އަޅުގަނޑުމެން ދިވެހިންގެ އާދައަކީ ނުބީހެންޔާ ކަނޑާހަމައޭ ބުނާ އުސޫލުން ޞިއްހަތާއި ގުޅޭކަންކަމުގައިވެސް މާބޮޑަށްވެސް ފަރުވާ ކުޑަބައެކެވެ. މިފަދަ ޞިއްޙީ ކަންކަމަކީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ދިރިއުޅުމުގެ ކަންކަން ދުރާލާ ރާވައިލައިގެން ކުރިއަށްދާ މީހުންގެވެސް ސަމާލުކަން ނުދެވި، ފަރުވާ ކުޑަކޮށްފައިވާ ކަމެކެވެ.

އެހެންނަމަވެސް މިފަދަ ކަމެއްގައި ފަރުވާ ކުޑަކޮށްފިނަމަ ދެންވާނެ ގެއްލުން މާބޮޑުވާނެއެވެ. އެހެންކަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ޞިއްޙީ ކަންކަމުގައި އަޅުގަނޑުމެން ފަރުވާ ބަހައްޓަންވާނެއެވެ. މިގޮތުން ކެންސަރު ސްކްރީން ކުރުމާއި ޤަވައިދުން ޑޮކްޓަރަށް ދައްކައި ލެޔާއި ހަކުރު ހުރި މިންވަރު ބަލާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެމެރިކަން ކެންސަރ ސޮސައިޓީއިން ލަފާދޭގޮތުގައި އުރަމަތީގެ ކެންސަރު ހުރިތޯ ބެލުމަށް ހަދާ ކެންސަރު ސްކްރީނިން ކަމަށްވާ 'މެމޯގްރާމް' ހައްދަން އެންމެ ރަނގަޅީ އުމުރުން 45 އަހަރު ވުމުންނެވެ. އެހެންނަމަވެސް މިއުމުރަކީ ހުރިހާ އެންމެންނަށް އެންމެ އެކަށޭނަ އުމުރަށް ނުވެހިނގައިދާނެއެވެ. ބައެއް މީހުން އެއަށްވުރެ ކުރިން މެމޮގްރާމް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެއެވެ. އަނެއްބަޔަކަށް އެއުމުރުގައިވެސް މެމޯގްރާމްގެ ބޭނުމެއް ނެތްކަމަށް ޑޮކްޓަރުން ކަނޑައެޅުމަކީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް މަތީގައި ދެންނެވިފައިވާ އުމުރުން 45 އަހަރަކީ މިސްކްރީނިން ހެދުމަށް ސައިންސުވެރިންގެ ދިރާސާތަކުން ހޯދިފައިވާ އެންމެ އެކަށީގެންވާ އެވްރެޖު އުމުރެވެ.

ވަކި އުމުރަކުން ފަށައިގެން ކެންސަރަށް ސްކްރީން ކުރަން މުހިންމީ ކީއްވެ؟

ދިރާސާތަކުން ދައްކާގޮތުގައި ކެންސަރު ބަލި އަވަހަށް ދެނެގަތުމަށް މިފަދައިން ޤަވައިދުން ހެއްދޭ މެމޮގްރާމްގެ މުހިންމުކަން ބޮޑެވެ. އަދި އުރަމަތީގެ ކެންސަރު ބަލީގެ ކުރީކޮޅުގައި ހޯދައިގަނެވިއްޖެނަމަ ބަލިން ފަސޭހަވުމުގެ ފުރުޞަތު 99 އިންސައްތައަށް އިތުރުވެއެވެ.

އެހެންކަމުން ބަލި ނެތޭ ބުނެ ނުވަތަ ބަލީގެ އަލާމަތްތައް ފެންނަންނެތުމުން ސްކްރީންކުރުމަކީ މުހިންމު ނޫންކަމެއްކަމުގައި ދެކޭދެކުން ދޫކޮށް، ޤަވައިދުން ކެންސަރަށް ސްކްރީން ކުރުމަށް ސަމާލުކަންދޭށެވެ.

އާއިލާގައި އުރަމަތީގެ ކެންސަރު ބަލީގެ މީހުން އުޅޭހެއްޔެވެ؟

އާއިލާ މީހުންގެ ތެރޭގައި އުރަމަތީގެ ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ނުވަތަ އެބަލީގައި އާއިލާއިން މީހަކު ނިޔާވެފައިވާ ނަމަ ތިބާއަށް އެބަލި ޖެހުމުގެ ރިސްކު ބޮޑެވެ. އެހެންކުން މިހާލަތުގައި ކެންސަރު ބައްޔަށް ސްކްރީން ކުރުމަށް ފަށައިގަންނަންޖެހޭ އުމުރަކީ 30 ނުވަތަ 35 ކަމަށްވެސް ބައެއް ތަޖުރިބާކާރުން ލަފާދެއެވެ.

ތިބާގެ އާއިލާގައި މިފަދަ ބައްޔެއް ތަހައްމަލު ކުރާމީހެއް ވާނަމަ ޑޮކްޓަރަށް ދައްކައި އެކަން ހިއްސާކުރަންވާނެއެވެ. އޭރުން ތިބާ މެމޮގްރާމް ހެދުމަށް އެންމެ ރަނގަޅު އުމުރަކީ ކޮބައިކަން އެފަރާތުން ބުނެދެއްވާނެއެވެ. އެހެންކަމުން އެންމެ މުހިންމީ ޤަވައިދުން ޑޮކްޓަރަށް ދެއްކުމާއި އަވަހަށް ބަލިދެނެގަތުމަށް ތިމާއަށް އެންމެ އެކަށީގެންވާ އުމުރުކަމަށް ޑޮކްޓަރުން ލަފާދެއްވާ އުމުރުގައި އަވަހަށް ބައްޔަށް ސްކްރީންކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން