ޞާދިރު ޢަލީދީދީ   29 ޖުލައި 2020 - 14:21
ސަރާ
ސަރާ
އެޕިސޯޑް 40

...............

[މާރަނގަޅު ވަޒީފާއެއްގަނު ތިހުންނަނީ މިހާރު...] ސަރާ ބުންޏެވެ.

[ރަނގަޅު ވަޒީފާއެއް. އެކަމަކު ސަރާމެން ކުދިން ފެނުމުން ލިބޭ ހިތްހަމަޖެހުން މިހާރަކު ނުލިބޭ.] ބޭއިޚްތިޔާރުގައި ރަޝީދަށް ބުނެވުނެވެ.

[ތިބުނީ.....!؟] ރަޝީދު އެހެން ބުނީމާ ސަރާޔަށް ސިހުން ލިބުނެވެ.

[އެއީ އެހެން ބުނި އެއްޗެއް ނޫން. ދެން ބާއްވަނީ.] ރަޝީދު ފޯނު ބޭއްވިއެވެ. އޭނާގެ ޙަޤީޤަތް ފަޅާއަރާފާނެތީ އޭނާ ހާސްވެ ކަންބޮޑުވިކަންނޭނގެއެވެ. އެވަގުތުން ފެށިގެން ސަރާއަށް ރަޝީދާމެދު ޝައްކުވާން ފެށިއެވެ. ރަޝީދު އެބުނީ ކީކާބާއެވެ. އަނެއްކާ ނިމާލްގެ އަޑާއި އޭނާގެ އަޑު ވައްތަރުވުމުން އޭގެ ނާޖާއިޒް ފައިދާ އޭނާ ނަގަން އުޅެނީކީ ނޫންބާއެވެ؟

ކައިވެނީގެ ފުރަތަމަރޭ ނަޝާ އަރާމުކޮށް ނިދާލަން ފުރްޞަތު ލިބުނަސް، ޖެހިގެން އައިރޭ ފަސީޙް ނަޝާއާ ކައިރިވާން މަސައްކަތް ކުރިއެވެ. ފުރަތަމަ އޭނާ ބެލީ ނަޝާއަށް ވިސްނައިދީގެން ނަޝާ ހަމައަކަށް އެޅުވޭތޯއެވެ.

[ޚަބަރުދާރު...ފަސީޙް...އަހަރެންގެ ގައިގައި އަތްނުލާތި...] ނަޝާ އެނދުގެ ބިއްދޮށަށް ޖެހެމުން އިންޒާރު ދިނެވެ.

[ބަލަ...ނަޝާތީ އަހަރެންގެ އަނބިމީހާއެއްނު. ކީއްވެތަ އަހަންނަށް ހުރަސްތިއަޅަނީ...ނަޝާއަށް އެނގޭތަ، ނަޝާ ކިތަންމެ ގަދަ ދެއްކިޔަސް، ނަޝާއަށް ބޭނުންގޮތެއް ހެދުމުގެ ބާރު އަހަރެންގެ ކިބައިގައި އެބައޮތް...] ފަސީޙް އިންޒާރު ދެމުން ނަޝާއާ ކައިރިވާން ފެށިއެވެ. ނަޝާ ފަހަތަށް ޖެހެން ފަށައިފިއެވެ.

[ގަދަ ހަދަންޏާ އަނިޔާއެއްވެސް ވެދާނެ...] ފަސީޙް ނަޝާގެ ދެއަތުގައި އޭނާއާ ގާތަށް ގެނައެވެ. އިތުރަށް ނަޝާއަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ.

[ހެޔޮނުވާނެ...ފަސީޙް...އާދޭސްކުރަން. އަހަރެންގެ ގައިން ދޫކުރޭ ދޫކުރޭ....] ނަޝާ ބާރުބާރަށް ރޯން ފަށައިފިއެވެ. ފަސީޙް ނަޝާގެ ގައިން ދޫކޮށްލުމަށްފަހު ކޮޓަރިން ނުކުމެއްޖެއެވެ.

އެއަށްފަހު ފަސީޙް ޢަޒުމް ކަނޑައެޅީ، ނަޝާގެ ހިތަށް ދަތިކޮށްގެން އޭނާގެ ލޯބި ހޯދުމަށެވެ. އެގޮތުން އޭނާ ނިންމީ ނަޝާއާ އަޅާނުލާ އުޅުމަށެވެ.

މިހާރު ނިޔާޒާއި ޝީކާ، އެދެމަފިރިންގެ ހަނީމޫންގެ ދުވަސްތައް ނިޔާޒްގެ ރަށުގައި ހޭދަކުރަމުން ދަނީއެވެ. ކޮންމެ ދުވަހަކުވެސް ނިޔާޒް ޝީކާ ގޮވައިގެން އިހަވަންދޫގެ އެކި ސަރަޙައްދުތައް ދައްކަންދެއެވެ.

އެރަށުން ޝީކާއަށް ފެންނަމުން ދިޔައީ މުޅިންވެސް އޭނާއާ ރައްޓެހި މޫނުތަކެވެ. މާނައަކީ ފެންނަ ކޮންމެ މީހަކުވެސް ކުރިމަތިލަނީ ދަންނަ ރައްޓެއްސަކު ފަދައިން ވަރަށް ގާތްކަމާ އެކުގައެވެ.

[ވަރަށް ހިތްހަމަޖެހޭ މާޙައުލެއް...އުފާވެރި ވެށްޓެއް...ރައްޓެހި މޫނުތަކެއް...ހިތްގައިމު މަންޒަރުތަކެއް...] ހިތްހަމަޖެހިފައި ޝީކާ، އޭނާގެ ފިރިމީހާ ނިޔާޒާ މުޚާޠަބު ކުރިއެވެ.

[ޝީކާއަށް މިރަށުގައި ދިރިއުޅެވިދާނެތަ؟] ނިޔާޒް އެއްސެވެ.

[އުޅެވިދާނެ. އެކަމަކު އިޤްތިޞާދު ދަށް ތަނެއްގައި ކްލިނިކަކުންވެސް މާބޮޑު ކުރިއެރުންތަކެއް ނުލިބޭނެ. ނިޔާޒަށް އެނގޭނީ...ދިރިއުޅޭނޭ ތަނެއް ނިންމުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެއް. ނިޔާޒް ދެއްކި ކޮންމެ ތަނެއްގައިވެސް އަހަންނަށް އުޅެވިދާނެ.] ޝީކާ ބުންޏެވެ.

ޝީކާއަކީ ހެޔޮވިސްނޭ ކުއްޖެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ކިތަންމެ މަތީ ތަޢްލީމެއް ޙާޞިލްކޮށް ޤަދަރުވެރި މަގާމެއްގައި ހުއްޓަސް، ޒަވާޖީ ޙަޔާތެއްގެ ހުންގާނު އަންހެނަކަށް ނުބެލެހެއްޓޭނެއެވެ. ހުންގާނަކީ ފިރިމީހާއެވެ. އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާން ޖެހޭނެއެވެ.

[އަދި އަހަރެން ވިސްނަނީ މާލޭގައި ދިރިއުޅެން. ރަށުގައި ދިރިއުޅޭކަށް އަހަންނަކަށްވެސް ފަސޭހައެއް ނޫން. ވަސީލަތްތައް ދަށް ތަނެއްގައި އުޅެން އަދި ފަސޭހައެއް ނުވާނެ...] ނިޔާޒް ބުންޏެވެ.

ކައިވެންޏަށްފަހުވެސް ނަޝާ ޢިމްރާނަށް ގުޅާ އުނދަގޫ ކުރެއެވެ. ބައެއްފަހަރު ޢިމްރާން ފޯނު ނެގުމަށްފަހު ނަޝާއަށް ނަޞޭޙަތްތެރިވެއެވެ. ފިރިމީހާއާއެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރުމަށް އޭނާ ވިސްނައިދެއެވެ. އެހެން ނަމަވެސް، އޭނާގެ އަޑެއް ނަޝާ ނާހައެވެ.

[ތިހެން ނުބުނޭ ޢިމްރާން، އަހަރެން ޢިމްރާންދެކެ ވަރަށް ލޯބިވޭ.....ކިތައްފަހަރުތަ އަހަރެން ބުނަންވީ، ފަސީޙާއެކު އުޅެން އަހަރެން ބޭނުމެއް ނޫނޭ. މިހާރުވެސް ފަސީޙް މިތާ އެބަހުރި. ފަސީޙް ހުއްޓައޭ މިބުނަނީ، އަހަރެން ޢިމްރާންދެކެ ވަރަށް ވަރަށް ލޯބިވޭ....]

ތެދެކެވެ. އެވަގުތު އެކޮޓަރިތެރޭގައި ފަސީޙްވެސް ހުއްޓެވެ. ފަސީޙް ހުއްޓަސް އޭނާގެ ފަރުވާލެއް ނެތްކަހަލައެވެ. ފަސީޙްގެ ކުރިމަތީގައި އޭނާގެ އަލަތު އަނބިމީހާ އެގޮތަށް ކަންތައް ކުރުމުން ފަސީޙް ވަރަށް ބޮޑަށް ހިތުގައިޖެހި ރުޅިވެސް އައެވެ. ވުމާއެކު އޭނާގެ ދިރިއުޅުމުގެ މިޞްރާބު ބަދަލުކުރުމަށް ވަގުތުން އޭނާ ވިސްނިއެވެ. ނަޝާ ޢިމްރާންގެ ފަހަތުން އަޅައިގަނެގެން އުޅޭގޮތަށް އޭނާޔާ ހެދި އުޅޭ އަންހެން ކުއްޖަކުވެސް އަދި އަދަށްދާންދެންވެސް ހުރެއެވެ.

ހަމަ އެވަގުތު ފަސީޙް އެއަންހެން ކުއްޖާ، އާދެ! ޝިފާއަށް ގުޅިއެވެ.

[ޝިފާ ކިހިނެއް؟] ފަސީޙް ވާހަކަ ދައްކަމުން އެނދުގައި އޮށޯތެވެ. ކުއްލިއަކަށް ފަސީޙް ގުޅީމާ ޝިފާއަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބުނެވެ.

[ފަސީ...!؟ ކިހިނެއްބާވީ.] ޝިފާ ޙައިރާންވެފައި ހުރެ އެއްސެވެ.

[ކުއްލިއަކަށް ޝިފާގެ މަތިން ހަނދާންވީ....މިހާރު ހިތަށްއަރާ ޝިފާ އަހަރެންގެ ޙަޔާތަށް ގެނެވުނުނަމައޭ....] ފަސީޙް ވާހަކަ ދެއްކީ ނަޝާއަށް އަޑުއިވޭ ވަރަށެވެ. ނަޝާހުރީ ކަނުލާ އަޑު އަހާށެވެ.

[އެދިވެސް ވަގުތު ފާއިތެއްނުވޭ. ފަސީއަށް ފުރްޞަތު އެބައޮތް. އަހަންނަށް މާކުރިންވެސް އެނގޭ ފަސީގެ ދިރިއުޅުން އަހަންނާނުލާ ފުރިހަމަނުވާނެކަން.] ޝިފާ ބުންޏެވެ.

[ޝިފާ....އަހަރެން ބޭނުން ޝިފާއާ ބައްދަލުކުރަން. މިގެއަށް އައިސްދޭންވީނު. އަހަރެން އިންތިޒާރު ކުރާނަން....] ލޮލުގެ ކުޑަކޮޅުން ނަޝާއާ ދިމާއަށް ބަލައިލަމުން ފަސީޙް ބުންޏެވެ. މިދަނީއޭ ބުނެފައި އުފާވެފައި ހުރި ޝިފާ ފޯން ބޭއްވިއެވެ.

ފަސީޙް އިންތިޒާރު ކުރާތާާ މާގިނައިރުތަކެއްނުވެ ޝިފާ އައިސް އެކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް ކޮޓަރީގެ އެއްފަރާތެއްގައި ހުރި ސްޕޮންޖް ގޮނޑިއެއްގައި ނަޝާ އޮށޯވެގެން އޮތެވެ.

[ޝިފާ...އާދޭ އަހަރެންގެ ގާތަށް، މިތަނަށް އާދޭ...] ފަސީޙް އެނދުގައި އޮވެ އެދުނެވެ. ކުޑަކޮށް ފަސްޖެހޭގޮތްވީ ނަމަވެސް، ދެވަނަފަހަރަށް ފަސީޙް ބުނީމާ ޝިފާ ގޮސް ފަސީޙް ގާތުގައި އިށީނެވެ.

[ނަޝާ...ކުޑައިރުކޮޅެން ވަންދެން ބޭރުގައި މަޑުކޮށްފާނަންތަ؟ އަހަރެމެން ކުޑަ ވާހަކައެއް ދައްކާލާފަ ނުކުންނާނަން...] ފަސީޙް ބުންޏެވެ. ފަސީޙް މިހެން ބުނުމާއެކު ނަޝާ ކޮޓަރިން ނުކުތެވެ. އޭނާގެ ކިބައިން ކަންބޮޑުވުމާއި ހާސްވުމުގެ ކުޑަވެސް އަސަރެއް ނެތެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހަކުވެސް ފަސީޙް ޝިފާ އެގެއަށް ގެނެއެވެ. އޭނާ ނަޝާގެ ކުރިމަތީގައި ޝިފާއާ ވަރަށް ގައިގޯޅިކޮށްވެސް އުޅެއެވެ. ބައެއްފަހަރު އެފަދަ މަންޒަރުތަކުން ރުޅިއަޔަސް، ނަޝާ އޭނާ ރުޅިއަންނަ ކަމެއް ފަސީޙަކަށް ނުދައްކައެވެ.

[އަހަރެން ވަރިކޮށްފަ ތިމީހަކާ އިންނަންވީނު.] އެންމެފަހުން ނަޝާ ރުޅިގަނޑު ބޭރުކޮށްލިއެވެ.

[ނަޝާ ވަރިއެއް ނުކުރާނަން. ޝިފާޔާ އިނަސް އިންނާނީ ދެއަންބަށް. ނަޝާ ތިގޮތަށް ހުންނާނެއެއްނު.....] ފަސީޙް ނަޝާ ދެރަކޮށްލުމުގެ މަޤްޞަދުގައި ބުންޏެވެ. މިފަހަރު ނަޝާ އަނގައަކުންވެސް ނުބުނެއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގެންފިއެވެ.

ރޭގެ ފަތިސްވަގުތެވެ. ކުޑަކުޑަ މީކާ ބަނޑުހައިވެގެން ރޯތީ ސަރާ ދިޔައީ މީކާގެ ބުއްފުޅި ގިރަން ބަދިގެފަރާތަށެވެ. އޭރު ކޮޓަރީގައި ޢިމްރާންވެސް ނިދާފައި އޮތެވެ. ސަރާ ތިރިއަށް ފޭބީ ދަރިފުޅު އުރައިގެނެވެ. ބަދިގެފަރާތަށް ގޮސް ބަދިގޭ ލައިޓް ޖެއްސުމާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. އޭނާއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ.

[އަހަރެން ދުނިޔެ ޢުމުރަށް ސަރާގެ ހަނދާންތަކުގައި ދެމިހުންނާނަން. ސަރާ....އަހަރެން ސަރާދެކެ ވަރަށް ލޯބިވޭ....ވަރަށް ލޯބިވޭ....] ބަދިގެފަރާތު ފާރުގައި ލެއިން ފަވާލެވިފައިވާ ޢިބާރާތްކޮޅު ކިޔުމަށްފަހު ސަރާ އެނބުރި ދުއްވައިގެންފިއެވެ. ތުރުތުރު އަޅަމުންނެވެ. އޭނާ ބޭނުންވަނީ ޢިމްރާނަށް އެތަން ދައްކާށެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަދެވުނުއިރު ސަރާއަށްވަނީ ރޮވިފައެވެ.

[ޢިމްރާން...ޢިމްރާން ތެދުވެބަލަ....] ސަރާ ދެތިންފަހަރަކު ގޮވާލުމާއެކު ޢިމްރާން ފުންމައިގެން ތެދުވެއްޖެއެވެ.

[ކިހިނެއްވީ....؟] ޢިމްރާން އެއްސެވެ.

[އައިސްބަލަ...އަހަރެން ބިރުގަނޭ....ނިމާލް...ނިމާލް....] ސަރާ ޢިމްރާންގެ ގައިގައި އޮޅުލައިގެންފިއެވެ. އެވަގުތު އަނެއްކާވެސް ދަރިފުޅު ރޯންފެށީމާ ސަރާ ޢިމްރާން ގޮވައިގެން ތިރިޔަށް ފައިބައިގެން ހިނގައިގެންފިއެވެ.

[ނިމާލޭ! ނިމާލް ކޮބައިތަ؟] ސަރާއާއެކު ތިރިޔަށް ފައިބަމުން ޢިމްރާން އެއްސެވެ. ސަރާވީގޮތް ކިޔާދިނެވެ. ޢިމްރާން ޙައިރާންވިއެވެ.

ސަރާމެނަށް ތިރިޔަށް ފޭބުނުއިރު ދެންވެސް ލިބުނީ އިތުރު ޙައިރާންކަމެކެވެ. ފާރުގައި ލިޔެފައި ވަނިކޮށް ފެނުނު ލިޔުމެއް މިހާރަކު ނެތެވެ. ބެލެވޭގޮތުގައި ކޮންމެވެސް މީހަކު އެލިޔުންކޮޅު ފޮހެލީއެވެ. އެގޭ ފާރަކީ އެކަށް މުށިޖަހާފައިވާ ފާރަކަށްވުމުން، އެއީ އެގޮތަށް ލިޔެ ފޮހެލުން މާއުނދަގޫ ކަމެއް ނޫނެވެ.

[ކޮންތާކު ލިޔެފައި ހުރި އެއްޗެއްގެ ވާހަކަތަ؟ ނެތެއްނު....ތިވާނީ ސަރާއަށް ހީވި ހީވުމަކަށް.] ޢިމްރާން ވަށައިގެން ހޯދަމުން ބުންޏެވެ.

[ނޫން..ނޫން...އަހަންނަށް ހީވި ހީވުމެއް ނޫން...ކޮންމެވެސް މީހަކު އެފޮހެލީ....] ސަރާގެ ހިތް އަދިވެސް ބާރުބާރަށް ތެޅެމުން ދަނީއެވެ.

[ތިކަމާ މާބޮޑަށް ފިކުރުނުކޮށް ބުއްފުޅި ހަދައިގެން ދާން ހިނގާ...] ޢިމްރާން ދަރިފުޅު އުރާލިއެވެ. ސަރާ ބުއްފުޅި ގިރަން ފަށައިފިއެވެ.

ހެނދުނު ސަރާ އޭނާގެ މަންމަމެންގާތުވެސް އެވާހަކަ ދެއްކިއެވެ. އެންމެންވެސް ނިންމީ، އެއީ ސަރާއަށް ހީވި ހީވުމެއް ކަމަށެވެ.

[ނޫނޭ...މަންމާ...މަންމަމެން ތިބުނަނީ އަހަރެން މޮޔަވީއޭތަ؟] ސަރާ ދެފަރާތަކަށް ބޯހޫރާލިއެވެ.

ފަސީޙް ނަޝާގެ ކުރިމަތީގައި އެހެން އަންހެނަކު ގެންގުޅެން ފެށުންވީ ނަޝާގެ ވިސްނުން ބަދަލުވާން ފެށުމުގެ އަޞްލަށެވެ. މިހާރު އޭނާ ކޮންމެވެސް ވަރަކަށް ފަސީޙާމެދު ވިސްނަން ފަށައިފިއެވެ. އެކަން އެނގެނީ އެގެއަށް ފަސީޙް އޭނާގެ ބައިވެރިޔާ ގެނައުމުން، އެއަންނަ ރުޅިއެވެ. ބައެއްފަހަރު އޭނާ ރޮއިވެސް ހަދައެވެ.

[ފަސީޙް، މީގެފަހުން ތިއަންހެނަކު މިގެއަށް ގެނެސްގެން ނުވާނެ.] މިހެން ބުނެވުމާއެކު ނަޝާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. ފަސީޙް ޙައިރާންކަމާއެކު ނަޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިހާރު އޭނާގެ ހިތަށް އަރަމުންދެއެވެ. ނަޝާ ބަދަލުވީތާއެވެ.

[އޭނާ މިގެއަށް ގެނައިމާ ނަޝާ ދެރަވޭތަ؟] ފަސީޙް އެއްސެވެ. އާއެކޭ ބުނުމުގެ ގޮތުން ނަޝާ ބޯޖަހާލިއެވެ. އެއާއެކު ފަސީޙްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. މިހާރު ފަސީޙްގެ މަޤްޞަދު ފަސީޙަށް ޙާޞިލްވެއްޖެއެވެ. ނަޝާ އޭނާއާ ދޭތެރޭ ވިސްނާކަން އެނގި ސާބިތުވެއްޖެއެވެ.

[އަހަރެން ވަރަށް އުފާވެއްޖެ...ވަރަށް އުފާވެއްޖެ.] ފަސީޙް ލިބުނު އުފަލާއެކު ނަޝާގެ އަތުގައި ހިފެހެއްޓިއެވެ.

[އަހަންނަށް މަޢާފްކުރޭ ފަސީޙް...ސޮރީ...] ނަޝާއަށް ބޭއިޚްތިޔާރުގައި ފަސީޙްގެ މޭގައި ބޯއަޅާލެވުނެވެ.

އެދުވަހަށްފަހު ފަސީޙްގެ ޙަޔާތަށް އުފާވެރިކަން އައީއެވެ. ނަޝާ މިހާރު ޢިމްރާނާ ދޭތެރޭ ކުޑަކޮށްވެސް ނުވިސްނައެވެ. މިހާރު ނަޝާ ބޭނުންވަނީ ފިރިމީހާއާއެކު އުފަލުގައި ދިރިއުޅޭށެވެ.

ފަހުން ފަސީޙް ނަޝާއަށް ކިޔާދިން ގޮތުގައި އޭނާއާއި ޝިފާއާ ދޭތެރޭ އެއްވެސް ގުޅުމެއް ހިންގާފައެއް ނުވެއެވެ. އޭނާ ޝިފާ އެގެއަށް ގެނެސްގެން އުޅުނީ ނަޝާއަށް ވިސްނައިދިނުމުގެ މަޤްޞަދުގައެވެ. ނަމަވެސް އޭގައި ޝިފާގެ ހިތު ނިޔަތެއް ފަހަރެއްގައިވެސް އޭނާއަކަށް ނޭނގެއެވެ.

[ފަސީޙް އަހަރެންދެކެ އަދިވެސް ލޯބިވޭތަ؟] ނަޝާ އެއްސެވެ.

[ތިސުވާލު ކުރާކަށްވެސް ނުވާނެއެއްނު. އަހަރެން ނަޝާދެކެ ލޯބިވާ މިންވަރު ނުވިސްނޭތީތަ ތިހެން ތިއަހަނީ. އަހަރެން ނަޝާދެކެ ވަރަށް ލޯބިވޭ. އާނ ވަރަށް ލޯބިވޭ. މިލޯތްބަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ.] ފަސީޙުް ނަޝާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. މިހާރު ނަޝާވެސް އެހުންނަނީ ވަރަށް އުފާވެފައެވެ. އޭނާ ލޯބިވީ މީހާ ނުލިބަސް، އޭނާއަށް ލިބިފައިވަނީ އޭނާދެކެ އިންތިހާއަށް ލޯބިވާ އޯގާތެރި ފިރިއެކެވެ.

މިހާރު ސަރާ ހުންނަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ހާސްކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭނާ ޔަޤީން ކުރެއެވެ. ނިމާލް ދުނިޔޭގައި އެބަހުއްޓެވެ. ނިމާލް އޭނާއާ ވަކިން އެކަހެރިކޮށް ދިރިއުޅެނީ އޭނާއަށް ބުނެވުނު ބަހުންނެވެ. ނިމާލް ގެއްލުނީ އެދުވަހަށްފަހުގައެވެ. ނިމާލްދެކެ ލޯބިނުވެވުނޭ، އެދުވަހު ބުނެވުނަސް، މިހާރު ނިމާލާ ދޭތެރޭ ވިސްނެނީ މާބޮޑަށެވެ. ނިމާލް ހަނދާންވަނީއެވެ. ހުވަފެނުގައިވެސް ފެންނަނީއެވެ. ނިމާލްގެ އޯގާތެރި އެހީތައް ލޯމަތިން ސިފަވަމުންދަނީއެވެ. މިހުރިހާ ކަންތައްތަކެއް ބޯމަތިވުމުގެ ސަބަބަކީ ކޮބައިބާއެވެ. ނިމާލްދެކެ ލޯބިވެވުނީބާއެވެ. މިއީވެސް އުފެދޭ ސުވާލެކެވެ. ލޯބިނުވެވޭނަމަ މިވަރަށް ނިމާލާ ދޭތެރޭ ވިސްނި ހަނދާންވަނީ ކީއްވެބާއެވެ.

[އަހަންނަށް ޔަޤީން، ނިމާލް ދުނިޔޭގައި އެބަހުރި. ނިމާލް މަރެއްނުވޭ...] ސަރާއަށް ހިތާހިތާ ބުނެވުނެވެ. ނިމާލް އޭނާއަށް ދިން ލޯތްބާއި އޯގާތެރިކަމުގެ ބަދަލުދޭން ކިތަންމެހާވެސް އޭނާ ބޭނުމެވެ.

[ދަރިފުޅު ނިމާލް ހޯދަން ކިތަންމެ ބޭނުންވިޔަސް، މިދުނިޔޭގައި ނެތް މީހަކު ކިހިނެއްތަ ހޯދާނީ. ދަރިފުޅާ އެކަމާ ދެން ނުވިސްނަބަލަ.] ނަޖްމާ ސަރާއަށް ނަޞޭޙަތްތެރިވިއެވެ.

[މަންމާ...ނިމާލް މަރެއްނުވެޔޭ. ނިމާލް މަރުވިނަމަ އަހަންނަށް އެއިޙްސާސްތަކެއް ނުކުރެވޭނެ.] ސަރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.

އޭރު ސަރާމެންގެ ވާހަކަ އަޑުއަހަން އެގޭ ދޮރާށި ކައިރީގައި ރަޝީދު ހުއްޓެވެ. އޭނާ އައިސްހުރީ ސަރާގެ ދަރިފުޅު މީކާ ދެކެލުމުގެ ބޭނުމުގައެވެ. އެގެއަށް ވަދެލާނަމޭވެސް އޭނާގެ ހިތަށް އެބައަރައެވެ.

ނިމާލްގެ މަންމަ ދަރިފުޅު ގޮވައިގެން އެގެއަށް އައިސް ދިނުމަށް އެދި ސަރާޔަށް ގުޅީ އެވަގުތުއެވެ. ސަރާ ގަސްދުކުރީ ޓެކްސީއެއްގައި ދާށެވެ. ވުމާއެކު ޢިމްރާނަށް ގުޅާފަ ބުނެލުމަށްފަހު، އޭނާ ޓެކްސީއަކަށް ގުޅިއެވެ. އޭރު ރަޝީދު ހުރީ މަގުގެ އަނެއްފަރާތުގައެވެ. އެމަގަކީ މާ ކާރޫބާރޫ ބޮޑު މަގަކަށް ނުވިޔަސް، އާދައިގެ ވަރަކަށް ވެހިކަލް ދުއްވާ މަގެކެވެ. ޓެކްސީ އައިސް މަޑުކުރީ މަގުގެ އަނެއްފަރާތަށެވެ. މަގަކީ އެއްކޮޅަށް ދުއްވާ މަގަކަށްވުމާއެކު، މަޑުކުރެވެނީވެސް އެއްފަރާތަށެވެ.

ސަރާ ނިކުތް ވަގުތު ސައިކަލްމަތީގައި އިން ރަޝީދު ސައިކަލުން ފޭބިއެވެ. އޭނާ ބޭނުންވަނީ ކުޑަކުޑަ މީކާ އުރާލާށެވެ. އެވަގުތު އެގެއާ ޖެހިގެން ހުރި ފަސްބުރި ޢިމާރާތުގެ މަތިން ލަކުޑި ބުރިއެއް ވެއްޓިގެން އަންނަތަން ރަޝީދަށް ފެނުނީ ކުއްލިއަކަށެވެ. ބޭއިޚްތިޔާރުގައި ރަޝީދު ސަރާއަށް ގޮވަމުން ދުއްވައިގަތެވެ. އޭނާއަށް ކިރިޔާ ސަރާއާއި ދަރިފުޅު ދުރަށް ކޮއްޕާލެވުނީއެވެ. ލަކުޑިބުރި އައިސް ޖެހުނީ ރަޝީދުގެ ކޮނޑުމަތީގައެވެ. ހިސާބަކަށް ބޮލުގައިވެސް ޖެހުނެވެ. ވަގުތުން އޭނާގެ ބޯފަޅައިގެން ގޮސް ލޭތައް ފައިބަން ފަށައިފިއެވެ. ސަރާ ބާރަށް ހަޅޭއްލަވައިގަތެވެ. އިސާހިތު އެތަނަށް މީހުންތައް ޖަމާވެއްޖެއެވެ. ވަގުތުން އެޓެކްސީއަށް އަރުވައިގެން ރަޝީދު ގެންދެވުނީ ހޮސްޕިޓަލަށެވެ. އެކާރުގައި ރަޝީދު ގޮވައިގެން ސަރާވެސް ދިޔައެވެ. ދަރިފުޅު މަންމައާ ޙަވާލުކޮށްފައެވެ. ރަޝީދު އޮތް ހާލު ފެނުމުން ސަރާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސަރާމެނަށް ހޮސްޕިޓަލަށް ވަދެވުނުއިރު ޢިމްރާންވެސް ހޮސްޕިޓަލަށް އައިސް ހުއްޓެވެ.

[ކިހިނެއް ދިމާވި އެކްސިޑެންޓެއް!؟] ޢިމްރާން ސުވާލުކުރީ ސަރާއާއެވެ. ސަރާ ކަންތައްވީގޮތް ޢިމްރާނަށް ކިޔާދިނުމަށްފަހު އަވަސްފަރުވާދޭ ކޮޓަރިއަށް ދިޔުމަށް އެދުނެވެ. ޢިމްރާން ހިނގައިގަތެވެ. ނަމަވެސް ޢިމްރާން އެތަނަކަށް ނުވެއްދިއެވެ.

[އަހަރެމެންގެ ދެމައިން ސަލާމަތް ކުރަން އުޅެގެން ރަޝީދުގެ ބޯމައްޗަށް އެލަކުޑިގަނޑު ވެއްޓުނީ....] ސަރާ އިތުރަށް ޢިމްރާނަށް ކިޔާދިނެވެ. އެވަގުތު ޑޮކްޓަރު ފިރާޤު ނުކުމެ ރަޝީދުގެ އެހީތެރިއަކަށް ގޮވިއެވެ. ޢިމްރާން ދިޔައެވެ.

[ތީ ރަޝީދުގެ ކޮއްކޮތޯ؟] ޑޮކްޓަރ ފިރާޤު އެއްސެވެ.

[ނޫނޭ....ރަޝީދުގެ ތިމާގެ މީހަކުވެސް މިރަށަކު ނެތް. ރަޝީދަކީ އަޅުގަނޑުގެ މުވައްޒަފެއް....ރަޝީދު ބުނަނީ އޭނާއަކީ އައްޑުއަތޮޅު މީހެއް ކަމަށް. ރަޝީދުގެ ޙާލު ރަނގަޅުތަ؟] ޢިމްރާން ޑޮކްޓަރ ފިރާޤާ ވާހަކަ ދެއްކިއެވެ.

[ކޮނޑުމަތީގައި ޖެހުމުން ކޮނޑުކަށިގަނޑަށް ގެއްލުންވެފައި ހުރި ކަމަށް ބެލެވެނީ. މާސީރިއަސްއެއް ނޫން. ބޯފަޅައިގެން ގޮސްފައި ހުރި ތަން މިހާރު ފެހުމުގެ މަސައްކަތް ކުރިއަށް އެބަދޭ....] ޑޮކްޓަރ މަޢްލޫމާތު ދިނެވެ.

ޢިމްރާން ދެން އަވަސްވެގަތީ ރަޝީދުގެ ޢާއިލާގެ މީހުންނަށް ގުޅުމަށެވެ. ނަމަވެސް ރަޝީދުގެ ޢާއިލާއަކީ ކޮންބަޔެއްކަން ނޭނގޭއިރު ގުޅާނީ ކިހިނެއްބާއެވެ؟ ނަރުސް ކުއްޖަކު ރަޝީދުގެ ވޮލެޓް ގެނެސް ޢިމްރާންގެ އަތަށްދިނީ ޢިމްރާން، މިޚިޔާލުގައި ހުއްޓައެވެ. ޢިމްރާން ވޮލެޓް ހުޅުވާލިއެވެ. އޭރު އޭނާއާ ދާދިގާތުގައި ސަރާވެސް ހުއްޓެވެ. ވޮލެޓް ހުޅުވާލުމާއެކު ޢިމްރާނާއި ސަރާގެ ދެލޯ ބޮޑުވިއެވެ. އޭގެތެރެއިން އެންމެ ފުރަތަމަވެސް ފެނުނީ ނިމާލާއި ސަރާގެ ކައިވެނިވިރޭ ނަގާފައިވާ ފޮޓޯއެކެވެ. ދެން ފެނުނީ ނިމާލްގެ އައި.ޑީ. ކާޑެވެ.

[ނިމާލް!؟....] ސަރާއާއި ޢިމްރާނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ވަގުތުން ސަރާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. ޢިމްރާން ހިތްވަރުކޮށްފައި ނިމާލްގެ މަންމައަށް ގުޅާފައި މިޚަބަރު ދިނެވެ. މާގިނައިރުތަކެއްނުވެ ރޮމުން ނިމާލްގެ މަންމަ ޒާހިދާއާއި ބައްޕަ ރާޒީގެ އިތުރުން ނަޝާގެ ދެމަފިރިން އައިސް ވަދެއްޖެއެވެ. ޒާހިދާ އައިގޮތަށް އައިސް ރޮމުން ސަރާގެ ގައިގައި އޮޅުލައިގެންފިއެވެ. މިހާރު ސަރާއަށް ކުރިއަށްވުރެންވެސް ބޮޑަށް އަސަރުކޮށްފިއެވެ.

[އެސޮރުގެ ޙާލު ރަނގަޅުތަ؟ ޒާހިދާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

ސަރާއަށް އެއްވެސް ވާހަކައެއް ނުދެއްކެއެވެ. އޭނާއަށް ރޮވެނީއެވެ. ނިމާލް އޭނާދެކެ ލޯބިވާ މިންވަރު މިހާރު އޭނާއަށް ކިތަންމެ ރަނގަޅަކަށްވެސް އިޙްސާސް ކުރެވެއެވެ. މިހާރު އެތަނަށް ސަރާގެ ބައްޕައާއި މަންމަވެސް އަތުވެއްޖެއެވެ. ނިޔާޒާއި ޝީކާ ނޫން ހުރިހާ މީހުންވެސް އެތަނުގައި އެބަތިއްބެވެ. ނިޔާޒްމެންވީ ހަނީމޫންގައެވެ. ބޭސް އަޅައި ނިންމުމަށްފަހު، ނިމާލް އޮތްތަނަށް ވަނުމުގެ ހުއްދަ ލިބުނީ ދެގަޑިއިރެއްހާއިރު ފަހުންނެވެ. އެންމެން އެއްފަހަރާ ގޮސް ވަނެވެ. ނިމާލް ހޭއެރީ އޭގެ ބައިގަޑިއިރު ފަހުންނެވެ. އޭރު ނިމާލްގެ ގާތުގައި ތިބެ އެންމެންވެސް ރޮނީއެވެ. ފުރަތަމަވެސް ނިމާލް ބަލައިލީ ސަރާގެ މޫނަށެވެ. އެއަށްފަހު، އޭނާގެ މަންމައާއި ޢާއިލާގެ އެހެން މެންބަރުންނަށެވެ. މިހާރު އެންމެން ރޮމުން އެދަނީ އުފަލުންނެވެ.

[މަންމާ...ބައްޕާ...ކޮއްކޯ....އަހަންނަށް މަޢާފްކުރޭ...އަހަރެން މިގޮތަށް ބަދަލުވެގެން އުޅުނީ ސަރާދެކެ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުން. ސަރާ މަސައްކަތް ކޮށްކޮށް އަހަރެންދެކެ ލޯބިނުވެވުނު ވާހަކަ ސީދާ އަހަރެން ގާތު ބުނުންވީ އަހަންނަށް ކެތްކުރެވޭވަރުގެ ކަމަކަށް ނޫން. އެހެންވެ އަހަރެން މަސައްކަތް ކުރީ ކެތްތެރިކަން ޚިޔާރުކޮށް، ސަރާއަށް ސަރާގެ ލޯބި ހޯދައިދޭން.] ނިމާލް އަނެއްފަރާތަށް އެނބުރުނެވެ.

[އަހަންނަށް މަޢާފްކުރޭ ނިމާލް. ޢިމްރާން ފުރްޞަތު ދީފިއްޔާ މިހާރު އަހަރެން ބޭނުންވަނީ ނިމާލަށް ލޯބިދީގެން ނިމާލާއެކު ދިރިއުޅެން. ނިމާލްގެ ތިޔަ ތެދުވެރިކަމުގެ ސަބަބުން އަހަންނަށް ނިމާލްދެކެ ލޯބިވެވިއްޖެ.] ރޮއިރޮއިފައި މިހެން ބުނަމުން ސަރާ ބަލައިލީ ޢިމްރާންގެ މޫނަށެވެ. އޭރު ޢިމްރާންގެ ލޮލުންވެސް ކަރުނަ އަންނަނީއެވެ.

[ނިމާލް....މިހާރު އަހަންނަށްވެސް ގަބޫލުކުރެވިއްޖެ. އަހަންނަށްވުރެން މާބޮޑަށް ނިމާލް ސަރާދެކެ ލޯބިވާކަން. ސަރާގެ ލޯބި ޙައްޤުކަންބޮޑީވެސް ނިމާލަށް....ނިމާލް ސަރާޔަށް ލޯބިދީގެން އުފަލުގައި ގެންގުޅެން ހުރިއްޔާ ސަރާއަށް ފުރްޞަތު އެބައޮތް. އަހަންނަށް އެނގޭ، މިހާރަކަށް އައިސް ސަރާ ނިމާލާ ދޭތެރޭ ވިސްނާކަމާއި، މިހާރު ސަރާ ނިމާލްގެ ހަނދާންތަކުގައި ވަގުތު ހޭދަކުރާކަންވެސް. އަހަންނަށް ސަރާގެ ޙަރަކާތްތަކުން އެކަން އެނގޭ.....މިވަގުތުން ފެށިގެން ސަރާއަކީ ފުރިހަމަ މިނިވަނެއް. ނިމާލްގެ މީހެއް...]

ޢިމްރާން ސަރާއާއި ނިމާލްގެ އަތާއި އަތް ގުޅުވާލަދިނެވެ. އޭރު ޢިމްރާންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދަނީއެވެ. އޭނާ މަޑުމަޑުން އެތަނުން ނުކުންނަން ހިނގައިގަތެވެ. އެހިނދު ނިމާލްގެ ހިތް ސަރާއަށް ގޮވަމުން ދިޔައެވެ. ލޯތްބާއި ޖަޒްބާތުގެ އަސަރާ އެކުގައެވެ.

[ޖާނާއެ މިތުރާ ބޭޤަރާރުވޭ، ޖާނާ އެ މިތުރާ ދީވާނާވޭ

ސަރާއޭ އަލުން އާދޭ، ޙަޔާތަށް އަލުން އާދޭ

ކެތްކުރެވޭހެ ޔާރާ ތިޔަހެން ދުރުގާ އުޅެން

އެހިނދު ސަރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ނިމާލް ނުހަނު ލޯތްބާއެކު ފޮހެލަދިނެވެ.

[ދެން ނުރޮއި ސަރާ....އަހަރެން ސަރާ ދާއިމަށް އުފަލުގައި ގެންގުޅޭނަން. ލޯބިދޭނަން. ހުރިހާ ހަނދާންތަކެއް ފަނޑުވާވަރަށް ލޯބިދޭނަން.] ނިމާލް ހިނިތުންވާން މަސައްކަތް ކުރިއެވެ.

ދުވަސްތަކެއްފަހުން ސަރާގެ އާ ދިރިއުޅުމެކެވެ. މިހާރު ސަރާގެ ހުރިހާވެސް އުއްމީދަކީ އޭނާގެ ތެދުވެރި ލޯބިވާ ބައިވެރިޔާއާއެކު ޙަޔާތުގެ ބާކީބައި ހޭދަކުރާށެވެ. ލޯތްބާއި އޯގާތެރިކަމުގެ ހިޔާވައްސެއްގައެވެ.

ދިރިއުޅުމުގައި ތަފާތު އަޑިގުޑަންތަކެއް އައުމަށްފަހު، މިއީ މިހާރު ސަރާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ފޮނި ދުވަސްތަކެއް ކަމަށް ހެދުމަކީ ސަރާގެ އުއްމީދެވެ. އޭނާގެ ޙަޔާތުގައި ކުރިމަތިވި ކޮންމެ ކަމަކާވެސް ކުރިމަތިލީ ކެތްތެރިކަމާ އެކުގައެވެ. ސަރާއަކީ ކެތްތެރިކަމުގެ ނަމޫނާއެކެވެ.

- ނިމުނީ –

***************

*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން