މި 5 އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ފުށިދިއްގަރުފަޅަށް ދީފައިވާ ނަމަކީ "ރަސްމާލެ" އެވެ. 1،153 ހެކްޓަރުގެ ބިން މެދުނުކެނޑި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށްފަހު އެތަން ވާނީ ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލުމުން ވާ ވަރުގެ ތިން ގުނަ ބޮޑު ޖާގައެއް އޮންނަ ތަނަކަށެވެ.

"ފުށިދިއްގަރު ހިކިގެން ދިޔުމުން ގެދޮރުގެ މައްސަލަ ދާއިމަށް ހައްލުކޮށް ދޭނަން. މި ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަން ތަކުރާރުކޮށް ދަންނަވަން." ރައީސް ވިދާޅުވިއެވެ.

"ރަސްމާލެ" ހިންގާނީ އިޔާދަކުރަނިވި ހަކަތައިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ސިޓީގައި ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުން ކުރުމުގެ އިތުރަށް އިލެކްޓްރިކް ނިޒާމް ނޫނީ ބެޓެރި ނިޒާމަށް އަހުލުވެރިކުުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރަސްމާލެ އީކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީސްއެއްގައި ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މުޅި ސިޓީ ހިންގާނީ އެހެންވީމަ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިއްކިގެން ދާނީ." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން