ޞާދިރު ޢަލީދީދީ   23 ޖުލައި 2020 - 15:9
ސަރާ
ސަރާ
އެޕިސޯޑް 34

...............

ޖެހިގެން އައި ދުވަހުވެސް ނަޝާއާއި މީރާ އެޒުވާނާއާއ ބައްދަލުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެފަހުން ޖެހިޖެހިގެން ފަސްދުވަހު މަސައްކަތް ކޮށްގެންވެސް ނަޝާމެނަށް އެޒުވާނާ ނުވެސް ފެނުނެވެ.

[އޮފީސް ދަތުރެއްގައި ސިންގަޕޫރުގައި މިހުރީ! ސަރާއާއި ދަރިފުޅު ރަނގަޅުތަ؟ ސަރާ ވިހެއުމަށް ބޭނުންވާނޭ ހުރިހާ އެއްޗެއްވެސް އަހަރެން ގަނެގެން ދާނީ.] ޢިމްރާން ސަރާއާ ވާހަކަ ދެއްކީ ފޯނުންނެވެ. ސިންގަޕޫރުގައި ހުރެއެވެ.

[އަހަރެން....މުހިންމު ނޫންވީމާ ފުރައިގެންދާއިރު ބުނެވެސްނުލެވޭ. ތިހެން ހަދަމުންގޮސް އަހަރެންގެ މަތިން ހަނދާން ނައްތާލައިފިއްޔާ ކިހިނެއްބާވާނީ؟ މިއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ނިކަމެތި ދުވަސްވަރު. އެކަމަކު މިއީކީ އެންމެ ހިތާމަވެރި ދުވަސްވަރެއް ނޫން. އެންމެ ހިތްދަތިވީ ޢިމްރާން އަހަރެން ގެއިން ނެރެލި ދުވަހާއި، ހިތާ ދެކޮޅަށް ކައިވެނި ކުރަން ޖެހުނު ދުވަސް.] މާޒީގެ ހިތި ހަނދާންތައް ސިކުނޑިއަށް ވެރިވުމާއެކު ސަރާއަށް ރޮވިއްޖެއެވެ.

[ނުރޮއޭ ސަރާ...ހަމަ ކުއްލިއަކަށް ފުރަން ޖެހުނީމާ އަންގާނުލެވުނީ. މާޒީއާ ދޭތެރޭ ވިސްނުމުގެ ބޭނުމެއް ނެތް. ހިތި މާޒީއެއް އަބަދު ހަނދާން ކުރުމުގެ އެއްވެސް ބޭނުމެއް ނެތް. ވިސްނަންވީ މުސްތަޤްބަލާ ދޭތެރޭ. ސަރާ ތިޔަހެން ތިބުނަނީ ސަރާޔާ ވަކިން އަހަރެން ހޭދަކުރި ދުވަސްތަކަކީވެސް އުފާވެރި ދުވަސްތަކެއް ނޫނޭ...] ސަރާ މާޒީ ހަނދާންކޮށް އެވާހަކަ ދައްކަން ފެށުމުން ޢިމްރާންވެސް ވަރަށް ދެރަވެއްޖެއެވެ.

[އެންމެ ރަނގަޅު. އަހަރެން މާޒީގެ ވާހަކަ ނުދައްކާނަން. މާލެ އަންނަނީ ކޮންދުވަހަކުން؟]

[ދެތިން ދުވަސްފަހުން. ސަރާއާއި ދަރިފުޅުގެ ޙާލު ރަނގަޅުތަ؟ ސަރާ ޑޮކްޓަރަށް ދައްކައިފިންތަ؟] އިމްރާން އެއްސެވެ.

[ރަނގަޅު...ޑޮކްޓަރަށްވެސް ދައްކައިފިން. އިއްޔެގައި ޢިމްރާން މަންމައާއި ބައްޕަ ދަރިފުޅު ގާތު ވަރަށް ގިނައިރު ތިބި. އަހަންނަށް ވަަރަށް ހިތްވަރުވެސް ދިން.] ސަރާ ބުންޏެވެ.

[އެހެންތަ. އަދި މިކޮޅަށް އައިފަހަކުން ގެއަކަށް ނުގުޅަމޭ. ދެން ބާއްވަނީ މަންމަމެނާ ގުޅާލަން. ހިތާމަ ނުކުރާތި. އަބަދުވެސް އަހަރެން ސަރާޔާއެކު ވާނޭކަން ހަނދާން ބަހައްޓާތި....] ޢިމްރާން ފޯން ބޭއްވިއެވެ.

ފަހަކަށް އައިސް ނަޝާއަށް މުޅިންވެސް ވިސްނެނީ ކާރުތެރެއިން ފެންނަ ޒުވާނާއާމެދުގައެވެ. މިހާރު ހަމަ ރަނގަޅަށްވެސް އޭނާ އެޒުވާނާއާ ގާތް ގުޅުމެއް އުފައްދަން ބޭނުންވެއްޖެއެވެ.

[ފަހަރީ...އަހަންނަށް ލޯބިވެވިއްޖެ. ލޯބިވެވިއްޖެ. މިހާރު ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ. އަހަންނަށް ހުވަފެނުގައިވެސް ފެންނަނީ އޭނާ. ހޭލާ ހުންނައިރުވެސް ލޯމައްޗަށް ސިފަވަނީ އޭނާގެ ހިތްގައިމު ހިނިތުންވުން. އޭނާގެ އެހިނިތުންވުން އަހަރެން މާނަކުރަނީ އޭނާވެސް އަހަރެން ދެކެ ލޯބިވީޔޭ. ނުވަތަ އަހަންނަށް އެދެޔޭ....] ނަޝާ ބޭރުން އައިސް ވަންގޮތަށް ސަރާއާ ވާހަކަ ދެއްކިއެވެ.

[ތިބުނާ ޒުވާނާއަށް އެނގޭތަ، ނަޝާ އޭނަދެކެ ލޯބިވާކަން؟] ސަރާ އެއްސެވެ.

[ނޫން..ނޭނގޭނެ. އޭނަޔަށް ރަނގަޅަށް އަހަރެން ނުވެސް އެނގޭނެ. ކޮންމެވެސް ދުވަހަކުން އަހަރެން އެޒުވާނާ ފަހަރިއަށް ދައްކާނަން. އޭނަގެ ހިތްގައިމުކަން ފެނިއްޖިއްޔާ ފަހަރިވެސް ހިތްކިޔާފާނެ.] ނަޝާ ސަމާސާކޮށްލިއެވެ.

[ނަޝާ ދައްކާ ވާހަކަ. ތިހެން ފެންނަހާ މީހަކަށް ފަހަރިމެންގެ ހިތެއް ނުކިޔާނެ. ލޯބިވެވޭނީ އެންމެ ފަހަރަކު.] ސަރާ ބުންޏެވެ. އެއީ ޒާހިދާވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ސަރާ ޒާހިދާ ގާތު ނަޝާ ދެއްކި ވާހަކަ ދެއްކިއެވެ.

[ލޯބިވުމަކީ މައްސަލައެއް ނޫން. މަންމަވެސް ވަރަށް ބޭނުން ނަޝާ އުފާވެރި ޙަޔާތެއް ފަށައިގެން އުޅޭތަން ދެކެން.] ޒާހިދާ ނަޝާގެ ބޮލުގައި އަތް ކާއްތާލިއެވެ. ނަޝާ ކުޑަކޮށް ލަދުގަންނަގޮތްވީމާ އޭނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ކާކުދެކެ ލޯބިވާ ވާހަކަތަ އެމަންޖެ ދެއްކީ؟] ނަޝާ ދިޔުމުން ޒާހިދާ ސަރާ ގާތު އެއްސެވެ.

[ނުވެސް ދަންނަ މީހެއްގެ ވާހަކަ ބުނީ. އަދި ނަޝާއަކަށްވެސް އޭނާގެ ނަމެއްވެސް ނޭނގޭ ކަމަށްވަނީ.] ސަރާ ޖަވާބުދިނެވެ.

[އެހެންތަ؟ ސަރާ މަންމަ ކޮންދުވަހަކުތަ އަންނަނީ. ނަޖްމާ ގާތު ބުނޭ ވީހާވެސް އަވަހަކަށް އަންނާށޭ. ރަށުގައި އެކަނިމާއެކަނި އުޅެން އޭނާއަށްވެސް ފަސޭހައެއް ނުވާނެއެއްނު. ދަރިފުޅަށް އެނގޭތަ، އަދިވެސް މިމަންމަގެ ހިތެއް ނުބުނެޔޭ ނިމާލް ދުނިޔޭގައި ނެތެކޭ. އެސޮރު އަދި އަންނާނެ.] ޒާހިދާގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. ނިމާލް ވީނުވީއެއް ނޭނގި ގެއްލުނުތާ ކިތަންމެ ދުވަހެއްވިޔަސް އަދިވެސް އެގޭތެރެއިން ނިމާލްގެ ހަނދާންތަކެއް ފިލައިގެނެއް ނުދެއެވެ. ޒާހިދާ ދޭތެރެ ދޭތެރެއިން ނިމާލްގެ ހަނދާންތައް އާކޮށްފައި ރޮއިވެސް ހަދައެވެ.

[މަންމަ އަންނާނެ އަދި ދެތިން ދުވަސް ފަހުން. ނިމާލްގެ ކަންތަކާ މަންމަ ވަރަށް ބޮޑަށް ހިތާމަކުރޭ. އަހަރެން ގުޅާ ކޮންމެ ފަހަރަކު މަންމަވެސް ރޮއި.] ސަރާވެސް ފެންކަޅިވެއްޖެއެވެ.

[ރަށުގައި ގޭގައި މިހާރު އުޅެނީ ކޮންބައެއްތަ؟] ޒާހިދާ އެއްސެވެ.

[ފުރަތަމަބުރިއާއި ދެވަނަބުރި ހުންނަނީ ކުއްޔަށްދީފައި. ޓީޗަރުން އުޅެނީ....ތިރީގައި އުޅެނީ މަންމަ. މަންމައަށް ކަންތައްތައްކޮށްލަދޭން ސިލޯނު އަންހެނަކުވެސް އުޅޭނެ. މިހާރު މަންމަގެ ޢާއިލާގެ މީހުންވެސް ގުޅުންއޮވޭ. އެންމެންވެސް ބޮޑުބޭބެމެންވެސް ވަރަށްގިނައިން އާދެޔޯ މަންމަ ބުނި.] ސަރާ ބުންޏެވެ.

[އެކަމަކުވެސް ގެނޭ. ސަރާގެ ގާތުގައި އިނދެގެން ލިބޭ ހިތްހަމަޖެހުމެއް ނުލިބޭނެ. ސަރާ ނޫން ކުއްޖަކުވެސް ހުރީކީ ނޫން.] ޒާހިދާ ބުންޏެވެ.

ޢިމްރާން ސިންގަޕޫރުން މާލެ އައި ދުވަހަކީ ނަޖްމާވެސް މާލެ އައި ދުވަހެވެ. ނަޖްމާ އައީ ނިޔާޒް ފޮނުވި ލޯންޗެއްގައެވެ. އެލޯންޗް ލެފި ވަގުތަކީ ޢިމްރާން މާލެ ފޭބި ވަގުތެވެ. އެވަގުތު އޭނަޔަށް ތޮށިގަނޑުމަތީގައި ތިބި ސަރާމެން ފެނުނެވެ. އޭނާއަށް އިޙްސާސް ކުރެވުނީ ސަރާ އޭނާ އަންނަކަން އެނގޭތީ އޭނާގެ އިންތިޒާރުގައި އައިސް ހުރީ ކަމަށެވެ. އެހިނދު އޭނާގެ ހިތުގައި ލުއި މިޔުޒިކެއް ކުޅެލި ކަހަލައެވެ. އޭނާއަށް ހިތާހިތާ ކިޔާލެވުނެވެ.

[ޖާނާ އެ މިތުރާ ބޭޤަރާރުވޭ، ޖާނާއެ މިތުރާ ދީވާނަވޭ

ސަރާއޭ އަލުން އާދޭ، ޙަޔާތަށް މަގޭ އާދޭ

ކެތްވޭހެ ޔާރާ ތިޔަހެން ދުރުގާ އުޅެން....]

މިޔުޒިކީ ރާގުގައި އައި ހިތުގެ ގޮވުމާއެކު ޢިމްރާނަށް ސަރާއާ ދިމާއަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެވަގުތު ސަރާއަށް ކުރިއަށް ފިޔަވަޅު އެޅެން ފަށައިފިއެވެ. އެއީ ނަޖްމާ ތޮށިގަނޑުމައްޗަށް ފޭބި ވަގުތެވެ. ކުރިއަށް އެޅި ފިޔަވަޅާއެކު ސަރާއަށް އޮޅުލައިގަނެވުނީ އޭނާގެ ލޯބިވާ މަންމަގެ ގައިގައެވެ. ޢިމްރާން ހުއްޓުނެވެ. އަނެއްކާވެސް އެރާގު އޭނާގެ ސިކުނޑީގައި ކުޅެލިއެވެ. ސަރާގެ މަންމައަށް ފެނުނީމާ މިހާރު ޢިމްރާން ވަރަށް ލަދުގަނެއެވެ. ވުމާއެކު އެވަގުތު އެތާ ނުހުރެ އޭނާ ގޮސް ކާރަށް އަރައިފިއެވެ. ކާރު ސްޓާޓް ކޮށްލުމާއެކު އިވެން ފެށީ ފަހަކަށްއައިސް އޭނާއަށް އެންމެ ރީތިވި ހިންދީ ލަވައެވެ.

[ޖާނޭހެ ކިތުނާ ބީޗޭނުމަން ޖާނޭހެ ކޭސާ ދީވާނަޕަން

ކަބީނާސުކުންއާޔާ ކަބިނާގަރާޔާ

ޖަބުސޭހެ ތުމްޕޭ މުޖްކޯ ޕިޔާރާޔާ

ލަވައިގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ލޯގަނޑުން ސަރާ ފެނޭތޯ ބަލައިލިއެވެ. އޭރު ސަރާމެންވެސް ގޮސް ކާރަށް އަރައިފިއެވެ. ސަރާމެން އެރީ އެވަގުތު އެތަނަށް އައިސް މަޑުކުރި ކާރަކަށެވެ. އެކާރަކީ ޢިމްރާން ކޮންމެވެސް ތާކުން ދެކެފައިވާ ކާރެކެވެ. ޢިމްރާން ކާރު ދުއްވާލިއެވެ. އޭނާގެ ސިލޯނު ޑްރައިވަރު ހުރީ ފަހަތުގައެވެ. ކާރު ދުއްވާލަމުން ޢިމްރާން ސަރާގެ ހޭންޑް ފޯނަށް ގުޅާލިއެވެ.

[ސަރާ...އައި ލަވް ޔޫ ސަރާ....މަންމަގާތު ބުނައްޗޭ، އަހަންނަށް މަޢާފް ކުރާށޭ....] ޢިމްރާން ވާހަކަ ދެއްކީ ވައި އަޑުންނެވެ. އެވަގުތު ސަރާއަށް ވާހަކަ ދައްކަން ފަސޭހަ ނުވާނޭކަން އެނގޭތީ އޭނާ ފޯނު ބާއްވާލިއެވެ.

[ދަރިފުޅާ...ހިތްވަރު ކުރަންވާނެ...ޙަޤީޤަތުގައި ދަރިފުޅު މަންމައަށްވުރެންވެސް ހިތްވަރުގަދަ....] ނަޖްމާ ސަރާ އޭނާޔާ ގާތަށް ލަފާލަމުން ވާހަކަ ދެއްކިއެވެ.

[އަހަންނަށް ހިތްވަރާއެކު ދިރިއުޅުން ވޭތުކުރަން ދަސްކޮށްދިނީ މަންމަ...އަހަރެން މަންމަ ނަމޫނާއަކަށް ބެލީ.] ސަރާއަށް ރޮވިއްޖެއެވެ. ހިތްވަރު ކުރަން ކިތަންމެ މަސައްކަތް ކުރިޔަސް އޭނާއަށް ރޮވުނެވެ.

[ދަރިފުޅާ...މަންމަގެ ޙަޔާތުގައި ހިތްދަތިކަން ބަރުދާސްތުކުރި ފަންސަވީސް އަހަރު ތެރޭގައި މަދުފަހަރެއްގައި ނޫނީ މަންމަ ކަރުނައަޅާ ނުރޮން. އަޞްލު މަންމައަށް ދަރިފުޅުގެ ބައްޕަ ދިން ހިތްދަތިކަމަށްވުރެން މަންމަގެ ޢާއިލާއިން ދިން ހިތްދަތިކަން މާބޮޑު. އެކަމަކު މަންމަ ކެތްތެރިވީ ދަރިފުޅުގެ ޙައްޤުގައި....މަންމަ ގަސްދުކުރީ ޞާލިޙް ދަރިއެއްގެ ގޮތުގައި ދަރިފުޅު ތަރުބިއްޔަތު ކުރަން. މާތްރަސްކަލާނގެ އިރާދަފުޅުން ވަރަށް ފުރިހަމައަށް އެކަން ކާމިޔާބު ކުރެވުނު.] ނަޖްމާއަށް މިހެން ބުނެވުނު ވަގުތަކީ ކާރު މަޑުކުރި ވަގުތެވެ. ސަރާމެން ކާރުން ފޭބިއެވެ.

[މަންމާ...ގެ ބަލަހައްޓަން ކާކުތަ ޙަވާލު؟] ގެއަށް ވަންނަމުން ސަރާ އެއްސެވެ.

[ބޭބެއާ ޙަވާލުކޮށްފައި މިއައީ. ބޭބެމެން މިހާރު ވަރަށް ރަނގަޅު. ބޭބެގެ ޒޭނާއާއި ހުދުނާ ދުވާލު ގަޑީގައި ގިނައިން އުޅެނީވެސް ގޭގައި...އެހެންވެ މަންމަ ވަރަށް އުފާވޭ. ހުރިހާ ކުދިން ދަރިފުޅަށް ސަލާމް ބުނި. ވިހައިގެން އަވަހަށް ރަށަށް އަންނާށޭވެސް ބުނި.] ނަޖްމާ ބުންޏެވެ.

[ވިހައިގެންވެސް ސަރާ މިގެ ދޫކޮށްފަ ރަށަށްދާކަށް މަންމައަކަށް ނުފެނޭ....ކިތަންމެ ދުވަހެއްވިޔަސް، ސަރާމެނަށް މިގޭގަ އުޅެވޭނެ. ސަރާ އެހެން ކައިވެންޏެއް ކުރިޔަސް މިގޭގަ އުޅެވޭނެ.] ނިމާލްގެ މަންމަ ޒާހިދާ ބުންޏެވެ. ނިމާލްގެ މަންމަގެ އެވާހަކައަކަށް ސަރާ އެއްވެސް ޖަވާބެއް ނުދެއެވެ.

[މަންމަ މިހެން ބުންޏަސް ސަރާއަށް ފެންނަ ގޮތެއް ޚިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެ. ނަޖްމާ އަވަހަށް ހިނގާ ކާން. ނަޖްމާ ހިއެއްނުވޭ ސަރާގެ މަންމަ ހެނެއްވެސް.] ޒާހިދާ ބުންޏެވެ.

[އެއީ!؟] ނަޖްމާ ކުޑަކޮށް ޙައިރާންވިއެވެ.

[ޒުވާންކަމުން. ހީވަނީ ސަރާގެ ދައްތަހެން. އަހަންނަކަށް ނުފެނޭ ނަޖްމާވެސް ޒުވާންކަން އެކަނިވެރިކަންމަތީ ނަގާލާކަށްވެސް.....] ނަޖްމާއާއެކު ކާގެއާ ދިމާއަށް ހިނގައިގަންނަމުން ޒާހިދާ ބުންޏެވެ.

ސަރާގެ ފޯން ރިންގްވާން ފެށީ އެވަގުތުއެވެ. ގުޅީ ޢިމްރާނެވެ.

[ސަރާ...ސަރާގެ ދޮންމަންމަ ވަރަށް...ވަރަށް ހާލުދެރަ....އައި.ސީ.ޔޫ.ގައި އޮތީވެސް.] ޢިމްރާން ޚަބަރުދިނެވެ.

[އޭނ...ދޮންމަންމައަށް ކިހިނެއްވީ؟ ބައްޕަ ކޮބައިތަ؟] ސަރާ ވަރަށް ހާސްވެއްޖެއެވެ.

[މީގެ ގަޑިއެއްހާއިރު ކުރިން ނޭވާ ނުލެވިގެން ތެޅިފޮޅެން ފެށީމާ ގެންދިޔައީ. މިހާރު ދެފަހަރު ހާރޓްއެޓޭކެއް ޖެހިއްޖެ ކަމަށް ޑޮކްޓަރުން ބުނަނީ....] ޢިމްރާން އޮޅުންފިލުވައިދިނެވެ. ހޮސްޕިޓަލަށް އެބަދަމޭ ބުނެފައި ސަރާ ފޯން ބާއްވައިފިއެވެ.

ނިމާލްގެ ކާރުގައި ނަޝާ ކޮންމެވެސްތާކަށް ގޮސްފައިވުމާއެކު ފުރަތަމަ ސަރާ ގުޅީ ޓެކްސީއަކަށެވެ. މަންމަ ގާތު ދޮންމަންމަގެ ހާލު ދެރަ ވާހަކައާއި، އޭނާ ހޮސްޕިޓަލަށް ދާން ބޭނުން ވާހަކަ ބުނީ އެއަށްފަހުގައެވެ.

[މަންމަވެސް ދާނަން....] ކުޑަގޮތަކަށް ކާލައިގެން ނަޖްމާ ނުކުތެވެ. ސަރާމެނަށް ހޮސްޕިޓަލަށް ވަދެވުނު ވަގުތަކީ ތިންވަނަފަހަރަށް ހާޓްއެޓެކެއް ޖެހި ޝާޢިރާ ދުނިޔެ ދޫކުރި ވަގުތެވެ. ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރި ކަމުގައިވިޔަސް، ވަޖްދީއަކަށް ހިތްވަރެއް ނުކުރެވުނެވެ. މަރުވި ޚަބަރާއެކު އޭނާއަށް ރޮއިގަނެވުނެވެ.

[ދަރިފުޅާ ބައްޕަ މުޅިން އެކަނިވެރިވެއްޖެ. ތިދެމައިންގެ އެހީތެރިކަން ބައްޕައަށް މިއަދު ވަރަށް ބޭނުން.] ސަރާ އައިސް ވަނީމާ ދަރިފުޅުގެ ގައިގައި އޮޅުލައިގަނެވުމާއެކު ވަޖްދީއަށް ރޮއިގަނެވިއްޖެއެވެ.

[ބައްޕާ އަހަރެން ބައްޕައަށް އެހީވާނަން. ބައްޕަ ހިތްވަރުކުރޭ. ހިތްވަރުކޮށްފައި ދެން ކުރަންޖެހޭ ކަންތައްތައް ކުރަން އަވަސްވޭ.] ސަރާ ބައްޕައަށް ހިތްވަރުދިނެވެ.

ޝާއިރާގެ ވަކިވެދިއުމަކީ ފަހީމާ މަންޒިލަށްވެސް ލިބުނު ވަރަށްބޮޑު ހިތްދަތިކަމެކެވެ. ހިތާމަތައް ފަހީމާވެސް ބަރުދާސްތު ކުރަމުން ދިޔައީ އެތައް ބައެއްގެ އެހީތެރިކަމާ އެކުގައެވެ.

ޝާޢިރާ މަރުވިތާ ހަފްތާއެއްވީއިރުވެސް ވަޖްދީ ހަމައަކަށް ނޭޅެއެވެ. އެފަދައިން ފަހީމާވެސް ހުންނަނީ ވަރަށްބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

[ވަޖްދީ ހިތްވަރުކުރޭ. މިހާރު ފަހީމާވެސް ހިސާބަކަށް ހަމައަކަށް އެޅިއްޖެ.] ރަފީޤު ވަޖްދީއަށް ހިތްވަރުދިނެވެ.

[އަހަރެންގެ ދަރިފުޅު މަރުވީ...އަންހެނުން މަރުވީ...ދަރިފުޅުގެ ފިރިމީހާ މަރުވީ....މުޅިން އެކަނިވެރިވީ....އަހަންނަށް ހީވަނީ އަހަންނަށް މިލިބެނީ ނަޖްމާއަށް ދެވުނު ހިތްދަތިކަމުގެ އަދަބުހެން...] ވަޖްދީ ބުންޏެވެ. އޭނާ ވަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

[އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ ވަޖްދީގެ ދިރިއުޅުމުގެ އުފާވެރި ދުވަސްތައް. މާބޮޑަށް ފިކުރުނުކޮށް އަވަހަށް އޮފީސް މަސައްކަތަށް ނިކުންނަން ތައްޔާރުވޭ. އޭރުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެ.] ރަފީޤު ވަޖްދީއަށް ހިތްވަރުދެމުން ބުންޏެވެ.

[މިރޭ އެބައޮތް މީޓިންގއެއްވެސް. ޢިމްރާންވީ މިހާރު ރިސޯޓަށް ގޮސް. މާދަމާ ހެނދުނު އާދެވޭވަރުވާނީ. ވަރަށް ބޮޑަށް ގަބޫލުކުރެވޭ އަހަރެމެންނަށް ބިޑް ކާމިޔާބު ކުރެވިދާނޭ ކަމަށް.] ރަފީޤު ބުންޏެވެ.

[އަހަރެން ދާނަން ހިނގާދަމާ...] ވަޖްދީ ނިދާފައި އޮތް މަލަކާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ނުކުތެވެ. އޭގެކުރިން އޭނާ އެގޭގައި ގެންގުޅޭ ސިލޯނު އަންހެން މީހާ މުރުދާ ގާތު އޭނައަށް އާދެވޭނީ މާދަމާ ހެނދުނު ކަމަށާއި، ދަރިފުޅު ރަނގަޅަށް ބެލުމަށް ބުންޏެވެ.

[އެރޭގެ ދަންވަރެވެ. ޝިފްޒާ އެގޭ ބޮޑު ކޮޓަރީގައި އިނދެ ވިސްނަމުން އެދަނީ ޢިމްރާންގެ ވިޔަފާރީގެ ޙިއްޞާ އޭނައަށް ލިބޭނޭ ގޮތަކާ މެދުގައެވެ. އިމްރާނާއި އޭނާގެ ކައިވެންޏަށް ކުއްޖަކު ނުލިބި ޢިމްރާނާ ވަކިވާން ވެއްޖެނަމަ އޭނާގެ މަޤްޞަދު ޙާޞިލު ނުވީއެވެ. ނޫނެކެވެ. އެހެންވިޔަދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އެމަޤްޞަދު ޙާޞިލު ކުރާނެއެވެ. މިފަދަ ވިސްނުންތަކެއްގައި އިނދެފައިމެ އޭނާ މީހަކަށް ފޯނުކޮށްފައި ކޮންމެވެސް ވާހަކަތަކެއް ދައްކައިފިއެވެ. އެފޯންކޯލަށްފަހު އޭނާ ދޮރުމަތީގައި ހުރެ އިންތިޒާރު ކުރަން ފެށިއެވެ. އެއީ ދަންވަރުގެ ވަގުތުކަމުން ގޭގެ ހުރިހާ އެންމެންވެސް ތިބީ ނިދާފައެވެ.

ޒުވާން ޢުމުރުގެ ފިރިހެނަކު ސައިކަލެއްގައި އައިސް އެގޭ ދޮރުމައްޗަށް މަޑުކުރީ ޝިފްޒާ އިންތިޒާރުގައި ހުންނަތާ ގަޑިއެއްހާއިރު ފަހުންނެވެ. އެއީ ޝިފްޒާގެ ކުރީގެ ފިރިމީހާއެވެ.

[ކީއްކުރަން؟ ކޮންވާހަކައެއް ދައްކަންތަ އަހަރެން ތިގެނައީ؟] ސައިކަލް ޕާކްކޮށްފައި އައިސް ޝިފްޒާއާ އަރާހަމަކުރަމުން އޭނާގެ ކުރީގެ ފިރިމީހާ ޔާސީން އެއްސެވެ. އަތުން އިޝާރާތްކޮށްފައި އަންނާށޭ ބުނެފައި ޝިފްޒާ ގޮސް ވަނީ އޭނާ ނިދާ ކޮޓަރިއަށެވެ. ޔާސީންވެސް ގޮސް އެކޮޓަރިއަށް ވަނެވެ.

[ކުއްލިއަކަށް ހަނދާންވީ...ކިހިނެއް އަލަތު ފިރިމީހާގެ މަތިން ހަނދާން ނެތޭނީ. އެބީހުންތަކާއި އެއިޙްސާސްތައް ހަނދާން ނައްތައެއް ނުލެވުނު.] ޝިފްޒާ ޔާސީންއާ ޖެހި ފިތިގެން އިށީނދެ ޔާސީންގެ ފަލަމަސްގަނޑުމަތީގައި އަތް ބާއްވާލިއެވެ. ޔާސީން ޝިފްޒާގެ ލޮލަށް ބަލައިލިއެވެ. އެހިނދު ޝިފްޒާގެ ލޯމަތިން ފާޅުވަމުންދަނީ މަސްތީ އަސަރުތަކެވެ.

އެވަގުތު ޝިފްޒާ އައީ މަޑުމަޑުން ޔާސީންއާ ކައިރިއަށް ޖެހެމުންނެވެ. އިސާހިތު ޔާސީންގެ ދެއަތް ޝިފްޒާ ވަށާލައިފިއެވެ.

އެއީ ބައްދަލުވުން ނިންމުމަށްފަހު ޢިމްރާން ލޯންޗްގައި ރަށަށް ދިޔުމަށް ދަތުރު ފެށި ވަގުތެވެ. ޢިމްރާން ރިސޯޓަށް ދިޔައީ އެރޭ ނިދަން މާލެ ނާދެވޭނެ ވާހަކަ ބުނެފައެވެ. ކުއްލިއަކަށް ޚިޔާލު ބަދަލުވެ ބައްދަލުވުން ނިމުމާއެކު އޭނާ ރަށަށް އެއައީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭނގެއެވެ.

[ޢިމްރާން ނާންނާނެތަ؟] ލައިގެންހުރި ގަމީހުގެ ގޮށްތައް ނައްޓަމުން ޔާސީން ވާހަކަ ދެއްކިއެވެ.

[ނާންނާނެ. މާދަމާ ހަވީރު އަންނާނީ.] އެދެމީހުން އެންމެ ގާތްވި ވަގުތު ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ޔާސީން ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ދުވެފައި ގޮަސް ވަނީ ފާޚާނާއަށެވެ. ޝިފްޒާ ވަގުތުން ނިދާ ހެދުން ލައިފިއެވެ. ޢިމްރާން ދޮރު ހުޅުވާފައި އެތެރެއަށް ވަންއިރު ޝިފްޒާ އޮތީ ނިދާފައެވެ. ޢިމްރާން ވަނީ ފާޚާނާއަށެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ފާޚާނާތެރޭގައި ހުރީ ޒުވާނެކެވެ. އޭނާ ހުރީ ބިރުން ވިރިވިރިއެވެ. އެވަގުތު ޢިމްރާންގެ ދެލޯ އުނގުޅާލިއެވެ. އެއީ ފެނުނު ހުވަފެނެއް ކަމަށް ހިތައެވެ. އެއާއެކު ކުއްލިއަކަށް މުޅިގެއިން ކަރަންޓް ހިނގައްޖެއެވެ. އެއާއެކު ޢިމްރާން އަނދިރީގެ ތެރޭގައި ކަބަޑާ ދިމާއަށް ހިނގައިގަތެވެ. އުއްބައްތިއެއް އަތުޖެހޭތޯއެވެ. އެވަގުތު ނިދީގައި އޮވެމެ ހޭލާފަދަ ގޮތަކަށް ޝިފްޒާ ތެދުވެއްޖެއެވެ.

[ކާ...ކާކު...؟ ނިދިމޫޑުގައި ޝިފްޒާ ވާހަކަ ދެއްކިއެވެ.

[އަހަރެން މިއުޅެނީ ކަރަންޓް ގޮސްގެން. އުއްބައްތިތައް ހުރީ ކޮންތާކު؟] ޢިމްރާން އުއްބައްތިއެއް އަތުޖެހޭތޯ ހޯދަމުން ވާހަކަ ދެއްކިއެވެ. އޭރު އަނދިރީގެ ތެރޭން ޔާސީން އެތަނުން ނުކުމެއްޖެއެވެ.

[ޢިމްރާން..ކޮންއިރަކު އައީ....ސައިޑް ކަބަޑްތެރޭ ހުންނާނެ އުއްބައްތި. ހާދަ ހޫނުވެއްޖެއޭ...ކަރަންޓް ދިޔަތާ ވަަރަށްގިނައިރު ވެއްޖެތަ؟] އުއްބައްތި ދިއްލީ ޝިފްޒާއެވެ. އެވަގުތު ކަރަންޓްވެސް އަތުވެއްޖެއެވެ.

ޢިމްރާން ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. ފާޚާނާއަށް ވަދެވުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. މިހާރަކު އެތާކު އެކަކުވެސް ނެތެވެ.

[ޝިފްޒާ އަހަރެން ފާޚާނާއަށް ވަންއިރު މިތާ ކޮންމެވެސް ފިރިހެނަކު ހުރި. އަނެއްކާ ކިހިނެއްބާ މިވީ. ކޮޓަރި ދޮރުވެސް ހުޅުވާފައެއް ނެތް.] ތެދެކެވެ. ވަންނަމުން ތަޅުލިގޮތަށް ކޮޓަރި ދޮރުވެސް އެހުރީ ތަޅުލާފައެވެ.

[އޭނ!؟ މީހަކު ހުއްޓޭ. ތީ ކިހިނެއްވާނެ ކަމެއް. ރަނގަޅަށް އަހަރެން ހަނދާން އެބަހުރި. އަހަރެން ނިދަން އޮށޯތީ ކޮޓަރި ތަޅުލައިގެން. ކުޑަދޮރެއްވެސް ހަލާކުކޮށްފައެއް ނެތް.] ޝިފްޒާގެ ވާހަކައާއި ރާގުން މީހަކަށް ޝައްކެއްވެސް ނުވާނެއެވެ.

[ކިހިނެއްބާ މިވީ! އަނެއްކާ އަހަންނަށް ފެނުނު ހުވަފެނެއްބާ؟] ޢިމްރާން ބޯހޫރާލިއެވެ. ކުރިންވެސް ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި އޭނާއަށް ވަނީ ފިޔަވަޅުތަކެއް އެޅި ލޯބިވާ ބައިވެރިޔާވެސް ގެއްލިފައެވެ. ވުމާއެކު އެއީ ލިބުނު ފިލާވަޅެއް ކަމަށް ދެކިގެން މިހާރު އޭނާ ކޮންމެ ކަމެއްވެސް ނިންމާނީ ވަރަށް ބަލައި ޔަޤީންކޮށްފައެވެ.

[އަޅާނުލާ...އެއީ އަހަންނަށް ހީވި ހީވުމަކަށްވާނީ...އަންނާނަން ފާޚާނާއަށް ވަދެފައި...] ޢިމްރާން ފާޚާނާއަށް ވަނެވެ. ޝިފްޒާ ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު އެނދުގައި އޮށޯވެލައިފިއެވެ. އެރޭ ޝިފްޒާގެ ރޭވުން ކާމިޔާބު ނުވުމުން އޭނާ ހުރީ ދެވަނަ ފުރްޞަތަކަށްވެސް ވިސްނަ ވިސްނައެވެ.

އޭނާ ހިތާހިތާ އަބަދުވެސް ބުނެއެވެ. މަޤްޞަދު ޙާޞިލް ކުރާނަމެވެ. ޙަޤީޤަތުގައި އޭނާ ޢިމްރާނާ ކައިވެނިކުރީ ލޯބިވެގެން ލޯބި ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. އޭނާއަކީ އަބަދުވެސް ތަނަވަސް މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ މީހެކެވެ. އޭނާ ބޭނުންވަނީ ޢިމްރާންގެ ފަރާތުން މުއްސަނދިކަން ލިބިގަތުމަށްފަހު އޭނާ ލޯބިވާ ބައިވެރިޔާއާ އަލުން ގުޅޭށެވެ. އޭނާ ޔާސީންއަށް އެޔަޤީންކަން ދިންވެސްމެއެވެ. ވުމާއެކު ޔާސީންވެސް އިންތިޒާރު ކުރަމުން ދަނީ އަލުން އޭނާގެ ޙަޔާތަށް ޝިފްޒާ އަންނާނެ ދުވަހަކަށެވެ.

[ނަޞީބް ރަނގަޅުކަމުން ކަރަންޓް ދިޔައީ. އެހެން ނޫންނަމަ ދުވަސް ދިޔައީސް....] ޔާސީނާއި ޝިފްޒާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.

[އޭނާޔަށް އެކައްޗެއްވެސް ނުވިސްނުނު. މިއަދު ބުނި މިރޭވެސް ރިސޯޓަށްދާ ވާހަކަ...އެހެން ބުންޏަސް މިރޭ ރަނގަޅެއް ނުވާނެ.] ޝިފްޒާ ބުންޏެވެ. އެވަގުތު ޢިމްރާން ކޮޓަރިއަށް އައިސް ވަނީމާ ޝިފްޒާ ފޯނު ކަނޑާލިއެވެ. ޝިިފްޒާ ކުރާ ކަމަކާއި، އޭނާ އަޅާ ފިޔަވަޅުތަކަށް ބަލައި، އޭނާއަށް ފާރަލާކަށް އެއްވެސް ހާލެއްގައި ޢިމްރާނެއް ނުވިސްނައެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން ދަނީ ސަރާ ވިހާނޭ ދުވަހަކަށެވެ. ސަރާގެ ބަނޑުގައިވާ ދަރިފުޅު އުފަންވާތާ ސާޅީސްވުމާއެކު އޭނާ ބޭނުންވަނީ ސަރާ އޭނާގެ ޙަޔާތަށް ގެންނާށެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން