އޭނާއަށް ހީކުރެވުނު ގޮތަށެވެ. ސަރާއާއި ނިމާލްވީ ލަންކާގައެވެ. ސަރާގެ މަންމަ ނަޖްމާ ދިޔައީ އޭނާގެ ރަށަށެވެ.

[ނިމާލްވެސް އެބަހުރި މިކޮޅުގައި. ތިންމަސް ފަހުން މިކޮޅުގައި ކައިވެނި ކޮށްގެން ތިކޮޅަށްދާ ގޮތަށް އެކުދިން ރާވަނީ.] ނިޔާޒްގެ ބައްޕަ ބުންޏެވެ.

[ނިމާލް އުޅެނީ ސަރާޔާ އިންނަންތަ؟] ނިޔާޒް އެއްސެވެ.

[އާނ..ދަރިފުޅާ..އެކަމަކު މިކޮޅަށް އައިފަހުން އެމަންޖެ ހުންނަނީ ވަރަށް ދެރަވެފައ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނުހުރޭ. ބައްޕަމެން އެވާހަކަ ދެއްކީމާ ނިމާލް ބުނަނީ ކައިވެނިކުރީމާ ހުރިހާ ކަމެއްވެސް ހަމަޖެހޭނެޔޭ....ބައްޕަމެންވެސް މިވިސްނަނީ އެހެން ކަމަށް...]

[ދެން އެންމެ ރަނގަޅު. ހުރިހާ އެންމެނަށްވެސް ސަލާމް ބުނާތި...ބާއްވަނީ ފަހުން ގުޅާނަން.] ނިޔާޒް ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހު އޭނާ ވަޖުދީއަށް ހުރިހާ ވާހަކައެއްވެސް ކިޔާދިނެވެ.

[އެސޮރާ އިންނަންތަ އުޅެނީ؟] ވަޖުދީ ޙައިރާންވިއެވެ.

[އާނ...ވާނީވެސް އެހެންތާ. ވަޖުދީބޭ...ޢިމްރާންމެންގެ ސަބަބުން ސަރާ ހާދަ ހިތާމަތަކެއް ކުރިއޭ.]

ނިމާލާއި ސަރާ ކައިވެނި ކުރުމަކީ ފަހަރެއްގައިވެސް ނިޔާޒް ބޭނުންވާ ގޮތެއް ނޫނެވެ. އޭނާގެ ކޮއްކޮއަކު އޭނާގެ ބެސްޓް ފްރެންޑްގެ އުފާތަކަށް އަރައިގަންނަތަން ދެކޭކަށް އޭނާ ބޭނުމެއް ނޫނެވެ.

[އަހަރެން ވަރަށް ދެރަވެއްޖެ. މިހެން ކަންތައް ދިމާވީމާ... ނިމާލް ސަރާދެކެ ލޯބިވާ ވާހަކަ ބުނީމާވެސް ވަރަށް ވިސްނައިދޭން އަހަރެން މަސައްކަތް ކުރިން.] ނިޔާޒް ބޯހޫރާލިއެވެ.

[ދެން ތިވާހަކަ ސިއްރު ކުރުމުގެ މާނައެއް ނެތް. ހުރިހާ ޙަޤީޤަތެއް ޢިމްރާނަށްވެސް ކިޔާދީ. ވަޖުދީބޭގެ މައްސަލައެއް ނެތް. އެމަންޖެއަށް ރަނގަޅު ގޮތް އެނގޭނީ އެމަންޖެއަށް.] ވަޖުދީ މިހެން ބުނެފައި ހިނގައިގަތެވެ.

އޭނާ އެދުވަހު ގެއަށް ގޮސް ހުރިހާ ވާހަކައެއްވެސް ފަހީމާމެނަށް ކިޔާދިނެވެ. އެކަމާ އެންމެ ބޮޑަށް ދެރަވެފައި ހުރީ ފަހީމާއެވެ. އެޚަބަރު ލިބުމުން ޢިމްރާންގެ ހިތަށް އަސަރު ކުރާނޭވަރު އޭނާއަށް އިޙްސާސް

ކުރެވެނީކަންނޭނގެއެވެ. ޢިމްރާން ގާތުވެސް އެވާހަކަ ބުނީ ވަޖުދީއެވެ. ފަހީމާއާއި ރަފީޤަށް ހިތްވަރު ނުލިބުމުން ވަޖުދީ ގާތު އެކަމަށް އެދުނީއެވެ.

ޢިމްރާން އެދުވަހު ވަރަށް ގިނައިން ރުޔެވެ.

[ސަރާ އެހެނެއް ނަހަދާނެ. ސަރާ ދެވަނަ މީހަކުދެކެ ލޯތްބެއް ނުވާނެ. ލޯތްބެއް ނުވެސްވެވޭނެ. އަހަރެން މުޅިން ބާކީވީއޭ. އަހަރެންގެ ފުރަތަމަ ދަރިފުޅުވެސް އަހަންނަށް ދެން ފެންނަ ގޮތްނުވީ.] ޢިމްރާން ހީވަނީ ފިނޑި އަންހެން ކުއްޖެއްހެނެވެ. ޢާންމުކޮށް ފިރިހެނުން އެފަދަ ކަންކަމުގައި ކަރުނައަޅާ ނުރޯކަމަށް ބައެއް މީހުން ބުނެއުޅެއެވެ. ނަމަވެސް ޢިމްރާނަށް ވަމުންދިޔަގޮތުން އެއީ ދޮގެއްކަން ސާބިތުވެއްޖެއެވެ. ފިރިހެނުންގެވެސް ޖަޒްބާތުތަކެއްވާނޭކަން އެނގި ސާބިތުވެއްޖެއެވެ. ގަޑިއެއްހާއިރު ފާއިތުވެގެންދިޔައިރުވެސް ފަހީމާއާއި ރަފީޤު މަސައްކަތް ކުރަމުން އެދަނީ ޢިމްރާން ހަމައަކަށް އެޅުވޭތޯއެވެ.

[ހިތްވަރުކޮށްބަލަ ދަރިފުޅާ...ދަރިފުޅަށް އެކަހަލަ ކިތަންމެ ސަރާއެއްވެސް ލިބިދާނެ.] ފަހީމާއަށްވެސް ރޮވެން ފަށައިފިއެވެ.

[ތިހެން ނުބުނޭ މަންމާ. ސަރާގެ އެއްވެސް ކުށެއްނެތް. ސަރާ ނޫން މީހަކު އަހަރެންގެ ދިރިއުޅުމަކަށް ނާންނާނެ. ހިތާމައާއި ހިތްދަތިކަން ބަރުދާސްތު ނުކުރެވިގެން މަލަކާވެސް މިދުނިޔެ ދޫކޮށްދިޔައީ. އެގޮތަށް އަހަރެންވެސް ހިނގައިދާނެ.] ޢިމްރާނަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ނޫން...ނޫން...ދަރިފުޅާ...މަލަކާ އެޅިކަހަލަ ޅައެއްޗެއް ނާޅާތި. ދަރިފުޅު އެގޮތަށް އުޅެފިއްޔާ މަންމައާއި ބައްޕަ މަރުވެދާނެ.] ފަހީމާ ބާރުބާރަށް ރޯން ފަށައިފިއެވެ.

[އަހަރެންގެ ސަބަބުން އަހަރެންގެ ދަރިފުޅު މޮޔަވެއްޖެ. މޮޔަވެއްޖެ. ދަރިފުޅުގެ ދިރިއުޅުން ހަލާކުވެއްޖެ.....] ހީވާކަހަލައެވެ. މޮޔަވީ ފަހީމާއެވެ. އޭނާ ފާރުގައި ބޯތަޅަން ފަށައިފިއެވެ.

[މަންމާ...] ރޮއިރޮއި ހުރި ޢިމްރާން ދުވެފައި އައިސް މަންމަ ހިފެހެއްޓިއެވެ. އޭރު ފަހީމާގެ ބޯ ފަޅައިގެންގޮސް ލޭފައިބަމުން ދިޔައެވެ. އިސާހިތު ފަހީމާ ހޮސްޕިޓަލަށް ގެންދެވުނެވެ. ޢިމްރާނަށް މަޖްބޫރުވީ މަންމައާއި ބައްޕައަށްޓަކައި އޭނާގެ ކެތްތެރިކަން އިސްކުރުމަށެވެ.

[މަންމާ...ހިތްވަރުކުރޭ މަންމާ..މަންމަގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކެއްނުވޭ....މަންމަ އުޅުނީ އަހަންނަށް މޮޅުގޮތް ހޯދައިދޭން ކަމަށް އަހަރެން ގަބޫލުކުރަން. ދިރިއުޅުމުގެ މައިދާނުގައި ކުރިއަށްދާއިރު މިކަހަލަ ކަންތައްތަކާވެސް ކުރިމަތިވާނެ. ކެތްތެރިކަމާއެކު ކުރިއަށް ދެވޭތޯ މަސައްކަތް ކުރާނީ....] ޢިމްރާން މަންމަގެ ކުރިމަތީގައި ހިތްވަރުކޮށްފައި ބުނަމުން ދިޔައެވެ.

[ދަރިފުޅު ދެރަވެ ހިތާމަކުރާނެވަރު މަންމައަށް އިޙްސާސް ކުރެވޭ. މަންމަ ވަރަށް ދެރަވެއްޖެ. ދަރިފުޅު ތިހާލުގައި ޖެހުނީ މިމަންމަގެ ވިޔާނުދާ ރޭވުމުގެ ސަބަބުން. އިރާދަކުރެއްވިއްޔާ މާތްރަސްކަލާނގެ ދަރިފުޅަށް ރަނގަޅު ގޮތްތައް މިންވަރު ކުރައްވާށި....] ފަހީމާ އަދިވެސް ރޮނީއެވެ. އޭނާއަށް ކުރެވިފައިވާ ކަންތައްތައް ހިތަށް އެރުމުން އޭނާއަށް ވަރަށް ބޮޑަށް އަސަރު ކުރަމުން އެބަދެއެވެ. ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށްލެވުނީ އޭނާގެ އަތުން ކަމަށް އޭނާއަށް ގަބޫލު ކުރެވެނީއެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ސަރާ ވިހޭތާވެސް ތިންމަސް ވެއްޖެއެވެ. އަދިވެސް ސަރާހުރީ ނިމާލާއެކު ސިލޯނުގައެވެ. ނިމާލްގެ މައިންބަފައިންގެ ގާތުގައެވެ. މިހާރު އެމީހުން ތައްޔާރުވަމުން އެދަނީ ނިމާލާއި ސަރާގެ ކައިވެންޏަށެވެ.

އެމީހުން ގަސްދުކުރަނީ ލަންކާގައި ނިމާލްގެ ކައިވެނި ކުރުމަށްފަހު ދިރިއުޅުން މާލެއަށް ބަދަލުކުރުމަށެވެ. އެކަމަކު އެއީ ދުވަސްކޮޅަކު ލަންކާގައި ދިރިއުޅުމަށްފަހުގައެވެ.

[އަދިވެސް ސަރާ ހަމައަކަށް ނޭޅޭހެން ހީވަނީ. ސަރާ ގަބޫލު ނޫނިއްޔާވެސް ބުނޭ. އަހަރެންގެ ލޯބި ހޯދުމުގެ ބޭނުމުގައި ސަރާގެ އުފާތަކަށް އަރައިގަންނާކަށް އަހަރެން ބޭނުމެއް ނޫން. ސަރާއަށް ޢިމްރާނާއެކު ދިރިއުޅުމާއިގެން ކުރިއަށް ދެވޭނޭ ފުރްޞަތު އަދިވެސް އެބައޮތް.] ސަރާދެކެ ކިތަންމެ ލޯބިވިޔަސް ސަރާ ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ނިމާލް ބޭނުމެއް ނޫނެވެ.

[އަހަރެން ސަރާދެކެވަނީ ތެދުވެރި ލޯބި. ފަހަރެއްގައިވެސް އަހަރެންގެ ލޯބި ލިބިގަތުމުގެ ބޭނުމުގައި ސަރާގެ އުފާތަކަށް އަރައިގަންނާކަށް އަހަރެން ބޭނުމެއް ނޫން.] އިސްޖަހައިގެން ސަރާގެ ކުރިމަތީގައި ހުރެ ނިމާލް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ އެމޭރުމުން ވާހަކަ ދައްކަން ޖެހުނީ ސަރާ އަބަދުވެސް ކޮންމެވެސް ފިކުރެއްގައި ހުންނާތީއެވެ.

[ތިޔައީ ނިމާލަށް ހީވާ ކުށްހީއެއް...އަހަރެން ޢިމްރާންގެ މަތިން ހަނދާނެއް ނުކުރަން. ނިމާލް އަޅެ އާދޭސް ކުރަން. ޢިމްރާންގެ ވާހަކަ އަހަރެންގެ ކުރިމަތީގައި ނުދައްކަބަލަ. ކައިވެންޏަށްފަހު ނިމާލް ފިޔަވައި އިތުރު މީހެއްގެ ހަނދާންތަކެއް އަހަރެންގެ ހިތުގައި ރައްކާކުރާކަށް ބޭނުމެއް ނޫން.] ސަރާއަށް ރޮވުނެވެ. ނިމާލް އައިސް ސަރާއަށް ހިތްވަރުދީ ދެލޮލުގައި ހުރި ކަރުނަތައް ފޮހެދޭން ފެށިއެވެ.

[ދެން އަހަރެން އެވާހަކަ ނުދައްކާނަން. ދަރިފުޅު ކޮބައިތަ؟] ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ނިމާލް އެއްސެވެ.

[މަންމަ އަތުގައި...އަހަރެން މިއަދު މަންމައަށް ގުޅިން. މަންމަ ބުނި ކައިވެންޏަށްފަހު އަވަހަށް އަންނާށޯ...އަޞްލު މަންމަ ވަރަށް ބޭނުންވާނެ ކުޑަމީހާ....] ސަރާ ގަސްދުގައި މައުޟޫޢު ބަދަލުކޮށްލިއެވެ.

[ކައިވެނި ކޮށްގެނެއް މިކޮޅަކު ނުތިބޭނަމޭ އަހަރެމެންނެއް. މަންމަގާތު ބުނިނަމަ ފެށޭ ހަފްތާގައި ދާނަމޭ.] އުފާވެފައި ހުރި ނިމާލް ބުންޏެވެ.

[ބުނީމޭ...ސަރާ ކިތަންމެ އުފާވެރިކަމެއް ބޭރަށް ފާޅުކުރަން މަސައްކަތް ކުރިޔަސް، އޭނާގެ މޫނުމައްޗަކުން އުފާވެރިކަމެއް ނުހުރެއެވެ. ޢިމްރާންގެ ހަނދާންތަކާ ދުރަށްދާން ކިތަންމެ މަސައްކަތް ކުރިޔަސް، އެހަނދާންތަކުން އޭނައަކަށް އެއްކިބާއެއް ނުވެވެއެވެ. އަބަދުވެސް އޭނާ ޢިމްރާނާއެކު ހޭދަކުރި ދުވަސްތައް އޭނާގެ ލޯމަތިން ސިފަވަމުންދެއެވެ. ޢަމުދުން މިހާރު ޢިމްރާން އުޅޭނެ ހާލާއި އޭނާ ކުރާނޭ ހިތާމަތައްވެސް ސަރާއަށް އިޙްސާސް ކުރެވެމުންދާ ކަހަލައެވެ.

[ޢިމްރާން..އަހަންނަށް މަޢާފްކުރޭ...އަހަރެން ޢިމްރާންދެކެ ކިތަންމެ ލޯބިވިޔަސް މަންމައާ ދެކޮޅަށް އެއްވެސް ކަމެއް ކުރާނޭ ހިތްވަރެއް އަހަރެންގެ ކިބަޔަކުނެތް. ޢިމްރާންވެސް އަހަރެންގެ މަތިން ހަނދާންނައްތާލާފައި އެހެން މީހަކާ އިނދޭ. އޭރުން ހުރިހާ ކަމެއްވެސް ހަމަޖެހިދާނެ.] ހިތާހިތާ ސަރާ ވާހަކަ ދައްކަމުން ދިޔައެވެ. ޚިޔާލީ ލޮލުން ޢިމްރާނަށް ބަލަން ހުރެމެއެވެ.

ސަރާ އެހެން ކައިވެންޏަކަށް ތައްޔާރުވަމުންދިޔަ ކަމުގައިވިޔަސް، ޢިމްރާން އެފަދަ ކަމަކަށް އެއްވެސް ވަރަކަށް ނުވިސްނައެވެ. ޢިމްރާންގެ ފައިސާއާއި މުދަލުގެ ދަހިވެތިކަމުގައި ކިތަންމެ އަންހެން ކުދިންނެއް މިހާރުވެސް ޢިމްރާންގެ ފަސްބަލަމުންދެއެވެ. އޭގެތެރެއިންވެސް އެންމެ އަރާހުރި އަންހެން ކުއްޖަކީ އެގޭ ކާރު ޑްރައިވަރުގެ ދަރިފުޅު ޝިފްޒާއެވެ. ޝިފްޒާއަކީވެސް ކުރިން ކައިވެންޏެއްކޮށް މިހާރު ކައިވެނި ރޫޅިފައިވާ އަންހެން ކުއްޖެކެވެ.

އެއީ ރީތި އަންހެން ކުއްޖެކެވެ. އެހެންނަމަވެސް އެހާ އުޅުންހުރި ކުއްޖެއް ކަމަކަށް ނުބެލެވެއެވެ. އޭނާގެ ބައްޕަ އަތުން ޢިމްރާންގެ ނަންބަރު ހޯދައިގެން ފުރަތަމަ ޢިމްރާނަށް ގުޅީވެސް އޭނާއެވެ.

[ޢިމްރާން..މިހާރު ސަރާ އެހެން މީހަކާ އިނީދޯ؟ އެއީ ކޮންކަހަލަ ރަޙުމްކުޑަ އަންހެނެއް. ހަމަގައިމުވެސް އަހަންނަކަށް ނުކެރޭނެ އެހެން ކަންތައް ކުރާކަށް. އޭނާ ޢިމްރާންދެކެ ދުވަހަކުވެސް ލޯބިވިނަމަ، މިހިތްދަތި ދަނޑިވަޅު ޢިމްރާންގެ ހިތް މުށުތެރެއަށްލާ ފިތާނުލީސް. ޢިމްރާންގެ ޙާލާ ދޭތެރޭ އަހަރެން ހަމްދަރުދީވަން. ޢިމްރާންގެ މަންމަމެން ކުރި ކުށުގެ އަދަބު އޭނައެއް ކަމަކު ނުޖެހޭނެ ޢިމްރާނަށްދޭކަށް. އަހަންނަކީވެސް ޢިމްރާންދެކެ ލޯބިވާ އަންހެނެއް. ޢިމްރާންގެ ލޯތްބަށް އިންތިޒާރުވެސް ކުރިން. އަދިވެސް ކުރަން.] ޝިފްޒާ ވާހަކަ ދެއްކީ ވަރަށް ދެރަވާ ކަމަށް ހެދިގެން ހުރެއެވެ.

[ކާކުތީ؟ އަހަރެންގެ ދިރިއުޅުން ތިހާ ރަނގަޅަށް އެނގުނީ ކިހިނެއް. ބުނެބަލަ، އެކަމަކު ކަލެއަކަށް ނޭނގުނު ސަރާ އަހަރެން ދެކެ ލޯބިވާ މިންވަރު. އެހެން މީހެއްގެ ދުލަކުން ކިޔާދޭކަށް ނުޖެހޭނެ. އެލޯބި އަހަންނަށް އިޙްސާސް ކުރެވޭ.] ޢިމްރާން ސަރާ ދިފާޢު ކުރިއެވެ.

[ތިބުނާ ވަރަށް ލޯބިވާތީތަ؟ އޭނަ އެހެން މީހަކާ އިނީ. ހަމަހަމަ ގޮތަކީ އޭނަ ކައިވެނި ކުރީމަ ފަހަތުން ޢިމްރާންވެސް އެހެން މީހަކާ އިނުން.] ޝިފްޒާ މަސައްކަތް ކުރަމުންދިޔައީ ޢިމްރާންގެ ބޮލަށް ވަންނާށެވެ.

[މިވަގުތު އިހަށް ބާއްވަފާނަންތަ؟ ނުވެސް ދަންނަ މީހަކު މާރަނގަޅަށް އެނގިހުރެ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގެން އުޅޭ އުޅުމަކީ އަހަރެން މާގަޔާވާ ކަމެއް ނޫން.] ޢިމްރާން ފޯނު ބޭއްވިއެވެ.

ޝިފްޒާ އަނެއްކާވެސް ގުޅިއެވެ.

[ޢިމްރާން ފޯނު ނުބާއްވައްޗޭ. އަހަންނަށް ކިޔަނީ ޝިފްޒާ. ކިތަންމެ ފަހަރަކު އަހަރެން ޢިމްރާނާ ބައްދަލުވެސް ކޮށްފިން. އަހަންނަކީ ޢިމްރާނާ އަޅާބަލާއިރު ވަރަށްބޮޑު ނިކަމެއްޗެއް. އެކަމަކު ލޯބިވެވިދާނެތާ. ޑްރައިވަރުގެ ދަރިއަކަށްވެސް ސާހިބުމީހާ ދެކެ ލޯބިވެވިދާނެ.] ޝިފްޒާ ވާހަކަ ދެއްކީ ޢިޝްޤީ އަސަރު އެކުލެވިގެންވާ ރާގެއްގައެވެ.

[ތީ ޢުމަރުބޭގެ ދަރިފުޅުތަ؟] ޢިމްރާން ކުއްލިއަކަށް ޝިފްޒާ މަތިން ހަނދާންވިއެވެ.

[އާނ ޢިމްރާން، ބައްޕަ ވަރަށް ދެރަވެގެން ޢިމްރާންގެ ޙާލަތާ ބެހޭގޮތުން ގޭގައި ހުރެ މަންމަ ގާތު ވާހަކަ ދެއްކި އަޑު އަހަންނަށް އިވުނީ. ސަރާ މީހަކާ އިންކަންވެސް އެނގުނީ އެދުވަހު. މާކުރިންވެސް ޢިމްރާނަކީ އަހަރެންގެ ހިތްއެދޭ މީހަކަށްވީތީ ހިތަށްއެރީ ގުޅޭތޯ މަސައްކަތް ކުރާނީއޭ. މިކަން ބައްޕައަށް އެނގިއްޖިއްޔާ ބައްޕަ ވަރަށް ރުޅިއަންނާނެ. ބައްޕަމެންނަށް ގަބޫލު ކުރެވިފައިވާ ގޮތުގައި ހަސަބާއި ނަސަބުގެ ތިހާ އުހުގައި ތިބި ބަޔަކަށް އަހަރެން ކަހަލަ ނިކަމެތި ކުއްޖަކު ގުޅައިގެންވެސް ނުވާނެ.] ޝިފްޒާ އޭނާގެ ތަޢާރަފް ދިނުމަށްފަހު ބުންޏެވެ.

[އެއީ އެޒަމާނު މީހުންގެ ވިސްނުން ހުންނަގޮތް. އަޅާނުލާ، އެހެން ނޫނަސް އަލުން ދިރިއުޅުމެއް ފަށްޓާކަށް އަދި އަހަރެން ނުވިސްނަން. ޝިފްޒާއަށްވެސް ރަނގަޅުވާނެ ޝިފްޒާދެކެ ލޯބިވާ މީހަކު ހޯދައިގެން، އެމީހަކާއެކު ދިރިއުޅުމެއް ފަށްޓަން ވިސްނިއްޔާ.] ޝިފްޒާ ހީކުރާހާ ފަސޭހައިން ޢިމްރާންގެ ވިސްނުން ބަދަލުވާކަށް ނެތެވެ.

[އަހަންނަށް ހެވޭ ޢިމްރާން އަހަރެންދެކެ ލޯބިނުވިޔަސް. އަހަރެން ބޭނުންވަނީ ޢިމްރާނަށް ލޯތްބާއި އަޅާލުންދީގެން ޢިމްރާން އުފަލުގައި އުޅޭ މަންޒަރު ދެކެން. އަހަރެން ޢިމްރާނަށް އުފާވެރިކަން ހޯދައިދޭނަން.] ޝިފްޒާގެ ވާހަކައިން އޭނައަކީ ހުޝިޔާރު އަންހެނެއްކަން އެނގެއެވެ.

[ތިކަމާ އަހަރެން ވިސްނާނަން. މިވަގުތު ބާއްވަނީ.] ޢިމްރާން ފޯން ބޭއްވިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ޝިފްޒާ އަނގައަށް ވައްތަރެއް ޖައްސާލިއެވެ.

އެވަގުތު އެތަނަށް އޭނާގެ މަންމަ އައުމުން އުފާވެފައިހުރެ އޭނަ ޢިމްރާންގެ ވާހަކަ މަންމަ ނަސީމާއަށް ކިޔާދީފިއެވެ. ޢިމްރާނަށް ގުޅީމޭ ބުނީމާ ނަސީމާ ވަރަށް ހާސްވެ ކަންބޮޑުވިއެވެ.

[ޝިފްޒާ ކީއްކުރަންތަ ޢިމްރާނަށް ގުޅީ. ޝިފްޒާއަކަށް ނޭނގޭތަ، އެއީ ޝިފްޒާ ބައްޕަގެ ބޮޑުމީހާގެ ދަރިފުޅުކަން. ތިކުރި ކަމަކުން ޢުމަރުގެ ވަޒީފާ ގެއްލިއްޖެއްޔާ ކިހިނެއް ހަދާނީ.] ނަސީމާ ރުޅިއައިސް ރަތްވިއެވެ. އެވަގުތު ޢުމަރު ގެއަށް އައިސް ވަދެއްޖެއެވެ. ރުޅިއައިސްފައި ހުރި ނަސީމާ ޢުމަރަށް އެވާހަކަ ކިޔާދީފިއެވެ. ޢުމަރު އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ އެރުޅީގައި ޝިފްޒާގެ ގައިގައި ޖެހިއެވެ.

[ތިކަހަލަ މުޑުދާރު ކަންތައް ކުރާ ދަރިޔަކު މަގޭ ނުހުންނާނެ. މިގެއިން ނުކުމެގެންދޭ. ކަލެއަށް ނޭނގުނުތަ އެއީ އަހަރެންގެ ސާހިބު މީހާގެ ދަރިކަމެއް. ތިކަމާހުރެ އަހަރެންގެ ވަޒީފާގަނޑު ގެއްލިއްޖެއްޔާ މިތިބަ ޅަދަރިންނަށް އަހަރެން ކާންބޯންދޭނީ ކިހިނެއް....ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ....] ޢުމަރުބޭ ޝިފްޒާ ގެއިން ބޭރަށް ކޮއްޕާލިއެވެ. ޝިފްޒާ ރޮމުން ރޮމުން ބޭރަށް ނުކުމެއްޖެއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން