ޞާދިރު ޢަލީދީދީ   21 ޖުލައި 2020 - 14:25
ސަރާ
ސަރާ
އެޕިސޯޑް 32

...............

ޢިމްރާންމެން ގެއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ޝިފްޒާ ހުއްޓެވެ. އޭނާ ހީކުރީ ޢިމްރާންމެން އަންނާނީ ދަރިފުޅު ގޮވައިގެން ކަމަށެވެ. އެހެންވެ އޭނާހުރީ ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައެވެ.

[ކޮބާ ދަރިފުޅު؟] ޢިމްރާންމެން އައިސް ވަނީމާ ޝިފްޒާ އެއްސެވެ.

[ދަރިފުޅު މާދަމާ ގެންނާނީ...ހެނދުނު ގެނެސްފައި ހަވީރު އެގެއަށް ގެންދަން ޖެހޭނެ. ޝިފްޒާއަށް އެނގޭނެތަ ކާންދޭން.] ޝިފްޒާގެ ގާތުގައި އިށީންނަމުން ޢިމްރާން ވާހަކަ ދެއްކިއެވެ.

[ކީއްވެ ނޭނގެންވީ؟ ސަރާއަށްވުރެން މާރަނގަޅަށް އަހަރެން އެކުއްޖާ ބަލާފާނަން. އޭނައަށް ކޯއްޗެއްތަ އެނގޭނީ. އެމީހުންގެ ހުންނާނީ ރާއްޖެތެރޭ ގޮތްގަނޑު.] ޝިފްޒާ މޭފުއްޕާލިއެވެ.

[ރާއްޖެތެރޭ ގޮތްގަނޑޭ. ތިބުނި ގޮތްގަނޑަކީ ކޮބައިތަ؟] ޝިފްޒާ ރާއްޖެތެރޭ ގޮތްގަނޑޭ ބުނީމާ ހިތްހަމަނުޖެހިފައި ޢިމްރާން އެއްސެވެ.

[މިބުނީ ތަހުޒީބު ގޮތްތައް ނުހުންނާނެ ވާހަކަ.] އެއީ ރާއްޖެތެރެ ޝިފްޒާ މާނަކުރާގޮތްކަންނޭނގެއެވެ. އެގޮތަށް މާލެ އުފަން ވަރަށްގިނަ މީހުން މާނަކުރެއެވެ.

[ތަހުޒީބޭ! މާލެ ތަރައްޤީކޮށް ތަހުޒީބު ކުރަނީ ކޮންބައެއްތަ؟ ޝިފްޒާވެސް ތިވަރަށް ބޮޑާވާކަށް ނުވާނެ. ތިގޮތަށް ބޮޑާވުމަކީ ވަރަށް ހުތުރު، އަހަރެން ވަރަށް ނުރުހޭ ސިފައެއް. ތިގޮތަށް ބޮޑާވާ މީހުންނަކީ ތަޞައްރުފް ނުފުދޭ މީހުންގެ ގޮތުގައި އަހަރެން ދެކެނީ. އޭގެ މީހެއް ޝިފްޒާއަކީވެސް. ޝިފްޒާމެން ތަރައްޤީ މާނަކުރާގޮތްވެސް އަހަންނަށް އެނގޭ. ޝިފްޒާމެން މާނަކުރާ ތަހުޒީބާއި ތަރައްޤީއަކީ އޮރިޔާން ހާމަ ހެދުން ލައިގެން އުޅުން. ރާއްޖޭގެ ގިނަ ރަށްތަކުން އަހަރެމެންނަށް ފެންނަނީ ހާދަ ނިވާކަންބޮޑު ތަހުޒީބީ ހެދުން އަޅައިގެން ތިބޭކުދިންނޭ. އަހަރެން ދެކެން ބޭނުންވާ ތަރައްޤީއަކީ އެއީ. ޝިފްޒާވެސް ބުރުގާ އަޅަން އަހަންނަށް ފެންނަނީ...] ޢިމްރާން ބުންޏެވެ.

[ސަރާއަށް ދެރަބަހެއް ބުނެވުނީތީ ވަރަށް ރުޅި އަތުވެއްޖެދޯ. އަހަރެން ބުރުގާ އަޅަން އަދި ތަންކޮޅެއް އަވަހެއްނު. ސާޅީސް އަހަރުވީމާ ބުރުގާ އެޅިއްޔާ ކިހިނެއްވާނެ. ބުރުގާ އެޅީމާ މުސްކުޅިވީނު.] ޢިމްރާން ބުރުގާ އަޅާށޭ ބުނީމާ ޝިފްޒާ ވަރަށް ދެރަވެއްޖެއެވެ.

[ސާބަސް ޝިފްޒާ...ބަލަ ބުރުގާއަކީ ވަކިވަގުތަކު އަޅަންވީ އެއްޗެއް ނޫނޭ. ބުރުގާއަކީ އަންހެނަކު ބޮޑުވެ ތަޞައްރަފް ފުދުމާއެކު އަޅަން ވާޖިބު އެއްޗެއްކަން ޤުރްއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ އިޖުމާއުން ސާބިތުވޭ. ތިދައްކަނީ މުސްކުޅިވީމާ ނުރަތައް ފޮރުވަން ބުރުގާ އަޅާ ވާހަކަ. އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނަން ބޭނުމިއްޔާ ޝިފްޒާ ޖެހޭނެ އަހަރެން ބުނާގޮތް ހަދަން.] ޢިމްރާން މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެދުވަހު ޝިފްޒާއަށް މަޖުބޫރުވީ ހިތާ ދެކޮޅަށް ބުރުގާ އަޅަން އެއްބަސްވާށެވެ.

ޝިފްޒާމެންގެ ވިސްނުން އެގޮތަށް ހުރުމުގެ ސަބަބެއް ކަމަށް ބެލެވެނީ އިހުޒަމާނުވެސް ރާއްޖޭގެ އެއާދަކާދަ އޮންނަ ގޮތުގެ ސަބަބުން ކަމަށް ބެލެވެއެވެ. އެދުވަސްވަރު ގިނަ މީހުންެވެސް ބުރުގާ އަޅަމުން އައިސްފައިވަނީ ބޮލުގައި ނުރަޖެހީމާ ނުރަ ފޮރުވާށެވެ. މިހެން ދަންނަވަން ޖެހެނީ ކަނޑައެޅިގެން ވަކިޢުމުރަކަށް ދިޔައިމާ ބުރުގާ އަޅަން މަޑުކުރާތީއެވެ. ޝިފްޒާވެސް ބޭނުންވަނީ ނުރަ ފޮރުވަން ބުރުގާ އަޅާށެވެ. ބުރުގާ އެޅުމަކީ ބާލިޣުވެއްޖެ ކޮންމެ މުސްލިމް އަންހެނެއްގެ މައްޗަށް މާތްﷲ ވާޖިބު ކުރައްވާފައިވާ ކަމެއްކަން ޝިފްޒާމެންފަދަ މީހުންނަށް ނޭނގެނީކަންނޭނގެއެވެ.

އެރޭ ގެއަށްވަދެ ނިމާލް ސަރާގާތު އެއްވެސް ސުވާލެއް ނުކުރެއެވެ. އަމުދުން ޢިމްރާންމެން އެގެއަށް އައިކަން އޭނައަށް އެނގުނު ކަމެއްވެސް ނާންގައެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ސަރާއަކީ ކިހާ ތެދުވެރި މީހެއްތޯ ދެނެގަންނާށެވެ. އޭނާ ގަބޫލު ކުރެއެވެ. ސަރާއަކީ ތެދުވެރި ރަނގަޅު އަންބެއް ކަމަށްވާނަމަ އޭނާ ޢިމްރާންމެން އެގެއަށް އައި ވާހަކަ ކިޔާދޭނެއެވެ.

އެރޭ ނިދަން އޮށޯތުމާ ހަމައަށްވެސް އޭނާ އިންތިޒާރު ކުރަމުން އައީ ސަރާ އެވާހަކަ އޭނާގާތު ދައްކާނޭ ވަގުތަކަށެވެ.

[ނިމާލް ހާދަ ފިކުރުބޮޑުވެފައި...މިރޭ ޢިމްރާންމެން އައި.] ސަރާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. އޭރު ނިމާލްއޮތީ އެނދުގެ މަގަތަށް އެނބުރިގެންނެވެ.

[ކީކޭ ބުނީ!] ނިމާލް ސަރާ އޮތް ފަރާތަށް އެނބުރުނެވެ.

[ދުވާލުގެ ވަގުތުކޮޅަކަށް މާލް ގެންދަން ބޭނުމޯ. ނިމާލް ކޮބައިހޭވެސް އެހި. ޢިމްރާންގެ މަންމަ މަޢާފަށްވެސް އެދުނު. މަންމައަށް ކުރެވިފައިވާ ކަންތައްތަކާމެދު ދެރަވެ މަޢާފަށް އެދުނު.] ސަރާ ނިމާލާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު ނިމާލްގެ ދެލޯވަނީ ފެންކަޅިވެފައެވެ.

[ކިހިނެއްވީ ނިމާލް....ޢިމްރާން މިގެއަށް އައީމާ ނިމާލް ހިތްހަމަނުޖެހުނީތަ؟ އަހަންނާ ދޭތެރޭ ނުބައި ގޮތަކަށް ނުވިސްނައްޗޭ....] ސަރާ ނިމާލްގެ ލޮލުގައި ހުރި ކަރުނައިގެ ތެތްކަން ފޮހެލިއެވެ.

[އޭނަ ދެކެ ސަރާ ލޯބިވާ މިންވަރު އަހަންނަށް އިޙްސާސް ކުރެވެނީ. އަހަރެން ގާތު އަހަރެންގެ ޟަމީރު އެބަބުނޭ ސަރާގެ ހިތުން އަހަންނަށް ޖާގައެއް ނުލިބެއޭ. ނުވެސް ލިބޭނޭ. ސަރާ އެކަމަކު އަހަރެން ސަރާދެކެ ހާދަ ލޯބިވެޔޭ. އަހަންނަށްވެސް ސަރާޔާ ވަކިން އުޅެން ވަރަށް އުނދަގޫވާނެ.] ނިމާލްގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

[ތިހެން ނުބުނޭ ނިމާލް...އަހަންނަށް ނިމާލްދެކެ ލޯބިވެވޭނެ. ލޯބިވެވޭނެ. އަހަރެން މަސައްކަތް ކުރާނަން....ނިމާލް ނުރޮއި...] ސަރާއަށްވެސް ރޮވިއްޖެއެވެ. އެވަގުތު ބޭއިޚްތިޔާރުގައި ނިމާލަށް ސަރާގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. ކައިވެންޏަށް ތިންމަސް ފުރިގެން ދިޔައިރުވެސް ނިމާލް ސަރާއާ އެވަރަށް ކައިރިއެއް ނުވެއެވެ. އަނބިފިރިކަމުގެ އެއްވެސް ގުޅުމެއް އެދެމަފިރިންގެ ދެމެދުގައި ނުހިނގައެވެ. އެއީ ކައިވެނީގެ ކުރިން ނިމާލް އެއްބަސްވެފައިވާ ގޮތެވެ. ނިމާލް ބުނެފައިވަނީ އޭނާ ސަރާއާ އެގުޅުން ބާއްވާނީ ސަރާގެ ހިތުން އޭނާއަށް ޖާގައެއް ލިބުނު ދުވަހަކުން ކަމަށެވެ. އެއީވެސް ސަރާދެކެ އޭނާ ލޯބިވާތީ ނިންމި ގޮތެކެވެ. ނަމަވެސް މިރޭ އެވަޢުދު އޭނާ ހަނދާން ނެތިއްޖެއެވެ. ސަރާވެސް އެކަމާ މާބޮޑަށް ވިސްނިހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެރޭ ފަހުން ނިމާލް މަޢާފަށް އެދުނެވެ.

[ވަޢުދާ ޚިލާފު ވެވުނީ. މަޢާފް ކުރޭ...ސޮރީ....] ނިމާލް އެނބުރެމުންދާ ސީލިންގ ފަންކާއަށް ނަޒަރު ހުއްޓައިގެން އޮވެ ވާހަކަ ދެއްކިއެވެ.

[ނިމާލް...މަޢާފަށް އެދެންޖެހޭވަރު ކަމެއް ވެއްޖެތަ؟ ކީއްވެތަ އަހަރެންގެ ލޯބި ހޯދަން މަސައްކަތް ކުރާއިރު އަހަރެން ދުރުކުރަނީ....] ސަރާ އޮތީ އެނދުގެ އަނެއްފަރާތަށް އެނބުރިގެންނެވެ.

[އަހަންނަށް އެނގޭ ސަރާގެ ހިތުން އަހަންނަށްޓަކައި ޖާގައެއް ހުސްނުވާކަން.] ނިމާލް ބުންޏެވެ.

[ނިމާލް...އަހަންނަކީ ނިމާލްގެ އަނބިމީހާކަން އަހަންނަށް އެނގެޔޭ....އަހަރެން ނިމާލްގެ އެއްވެސް ކަމަކަށް ހުރަހެއް ނާޅާނަން...] މިހެން ބުނެވުނުއިރު ސަރާގެ ލޮލުން ކަރުނަ ފައިބަނީއެވެ.

ޖެހިގެން އައި ދުވަހު ޢިމްރާން ދަރިފުޅު ބަލާ ސަރާގެ ގާތަށް ދިޔައެވެ. ދަރިފުޅު ކުޑަވަގުތުކޮޅަކަށްވެސް އޭނާޔާ ވަކިކުރަން ބޭނުންނުވި ކަމުގައިވިޔަސް، ޢިމްރާން ގާތު އެއްބަސްވެވިފައިވާތީ ސަރާ ދަރިފުޅު ޢިމްރާންގެ އަތަށްދިނެވެ. އޭގެކުރިން ދަރިފުޅަށް ބުއްފުޅިއާއި ކާންދޭންޖެހޭ ގޮތް ކަރުދާސްގަނޑެއްގައި ލިޔެފައި ޢިމްރާނާ ޙަވާލުކުރިއެވެ.

ޢިމްރާން އައިއިރު ނިމާލްވެސް ގޭގައި ހުރުމާއެކު، އިމްރާނަށް އެއްވެސް ވާހަކައެއް ސަރާޔާ ދެއްކޭވަރެއް ނުވިއެވެ. އޭނާ ކިތަންމެ ވާހަކަ ދައްކަން ބޭނުންވި ކަމުގައިވިޔަސް، ނިމާލް ހުރުމާއެކު ނިމާލަށް ގޮވާލުމަށްފަހު ދަރިފުޅާ ލޯބިކުރަމުން އޭނާ އެގެއިން ނުކުތީއެވެ. ޢިމްރާން ދަރިފުޅާއެކު ގެއަށް ވަންއިރު ޝިފްޒާ ހުއްޓެވެ. އޭނާ ހުރީ ސަރާ އެހާ ތުއްތު ކުއްޖަކު ނުދޭނެ ކަމަށް ނިންމައިގެނެވެ.

[ޢިމްރާނަށް ސާބަސް. ތިހާ ތުއްތު ކުއްޖަކު މައިމީހާއާ ވަކިކުރާކަށް ނުވާނެ. ސަރާ މުސްކުޅިވެދާނެތީ ގާތުން ނުވެސްދޭދޯ. އަހަރެން ހިއެއްނުކުރަން އޭނަވެސް މިފުށްގަނޑު ދޫކޮށްލާނޭ ކަމަށް...] ޝިފްޒާ ޢިމްރާންގެ ލޮލުގައި އަނދުން އެޅުމުގެ މަޤްޞަދުގައި ނިކަން އަވަހަށް ކުޑަކުޑަ މާލް އުރާލިއެވެ.

[މިއޮތީ ދަރިފުޅަށް ކާންދޭންޖެހޭ ގޮތް ލިޔެފައި. ދަރިފުޅު ނުރޮއްވާތި. ދެންމެ އޮފީހުން އަހަންނަށް ގުޅައިފި. އޮފީހަށް ވަދެލާފަ އެބަ އަންނަން.] ޢިމްރާން ނިކުތެވެ. އޭރު ފަހީމާވެސް ނޫޅެއެވެ. ފަހީމާއާއި ރަފީޤުވީ ކޮންމެވެސް ރައްޓެއްސެއްގެ ގެއަށް ގޮހެވެ.

ޝިފްޒާ ދަރިފުޅު އުރާލައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެ އޭނާ ޢިމްރާން ދިން ކަރުދާސްގަނޑަށް ބަލާލިއެވެ. އެއަށްފަހު ބަލައިލީ އަތުކުރީގައި އޮތް ގަޑިއަށެވެ. ކުއްޖާ ނިންދަވަންޖެހޭ ކަމަށް ބުނެފައިވާ ގަޑި ޖެހުނީއެވެ.

ދެން އޭނާ ކުއްޖާ ނިންދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނިދާނޭ ހިތަށްވެސް ނޭރިކަންނޭނގެއެވެ.

[މިކަމެއް ނުވާނެ އަހަންނަކަށް. އެކީއެކައްޗަކަށްކަންނޭނގެ ނިންދަވަންޖެހޭނީ....] ނާނާ ކިޔަމުން ޝިފްޒާ ކުދިކިޔާލިއެވެ. އެންމެފަހުން އޭނާ ކުރި މަސައްކަތުން ނުނިދީމާ އެނދުގައި ބާއްވާލުމަށްފަހު އޭނާ ދިޔައީ ޓީ.ވީ ބަލަން ޓީ.ވީ ރޫމަށެވެ. ދޮޅުގަޑިއެއްހާއިރު ވީއިރުވެސް ދަރިފުޅު މަތިން އޭނާ ހަނދާނެއް ނުވިއެވެ. ފިސާރި ފޯރިޔާއެކު ހިންދީ ޑްރާމާ ސިލްސިލާތަކުގެ ތެރެއަށް ގެއްލިފައި އޭނާ އިނީއެވެ. ކުއްޖާ ބަނޑުހައިވެގެން ރޯއަޑު އިވުނީ އެގެއަށް އައިސް ވަން ސަރާގެ ބައްޕަ ވަޖުދީއަށެވެ. ކުޑަކުއްޖަކު މާގަދައަށް ރޯއަޑު އިވުމުން އޭނާ ނިކަން ބާރަށްގޮސް އެކޮޓަރިއަށް ވަނެވެ. ރޮއިރޮއި އޮތީ އޭނާގެ ކާފަ ދަރިފުޅެވެ. އޭނާ ވަގުތުން ދަރިފުޅު އުރާލާ މަސަލަސް ކުރެވޭތޯ މަސައްކަތް ކުރަމުން ޓީ.ވީ ބަލާ ކޮޓަރިއަށް ދިޔައެވެ.

[ޝިފްޒާ...މިސޮރާ ޙަވާލުވެގެން ތިއުޅެނީ ޝިފްޒާތަ؟ ޝިފްޒާ ރަނގަޅު...ޢިމްރާން ގާތު ބުނޭ ޝިފްޒާއަށް ނުބެލުނީމާ ދަރިފުޅުގެ ކާފަ ދަރިފުޅު ގެންގޮސްފިޔޭ....] އޭރުވެސް ދަރިފުޅު ރުއިން ހުއްޓައެއްނުލައެވެ. ވަޖުދީ ދަރިފުޅު ގެންގޮސް ސަރާގެ އަތަށް ދިނުމަށްފަހު ދަރިފުޅު ގެނައި ސަބަބާއި، ދެން ދަރިފުޅު އެގެއަށް ނުފޮނުވުމަށް ސަރާ ގާތު ބުންޏެވެ.

[އެގޭގައި ހުރީ ހިލޭ އަންހެނެއް. އޭނަ އަޅާނުލާނެކަން ސަރާއަށްވެސް ވިސްނެންވާނެއެއްނު. މިސޮރު ކޮޓަރިއަށްލާފައި ގޮސް އޭނާ އިނީ ހަމަޖެހިލައިގެން ޓީ.ވީ ބަލަން. އެކަހަލަ މީހުނާ ކުދިން ޙަވާލުކުރަން ހެޔޮނުވާނެ.] ވަޖުދީ ބުންޏެވެ.

[ބައްޕަ ޢިމްރާންވެސް ގޭގަ ނޫޅެނީތަ؟] ސަރާ ދަރިފުޅު އުރާލިއެވެ. އެއާއެކު ދަރިފުޅު ހުއްޓާލިއެވެ.

[ޢިމްރާންވީ އޮފީސް ބައްދަލުވުމަކަށް ގޮސް. ބައްޕަވެސް ދާންޖެހޭ ބައްދަލުވުމެއް އެއީ. ކުރިން ބައްޕަގެ ބަދަލުގައި މުޅިންވެސް ދަނީ ދަރިފުޅުގެ ދައްތަ. މިއަދު ދާންހުރީ ދަރިފުޅު. ބައްޕަ ވަރަށް ބޮޑަށް އެދެން، މާލުއަށް އަހަރު ފުރުމަށްފަހު ދަރިފުޅު އޮފީހަށް ނުކުންނަން. ކުންފުނީގެ އެއް މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި މިހާރުވަނީ ދަރިފުޅުވެސް ހިމަނާފަ.] ވަޖުދީ ބުންޏެވެ.

[އެންމެ ރަނގަޅު...ޢިމްރާން މަންމަވެސް ގޭގައި ނޫޅެނީތަ؟] ސަރާ އެއްސެވެ.

[އާނ...ޝިފްޒާ އެކަނި އިނީ. މިސޮރު ރޮއިރޮއި ހަލާކުވިއިރުވެސް އޭނައަކަށް ރޭކާވެސްނުލި. ނޫނީ އަޑުއިވޭ ކަމަށްވެސް ނަހަދާ އޭނާ އިނީ ޓީ.ވީ ބަލަން.] ވަޖުދީ މިހެން ބުނެފައި ސޯފާގައި އިށީނެވެ.

[ބައްޕަ މިގެއިން ސައިބޮއިގެން ދާން މަޑުކުރައްޗޭ. އަހަރެން އަންނާނަން ސައި ހަދާފައި.] ސަރާ ދަރިފުޅު އުރާލައިގެން އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.

ވަޖުދީ ދަރިފުޅު ގެނައިމާ ޝިފްޒާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާ ޢިމްރާން ގާތު ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނަންވެސް ޖެހެއެވެ. ހަމަގައިމުވެސް އޭނާގެ ފަރުވާކުޑަކަމުގެ ސަބަބުން ވީކަމެއް ކަމަށް ޢިމްރާން ބުނުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. ޢިމްރާން ގެއަށް އައީ މެންދުރުން އަނބުރާ ދިޔަފަހުންނެވެ.

[ދަރިފުޅު ކޮބާ؟] ގެއަށް ވަންނަމުން ޢިމްރާން އެއްސެވެ.

[ދަރިފުޅު އަހަރެން ގެންދިޔައީ. ދަރިފުޅު ކޮޓަރީގައި ބާއްވާފައި ގޮސް ޝިފްޒާ އިނީ ޓީ.ވީ ބަލަން. އެސޮރު ރޮއިރޮއި ހަލާކުވިއިރުވެސް ޝިފްޒާއަށް ޚަބަރެއްނުވި.] ޢިމްރާނަށް ޖަވާބުދިނީ ބޭރުން އައިސް ވަން ވަޖުދީއެވެ.

[އެސޮރު ނިންދަވާފަ އަހަރެން ޓީ.ވީ ބަލަން އިނީ....] އިސްޖަހައިގެން ހުރެ ޝިފްޒާ ޖަވާބުދިނެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[ނިންދަވާފަ ބޭއްވިޔަސް ހޭލާތޯވެސް ބަލަންވާނެއެއްނު. ޝިފްޒާ ހަމަ ގަސްދުގައި އަޅާނުލާނީ....] ޢިމްރާން ވަރަށް ރުޅިއައިސްފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއަށްފަހު އޭނާ ސަރާއަށް ގުޅިއެވެ.

[ޢިމްރާން..މިދަރިފުޅު ގެންދިޔައީ އަހަރެންގެ އަތުގައި އަހަރެމެންގެ ލޯބީގެ ނިޝާނެއް އޮތަތީ، އެކުއްޖާވެސް ނައްތާލުމުގެ ގަޞްދުގައިދޯ. އެހެން ނޫންނަމަ ކީއްކުރަންތަ ހިލޭ އަންހެނެއްގެ އަތަށް ދަރިފުޅު ދޫކޮށްލާފަ ދާންވީ.] ސަރާ ފޯނު ނަގަމުން ބުންޏެވެ.

[ސޮރީ....ސަރާ...އެހެންވެ އަހަރެން އެންމެ ފުރަތަމަވެސް ބުނީ އަހަންނަށް މަޢާފްކޮށްފަ އަލުން އަހަރެންގެ ޙަޔާތަށް އަންނާށޭ. އެހެންނަމަ ދަރިފުޅަށް ބައްޕަގެ ލޯތްބާއި މަންމަގެ ލޯބިވެސް ލިބޭނެ. އަހަންނަށް އެނގޭ ސަރާ އަދިވެސް އަހަރެންދެކެ ލޯބިވާކަން. ކީއްވެތަ ސަރާ ނިމާލާ ގުޅުނީ.] ޢިމްރާން ބުންޏެވެ.

[ކިތަންމެ ވަރަކަށްވެސް ލޯބިވޭ. އެކަމަކު ނިމާލަކީ އަހަރެން އެންމެ ހާލުގައި ޖެހުނު ވަގުތު އެހީތެރިވި މީހާ. ނިމާލަކީ އޯގާތެރިއެއް. އަދި ނިމާލްދެކެ ލޯބިނުވިޔަސް، އަހަރެން ބޭނުންވޭ ނިމާލްދެކެ ލޯބިވާން.] ސަރާ މިވާހަކަ ދެއްކިއިރު ނިމާލް އައިސް ކޮޓަރިއަށް ވަންނަނީއެވެ. ވަގުތުން ސަރާ ފޯނު ކަނޑާލިއެވެ.

[ކާކު ގުޅީ؟] އެނގިހުރެ ނިމާލް އެއްސެވެ.

[ޢިމްރާން...ދަރިފުޅު ގެނައީމަ އެވާހަކަ ދެއްކީ...ހިނގާ ސައިބޯން.] ސަރާ ބުންޏެވެ.

[ރައްޓެއްސަކާއެކު ސައިބޮއިގެން މިއައީ...ސަރާ އަހަރެން އޮފީސް ދަތުރެއްގައި ޖަޕާނަށް ފުރަން ޖެހިއްޖެ. ފެށޭމަހުގެ ފަންސަވީހުގައި ފުރަންޖެހޭނެހެން ހީވަނީ....] ނިމާލް އެނދުގައި އޮށޯވެލިއެވެ.

[ކިހާ ދުވަހަކަށް؟ އަހަރެން ވަރަށް އެކަނިވާނެއެއްނު....] ސަރާ ބުންޏެވެ. ސަރާވެސް އެނދުގެ މަގަތުގައި އިށީނެވެ.

[ހީވަނީ މަހެއްހާ ދުވަސްވާނެހެން. މަންމައާއި ނަޝާ ކޮއްކޮ އުޅޭނެއްނު.] ނިމާލް ބުންޏެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ނިމާލް ފުރަން ޖެހިފައިވާ ދުވަސްވެސް ކައިރިވެއްޖެއެވެ. ފާއިތުވެދިޔަ ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ޢިމްރާން ސަރާއަށް ގުޅައެވެ. ދަރިފުޅުގެ ހާލު ބެލުމަށްޓަކައެވެ. އެއީ ނިމާލް ނުރުހޭ ކަމަކަށްވިޔަސް ޢިމްރާނާ ވާހަކަ ދެއްކުން ސަރާއަށް މަނާކުރާކަށް ނިމާލް ބޭނުމެއް ނޫނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދަރިފުޅުގެ މަންމައާއި ބައްޕަ ދަރިފުޅާ ބެހޭގޮތުން މަޝްވަރާކޮށް ހަދަން ޖެހޭނެއެވެ. މިހާރު ނިމާލް ފުރަން އޮތީ އެންމެ ދެތިން ދުވަހެވެ.

ނިމާލް ބުނާގޮތުން އޭނާ ޖަޕާނަށްގޮސް އުޅޭނީ އޭނާ ރައްޓެހި ޖަޕާނު ދެމަފިރިން ކައިރީގައެވެ. އެއީ އޭނާ ތަންކޮޅެއް ކުޑައިރު ރިސޯޓް ވަޒީފާ އަދާކުރި ދުވަސްވަރު ގުޅުނު ވަރަށް ރަނގަޅު ދެމަފިރިއެކެވެ. ތަންކޮޅެއް ކުރީގައި އެދެމަފިރިންނާއެކު ނިމާލް ޖަޕާނަށްގޮސް ތިންމަހެއްހާ ދުވަސް ވަންދެން އުޅެފައިވެއެވެ. އެދުވަސްވަރު އޭނާ ޖަޕާނުން އިތުރު ރަޙްމަތްތެރިންތަކެއްވެސް ހޯދިއެވެ. އޮފީސް ދަތުރެއް ކަމަށް އޭނާ ސަރާއާއި އޭނާގެ މަންމަމެން ގާތު ބުންޏަސް އޭނާ ދާން އުޅެނީ އަމިއްލަ ދަތުރެއްގައެވެ. ނޭނގެނީ އޭނާ އެދާ މަޤްޞަދެވެ.

ޢިމްރާންގެ އަންބެއްގެ ގޮތުގައި ޢިމްރާންމެންގެ ގެއަށް އާދެވުނީއްސުރެން ޝިފްޒާ ވިސްނަމުން އެދަނީ ޢިމްރާންމެންގެ މުދަލުން އޭނާއަށް ބައިއެޅޭނޭ ގޮތަކާމެދުގައެވެ. އެޢާއިލާގެ އުޞޫލު އޮންނަ ގޮތުން އެކުންފުނީގެ ޙިއްޞާ އެއްވެސް މީހެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭނީ އެދެމަފިރިއެއްގެ ދަރިޔަކު އޮތްނަމައެވެ. އެހެންވެ ޝިފްޒާ ބޭނުންވަނީ އަވަހަށް ކުއްޖަކު ހޯދާށެވެ. މިހާރު އޭނާ ތަކުރާރުކޮށް އެތައްފަހަރަކު ޢިމްރާން ގާތު އެވާހަކަ ބުނެވެސްފިއެވެ.

[އިތުރު ކުއްޖަކު އަހަރެން ހޯދާނީ އަދި ފަސްއަހަރު ފަހުން. ޝިފްޒާ ކެތްކޮށްލާ...] ޢިމްރާން ދެނީ އަބަދުވެސް އޭނާދޭ ޖަވާބެވެ.

[އަޅެ ޢިމްރާން.....ފަސްއަހަރު ވަންދެން އަހަރެން ހުންނަންވީތަ؟ އަހަރެން ހާދަ ކުއްޖަކު ބޭނުމޭ....] ޝިފްޒާ ކުސްތަޅަން ފެށިއެވެ. ނަމަވެސް ޢިމްރާން އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

[އެކަކު ބޭނުންވެގެން ކުއްޖަކު ހޯދުމަކީ ބުއްދިވެރި ކަމެއް ނޫން. ދަރިން ހޯދަންވާނީ ދެމީހުންވެސް ތައްޔާރުވެގެން. އަހަރެންގެ އެބައޮތް އަދި އަހަރު ނުފުރޭ ކުއްޖަކު. އެކުއްޖާއަށް ފަސްއަހަރުވީމާ ކުއްޖަކު ހޯދާނީ.]

[އެކަމަކު ޢިމްރާން، އަހަރެން ހާދަ ކުއްޖަކު ބޭނުމޭ....] ޝިފްޒާ ޢިމްރާންގެ ކޮނޑުގައި ބޯޖައްސާލިއެވެ. ޝިފްޒާ ހުރީ ހިސާބަކަށް މާޔޫސްވެފައެވެ. އޭނާގެ މަޤްޞަދު ޙާޞިލްވުމުގެ ކުރިން ޢިމްރާނާ ވަކިވާން ޖެހުމަކީ އޭނާ ވަރަށް ޖެހިލުންވާ ކަމެކެވެ. ފަހަރެއްގައިވެސް އެކަން އެހެންވިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

[ކުއްޖަކު ކިތަންމެ ބޭނުމަސް އަހަންނަށް އަދި މާއަވަސް. އަހަރެން ތިޔަކަމާ އަދި ނުވެސް ވިސްނަން.] ޢިމްރާން އެއްބަހެއް ނުވެއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. މިހާރު ނިމާލް ޖަޕާނަށް ފުރައިގެންދިޔަތާވެސް ދެތިންދުވަސް ވެއްޖެއެވެ. މިހާރު ސަރާ ހުންނަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ. ފުރައިގެންދިޔަފަހުން ނިމާލްގެ އެއްވެސް ޚަބަރެއް ނުވާތީވެސް އޭނާ ވަރަށް ކަންބޮޑުވެއެވެ.

[ނިމާލްގެ ޚަބަރެއް ނުވޭތަ؟] ނިމާލްގެ މަންމަ ޒާހިދާ ވާހަކަ ދެއްކީ ބޮޑުކޮޓަރީގައި ފުން ޚިޔާލެއްގެ ތެރެއަށް ގެނބިފައި އިން ސަރާއާއެވެ.

[ނުގުޅާ...މިހާރު ތިންދުވަސްވީ...އެއްވެސް ޚަބަރެއްނުވޭ. މަންމައަކަށްވެސް ނުގުޅާތަ؟] ސަރާވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ދަރިފުޅަށް ނުގުޅާއިރު ވަކި މަންމައަކަށްވެސް ނުގުޅާނެއެއްނު.] ޒާހިދާ ސަރާގެ އުނގުގައި އިން ދަރިފުޅު މާލް އުރާލިއެވެ.

[އޮފީސް ކަމެއްގައި ދިޔައީމާ މާބުރަވެގެން އުޅެނީ ކަމަށްވާނީ. އެހެން ނޫންނަމަ ނިމާލަށް ނުގުޅާ ނުހުރެވޭނެ. މަންމާ މިއަދު ނަޝާ ކޮއްކޮ ކޮންތާކަށް ގޮސްގެން އުޅޭ ދުވަހެއްތަ؟] ސަރާ ނިމާލަށް އިތުބާރު ކުރެއެވެ. އޭނާއަށް ކިރިޔާ ވަގުތެއް ލިބުނަސް ގުޅާނެކަން އޭނާއަށް އެނގެއެވެ.

[ނަޝާ ދިޔައީ އޭނާގެ ރައްޓެހި ކުއްޖަކާއެކު ބާޒާރަށޯ ކިޔާފަ. އޭނަ ކުޑައިރު ވަރަށް އެކުގައި އުޅުނު ކުއްޖެއް މީރާޔަކީ. މިއަދު ހަތަރުދަމު މީރާޔާއެކުކަންނޭނގެ އުޅޭނީ. އެތައް އަހަރެއްކޮށްފަ ބައްދަލުވީމާ ކިހާ ފޯރި ހުންނާނެ.] ޒާހިދާ ދަރިފުޅު އުރާލައިގެން އައިސް އިށީނެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން