ކޮލިޓީ ސްޕާމްއަކީ އޭގެ ސައިޒާއި ބައްޓަން ރަނގަޅުވެފައި ބާރު ސްޕީޑްގައި ދަތުރުކުރެވޭ ސްޕާމްއެވެ.
ކޮލިޓީ ސްޕާމްއަކީ އޭގެ ސައިޒާއި ބައްޓަން ރަނގަޅުވެފައި ބާރު ސްޕީޑްގައި ދަތުރުކުރެވޭ ސްޕާމްއެވެ.
ސްޕަރމެޓޮޖެނެސިސް އަކީ ޓެސްޓިކަލްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ސްޕަރމް ނުވަތަ ދަރިފަނި ސެލްތައް މެދުނުކެނޑި އުފައްދޭދިނުމަށް ކިޔާ ސައިންޓިފިކްނަމެވެ. މިއީ ދަރިން ލިބޭތޯ ޓެސްޓުކުރުމުގައި ދަރިފަނި އުފެދޭ މިންވަރު ދެނެގަތުމުގައި ބަލާ މިންގަނޑެވެ. ދަރިފަނި އުފެދޭ މިންވަރު މަދުވުމާއި އުފެދޭ ސްޕާމްގެ ކޮލިޓީ ދަށްވުމުން ފިރިހެނުންގެ މެދުގައި 'އިންފާޓިލިޓީ' ނުވަތަ ދަރިން ނުލިބުމުގެ މައްސަލަ ދިމާވާން މެދުވެރިވެއެވެ.

ނަމަވެސް މީދާތަކެއް ބޭނުންކޮށްގެން ކުރި ތަޙްލީލުތަކުން، ފިރިހެނުންނަށް ދަރިން ނުލިބުމަށް މެދުވެރިވާ ޕްރޮޓީނެއް ދާދިފަހުންވަނީ ޖަރުމަނުގެ ސައިންސްވެރިންނަށް ދެނެގަނެވިފައެވެ. އެގޮތުން މިދެންނެވުނު ޕްރޮޓީން މަދުވުމުން ދަރިނުލިބޭކަން މީދަލާއެކު ކުރި މިތަހްލީލުން ސައިންސްވެރީންވަނީ ޔަޤީންކޮށްފައެވެ.

މެޗޫއަރ ސްޕަރމަޓޯޒޯއާ ނުވަތަ ދަރިފަނީގެ ތެރެއިން ދަރިމައިވުމަށް ފުރާފުރިހަމަވެފައިވާ ދަރިފަނީގައި ހިމެނެނީ ބޮލަކާއި އޭގެތެރޭގައި ހުންނަ ޖެނެޓިކް މެޓީރިއަލްއާއި އަދި ލޮކޮމޯޝަންއަށް ނުވަތަ ދަތުރުކުރުމަށް ބޭނުންވާ ހިމަ ދިގު ނިގުލެކެވެ.

ފިރިހެނުންގެ ދަރިފަނި ސެލްތައް އަބަދުވެސް ގިނަ އަދަދަކަށް އުފައްދައިދެނީ ސްޕަރމެޓޮޖެނެސިސް ކިޔާ މަރުހަލާގެ ތެރޭގައެވެ. މިމަރުހަލާގައި ޓެސްޓިކަލްގެ ތެރޭގައި ވަށްކޮށް ހުންނަ 'ޖާމް' ސެލްތަތަކުން ސްޕާމް ސެލްތައް އުފެދި އޭގައި ހުންނަންޖެހޭ ސިފައާއި ބައްޓަމަށް މިދެންނެވި ޖާމް ސެލްތައް ބަދަލުވެގެންދަނީއެވެ. މިމަރުހަލާގައި ޖާމްސެލްތައް ސްޕާމްއަށް ބަދަލުކުރުމުގައި ސްޕެޝަލައިޒްޑް ސްޓްރަކްޗަރަލް ޕްރޮޓީންތައް ހުންނަ ގޮތް މުޅިން ބަދަލުވެ އޭގެ ސްޓްރަކްޗާއަށް ސްޕާމް ސެލްގެ ސްޓްރަކްޗަރ ހުންނަ ގޮތަށް އެތުރި ރޭވެންޖެހެއެވެ.

ޖަރުމަނުގެ ޔުނިވާސިޓީ ހޮސްޕިޓަލް ބޮން (ޔޫކޭބީ) ގެ ޓީމުން ބުނާގޮތުގައި ސްޓްރަކްޗަރަލް ޕްރޮޓީން އޭސީޓީއެލް7ބީ މަދުވުމުން ފިރިހެން މީދާތަކުގައި ސްޕަމެޓޮޖެނެސިސްގެ މަރުހަލާފުރިހަމަވުމަށް ދަތިވެއެވެ. މީގެ ސަބަބުން ސެލްތަކުގެ ސިފަ ތައް އިތުރަށް ބަދަލު ނުކުރެވި، އެސެލްތައް ހުންނަނީ ސްޕާމްގެ ސިފަޖެހުމުގެ ބަދަލުގައި ވަށްކޮށް، ދަތުރުކުރަން ދަތިވާ ގޮތަކަށް އުފެދިފައެވެ. އަދި މިގޮތަށް ފާހަގަކުރެވިފައިވާ މިދިރާސާގައި ތަހުލީލު ކުރެވުނު މީދާތަކަކީ ދަރިން ނުލިބޭ މީދާތަކެއްކަންވެސް ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ. މިދިރާސާގެ ރިޕޯޓުވަނީ ވަނީ ޑިވެލޮޕްމަންޓް ނަމަކަށް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައެވެ.

ޔޫކޭބީގެ އިންސްޓިޓިއުޓް އޮފް ޕެތޮލޮޖީގެ ޕްރޮފެސަރު ހުބާޓް ޝޯލް ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި މީދާތަކަށާއި އިންސާނުންގެތެރެއިން ފިރިހެން ޖިންސަށް ދަރިން ލިބުމަށް ބޭނުންވާ ސްޕާމް އުފެއްދުމުގެ މަރުހަލާގައި އުފައްދާ ޕްރޮޓީންއަކަށް ވާތީ، މި މަރުހަލާ ފުރިހަމަ ކުރުމަށް ޕްރޮޓީން މުހިއްމު ކަމަށް ނިންމިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ސްޕަރމިއޮޖެނެސިސްގައި ސްޓްރަކްޗަރަލް ޕްރޮޓީން އަދާކުރާ ދައުރަކީ ކޮބައިކަން ދެނެގަތުމަށް ޕްރޮފެސަރ ޝޯރލްގެ ޓީމުން ވަނީ ޖީން އެޑިޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކްޓްލް7ބީ ޖީންގައި މިއުޓޭޝަނެއް އެކުލެވޭ މައުސް މޮޑެލްއެއް އުފައްދައިފައެވެ. އެއީ މިދެންނެވި މުހިއްމު ބާވަތުގެ ޕްރޮޓީން ނެތުމުން ދިމާވާ ގޮތްތައް ދެނެގަތުމަށް ހެދި މިއުޓޭޝަންއެކެވެ. މިގޮތުން މި މިއުޓޭޝަންގެ އެހީގައި މީދަލުންވަނީ އެކްޓްލް7ބީ ބްލޮކްކޮށްފައެވެ.

"އޭސީޓީއެލް7ބީ އާ ނުލައި، ޑިވެލޮޕްމަންޓް ބްލޮކްވެ، ސެލްތައް ގިނަ ފަހަރަށް ހުންނަނީ ރައުންޑް ޝޭޕެއްގައި ނުވަތަ ވަށްކޮށް. އާންމުގޮތެއްގައި ދިގުކޮށް ހުންނަންޖެހޭ މިސެލްގެ ޝޭޕްނެތި ސްޕާމް އުފެދިފައިވުމުން ގިނަ އަދަދަކަށް ސްޕާމް މަރުވޭ" ޕްރޮފެސަރު ޝޯލްގެ ލެބޯޓްރީގައި ޑޮކްޓަރުކަން ކުރައްވާފައިވާ، ލިޔުންތެރިޔާ ޖީނާ އެސްޓާ މާޖެސް ވިދާޅުވި އެވެ. މިގޮތުން ބޮން ސައިންސްވެރިންނަށް އިތުރަށް ހޯދިފައިވާ ގޮތުގައި ސްޕާމެޓިޑްގެ ސައިޓޮސްކެލިޓަން (ހުންނަންޖެހޭ ބައްޓަމަށް އެތުރުމަށް) އަލުން ތަރުތީބުކުރުމަށް އޭސީޓީއެލް7ބީ ބޭނުންވެއެވެ.

އެހެންކަމުން މަންމަލި ޖަނަވާރުތައް ދަރިމައިނުވުމަށް މެދުވެރިކުރުވާ 'މޭލް އިންފަޓިލިޓީ' ނުވަތަ ފިރިހެނުންނަށް ދަރިން ނުލިބުމުގެ މައްސަލައަށް މެދުވެރިވާ އެއް ސަބަބު ކަމުގައި މިކަން ކަނޑައެޅިދާނެކަމަށް މިދިރާސާއިން ދައްކައެވެ. އަދި މިދިރާސާއާއިގުޅިގެން ތަހުލީލުކުރެވިފައިވާ ދަރިން ނުލިބޭ ފިރިހެނުންގެ ހަށިގަނޑުގައި ޕްރޮޓީން އޭސީޓީއެލް7ބީގެ މިންވަރު ދަށްވާ ކަމުގެ ހެކި ލިބެން ހުރިކަމަށްވެސް ޖީނާ ބުނެއެވެ.

މިކަހަލަ ދިރާސާތަކަކީ މިމައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ މުހިންމު ކަންކަން ދެނެގަނެވޭ ދިރާސާތަކެވެ. އަދި ބޭސްވެރިކަމުގެ ދާއިރާއަށާއި މިފަދަ މައްސަލަތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މިފަދަ ދިރާސާތަކުން އުންމީދުތައް އާވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން