ޞާދިރު ޢަލީދީދީ   28 ޖުލައި 2020 - 15:5
ސަރާ
ސަރާ
އެޕިސޯޑް 39

...............

[އަހަރެންވެސް ފުރަތަމަ އެއްވެސް ވަރަކަށް ނިޔާޒާމެދު ނުވިސްނަން. އެކަމަކު މިހާރު މިހުރީ ނިޔާޒާ ދޭތެރޭ އެންމެ ފުންކޮށް ވިސްނާ ޙާލުގައި.] ޝީކާ ނިޔާޒްގެ ލޮލުގެ ތެރެއަށް ބަލަން އިނދެފައި ބުންޏެވެ. ނިޔާޒް ޝީކާގެ އަތުގައި ހިފާލިއެވެ. މިހާރު އެދެޒުވާނުން އެތިބީ އެކަކު އަނެކަކަށް ގުޅި، ދެހިތުގައި ވަރުގަދަ ލޯތްބެއް އުފެދިފައެވެ.

[މާގިނަ ދުވަހު މިގޮތަށް ރައްޓެހިވެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ވެއިޓަރު ގެނައި ކާތަކެއްޗަށް އިންޞާފު ކުރަން ފަށަމުން ނިޔާޒް މިހެން ބުނީމާ ޑޮކްޓަރ ޝީކާއަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ.

[އެއީ ކީއްވެ! ތިބުނީ ކުޑަދުވަސްކޮޅެއް ފަހުން އަހަރެން ދޫކޮށްލާނޭ ވާހަކަތަ؟ ތިހެންވިއްޔާ ކީއްކުރަންތަ ނިޔާޒް އަހަންނާ ރައްޓެހިވީ. ލޯބިވާ ކަމަށް ބުނެ ދޮގުހެދީ ކީއްވެ...؟] ޝީކާ އުޅުނީ ތެދުވެގެން ހިނގައިގަންނާށެވެ.

[ޝީކާ...އަހަރެންގެ ވާހަކައިގެ މާނަ އޮޅުވާލައިގެން ނުވިސްނަބަލަ.....އަހަރެން ބުނީ މާގިނަ ދުވަހު ރައްޓެހިވެގެން ނޫޅެ ކައިވެނި ކުރާ ވާހަކައޭ....] ނިޔާޒް ޝީކާގެ އަތުގައި ހިފެހެއްޓިއެވެ. ޝީކާގެ ގާތަށް ހިނިއައެވެ. އޭނާ ރަކިވެސްވިއެވެ.

[އަވަހަށް ކައިވެނި ހަމަޖައްސާ....އަހަރެން ހޮސްޕިޓަލްގެ ވަޒީފާއަށް ނުކުންނާނީ ކައިވެންޏަށްފަހު....] ހިތްހަމަޖެހިފައި ހުރެ ޝީކާ ބުންޏެވެ.

[ޢިމްރާނާވެސް ވާހަކަ ދައްކަންވާނެ. އަހަރެން ހުރިހާކަމެއް ވަރަށްއަވަހަށް ރެޑީ ކުރާނަން. ޝީކާވެސް ތައްޔާރުވޭ....] ނިޔާޒް ބުންޏެވެ.

[ނުވާނަން ތައްޔާރެއް...ތިޔަ ކައިވެނި ކުރާކަށް އަހަރެން ބޭނުމެއް ނޫން.] ނަޝާ ވާހަކަ ދެއްކީ އޭނާގެ މަންމަ ޒާހިދާއާއެވެ. އޭރު ނަޝާއަށްވަނީ ރޮވޭގޮތްވެފައެވެ.

[ދަރިފުޅާ...ތިހެން ނުބުނޭ. ފަސީޙަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ދާއިމަށް ދަރިފުޅު އުފަލުގައި ގެންގުޅޭނެ. އެވަރުގެ ކުއްޖަކު ދަރިފުޅުގެ ކައިވެންޏަށް އެދުމުން، މަންމަވެސް މިހުރީ ވަރަށް އުފާވެފައި...] ޒާހިދާ މަސައްކަތް ކުރަމުންދިޔައީ ނަޝާއަށް ވިސްނައިދެވޭތޯއެވެ.

[ކިތަންމެ ރަނގަޅަސް އަހަރެންގެ ފަރުވާލެއް ނެތް....އަހަރެން ބޭނުންވަނީ ހަމައެކަނި ޢިމްރާން. އަހަރެން ލޯބިވަނީ ޢިމްރާންދެކެ....މަންމާ ކީއްތަވާނީ ޢިމްރާން ދެއަންބަށް އަހަންނާ އިނިއްޔާ....] ނަޝާ ރޮނީއެވެ.

[ދަރިފުޅާ ހާދަ މޮޔައޭ...ފަސީޙް ޢިމްރާނަށްވުރެން މާރަނގަޅުވާނެ. ދަރިފުޅު ކިތަންމެ އާދޭސްކުރިޔަސް ތިބުނާ ކަމަކަށް މަންމަމެނެއް އެއްބަހެއް ނުވާނަން...އަވަހަށް ތައްޔާރުވޭ. ބައްޕަ އަންނަންވާއިރަށް ތައްޔާރުވާށޭ ބައްޕަ ގުޅާފައި ބުނި.] ޒާހިދާ މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ.

މިހާރަކަށް އައިސް ސަރާއަށް މާބޮޑަށްވެސް ނިމާލްގެ މަތިން ހަނދާންވެ ވިސްނެނީއެވެ. ޚާއްޞަކޮށް، ނިމާލްގެ ސިޓީ ލިބުމާއެކު، އޭނާގެ ސިކުނޑިވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ދޭތެރެ ދޭތެރެއިން އޭނާ އެސިޓީ ޢިމްރާނަށް ނުފެންނާހެން ކިޔާ ހަދައެވެ. އެސިޓީ ކިޔާ ކޮންމެ ފަހަރަކުވެސް އޭނާއަށް ރޮވެއެވެ. ގިސްލެވެއެވެ. އޭނާދެކެ އިންތިހާއަށް ލޯބިވި އޯގާތެރި ބައިވެރިޔަކު މިދުނިޔެ ދޫކޮށްދިޔައީއެވެ. އޭނާގެ ފުށުން ކުޑަވެސް ހިތްހަމަޖެހުމެއް ޙިއްޞާނުކޮށެވެ. މިހާރުވެސް ސަރާ އެހުރީ އާދައިގެ މަތިން އެސިޓީ ކިޔާށެވެ. ރޮއިރޮއިފައެވެ. ގިސްލަ ގިސްލާފައެވެ. ޢިމްރާނަށް ކޮޓަރިއަށް ވަދެވުނީ ސަރާ މިގޮތަށް ރޮއިރޮއިފައި އެސިޓީ ކިޔަމުން ދަނިކޮށެވެ. ސަރާގެ ޙަރަކާތްތަކަށް ބަލަން ފުރަތަމަ ޢިމްރާން ދޮރުމަތީގައި ހުއްޓުނެވެ.

[ސަރާ...ކިހިނެއްވީ؟] ޢިމްރާން އައިގޮތަށް އައިސް ސަރާ އަތުގައި އޮތް ސިޓީ އަތުލައިފިއެވެ.

[އަދިވެސް މީތި ކިޔާފަ ތިރޮނީ...އަހަރެން ބުނީމެއް ނޫންތަ އެދުވަހުވެސް މީތި ވީދާލާށޭ. މިއިން ކޮން ހިތްހަމަޖެހުމެއް ލިބޭތީތަ ސަރާ މިރައްކާކޮށްގެން އިރުއިރުކޮޅާ ނަގައިގެން ކިޔަމުން ތިދަނީ...] ޢިމްރާން އެސިޓީ ވީދާލިއެވެ.

[ޢިމްރާން....ނިމާލްގެ ހެޔޮކަމާއި އޯގާތެރިކަމުގެ މަތިން މާބޮޑަށް ހަނދާންވަނީ އަހަރެން...ހިތަށްއަރަނީ އަހަންނަކީ އެއްވެސް ރަޙްމެއް ނެތް މީހެކޭ....އޭނަ އަހަރެން ދޫކޮށްފަދިޔައީ އަހަންނަށް ބުނެވުނު އެއްޗަކުން. އަހަރެން ބޭނުން އޭނާގެ ކިބައިން މަޢާފަށް އެދެން.] ސަރާ ރޮމުން ޢިމްރާންގެ މޭގައި ބޯއަޅާލިއެވެ.

[ތިވަރަށް ސަރާ އޭނާގެ މަތިން ހަނދާންވަނީ އޭނާދެކެ ލޯބިވެސްވެވޭތީ...ކުއްލިއަކަށް ކީއްވެތަ އޭނާގެ މަތިން ހަނދާންވެ ރޯންވީ؟] ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހިފައި ހުރެ ޢިމްރާން ބުންޏެވެ.

[ޢިމްރާން...މިގޭ ޑްރައިވަރަކަށް އުޅޭ ރަޝީދުގެ ސަބަބުން މާބޮޑަށްވެސް ނިމާލްގެ މަތިން ހަނދާންވޭ. އޭނާގެ ކޮންމެ ޙަރަކާތެއްވެސް ނިމާލާ ވަރަށް އެއްގޮތް. އޭނާ ފެނުމުން ވަރަށްބޮޑަށް ފިނިވޭ....] ސަރާ ޢިމްރާންގެ މޭގެތެރޭ ބޮނޑިވެލައިގެން އޮވެ ބުންޏެވެ.

[މިއަދުން ފެށިގެން ރަޝީދު ވަޒީފާއިން ވަކިކޮށް ފޮނުވާލާނަން. އޭނާގެ ސަބަބުން ސަރާގެ ހިތަށް އުނދަގޫވަންޏާ އޭނާ މިގޭތެރެއަކު ނުބެހެއްޓޭނެ.] ޢިމްރާން ނުކުތެވެ.

[ނޫން..ޢިމްރާން އޭނަ ވަޒީފާއިން ވަކިނުކުރާތި....މީހަކަށް އެވަރުގެ ބޮޑު ދެރައެއްދޭކަށް ނުވާނެ....] ޢިމްރާންގެ ފަހަތުން ސަރާވެސް ނުކުތެވެ.

[އޭނަ އަހަރެންގެ އޮފީހަށް ބަދަލުކުރާނީ...] ޢިމްރާން ތިރިޔަށް ފޭބިއެވެ. އެދުވަހުން ފެށިގެން ރަޝީދު ބަދަލުކުރީ ޢިމްރާންމެން އޮފީހުގެ ވަޒީފާއަކަށެވެ. އެއީ ޕިޔޯނެއްގެ ވަޒީފާއަށެވެ. އެކަމަކާ ރަޝީދު ދެކޮޅެއްވެސް ނަހަދައެވެ. ޢިމްރާނާއެކު އޮފީހުގައި ރަޝީދު ޙަރަކާތްތެރިވާން ފެށުމުން، ޢިމްރާނަށް ރަޝީދުގެ ޙަޤީޤަތާމެދު ވިސްނެން ފެށުނެވެ.

ޢިމްރާނަށް ފާހަގަކުރެވުނެވެ. ރަޝީދުގެ ޙަރަކާތްތަކަކީ ތަޢްލީމީ ރަނގަޅު ޝަޚުޞުންގެ ޙަރަކާތްތަކެކެވެ. އޭނާ އެއްދުވަހު ރާއްޖެއިން ބޭރުން އައި ފޯންކޯލަކަށް އިނގިރޭސިބަހުން ވަރަށް މޮޅަށް ވާހަކަ ދެއްކި އަޑުވެސް ޢިމްރާން އަހައިފިއެވެ. އަނެއްފަހަރަކު ބޭރުން އައި ކޯލަކަށް ރަޝީދު ޖަޕާނު ބަހުން ވާހަކަ ދެއްކި އަޑުވެސް ޢިމްރާނަށް އިވުނެވެ. ނަމަވެސް ރަޝީދު ދެއްކި ވާހަކަތަކުން އޭނާއަށް ރަޝީދަކީ ކާކުކަމެއް އެއްވެސް ވަރަކަށް މޭރުންވާގޮތެއް ނުވިއެވެ.

[ރަޝީދު...އަހަންނަކަށް ގަބޫލެއްނުކުރެވޭ ރަޝީދު އަދާކުރަމުންތިދާ ވަޒީފާއަކީ ރަޝީދާ އެކަށީގެންވާ ވަޒީފާއެއް ކަމަށް.....އަހަރެން އެބަ ގަސްދުކުރަން، ރަޝީދަށް މިއޮފީހުގެ މެނޭޖަރެއްގެ ވަޒީފާދޭން....] ޢިމްރާން ރަޝީދު ގެނެސް ބުންޏެވެ. ރަޝީދު ދިޔައީ ސިއްސައިގެނެވެ.

[ކީކޭ...ތޯ...؟ މެނޭޖަރެއްގެ މަގާމޭ!؟ އަޅުގަނޑަށް ކިހިނެއްތޯ މެނޭޖަރުކަން ކުރެވޭނީ. މިހާރު މިއަދާކުރާ ވަޒީފާވެސް އަޅުގަނޑު މިއުޅެނީ ރަނގަޅަށް އަދާނުކުރެވިގެން. އިނގިރޭސިބަހުން ލިޔެފައި ހުންނަ އެޑްރެސްތައް ރަނގަޅަށް ކިޔާކަށްވެސް އެނގެނީކީ ނޫން.] ރަޝީދު ބުންޏެވެ.

[މަސައްކަތް ކޮށްލަނިކޮށް މެނޭޖަރެއްގެ މަގާމަށް ރަޝީދަށް ފިޓްވެވިދާނެ. މިއަދުން ފެށިގެން ރަޝީދު އެއްމެނޭޖަރަކަށް ހަމަޖައްސައިފިން. މިހާރު މެނޭޖަރުގެ މަގާމުގައި ހުރި ޢުބައިދާއެކު ދުވަސްކޮޅަކު އުޅެލަނިކޮށް ތަމްރީނުވެދާނެ.] ޢިމްރާން މިހެން ބުނެފައި އަނެއް މެނޭޖަރު ޢުބައިދު ގެނެސް ރަޝީދު ތަޢާރަފްކޮށްދިނެވެ. މެނޭޖަރެއްގެ ވަޒީފާ އަދާކުރަން ރަޝީދު ފެށުމުން، އޮފީހުގެ މުވައްޒަފުންތައް ވަރަށް ބޮޑަށް ޢަޖައިބުވެ އަންތަރީސްވިއެވެ. އޮފީހުގެ ޕިޔޯނަކަށް އައި މީހަކު ހަފްތާއެއްހާ ދުވަސްވެސް ނުވަނީސް މެނޭޖަރަކަށްވެ، މެނޭޖަރެއްގެ މަގާމުގެ މަސައްކަތް ކުރަމުން ދަނީއެވެ. ރަޝީދުގެ މަސައްކަތުގެ ހުނަރު ފެނި، ވަރަށް ބޮޑަށް ޢުބައިދުވެސް ޙައިރާންވިއެވެ.

[ޢިމްރާން، ރަޝީދު މިއީ ކޮންކަހަލަ މީހެއްބާ؟ ވަަރަށްމޮޅު. އޮފީސް ދާއިރާގެ ހުރިހާ ކަމެއްވެސް އޭނައަށް ވަރަށް ރަނގަޅަށް އެބަ އިނގޭ. މިހާރު އެއްވެސް ކަމެއް އަޅުގަނޑަކަށް ނުޖައްސާ....] މެނޭޖަރަކަށް ރަޝީދު ބަދަލުކުރިތާ ތިންވަނައަށްވީ ދުވަހު ޢުބައިދު ޢިމްރާން ގާތު ރަޝީދަށް ތަޢްރީފު ކުރިއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންދެއެވެ. އޮފީސް ބަންދު ގަޑިތަކުގައިވެސް ބައެއް ދުވަސް ދުވަހު ރަޝީދު އޮފީހުގެ ބައެއް މަސައްކަތް ކުރަން އުޅެއެވެ. އެފަދަ ދުވަހެކެވެ. އޮފީހުގައި ހުރީ އޭނާ އެކަންޏެވެ. އޭނާ އިނީ ކޮމްޕިއުޓަރުގައި ހުރި ފޮޓޯއަކަށް ނަޒަރު ހުއްޓައިގެނެވެ. އެއީ ދެވަނަ މީހެއްގެ ފޮޓޯއެއް ނޫނެވެ. ސަރާގެ ހިތްގައިމު ފޮޓޯއެކެވެ. ޢިމްރާންވެސް އޮފީހަށް އައިސްވަނީ އެވަގުތުއެވެ. މީހެއްގެ ހިލަންވުމާއެކު ރަޝީދު ކޮމްޕިއުޓަރ ނިއްވާލުމަށްފަހު ތެދުވެއްޖެއެވެ. ނަޞީބު ދިމާކުރިގޮތުން ޢިމްރާނަކަށް އެފޮޓޯއެއް ނުފެނުނެވެ.

[ރަޝީދު...ރަޝީދުތީ ޢަޖައިބެއްކަހަލަ މީހެއް. ރަޝީދާމެދު އަހަރެން ވަރަށް ބޮޑަށް ޙައިރާންވޭ. މުޅި ކުންފުނީގައިވެސް އެބަދެކެވޭ ރަޝީދުގެ ވާހަކަ...]ރަޝީދުގެ ކުރިމައްޗަށް ހުއްޓެމުން ޢިމްރާން ވާހަކަ ދެއްކިއެވެ.

[އެޔޯ....އަނެއްކާ އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނީތޯ!؟] ރަޝީދު ކުޑަކޮށް ޙައިރާންވާފަދަ ގޮތަަކަށް އެއްސެވެ.

[ނޫން ގޯސްކޮށް އެއްވެސް ކަމެއް ނުކުރެވޭ...އެކަމަކު ރަޝީދުތީ ސިއްރުން ފުރިގެންވާ މީހެއް. މިއޮފީހުގެ ބައެއް މުވައްޒަފުން އެބަބުނޭ ރަޝީދު ކޮންމެވެސް ކަމަކާ ހިތާމަކުރާ ކަމަށްވެސް. ކީއްވެބާ ރަޝީދު، ރަޝީދުގެ ޙަޤީޤަތް ފޮރުވަނީ....] ޢިމްރާން ބުންޏެވެ.

[އެއީ ހީވާގޮތް. އަހަރެން އެއްވެސް ކަމެއް ނުފޮރުވަން. ޢާންމުކޮށް ފެންނަމުން ތިދަނީ އަހަރެންގެ ޙަޤީޤަތް....އެންމެ ބޮޑަށް މިއޮފީސްތެރޭ ދެކެވޭ ވާހަކައަކީ މިކުންފުނީގެ ޑްރައިވަރެއްގެ ވަޒީފާއިން ޕިޔޯނަކަށް، ޕިޔޯނެއްގެ ވަޒީފާއިން މެނޭޖަރަކަށް ބަދަލުވި ވާހަކަ....ޙަޤީޤަތުގައި ޑްރައިވަރެއްގެ ވަޒީފާއަށް އަޅުގަނޑު ކުރިމަތިލީ ވަޒީފާއެއްގެ މުހިންމުކަން ބޮޑުވީމާ....] ރަޝީދު ބުންޏެވެ.

[ރަޝީދު ކުރިން އެއްވެސް ބޮޑު ކުންފުންޏެއްގައި ވަޒީފާ އަދާކުރިންތަ؟] ޢިމްރާން އެއްސެވެ.

[ނޫން ނުކުރަން. އެކަމަކު އަމިއްލަ ވިޔަފާރިވެރިންގެ ބައެއް މަސައްކަތްތައް އެކައުންޓިންގ ދާއިރާގައި ކޮށްދިނިން.] ރަޝީދު މިފަހަރުވެސް ދޮގުހެދިއެވެ.



ދުވަސްތައް މިގޮތުގައި ކުރިއަށްދާއިރު، ނަޝާއާއި ފަސީޙްގެ ކައިވެނީގެ ދުވަސްވެސް ވަރަށް ކައިރިވެއްޖެއެވެ. ނަޝާ އެކައިވެންޏާ ކިތަންމެ ދެކޮޅު ކަމުގައިވިޔަސް، ކައިވެންޏަށްވަނީ ތާރީޚު ކަނޑައެޅިފައެވެ. ފަސީޙް ހުންނަނީ ވަރަށް އުފާވެފައެވެ. ލޯބި ކާމިޔާބު ކުރެވޭތީ ހިތްހަމަޖެހިފައެވެ. ނަޝާ ކިތަންމެ ނުރުހުނަސް އޭނާއަށް ފަރުވާލެއްނެތް ކަހަލައެވެ.

[ނަޝާ އެވަރަށް ދެކޮޅުހަދާއިރުވެސް ފަސީޙް ތިއުޅެނީ އޭނާޔާ އިންނަންތަ؟ ހީވޭތަ ތިކައިވެނި ދާއިމަށް ދެމިއޮންނާނެހެން.] ފަސީޙާ ވާހަކަ ދެއްކީ އޭނާގެ ބެސްޓް ފްރެންޑް ޙަބީބެވެ.

[އެއީ މައްސަލައެއް ނޫން ކާމިޔާބު ކުރެވޭނެ. އިނދެގެން ދުވަސްކޮޅަކު އުޅެލީމާ ލޯބި ލިބިދާނެ. އަހަންނަށް ޔަޤީންކަން އެބައޮތް، އޭނާގެ ހިތް އަނބުރާލެވިދާނޭ ކަމަށް.] ފަސީޙް ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

[މާދަމާރޭ ކިހާއިރަކުތަ ކައިވެނި ކުރަނީ...] ޙަބީބް އެއްސެވެ.

[އަށެއްޖަހާއިރު އަންނައްޗޭ....] ފަސީޙް އެދުނެވެ. އާއެކޭ ބުނެފައި ޙަބީބް ހިނގައިގަތެވެ.

[ކޮންތާކަށް؟] ސަރާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ޢިމްރާނާއެވެ.

[އޮފީހަށް. ދެންމެ ރަޝީދު ގުޅާފަ ބުނެފި ވަރަށް އަވަހަށް އައިސްބަލާށޭ...] ޢިމްރާން މަޑުކޮށްލަމުން ބުންޏެވެ.

[ރަޝީދު މިއަދު މިގެއަށް އައި ވާހަކަ ރުމާލީ ބުނި....ޢިމްރާން ހޯދަންކަންނޭނގެ އެއައީ....] ސަރާ ބުންޏެވެ. ޢިމްރާން ހީކުރެއެވެ. ރަޝީދު އެގެއިން ބަދަލުކުރުމުން މިހާރު ސަރާ ނިމާލާ ދޭތެރެއަކު ނުވިސްނައެވެ. ނޫނެކެވެ. އެކަނިވާ ކޮންމެ ވަގުތަކުވެސް އޭނާ ނިމާލުގެ މަތިން ހަނދާންކުރެއެވެ. ޚާއްޞަކޮށް، ދަރިފުޅާއެކު ހޭދަކުރެވޭ ކޮންމެ ވަގުތަކީވެސް ނިމާލްގެ ހަނދާންތަކުން ފުރިފައިވާ ވަގުތެކެވެ.

[މަންމާ...އަހަންނަކަށް ނޭނގެ މިހާރު އަހަންނަށް ނިމާލާ ދޭތެރޭ މާބޮޑަށް ވިސްނެނީ....ނިމާލްގެ އޯގާތެރިކަމާއި ހެޔޮކަން ހަނދާނަށް އަންނަނީ....އަހަރެންގެ ޟަމީރު އަހަރެން ގާތު ބުނާކަހަލަ ނިމާލް ދުނިޔޭގައި އެބައުޅެޔޭ.....] ސަރާ ދަރިފުޅު އުރާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ނަޖްމާއަށްވެސް ބައެއްފަހަރު ނިމާލް ދުނިޔޭގައި ހުރިކަމުގެ އިޙްސާސް ކުރެވެއެވެ.

[ދަރިފުޅާ މާބޮޑަށް ދެން ތިކަމާ ނުވިސްނަބަލަ. ނިމާލާމެދު ތިވަރަށް ވިސްނަން ވެއްޖިއްޔާ، ޢިމްރާންވެސް ހިތްހަމަނުޖެހޭނެ. އޭރުން ކަމަކު ނުދާނެ. މަންމަގެ ހިތަށްއަރާ، ދުނިޔޭގައި ހުރިނަމަ، ނިމާލަށް ދަރިފުޅާ ދުރުގައި ކެތް ކުރެވޭނެބާއޭ.] ނަޖްމާ ވިސްނާލިއެވެ.

މިހާރު ވަޖްދީ މިނިވަންވެގެން އައިތާ ކުޑަދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ މިހާރު ބޭނުންވަނީ ނަޖްމާއާ އިންނާށެވެ. މިހާރު އެކަމަށް ނަޖްމާވެސް ވަނީ އާނބަސް ބުނެފައެވެ.

[ވަޖްދީއަށް އަލުން ޅަދުވަސް އަންނަން އުޅެނީ. ހަނީމޫންވެސް ދާންވާނެ.] ރަފީޤު ވަޖްދީއާ ދިމާކުރިއެވެ.

[ހަނީމޫނަށް ނަޖްމާގެ ރަށަށްދާނީ. އެރަށުގައި މިހާރު ބޮޑު ގެއެއްވެސް އެބަހުއްޓެއްނު. އަހަރެމެން އެންމެން އެކުގައި ޗުއްޓީއެއް ހަދާލަން ދަމާ...] ހީގަންނަމުން ވަޖްދީ ބުންޏެވެ.

[ނޫނޭ ހަނީމޫން ދަތުރެއްގައި އަހަރެމެން ދިޔައީމަ ކަމަކުނުދާނެ. ނަޖްމާއާއި ވަޖްދީ އެކަނިގޮސްލާފަ އާދޭ. މިހާރު ކޮންދުވަހަކަށްތަ ހަމަޖައްސައިގެން ތިއުޅެނީ...] ރަފީޤު އެއްސެވެ.

[އަންނަ ހުކުރު ދުވަހުގެ ރެޔަށް ކިޔައިގެން މިއުޅެނީ....ނަޖްމާގެ ރުޅިވެސް މިހާރު އެހުރީ މުޅިން މައިތިރިވެފައި....] ވަޖްދީ ބުންޏެވެ.

[މިހާރުވެސް ތިއައީ ދުވަސްކޮޅަކު ރަށެއްގައި އުޅެލާފަ. ކިހިނެއް އެނގޭނީ، ދުވަސްތަކެއްފަހުން ބައްޕައަށް ގޮވަމުން ކުއްޖަކު ނާންނާނެކަން...] ރަފީޤު ދިމާކޮށްލިއެވެ.

[ނޫނޭ...މިހާރު މިހުރީ މުޅިން އިޞްލާޙުވެގެން. ދެން އެކަހަލަ ކަމެއް ނުވާނެ.] ވަޖްދީ ބުންޏެވެ. ވަޖްދީގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ އެތަނަށް ސަރާއާއި ނަޖްމާ އައުމުން ވަޖްދީމެން އެވާހަކަ ހުއްޓާލައިފިއެވެ.

ޝީކާއާއި ނިޔާޒް، ނަޝާއާއި ފަސީޙް އަދި ނަޖްމާއާއި ވަޖްދީގެ ކައިވެނި ކުރެވިގެން ދިޔައީ ދާދި އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ކައިވެންޏަށްފަހު ޑޮކްޓަރ ޝީކާއާއި ނިޔާޒް ފުރައިގެން ދިޔައީ ނިޔާޒްގެ މަންމަގެ ގާތަށް ރަށަށެވެ. ވަޖްދީމެންގެ ދަތުރު އެއްމަސްދުވަހަށް ފަސްކުރިއެވެ. ނަޝާ ބަދަލުވީ އޭނާގެ އަލަތު ފިރިމީހާ ފަސީޙްގެ ގެއަށެވެ. ފަސީޙާއެކު ގެއަށް ދިޔައިރު ނަޝާގެ ބައްޕަ ރާޒީވެސް ނަޝާ އެގެއަށްލާން ދިޔައެވެ. ނަޝާ އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ ހުރި ސަބަބަކީ އެއީއެވެ. ނަޝާ ރުޅިގަނޑު ބޭލީ އެންމެން ދިމަދިމާއަށް ގޮސް ގޭތެރެ އެއްކޮށް ހިމޭންވީމައެވެ. އޭރު ކޮޓަރީގައި ތިބީ އޭނާއާއި ފަސީޙާ ދެމީހުން އެކަންޏެވެ.

[ވަރަށް އުފަލުންދޯ ތިހުރީ....ކަލޭ ހީނުކުރާތި، ކަލެއަށް އަހަރެންގެ ފަރާތުން އެއްވެސް އުފަލެއް ޙާޞިލް ކުރެވިދާނޭ....ވަރިހަމަ މިއީ ފަސީޙްގެ ގެއަށްވިޔަސް. އަހަރެން ކުޑަވެސް ބިރެއްނުގަނޭ. ކަލެއަކަށްވެސް ނޯންނާނެ އަހަރެންގެ ލޯތްބަށް ހުރަސްއެޅުމުގެ ޙައްޤެއް.] ނަޝާ ފުރަތަމަފަހަރަށް އޭނާގެ ހަރުކަށިކަން ފަސީޙަށް ދެއްކިއެވެ. ފުރަތަމަ ފަސީޙް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އޭނާއަކީވެސް ކަންތައްތަކުގައި ވަރަށް ހުޝިޔާރު ފިރިހެނެކެވެ.

[ނަޝާ މައިތިރިވެބަލަ. ނަޝާތީ މިހާރު އަހަރެންގެ އަނބިމީހާ. ނަޝާޖެހޭނެ އަހަންނަށް ކިޔަމަންވާން. ދީން ހުއްދަކުރާ ކޮންމެ ކަމަކަށް އަހަރެން އެދުނަސް އެކަމެއް ކޮށްދޭން ނަޝާއަށް ޖެހޭނެ. އެއްވެސް ދެކޮޅުވެރިކަމެއް ނަޝާއަކަށް ނުދެއްކޭނެ.] ފަސީޙް ރައްދުދިނީ ނަޝާގެ އަނގަ ބަންދުކޮށްލުމުގެ ޤަޞްދުގައެވެ. ފަސީޙް މިހެން ބުނުމާއެކު، ނަޝާއަށް ބާރަށް ރޮއިގަނެވުނެވެ. ނަޝާއަށްވުރެން ހަރުކަށި ގޮތް ފަސީޙް ދެއްކުމުން އޭނާ ބިރުގަތީކަންނޭނގެއެވެ. އާއެކެވެ. އޭނާ ބިރުގަތީއެވެ. ފަސީޙާ ދެކޮޅަށް އޭނާއަށް ގަދަ ނުދެއްކޭނޭކަން އޭނާއަށް ޔަޤީން ކުރެވުނީއެވެ. އެރޭ ފަސީޙް ނަޝާގެ ގައިގައި އިނގިލިކުރިވެސް ޖައްސާނުލައެވެ. ނަޝާއެކޭ އެއްގޮތަށް އޭނާވެސް ނިދީއެވެ.



ޖެހިގެން އައި ދުވަހެވެ. ސަރާގެ ކޮޓަރި ފޯނު ރިންގްވާން ފެށީ ސަރާ ބޮޑުކޮޓަރީގައި އިންދައެވެ. ސަރާ ދަރިފުޅު އުރާލައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް ފޯނު ރިންގްވަމުންދެއެވެ.

[އައްސަލާމް ޢަލައިކުމް.....] ސަރާ އިސްލާމީ އުޞޫލުން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ގުޅި މީހާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ހިސާބަކަށް މީހަކު ނޭވާލާއަޑު އިވެއެވެ.

[ހަލޯ...ކާކު...] ސަރާ އަނެއްކާވެސް ގޮވިއެވެ.

[އަހަރެން...ކިހިނެއް ސަރާ؟] އެކޮޅުން އިވުނު އަޑާއެކު ސަރާ ގަނޑުވިކަހަލައެވެ. އިވުމީ ހަމަ ނިމާލްގެ އަޑެވެ. އެއްވެސް ތަފާތެއް ނެތެވެ.

[ނި...ނިމާ...ލް....؟] ސަރާގެ އަޑު ތުރުތުރު އަޅަން ފަށައިފިއެވެ. މުޅި މީހާ އެކަށް ފިނިވެއްޖެއެވެ.

[ނިމާލެއް ނޫން....ރަޝީދު...] މިފަހަރު އެކޮޅުން ބުނިއަޑު އިވުނެވެ.

[އަޅެ....ނިމާލްގެ އަޑާ ހާދަ ވައްތަރޭ. ރަޝީދު ކީއްކުރަން ތިގުޅީ....؟] ސަރާ ހިސާބަކަށް ހަމައަކަށް އެޅެން ފަށައިފިއެވެ.

[ދެން ހަމަ ގުޅާލީ....ސަރާގެ ކުޑަ ދެކުދިން ވަރަށް ދެކޭހިތްވޭ....އެހެންވެ ގުޅާލީވެސް....ޑްރައިވަރު ބައްޕަ ކިޔުއްވަމުން ދަނިކޮށް ސަރާވިއްޔަ އަހަރެންގެ މަގާމު ބަދަލުކުރުވި މީހަކީ....] ރަޝީދު ބުންޏެވެ.

[މާރަނގަޅު ވަޒީފާއެއްގަނު ތިހުންނަނީ މިހާރު...] ސަރާ ބުންޏެވެ.

[ރަނގަޅު ވަޒީފާއެއް. އެކަމަކު ސަރާމެން ކުދިން ފެނުމުން ލިބޭ ހިތްހަމަޖެހުން މިހާރަކު ނުލިބޭ.] ބޭއިޚްތިޔާރުގައި ރަޝީދަށް ބުނެވުނެވެ.

[ތިބުނީ.....!؟] ރަޝީދު އެހެން ބުނީމާ ސަރާޔަށް ސިހުން ލިބުނެވެ.

[އެއީ އެހެން ބުނި އެއްޗެއް ނޫން. ދެން ބާއްވަނީ.] ރަޝީދު ފޯނު ބޭއްވިއެވެ. އޭނާގެ ޙަޤީޤަތް ފަޅާއަރާފާނެތީ އޭނާ ހާސްވެ ކަންބޮޑުވިކަންނޭނގެއެވެ. އެވަގުތުން ފެށިގެން ސަރާއަށް ރަޝީދާމެދު ޝައްކުވާން ފެށިއެވެ. ރަޝީދު އެބުނީ ކީކާބާއެވެ. އަނެއްކާ ނިމާލްގެ އަޑާއި އޭނާގެ އަޑު ވައްތަރުވުމުން އޭގެ ނާޖާއިޒް ފައިދާ އޭނާ ނަގަން އުޅެނީކީ ނޫންބާއެވެ؟

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު


14

ޝަމާ

28-Jul-2020

ވަރަށް ހަބޭސް ވާހަކަ އެއް މިހާ ރީތި ވާހަކަ އެއް އަދި ނުކިޔޭ


-7

ޝަމާ

28-Jul-2020

ވަރަށ



ޓްރެންޑިން