ކާމިޔާބު ޒުވާނުންތަކެއް: ސްކޫލުން ހޯދާ ނަތީޖާއަކީ ކާމިޔާބީއާއި މީހާގެ މޮޅުކަން މިނެކިރާ މިންތިއެއްކަމުގައި ދެކިގެން ނުވާނެ
ކާމިޔާބު ޒުވާނުންތަކެއް: ސްކޫލުން ހޯދާ ނަތީޖާއަކީ ކާމިޔާބީއާއި މީހާގެ މޮޅުކަން މިނެކިރާ މިންތިއެއްކަމުގައި ދެކިގެން ނުވާނެ
އަޅުގަނޑުމެން ބޮޑެތިވަމުން އައިއިރު، މައިންބަފައިންގެ އަހަރުމެންގެ ވިސްނުންތޫނުކަން މިންކުރާ ކައްޓާއަކީ ސްކޫލުން ހޯދާ ނަތީޖާއެވެ. އެހެންކަމުން މަންމަމެން އޭރު އަބަދު ދެމުން އައި ނަސޭހަތަކީވެސް "މޮޅަށް ކިޔަވައިގެން މޮޅު މީހަކަށް" ވާށެވެ. އެގޮތުން އަލުގަނޑަކީ ސްކޫލްދައުރު މައިންބަފައިއެދޭ ނަތީޖާ ނެރެމުން އައިކުއްޖަކީމެވެ. އެބުނާގޮތަށް މޮޅަށް ކިޔަވައިގެން އެންމެ މަތީ ހަރުފަތަށް ދާނެކަމަށް ބެލި ކުދިންގެ ތެރޭގައި ހިމެނުނުކަމުގައިވިޔަސް އަޅުގަނޑަށް ދެންނެވެންއޮތީ ޓޮޕް ޓެން ހާސިލް ކުރިއަސް އަދި މިއީ ކާމިޔާބުވެވުމެއް ނޫނެވެ. ޓޮޕް ޓެންއަށް ނާރާ އަޅުގަނޑުގެ އެކުވެރިން މިއަދުވަނީ ދިރިޅުމުގައި އަޅުގަނޑަށްވުރެ ކުރިއަރައި ގޮސްފައެވެ.

ތެދެކެވެ. ސްކޫލްގެ ނަތީޖާވެސް މުހިންމެވެ. އެހެންނަމަވެސް ހަމައެކަނި ސްކޫލުން ހޯދާ ނަތީޖާއަކީ ކާމިޔާބީއާއި މީހާގެ މޮޅުކަން މިނެކިރާ މިންތިއެއްކަމުގައި ދެކިގެން ނުވާނެއެވެ. އެހެންކަމުން ވިސްނުމުގެ ތޫނުފިލިކަމާއި ސްކޫލްގެ ނަތީޖާއާއި ގުޅުވައިގެން ކިޔުމަކީވެސް އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިބާއަކީ ސްކޫލް ދައުރުގައި މާކާމިޔާބު ދަރިވަރަކަށް ނުވިކަމުގައިވިޔަސް މިސިފަތައް ތިބާގައިގައި ހުރިނަމަ ތިއީ ވަރަށް ތޫނުފިލި މީހެކެވެ. ދިރިއުޅުން ބާއްޖަވެރިވާނެއެވެ. ތިބާގައިގައި ހުރި ތޫނުފިލި ވިސްނުމާއިއެކު ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތް ކޮށްފިނަމައެވެ.

1. ކަންކަން ދަސްކުރުމަށް ބޭނުންވުން: ކޮންމެ މީހަކަށްވެސް މުދައްރިސް ކިޔައިދޭ ފިލާވަޅު ފިލިން ފިއްޔަށް ދަސްކޮށްލެވިދާނެއެވެ. ނަމަވެސް ހަޤީޤީ ތޫނުފިލި މީހުން ބޭނުންވާނީ ކަންކަން ދެނެގަތުމެވެ. މިފަދަ މީހުންގެ ހުސްވަގުތު ތަކުގައި އެމީހުންގެ ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ފޮތް ކިޔުމާއި ޔޫޓިއުބު ވީޑިއޯއާއި އެކިއެކި ޑޮކިއުމެންޓްރީތައް ބަލާ ހަދާނެއެވެ. ކަންކަން ދެނެގަތުމަށް ބޭނުންވުމަކީ މީހާގެ އާއްމު މައުލޫމާތު އިތުރުވުމެވެ. އެކަށީގެންވަރަށް މައުލޫމާތު ލިބިފައިހުރުމަކީ ނިންމުންތައް އެންމެ ރަނގަޅަށް ނިންމުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2. ތަފާތު އެކި ދާއިރާތަކަށް ޝައުޤުވެރިކަން ހުރުން: ކަންކަން ދެނެގަތުމަށް ބޭނުންވުމުގެ ނަތީޖާއެއްގެ ގޮތުން ތިބާއަކީ އެކިއެކި ދާއިރާތަކަށް ޝައުޤުވެރިކަން ހުންނަ މީހެއް ކަމުގައިވެދާނެއެވެ. މީގެ ސަބަބުން ތިބާގެ ހުސްވަގުތުތައް ފުރާލާނެ އެކިއެކި ކަންކަން ހުންނާނެއެވެ. މީރު ތަފާތު ކެއްކުންތައް ކެއްކުމާއި ބަގީޗާ ހެއްދުމާއި ވިޔުންފަދަ އަތްތެރި މަސައްކަތްތައް މިފަދަ މީހުންގެ ހުސްވަގުތުތަކުގައި ކުރެއެވެ. ތިބާ ކުރާ ހިތްވާ ކަންކަމުގެ ލިސްޓުގައި ތަފާތު މިފަދަ ގިނަ ކަންކަން ހިމެނޭނަމަ ތިއީ ތޫނު ފިލި މީހެކެވެ. ސަބަބަކީ ތޫނުފިލި މީހުންނަށް މެނުވީ ތިހާ ގިނަ ކަންކަމަށް އެއްފަހަރާ ޝައުޤުވެރިކަން ނުބެހެއްޓޭނެއެވެ.

3. ހުވަފެން ބެލުން: އަޅުގަނޑު މިދެންނެވީ ނިދާފައި އޮވެ ފެނޭ ހުވަފެނުގެ ވާހަކައެއް ނޫނެވެ. ތޫނު ފިލި މީހުންގެ ހުވަފެންތަކެއް ވާނެއެވެ. އެއީ އެމީހުންގެ މުސްތަޤުބަލު އުޖާލާކުރާނެ ގޮތުގެ ޕްލޭންއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް ހުވަފެން ބަލާ މީހުންގެ ސިކުނޑީގެ ބާރު ގަދަވާނެއެވެ. ސަބަބަކީ ގިނަ ކަންކަން ހާސިލްކުރުމަށް ލަނޑުދަނޑިއަށް ކަނޑައަޅައި އެއަށްވާސިލްވުމަށް އަބަދުވެސް އަޒުމުކަނޑައަޅައިގެން އެކަން ކަމަށް އެދި އުއްމީދު ކުރާނަމަ ސިކުނޑީގެ 'ނިއުރޯ އެކްޓިވިޓީ' ގިނަވުމެވެ.

4. ކަންކަން ހައްލުކުރުމުގެ ކުޅަދާނަކަން ހުރުން: ފޮތުން ހޯދޭ ތޫނުފިލިކަމާއި ދިރިއުޅުމުގައި ބޭނުންވާ ތޫނުފިލިކަމާއި ވިސްނުންތެރިކަމަކީވެސް 'އިންޓެލިޖެންސް' ނުވަތަ ތޫނުފިލިކަމުގެ ވައްތަރުތަކެވެ. އަލްޖިބްރާގެ ސުވާލުތަކަށް ޖަވާބުދޭން ނޭނގުނަސް ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން ހައްލުކުރުމުގެ ޤާބިލުކަން ހުރިނަމަ ތިބާއަކީ ވަރަށް ވިސްނުން ތޫނުފިލި މީހެކެވެ. ދެމީހަކު ދޭތެރޭ ސުލްހަ ކުރާނެ ގޮތާއި ގޭތެރޭގައި ޖެހޭ ކުދިކުދި މައްސަލަތަކުގެ ހައްލު ވިސްނުން ތޫނުފިލި މީހުން ވަރަށް ފަސޭހައިން ހޯދައިގަންނާނެއެވެ.

5. ތަފާތު ހާލަތްތަކަށް ފަސޭހައިން މީހާ ހޭނުވުން: ބައެއް މީހުންނަކީ ދިރިއުޅުމަށް ކުޑަ ބަދަލެއް އަތުވެއްޖެނަމަވެސް އެކަމާއި ކުރިމަތިލާން ނޭނގޭ ބައެކެވެ. އައު ތަންތަނަށް ދިރިއުޅުން ބަދަލު ކުރުމާއި އައު ވަޒީފާގެ މާހައުލުތަކަށް މީހާ ހޭނުވުމަކީ ބައެއް މީހުންނަށް އުނދަގޫ ކަމެކެވެ. ނަމަވެސް މިގޮތަށް އައު ކަންކަމަށް ހޭނުމަކީ ތިބާއަށް ފަސޭހަކަމަކަށްވާނަމަ ތިބާއަކީ ވަރަށް ތޫނުފިލި މީހެކެވެ. ސަބަބަކީ ދިރިއުޅުމުގައި ދަސްކޮށްފައިވާ ފިލާވަޅުތަކުން ހޯދާ ތަޖުރިބާތަކުގެ ބޭނުންކޮށް އައު ކަންކަމަށް އެޕްލައި ކުރުމަކީ ސައިންސުވެރިން ބުނާ 'ކޮންޓެކްސްޓުއަލް އިންޓެލިޖެންސް' ކަމަށްވާތީއެވެ.

6. ކަންކަމުގެ ތަފްސީލުތަކާއި ކަންކަން ވާގޮތް ދެނެގަތުމުގެ ޤާބިލުކަން: ދުރުވިސްނުމަކީވެސް ތޫނުފިލިކަމުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ދުނިޔޭގެކަން ހިނގާ ގޮތަށް ބަލައި ކުރިއަށް ވެދާނެ ގޮތްތަކާއިމެދު ވިސްނާބައެކެވެ. އަދި އެކަމެއް ވެދާނެކަމަށް ދުރާލައި މިދެންނެވި މީހުން ތައްޔާރުވެސް ވާނެއެވެ. މީގެ އިތުރުން މިފަދަ މީހުންނަކީ އެހެން މީހުންގެ މޫޑާއި އެމީހުންގެ ސިކުނޑީގެ ހާލަތުވެސް ނަގައިގަނެވޭ ބައެކެވެ. މީހެއްގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެންނަނަމަ މިފަދަ މީހުންނަށް އެކަންކަން ފާހަގަވާނެއެވެ.

7. ކަންކަމާއި ފިކުރުބޮޑުވުން: ތޫނުފިލި ސިކުނޑިއެއް ލިބުމަކީ ވަރަށް ރަނގަޅު ނިއުމަތެއް ނަމަވެސް ބައެއް ފަހަރު މިއީ މީހާއަށް ވަރަށް އުނދަގޫ ކުރުވައިފާނެވެސް ކަމެކެވެ. އަބަދުވެސް ބޮލުތެރޭގައި ކޮންމެވެސް ކަމަކާއިމެދު ޚިޔާލުތަކެއް ކުރެވެއެވެ. ކޮންމެވެސް ކަމެއްގެ ހައްލެވެ. ނުވަތަ ކަމެއް ހިނަގައިދާނެ ކަމުގެ އެކިއެކި ގޮތްތަކެވެ. މާގަދަށް މިގޮތަށް ފިކުރު ބޮޑުވުމަކީ އެހައި ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް މިއީ ތިބާއަކީ ތިބާގެ އަމިއްލަ ބަސްތަކާއި ތިބާގެ އަމަލުތަކާއިމެދު ވިސްނާ ދިރިއުޅުމުގެ ގޮޮންޖެހުންތަކާއިމެދު ވިސްނާ ހައްލުކުރުމުގެ ޤާބިލުކަން ހުރި މީހެއްކަން މިފަދަ ކަންކަމުން ދޭހަވެއެވެ.

8. އަމިއްލަ ނަފްސު ދެނެގަތުން: ތޫނުފިލި މީހުންނަނަށް އެމީހުންގެ އަމިއްލަ ނަފްސު އެނގެއެވެ. ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ކަންކަން އެނގެއެވެ. ކުރިއަށްދާންވީ މަގު އެނގެއެވެ. އަދި އަމިއްލަ ނަފްސުގެ އުނިކަންކަން ފާހަގަކޮށް އެކަންކަމާއިމެދު އަމަލުތައް ބަހައްޓަންވީ ގޮތާއިމެދު އެމީހުން ވިސްނައެވެ. އަދި ދިރިއުޅުމުގައި ކައިރިގައި ގެންގުޅެންވީ މީހުންނާއި އެބަޔަކާއި މާގާތްގުޅުމެއް ބޭއްވުމުން ގެއްލުން ލިބިދާނެ މީހުން އެމީހުން ދަނެގަނެއެވެ.

9. ހަމްދަރުދީވުން: ހަމްދަރުދީވުމަކީ އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމެވެ. މިއީވެސް ތޫނުފިލިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެއިން ދައްކުވައިދެނީ ތިބާގެ ވިސްނުން ހުންނަނީ ހަމައެކަނި ތިބާގެ އަމިއްލަ ނަފްސާއިދޭތެރޭ ނޫންކަމެވެ. އަދި އެހެންމީހުންނަށް އެންމެ ރަނގަޅަށް ކަންތައް ކޮށްދިނުމާއި ރަނގަޅު އެކުވެރިޔެއް ނުވަތަ ރަނގަޅު ލީޑަރެއްގެ މަޤާމުގައި ހުރެވިއްޖެނަމަ އެކީގައި އުޅޭ މީހުންނަށް ތިބާގެ ފަރާތުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމާއިމެދު ޝައްކެއްނެތެވެ.

10. މަޖާ މިޒާޖުހުރުން: މަޖާ މިޒާޖަކީ ތޫނުފިލިކަމުގެ ހެއްކެކެވެ. ދިމާވާ ކަންކަމަށް ފަސޭހައިން ކުރިމަތިލައި ދިރިއުޅުމުގެ ސްޓްރެސްތައް އެންމެ ރަނގަޅުގޮތުގައި ބޭރުކޮށްލަން މިފަދަ މީހުންނަށް އެނގޭނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މަޖާ މީހުންނަކީ ވަރަށް މައުލޫމާތު މުއްސަނދިވެސް ބައެކެވެ. އެމީހުންނަށް ލިބިފައިވާ މައުލޫމާތުގެ މުއްސަނދިކަމުން އެކިއެކި ކަންކަމުގައި އެކި ހާލަތްތަކުގައި ސީރިއަސްކަން އިސްނުކޮށް ސަކަމިޒާޖު ކުރިއަށް ނެރެން އެފަދަ މީހުން ފަސޭހަވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން