ދަރިންނަކީ މާތް ﷲ ދެއްވާ ނިއުމަތެކެވެ. ބައެއް މީހުންނަށް ދަރިން ހޯދަން ފަސޭހަވިޔަސް، އަނެއްބައިމީހުންނަށް ދަރިމައިވުމުގައި އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހެއެވެ. ބައިގެން ދިއުމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވޭންހުރި ގެއްލުމެކެވެ. ނަމަވެސް، އަރަހުށި މާތް ރަސްކަލާނގެ ނިޔާފުޅުގައި މާ ރަނގަޅު ގޮތެއް މިންވަރު ކުރައްވާފައި އޮތް ކަމާއި ދޭތެރޭ ޝައްކެއް ނެތެވެ.

އެއްބައި ޙާލަތުގައި ބައިގެން ދިއުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. ނަމަވެސް ވީހާވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަމާޒު ހިފައިގެން، އޭގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ބައިގެން ދިއުމަކީ އެއްވެސް މީހެއްގެ ކޮންޓްރޯލްގައި ނެތް ކަމަކަށްވިޔަސް، ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ހަރުބަހާއި އެއްގޮތަށް ބައިގެން ދިއުމުންވެސް ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންތައްތައް ސިއްހީ މާހިރުން ފާހަގަކޮށްފައި ވެއެވެ.

* ހަރަކާތްތެރިވުން/ ކަސްރަތުކުރުން

މާބަނޑު ދުވަސްވަރުގައި ބައެއް މީހުންނަށް ބެޑް ރެސްޓް ކުރަން ޑޮކްޓަރުން އަންގާނެއެވެ. މިފަދަ މީޙުންނަށް ބޮޑަށް ހެލިފެލިވެއުޅުން މަނާވާނެއެވެ. އެކަމަކު، ބެޑް ރެސްޓް ކުރަން ނުއަންގާ އަންހެނުން ކޮންމެވެސް ވަރަކަށް ހެލިފެލިވެ އުޅެން ޑޮކްޓަރުން އިރުޝާދު ދެއެވެ.

މާބަނޑު މީހުންނަށް ޚާއްސަ ކަސްރަތުތައްވެސް ހުރެއެވެ. މިސާލަކަށް ޔޯގާއާއި މެޑިޓޭޝަންއެވެ. އިންސްޓްރަކްޓަރެއްގެ ލަފާގެ މަތިން މާބަނޑު މީހުންނަށް ޚާއްސަ ކަސްރަތު ކުރެވިދާނެއެވެ. ބައެއް ތަންތަނުގައި ދެމަފިރިންނަށް ޚާއްސަ ލަމާޒޭ ކްލާސްތައްވެސް ނަގައި އުޅެއެވެ. ލަމާޒޭއަކީ ވިހެއުމަށް ތައްޔާރުކުރުވުމަށް ނަގާދޭ ޚާއްސަ އެކްސަސައިޒްތަކެކެވެ.

މާބަނޑު އިރުގައި އެހާ ބޮޑަށް ހެލިފެލިވެ އުޅޭކަށް ނުވާނެއެވެ. އެކަމަކު، ކަސްރަތުކުރުމަކީ ބައެއް މީހުންނަށް ސިޒޭރިއަންއަކަށް ނުގޮސް، ވިހެއުމަށް ފަސޭހަކޮށްދޭ ކަމެކެވެ. ފަތަން ދިއުމަކީވެސް ރަނގަޅު ކަސްރަތެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

* މާބަނޑުވުމުގެ ކުރިން އެދެވޭ މިނެއްގައި ބަރުދަން ބެހެެއްޓުން

މާބަނޑު ވާން ބޭނުން ނަމަ ބަރުދަން ލުއިކުރުމަށް ޑޮކްޓަރުން އިރުޝާދު ދޭނެއެވެ. މާ ބޮޑަށް ފަލަ ނަމަ، ބަލިވެއިނުމުގައި އުނދަގޫވާނެ ކަމަށް ވަރަށް ގިނަ ޑޮކްޓަރުން އިއްތިފާގުވެއެވެ.

ތިމާގެ އިސްކޮޅާއި އުމުރާއި އެކަށީގެން ނުވާ މިންވަރަށް ފަލަވުމަކީ ބައިގެން ދިއުމަށް މެދުވެރިވެދާނެ ކަމެކެވެ. އޮބީސިޓީއަކީ އެއާއި އެއްކޮށް ބައިވަރު މައްސަލަތައް ކުރިމަތިކުރުވާ ޙާލަތެކެވެ. އަންހެނަކު މާ ބޮޑަށް ފަަލަވާނަމަ އޭނާގެ ހޯމޯން ބެލެންސަށް އަސަރު ކުރާނެއެވެ. މާބަނޑު އިރުގައި ހޯމޯން ލެެވެލްތައް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަލިވެ އިނުމުގެ ކުރިން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް އިސްކަންދޭށެވެ. އަދި ފައިދާހުރި ކާނާ ކާން އާދަކުރާށެވެ.

* ބަލިވެއިނުމަށް ޕްލޭން ކުރުމުގެ ކުރިން އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނާއި މަޝްވަރާކުރުން

ބަލިވެއިނުމުގެ ކުރިން ހަށިގަނޑުގައި އެއްވެސް ބައްޔެއް ހުރިތޯ ނުވަތަ ދުޅަހެއު ސިއްހަތެއްގައި ހުރިކަން ކަށަވަރު ކުރުމަކީ ރަނގަޅު ޚިޔާލެކެވެ. ކުރިން ބައިގެން ދިއުން ތަޖުރިބާކޮށްފައިވާ މީހެއް ނަމަ، މިއީ ވަރަށް މުހިންމު ފިޔަވަޅެކެވެ. ބައެއްފަހަރު ބައިގެންދާ ސަބަބުތައް ދެނެގަނެވޭނެއެވެ. މިއަދުގެ ޓެކްނޮލޮޖީއާއި ބޭސްވެރިކަން ފުޅާވެފައި އޮތް މިންވަރުން، ބައިގެން ދާ ސަބަބުތައް ދެނެގަނެ، އެކަމުގެ ޙައްލު ހޯދުމުގެ ކުޅަދާނަކަން ސިއްހީ މާހިރުންނަށް ލިބިގެންވެއެވެ.

* ބަލިވެ އިނުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން/ ހުއްޓާލުން

ސިނގިރެޓް ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑުގައި ވިހަ މާއްދާތައް އުފެދޭނެއެވެ. ނިކޮޓިން ބޭނުންކުރާ މީހެއްގެ ހަށިގަނޑުން އޭގެ އަސަރުތައް އެއްކޮށް ކެނޑިގެންދާން އެތައް އަހަރުތަކެއް ނަގާކަމަށްވެއެވެ. އަދި މާބަނޑު ދުވަސްވަރު، 'ޕެސިވް ސްމޯކިންގއިން' ނުވަތަ ސިނގިރެޓުގެ ދުމުން ދުރުވުމަށް ސަމާލުކަން ދޭންވާނެއެވެ.

* ސްޓްރެސްވުމުން ދުރުހެލިވުން

ދިރާސާތައް ދައްކާގޮތުގައި ސްޓްރެސްވެ، ކަންކަމާއި ހާސްވެ ކަންބޮޑުވާ މީހުންނަށްވުރެ ބޮޑަށް، އުފާވެރިކޮށް އުޅޭ މާބަނޑު އަންހެނުން، ބައިގެންދިއުމުން ސަލާމަތްވެއެވެ. މާބަނޑު ދުވަސްވަރު މޫޑަށް ބަދަލުތައް އައުން އެކަށީގެންވެއެވެ. ބައިވެރިޔާގެ އެހީއާއި އެއްކޮށް "މޫޑް ސްވިންގް'' ތަކާއި ރަނގަޅަށް ކުރިމަތިލާން އާދަކުރަން ވާނެއެވެ. ދިރާސާތައް ދައްކާގޮތުގައި ޑިޕްރެޝަން ބަލި ތަހައްމަލުކުރާ އަންހެނުންނަށް ޢާންމުކޮށް ބައިގެން ދިއުމުގެ އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ. އެހެން ކަމުން، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމާއި ގުޅުންހުރި މާހިރުންގެ ފަރާތުން ފަރުވާ ހޯދަންވާނެއެވެ.

* މިންހެޔޮ ޑައިޓެއް އިޚްތިޔާރުކުރުން

ބަލިވެ އިނުމުން ބައެއް މީހުންނަށް ގިނައިން ކެވޭ ގޮތްވެއެވެ. އެކަމަކުވެސް، ކެއުން ކޮންޓްރޯލް ކުރުމަށް ޚާއްސަ ސަމާލުކަމެެއް ދޭށެވެ. އެއީ މާބަނޑު މީހުންނަކީ ހަކުރު މަތިވުން ފަދަ ބަލިބައްޔަށް ފަސޭހައިން ހުށަހެޅޭ ބަޔެކެވެ. ވީމާ، ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުންކުރަން އާދަކުރާށެވެ. ބަނޑުހައިވީމަ، ތަރުކާރީއާއި މޭވާ ބޭނުންކުރާށެވެ. އެހެން ނަމަވެސް، މޭވާ ބޭނުންކުރުމުގައި އަލަނާސި އާއި އޮރެންޖް ފަދަ ބާވަތްތަކަކީ މާބަނޑު މީހުންނަށް ރަނގަޅު އެއްޗެއް ނޫނެވެ. އެހެންކަމުން، މި ދުވަސްވަރު ކެއުމުގައި ބޭނުންކުރެވޭ ތަކެއްޗަށް ވަރަށް ރަނގަޅަށް ބަލަން ވާނެއެވެ.

* ޑޮކްޓަރުން ދޭ ބޭސް ޤަވާއިދުން ބޭނުންކުރުން

މާބަނޑު އިރުގައި ޑޮކްޓަރުން ދޭ ބޭސް ބޭނުންނުކުރަން ބައެއް މީހުން އިޚްތިޔާރުކުރެއެވެ. އެހެން ނަމަވެސް، ވިޓަމިން އިން މުއްސަނދި ބޭސްތަކަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަންނަ ދުވަސްވަރު އޭނާއަށް ނުހަނު މުހިންމު އެއްޗެކެވެ. މާބަނޑުވުމަކީ ފުރާނައަށް ނުރައްކާތެރި ދުވަސްވަރެކެވެ. އެހެން ނަމަވެސް، މިއަދުގެ ކުރިއަރާފައިވާ ސިއްހީ ބޭސްވެރިކަމުން އެތަކެއް މީހުންގެ ފުރާނަ ސަލާމަތްކޮށްދީފައި ވެއެވެ. ބަލިވެއިނުމުގެ 2 މަސް ކުރިން ޑޮކްޓަރެއްގެ ލަފާގެ މަތިން ފޮލިކް އެސިޑް ނަގާށެވެ. މާބަނޑު ދުވަސްވަރު ދަރިފުޅު ހެދިބޮޑުވަމުން އަންނައިރު، ފޮލިކް އެސިޑް މާއްދާއިން ނިއުރަލް ޓިއުބް އުފެއްދުމަށް އެހީތެރިވެދެއެވެ. ދަރިފުޅުގެ ސިކުނޑި އާއި ބުރަކަށީގެ ސްޕައިނަލް ކޯޑް އުފެދުމުގައި ދިމާވާ ބައެއް ބޮޑެތި އުނިކަންތައްތަކުން ރައްކާތެރިކޮށްދިނުމަށް ފޮލިކް އެސިޑަކީ ވަރަށް މުހިންމު އެއްޗެކެވެ.

* ޕެނަޑޯލް ފަދަ ޢާންމުކޮށް ބޭނުންކުރާ ބޭސްތައް ބޭނުންނުކުރުން

ބައެއް ބޭސްތަކަކީ ބައިގެންދިއުމަށް މަގުފަހިކޮށްދޭ ބާރުގަދަ ނުވަތަ ކުއްޖާއަށް ނުރައްކާ ކުރިމަތިކޮށްފާނެ ބޭސްތަކެވެ. މިފަދަ ބޭސްތައް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެންނެވެ.

ދުރުހެލިވާންޖެހޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ:

ރެޓިނޮއިޑްސް، (ހަމުގެ ބޭސް)

ގުއައިފެނެސިން ނުވަތަ ކޯޑެއިން ހިމެނޭ ކެއްސާތީ ބޯން ބޭނުންކުރާ ބޭސްތައް

އަލްބޫޓެރޯލް، ޕައުޑަރޑް އެސްމާ އިންހޭލަރ (ހިއްލާތީ ބޭނުންކުރާ ބޭސް)

ނޮން ސްޓިރޯއިޑަލް އެންޓި-އިންފްލެމެޓަރީ ބޭސް (އެންއެސްއޭއައިޑީސް)

އެކިއުޓޭން (އައިސޮޓްރެޓިނޯއިން)، އޮށާޅައަށް ފަރުވާދޭ ކެޕްސޫލް

ވަކި ވައްތަރުތަކުގެ އެންޓި-ޑިޕްރެޝަން ބޭސްތައް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން