ޞާދިރު ޢަލީދީދީ   22 ޖުލައި 2020 - 15:52
ސަރާ
ސަރާ
އެޕިސޯޑް 33

...............

[ނުގުޅާ...މިހާރު ތިންދުވަސްވީ...އެއްވެސް ޚަބަރެއްނުވޭ. މަންމައަކަށްވެސް ނުގުޅާތަ؟] ސަރާވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ދަރިފުޅަށް ނުގުޅާއިރު ވަކި މަންމައަކަށްވެސް ނުގުޅާނެއެއްނު.] ޒާހިދާ ސަރާގެ އުނގުގައި އިން ދަރިފުޅު މާލް އުރާލިއެވެ.

[އޮފީސް ކަމެއްގައި ދިޔައީމާ މާބުރަވެގެން އުޅެނީ ކަމަށްވާނީ. އެހެން ނޫންނަމަ ނިމާލަށް ނުގުޅާ ނުހުރެވޭނެ. މަންމާ މިއަދު ނަޝާ ކޮއްކޮ ކޮންތާކަށް ގޮސްގެން އުޅޭ ދުވަހެއްތަ؟] ސަރާ ނިމާލަށް އިތުބާރު ކުރެއެވެ. އޭނާއަށް ކިރިޔާ ވަގުތެއް ލިބުނަސް ގުޅާނެކަން އޭނާއަށް އެނގެއެވެ.

[ނަޝާ ދިޔައީ އޭނާގެ ރައްޓެހި ކުއްޖަކާއެކު ބާޒާރަށޯ ކިޔާފަ. އޭނަ ކުޑައިރު ވަރަށް އެކުގައި އުޅުނު ކުއްޖެއް މީރާޔަކީ. މިއަދު ހަތަރުދަމު މީރާޔާއެކުކަންނޭނގެ އުޅޭނީ. އެތައް އަހަރެއްކޮށްފަ ބައްދަލުވީމާ ކިހާ ފޯރި ހުންނާނެ.] ޒާހިދާ ދަރިފުޅު އުރާލައިގެން އައިސް އިށީނެވެ.

[ކުޑައިރު އުޅުނުގޮތާއި ޖެއްސުނު ވައްތަރުތައް އަދިވެސް ހަނދާންހުރޭތަ؟] މީރާއާއި ނަޝާ ވާހަކަ ދައްކަން ތިބީ ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[ސާބަހޭ މާދުވަހެއް ވެއްޖެތަ ހަނދާން ނެތެން؟] މީރާ ނިކަން ބާރަށް ހީނގަތެވެ.

[މިހާރު ދެން އަހަރެމެންވެސް މިތިބީ ތަޢްލީމީ ދައުރު ނިމިފައި. އަވަހަށް ބިޓެއް ހޯދައިގެން ކައިވެންޏަކާ ހަމައަށް ދެވޭތޯ މަސައްކަތް ކުރަންވީ. ސިލޯނުން ކުއްޖަކާ ރައްޓެހިވާންވެސް ހިތަށްއެރި. އެކަމަކު ދިވެއްސަކަށް އިސްކަންދެވޭތީ ހުރީ...ވަރަށްގިނަ ބޭރު ކުދިންގެ ހުށަހެޅުން ލިބުނު. އެކަމަކު އަހަރެން ލައިކެއްނުވި....] ނަޝާ ބުންޏެވެ. އެވަގުތު ވެއިޓަރު އައިސް ނަޝާމެން އޯޑަރުދިން ތަކެތި މޭޒުމަތީގައި އަތުރާލައިފިއެވެ.

[އަޞްލު ދިވެއްސަކު ނޫނިއްޔާ އެއްގޮތަކަށްވެސް ކަމަކުނުދާނެ. އަހަރެމެން އިސްކަންދޭންވާނީ ދިވެހިންނަށް. މަވެސް މިހާރު ތިކަހަލަ ކަމަކާ އެބަ ވިސްނަން.] ކުރިމަތީގައި ހުރި ޗިކަން ބިރިޔާނީ ތައްޓަށް އިންޞާފު ކުރަން ފަށަމުން މީރާ ބުންޏެވެ.

[މިހާރު ހިތްއެދޭކަހަލަ މީހަކު ފެނިއްޖެތަ؟] ނަޝާ އެއްސެވެ.

[ނޫނޭ. ފެންނައިރަށް އަހަރެން އެމީހެއްގެ ފަހަތުން އަޅުވާލާނަން. އަހަރެން ބޭނުންވާ މީހަކު ހޯދަން އަހަންނަށް މަސައްކަތް ކުރަން ކެރޭނެ.] މީރާ ބުންޏެވެ. ނަޝާ ހީނގަތެވެ.

[އަހަރެމެންގޭ ދޮރުމަތިން ކަހަލަ ގޮތަކަށް އިހަކަށްދުވަހު ފެނުނު ވަރަށް ސަޅި ބިޓެއް. ފިސާރި ތެދެއް މިބުނަނީ ހާދަ ރީއްޗޭ އޭނަ....] ނަޝާ ބުންޏެވެ. އޭނާ އެނބުނީ ކާކުގެ ވާހަކައެއްބާއެވެ. ގައިމުވެސް އޭނާ އެދައްކަނީ އަދި އެންމެފަހަރަކު އޭނާއަށް ފެނުނު މީހެއްގެ ވާހަކައެވެ.

[ތި މީހަކު ހޯދަންވާނެ. އަހަރެން ކުޑައިރު އަހަންނަށް ނަޝާގެ ބޭބެ ނިމާލޭ ބުނެވުނު ހަނދާނެއްވޭތަ؟] މީރާ ބާރަށް ހީނގަތެވެ.

[އެދުވަހު އެއީ ސީރިޔަސްކޮށް ދެއްކި ވާހަކައެއްތަ. އަޅެ ކުރިން އެނގުނުނަމަ މީރާ ނޫން މީހަކާ އިންނާކަށް ބޭބެއަކަށް ލާހިކެއް ނޫން.] ނަޝާ ސީރިޔަސްވިއެވެ.

[އާނ އަހަރެން ހަމަ ސީރިޔަސްކޮށް އެހެން ބުނީ. އެކަމަކު ދެން ކުރާނޭ ކަމެއް ނެތްތާ. ނުލާހިކު ހިތްގައިމު ފަހަރިއެއްނު ލިބިފައި އެހުރީ....ސަރާ އަހަންނަށްވުރެން ހުރިހާ ގޮތަކުންވެސް ރީތިވިއްޔަ.] މީރާ ސަރާގެ ރީތިކަމަށް ތަޢުރީފު ކުރިއެވެ. ސަރާގެ ރީތިކަމާއި މަޑުމައިތިރިކަމުގެ ވާހަކަ ފިރިހެނުންގެ އިތުރުން އަންހެނުންވެސް ދައްކައެވެ.

[ތިބުނީ ރަނގަޅަށް. ފަހަރިއަކީ ވަރަށް ރީތި ގެވެހި އަންހެނެއް....] ނަޝާވެސް އެކަމަށް އެއްބަސްވިއެވެ. އެވަގުތު ނަޝާގެ ފޯން ރިންގްވާން ފަށައިފިއެވެ. ނަޝާ އަތްދަބަސްތެރޭ އޮތް ފޯނު ނަގައިފިއެވެ. ގުޅީ މަންމައެވެ.

[ދަރިފުޅާ ކޮންތާކު؟ ގެއިން ބޭރުގައި އަންހެން ކުދިން މާގިނައިރު އުޅޭކަށް ނުވާނެ. ހެނދުނު ގެއިން ނިކުތްގޮތަށް މިހާރު އެއޮއް ދޭއްޖަހާ ބޮޑުވީ. ނަމާދު ކުރަންވެސް ގެއަށް ނާންނަމެއްނު...] ޒާހިދާ އެކީ އެކައްޗަކަށް ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.

[މަންމާ މިހާރު މިތިބީ ކާން. ޢަޞްރުވުމުގެ ކުރިން ގެއަށްދާނަން. ބޭބެ ގުޅިތަ؟] ނަޝާއަކީ އަބަދުވެސް މަންމަގެ ބަސްއަހާ ވަރަށް ކިޔަމަންތެރި އަންހެން ކުއްޖެކެވެ.

[ބޭބެގެ ޚަބަރެއް ނުވެގެން ސަރާވެސް ވަރަށް ކަންބޮޑުވެފައި ހުރީ. މަންމަ ބޮޑަށް ދަރިފުޅު ނައިސްގެން މިއުޅެނީ ބޭބެ ރައްޓެހި އެއްކަލަ ޖަޕާނު ދެމަފިރިންނަށް ގުޅަންވެގެން. އަވަހަށް އަންނައްޗޭ.] ޒާހިދާ ފޯނު ބޭއްވިއެވެ.

[ބޭބެގެ ޚަބަރެއް ނުވެގެން މަންމަ އެހުރީ ވަރަށް ކަންބޮޑުވެފައި....ހިނގާ އަވަސްކޮށްލައިގެން ދަމާ.] ބިލް ދެއްކުމަށްފަހު ގެއަށް ދިޔުމަށްޓަކައި ނަޝާމެން ނުކުތެވެ. އެވަގުތު އެހިސާބުގައި ހުރި އަމިއްލަ ކުންފުންޏެއްގެ އޮފީހުން ނުކުމެގެން އަންނަ ޒުވާނަކު ނަޝާއަށް ފެނުނެވެ. ނަޝާ މީރާގެ ގައިގައި ކޮއްޓާލިއެވެ.

[މީރާ ނިކަން ރަނގަޅަށް ބަލައިލަބަލަ. ކިހާ ރީތި...ސްމާޓް...ވަރަށް ފުރިހަމަ. އޭނަ އެއަރަނީ ކާރަށް. ހިނގާ އަހަރުމެންގެ ކާރު އޭނާގެ ފަހަތުން ދަމާ....] ނަޝާ ކާރަށް އަރައި ކާރު ދުއްވާލައިފިއެވެ. އޭރު އެޒުވާނާވެސް ކާރަށް އަރައިފިއެވެ. ނަމަވެސް އޭނައަކަށް ނަޝާމެންގެ ނަޒަރު ސީދާ އޭނާއަށް އަމާޒުވެފައިވާ ކަމެއް ނޭނގެއެވެ. ވުމާއެކު އޭނާ ނަޝާމެނާ ދިމާއަށް ބަލައިވެސްނުލައެވެ. އެހެން ނަމަވެސް، ނަޝާމެން ކާރު ދުއްވާފައި ދިޔައީ ސީދާ އެޒުވާނާގެ ކާރު ފަހަތުންނެވެ.

[އަހަރެމެން އޭނަގެ ފަހަތުން ކޯރި އަޅަމުންދާކަން އޭނައަށް ނޭނގެނީބާ...ބަލައެއްވެސްނުލާ. އަނެއްކާ މަންމަނެއްކަންނޭނގެ.] މީރާ ބިނދި ބިނދިފައި ހޭން ފަށައިފިއެވެ.

[މަލާމާތްކޮށްފަ ނުހީބަލަ....އަހަރެން ކުރަން ހިތުލައިފި ކަމެއް ކުރާނަން. އެހިތްގައިމު ޒުވާނާ އަހަންނަށް ކާމިޔާބު ކުރެވޭނެ.] ނަޝާ ކާރުގެ ދުވެލި ކުރިޔަށްވުރެން ބާރުކޮށްލިއެވެ.

ނަޝާ ކާރު އެޒުވާނާގެ ކާރާ ވަރަށް ކައިރިކޮށްފައި ބަރުގޮނު އަޅާލިއެވެ. އެޒުވާނާ ލޯގަނޑުން ފަހަތަށް ބަލައިލުމަށްފަހު އެއްފަރާތަށް ކާރު ޖައްސާލިއެވެ. ނަޝާމެނަށް ކުރިއަރައިގެންދާން ފުރްޞަތުދޭންކަންނޭނގެއެވެ. ނަޝާ އެޒުވާނާގެ ކާރާ އަރާ ހަމަކޮށް ބޯޖަހާލިއެވެ. އެޒުވާނާ ހިނިތުންވެލިއެވެ. އެއީ ނަޝާއަށް ލިބުނު ވަރަށްބޮޑު ހިތްވަރެކެވެ. އެހިނިތުންވުމަކީ ލޯބީގެ ސިގްނަލެއް ކަމަށް ނަޝާ ދުށްޓެވެ. ވުމާއެކު އެވަރުން ހިތްހަމަޖައްސާލުމަށްފަހު އޭނާ ދިޔައީ ގެއަށެވެ. މަންމަ ތަކުރާރުކޮށް ގުޅައެވެ. ގެއަށް ވަދެވުމާއެކު މަންމަ އެދުނީ ޖަޕާނު ދެމަފިރިންނަށް ގުޅައިގެން ނިމާލްވީ ތަނެއް ހޯދުމަށެވެ.

[އެސޮރަށް ދެވުނުތޯ ބަލައިލަބަލަ.] ޒާހިދާ އެދުނެވެ.

ނަޝާ ޖަޕާނަށް ގުޅިއެވެ. ކަމަކުދާކަށް ނެތެވެ. އެދެމަފިރިން މަޢްލޫމާތު ދިންގޮތުން ނިމާލް ޖަޕާނަކަށް ނުދެއެވެ. އޭނާ ޖަޕާނަށް ދާނޭ ވާހަކަ އެމީހުން ގާތު ނުވެސް ބުނެއެވެ. ވުމާއެކު ދެން ނަޝާ ގުޅީ ބޭބެގެ އޮފީހުގެ ބޭބެގެ ދަށުން މަސައްކަތްކުރާ ޙުސްނީއަށެވެ. ޙުސްނީ ބުނީ ނިމާލް އޮފީސް ދަތުރެއްގައި އެއްވެސްތާކަށް ނުދާ ކަމަށާއި، ނަމަވެސް އޭނާވީ ހަތަރުމަސް ދުވަހުގެ ނޯޕޭލީވެއްގައި ކަމަށެވެ. އަމިއްލަގޮތުން ޖަޕާނަށްދާން ވިސްނާ ވާހަކަ ބުނެފައިވާ ކަމަށްވެސް ޙުސްނީ ބުންޏެވެ.

[ކޮންތާކަށްބާ ބޭބެ އެދިޔައީ؟] ނަޝާއާއި ގޭގެ ހުރިހާ މީހުންވެސް ހާސްވެ ތެޅިފޮޅެން ފަށައިފިއެވެ.

[ހުރިހާ އެއަރލައިންތަކަށް ގުޅާފައި ބަލާ އެސޮރު އެއްވެސް ދިމާއަކަށް ދަތުރެއް ކޮށްފައިވޭތޯ. ސަރާ ޓިކެޓް ދުށިންތަ؟] ރާޒީވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެވަގުތު ނިޔާޒްވެސް އެގެއަށް އަތުވެއްޖެއެވެ.

[ނުދެކެން ޓިކެޓެއް. ފުރުވަން އެއްވެސް މީހަކު އެއަރޕޯޓަށްދާކަށްވެސް އެއްބަހެއްނުވި.] ސަރާވެސް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އެވަގުތު އެކިއެކި އެއަރލައިންތަކަށް ގުޅައިގެން ކުރެވުނު މަސައްކަތުން ޔަޤީންވީ ނިމާލްގެ ނަމުގައި އެއްވެސް ތާކުން ޓިކެޓެއް ވިއްކާފައިނުވާކަމެވެ. ވުމާއެކު ނިމާލް މާލޭގައި އުޅޭކަން ޔަޤީންކޮށްފައި ހޯދަން ފެށުނެވެ. އޭރު ފުލުހުންނަށްވެސް އަންގައިގެން ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު ގިނަބަޔަކު ނިމާލް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ޓީ.ވީ އިން ފޮޓޯ ދައްކާހެދިވެސްމެއެވެ. ނަމަވެސް އޭނާ ދުށް މީހަކު ހުރިކަމަކަށްނުވިއެވެ.

އޭނާ ގެއިން ނުކުތް ދުވަހު ލައިގެންހުރި ގަމީހާއި ފަޓްލޫނު ލޮނުޒިޔާރަތްކޮޅު ތޮށިގަނޑުމަތީގައި އޮއްވާ ފެނުނީ ފުލުހުންގެ ބަޔަކަށެވެ. އެއީ ނިމާލް ލައިގެންހުރި ހެދުން ކަމަށް ޝައްކުވެގެން ފުރަތަމަވެސް އެހެދުން ގެންދެވުނީ ނިމާލްގެ ގެއަށެވެ.

ހެދުން ފެނުމާއެކު ސަރާއާއި ޒާހިދާ ރޮއިގެންފިއެވެ. ޒާހިދާ ރޮއިގަތީ މަގޭ ދަރިފުޅު ކޮބާހޭ ގޮވަމުންނެވެ. ސަރާ ރޮއިގަތީ ހަމަ ނިމާލްގެ ހެދުމޭ، ނިމާލް ކޮބައިހޭ ގޮވަމުންނެވެ. ތެދެކެވެ. އެއީ ނިމާލް ފުރަން އޭނާ އިސްތިރިކުރި ހެދުމެވެ. ނިމާލް ގެއިން ނުކުތީވެސް އެލައިގެންނެވެ. މާގިނައިރުތަކެއްނުވެ ނިމާލްގެ ބައްޕައާއި ކޮއްކޮ ނަޝާގެ އިތުރުން ނިޔާޒްވެސް ގެއަށް އައިސް ވަދެއްޖެއެވެ. ވެގެން އުޅޭގޮތް އެނގުމާއެކު ނަޝާއާއި ނިޔާޒަށްވެސް ރޮވިއްޖެއެވެ.

[ހެޔޮނުވާނެ އަހަރެންގެ ދަރިފުޅު ހޯދައިދީ....] ޒާހިދާ ރޮމުން ފުލުހެއްގެ ގައިގައި ހިފެހެއްޓިއެވެ. އޭނާ ހީވަނީ މޮޔަވެދާނޭ ހެންނެވެ. އެއީ ކޮންމެ މަޔަކަށްވެސް ވާނޭގޮތެވެ. ތިމާގެ ދަރިޔަކު ތިމާގެ ކުރިމަތިން ގެއްލިގެން ހިނގައްޖެނަމަ ކޮންމެ މަޔަކާއި ބަފަޔަކަށްވެސް އެއަސަރު ކުރާނެއެވެ.

އެޢާއިލާގެ ރުއިމުގައި އެދުވަސް ފާއިތުވެދިޔައީއެވެ. ކޯސްޓްގާޑާއި ރާއްޖޭގެ އަމިއްލަ ޑައިވަރުންގެ މަސައްކަތުންވެސް ނިމާލްގެ ހިލަމެއް ނުވިއެވެ. ފުލުހުންނާއި ރައްޔިތުން ބައިވެރިވެގެން ހަފްތާއަކަށްވުރެން ގިނަދުވަސް ވަންދެން އޭނާ ފެނޭތޯ ހޯދުނެވެ. އެއަށްފަހު ނިމާލް ހޯދުމުގެ މަސައްކަތް ހުއްޓާލެވުނީ ޓީ.ވީ އިން ފޮޓޯ ދައްކާފައި އިޢްލާނު ކުރުމަށްފަހުގައެވެ.

[ރާޒީ...އަހަރެންގެ ދަރިފުޅު...ދެން އަހަރެމެންނަށް ނުފެންނާނެތަ؟] ރާޒީގެ މޭގައި ބޯއަޅާލައިގެން އޮވެ ޒާހިދާ ވާހަކަ ދެއްކިއެވެ.

[ނޫނޭ އަދި ފެންނާނެ. އަހަރެމެން އެސޮރަށް އިންތިޒާރު ކުރާނަން. އެސޮރު އަހަރެމެންނާ ވަތްކެއް ނުވާނެ.] ރާޒީ ޒާހިދާގެ ބޮލުގައި ފިރުމާލިއެވެ. ނަޝާގެ ހާލަކީވެސް އެއީއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ އެއްޗެއްނުވެސް ކައެވެ.

ސަރާ ކޮންމެވެސް ވަރަކަށް ހިތްވަރު ކުރެއެވެ. އެހެން ނަމަވެސް، ނިމާލް ގެއްލުނުތާ ދިހަވަނައަށްވީ ދުވަހު ބޮލަށް އެނބުރުން އަރާފައި ވެއްޓުމުން ސަރާވެސް ހޮސްޕިޓަލަށް ގެންދެވުނެވެ. ސަރާ ބަލައި ޓެސްޓް ކުރި ޑޮކްޓަރު ދިނީ ސަރާ މާޔޫސްވި، އެހެން ނަމަވެސް ނިމާލްގެ މަންމައާއި ޢާއިލާއިން ވަރަށް ހިތްހަމަޖެހުނު ޚަބަރެކެވެ.

[ސަރާ ބަނޑު ބޮޑު....ބެލެވެނީ ހަ ހަފްތާ ކަމަށް.] ޑޮކްޓަރުގެ މިޖުމްލައިން ސަރާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ބޮނޑިއެއް އަޅާލިހެންނެވެ. އެހެން ނަމަވެސް އެވަގުތު ޒާހިދާމެން ސަރާއަށް ހިތްވަރުދީ ނަޞޭޙަތްތެރިވެ އުފާކުރުމަށް ބުނެއެވެ. ސަރާގެ މައްސަލައަކީ ނިމާލްގެ ދަރިއަކު ވިހަން ޖެހުނީމައެއް ނޫނެވެ. އޭނާ ދެރަވަނީ އޭނާގެ ދަރިފުޅު މާލް ޅަވީމައެވެ. ސަރާ ވިހާއިރު މާލްއަށްވާނީ އެއްއަހަރާއި ތިންމަސް ދުވަހެވެ. އެވަރުގެ ކުއްޖަކު އޭނާއާނުލާ އެއްވެސް މީހަކަށް ގެންގުޅޭކަށް ފަސޭހައެއް ނުވާނޭކަމީ ޔަޤީން ކަމެކެވެ.

[މަންމާ އަހަރެންގެ މައްސަލައަކީ މާލް ޅަވީމާ...އެކަމަކު ކުރާނޭ ކަމެއް ނެތްތާ.] ސަރާއަށް ރޮވުނެވެ. އެވަގުތު ޒާހިދާ އަނެއްކާވެސް ސަރާއަށް ހިތްވަރުދީ އާދޭސްކުރަން ފެށީ ނިމާލްގެ ޙައްޤުގައި އުފާކުރުމަށެވެ.

[ދަރިފުޅާ..ސަރާ...މަންމަ ކުރާ އާދޭހުގެ އަޑުއަހާ. މަންމަ މާލް ރަނގަޅަށް ބަލާނަން. އިތުރަށް ނަޖްމާވެސް މިގެއަށް ގެންނާނީ. އެހެންނޫނީ ވިހެއުމަށްފަހު ނިމާލްގެ ދަރިފުޅު މަންމައާ ޙަވާލުކުރޭ. މަންމަ އެއީ ނިމާލް ކަމުގައި ދެކިގެން ބަލާނަން.] ޒާހިދާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ.

[ދެރަނުވޭ މަންމާ. ނިމާލްގެ ހަނދާންތައް އަހަރެންގެ ހިތުގައި ރައްކާކުރަން އަހަރެންވެސް ބޭނުން. އަހަންނަށް ދެކުދިންވެސް ބެލޭނެ. އެކަމަކު މަންމަމެންގެ އަޅާލުން ވަރަށް ބޭނުންވާނެ.] ސަރާ ޒާހިދާގެ ކޮނޑުގައި ބޯޖައްސާލިއެވެ.

[މަންމަގެ އޯގާތެރިކަމާއި އަޅާލުން ލިބޭނެ.] ސަރާ ގޮވައިގެން ޒާހިދާ ގެއަށް ދިއުމަށްޓަކައި ހިނގައިގެންފިއެވެ. އެދުވަހުގެ ފަހުން އެކަނިވާއިރަށް ސަރާ އޭނާގެ ބަދުނަޞީބު ޙާލަތާމެދު ވިސްނައި ހިތާމަކޮށް ރޮއެވެ.

[އަހަންނަށް މިނޫން ގޮތެއް ނެތީތަ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ އަހަރެން މިހާ ބަދުނަޞީބު މީހަކަށްވީ....ދިރިއުޅުމުގެ މައިދާނުގައި ލިބެނީ މުޅިންވެސް ނާކާމިޔާބު. އެއްވެސް އުފަލެއްނެތް.] ސަރާ އޭނާގެ ނަފްސާ ސުވާލު ކުރެއެވެ. ހަމަގައިމުވެސް އޭނާ އެއްވެސް ކުށެއް ނުކުރެއެވެ. ޙަޔާތުގައި މިހާތަނާ ޖެހެންދެން ފާފައެއް ނުކުރެއެވެ. ދީނީ ކަންތައްތަކަށް އޭނާ ކަމޭހިތައެވެ. ފަރުޟު ފަސްނަމާދު ގަވާއިދުން ކުރެއެވެ.

އިމްރާންވެސް ދުވާލަކު އެއްފަހަރުހެން ސަރާއަށް ގުޅާފައި ހިތްވަރުދެއެވެ. އެކަނިވެރިވެއްޖެ ކަމަށް ނުވިސްނުމަށްވެސް އޭނާ ނަޞޭޙަތްތެރިވެއެވެ.

[ސަރާ ހިތްވަރުކުރޭ. އަހަރެން އަބަދުވެސް ސަރާޔާ ދާދިގާތުގައި ހުންނާނަން. ތިންމަސް ފުރޭ ދުވަހު އަހަރެން ބޭނުން ސަރާ އަހަރެންގެ މިލްކަކަށް ހަދަންވެސް. އަދިވެސް އަހަރެން ސަރާ ދެކެ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ. ސަރާ ނިމާލާ އިނަސް އަހަރެން ޝިފްޒާއާ އިނަސް ލޯތްބަށް ކުޑަކޮށްވެސް އުނިކަމެއް ނާދޭ.] ޢިމްރާން ސަރާޔާ ވާހަކަ ދެއްކީ ފޯނުންނެވެ. ސަރާއަށް ރޮވެނީއެވެ.

[ތިންމަހެއް ނޫން...އެގާރަމަސް...ޢިމްރާން އަހަރެން ބަނޑު ބޮޑު.] ސަރާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ބާރުބާރަށް ރޮވެން ފަށައިފިއެވެ.

[ކެތްތެރިވޭ އެގާރަމަސް ފަހުންވެސް އަހަރެން ސަރާ އަހަރެންގެ ޙަޔާތަށް ގެންނާނަން. ސަރާއަށް އެނގޭތަ ޝިފްޒާ އާދޭސް ކުރާއިރުވެސް އަހަރެން ކުއްޖަކު ނުހޯދަނީ ސަރާޔާ ދޭތެރޭ ވިސްނާތީ.] ޢިމްރާން ބުންޏެވެ.

[ޢިމްރާން، ޢިމްރާނަށް ހީވަނީތަ އަހަރެން ޢިމްރާންދެކެ ލޯބިނުވެޔޭ. ނުވަތަ ޢިމްރާންގެ ހަނދާންތަކެއް މިހާރު އަހަރެންގެ ސިކުނޑިއަކު ނެތޭ. އަހަރެން ނިމާލް ގާތު އަބަދުވެސް ބުނަން، އަހަންނަށް ޢިމްރާންގެ ހަނދާންތަކާ ދުރަކަށް ނުދެވުނޭ. އެކަމާ ދެރަވެގެން ނިމާލް ވަރަށް އުޅޭ...އެކަން ހިތަށްއެރީމާ ވަރަށް ދެރަވޭ....] ރޮއިރޮއިފައި ސަރާ ވާހަކަ ދެއްކިއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުންގޮސް ނިމާލް ގެއްލުނުތާ ހަތަރުމަސް ފުރިއްޖެއެވެ. މިހާރު ސަރާގެ ބަނޑަށްވެސް ފަސްމަސް ފުރުނީއެވެ. މިހާރު ނިމާލުގެ ޢާއިލާވެސް ވަނީ ހިސާބަކަށް ހަމައަކަށް އެޅިފައެވެ. ނަޝާވެސް ކުރީގެ އުޅުމަށް ބަދަލުވެއްޖެއެވެ. ސިކުނޑި ތާޒާކޮށްލުމަށްޓަކައި މިހާރު އޭނާވެސް ރަޙްމަތްތެރިޔާ މީރާއާއެކު ކޮންމެވެސް ވަރަކަށް ބޭރަށް ނިކުމެ އުޅެއެވެ.

[އެއްކަލަ ދުވަސްފަހުން އެޒުވާނާ ފެންނަވަރެއްނުވޭ. އަޅެ މީރާ ހިނގާބަލަ އެއޮފީސް ކައިރިޔަށް...] ނަޝާއާއި މީރާ ދިޔައީ ކުރީދުވަހު އެޒުވާނާ ފެނުނު އޮފީސްދޮށަށެވެ. ނަޞީބުވެރި އިއްތިފާޤެކެވެ. އެޒުވާނާގެ ކާރު އޮފީސް ކުރިމަތީގައި ޕާކް ކޮށްފައި އޮތެވެ. ނަޝާމެން ކާރު އެޒުވާނާގެ ކާރާ ދާދި ކައިރީގައި ޕާކްކޮށްލިއެވެ. އެމީހުންނަށް ބައިގަޑިއެއްހާއިރު އިންތިޒާރު ކުރެވުނުތަނާ އެޒުވާނާ ނުކުމެއްޖެއެވެ.

[ވާހް...ސްމާޓް...ވަރަށް ހިތްގައިމު....އަހަރެން އޭނާ ކާމިޔާބު ކުރާނަން.] ނަޝާއަށް މަޑުމަޑުން އެކަނި މީރާއަށް އިވޭވަރަށް ބުނެވުނެވެ. އެވަގުތު އެޒުވާނާ ނަޝާމެނާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ނަޝާ ހީވީ އުފަލުން ފޮޅުނުހެންނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް އެޒުވާނާއާ ދިމާއަށް އަތްހޫރާވެސް ލެވުނެވެ. ޖަވާބުގައި އެޒުވާނާވެސް އަތް ހޫރާލިހެން ހީވިއެވެ.

[މީރާ އަހަންނަށް ހީވަނީ އަހަންނަށް އެބަ ކާމިޔާބުވޭހެން. އޭނަވެސް އެބަ ސިގްނަލްދޭ. އޭނަގެ ނަން ހޯދާލަން މަސައްކަތް ކުރަމާ...] ނަޝާ ބުންޏެވެ.

[ކިހިނެއް ހޯދާނީ. އޭނަ އަހަރެމެންނާ ވާހަކަ ދައްކަން މަޑުކޮށްލާނެނަމަ ރަނގަޅެއްނު. ދެން ފެންނަ ދުވަހަކު އަހަރެމެން އަމިއްލައަށް ތަޢާރަފްވާނީ. އޭރުން އޭނަވެސް ތަޢާރަފްވާނެ...] މީރާ ޚިޔާލު ދިނެވެ. އޭރު އެޒުވާނާ ކާރަށް އަރައި ކާރު ދުއްވާލައިފިއެވެ. އެކާރުގެ ފަހަތުން ނަޝާވެސް އޭނާގެ ކާރު ދުއްވާލައިފިއެވެ. ހީވާކަހަލައެވެ. ނަޝާ ބޭނުންވަނީ އެކާރާ އަރާ ހަމަކޮށް އެޒުވާނާއާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރާށެވެ. ނަމަވެސް އެޒުވާނާ ކާރު ދުއްވާފަ ދިޔައީ ނަޝާމެނަށް އަތުވާވަރަށްވުރެން މާބާރަށެވެ.

ވުމާއެކު އެހެން ދުވަހަކު ބައްދަލުވުމަށް ނިންމުމަށްފަހު ނަޝާ ކާރު އަނބުރާލައިފިއެވެ.

ޖެހިގެން އައި ދުވަހުވެސް ނަޝާއާއި މީރާ އެޒުވާނާއާއ ބައްދަލުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެފަހުން ޖެހިޖެހިގެން ފަސްދުވަހު މަސައްކަތް ކޮށްގެންވެސް ނަޝާމެނަށް އެޒުވާނާ ނުވެސް ފެނުނެވެ.

[އޮފީސް ދަތުރެއްގައި ސިންގަޕޫރުގައި މިހުރީ! ސަރާއާއި ދަރިފުޅު ރަނގަޅުތަ؟ ސަރާ ވިހެއުމަށް ބޭނުންވާނޭ ހުރިހާ އެއްޗެއްވެސް އަހަރެން ގަނެގެން ދާނީ.] ޢިމްރާން ސަރާއާ ވާހަކަ ދެއްކީ ފޯނުންނެވެ. ސިންގަޕޫރުގައި ހުރެއެވެ.

[އަހަރެން....މުހިންމު ނޫންވީމާ ފުރައިގެންދާއިރު ބުނެވެސްނުލެވޭ. ތިހެން ހަދަމުންގޮސް އަހަރެންގެ މަތިން ހަނދާން ނައްތާލައިފިއްޔާ ކިހިނެއްބާވާނީ؟ މިއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ނިކަމެތި ދުވަސްވަރު. އެކަމަކު މިއީކީ އެންމެ ހިތާމަވެރި ދުވަސްވަރެއް ނޫން. އެންމެ ހިތްދަތިވީ ޢިމްރާން އަހަރެން ގެއިން ނެރެލި ދުވަހާއި، ހިތާ ދެކޮޅަށް ކައިވެނި ކުރަން ޖެހުނު ދުވަސް.] މާޒީގެ ހިތި ހަނދާންތައް ސިކުނޑިއަށް ވެރިވުމާއެކު ސަރާއަށް ރޮވިއްޖެއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން