ހެނދުނުގެ ވަގުތަކީ ސިކުނޑި އެންމެ ތާޒާކޮށް ހުންނާނެ ވަގުތެވެ. އަދި ރޭގަނޑުގެ ނިންޖާއެކު ކުރީދުވަހުގެ ހުރިހާ ސްޓްރެސްއެއް ފިލައި ހޭލެވޭނީ ތާޒާ ސިކުނޑިއަކާއެކު އައު ދުވަހަކަށެވެ. އޭރަކު ކުރީދުވަހުގެ ސްޓްރެސްއެއް ހުންނާނީ ފިލައިގެންގޮސްފައެވެ.

އެހެންނަމަވެސް ރޭވުންތެރިކަމެއްނެތި ދިރިއުޅުމުގައި އަވަދިނެތި އުޅޭމީހުންނަށް ވިސްނަންޖެހޭ ކަންކަން ގިނަވެ ސިކުނޑިތެރޭ ފުނި ޖެހޭގޮތް މެދުވެރިވެއެވެ. މީގެ ސަބަބުން ހެނދުނުގެ ވަގުތުގެ އަރާމުކަން ގެއްލިގެން ދިއުމަށް މެދުވެރިވެއެވެ.

މިކަންކަން މެދުވެރިވަނީ ކަންކަމުގައި ފަރުވާކުޑަކުރާތީއެވެ. އަދި މީހާގެ ރޭވުންތެރިކަމެއް ނެތީމައެވެ. ތިރީގައިމިވަނީ ރޭވުންތެރިކަމެއް ނެތް މީހުންގެ ކިބައިގައި ހުންނަ ބައެއް ނުރަނގަޅު އާދަތަކެވެ.

1. ފޯން 'ސްނޫޒް' ކުރުން:

ނިދަން އޮށޯންނަނީ ފޯނު އެލާމަށް ލުމަށްފަހުއެވެ. އެހެންނަމަވެސް ފޯނު އެލާމްވުމާއެކު އަޅުގަނޑުމެންގެތެރެއިން ގިނަ ޒުވާނުން އަނެއްކާވެސް ކުޑަ ވަގުތުކޮޅަކަށް އަރާމުކޮށްލާނީއޭ ހިތައި އެލާމް 10 މިނެޓަށް ސްނޫޒް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން އެނދުން ތެދުވަނީ ތައްޔާރުވާނެހާ ވަގުތުވެސް ކުޑަވުމުންނެވެ. މިއީ ގިނަ ޒުވާނުންގެ އާދައެވެ. މިހެން ކަންތައް ކުރުމުން މީހާގެ ނިދުމަށް އަސަރުކޮށް ސިކުނޑިއަށް ބާރުބޮޑުވެގެންދެއެވެ. އަދި ދުވަހުގެ ފެށުން ގޯސްވެ ދުވަހުގެ އެހެން ކަންކަން ރަނގަޅުކުރުމަށް އުނދަގޫވެގެންދެއެވެ.

2. ހޭލެވުމާއެކު ސޯޝަލް މީޑިއާ އަޕްޑޭޓްސްތައް ބެލުން:

ނިދިންހޭލެވުމާއެކު އެންމެ އަވަހަށް ބަލާލެވެނީ ކައިރީގައި އޮތް ފޯނު ކޮބައިތޯއެވެ. ނަމަވެސް އެއީ ގަޑިން ވީއިރެއް ބެލުމަށް ކަމަށްވާނަމަ ކިތައްމެހާވެސް ރަނގަޅެވެ. އެހެންނަމެސް ފޯނު ނަގައި ގަޑިންވީއިރެއް ބެލުމަށްވުރެ އަވަސް ވެގަންނަނީ ގުޅީ ކާކުތޯބެލުމާއި މެސެޖުކުރީ ކާކުތޯބެލުމުގެ އިތުރުން ސޯޝަލްމީޑިއާގެ އަޕްޑޭޓްސްތައް ބެލުމަށެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ. ފޭސްބުކާއި އިންސްޓާގެ ޕޯސްޓުތަކަށް ލައިކު ދީ ކޮމެންޓްކުރީ ކޮންބައެއްތޯ ބަލައި ކޮށްފައިހުރި ކޮންމެޓްތަކަށް ރިޕްލައިވެސް ކުރާނެއެވެ. އަދި ނުދަންނަ މީހަކު އޭނާގެ ޕޯސްޓްތަކަށް ލައިކްދީ ކޮމެންޓްކޮށްފިނަމަ އެެމީހުންގެ ޕްރޮފައިލްހާވާލައި އެއީ ކާކުތޯބަލަން ބޭނުންވާނެއެވެ. އަދި އެމީހަކީ ނުދަންނަ މީހެއްނަމަ އެކަމާ މުޅިދުވަހު ވިސްނާނެއެވެ.

އެހެންނަމަވެސް މިގޮތަށް ވަގުތު ބޭކާރުކޮށްލުމަކީ މުޅިދުވަހުގެ ބާއްޖަވެރިކަން އޭނާއަށް ގެއްލިގެންދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ތިބާގެ ބޮލަށް އެންމެ ފުރަތަމަވެސް އެކިކަންކަމުގެ ޚިޔާލާއި ފިކުރު ޖަމާވެ މިހާގެ ސިކުނޑީގައި ކަންކަން ފުނިޖައްސާލައެވެ. މީގެ ބަދަލުގައި ކުޑަކޮށް މޯޅިއަކަށް ދެމިލައި މީހާ ހަމަޖެހިލަން ކުޑަ ވަގުތުކޮޅެއް ނެގުން މުހިންމެވެ.

3. ހެނދުނުގެ ނާސްތާ ނުނެގުން:

ގިނަ ބަޔަކު ހޭލަނީ ބާރާބަރު ގަޑިއަށް ފެންވަރައިގެން ތައްޔާރުވެގެން ދެވޭނެހާ ވަގުތު ބަލާފައެވެ. ހެނދުނުގެ ނާސްތާއަކީ ގިނަބަޔަކަށް އެހައި އިސްކަމެއް ދެވޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ދުވަހުގެ ފެށުން ރަނގަޅުކުރަން ގަވައިދުން ނާސްތާ ނެގުމަކީ ވަރަށް ވެސް މުހިއްމުކަމެކެވެ. އާދަކޮށް ނާސްތާ ނަގާނަމަ މުޅިދުވަހަށް ބޭނުންވާ ހަކަތަ މީހާގެގައިގައި އިތުރުވެ މަސައްކަތަށް ދެވޭ ސަމާލުކަން އިތުރުވެ ފަރުވާތެރިވެވޭނެއެވެ.

4. ފެން ނުބުއިން:

ނިދައި ހޭލުމަށްފަހު ފެންތައްޓެއް ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ 7 ގަޑި އިރު ނިދަން އޮވެފައި ހޭލުމުން ހަށިގަނޑު ހުންނާނީ 'ޑީހައިޑްރޭޓް' ނުވަތަ ފެނަށް ބޭނުންވެފައެވެ. އަދި މީއީ ހަށިގަނޑުން ފަސޭހަކަމާއިއެކު ޖަރާސީމުތަކާއި ހަށިގަނޑަށް ގެއްލުންދޭ ޓޮކްސިންތައް ބޭރުކުރުމަށްވެސް ފެން ބުއިން މުހިންމު ވަގުތެކެވެ.

5. ހެނދުނުގެ ވަގުތުގައި މާބޮޑަށް އަވަސްއަރައިގެން އުޅުން:

ހެނދުނުގެ ވަގުތުގައި މީހާގެ ސިކުނޑި ހުންނާނީ ވަރަށް ހަމަޖެހިފައެވެ. އެހެންނަމަވެސް މާބޮޑަށް އަވަސް އަރައިގަނެގެން އުޅެންވެއްޖެނަމަ ސިކުނޑިއަށް ބުރަ ބޮޑުވެ މީހާ ސްޓްރެސްވާން ފަށައެވެ. ވީމާ އެދުވަހުގެ ފެށުން ހަމަޖެހިގެން ކުރިއަށް ގެންދިއުމަށްޓަކައި އޭގެ ކުރީ ރޭގައި ލާނެ ހެދުމާއި އަރާ ބޫޓޫ އަދި އިސްޓާކީނު ތައްޔާރުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

6. މާބައިވަރު ކެފެއިން ބޭނުންކުރުން:

ހެނދުނުގެ ވަގުތުގައި ކެފެއިން ބޭނުންކުރުން އެންމެ ރަނގަޅީ މަދު މިންވަރަކަށެވެ. މާބައިވަރު ކެފެއިން ބޭނުންކުރުމުން ފަހުން ނިދަން އުނދަގޫވުން އެކަށީގެންވެއެވެ. އެހެންކަމުން ތިބާގެ ހެނދުނުގެ ނާސްތާގައި މާގިނައިން ކޮފީ ބޭނުން ކުރުމުން ދުރުވެލިވުމަކީ އަބަދުވެސް ބާއްޖަވެރި ހެނދުނެއް ކަށަވަރުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ތިބާއަށް މިއިން ކަމެއް ކުރެވޭނަމަ ހެނދުނުގެ ވަގުތުގެ އަރާމު އިހުސާސް ކުރުމަށްޓަކައި ވީހާވެސް އަވަހަކަށް އެއާދަތައް ބަދަލުކޮށްލަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން