ސުރުޚީ ކިޔުމަށްފަހު އަޅުގަނޑާއި ދިމާޔަށް ގާއުކުމުގެ ކުރިން ބުނެލަމެވެ. ދަރިން ތަރުބިއްޔަރު ކުރުމުގެ ބުރަބޮޑު މަސްޢޫލިއްޔަތު ކޮންމެ ބެލެނިވެރިކުވެސް އަދާކުރާނީ ނުހަނު ލޯބިންނެވެ. އަދި ދަރިފުޅުގެ މުސްތަޤުބަލު އުޖާލާ ކުރުމަށް އެދަރިފުޅަށް ބޭނުންވާ ހުރިހާ ހުނަރެއް ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ އަމާޒުކަން އަޅުގަނޑު ދަންނަމެވެ. އެހެންނަމަވެސް ބައެއް ފަހަރު ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނާނުލެވި އަޅުގަނޑުމެންގެ އަތުން ބައެއްކަންކަން ދޫކޮށްލެވިގެންދާކަން ޤަބޫލުކުރަންވާނެއެވެ.

އެހެންކަމުން އެކުދިންގެ ކިބައިން ފެންނަ ނުރަނގަޅުއާދަތައް އިސްލާހުކުރެވޭތޯ މަސައްކަތްކުރުމާއި ތަރުބިއްޔަތުކުރުމުގެ މަރުހަލާގައި އަޅުގަނޑުމެންވެސް ދެތިން އެއްޗެއް ދަސްކޮށްލުމަކީ ދެރަކަމެއްކަމުގައި ދެކިގެން ނުވާނެއެވެ.

ތިރީގައިމިވަނީ ތަރުބިއްޔަތުގެ ތެރެއިން މިދަންނަވާ ކަންކަން އުނިވުމުން ދަރިފުޅުގެ ކިބައިން ފެނިދާނެ ނޭދެވޭ ކަންކަމެވެ.

1. ދަރިފުޅު އަބަދު ދޮގުހެދުން:

ތުއްތު ކުދިންނަކީ ވަރަށްވެސް މާސޫމުބައެކެވެ. އެހެންކަމުން އެކުދިންނަށް ދޮގުހެދުމާއި ކަންކަން ފޮރުވުމަށް ދަސްވާންދިމާވާ ސަބަބެއްވެސް އޮންނާނެއެވެ. ބައެއް ބެލެނިވެރިންނަށް މިއީ 'ޝޮކަކަށް' ވެދާނެއެވެ. އެހެންނަމަވެސް އެނގޭހެއްޔެވެ؟ ދަރިފުޅު ދޮގުހަދައި ކަންކަން ފޮރުވަންފަށަނީ ތިބާއަށް ބިރަށެވެ. އެއީ ތިބާއަކީ ކިރިޔާ ކަމެއްވާއިރަށް ބާރަށް އެއްޗެތިގޮވައި އަދަބުދިނުން އިސްކުރާ މީހަކަށްވާތީއެވެ. ހުރިހާކަމެއްގައި އެގޮތަށް ކަންތައް ކުރުމުން ދަރިފުޅުފަރާތުން ކިރިޔާ ގޯހެއް ހެދޭއިރަށް އެއީ އަދި ކުޑަކަމެއް ނަމަވެސް ތިބާއަށް އެކަން ސިއްރު ކުރަން ބޭނުންވާނެވެ. އަދި އަދަބަކުން ސަލާމަތްވުމަށް ދޮގުހެދުން ޚިޔާރުކުރާނެއެވެ. ވީމާ އެހައި ބޮޑަށް ހަރުކަށިވުން ދޫކޮށްލާށެވެ. ޚައްސަކޮށް އެންމެ ތުއްތުއިރު ކުދިންނަށް ކަންކަން ނޭނގުމުގެ ސަބަބުން ނުވަތަ އޮޅުމަކުންނަމަވެސް ގޯހެއް ހެދިދާނެކަން ދަންނަންވާނެއެވެ. އަދި ދަރިފުޅު ކުދިކުދި ގޯސްތައް ހެދުމުން ލޯބިން އެކަންކަން ކިޔައިދޭށެވެ.

2. ދަރިފުޅުގެ ކިބައިގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުން:

ދަރިފުޅަށް ދޭންޖެހޭ ހިއްވަރު ދިނުމުގެ ބަދަލުގައި މާގިނައިން އެއްވާހަކައެއް ތަކުރާރުކޮށް ނަސޭހަތްތެރިވުމަކީ ތަރުބިއްޔަތު ދިނުންކަމުގައި ބެލެނިވެރިންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އަބަދު ކައިރީގައި ބައިންދައިގެން އެއްވާހަކައެއް ތަކުރާރު ކުރުމުންވާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ތިޔަހެންހެދުމުން އެމީހުން އަމިއްލަ ނަފްސަކީ އެއްވެސް ކަމެއް ކުރެވޭ ނާޤާލިބައެއްކަމުގައި ކުދިންނަށް ޤަބޫލުކުރެވޭނެއެވެ. އެމީހުންނަށް ބޭނުންވާނީ ތިބާގެ ނަސޭހަތްތަކަށްވުރެ ބޮޑަށް ތިބާގެ ފަރާތުން އެއްބާރުލުމެވެ. އެހެންކަމުން ނަސޭހަތް ދިނުމަށްފަހުގައި ބޮޑަށް ސަމާލުކަންދޭންވީ އެކުދިން އެކަންކަން އިސްލާހުކުރުމަށް ހިއްވަރުދިނުމަށެވެ.

3. ދަރިފުޅު އަމިއްލަ ދިފާއުގައި ނުތެދުވުން:

ތުއްތު އިރުއްސުރެ އެކުދިންގެ ނުރަނގަޅު ވާހަކަތައް އެހެންމީހުންނަށް އަންގައި އެކުދިންގެ އަމަލުތައް އިސްލާހުކުރުމުގެ ފިޔަވަޅުތައް އަޅައިއުޅުމުގައި އެންމެނަށް އަންގައި އެންމެންގެ ތެރޭގައި ލަދުގަންނަވާލާ ބެލެނިވެރިން އުޅެއެވެ. އެމީހުން އެގޮތަށް ކަންތައް ކުރަނީ އެހެންމީހުންގެ ކުރިމަތީގައި އަމިއްލަ މީހާ ދަރިފުޅު ރަނގަޅުކުރުމަށް އެތައް ކަމެއް ކުރާކަން އެންގުމަށްކަމުގައިވުން އެކަށިގެންވެއެވެ. އަދި މިއީ ދަރިފުޅުގެ ބައެއް ނުރަނގަޅު އާދަތަކުގެ ވާހަކަ އެހެން މީހުން ދެއްކުމުން ތިމަން އެކަންކަން ހައްލުކުރުމުށް މިހުރިހާ ކަމެއްވެސް އެބަކުރަމޭ ބުނެ އެމީހުންގެ ދުލުން ރެކެންވެގެން ކުރެވޭ ކަމަކަށްވުންވެސް އެކަށިގެންވެއެވެ. ނަމަވެސް މިހެން ކަންތައްކުރުމުން އެކުދިން އަމިއްލަ ނަފްސު ދެކޭގޮތް ފާޅުކުރުމަށް ޖެހިލުންވާނެއެވެ. އަބަދުވެސް އެހެންބަޔަކު ދެކޭނެ ގޮތަކާއިމެދު ވިސްނައި އަމިއްލަ ޚިޔާލުފާޅުކުރުމުންނާއި އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވުމުން މުޅިން ދުރުހެލިވާނެއެވެ.

4. ތިބާގެ މޫނުމަތީގައި ބަސްބުނެ ޒުވާބުކުރުން:

މިހެންވަނީ ތިބާ އެކުދިން ތިބޭ ތަންތަނުގައި އެހެންމީހުންނާއި ދިމާލަށް ބަސްބުނެ ޒުވާބުކުރާ މަންޒަރު ފެންނާތީއެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން އެކުދިންނަށް މިއީ އާދައިގެ ކަމެއް ކަމުގައި ޤަބޫލުކުރެވޭނެއެވެ. އަދި ވަކިން ޚާއްސަކޮށް ކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ މަންޒަރުތަކާއި މައިންބަފައިންގެ އަމަލުތައް ނަކަލުކުރާ ބަޔަކަށްވުމުން މިފަދަ ކަންކަން ވަރަށް ފަސޭހައިން ކުދިން ނަގައިގަނެ ދަސްކުރާނެއެވެ.

5. ކެރުންތެރިކަންނެތުން

ކެރުންތެރިކަމަކީ ކަންކަމާއި އެކަނި ކުރިމަތިލުމާއި އަމިއްލަޔަށް އެކިއެކި ކަންކަން ކުރުމުގެ ޤާބިލުކަން އަށަގަތުމެވެ. މިއީ ކުދިންގެ ކުރިއެރުމަށް ވަރަށް މުހިންމު ހުނަރެކެވެ. އެހެންނަމަވެސް މައިންބަފައިން އަބަދުމެ ދަރިންނަށް އެހީތެރިވެދޭކަމުގައިވާނަމަ އަދި ކަމެއް ގޯސްކޮށްވެދާނެތީނަމަވެސް އަބަދު އެހީތެރިވެދޭނަމަ އެކުދިންގެ ކިބައިގައި ދުވަހަކުވެސް ކަމެއް އަމިއްލަޔަށް ކުރުމުގެ ހުނަރާއި ސިފަ އަށައެއް ނުގަންނާނެއެވެ. އަދި އަބަދުވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަން ހޯދުމަށް އެކުދިން ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން