ދަރިންގެ ތަރުބިއްޔަތުކުރުމުގައި ވަކި ކަންތައްތަކެއް ނުކުރުމަށް ބުނެދީ ދަސްކޮށްދޭފަދައިން ވަކިކަހަލަ ކަންތައްތަކެއް ކުރަން ބުނެދީ އެކަން ކަމުގެ ހުނަރުތައް އެކުދިންނަށް ދަސްކޮށްދޭންވާނެއެވެ. މިއީ ކުއްޖާ ފުރާވަރަށް އެޅުމުގެ ކުރިން ނުވަތަ ޕްރީ-ޓީން އުމުރުގައި ކޮންމެހެންވެސް ދަސްކޮށްދޭންޖެހޭ ކަމެކެވެ. މިކަން މުހިއްމު ވެގެންދަނީ ކުއްޖާގެ އުމުރުން 10 އަހަރާއި 12 ދެމެދުގެ އުމުރަކީ ކުއްޖާގެ ކިބައިގައި ތަބީޢިގޮތުން އަމިއްލަވަންތަކަން އުފެދި ބައެއް ކަންކަމުގައި ހަރުކަށިވެ، ދެކޮޅަށް ބަސްބުނުން ގިނަވެ، އަމިއްލަ ގޮތްތައް ޚިޔާރުކުރަން ބޭންވާނެ އުމުރެވެ.

މީގެ އިތުރުން ފުރާވަރު އުމުރަކީ ކުދިންގެ ޝަހުސިއްޔަތު ބިނާވެގެންދާ މަރުހަލާގެ ދުވަސްތަކަށް ވުމާއެކު އޭގެ ކުރިން އެކުދީންނަށް އިޖުތިމާޢީ ރީތި އާދަތަކާއި ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭނެ އަދި ކުރުމަތިލާންޖެހޭނެ ކަންކަން އުމުރާއި ގުޅޭގޮތުން ބުނެދީ އެކަންކަމުގެ ހުނަރުތައް ދަސްކޮށްދެވިއްޖެ ނަމަ ކުއްޖާގެ ޝަޙްސިއްޔަތު ބިނާވެގެންދާނީ އެންމެހައި ރީތި އާދަތަކާއި ސިފަތަކުގެވެރި، ދުނިޔެއަށް ލޯހުޅުވިފައިވާ ހަރުދަނާ ޝަޙްޞިއްޔަތެއްގެ ގޮތުގައެވެ. އެހެންކަމުން މިބަލާލަނީ ކުއްޖާ ފުރާވަރަށް އަޅާއިރު، ދަސްވެފައި ހުންނަންޖެހޭ މުހިއްމު ހުންނަރުތަކަށެވެ.

1. މުއާމަލާތުކުރުމުގެ ހުނަރު:

ބޭނުންވާ ކަންކަމާއި ބޭނުންނުވާ ގޮތަކަށް ކަމެއް ދިމާވުމުން ރިވެތި ގޮތުގައި މުޢާމަލާތްކޮށް އެކަން ރަނގަޅު ގޮތުގައި ހައްލުކުރާނެ ގޮތް ކުދިންނަށް ދަސްވެފައި އޮތުން ވަރަށް މުހިންމެވެ. މިއީ މައިންބަފައިންގެ ވާހަކަ ދެއްކުމުގައި ގެންގުޅޭ ބަސްމަގަށް ވަރަށް ބޮޑަށް ބަރޯސާވާނެ ކަމެކެވެ. އަދި މައިންބަފައިންނަށް ކަންކަން ގޯސްކޮށްކުރެވުމުން ކުދިންގެ ކިބައިންވެސް މާފަށް އެދުމާއި ކުދިންގެ ކިބައިން ބައެއް ކުދިކުދި މައްސަލަތައް ދިމާވުމުން ހަޅޭނުލައި މަޑުމައިތިރިކަމާއެކު މުޢާމަލާތްކޮށް އެކަން ހައްލުކުރުމަށް ވާހަކަ ދެއްކުމަކީ އެކުދިން ބޮޑެތިވުމުން އިޚްތިޔާރުކުރާނެ ބަސްމަގު ރަނގަޅުވެގެންދާނެ ކަމެކެވެ.

2. ކަންކަން ހައްލު ކުރުމުގެ ހުނަރު:

ދަރިފުޅު ގޭތެރޭގައި އުޅޭއިރު ހައްލުކުރެވޭނެ ފަދަ ކުދި މައްސަލަތަކެއް ދިމާވުމުން މައިންބަފައިން އެކަންކަން ހައްލު ކުރުމުގެ ބަދަލުގައި ކުދިންނަށް އެކަންކަން ހައްލުކުރުމުގެ ފުރުޞަތުދޭށެވެ. އޭރުން އެކުދިންގެ ވިސްނުމުގެ ހުނަރު ތަނަވަސްވެ އެކުދިން އަމިއްލަޔަށް ކަންކަން ކަންކަން ހައްލު ކުރަންދަސްވާނެއެވެ. މިގޮތުން އެންމެ ތުއްތު އިރު ޕަޒުލް ރާވަން ދިނުމަކީ ކުދިންގެ ވިސްނުމުގެ ހުނަރު ތަރައްޤީވާނެކަމެކެވެ.

3. ރެޒިލިއެންސް ނުވަތަ ކަންކަން ދިމާވުމުން މާޔޫސްނުވެ އަލުން ކަންކަމާއި ކުރިމަތިލުން:

ދިރިއުޅުމުގައި ހިތްނޭދޭ އެތައްކަމެއް ދިމާވާނެކަމާއި އެކަންކަން ދިމާވުމުން ދުނިޔެ މުޅިން ހުއްޓުމަކަށް އައީ ނޫންކަން ކުދިންނަށް ވިސްނައިދިނުން ވަރަށް މުހިންމެވެ. މިކަން ކުރުމަށް ކުދިންނަށް އެންމެ މޮޅު ކާމިޔާބީ ނުލިބިދިއުމުން އެކަމާއި ދެރަވިނަމަވެސް އެކަމުގައި ހިތާމަކުރުންމަތީ ދެމިނުހުރެ އަލުން ހިއްވަރު ނެރެ މަސައްކަތްކުރުމުގެ ވިސްނުން ކުރިއަށް ނެރުމަށް ބުނެދީ ހިއްވަރު ދެވިދާނެއެވެ. އަދި ގޭތެރޭގައިވެސް ކުދިންނަށް ހަވާލުކުރެވޭ ކަމެއް ރަނގަޅަށް ނުކުރެވުމުން އަލުން އެކަމެއް އެހެން ދުވަހަކު އެއަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމަށް ހިއްވަރުދިނުމުން ކުދިންގެ ކިބައިގައި މިސިފަ އަށަގަންނާނެއެވެ.

4. ޒިންމާދާރުކުރުވުން:

ކުއްޖާ ޕްރީ ސްކޫލަށްދާންފެށުމުން ނުވަތަ އެންމެ ތުއްތު އިރު މީހުން ބުނާ އެއްޗެހި ދަރިފުޅަށް އެނގެންފަށާ ހިސާބުން ކުއްޖާގެ ކުދިކުދި ކަންކަން ކުއްޖާ އަމިއްލަޔަށް ކުރުމަށް މަޑުމަޑުން އާދަކުރުވަންވާނެއެވެ. ޕްރީ ސްކޫލަށް ދާއިރު ދަބަސް އެޅުވުމާއި އަމިއްލަޔަށް ބޫޓަށް އެރުމާއި ބޫޓު ހުންނަންޖެހޭ ތަނުގައި ބެހެއްޓުމަކީ ކުއްޖާގެ އަމިއްލަ ޒިންމާތަކެއް ކަމުގައި މަޑުމަޑުން ދަސްކޮށްދޭންވާނެއެވެ. އަދި އެއުމުރުގައި ކުއްޖާގެ އަންނައުނާއި ފޮތްތައް ބެހެއްޓުމަށް ވަކި އަލަމާރިއެއް އަދި ކުޅޭސާމާނު ލުމަށް ފޮށިގަނޑެއް ނަމަވެސް ވަކި ތަނެއް ކަނޑައަޅާފައި ބެހެއްޓުމަކީ ކުއްޖާގެ އަމިއްލަ ތަކެތި، އެއެއްޗެއް ހުންނަވާތަނުގައި ބެހެއްޓުމަށް އެކުދިންނަށް ދަސްވެގެންދާނެ ކަމެކެވެ.

5. ވަގުތު މެނޭޖުކުރުން:

ކުދިންނަށް ވަގުތުގެ މުހިންމުކަން ދަސްކޮށްދިނުމަށް ދުވަހުގެ ތާވަލު ހަދާށެވެ. އޭގައި ކުދިން ހޭލާ ވަގުތާއި ނަމާދު ވަގުތުތަކާއި ސްކޫލަށްދާ ގަޑި އަދި ކުޅޭ ވަގުތު ހިމަނަންވާނެއެވެ. އަދި ކޮންމެ ކަމަކަށްވެސް އެކަމެއްގައި ހޭދަކުރަން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ވަގުތު ހޭދަނުކުރުމަށް ދަސްކޮށްދޭންވާނެއެވެ.

6. އެމްޕަތީ/ އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރުން:

މިއީ ވަރަށް މުހިންމު ސިފައެކެވެ. ކުދިންގެ ކިބައިގައި އެހެން މީހުންގެ އިހުސާސްތައް ދެނަގަތުމާއި އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމުގެ އާދަ އެންމެ ތުއްތު އިރުއްސުރެވެސް ހަރުލައްވަންވާނެއެވެ. އެހެންނޫނީ ދަރިފުޅު ބޮޑުވެގެންވާނީ މީހުންނަށް އިހުތިރާމްނުކުރާ އަމިއްލަ އެދުމުގެ ފޯވެފައި ހުންނަ މުޖުތަމައު ބަލައި ނުގަންނަ ކުއްޖަކަށެވެ. މިކަން ކުރުމަށްޓަކައި ކުއްޖާ ކުޅޭ ތަކެތި އެހެން ކުދިންނަށް ހިއްސާކުރަން ދަސްކޮށްދެވިދާނެއެވެ. އަދި މީރު އެއްޗެއް ލިބުމުން އެންމެނަށް ބަހާ މަންޒަރު ކުއްޖާއަށް ދެއްކުންފަދަ ކަންކަން ކުރުމުން އެހެންމީހުންވެސް އެކުދިން އެދޭކަންކަމަށް އެދޭނެކަން ދަނެގަނެ އެއިހުސާސްކުރެވޭނެއެވެ.

7. ކެއްކުމުގެ ހުނަރު:

ގޭތެރޭގައި އެކުދިންނަށް އަމިއްލަޔަށް ތައްޔާރުކޮށްލެވޭނެ ކުދިކުދި ކާއެއްޗެހި ތައްޔާރުކުރުމަށް ކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ސޭންޑްވިޗް ތައްޔާރުކުރުމާއި ބިސްކެއްކުމާއި އާދައިގެ ކެއްކުންތައް ކަންކަން ދަސްކޮށްދިނުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ކުދިންނަށް އެކުދިން އެކަނި އުޅުމަށްވެސް ދަސްކޮށްދޭނެ މުހިންމު ހުނަރެކެވެ. އަދި މިއީ އަންހެން ކުދިންނަށް އެކަނި އޮތް ކަމެއް ނޫނެވެ. ކެއްކުމަކީ ފިރިހެން ކުދިންނަވެސް ދަސްވެފައި ހުންނަންޖެހޭ ހުނަރެކެވެ.

8. ފައިސާއާއި ބެހޭ ކަންކަން ދަސްކޮށްދިނުން:

ކުދިންނަށް ފައިސާއާއި ބެހޭ އާއްމު ކަންކަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. ކުދިންނަށް ވަކިން 'ޕިގީ ބޭންކެއް' ބެހެއްޓުމައި އެއިން އެކުދިން ބޭނުންވާ އެއްޗެއް ގަތުމުގެ އިޚްތިޔާރު ދިނުމާއި އަދި އެއިން އެހީ ޖަމިއްޔާތަކަށް އެހީވުމަކީ ކުދިންނަށް ދަސްކޮށްދިވެދާނެ ކަންކަމެވެ. އަދި ކުދިންނަށް ކޮންމެވެސް މިނަވަރަކަށް ފައިސާގެ މިފަދަ މުވާމަލާތްލަތައް ކުރަން ދަސްވުމުން ކުދިން އެކަނި ދިރިއުޅުމުގައ ފައިސާއާއިމެދު ހޭލުންތެރިވުމުގެ އިތުރުން ޚަހަދު ކުރުމުގައި ހަރުދަނާވާނެއެވެ.

9. ބޭސިކު ފަސްޓް އެއިޑް ދަސްކޮށްދިނުން:

އެމެޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭ ނަންބަރުތައް ދަސްކޮށްދިނުމާއި މަންމައާއި ބައްޕަގެ ނަންބަރު ދަސްކޮށްދިނުމާއި ކުދިކުދި ކަންކަން ދިމާވުމުން ފަސްޓް އެއިޑްގެ ގޮތުގައި ކުރެވޭނެ ކަންކަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ހުނަރެކެވެ. އަދި ބޮޑު ކަމެއް ދިމާވުމުން ގުޅަންޖެހޭ ނަންބަރުތައް ދަސްވެފައި ހުރުމުން އެފަދަކަމެއް ދިމާވުމުން މާޔޫސްވެ ރޯން އިނުމުގެ ބަދަލުގައި އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ދަރިފުޅު ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން