މޯލްޑިވްސް އިސްލާމިކް ބޭންކުގެ ތިން ވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 53.14 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

އިސްލާމިކް ބޭންކުގެ ތިންވަނަ ކުއަޓަރ ރިޕޯޓުގައި މި ކުއަރޓަރ އަކީ ބޭންކުގެ ޕާފޯމަންސް ބޮޑުތަނުން ކުރިއަރައި، އެތައް އާ އަދި ތަފާތު ޑިޖިޓަލް އިނޮވޭޝަންތަކެއް މާކެޓް ކުރުމުގެ ސަބަބުން ލިބުނު ސާފު ފައިދާ އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓްސް 7.83 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12.12 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއީ ކުރީ އަހަރުގެ ތިންވަނަ ކުއާޓަރާއި އަޅާބަލާއިރު އެސެޓްސްގެ 38.62 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭންކުގެ ފައިނޭންސިން ޕޯޓްފޯލިއޯގެ ކުރިއެރުމަށް ބަލާއިރު، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ފައިނޭންސިން އެކްޓިވިޓީސް އިން ނެޓް ރިސީވޭބަލްސްގެ ގޮތުގައި 3.26 ބިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާއިރު، މިދިޔަ ކުއާޓަރ ނިމުނުއިރު 3.78 ބިލިއަން ދިވެހިރުފިޔާއަށް ވުރެ ގިނައިން ރެކޯޑްކުރެވިފައިވެއެވެ.

އިސްލާމިކް ބޭންކުގެ ތިންވަނަ ކުއަޓަރ ރިޕޯޓުގައި، އެ ކުއާޓަރުގައި ކަސްޓަމަރ ޑިޕޮސިޓް 13.23 އިންސައްތަ އިތުރުވެފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ބޭންކަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 110.24 މިލިއަން ދިވެހި ރުފިޔާއަށް އަރާފައިވާއިރު، މި ކުއާޓަރު ނިމުނުއިރު މިއަދަދު ވަނީ 123.55 މިލިއަން ދިވެހި ރުފިޔާއަށް އަރާފައެވެ. މިއީ 12.07 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މި މުއްދަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 84.11 މިލިއަން ދިވެހިރުފިޔާ ލިބިފައިވެއެވެ. މިއާއެކު އަހަރު ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 46.8 އިންސައްތަ އަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ދައްކައެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކާމިޔާބު މި އަދަދު ތަކަކާއިއެކު މިއަހަރުގެ ތިންވަނަ ކުއާޓަރގެ ސާފު ފައިދާ 53.14 މިލިއަން ދިވެހި ރުފިޔާއަށް އަރާފައިވެއެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރގައި 40.20 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު މިއީ މި އަހަރުގެ ތެރޭގައި އެއް ކުއާޓަރެއްގައި ބޭންކަށް ލިބުނު އެންމެ ބޮޑު ސާފު ފައިދާ އެވެ. އަދި މިއީ 2022 ވަނަ އަހަރުގެ ތިންވަނަ ކުއަޓަރއާއި އަޅާކިޔާއިރު 44.14 އިންސައްތަ އިތުރުވުމެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން ހާމަކޮށްފައިވާގޮތުން، 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ބޭންކުން ހާސިލްކުރި ނަތީޖާތައް ސީދާ ގުޅިފައިވަނީ ބޭންކުގެ އާ އަދި ތަފާތު ޑިޖިޓަލް އިނޮވޭޝަންތަކަށް ކުރި އިންވެސްޓްމަންޓްތަކާއި ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްފައިވާ މަސައްކަތާއެވެ. އެގޮތުން ކުއާޓަރ ނިމުނުއިރު، އާ އުސްމިންތަކަކަށް ވާސިލްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކާކަމަށާއި، ބޭންކުގެ ވިޔަފާރިއާއި، ބަޖެޓާ އަޅާބަލާއިރު ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން