ރާއްޖޭގެ 7 ސަރަހައްދެއްގައި 7 އަރބަން ސެންޓަރ ތަރައްގީކުރާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވީ ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުން ނަގާފައި، ދެން އެންމެ އިސްކަމެއް ދޭނީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގައި ހުރިހާ ސަރަޙައްދެއްގައި، ރާއްޖޭގެ މެދުތެރެ، އުތުރު، ދެކުނު، ހުރިހާ ސަރަޙައްދެއްގައި އިރާދަކުރެއްވިއްޔާ، ޕްލޭންކޮށްގެން ގެދޮރުވެރިކަމުގެ ފުރުޞަތުތައް ހުޅުވާލަދީ، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އުތުރާއި ދެކުނުގައި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ޤާއިމުކުރެވި، އެ ސަރަޙައްދުތަކަކީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެ ސަރަޙައްދުތަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެކަށީގެންވާ ވަރަށް ގެދޮރުވެރިކަން ލިބޭ އަދި ތަރައްޤީގެ ފުރުޞަތުތައް އޮތް ސަރަޙައްދުތަކަކަށް ހަދައިދޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުތުރާއި ދެކުނުގެ ކަނޑައެޅޭ އެކި ރަށްރަށަކީ، އެ ރަށްރަށް ތަރައްޤީ ކުރެވި، 7 އަރބަން ސެންޓަރެއް ގޮތުގައި 7 ސަރަޙައްދެއް ތަރައްޤީ ކުރާނެ ރަށްތަކެއްކަމަށެވެ. އަދި އެ ސަރަޙައްދުތަކަކީވެސް މި ދެންނެވި ގޮތަށް ގެދޮރުވެރިކަމުގައި އެކަށީގެންވާ ވަރަކަށް ފުރުޞަތު ލިބިފައިވާ، ހައުސިންގ ސްޓޮކް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައިވާ އަދި ތަޢުލީމާއި، ޞިއްޙީ އަދި އެކިކަހަލަ ވަޒީފާގެ ފުރުޞަތުތައް ޤާއިމުކުރެވިފައިވާ ސަރަޙައްދުތަކަށް ހަދައިދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި، މާލެއާއި މާލެ ކައިރީގައި އޮތް މި ސަރަޙައްދުގައި، ގްރޭޓަރ މާލެ، މި ސަރަޙައްދަކީވެސް ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދިއެދި ތިބި މި ބޮޑު މައްސަލައަށް ހައްލު ގެނެސްދޭވަރުގެ ތަރައްޤީގެ މަޝްރޫޢެއް ހިންގައިދޭނެ ސަރަޙައްދަކަށް ހަދައިދޭނެ ކަމުގެ ވަޢުދު ސަރުކާރުން ވެފައިވާކަމަށެވެ.

އެ ވަޢުދުގެ ދަށުން ފެށޭ އެންމެ މުހިންމު މަޝްރޫޢު މިއަދު މި ފެށިފައިވާކަމަށާއި މިއާއެކީގައިވެސް ގުޅިފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުވެސް، މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާބޮޑުތަނުން ހިއްކަން ނިންމާފައިިވާކަމަށް ރައީސް ވިދާޅުވިއެވެ.

"24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލެމޭޝަން ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ލޭންޑް، ބިން އިތުރުވެގެންދާނެ ގުޅިފަޅަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅުގައިވެސް، މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ އިތުރުކުރެވި، އިތުރު 50 ހެކްޓަރު ހިއްކާނެކަމަށެވެ. އަދި އެ ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަޙައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަޙައްދަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން