ޞާދިރު ޢަލީދީދީ   26 ޖުލައި 2020 - 13:55
ސަރާ
ސަރާ
އެޕިސޯޑް 37

...............

ސަރާ މަޑުމަޑުން ގޮސް ކުޑަދޮރު ހުޅުވާލިއެވެ. އެއަށްފަހު ދޮރުފޮތިގަނޑު ދޭތެރެއިން އޭނާ މަގުމައްޗަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާއާ ދިމާއަށް ބަލަން އެހުރީ ނިމާލެވެ. އޭނާ ސަރާއަށް ހަނާ އަޅަނީއެވެ. ރޮއިރޮއިފައެވެ. ސަރާއަށް ބޭއިޚްތިޔާރުގައި ކޮޓަރިން ނުކުމެވިއްޖެއެވެ. މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް ތިރިޔަށްވެސް ފޭބިއްޖެއެވެ. އޭނާއަށް މަގަށް ނުކުމެވުނުއިރު ނިމާލް ހުރީ ސަރާއާ ދިމާއަށް ދެއަތް ދިއްކޮށްގެންނެވެ. އެދެއަތުގެ ތެރެއަށް އައިސް ވަނުމަށް އެދޭ ފަދައިންނެވެ.

ނިމާލްގެ ދެއަތުގެ ތެރެޔަށް ސަރާއަށް ވަދެވުނީ ބޭއިޚްތިޔާރުގައެވެ.

[ނިމާލް...ކޮންތާކުންތަ ތިއައީ....ނިމާލް ތިޔަހުރީ އަލުން އައިސްތަ؟ ބުނެބަލަ. ވާހަކަ ދައްކަބަލަ. މިއޮއްހާ ދުވަހު ކޮންތާކުތަ ނިމާލް އުޅުނީ؟] ނިމާލްގެ މޭގައި ބޯއަޅައިގެން އޮވެ ސަރާ ރޮމުން ދިޔައެވެ.

[އަހަރެން ސަރާޔާ ދުރަކަށް ނުދަން...ދުވަހަކުވެސް ނުދާނަން. ނުވެސް ދެވޭނެ. ސަރާ އަހަރެންދެކެ ލޯބިނުވިޔަސް، އަހަރެން ސަރާދެކެ ވަރަށް ވަރަށް ލޯބިވޭ. ވަރަށް ލޯބިވޭ....] ނިމާލް ވާހަކަ ދެއްކީ ރޮއިރޮއިފައެވެ.

[އަޅެ ނިމާލް. ނިމާލް ހަމަ އައީތަ....] ސަރާޔަށް މިހެން ބުނެވުނުތަނާ އެތަނަށް އައިސް އެހުއްޓުނީ ޢިމްރާނެވެ. ޢިމްރާން ފެނުމާއެކު ސަރާ ނިމާލާ ދުރަށް ޖެހިލިއެވެ. އޭރު ނިމާލްގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދަނީއެވެ. މިނުތަނަވަސް ހުވަފެނުން ސަރާއަށް ހޭލެވުނީ އެހާ ހިސާބުންނެވެ. އޭރު ސަރާ އޮތީ ދާހިއްލާފޯވެފައެވެ. ފުންމައިގެން ތެދުވެ އޭނާ ވަށައިގެން ހޯދަންވެސް ފަށައިފިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިހާރު ސަރާގެ ހިތްވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

[މަންމާ ނިމާލް މަރުނުވާ ކަމުގެ އިޙްސާސްތައް އަހަންނަށް އެބަ ކުރެވޭ. މިހާރު އަހަރެން ބިރުގަންނަން ފަށައިފި......] ސަރާ ހެނދުނު ތެދުވެ އޭނާގެ މަންމަ ނަޖްމާއަށް ހުވަފެން ކިޔާދިނުމަށްފަހު ބުންޏެވެ.

[ތިގޮތަށް ނުވިސްނާ. އެރޭ ނިމާލް ލައިގެން ހުރި ހެދުންވެސް ވަނީ ފެނިފައި. ދުނިޔޭގައި ހުރިނަމަ ސަރާއާއި ދަަރިފުޅު ފެންނަފަށަށް ނައިހެއް ނިމާލް ނުހުންނާނެ.] ނަޖްމާ ބުންޏެވެ.

[މަންމާ، އެކަމަކު އަހަރެންގެ ހިތް އެބަބުނޭ، ނިމާލް ދުނިޔޭގައި އެބަހުއްޓޭ. ނިމާލް މަރެއް ނުވެޔޭ.] ސަރާ މަންމަގެ މޭގައި ބޯއަޅާލިއެވެ.

[އަލުން ޢިމްރާނާ ކައިވެނި ކުރީމާ ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެ. މިހާރު ކައިވެންޏަށް ތާރީޚްވެސް ވަނީ ކަނޑައެޅިފައި. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.] ނަޖްމާ ނުހަނު ލޯތްބާއެކު ސަރާގެ ބޮލުގައި ފިރުމާލިއެވެ.

ނިޔާޒް ކިތަންމެ ނަޞޭޙަތް ދިން ކަމުގައިވިޔަސް، ނަޝާ ޢިމްރާނަށް ގުޅުން ހުއްޓައެއް ނުލައެވެ. ނަޝާ ކިތަންމެ ގިނައިން ގުޅި ކަމުގައިވިޔަސް، ޢިމްރާނެއް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އޭނާ ފޯނު ބާއްވަނީއެވެ. ވާހަކަ ދައްކަން ވަގުތު ނެތް ކަމަށް ބުނެފައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. ޢިމްރާނާއި ސަރާގެ ކައިވެނި ކުރާ ދުވަހާ ދިމާކޮށް ޢިމްރާންގެ ކޮއްކޮ ޝީކާވެސް މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ޝީކާގެ ކިޔެވުމުގެ ފަހު މަރްޙަލާވެސް ވަނީ ކަޑައްތު ކޮށްފައެވެ. މިހާރު ޝީކާއަކީ ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރެކެވެ. ޝީކާ އައުމުން ޢިމްރާންމެން ވިސްނާފައިވަނީ ފެންވަރު ރަނގަޅު ކްލިނިކެއް ޤާއިމު ކުރުމަށެވެ. އެއީ ޝީކާ ހޯދި ޑޮކްޓްރީ ފާހުގެ އިނާމެއްގެ ގޮތުންދެވޭ ހަދިޔާއެކެވެ.

[ޝީކާ ބަލާ މަންމަ ދާނަންތަ؟] ޢިމްރާން ވާހަކަ ދެއްކީ އޭނާގެ މަންމަ ފަހީމާއާއެވެ.

[އާނ...މަންމަވެސް ދާނަން. ކީއްވެ ނުދާންވީ؟] ފަހީމާ ބުންޏެވެ.

އެދުވަސް ވެގެންދިޔައީ އެގެއަށް ވަރަށް އުފާވެރިކަން ގެނެސްދިން ދުވަހަކަށެވެ. ޑޮކްޓަރ ޝީކާއަށް މަރްޙަބާ ކިޔުމަށްޓަކައި ގޭގެ ހުރިހާ ނޯކަރުންތައްވެސް ތިބީ ނަލަހެދިލައިގެނެވެ.

[ދަރިފުޅު ޑޮކްޓަރަކަށްވެގެން އަންނާނޭ ދުވަހަކަށް ދައްތަ އިންތިޒާރު ކުރާތާ ވަރަށް ދުވަސްވެއްޖެ. މިއަދު ދައްތަ ވަރަށް އުފާވެއްޖެ.] ފަހީމާ ޝީކާގެ ބޮލުގައި ފިރުމާލިއެވެ.

[ދައްތާ އަހަރެން ނެތިސް މިގޭތެރޭ ވަރަށްގިނަ ކަންތައްތައް ވެގެން ހިނގައްޖެ. ރައްޒާޤު އޭނާގެ ދަރިފުޅު ދެކެލަން އާދޭތަ؟] ޝީކާ އެއްސެވެ.

[ދޭތެރެއަކުން ވަދެލާ. ރައްޒާޤާމެދު ޝީކާ ފިކުރުނުކުރޭ. އޭނަވެސް މިހާރު ވަރަށް ބޮޑަށް އިޞްލާޙުވެއްޖެ.] މިފަހަރު ޝީކާއާ ވާހަކަ ދެއްކީ ސަރާއެވެ.

[ސަރާ ފަހަރިއާއި އިމޫބޭގެ ކައިވެނި ކޮންއިރަކުންތަ ކުރެވެނީ. އިމޫބޭބެ މިޖެހެނީ އަބަދުވެސް ކައިވެނިކުރާހާ. ފުރަތަމަ އެޅުނު ބިންގާ ރަނގަޅަށް ނޭޅުނީމާ ދިމާވާ ކަންތައް ހައްތާވެސް...] ޝީކާ ޢިމްރާނާ ދިމާކުރިއެވެ.

[ހެވޭ...ޑޮކްޓަރ ޝީކާ ހުންނާނީ ދުވަހަކު ކައިވެންޏެއް ނުކޮށް ކަމަށްވެސް ވެދާނެއެއްނު.....] ޢިމްރާންވެސް ޝީކާއާ ދިމާކޮށްލިއެވެ.

[އައްދޭ...ވަރަށް އަވަހަށް އަހަރެން މެރީ ކުރާނަން...އެކަމަކު އަހަރެން މެރީ ކުރާނީ ދުވަހަކުވެސް އަހަރެން ވަރިކޮށް އެކަހެރިކޮށްނުލާނޭފަދަ މީހަކާ. އެފަދަ ބައިވެރިޔަކު ފެންނަންދެން އަހަރެން އިންތިޒާރު ކުރާނީ.] ޑޮކްޓަރ ޝީކާ ސަރާގެ އުނގުގައި އޮތް ދަރިފުޅު އުރާލިއެވެ.

[ނިތްކުރީގައި ތިޔަހެއް ލިޔެފައިވާ މީހަކު ފެނޭތޯ ހޯދަންތާ ޖެހޭނީ.] ޢިމްރާން ނިކަން ބާރަށް ހީނގަތެވެ.

ޝީކާ މާލެއައިތާ ދެވަނައަށްވީ ދުވަހު އަލުން ސަރާއާއި ޢިމްރާންގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކައިވެނި ކުރެވުމުން ޢިމްރާން އެހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އޭނާ ހީކުރެއެވެ. ދެން އޭނާއާއި ސަރާގެ ލޯތްބަށް ހުރަސްއަޅާކަށް އެކަކުވެސް ނާންނާނެއެވެ. އޭނާއަށް ސަރާގެ ލޯބި މިލްކުވީއެވެ. ޢިމްރާން ކިތަންމެ ހިތްހަމަޖެހިފައި ހުއްޓަސް ސަރާ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. ނިމާލް މަރުނުވެ ދުނިޔޭގައި އެބައުޅެއޭ އޭނާގެ ހިތް ބުނަނީއެވެ.

[މާބޮޑަށް ދެން ފިކުރުނުކުރޭ ސަރާ...އަހަރެމެންގެ ލޯތްބަކަށް ހުރަސްއަޅާނެ އެއްވެސް ބާރެއް ނެތް. އުފާކުރޭ. ހިތާމައާއި ހިތްދަތިކަން ބަރުދާސްތު ކުރާތާ އެތަކެއް ދުވަސްތަކެއް ފަހުން މިރޭ މިވަނީ އެކަކު އަނެކަކަށް ލޯބި ލިބިފައި....] ޢިމްރާން ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

[އަދިވެސް ނަޝާ އިމޫއަށް ގުޅައެއްނު.] ޢިމްރާންގެ މޭގައި ބޯއަޅައިގެން އޮވެ ސަރާ ހަނދާންކޮށްލަދިނެވެ. ޢިމްރާން އެއްމިޔަކަނުން ހީނލިއެވެ.

[އޭނަ ގުޅިއްޔާ ކީއްތަ؟ އަހަރެން ވާހަކައެއް ނުދައްކަމޭ.] ޢިމްރާން ސަރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

[ޢިމްރާން...އަހަންނަށް ހީވަނީ ނިމާލް ދުނިޔޭގައި އެބަހުރިހެން...] ސަރާއަށް މިހެން ބުނެވުނު ވަގުތު ކޮޓަރީގެ ކުޑަދޮރުގެ ބޭރުން މީހެއްގެ ހިޔަނި ފެނުނެވެ. ސަރާ ފުންމައިގެން ތެދުވިއެވެ. އެހިޔަނި ސަރާއާ ދިމާއަށް އަތްހޫރާހެންވެސް ހީވެއެވެ.

[އިމޫ...އެހުރީ ކާކު؟.....ޢިމްރާނަކަށް ނުފެނޭތަ؟] ސަރާ ކުޑަދޮރުގެ ބޭރުން ފެނުނު ހިޔަންޏާ ދިމާއަށް އިނގިލި ދިއްކުރަމުން ބުންޏެވެ.

[ސާބަސް ސަރާ. އަހަންނަކަށް އެއްވެސް މީހަކު ނުފެނޭ....މަޑުކޮށްބަލަ އަހަރެން އަންނާނަން ބަލާފަ.....] ޢިމްރާން ކުޑަދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އޭރުވެސް ޢިމްރާނަކަށް އެއްވެސް މީހަކު ނުފެނެއެވެ. ޙަޤީޤަތުގައި ސަރާއަށްވެސް ފެންނަނީކީ ނޫނެވެ. އޭނާއަށް ހީވަނީއެވެ. ނިމާލް ދުނިޔޭގައި ހުރި ކަމަށް ގަބޫލު ކުރެވޭތީ އޭނާއަށް ޝައްކު ވަނީއެވެ.

ޢިމްރާން ކުޑަދޮރުތައް ހުޅުވައި ބޭރު ބަލައިލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ.

[ސަރާ ތިއުޅެނީ މީގެ އެތައް ދުވަހެއް ކުރިން މަރުވެފައިވާ މީހަކު އަލުން ދުނިޔެއަށް ގެންނަން. ކިހިނެއްތަ އެކަން ކުރާނީ؟] ދޮރުތައް ލައްޕާލަމުން ޢިމްރާން އައިސް ސަރާގެ ގާތުގައި އިށީނެވެ.

ސަރާއަށް އަލުން އޭނާގެ ލޯބި ލިބިއްޖެއެވެ. ޢިމްރާނަށްވެސް މިހާރު އެވަނީ އަލުން ލޯބި ލިބުމުގެ ހިތްހަމަޖެހުން ޙާޞިލްވެފައެވެ.

ދެން ސަރާ އެންމެ ބޭނުންވަނީ އޭނާގެ މަންމަގެ ލޯބި މަންމައަށް ހޯދައިދޭށެވެ. އެލޯބި ހޯދުމަށް ކިތަންމެ ބޭނުން ނޫން ކަމަށް ބުންޏަސް، މަންމަ އެކަމަށް ބޭނުންވާނޭކަން ސަރާއަށް އެނގެއެވެ. އެހެންވެ އަލުން ސަރާއާއި ޢިމްރާންގެ ކައިވެނި ކުރެވުނުތާ ދެތިން ދުވަސްފަހުން ސަރާ އޭނާގެ މަންމަގާތު މަންމައާއި ބައްޕަ އަލުން ގުޅުމަށް އެދުނެވެ.

[މަންމާ..މަންމަ ބައްޕައާ ގުޅިގެން އުޅޭތަން ދެކެން އަހަރެން ވަރަށް ބޭނުން. މާގިނަ ދުވަސްތަކެއްނުވެ ބައްޕަވެސް މާލެ އަންނާނެ. މަންމަވެސް އާއެކޭ ބުނޭ. ބައްޕަވެސް މަންމަގެ އެހީ ވަރަށް ބޭނުންވާނެ.] ސަރާ އޭނާގެ މަންމައާ ވާހަކަ ދެއްކީ ބަދިގެފަރާތުގައި ހުރެއެވެ.

[ތިކަމާ މަންމަ ވިސްނާނަން. ދަރިފުޅު ތިހެން ބުނަނީ. ދަރިފުޅުގެ ބައްޕައެއް ނޫޅެއޭ މަންމައާ ގުޅޭކަށް.] ނަޖްމާ ބުންޏެވެ.

[ނޫން..މަންމާ...ބައްޕަ މިހާރު ވަރަށް ބޭނުންވާނެ މަންމައާ ގުޅެން. އަހަރެންގެ ޙައްޤުގައިވެސް ބައްޕަ ބޭނުންވާނެ މަންމައާ ގުޅެން. ބައްޕަ ގުޅިއޭ ރޭގައިވެސް. ގުޅާ ކޮންމެ ފަހަރަކުވެސް މަންމަގެ ޙާލު އަހާނެ. މަންމަ ހުންނަނީ އަދިވެސް ބައްޕަދެކެ ރުޅިއައިސްފަހޭވެސް އަހާ....]

[ދެން ދަރިފުޅުގެ ބައްޕަ ގުޅީމާ ބުނޭ، މަންމަ ރުޅިއެއް ނޫނޭ. މިހާރު ވެދިޔަތަން މަންމަ ހަނދާން ނައްތާލައިފީމޭ.] ނަޖްމާ ބުންޏެވެ. ސަރާގެ ހިތް އުފަލުން ފުރުނެވެ.

ޢިމްރާނާއި ސަރާގެ ކައިވެނި ކުރެވުނަސް، އަދިވެސް ނަޝާ ޢިމްރާންގެ ފަހަތުން ނައްޓައެއް ނުލައެވެ. އޭނާ ޢިމްރާނަށް ގުޅާ އުނދަގޫ ކުރެއެވެ.

[އަހަރެން ޢިމްރާންގެ ލޯބި ހޯދާނަން...] އެންމެފަހުން ޢިމްރާނަށް ފޯނުކުރިފަހަރު ނަޝާ ބުނެފައިވެއެވެ. އެދުވަހު ޢިމްރާންގެ ގާތަށް ހިސާބަކަށް ރުޅިވެސް އައެވެ.

[ނަޝާ ތީ ކޮންކަހަލަ އަންހެން ކުއްޖެއްތަ؟ މޮޔަވީތަ؟] އެދުވަހު ޢިމްރާން ބުންޏެވެ.

[އާނ ޢިމްރާންގެ ލޯތްބަށް އެދި މޮޔަވެއްޖެ. ޢިމްރާންގެ ލޯބީގައި އަހަރެން މޮޔަވެއްޖެނަމަ ދުވަހަކުވެސް ޢިމްރާނަށް މަޢާފެއް ނުކުރާނަން.] ނަޝާ ވާހަކަ ދެއްކީ ރޮއިރޮއިފައެވެ. އައި ރުޅިން ޢިމްރާން ފޯން އޮފްކޮށްލިއެވެ.

[ސަރާ...ކިހާ ދެރަކަމެއް ދެން. ފޯން އޮން ކުރާއިރަށް އެނަޝާ އެބަގުޅާ.] ހީވަނީ މޮޔަ ބޮލަށް އަރައިގެން އުޅޭހެން. މިހާރު އަހަރެން އެބަ ވިސްނަން، ދުވަސްކޮޅަކަށް މާލެއާ ދުރަށްދާން....] ޢިމްރާނާއި ސަރާ ވާހަކަ ދައްކަން ތިބީ ކޮޓަރިތެރޭގައެވެ.

[ހަފްތާއެއްހާ ދުވަސް ވަންދެން ރަށުގައި އުޅެލަން ރަށަށްދަމާ. އޭރުން ހިސާބަކަށް ހަމަޖެހިދާނެކަންނޭނގެ.] ސަރާ ޚިޔާލުދިނެވެ.

[ތިކަހަލަ ގޮތެއް ރާވަން މިވިސްނަނީ. އެކަމަކު ހުރިހާ ކުދިންތައް ގޮވައިގެން އެކަނިމާއެކަނި އުޅެން ސަރާއަށް ވަރަށް އުނދަގޫވެސްވާނެ. މިހާރު ސަރާ ބަލަންޖެހޭ ތިންކުދިން އެބަތިބި.] ޢިމްރާން ވިސްނީ ސަރާއާ މެދުގައެވެ.

[މަންމަވެސް ދާނެއެއްނު. އޭރުން އުނދަގުލެއް ނުވާނެ. އަހަންނަށްވެސް އެނގޭ، މާބޮޑަށް މީހަކު ބޮލުގައި ކޮށަންޏާ އުނދަގޫވާނޭވަރު. ތިކަމާހުރެ ރަނގަޅަށް މަސައްކަތް ކުރަންވެސް ފަސޭހައެއް ނުވާނެ.] ސަރާ ބުންޏެވެ.

[ފުރަތަމަ ނަންބަރު ބަދަލު ކުރަންވީކަންނޭނގެ. އެއީވެސް ފަސޭހަ ކަމެއް ނޫން. ވިޔަފާރި ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ނަންބަރެއް ކިހިނެއްތަ ބަދަލުކުރާނީވެސް. ވަރަށް އުނދަގޫ ކަމަކަށްވާނީ....] ޢިމްރާނަށް ހަދާނޭގޮތް ހުސްވިކަހަލައެވެ.

[އޭނަ ގުޅީމާ ފޯނު ނުނަގާނީ...އެހެންނޫނީ ކިތަންމެ ގިނައިން ގުޅިޔަސް ވާހަކަ ނުދައްކާނީ. އޭރުން އެނިމުނީނު. ޢިމްރާން މާބޮޑަށް ހާސްވަނީއޭ.] ސަރާ ލަފާދިނެވެ.

[އޭނަ ގުޅާނީ އެކި ނަންބަރުތަކުން. މިހާރު އެއްގޮތަކަށްވެސް ކުރިން ގުޅާ ނަންބަރަކުން ނުގުޅާ.] ޢިމްރާން ބުންޏެވެ.

ޢިމްރާންމެންގެ ޒަވާޖީ ޙަޔާތެއް ފަށައިގެން ދިރިއުޅުމައިގެން ކުރިއަށްދާއިރު، އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ އަދިވެސް އެހުންނަނީއެވެ. އޭނާ ޒަވާޖީ ޙަޔާތަކާމެދު ނުވިސްނަނީބާއޭ ހިތަށްއަރައެވެ.

[ވިސްނަން. މިހާރު ކައިވެންޏަކާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން. އެކަމަކު އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާ، އޭނާ ކިޔަވަން ހުރި ޤައުމުން މީހަކާ ރައްޓެހިވެ އަހަންނަށް ބޭވަފާތެރިވީމާ މިހުންނަނީ ވަރަށް ބޮޑަށް ފޫހިވެފަ.] ނިޔާޒް ވާހަކަ ދެއްކީ ޑޮކްޓަރ ޝީކާއާއެވެ.

[އަހަންނާ ނިޔާޒަށް މިދިމާވީ އެއްކަހަލަ ގޮތެއްތާ.] ޝީކާ ބުންޏެވެ.

[ރަނގަޅަށް ތިބުނީ...އަހަރެންގެ ދިރިއުޅުމަށް ގެންނަން އަހަރެން ބޭނުންވަނީ އަހަންނަށް ތެދުވެރި ވަފާތެރިވާނޭ ކުއްޖެއް. މިހާރު ޝީކާމެން ކަހަލަ ތެދުވެރި އަންހެން ކުދިން ވަރަށްމަދޭ....] ނިޔާޒް ލޮލުގެ ކުޑަކޮޅުން ޝީކާއަށް ބަލައިލިއެވެ.

[އަހަރެންވެސް ބުނަންވީދޯ؟ ނިޔާޒްމެން ކަހަލަ ތެދުވެރި ފިރިހެނުން ވަރަށްމަދޭ...] ޝީކާ ހީނގަތެވެ. ފަހަކަށްއައިސް ޝީކާއާއި ނިޔާޒް ވަރަށް ގިނައިން ވާހަކަ ދައްކަން ތިބެއެވެ. އެމީހުން ދައްކަނީ ކޮންވާހަކަތަކެއްކަން ނޭނގޭތީ، ބައެއް މީހުން އެދެމީހުންގެ ގުޅުމާ ދޭތެރޭ ޝައްކުވެސް ކުރެއެވެ.

[ކަލޭމެންގެ ތިއޮންނަނީ ރަނގަޅު ގުޅުމެއް ނޫން. މިހާރު ކޮންމެ ރެޔަކުވެސް ސިޓިންގރޫމްގައި ވާހަކަ ދައްކަން އެބަތިބޭ. ތީކީ ރަނގަޅު ގުޅުމެއް ނޫން. ހަނދާންކުރާތި، ޝީކާއަކީ އަހަރެންގެ ކޮއްކޮއެއްކަން. އަހަންނަށް ސިއްރުކޮށް އެއްވެސް ކަމެއް ނުކުރެވޭނެ.] ޢިމްރާން ނިޔާޒާ ދިމާކުރީ އޮފީހުގައި އިނދެފައެވެ.

[ފިސާރި ތެދެއް މިބުނީ އަދި އަހަރެމެންގެ ދޭތެރޭ ތިހީކުރާކަހަލަ އެއްވެސް ގުޅުމެއް ނެތް. ފަހުންވާނޭ ގޮތެއް އަދި ނޭނގެ.] ނިޔާޒް ބުންޏެވެ.

[ނިޔާޒް ކުރަން ރަނގަޅު ކަމެއްތީ. އޭރުން އެކުވެރިކަން އިތުރަށް ބަދަހިވެސްވާނެއެއްނު.] ޢިމްރާން ހީނގަތެވެ.

އެވަގުތު ޢިމްރާންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުކުރީ ސަރާއެވެ.

[ޢިމްރާން، ނިމާލް މަންމަ ބުނި ކުޑަމީހާ ގޮވައިގެން އެގެއަށް އައިސްދީބަލާށޯ. ކިހިނެއް ހަދަންވީ؟] ސަރާ އެއްސެވެ.

[ޑްރައިވަރ ރަޝީދާއެކުދޭ....] ޢިމްރާން މިހެން ބުނީމާ އާއެކޭ ބުނެފައި ސަރާ ފޯނު ބާއްވައިފިއެވެ. އެއަށްފަހު އޭނާ ދެކުދިން ތައްޔާރުކޮށްލައިގެން ނުކުމެއްޖެއެވެ. އޭރު ބޮޑު ކޮޓަރީގައި ފަހީމާއާއި ރުމާލީ ޓީ.ވީ ޕްރޮގްރާމެއް ބަލަން ތިއްބެވެ.

[ދަރިފުޅާ ކޮންތާކަށް؟] ފަހީމާ އެއްސެވެ.

[ކުޑަމީހާގެ މާމަ އެގެއަށް އައިސްބަލާށޭ ބުނީމާ. ކޮބައިތަ ރަޝީދު، ޢިމްރާން ބުނި ރަޝީދާއެކު ދާށޭ....] ސަރާ މިހެން ބުނީމާ ފަހީމާ ރަޝީދަށް ގޮވައިފިއެވެ. އޭގެ މާގިނައިރުތަކެއްނުވެ ރަޝީދު ތިރިއަށް ފައިބައިގެން އަންނަ އަޑު އިވުނެވެ. ރަޝީދަށް ބޮޑުކޮޓަރީގައި ހުރި ސަރާ ފެނުނީ ސިޑީގެ ފަހު ހަރުފަތަށް އެރުނުފަހުންނެވެ. އެވަގުތު ސަރާއަށްވެސް ރަޝީދު ފެނުނެވެ. އެއާއެކު ސަރާގެ ދެލޯ ބޮޑުވިއެވެ. ރަޝީދު ފޭބުމާއެކު ފަހީމާ، ސަރާމެން ނިމާލްގެ ގެއަށް ގެންގޮސްދިނުމަށް ބުނީމާ، ރަޝީދު މަޑުވެސްކޮށްނުލާ ނުކުމެއްޖެއެވެ. ފަހަތުން ސަރާމެންވެސް ނުކުތެވެ.

[ކާކުތީ....؟] ހާސްވެފައި ހުރި ސަރާ ބޭރަށް ނުކުމެ، ރަޝީދާ ސުވާލުކުރިއެވެ.

[ރަޝީދު...ކިހިނެއްވީ؟] އެއީ ހަމަ އެއަޑެވެ. އެއްވެސް ތަފާތެއް ނެތެވެ. ސިފަވެސް އެހާމެ އެއްގޮތެވެ. ސަރާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ރަޝީދު އިތުރަށް ސަރާއާ ދިމާއަށް ބަލާވެސް ނުލައެވެ. އޭނާ ކާރަށް އަރައިފިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ސަރާވެސް ކާރުގެ ފަހަތު ޝީޓްގައި އިށީނދެއްޖެއެވެ.

[ސަރާ މީކާ ދީފާނަންތަ އަހަރެންގެ އަތަށް. އަހަރެން ވަރަށް ތިވަރުގެ ކުދިން އުރާހިތްވޭ...] ރަޝީދު އެބުނީ ސަރާއާއި ނިމާލްގެ ދަރިފުޅުގެ ވާހަކައެވެ. ބަސްހުއްޓިފައި އިން ސަރާ ތުއްތު މީކާާ ރަޝީދާ ދިމާއަށް ދިއްކޮށްލިއެވެ. މީކާ އުނގުގައި ބޭންދުމަށްފަހު ރަޝީދު ކާރު ދުއްވާލައިފިއެވެ.

[ވަރަށް ލޯބި ކުއްޖެއް. މިކުއްޖާގެ ބައްޕަ ދުނިޔޭގައި ހުރިނަމަ މިކުއްޖާދެކެ ވަރަށް ލޯބިވާނެ.] ރަޝީދު ކާރު ދުއްވާލަމުން މީކާ އޭނާގެ ގަޔާލާ ބޮނޑިކޮށްލައިފިއެވެ.

[ރަޝީދު...ދޮގު ނުހަދާ ބުނެބަލަ، ރަޝީދު ތީ ކާކުތަ؟ ރަޝީދު ފެނުމުން އަހަންނަށް ކޮންމެވެސް މީހަކު އެބަ ހަނދާންވޭ. އަޑުވެސް ތަފާތެއްނެތް. މީކާގެ ބައްޕަ ރަޝީދު ދަންނަންތަ؟] ސަރާއަށް ބޭއިޚްތިޔާރުގައި އެހުނެވެ.

[ނޫން...ނުދަންނަން. ޢިމްރާންވެސް ބުނި، ދަންނަ މީހަކާ ވައްތަރޭ. އަހަންނަކީވެސް ތިބުނާ ނިމާލްގެ ބައްޕަގެ ދަރިޔަކަށްވެސް ވެދާނެތާ، ކިހިނެއް އެނގޭނީ....ނިމާލަކީ މާލޭ މީހެއް. އަހަންނަކީ އައްޑުއަތޮޅު މީހެއް...] ރަޝީދު ބުންޏެވެ.

[އެކަމަކު ރަޝީދު ފެނުމުން ނިމާލް ވަރަށް ހަނދާންވޭ. އަހަންނަށް ހީވަނީ ތިޔަ ތުނބުޅި ބާލައި ބޯކޮށާލަނިކޮށް ނިމާލާ އެއްވެސް ތަފާތެއް ނުވާނެހެން.] ސަރާ ހިސާބަކަށް ހަމަޖެހުނެވެ.

[ތިޔަހާ ވައްތަރިއްޔާ މީކާ ލައްވާ ބައްޕަތާ ކިޔުއްވަންވީ....އެކަމަކު ތުނބުޅި ބާލައިފިއްޔާ ހިއެއްނުވޭ ވައްތަރުވާނޭހެނެއް. އަހަރެންގެ މޫނުގެ ކަނާތްފަރާތުގައި ހުންނާނެ ވަރަށްބޮޑު ކަޅުތިލައެއް. އަޞްލު ތުނބުޅި ދިގުކޮށްގެން މިއުޅެނީވެސް އެތަން ފޮރުވަން.] ރަޝީދު މިހެން ބުނެފައި މީކާގެ ކޮލުގައި ލޯބިކޮށްލިއެވެ.

[މީ ޑްރައިވަރު ބައްޕަ. ހުރިހާ ކުދިންވެސް ޑްރައިވަރު ބައްޕަ ކިޔަންވާނީ.] ރަޝީދު ލޯގަނޑުން ފަހަތު ޝީޓްގައި އިން ސަރާގެ މޫނަށް ބަލައިލިއެވެ. ސަރާ ކަޅިޖަހާނުލާ ބަލަމުންދަނީ ރަޝީދާ ދިމާއަށެވެ.

ކާރު ނިމާލްމެންގޭ ދޮރުމައްޗަށް މަޑުކުރިއިރުވެސް ސަރާހުރީ ޚިޔާލީ ދުނިޔެއެއްގައެވެ. ނިމާލްގެ ހެޔޮކަމާއި އޯގާތެރިކަން އޭނާގެ ހަނދާނަށް އަންނަނީއެވެ. ނިމާލް އޭނާދެކެ އިންތިހާއަށް ލޯބިވިއެވެ. ނިމާލް އޭނާއަށް ލޯބިދިންވެސްމެއެވެ. އޯގާތެރި ހިޔަލެއްގެ ދަށުގައެވެ.

[ސަރާދެކެ ނިމާލް ވަރަށް ލޯބިވިދޯ؟] ސަރާ ކާރުން ފޭބި ވަގުތު ރަޝީދު ސުވާލުކުރިއެވެ. ރަޝީދުގެ އެޖުމްލައާއެކު ސަރާއަށް ތެޅިގަނެވުނެވެ.

[ވަރަށް...ވަރަށް ލޯބިވި....] ސަރާ މިހެން ބުނެފައި ދެކުދިންނާއެކު އެތެރެއަށް ވަނެވެ. ގެއަށްދާންވީމާ ގުޅާށޭ ބުނެފައި ރަޝީދު ކާރު ދުއްވާލައިފިއެވެ. އެދުވަހު ސަރާއަށް ވަރަށް ބޮޑަށް ނިމާލްގެ މަތިން ހަނދާންވިއެވެ.

އޭނާ ޙާލުގައިޖެހި ނިކަމެތިވި ޙާލުގައި އޯގާތެރި ހިތަކުން ފިރުމާލަދީ އެހީތެރިވީ ދުވަސްތައް ހަނދާނަށް އައިސް، އޭނާގެ ލޮލުން ކަރުނަ އައެވެ. ގައިމެވެ. ނިމާލް ދިން ލޯތްބާއި އޯގާތެރިކަމުގެ ބަދަލުގައި އެއްވެސް އެއްޗެއް އޭނާއަކަށް ދެވިފައެއް ނުވެއެވެ. ނިމާލް ދުނިޔެ ދޫކޮށްގޮސްފައިވަނީ ސަރާގެ ފުށުން ލޯބި ނުލިބުމުގެ ހިތްދަތިކަމުގައި ހުރެއެވެ.

ސަރާގެ ލޯބި ހޯދަން ނިމާލް ވަރަށް މަސައްކަތް ކުރިއެވެ. ނިމާލް ގެއްލުނުތާ ކުޑަދުވަސްކޮޅެއް ކުރިން އޭނާއަށް (ސަރާއަށް) ނިމާލް ގާތު ބުނެވިފައިވަނީ އޭނާ މަސައްކަތް ކޮށްކޮށްވެސް ނިމާލްދެކެ ލޯބި ނުވެވުނު ކަމަށެވެ. ޔަޤީނެވެ. އެއީ ނިމާލަށް ބަރުދާސްތު ކުރެވޭވަރުގެ ހިތްދަތިކަމެއް ނޫނެވެ. އޭނާ ދުނިޔެ ދޫކުރުން ގުޅިފައިވަނީ އެސަބަބާ ކަމަށްވެސް ވެދާނެއެވެ.

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން