"ލޮނުޒިޔާރަތް ބަގީޗާ" - ފޮޓޯ: ޕީއެސްއެމް
"ލޮނުޒިޔާރަތް ބަގީޗާ" - ފޮޓޯ: ޕީއެސްއެމް
މާލޭ ސިނަމާލެ ބްރިޖް ސަރަޙައްދުގައި ތަރައްގީކުރަމުން އަންނަ ޕާކު، "ލޮނުޒިޔާރަތް ބަގީޗާ" ގެ ނަމުގައި މި ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ޕާކުގެ ބޮޑު ބައި ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޮނުޒިޔާރަތް ކޮޅުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ފެށިއިރު އެތަނުގެ ބައެއް މަސައްކަތްތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރިކަމުގެ ތުހުމަތު، ސިޓީ ކައުންސިލުގެ މެމްބަރަކު ވަނީ ކޮށްފަ އެވެ.

އެ ޕާކް ތަރައްޤީ ކޮށްފައިވަނީ، ގިނަ ޢަދަދެއްގެ ގަސްގަހާގެއްސާއެކު ޕޮންޑަކާއި ހިލް ނުވަތަ ފަރުބަދަ އެއްވެސް ހިމެނޭ ގޮތަށެވެ. އަދި އާއްމުން އިށީއިނދެ ތިބުމަށް ޚާއްޞަ 300 އަށްވުރެ ގިނަ ބެންޗާއި، ކުޑަކުދިންނަށް ޚާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޭނެއްވެސް ވަނީ ހިމަނާފައެވެ. އަދި މީގެއިތުރަށް ޕާކުގެ ވަކި ސަރަޙައްދެއް ކަސްރަތުކުރާ މީހުންނަށްވެސްވަނީ ޚާއްސަކޮށްފައެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ފުރޮޅުލީ ގޮނޑީގައި ވެސް އުޅެވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ. މީގެއިތުރުން އުނދޯއްޔާއި ހޮޅުއަށި ފަދަ ތަންތަން ވެސް އެތަނުގައި ހަދާފައިވާއިރު ފާހާނާ ބަރިއެއް ވެސް މި ޕާކުގައި ހިމެނެއެވެ.

ޕާކުގެތެރޭގައި ކާބޯތަކެތި ލިބޭނެހެން ފުޑް އައުޓްލެޓްތައް ހެދުމުގެ ވިސްނުން މިވަގުތު ނެތްކަމަށާއި، ބޭނުންވަނީ އެ ސަރަޙައްދުގައި ޚިދުމަތްދޭ ވިޔަފާރިތަކަށް މިކަމުން ފައިދާއެއް ކުރުންކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން