އެޗްޑީސީގެ ގާނޫނީ ނަން "ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"، އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމައިފިއެވެ.

މިހާރު ބޭނުންކުރަމުން އަންނަ އަރބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައި ނުވާ ކަމަށާއި، ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމަށެވެ.

އެޗް.ޑީ.ސީ ވުޖޫދުވެގެން އައީ މާލޭ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުންނެވެ. ފަހުން އެކުންފުނީގެ ނަން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށްވެސް ބަދަލުކުރިއެެވެ. އަދި މިހާރު ބޭނުންވާ ކުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

މިއަދު އެޗްޑީސީ އަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަން އެވެ. މި ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އަދި އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ރީބްރޭންޑްކޮށް، އައު ނަމެއްގެ ގޮތުގައި އަރބަންކޯ ބޭނުންކުރަން ފެށީ އެކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ހުސްވި އަހަރުގެ އޭޕްރީލް މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން