ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައިވެސް ޖަހަން ފަށައިފިއެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައި ކަމަށް އެކުންފުނިން ބުނެއެވެ.

މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ.

ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުވާނެ ކަމެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ.

މެއި، 2022 ގައި އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ. އެސްޓީއޯއިން ލޭބަލް ޖަހާފައިވާ އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ 42 އިންސައްތަ ކަރަންޓް މަދުން ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނޭ ކަމަށް އެކުންފުނިން މަޢުލޫމާތު ދީފައި ވެއެވެ.



ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން