މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކަމާއިއެކު ރަށުގައި ނުވަތަ ގޭގައި ތިއްބަވައިގެންވެސް މިހާރު އެކައުންޓު ހުޅުވުމާއި، ފައިނޭންސިންގެ ޚިދުމަތްތަކަށް އެދެވޭ ގޮތަށް ބޭންކުގެ އޮންލައިން ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްފައިވާކަމަށް އެބޭންކުން ހާމަކޮށްފިއެވެ.

އެގޮތުން އެބޭންކުން ވަނީ 'އުޖާލާނައު' ގެ ނަމުގައި ފައިނޭންސިންގ ކަސްޓަމަރުންނަށް ޚާއްޞަކޮށް ޕޯޓަލެއް ލޯންޗުކޮށްފައެވެ. މިޕޯޓަލް މެދުވެރިކޮށް އުޖާލާ ދިރިއުޅުން ފައިނޭންސިންގެ ދަށުން މުދާނެގުމާއި ފައިސާނެގުމަށް އެދި ހުށައެޅޭނެއެވެ. އަދި އެޕްލިކޭޝަންއާއި ގުޅިގެން އަންނަ އެއްބަސްވުން ބަލައިގަތުމުގެ މަރުހަލާވެސް ކުރިއަށްދާނީ އޮންލައިންކޮށެވެ. މީގެއިތުރުން ކަސްޓަމަރު އައްޔަނުކުރާފަރާތަކަށް ފިހާރައިން މުދާ ނެގުމުގެ އިންތިޒާމުވެސް އޮންލައިންކޮށް ހަމަޖެހިގެންދާނެއެވެ.

ބޭންކުން މަޢުލޫމާތުދޭގޮތުގައި ފައިނޭންސިންގއަށް އެދުމަށް އެކައުންޓެއް ނެތް ނަމަވެސް ބޭންކުގެ "އެޕްލައިނައު" އަދި އީފާސް މެދުވެރިކޮށް އޮންލައިންކޮށް އެކައުންޓުވެސް ހުޅުވާލެވޭނެއެވެ.

އުޖާލާ ދިރިއުޅުން ފައިނޭންސިންއަކީ ރާއްޖޭގެ އެންމެ މަޤްބޫލުއެއް ފައިނޭންސިން ސްކީމެވެ. ލިބިލައްވާ މުސާރަ ނުވަތަ ކުލީގެ ނިސްބަތުން ބޮޑު ކްރެޑިޓް ލިމިޓެއް އުޖާލާ ދިރިއުޅުމުގެ ދަށުން ލިބޭއިރު ދިރިއުޅުމަށް ބޭނުންވާ އެކި ބާވަތްތަކުގެ މުދާ، ސައިކަލު، އައުޓްބޯޑު އިންޖީނު، އިމާރާތްކުރާ ސަމާނު މި ސްކީމްގެ ދަށުން ނެގޭނެއެވެ. އަދި އެމްއައިބީ މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް ފައިސާ ހޯދުމަށް އުޖާލާ ކޭޝްއަށްވެސް މިހާރު އެދެވޭނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މައިގަނޑު ގިނަ ޚިދުމަތްތައް އޮންލައިންވެގެން އައުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހައެއް ކަމުގައި އެބޭންކުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން