އެޕިސޯޑް 30
...............
[ޝިފްޒާ ކީއްކުރަންތަ ޢިމްރާނަށް ގުޅީ. ޝިފްޒާއަކަށް ނޭނގޭތަ، އެއީ ޝިފްޒާ ބައްޕަގެ ބޮޑުމީހާގެ ދަރިފުޅުކަން. ތިކުރި ކަމަކުން ޢުމަރުގެ ވަޒީފާ ގެއްލިއްޖެއްޔާ ކިހިނެއް ހަދާނީ.] ނަސީމާ ރުޅިއައިސް ރަތްވިއެވެ. އެވަގުތު ޢުމަރު ގެއަށް އައިސް ވަދެއްޖެއެވެ. ރުޅިއައިސްފައި ހުރި ނަސީމާ ޢުމަރަށް އެވާހަކަ ކިޔާދީފިއެވެ. ޢުމަރު އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ އެރުޅީގައި ޝިފްޒާގެ ގައިގައި ޖެހިއެވެ.
[ތިކަހަލަ މުޑުދާރު ކަންތައް ކުރާ ދަރިޔަކު މަގޭ ނުހުންނާނެ. މިގެއިން ނުކުމެގެންދޭ. ކަލެއަށް ނޭނގުނުތަ އެއީ އަހަރެންގެ ސާހިބު މީހާގެ ދަރިކަމެއް. ތިކަމާހުރެ އަހަރެންގެ ވަޒީފާގަނޑު ގެއްލިއްޖެއްޔާ މިތިބަ ޅަދަރިންނަށް އަހަރެން ކާންބޯންދޭނީ ކިހިނެއް....ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ....] ޢުމަރުބޭ ޝިފްޒާ ގެއިން ބޭރަށް ކޮއްޕާލިއެވެ. ޝިފްޒާ ރޮމުން ރޮމުން ބޭރަށް ނުކުމެއްޖެއެވެ.
ސަރާ އެހެން މީހަކާ އިންކަން އެނގިހުރި ނަމަވެސް، ޢިމްރާނަށް އަދިވެސް ސަރާގެ ފޯންކޯލަށް އިންތިޒާރު ކުރެވެއެވެ. ފޯން ރިންގްވާއިރަށް އޭނާއަށް ތެޅިގެންފައި ފޯން ނެގެނީ ސަރާ ކަމަށް ހީކޮށްފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޢިމްރާން މާޔޫސްވެއެވެެ.
މިހާރު ކައިވެންޏަށްފަހު ސަރާއާއި ނިމާލް މާލެ އަތުވެއްޖެއެވެ. އެކަން އިމްރާންވެސް ދެނަހުއްޓެވެ. ޢިމްރާން ގާތު ސަރާމެން އައި ވާހަކަ ބުނީ ނިޔާޒެވެ. ސަރާއާއި ނިމާލްގެ ކައިވެންޏަށް މަހެއްވެގެން ދިޔައިރުވެސް ސަރާ ހަމައަކަށް ނޭޅެއެވެ. ސަރާގެ ވިސްނުން ބަދަލުވީހެނެއްވެސް ހިއެއް ނުވެއެވެ. ނިމާލް ކިތަންމެ އޯގާތެރިކަމާއެކު ލޯބި ދިން ނަމަވެސް ޢިމްރާންގެ ހަނދާންތަކެއް އޭނާގެ ހިތަކުން ނުފިލައެވެ. އެކަނިވާއިރަށް ޢިމްރާންގެ މަތިން ހަނދާންކޮށްފައި އޭނާ ކަރުނަ އަޅައެވެ. ބައެއްފަހަރު މިފަދަ މަންޒަރު ނިމާލަށް ފެނޭވެސްމެއެވެ.
[ޢިމްރާންގެ ހަނދާންތަކާ ދުރަށް ދެވޭތޯ ވަރަށް މަސައްކަތް އެބަކުރަން. އެކަމަކު އަހަންނަކަށް އެކަމެއްނުވޭ. މަންމާ...އަހަރެން ކިހިނެއްތަ ހަދާނީ؟] ސަރާ ވާހަކަ ދެއްކީ ރަށުގައި ހުރި އޭނާގެ މަންމަ ނަޖްމާއާ ފޯނުންނެވެ.
[ދަރިފުޅާ އަދިވެސް މަސައްކަތް ކުރޭ. މަސައްކަތް ކުރީމާ ކާމިޔާބު ލިބޭނެ. ނިމާލް ދަރިފުޅުދެކެ ކިހާ ލޯބިވޭ.] ނަޖްމާ ސަރާއަށް ހިތްވަރު ދިނެވެ.
[ނިމާލް ލޯބިވާކަން އެނގޭ. އެކަމަކު އަހަރެން އެކަނިވާއިރަށް ޢިމްރާންގެ މަތިން މާބޮޑަށް ހަނދާންވަނީ. ނިމާލްދެކެ ލޯބިވެވޭތޯވެސް އެބަ މަސައްކަތް ކުރަން. އެކަމަކު ލޯތްބެއްނުވެވޭ. އަޅެ އަހަރެން ކިހިނެއްތަ ހަދާނީ؟] ސަރާއަށް ރޮވިއްޖެއެވެ. އޭރު ސަރާ ދެއްކި ވާހަކަތައް އަޑުއަހަން ދޮރުމަތީގައި ނިމާލް ހުއްޓެވެ. ނިމާލް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ނަމަވެސް ސަރާ ދެއްކި ވާހަކަ އަޑު އިވުނު ކަމަށް ހެދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ވުމާއެކު އޭނާ މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ބޭރަށް ނިކުތެވެ. އެވަގުތު އޭނާގެ ފޯން ރިންގްވާން ފެށިއެވެ.
ފޯނު ރިންގްވާތާ އިރުކޮޅެއްފަހުން ޢިމްރާން ފޯނު ނަގައިފިއެވެ. ފޯނު ކަންފަތުގައި ޖެހުމާއެކު އިވުނީ ޝިފްޒާގެ ރުއިމުގެ އަޑެވެ.
[ކިހިނެއްވީ؟] ޢިމްރާން އެއްސެވެ. ނަމަވެސް ޝިފްޒާ ޖަވާބެއް ނުދެއެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ނުވަތަ އޭނާ ހަމަ ރޮނީއެވެ. ގިސްލަ ގިސްލާފައެވެ.
[ޝިފްޒާ ކިހިނެއްވީ؟ ޖަވާބުދީބަލަ. ވެގެންއުޅޭ ގޮތެއް ބުނެބަލަ. މީހަކު އެއްޗެކޭކީތަ؟] ޢިމްރާން އެއްސެވެ.
[ބައްޕަ އަހަރެން ގެއިން ނެރެލައިފި.] ރޮއިރޮއިފައި ޝިފްޒާ ޖަވާބު ދިނެވެ.
[އެއީ ކީއްވެ؟] ޢިމްރާން ޙައިރާންވިއެވެ.
[ޢިމްރާނަށް ގުޅިކަން ބައްޕައަށް އެނގުނީ....ބައްޕަ ބުނީ ޢިމްރާނާ އަހަންނާ އެކަށީގެންނުވެޔޯ. އަހަރެންގެ ސަބަބުން ބައްޕަގެ ވަޒީފާވެސް ގެއްލިދާނެޔޯ.....] ޝިފްޒާގެ އަޑު ބެދުނެވެ.
[ނުރޮއޭ...ބައްޕަ ގާތު ބުނޭ ތިގޮތަށް ނުވިސްނާށޭ. ބުނޭ އެއް އިންސާނަކު އަނެއް އިންސާނަކާ އެކަށީގެންނުވާނޭ ގޮތެއް ނޯންނާނޭ. ހުރިހާ އިންސާނުންނަކީވެސް ހަމަހަމަ ބައެއް.] ޢިމްރާން ބުންޏެވެ.
[ބައްޕަ އަހަރެން ދައްކާ ވާހަކަ އަޑެއްނާހާ.....ބައްޕައާ ވާހަކަ ދައްކާކަށް އަހަންނަކަށް ނުކެރޭނެ....ގެއަށް ވަންނާކަށްވެސް އަހަންނަކަށް ނުކެރޭނެ.] ޝިފްޒާ އަދިވެސް ރޮނީއެވެ.
[ކޮންތާކު ޝިފްޒާ ތިހުރީ؟] ޢިމްރާން އެއްސެވެ.
[ގޭދޮށު މަގުމަތީގައި...އަހަންނަށް އެހީތެރިވެދީ ޢިމްރާން....] ޝިފްޒާ ބޭނުންވަނީ ޢިމްރާން އެތަނަށް ގެންނާށެވެ. އެބަދަމޭ ބުނެފައި ޢިމްރާން ފޯން ކަނޑާލުމުން ޝިފްޒާ ހިތްހަމަޖެހުމުގެ ނޭވާއެއް ފަޒާއަށް ދޫކޮށްލަމުން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އެއަށްފަހު އޭނާ އޭނާގެ ދެލޮލުގައި ހުރި ކަރުނަތައްވެސް އެކަށް ފޮހެލައިފިއެވެ. އޭނާ ދެން ކަރުނަތައް ދައްކަން ބޭނުންވަނީ ޢިމްރާން އައުމުން ޢިމްރާނަށެވެ. ޢިމްރާންގެ ހަމްދަރުދީއާއި އޯގާތެރިކަން ހޯދުމުގެ ބޭނުމުގައެވެ.
ހުޝިޔާރު މީހުންނަކީ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނެވެ. ގައިމެވެ. ޝިފްޒާއަކީ އެފަދަ އަންހެނެކެވެ. އެއީ ހުޝިޔާރު އަންހެނެކެވެ. އޭނާގެ އަލަތު ކައިވެނި ރޫޅިގެންދިޔައީވެސް އޭނާގެ ކިބައިގައި ހުޝިޔާރުކަން ނެތިގެނެއް ނޫނެވެ. ޒިޔާދާ ދޭތެރޭ އޭނާ ހިތްހަމަނުޖެހުނީމަ ވަކިވީއެވެ. ޚާއްޞަކޮށް، ޒިޔާދުގެ ފަޤީރުކަމާއި ނިކަމެތިކަން ދެކެ އޭނާ ފޫހިވީ ކަމަށްވެއެވެ. އަބަދުވެސް އޭނާއަކީ މުއްސަނދި ކަމަށް ލޯބިކުރާ ތަނަވަސް ދިރިއުޅުމަކަށް އެދޭ އަންހެނެކެވެ. އޭނާ ޒިޔާދާ ގުޅުނީވެސް ޒިޔާދު އޭނާއަށް ދެއްކި ފައިސާގެ ދަޅައިގެ ސަބަބުންނެވެ. އެއީ ބައެއްފަހަރު ދިމާވާ ކަމެކެވެ. ފިރިހެން ކުދިން އަންހެން ކުދިންގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ނެތް ފެންވަރު ދައްކައެވެ. ދަރަނިވެރި ވެގެންނެވެ. ޒިޔާދު ކަންތައް ކުރީވެސް އެހެންނެވެ. އޭނާ ދެއްކި އޮފްދާރުގެ ސަބަބުން ޝިފްޒާ ހެއްލި ޒިޔާދާ ގުޅުނީއެވެ. ޙަޤީޤަތް އެނގުނީ ކައިވެންޏަށް ދުވަސްތަކެއްވީ ފަހުންނެވެ.
ޢިމްރާން އޭނާގެ ކާރުގައި އައިސް ޝިފްޒާމެންގެ ގޭގެ ދޮރުމައްޗަށް މަޑުކުރީ ޝިފްޒާ އެގޭ ކުރިމަތީގައި ހުރި ފިހާރައެއްގެ ތެރޭގައި ބޭރުން ބަލަން ހުއްޓައެވެ. ކާރު މަޑުކުރިތަން ފެނުމާއެކު ޝިފްޒާ ގަދަކަމުން ރޮއިގަތެވެ. އެއަށްފަހު ބޭރަށް ނުކުމެއްޖެއެވެ. އޭނާ ކުއްލިއަކަށް ރޯންފެށީމާ ފިހާރައިގައި ތިބި މީހުންވެސް ޙައިރާންވެފައި ތިއްބެވެ.
[ޢިމްރާން...އަހަންނަށް އެހީވެދީ....ޢިމްރާންދެކެ ލޯބި ވެވުނީތީ އަހަންނަށް މިލިބުނީ ކިހާބޮޑު އަދަބެއް. ބައްޕަވެސް މަންމަވެސް ގެޔަކު ނޫޅޭ....އަހަންނަށް އެހީވެދީ...ޢިމްރާން...] އޭނާއަށް ބުނެވުނީ މިހާ ހިސާބަށެވެ. އޭނާ އަރިއަޅާލިއެވެ. ޢިމްރާން ދުވެފައި ކަހަލަ ގޮތަަކަށް ގޮސް އޭނާ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެއަށްފަހު ޢިމްރާން އޭނާ އަތުލަފިކޮށްގެން ގޮސް ކުރިމަތީގައި ހުރި ޝިފްޒާގެ ގެއަށް ވަދެއްޖެއެވެ. ޢިމްރާން ގޮސް ޝިފްޒާ ވެއްދީ އޭނާގެ ކޮޓަރިއަށެވެ.
[ބޮލަށް އެނބުރުން އަރާފައި ތިހުރީ. އޮށޯންނަންވީނު.] ޢިމްރާން އުޅުނީ ޝިފްޒާ އެނދުގައި ބާއްވާލާށެވެ. އޭރު ޝިފްޒާގެ ދެއަތް ވަނީ ޢިމްރާންގެ ވަށާލާފައެވެ. ވުމާއެކު ޝިފްޒާއާއެކު ޢިމްރާންވެސް އެނދުމައްޗަށް ތިރިވިއެވެ.
[އަހަރެން ދޫކޮށްފައި ނުދައްޗޭ.] ޝިފްޒާ ނިކަން ބާރަށް ޢިމްރާންގެ ހަށިގަނޑުގައި ބައްދައިގަތެވެ. ވުމާއެކު މިހާރު ޢިމްރާން އެއޮތީ ސީދާ ޝިފްޒާގެ ގައިމަތީގައެވެ. ޝިފްޒާގެ އަތުން ވީއްލިގަންނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ގަދަބާރުން ނޫން ގޮތަކަށް ވީއްލިގަނެވޭ ވަރަށްވުރެން ބާރަށް ޝިފްޒާ އެއޮތީ ޢިމްރާންގެ ގައިގައި ތަތްވެލައިގެންނެވެ.
ހީވާކަހަލައެވެ. ޝިފްޒާ ބޭނުންވަނީ ޢިމްރާންގެ މަގު އޮޅުވާލާށެވެ. އޭރުން އޭނަޔަށް ޢިމްރާންގެ ދިރިއުޅުމަށް އައުމަށް މަގުފަހިވެގެންދާނޭ ކަމަށް އޭނާ ދެކެނީ ކަމަށް ވެދާނެއެވެ.
ޝިފްޒާގެ މަންމަ ނަސީމާއާއި ބައްޕަ ޢުމަރު ގެއަށް އައީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. އެދެމަފިރިން އެކުއެކީގައި އައިސް ޝިފްޒާގެ ކޮޓަރި ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ދޮރު އެތެރެއަށް ހުޅުވިއްޖެއެވެ. އެހިނދު ފެނުނު މަންޒަރާއެކު ގައިގެ ހުރިހާ ބާރެއްލާފައި ދޮރު ލައްޕާލުމަށްފަހު ޢުމަރާއި ނަސީމާ ދުރަށް ޖެހިލިއެވެ. އެވަގުތު އެމީހުންނަށް ފެނުނީ ލަދުވެތި މަންޒަރެކެވެ. މިފަދަ އިސްލާމީ މުޖްތަމަޢާ ޚިލާފު ކަންތައްތަކަކީ އަބަދުވެސް ޢުމަރާއި ނަސީމާ ވަރަށް ރުޅި އަންނަ ނަފްރަތުކުރާ ޢަމަލުތަކެކެވެ.
[ނަސީމާ އޭނަ މިގެއިން ނެރެލާ....އެކަހަލަ މުޑުދާރު ދަރިއަކު އަހަރެން ބޭނުމެއް ނޫން. އަހަރެމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމެއް އެމީހުންނަކަށް ނޭނގޭތަ؟] ޢުމަރު ނިކަން ހަރުކައްޓެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާފައި ޢިމްރާން ބޭރަށް ނުކުތެވެ.
[ޢުމަރުބޭ އަޅުގަނޑަށް މަޢާފް ކުރައްވާ...އަޅުގަނޑު ބޭނުން ޝިފްޒާއާ އިންނަން. ޢުމަރުބެ ރުހެންޏާ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން އަހަރެން ބޭނުން...] ޢިމްރާން މިހެން ބުނެފައި އެގެއިން ނުކުތެވެ. ޢިމްރާން ނުކުތުމާއެކު ޢުމަރުގޮސް ޝިފްޒާ އޮތް ކޮޓަރިއަށް ވަނެވެ.
[މުޑުދާރު އަންހެން ކުއްޖާ...ކަލޭ ކުރި ކުށަށް ކަލޭ ތައުބާވޭ.] ޢުމަރު ޝިފްޒާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ޝިފްޒާ ރޮއިގަތެވެ.
[ޢިމްރާން އިންނަން ބޭނުންވިޔަސް، ތައުބާވެގެން ނޫނީ ކަލޭމެނަކަށް ނީނދެވޭނެ. އަހަރެމެން ކިތަންމެ ނިކަމެއްޗަސް، އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ދެކެ އަހަރެމެން ލޯބިވޭ.] ޢުމަރު ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.
[އަހަންނަށް މަޢާފްކުރޭ ބައްޕާ. އަހަރެން ތައުބާވާނަން. ދެން ދުވަހަކުވެސް އެފަދަ ކަމަކަށް މަގުފަހިވާފަދަ ޢަމަލެއްވެސް ނުކުރާނަން...] ބައްޕަގެ ކުރިމަތީގައި ކަރުނަ އެޅި ކަމުގައިވިޔަސް، ޝިފްޒާއަށް މާބޮޑަށް އަސަރު ކުރިހެނެއް ހިއެއްނުވެއެވެ.
އެދުވަހު ކުރެވުނު ކަންތަކާމެދު ހިތާމަކޮށް ޢިމްރާން ރުއިވެސްމެއެވެ. މިހާރު އޭނާ އެވަނީ ހަމަ ރަނގަޅަށްވެސް ޝިފްޒާގެ މަޅީގައި ޖެހިފައެވެ. ޝިފްޒާ އޭނާގެ ރޭވުމުން ޢިމްރާން ރަނގަޅަށް ބަނދެލީ ކަހަލައެވެ.
[މަންމާ އަހަރެން އެބަ ވިސްނަން މީހަކާ އިންނަން. ސަރާގެ ޚިޔާލުތަކާ ދުރަށް ދެވޭނީވެސް އޭރުންހެން ހީވަނީ.] ޢިމްރާން އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ. ފަހީމާ ވަރަށް އުފާވިއެވެ.
[މާލަސްވެސް ވެއްޖެ. ކައިވެނި އަވަސްކުރޭ. މިހާރު ދަރިފުޅު ވަކި ކުއްޖަކު ހޯދައިފިންތަ؟] އުފާވެފައި ހުރެ ފަހީމާ ބުންޏެވެ.
[އާނ...މިހާރު ކުއްޖަކު ހޯދައިފިން. އެއީ މިގޭ ކާރު ޑްރައިވަރ ޢުމަރުބޭގެ ދަރިފުޅު ޝިފްޒާ. މިހާރު ހުރިހާ ކަމެއްވެސް ނިމިއްޖެ. މަންމައާއި ބައްޕަ ކޮށްދޭންވީ ކަމަކީ ޢުމަރުބޭމެނާ ވާހަކަ ދައްކަންވީ؟] ޢިމްރާން ބުންޏެވެ.
[ތީ ވަރަށް އުފާވެރި ޚަބަރެއް. މަންމަ މިރޭ ދާނަން އެގައަށް ޢުމަރުބެއާ ވާހަކަ ދައްކަން. ދަރިފުޅު އެއްވެސް ކަމަކާ އުޅޭކަށް ނުޖެހޭނެ.] ފަހީމާ ބުންޏެވެ.
ސަރާގެ ހަނދާންތަކުން އެއްކިބާވުމުގެ ގަސްދުގައި ޢިމްރާން ކައިވެންޏެއް ކުރަން ރާވާއިރު، އައު ޒަވާޖީ ޙަޔާތެއް ފަށްޓައިގެން އުޅޭއިރުވެސް ސަރާ އެއުޅެނީ ޢިމްރާންގެ ހަނދާންތަކުން މިންޖުނުވެވިގެންނެވެ. ދަރިފުޅާއެކު އެކަނިވާއިރަށް އޭނާގެ ޚިޔާލީ ސްކްރީނަށް އަރަމުންދަނީ ޢިމްރާނާއެކު ހޭދަކޮށްފައިވާ އުފާވެރި ދުވަސްތަކެވެ. އެހަނދާންތައް އާވެ ކުރެހިގެންދާއިރު، އޭނާގެ ލޮލުން ކަރުނަ އާދެއެވެ. މިހާރު މިފަދަ މަންޒަރުތައް ތަކުރާރުކޮށް ނިމާލަށްވެސް ފެނެއެވެ.
[ސަރާ...އަބަދުވެސް އަހަންނަށް އެބަފެނޭ، ސަރާ ހިތާމަކޮށް ރޮއި ހަދާތަން. އަނެއްކާ އަހަންނަށް ސަރާ ހިތްހަމަނުޖެހޭ ގޮތަށް ކަމެއް ކުރެވެނީތަ؟ ސަރާ ތިގޮތަށް ހިތާމަކުރާތަން ފެނުމުން އަހަންނަށް ވަރަށް އަސަރުކުރޭ. އަހަރެން ސަރާޔާ އިނީ ވަރަށް ފޮނި އުންމީދުތަކެއް ކޮށްފައި...އަޅެ ބުނެބަލަ، ސަރާ
ހިތުގައިޖެހޭވަރުގެ ކަމެއް ކުރެވުނީތަ؟] ނިމާލް ހުރީ ވަރަށް ދެރަވެފައެވެ. ޙަޤީޤަތުގައިވެސް ސަރާ ދެރަވެ ހިތާމަކުރުމަކީ އޭނާއަށް ވަރަށް އަސަރުކުރާ ކަމެކެވެ. އޭނާ އެންމެ ލޯބިވާ މީހާ އޭނާގެ ޙަޔާތަށް ގެނައީ ސަރާއަށް އުފަލާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އޭނާއަށް ފެންނަމުން ދަނީ ތަފާތު މަންޒަރުތަކެކެވެ. މީހުނާ އެކަހެރިވެވޭއިރަށް ސަރާގެ މޫނުމަތި ފެންނަނީ ހިތާމައިން މޮޅިވެފައިވާ ތަނެވެ. އޭނާ ނިމާލާއެކު އުފަލުގައި އުޅޭ މަންޒަރު ދައްކަމުންދިޔަ ކަމުގައި ވިޔަސް، އޭނާގެ އެތެރެހަށީގައިވާ ހިތް ރޮމުން ގިސްލަމުންދާކަން މިހާރު ހަމަ ރަނގަޅަށްވެސް ނިމާލަށް އެނގެއެވެ. ވުމާއެކު ނިމާލްވެސް ހުންނަނީ މިހާރު ގޮތް ހުސްވެފައެވެ. ބައެއްފަހަރު ސަރާ ލޯބިވާ ބައިވެރިޔާ ޢިމްރާން ގާތަށް ސަރާ ފޮނުވާފާނަމޭވެސް އޭނާގެ ހިތަށް އަރައެވެ. ނަމަވެސް މިހާރު ސަރާ އެހެން މީހަކާއެކު އުޅޭތަން ބަލާކަށް އޭނާއަކަށް މާފަސޭހައެއް ނުވާނެއެވެ.
[ސަރާ އަދިވެސް ޢިމްރާން ބޭނުންވޭދޯ؟ އަޞްލު އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރިން. އަހަރެން މިދޭ ލޯބިން ސަރާއަށް އިމްރާންގެ ހަނދާންތަކުން ދުރަށް ދެވޭނެ ކަމަށް. އެކަމަކު އަހަންނަށް ފެންނަނީ މުޅިން ތަފާތު މަންޒަރުތަކެއް.] ނިމާލަށްވެސް ރޮވޭގޮތްވިއެވެ.
[ނޫން...ނިމާލް ތިހެން ނުބުނޭ....އަހަރެން ބޭނުން މީހާއާއެކު އަހަރެން އުޅެމުން މިދަނީ. އަހަރެން ކިތަންމެހާވެސް ބޭނުން ޢިމްރާންގެ ހަނދާންތަކާ ދުރަށްދާން.] ސަރާ ރޮމުން ނިމާލްގެ ކޮނޑުގައި ބޯއަޅާލިއެވެ. އެދުވަހަކީ ނިމާލްގެ މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮ މާލެ އަންނަން އޮތް ދުވަސްވެސްމެއެވެ.
[މިއަދު މަންމަމެން އަންނާނެ. މަންމަމެންގެ ކުރިމަތީގައި ސަރާ ތިގޮތަށް ހިތާމަކުރާ ތަން ފެންނަންޏާ މަންމަމެން ވަރަށް ދެރަވާނެ. ސަރާ އެކަމަށް ވިސްނަންވާނެ. ސަރާ ދޫކޮށްލެވޭނޭ ހިތްވަރެއް އަހަންނަކަށް ނުލިބޭނެ. އަހަރެން އެއަށްވުރެ މާބޮޑަށް ސަރާދެކެ ލޯބިވޭ.] ނިމާލް ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އޭރު ސަރާގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.
އެދުވަސް ފާއިތުވެގެންދިޔައީ ނިމާލްގެ މައިންބަަފައިން މާލެއަށް އައުމުގެ އުފާވެރިކަންވެސް އެގެއަށް އައިސްގެނެވެ. ބައްޕައާއި ދޮންމަންމައަށް މަރްޙަބާ ކިޔުމަށްޓަކައި ނިޔާޒްވެސް ދިޔައެވެ.
[ކިހިނެއް ސަރާ؟] ސަރާޔާއެކު އެކަނިވުމުން އެއްސެވެ.
[ރަނގަޅު....ޢިމްރާންގެ ޙާލު ރަނގަޅުތަ؟] ވަށައިގެން ހޯދާލުމަށްފަހު ސަރާ އެއްސެވެ. އޭރު އެއަޑު އިވޭ ހިސާބުގައި ނިމާލް ހުއްޓެވެ.
[އާދައިގެ ގޮތެއް....ޢިމްރާން މީހަކާ އިންނަން އެބައުޅޭ.] ނިޔާޒް ޢިމްރާންގެ ކައިވެނީގެ ޚަބަރު ސަރާއަށް ދިނެވެ. އެޚަބަރާއެކު ސަރާއަށް ލިބުނީ ޝޮކެކެވެ.
[ކީ...ކޭ...ޢިމްރާން މީހަކާ އިންނަނީ...އޭ] ސަރާގެ އަޑު ތުރުތުރު އަޅަން ފެށިއެވެ. ނިޔާޒްގެ އެޖުމްލައަކީ ސަރާއަށް އަޑުއަހަން މާފަސޭހަ ޖުމްލައަކަށް ނުވިއެވެ. ސަރާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ޢިމްރާން އޭނާ ނޫން މީހަކާ އިނުމަކީ އޭނާއަށް ރުވެހޭނޭ ކަމެއް ނޫނެވެ. އޭނާ ދެކެނީ އަބަދުވެސް ޢިމްރާން ހުންނަންޖެހޭނީ އޭނާގެ އިންތިޒާރުގައެވެ. އޭނާ އުންމީދު ކުރެއެވެ. އަދިވެސް ކޮންމެވެސް ދުވަހަކުންް ޢިމްރާންގެ ޙަޔާތާ ގުޅޭނެއެވެ. އޭނާ ލޯބިވަނީ ޢިމްރާންދެކެއެވެ. ޢިމްރާނާ ވަކިން އުޅުމަށް ކުރެވޭ މަސައްކަތް އަދި އަދަށް ދާންދެންވެސް އޭނާއަށް ކާމިޔާބު ކުރެވޭގޮތެއް ނުވެއެވެ. މިހާރުގެ ފިރިމީހާ ނިމާލްދެކެ ލޯބިވެވޭތޯ އޭނާއަށް ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އޭނާގެ ހިތުން ނިމާލަށް މަގާމެއް ހުސްކުރެވޭ ގޮތެއް ނުވެއެވެ.
[ސަރާ...ހާދަ ހާސްވީ...އަދިވެސް ޢިމްރާނާ ދޭތެރޭ ވިސްނަނީތަ؟] ސަރާ ހުއްޓުންއަރާފައި ހުރުމުން ނިޔާޒް ސަރާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ސަރާއަށް ތެޅިގަނެވުނެވެ.
[ނޫން..ނޫން..ހާހެއްނުވޭ...އެވިސްނުންތަކާ ދުރަށް ދިޔުމަށް ވަރަށް އެބަ މަސައްކަތް ކުރަން. އަހަރެން އެހެން ދިރިއުޅުމެއް ފަށައިގެން އުޅުނަސް ޢިމްރާން އެހެން ކައިވެންޏެއް ކުރާކަށް ނުރުހެވޭނެ.] ސަރާއަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތުގައިވާ އެއްޗެއް ނިޔާޒަށް އަންގައިދެވުނެވެ. އޭރު ސަރާގެ ވާހަކަ އަޑުއަހަން ދުރުގައި ނިމާލް ހުއްޓެވެ. ސަރާގެ ވާހަކަތައް އަޑުއިވުމުން ނިމާލް ހުރީ ވަރަށް އަސަރުކޮށްފައެވެ.
[ސަރާ މިހާރުތީ އަހަރެންގެ ކޮއްކޮގެ ޙަލާލު އަނބިމީހާ. ބޭބެއެއްގެ ޙައިޘިއްޔަތުން އަހަރެން ވަރަށް ބޮޑަށް ނަޞޭޙަތްތެރިވަން. ޢިމްރާންގެ ހަނދާންތަކާ ދުރަށް ދިޔުމަށް. ސަރާ އަދިވެސް ޢިމްރާނާ ދޭތެރޭ ވިސްނާކަން އެނގިއްޖެއްޔާ ކޮއްކޮ ވަރަށް ދެރަވާނެ. މިހާރު ކޮއްކޮ ސަރާދެކެ ލޯބިވާ މިންވަރުވެސް ބޭބެއަށް އިޙްސާސް ކުރެވޭ. އެންމެ ވިސްނުންތެރި ގޮތަކީ ޢިމްރާނަށްވެސް އެހެން ދިރިއުޅުމެއް ފަށައިގެން އުޅުމުގެ ފުރްޞަތު ތަނަވަސްކޮށްދެވުނިއްޔާ....] ނިޔާޒް ސަރާއަށް ނަޞޭޙަތްތެރިވިއެވެ.
[އަހަރެން ހާދަ މަސައްކަތެއް އެބަކުރަމޭ. އެކަމަކު އެކަނިވާއިރަށް ޢިމްރާންގެ ހަނދާންތަކުން އަހަންނަށް އުނދަގޫވޭ. މިހާރު ނިމާލް މަންމައަށްވެސް އަހަރެންނަށް މިވާގޮތްތައް ޝައްކުވެގެން އެވާހަކަ ދައްކައިފި.] ސަރާ ބުންޏެވެ. ސަރާއަށް އެގޮތަށް ނަޞޭޙަތްތެރިވެ ވިސްނައިދިނީ ނިޔާޒް އެކަންޏެއް ނޫނެވެ. ސަރާގެ މަންމަ ނަޖްމާވެސް އޭނާ ގުޅާ ކޮންމެ ފަހަރަކުވެސް ސަރާއަށް ނަޞޭޙަތްތެރިވެއެވެ. އޭނާ އަބަދުވެސް ނަޞޭޙަތްތެރިވަމުން އަންނަނީ ނިމާލާއެކު ރަނގަޅު ދިރިއުޅުމަކަށް ވިސްނައިގެން ޢިމްރާންގެ ހަނދާންތަކުން މިންޖުވުމަށެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު