ޞާދިރު ޢަލީދީދީ   25 ޖުލައި 2020 - 13:38
ސަރާ
ސަރާ
އެޕިސޯޑް 36

...............

[އޭނަ އަހަންނާ އިނީކީ ލޯތްބަކުން ނޫން. އޭނަ ބޭނުންވީ ފައިސާ. ދެން ބޭނުންވީ މިވިޔަފާރީގެ ޙިއްޞާ. އަހަރެމެން ކުންފުނީގެ އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން ވިޔަފާރީގެ ޙިއްޞާދާރަކަށް ވެވޭނީ ކުއްޖަކު ލިބުމަށްފަހު. އޭނާ އަހަރެން ގާތު ކުއްޖަކު ހޯދުމަށް އެދި ޝަކުވާ ކުރޭ ކޮންމެ ރެއަކުވެސް.] ޢިމްރާން ވާހަކަ ދެއްކީ ނިޔާޒާއެވެ. މިހާރު ފުލުހުން ޝިފްޒާއާއި އޭނާގެ ބައިވެރިޔާ އެފަރާތުގެ ބެއްލެވުމުގެ ދަށަށް ގެންގޮސްފިއެވެ.

މިޙާދިޘާއަށްފަހު ޢިމްރާންމެނަށް ހޮސްޕިޓަލަށް ދެވުނުއިރު ސަރާ ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ.

[އަންހެން ކުއްޖަކު ވިހައިފި....ވަރަށް ލޯބި....] ޢިމްރާންމެން އައިސް ހުއްޓުމާއެކު ޒާހިދާ ބުންޏެވެ. އެއީ ނަޝާވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ. ޢިމްރާން ފެނުމާއެކު ނަޝާ ހުއްޓުނެވެ. މިހާރު އޭނާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައި އެވަނީ ނަޝާއަށެވެ.

[ކޮންއިރަކު ސަރާ ނެރެނީ....] ވިއްސާ ކޮޓަރި ދޮރުމަތީގައި ހުރެ ޢިމްރާން އެއްސެވެ.

[ބައިގަޑިއެއްހާއިރުތެރޭ ނެރޭނެ...] ޒާހިދާ ޖަވާބު ދިނެވެ. ޢިމްރާނާއި ނިޔާޒް ގޮސް ކޮޓަރިއެއް ހިފިއެވެ. މާގިނައިރުތަކެއްނުވެ ޢިމްރާންގެ ބައްޕައާއި ސަރާގެ ބައްޕަވެސް އެތަނަށް އަތުވެއްޖެއެވެ. ސަރާގެ ބައްޕަ ވަޖްދީ ބޭނުންވަނީ ވިހެއުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާގޮތަށް ސަރާ ގޮވައިގެން އޭނާގެ ގެއަށްދާށެވެ.

ސަރާ ވިއްސާ ކޮޓަރިން ނެރުނީ ކޮޓަރި ހިފުމަށްފަހު ޢިމްރާންވެސް ވިއްސާ ކޮޓަރި ކުރިމައްޗަށް އައިތަނާހެންނެވެ. ޢިމްރާން ފެނުމާއެކު ސަރާ ހިނިތުންވެލިއެވެ. އެހިނދު މިޔުޒިކީ ރާގުގައި ޢިމްރާންގެ ހިތުގެ އަޑު ނިކުތް ކަހަލައެވެ.

ޖާނާއެ މިތުރާ ބޭޤަރާރުވޭ، ޖާނާއެ މިތުރާ ދީވާނަވޭ

ސަރާއޭ އަލުން އާދޭ ޙަޔާތަށް މަގޭ އާދޭ

ކެތްވޭހެޔާރާ، ތިޔަހެން ދުރުގާ އުޅެން

ހިތުގެ ގޮވުމުގެ އަޑާއެކު ޢިމްރާނަށް ބޭއިޚްތިޔާރުގައި ސަރާއާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. އޭރު ސަރާ އޮތީ ޢިމްރާނާ ދިމާއަށް އަތް ދިއްކޮށްގެނެވެ. ޢިމްރާން އައިގޮތަށް އައިސް ސަރާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ސަރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އަންނަން ފަށައިފިއެވެ. އެހިނދު ސަރާ ހިތާހިތާ ބުނަމުން ދިޔައެވެ.

[ޢިމްރާނެވެ. ދެން މިއަތުން ދޫކޮށްނުލާށެވެ. ދެން އަހަރެން އެކަނިކޮށްނުލާށެވެ. އަބަދުވެސް އަހަރެން ޢިމްރާންދެކެ ލޯބިވަމެވެ. ވަރަށް...ވަރަށް ބޮޑަށް ލޯބިވަމެވެ. މަންމާއެވެ. އަހަންނާ ޢިމްރާންގެ ލޯތްބަށް ހުރަސްނާޅާށެވެ. މިހާރު އަހަރެން ވަރުބަލިވެއްޖެއެވެ. ހިތާ ދެކޮޅަށް އިތުރު ހަނގުރާމައެއް ކުރާނޭ ހިތްވަރެއް މިހާރަކު އަހަރެންގެ ކިބަޔަކު ނެތެވެ. މާބޮޑަށްވެސް އަހަރެން މިވަނީ ވަރުބަލިވެފައެވެ. ހިތާދެކޮޅަށް ކުރި ހަނގުރާމަވެސް ނާކާމިޔާބުވީއެވެ. ނިމާލާއި އަހަރެންގެ ޒަވާޖަކީ ޙަޤީޤަތުގައިވެސް ހަނގުރާމައެވެ. ނިމާލްދެކެ ލޯބިވުމަށް ކުރެވުނު އެއްވެސް މަސައްކަތެއް އަހަންނަކަށް ކާމިޔާބެއް ނުވިއެވެ. އެކަން އެނގޭ ޙާލުގައި ނިމާލް މިދުނިޔެ ދޫކޮށްދިޔައީއެވެ.] ޚިޔާލީ ފުންކަނޑުން ސަރާ ހޭލައްވާލީ ޚުދު ޢިމްރާނެވެ.

[ސަރާ...ހާދަވަރަކަށް ތިވިސްނަނީ....މާބޮޑަށް ފިކުރުނުކުރޭ. އަހަރެން ދެން ދުވަހަކުވެސް ސަރާގެ އަތުން ދުލެއް ނުކުރާނަން. ސަރާ ބުނޭ ސަރާގެ މަންމަ ގާތު އަހަންނަށް މަޢާފްކުރާށޭ. އަހަންނަށް އުނދަގޫ މަންމައާ ކުރިމަތިލާން.] ޢިމްރާން ނަޖްމާގެ މޫނަށް ބަލައިލުމަށްފަހު ސަރާގެ އަތުން ދޫކޮށްލައިފިއެވެ.

ސަރާ ހޮސްޕިޓަލުން ދޫކޮށްލީ އޭގެ ދެވަނައަށްވީ ދުވަހުއެވެ. ވަޖްދީއާއި ރަފީޤުގެ ވަރަށްބޮޑު ބާރާއެކު ސަރާ ގެންދެވުނީ އޭނާގެ ބައްޕަގެ ގެއަށެވެ. ނަޖްމާއާވެސް އެކުގައެވެ. މިހާރު ޢިމްރާންމެން ނިންމާފައިވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރާށެވެ. ކޮންމެ ގޮތެއްވިޔަސް ސާޅީސް ދުވަހަށްވުރެން އަވަހަކަށް އެކައިވެނި ކުރެވޭކަށް ނެތެވެ. ކައިވެނި ނުކުރެވުނަސް ޢިމްރާނާއި ސަރާ މިހާރު އެތިބީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. މިހާރު ޢިމްރާން ގަބޫލު ކުރެއެވެ. އޭނާއާއި ސަރާގެ ލޯތްބަށް ހުރަސްއަޅާކަށް އެއްވެސް މީހަކު ނާންނާނެއެވެ. އެހެން ނަމަވެސް، ކަމެއް މެދުވެރިވާނީ ކުރިން ބުނެފައެއް ނޫނެވެ. ޤުދްރަތުގެ ރޭވުން އެކަކަށްވެސް ނޭނގޭނެއެވެ. ސަރާއާއި ޢިމްރާންގެ ލޯތްބަށް ކޮންމެފަދަ ހުރަހެއްވެސް ކުރިމަތިވުމަކީ ދުރު ކަމެއް ނޫނެވެ. އެހެން ނަމަވެސް، ސަރާވެސް އެދެނީ އެދެމެދަށް އިތުރު ހުރަހެއް މެދުވެރިނުވުމަށެވެ. މިހާރު ހިތާމައާއި ހިތްދަތިކަން ބަރުދާސްތުކޮށް އޭނާވަނީ ވަރުބަލިވެފައެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުންގޮސް މިހާރު ސަރާ ވިހޭތާ ތިންމަސްވީއެވެ. ސަރާއާއި ޢިމްރާންގެ ކައިވެނީގެ ކަންތައްތައް އެދަނީ ރޭވެމުންނެވެ. ފާއިތުވެދިޔަ ތިންމަސް ދުވަސްތެރޭ ގޮތްނޭނގޭ އަންހެން ކުއްޖެއްގެ އުނދަގޫތައް އިންތިހާއަށް އޭނާއަށް ކުރިމަތިވަމުން އައިސްފައިވެއެވެ. މެދުނުކެނޑި ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ނަޝާ ޢިމްރާނަށް ގުޅައެވެ.

[އަޅެ ޕްލީޒް ޢިމްރާން. އަހަރެން ޢިމްރާންދެކެ ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ.] ތަކުރާރުކޮށް ޢިމްރާނަށް އިވޭ އަޑަކީ މިއީއެވެ. ނަޝާ ގުޅާފައި ކޮންމެ ފަހަރަކުވެސް މިހެން ބުނެފައި ފޯން ބާއްވަނީއެވެ.

ބައެއްފަހަރު ލޯބީގެ އިތުރު ޢިބާރާތްތައްވެސް ބޭނުންކުރެއެވެ. ނަމަވެސް ޢިމްރާންގެ އެއްވެސް ޝައުޤެއް ނުހުރެއެވެ. އޭނާ ތަކުރާރުކޮށް ބުނަމުންދަނީ ސަރާ ނޫން މީހަކު ދެކެ އޭނާއަށް ލޯބިނުވެވޭނޭ ކަމަށާއި، އެހެން ލޯތްބަކަށް ނުވެސް ވިސްނާ ކަމަށެވެ.

[އަޅެ އާދޭސް ކުރަން ޢިމްރާން އަހަންނަށް ލޯބިދީ....ހެވޭ...ދެއަންބަށްވިޔަސް އަހަރެން ޢިމްރާނާ އިނދެފާނަން...] ނަޝާ ރޯންފެށިއެވެ. އެވަރަށް ގުޅާއިރުވެސް ނަޝާ ދުވަހަކުވެސް އޭނާގެ ނަމެއް ޢިމްރާން ގާތު ނުބުނެއެވެ.

[ތީކާކުތަ؟ އަހަންނަކަށް ތީ ކާކު ކަމެއްވެސް ނޭނގެ. ތިގޮތަށް އަހަންނަށް ނުގުޅުމަށް އެދެން.] ޢިމްރާން ބުންޏެވެ.

[އަހަންނަށް ކިޔަނީ ނަޝާ.....އަހަރެން މަރުވެގެންދާނީ ޢިމްރާންގެ ޙައްޤުގައި. ޢިމްރާންގެ ލޯބި ހޯދަން ކުރެވޭ މަސައްކަތުގެ ތެރޭގައި ޢިމްރާނަށްޓަކައި އަހަރެންގެ ފުރާނަ ޤުރްބާންކޮށްލަންވެސް އަހަރެން މިހުރީ ތައްޔާރަށް...އާދޭސް ކުރަން ޢިމްރާން އެންމެފަހަރަކުވެސް އާއެކޭ ބުނެބަލަ. އަހަރެންގެ ސިފަ ދެކެލަން އަހަރެން ބުނާ ތަނަކަށް އައިސްދީބަލަ. ހެޔޮނުވާނެ.] ނަޝާ ވާހަކަ ދެއްކީ ރޮމުން ގިސްލަމުންނެވެ. ޢިމްރާން ވިސްނާލިއެވެ. ވެދާނެއެވެ. އެއީ ކާކުތޯ ދެނެގަންނަން އޭނާ ބޭނުންވަނީއެވެ.

[ކޮންތާކަށް ދާންވީ؟] ޢިމްރާން އިރުކޮޅަކު ވިސްނަން ހުރެފައި އެއްސެވެ.

[ލޮނުޒިޔާރަތްކޮޅަށް. އަހަރެން އިންތިޒާރު ކުރާނަން. އިރުއޮއްސި ހައެއް ޖަހާއިރު....] މިހެން ބުނުމާއެކު ނަޝާ ފޯނު ބާއްވައިފިއެވެ. ޢިމްރާން ނިންމީ އެކަނިމާއެކަނި އެތަނަށް ދިއުމަށެވެ.

ޝިފްޒާގެ ބައްޕަ ކުރިން އަދާކުރި ޢިމްރާންމެންގެ ކުންފުނީގެ ޑްރައިވަރެއްގެ ވަޒީފާއަށް އިތުރު މީހަކު ލެއްވީވެސް އެދުވަހުއެވެ. އެއީ ވަރުގަދަ ތުނބުޅިއަކާއި މަތިމަހެއް ލާފައިވާ މީހެކެވެ. ކިތަންމެ ދިގު ތުނބުޅިއެއް ހުއްޓަސް އޭނާއަކީ ޢުމުރުން ދުވަސްވެފައިވާ މީހެއް ނޫންކަން އެނގެއެވެ. އެއީ އައްޑުއަތޮޅުގެ ކޮންމެވެސް ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ބުނާގޮތުން އޭނާ މާލެ އައިސްގެން އުޅެނީވެސް މުޅިން އަލަށެވެ. ބޮލުގެ އިސްތަށިގަނޑުވެސް އޮންނަނީ ކަނދުރާޔާ ހަމައަށް ދިގުކޮށްފައެވެ.

[ކޮންނަމެއް ކިޔަނީ؟] ޑްރައިވަރާއެކު ކުރި ފުރަތަމަ ދަތުރުގައި ޢިމްރާން އެއްސެވެ.

[ރަޝީދު...ކޮންތާކަށް ދާންވީ؟] ޑްރައިވަރ ރަޝީދު އޭނާގެ ބޮސްއަށް ޖަވާބު ދިނުމަށްފަހު އެއްސެވެ.

[އަހަރެންގެ އޮފީހަށް ބާލާފައި ރަޝީދު ގެއަށްދޭ. އޮފީސްދޮށުގައި ހުންނާނެ އަހަރެންގެ ސައިކަލް. އަހަރެން ގެއަށްދާނީ ސައިކަލުގައި.] ޢިމްރާން ބުންޏެވެ. ޢިމްރާނަށް ޑްރައިވަރުގެ މޫނު ރަނގަޅަށް ފެނުނީ އެވަގުތުއެވެ. ރަޝީދު ފެނުމުން ކޮންމެވެސް މީހަކު ހަނދާންވާން ފެށިއެވެ.

[ދަންނަ މީހަކާ ވައްތަރު. ނިމާލް ކިޔާ މީހަކު ދަންނަންތަ؟] ޢިމްރާން ޑްރައިވަރ ރަޝީދަށް ބަލަން ހުރެފައި އެއްސެވެ.

[އާނ...އަހަރެންގެ ރަށުގައި އުޅޭނެ ބައިވަރު ނިމާލް. އެ އެންމެންވެސް ދަންނަން...] ޑްރައިވަރ ކާރު ދުއްވާލިއެވެ. ޑްރައިވަރ ރަޝީދުގެ އެޖަވާބުން ޢިމްރާން ގާތަށް ހިނިއައެވެ.

[ނިމާލް ކިޔާ މާލޭ މީހަކު ދަންނަންތަ؟] ޢިމްރާން އެއްސެވެ.

[އާނ ދަންނަން...އަހަރެންގެ ރަށަށް ގުސް އުޅުނު މިރަށު މީހަކު. ބޮޑަށް ހަނދާންވަނީ ކޮންމެވެސް މައްސަލައެއްގައި އަރުވާލި މީހެކޭ....] ރަޝީދު ކާރު ދުއްވަމުން ޖަވާބުދިނެވެ. އޭގެކުރިން ދާންވާ މަގު ޢިމްރާން ރަޝީދަށް ބުނެދިނެވެ.

[މައްސަލައެއް ނެތް. އަހަރެން މިބުނާ ނިމާލަކާ ދިމައެއްނުވޭ. އެކަމަކު ރަޝީދުގެ މޫނުމަތިން މިބުނާ ނިމާލް ވަރަށް ބޮޑަށް ހަނދާންވޭ....] ޢިމްރާން ބުންޏެވެ. ރަޝީދު ޢިމްރާން ބުނެދިން މަގުތަކުން ދުއްވަމުން ގޮސް ކާރު ޢިމްރާންގެ އޮފީސް ކުރިމައްޗަށް މަޑުކޮށްފިއެވެ. ޢިމްރާން ކާރުން ފައިބައިގެންގޮސް ސައިކަލަށް އެރިއެވެ. ރަޝީދު ދިޔައީ ގެއަށެވެ. ރަޝީދަކީ މާލޭ މީހަކަށް ނުވާތީއެކު، އޭނާއަށް ވަޒީފާ ދީފައިވަނީ ފަހީމާ މަންޒިލްގައި އުޅެވޭގޮތަށް ކޮޓަރިއެއް ދީފައެވެ. އޭނާ އުޅެން ދައްކާފައިވާ ކޮޓަރި ހުންނަނީ އެގޭގެ ހަތަރުވަނަ ބުރީގައެވެ.

ޢިމްރާން ސައިކަލުގައި ލޮނުޒިޔާރަތްކޮޅަށް ދިޔައިރު، އޭނާގެ އިންތިޒާރުގައި ނަޝާ ހުއްޓެވެ. ފުރަތަމަ ނަޝާހުރީ އޭނާއަށް ފުރަގަސްވާގޮތަށް ކަމުން، އޭނާއަކަށް ނަޝާއެއް ނުފެނުނެވެ. ޢިމްރާން ކަރުކެހިލިއެވެ. އެވަގުތު ނަޝާ ސިހިފައި ޢިމްރާނާ ދިމާއަށް އެނބުރުނެވެ.

[ޢިމްރާން...ޢިމްރާނަށް ގުޅާ މީހަކީ އަހަރެން. އަހަރެން ވަރަށް...ވަރަށް ލޯބިވޭ ޢިމްރާންދެކެ.] ނަޝާ ކުޑަކޮށް ކުރިއަށްޖެހި، ޢިމްރާނާ ކައިރިވެލިއެވެ.

[ނަޝާ...ތީ ނިމާލްގެ ކޮއްކޮއެއް ނޫންތަ؟ ނަޝާ ތިކުރަނީ ވަރަށް ހުތުރު ކަމެއް. ނަޝާއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ، އަހަރެން ސަރާއާ އަލުން ގުޅެން އުޅޭކަން. ސަރާއަކީ ނަޝާގެ ބޭބެގެ ދަރިފުޅުގެ މަންމަ....] ޢިމްރާން އުޅުނީ ނަޝާއަށް ވިސްނައިދޭށެވެ.

[އަހަންނަކީ ނިމާލްގެ ކޮއްކޮއަށްވިޔަސް، ޢިމްރާނާ ކައިވެނި ހެޔޮވާނެއެއްނު. ޢިމްރާނާއި އަހަރެންގެ ގުޅުން ބަދަހިނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް. ޙައްޤު ތެދަށް މިބުނަނީ ސަރާ ފަހަރިއަށްވުރެން ބޮޑަށް އަހަރެން ޢިމްރާންދެކެ ލޯބިވަން. އަހަރެން ފަހަރިއަށްވުރެން ރަނގަޅަށް ޢިމްރާނަށް ލޯބިދޭނަންވެސްމެ.] ނަޝާ އާދޭހުގެ ރާގުގައި ވާހަކަ ދައްކަމުންދިޔައިރު އޭނާގެ ލޮލުން ކަރުނަ އަންނަމުންދިޔައެވެ.

[ވަރަށް...ވަރަށް ސޮރީ....އަހަންނަށް ތިކަމުގައި ނަޝާއަށް އެއްވެސް އެހީއެއް ނުވެވޭނެ. ދެންދަނީ. ނަޝާއަށް ނަޝާއާ އެއްޢުމުރުގެ ޒުވާން ކުއްޖަކުވެސް ލިބިދާނެ. ދެން ނުގުޅާތި.....ގުޅައިފިއްޔާ ނިޔާޒް ގާތު ބުނާނަން.] ޢިމްރާން މިހެން ބުނެފައި ގޮސް ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ނަޝާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

ގެއަށް ގޮސް ސަރާ ގާތު އެވާހަކަ ދައްކާނަމޭވެސް ސަރާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް، ފަހުން އޭނާ ނިންމީ ފުރަތަމަ އެވާހަކަ ނިޔާޒް ގާތު ބުނެގެން ހުއްޓުވުމަށެވެ. ވުމާއެކު އެރޭ އޭނާ ނިޔާޒަށް އެވާހަކަ ކިޔާދިނެވެ. އެވާހަކަ އަޑުއަހަން ނިޔާޒް ހުރީ ގަބޫލުކުރަން ދަތިވެފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

[ނަޝާ ތީ ކޮންކަހަލަ ކުއްޖެއް. ނަޝާ ކޮއްކޮއަށް އެނގެންވާނެއެއްނު، ޢިމްރާނަކީ ބޭބެގެ ބެސްޓް ފްރެންޑް ކަމާއި، ސަރާގެ ބައިވެރިޔާކަން.] ޢިމްރާން އެވާހަކަ ކިޔާދިނީމާ ނަޝާއާ ބައްދަލުކޮށްފައި ނިޔާޒް ބުންޏެވެ. ބޭބެގެ ކުރިމަތީގައި އިސްއުފުލަންވެސް ނުކެރިފައި ނަޝާ ހުރީއެވެ. އެރޭ ނިޔާޒް އެގެއިން ނުކުމެގެން ދިޔައީ އެގޮތުން ޢިމްރާނަށް ނުގުޅުމަށް ތަކުރާރުކޮށް ބުނެފައެވެ. އަނގައިންވެސް ނުބުނެ ނަޝާ ހުރީއެވެ.

އެރޭ ޢިމްރާން ސަރާ ގާތުވެސް ނަޝާގެ ވާހަކަ ކިޔާދިނެވެ. ސަރާ ވަރަށް ޙައިރާންވިއެވެ.

[ލޯބިވުމަކީ މައްސަލައެއް ނޫން. ލޯބިވެވިދާނެ. އެކަމާ އަޅާނުލާ. މާބޮޑަށް ވިސްނަންވެއްޖިއްޔާ ހިތްޖެހިދާނެ.] ސަރާ ސަމާސާކޮށްލިއެވެ.

މިހާރު ސަރާގެ ބައްޕަ ވަޖްދީ އޭނާ ކޮށްފައިވާ ކުށުގެ އަދަބު ލިބިގަންނަނީއެވެ. ދަރިއެއްގެ ގޮތުގައި ޤާނޫނުގެ ކުރިމަތީގައި ސަރާ ގަބޫލުކުރަން ބޭނުންނަމަ، އޭނާ އެއަދަބު ލިބިގަންނަން ޖެހެއެވެ. ނަޖްމާ އޭނާއަށް މަޢާފް ކުރާނޭ ކަމަށް ބުނެފައިވަނީވެސް އެއަދަބު ލިބިގަތުމަށްފަހުގައެވެ. ވަޖްދީ ގަސްދުކޮށްފައިވަނީ އަދަބު ލިބިގަތުމަށްފަހު އައިސް އަލުން ނަޖްމާއާ ގުޅޭށެވެ. އެކަމަކު ނަޖްމާ އެކަމަށް އެއްބަސްވާނޭބާއޭ ހިތަށް އަރައެވެ. ބޮޑު ދަރިޔަކު ހުއްޓަސް އޭނާއަކީ ޢުމުރުން އެހާ ދުވަސްވެފައިވާ އަންހެނެއް ނޫނެވެ. ފަންސަވީސް އަހަރުގެ ސަރާ އޭނާ ވިހާފައިވަނީ އޭނާގެ ޢުމުރުން ސޯޅަ އަހަރުވެސް ނުފުރެނީހެވެ. ވުމާއެކު ސާޅީސް އެއްއަހަރަކީ އަންހެނަކަށް އެހާ ދޮށީ ޢުމުރެއް ނޫނެވެ.

[ރަފީޤު....އަހަރެން މާލެދާންވާއިރަށް ނަޖްމާއާ ވާހަކަ ދައްކައިގެން ކައިވެނި ހަމަޖެއްސޭތޯ ބަލާތި....ކޮންމެހެންވެސް އޭނަ އެއްބަސްކުރުވާތި....] ފޮނުވާލާފައިވާ ރަށުގައި ހުރެ ވަޖްދީ ފޯނުން ރަފީޤާ ވާހަކަ ދެއްކިއެވެ.

[އަހަރެން ނަޖްމާއަށް ވިސްނައިދޭނަން....މިހާރު އަހަރެމެން މިރާވަނީ މިމަސް ނިމޭހާތާ ސަރާއާއި ޢިމްރާންގެ ކައިވެނި އަލުން ކުރުވަން.] ރަފީޤު ބުންޏެވެ.

[ތިއުފަލުގައި އަހަންނަށް ބައިވެރިނުވެވޭނެތާ. މައްސަލައެއް ނެތް. އަހަރެން ނެތް ކަމަށް ނުވިސްނާތި. ޢިމްރާންގެ ކައިވެނިވާނެ ކަމަށް އެބުނާ ދުވަހަކީ ސަރާއާއި ނިމާލްގެ ދަރިފުޅަށް ތިންމަސްފުރޭ ދުވަހެވެ.

އަލަށް އެގެއަށް އައި ޑްރައިވަރ ވަރަށް ގިނައިން އެގޭ ގެންގުޅޭ މީހާއާ ވާހަކަ ދައްކަން ހުންނަތަން ފެނެއެވެ. ދޭތެރެ ދޭތެރެއިން ރުމާލީ ސަރާގެ ކުޑަދަރިފުޅު ގެނެސް ޑްރައިވަރު ރަޝީދު އަތަށް ދެއެވެ. ރުމާލީ ބަލަން ހުއްޓަސް ރަޝީދު އެދަރިފުޅާ ލޯބިކޮށް ހަދައެވެ. މިގޮތަށް ލޯބި ކުރަމުންދާއިރު ބައެއްފަހަރު ރަޝީދުގެ ލޮލުން ކަރުނަވެސް އާދެއެވެ.

[ރަޝީދު ކީއްވެތަ އެކުއްޖާދެކެ ތިވަރަށް ލޯބިވަނީ....ރަޝީދުގެ އެވަރުގެ ކުއްޖަކު އޮންނަނީތަ؟] ރުމާލީ އެއްދުވަހަކު ރަޝީދު ގާތު އެއްސެވެ. އެދުވަހު ރަޝީދު ބުނީ އޭނާގެ ދަރިފުޅާ ވަރަށް ވައްތަރު ކަމަށާއި،އެކުއްޖާ ފެނުމުން ދަރިފުޅު މާބޮޑަށްވެސް ހަނދާންވާ ކަމަށެވެ. މިހާވަރަށް ދަރިފުޅު އުރާ ލޯބިކޮށް ހަދާއިރުވެސް ސަރާއަކަށް އަދި ރަޝީދު ނުފެނެއެވެ. ހީވާކަހަލައެވެ. ސަރާއަށް ފެންނަން ރަޝީދު ބޭނުން ނުވަނީއެވެ. އަދި ދުވަހަކުވެސް ރަޝީދާއި ސަރާ އެއްވަގުތެއްގައި ދިމާނުވެއެވެ. އެހެން ނަމަވެސް، އޭނާ ސިއްރު ސިއްރުން ސަރާއަށް ބަލައެވެ.

މިއަދަކީ ނިމާލްގެ ފާތިޙާ ދުވަހެވެ. ޒާހިދާ ގުޅާފައި ސަރާ ގާތު އެގެއަށް އައިސްދިނުމަށް އެދުމުން ސަރާއާއި ދެކުދިން އަދި މަލަކާގެ ދަރިފުޅު ގޮވައިގެން ދިޔައީ ޢިމްރާނެވެ. ސަރާމެން ގޭގައި ނެތްކަމާއި، ދިޔައީ ނިމާލްގެ ފާތިޙާ ދުވަހަށްވުމުން، އެގެއަށް ކަމަށް ރަޝީދު ގާތު ބުނީ ރުމާލީއެވެ. ރުމާލީ އެހެން ބުނުމާއެކު ރަޝީދުގެ ލޮލުން ކަރުނަ އައެވެ.

އެދުވަހު ފާތިޙާގެ ހުރިހާ ކަމެއް ނިމި، ޢިމްރާނާއި ސަރާ، ކުދިންކޮޅު ގޮވައިގެން ގެއަށް އައުމާއެކު، އިއްތިފާޤުން ރަޝީދަށް ނިމާލްމެންގެއަށް ދާން ޖެހުނެވެ. ސަރާމެނަށް ކުޑަމީހާގެ ބުއްފުޅި އެގޭގައި ބާއްވާފައި އާދެވުމުން އެ ބަލައެވެ.

[އަހަރެން ވަރަށް ވަރަށް ވަރުބަލިވެއްޖެ. ޑްރައިވަރ ރަޝީދު ގާތު ބުނޭ....އެގެއަށް ގޮސް ބުއްފުޅި ހިފައިގެން އަންނާށޭ....] ޢިމްރާން އެނދުގައި އޮށޯންނަމުން ސަރާ ގާތު ބުންޏެވެ. ޑްރައިވަރު ގޭގައި އެބައުޅޭހޭ އަހާފައި ސަރާ ހިނގައިގެންފިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ބޮޑު ކޮޓަރިއަށް ނުކުމެ ޑްރައިވަރުގެ ފޯނަށް ގުޅާލިއެވެ.

[ރަޝީދު ވާހަކަ ދައްކަނީ.] ފޯނު ނަގަމުން ރަޝީދު ވާހަކަ ދެއްކިއެވެ. ސަރާ ހުއްޓުން އެރިއެވެ. އިވުނީ އޭނާ ވަރަށް ދަންނަ ފަރިތަ އަޑެކެވެ. ވުމާއެކު އަދިވެސް އެއަޑު އަހާލުމަށް ސަރާ ބޭނުންވިއެވެ.

[ރަޝީދު ކޮންތާކު ތިހުރީ؟] ސަރާ އެއްސެވެ.

[ބާޒާރުމަތީގައި...ކިހިނެއްތޯ ހަދަންވީ؟] ދެވަނަފަހަރަށް އެއަޑު އިވުމާއެކު ސަރާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ.

[އަހަރެންގެ ދަރިފުޅުގެ ބައްޕަގެ ދަންނަމެންނުދޯ. އެގޭގައި އޮންނާނެ ދަރިފުޅުގެ ބުއްފުޅި. ވަރަށް އަވަހަށް ބުއްފުޅި ގެނެސްދީފާނަން.] ސަރާ އެދުނެވެ. އެއާއެކު އިވުނީ އާއެކޭ ބުނެފައި ފޯން ކަނޑާލި އަޑެވެ.

[ނިމާލްގެ އަޑާ އެއްވެސް ތަފާތެއް ނެތް. ވާހަކަ ދެއްކުމުގެ ރާގުވެސް ވަރަށް އެއްގޮތް. ކާކުބާ އަނެއްކާ އެއީ؟] ސަރާ ހިތާހިތާ ވާހަކަ ދައްކަމުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

ރަޝީދު ކާރު ބާރު ސްޕީޑްގައި ގޮސް އެމަޑުކޮށްލީ ނިމާލްގެ ގޭގެ ދޮރުމައްޗަށެވެ. ދޮރުމައްޗަށް އަރައި ފުރަތަމަ އޭނާ ސަލާމް ގޮވާލިއެވެ. އިސާހިތު ސަލާމް ބަލައިގަތުމަށްފަހު އެނުކުތީ ނިމާލްގެ މަންމަ ޒާހިދާއެވެ. ބޮޑު ތުނބުޅިއެއްލާފައި ހުރި ރަޝީދު ފެނުމާއެކު ޒާހިދާ ހުއްޓުން އެރިއެވެ. މިހާރު އޭނާގެ ކަޅި ހުއްޓިފައި އެހުރީ ސީދާ ރަޝީދުގެ މޫނަށެވެ.

[ކާކުތީ...ވާހަކަ ދައްކާލަބަލަ....] ޒާހިދާ ކަޅިވެސްޖަހާނުލާ ރަޝީދަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ.

[ރަޝީދު...އަހަންނަކީ ޢިމްރާންގެ ޑްރައިވަރު. އަހަރެން މިއައީ ސަރާ ފޮނުވައިގެން ބުއްފުޅި ބަލާ...] ރަޝީދު މިހެން ބުނެފައި އިސް ޖަހާލިއެވެ. ޒާހިދާ ހުރީ ބަސް ހުއްޓިފައި ރަޝީދާ ދިމާއަށް ބަލާށެވެ. ރަޝީދުގެ އަޑާއި ރާގު، އޭނާގެ ދަރިފުޅާ އެއްވެސް ތަފާތެއް ނެތެވެ. ބައެއްފަހަރު ޙަރަކާތް އެއްގޮތްހެންވެސް ހީވެއެވެ.

[ރަޝީދު...ތީ މިރަށު ކުއްޖެއްތަ؟] ދިގު ތުނބުޅިއަކާއި ދިގު އިސްތަށިގަނޑެއްގެ ވެރި ރަޝީދާ ޒާހިދާ ސުވާލު ކުރިއެވެ. ރަޝީދު ފެނުމުން މާބޮޑަށްވެސް އޭނާގެ ދަރިފުޅު އެބަ ހަނދާންވެއެވެ.

[އައްޑުއަތޮޅު މީހެއް...ކިހިނެއްތޯވީ؟] ރަޝީދު ވާހަކަ ދެއްކީ ހިސާބަކަށް އަޑު ބަރުކޮށްގެނެވެ.

[ކަމެއްނުވޭ...މިގެއަށް ގިނަގިނައިން އަންނައްޗޭ....] ޒާހިދާ މިހެން ބުނީމާ އާއެކޭ ބުނެފައި ރަޝީދު އެގެއިން ނުކުމެއްޖެއެވެ.

އެދުވަހު ރަޝީދު ގޮސް ބުއްފުޅި ދިނީ ރުމާލީ އަތަށެވެ. އޭނާ ސަރާޔަށް ފެންނަން ބޭނުންނުވަނީކަންނޭނގެއެވެ. ނުވަތަ އޭނާއަށް ސަރާ ފެނުމުން މާޒީގެ ދުވަސްތަކެއް ހަނދާންވަނީ ކަމަށްވެސް ވެދާނެއެވެ.

ދަންވަރުގެ ހިމޭން ވަގުތެވެ. ފުރަދަންވަރަށްވުމުން މާލޭގެ މަގުތައްވެސް ވަނީ ހިސާބަކަށް ހިމޭންވެފައެވެ. ދޭތެރެއަކުން ޒުވާންފުރާވަރުގެ ފިރިހެން ކުދިންތަކެއް އެފަދަ ކުދިންގެ މަސައްކަތައިގެން އުޅޭތަން ފެނުނަސް މަގުމަތީގެ ހިމޭންކަން ކުޑައެއް ނޫނެވެ. ނިދިފައި އޮތް ސަރާޔަށް ހޭލެވުނީ އޭނާ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެއަޑު އައީ މަގުމަތިން ކަމަށް ލަފާކުރެވެއެވެ. ސަރާ މަޑުމަޑުން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެއަށްފަހު ދޮރުފޮތިގަނޑު ދޭތެރެއިން އޭނާ މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާއާ ދިމާއަށް ބަލަން އެހުރީ ނިމާލެވެ. އޭނާ ސަރާއަށް ހަނާ އަޅަނީއެވެ. ރޮއިރޮއިފައެވެ. ސަރާއަށް ބޭއިޚްތިޔާރުގައި ކޮޓަރިން ނުކުމެވިއްޖެއެވެ. މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ތިރިޔަށްވެސް ފޭބިއްޖެއެވެ. އޭނާއަށް މަގަށް ނުކުމެވުނުއިރު ނިމާލް ހުރީ ސަރާއާ ދިމާއަށް ދެއަތް ދިއްކޮށްގެންނެވެ. އެދެއަތުގެ ތެރެއަށް އައިސް ވަނުމަށް އެދޭ ފަދައިންނެވެ.

ނިމާލްގެ ދެއަތުގެ ތެރެޔަށް ސަރާއަށް ވަދެވުނީ ބޭއިޚްތިޔާރުގައެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


9

ސިއްތި

26-Jul-2020

މި ލިޔުންތެރިޔާގެ ވާހަކަތައް ވަރަށް ރީތި. ވަރަށް ކިޔާހިތްވާ ވާހަކައެއް ހަނދާންވަނީ މި ލިޔުންތެރިޔާގެ ވާހަކައެކޭ.ގެއެއްގަ ގެންގުޅޭ ނޫނީ ކިޔަވަން ހުންނަ އަންހެން ކުއްޖަކު އުޅޭނީ. އެއްރެއަކު އެގޭ ފިރިހެން ކުއްޖާ ގެއަށް އަންނައިރު ހުންނާނީ ހަމައިން ނެއްޓިފަ. ދެން މަންމަމެންނަށް ނުފެންނަނިސް ކޮޓަރިއަށް ގެންގޮސްދޭތަނުުންް އެކުއްޖާާ ރޭޕް ކޮށްލަނީ. ދެން ހޭލެވުނީމަ އުޅޭނެ ހޯދަން. އަންހެން ކުއްޖާ އެގެއިން ނިކުމެގެން ދާފަހުން އެނގޭނީ. ކޮންމެވެސް ނޫހަކުން ކީ ވާހަކައެއްގެ އެއްބައި. މި ވާހަކައިގެ ނަން އެނގޭ ކުއްޖަކު ނެތްތަ؟


28

ޝަމާ

25-Jul-2020

ދިވެހިން އާންމު ކޮށް ލިޔާ ދިގު ވާހަކަ ތަކުގަ ނުހުންނަ އެތަައް ކަމެއް މިވާހަކަ އިން އެބަފެނެ އަސްލު ވަރަށް މޮޅު ވާހަކަ އެއް


8

ސަނާ

25-Jul-2020

ވަރަށް ސަޅި މިހާރު ވަރަށް ޝައުގު ވެރި



ޓްރެންޑިން