[އަހަރެން ދެކެ ޝިޒޫ ލޯބިވާކަން. ލޯބިނުވާ މީހަކަށް ނޫނީ އިންތިޒާރު ނުކުރެވޭނެކަން އަހަންނަށް ޔަޤީންވޭ.] ޒަހީންގެ ހިތުގައިވާ ޔަޤީންކަން ބޮޑެވެ.

[ބުނެ އުޅެއެއްނު، އެދުމެއް ނެތިއްޔާ ވެދުމެއް ނުކުރާނެޔޭ. ވެދާނެއެއްނުން ކުރި އިންތިޒާރުގެ ފަހަތުގައި އެދުމެއް ވަނީ ކަމަށްވެސް.] ޝިޒްނީގެ ވާހަކަ ސަމާސާއާ ގުޅިފައިވިޔަސް ބުނެވުނީ ޙަޤީޤަތަށެވެ.

[ރަނގަޅޭ އިންތިޒާރުގެ ފަހަތުގައިވަނީ ލޯތްބެއްނު.] ޒަހީން ޝިޒްނީގެ ވާހަކައިގެ ތެރެއިން މާނައެއް ނެރެގަތެވެ.

[އޯހް...ހީކުރި ވަރަށްވުރެވެސް މޮޅު. ޔަޤީން ބަޙުޘް ކުރުމުގެ މުބާރާތެއްގައި ބައިވެރިވެއްޖިއްޔާ، ޖަހާލާފަ ދެވޭނެ މީހަކު ނުހުންނާނެ.] ޝިޒްނީ ޒަހީނަށް ތަޢުރީފް ކުރިއެވެ. އެ ތަޢުރީފްގެ ބަސްތައް އަޑުއަހަން ހުރި ޒަހީން، އުފަލުން ހެވިފައިވާ ހާލުގައި ޝިޒްނީއާ ގާތަށް ޖެހިލިއެވެ.

ޝިޒްނީ ލަދުރަކި ގޮތަކަށް ހިނިތުންވެލާފައި ޒަހީންގެ މޭގައި ލައްވެލިއެވެ.

[ލަދުގަތީތަ؟] ޝިޒްނީގެ ޙަރަކާތްތަކަށް ވިސްނާލުމަށްފަހު އެއްސެވެ. ޒަހީންގެ އެ ޖުމްލައިން ޝިޒްނީ އިތުރަށް ލަދުގަތެވެ.

[އެތެރެއަށް ވަންނަންވީނު؟ މީހަކު އަތުވެދާނެ!] ހަމަހިމޭން އިރުކޮޅަކަށްފަހު ޝިޒްނީ ވާހަކަ ދެއްކިއެވެ.

[އެތެރެއަށް ވަންނަން ހުއްދަ ދިނީތަ؟] ޒަހީން ޝިޒްނީއާ ދުރަށް ޖެހިލިއެވެ. ޝިޒްނީ ހިނިތުންވެލަމުން އެތެރެއަށް ދުއްވައިގަތެވެ. ފަހަތުން ޒަހީންވެސް އެތެރެއަށް ވަދެއްޖެއެވެ.

[އޭނަ ކޮބައިތަ؟] ޝިޒްނީ ދުވެފައި އައިސް ވަނުމުން ބޮޑުކޮޓަރީގައި އިން ރިޝްމީ އެއްސެވެ. އެއީ ފަހަތުން އައި ޒަހީންވެސް އައިސް ވަން ވަގުތެވެ.

[އިށީނދޭ އިށީނދޭ.] ޒަހީން އިށީނުމަށް އެދުނީ ރިޝްމީއެވެ. ޝިޒްނީގެ ދައްތަގެ މޫނުމަތިން ފެނިގެންދިޔަ ރައްޓެހި ގޮތަކުން ޒަހީން ވަރަށް އުފާވިއެވެ. ރިޝްމީ ކިތަންމެ ރައްޓެހިގޮތް ދެއްކިނަމަވެސް، ޒަހީންހުރީ ލަދުގެންފައެވެ. އޭނާ އިށީނީވެސް ރިޝްމީ ތަކުރާރުކޮށްލުމުންނެވެ.

[މިއީ އަހަރެންގެ މަންމައަކީވެސް އަދި ބައްޕައަކީވެސް.] ޝިޒްނީ ޒަހީނަށް ދައްތަ ތަޢާރަފްކޮށްދިނެވެ.

[ތެދެއް ޒަހީން، މިގޭގައި ތިބޭނީ އަހަންނާ ކޮއްކޮ އެކަނި.] ރިޝްމީ ތެދުވެ ހިނގައިގަންނަމުން ބުންޏެވެ.

[ކޮޓަރިއަކަށް ނޫންތަ....؟] ރިޝްމީ ދިޔުމުން ޒަހީން ވާހަކަ ފެށިއެވެ.

[ކީކޭ؟] ޒަހީން ކީ އެއްޗެއް ޝިޒްނީއަށް އޮޅުމެއްނުފިލިއެވެ.

[މި ކިޔަނީ މިތަނަށް މީހަކު އަތުވެދާނެ ނޫންހޭ! ކޮޓަރިއަށް ނޫންހޭ ވަންނަންވީ.] ޒަހީން ޖުމްލަ ފުރިހަމަކޮށްލިއެވެ.

[މިގެއަކަށް ނާންނާނެ އެކަކުވެސް.] ޝިޒްނީ ޒަހީނާ ގާތްވެލަމުން ބުންޏެވެ.

[އެކަމަކު ދައްތަ އަތުވެދާނެއެއްނު.] ޒަހީން ޝިޒްނީގެ އަތުގައި ހިފެހެއްޓިއެވެ.

[ދައްތައޭ....އެއީ މާބޮޑު ކަމެއްތަ؟] ޒަހީން ކިޔަން އުޅުނު އެއްޗެއް ޝިޒްނީއަކަށް ނުވިސްނުނެވެ.

ފަހަރެއްގައި ލަދުގަންނަން ޖެހިދާނެއެއްނު.] ޒަހީން ސަމާސާކޮށްލަން ބޭނުންވިއެވެ.

ޝިޒްނީ ލަދުގަތެވެ. ނިހާޔަތަށް ދެރަވެސްވިއެވެ. ޒަހީނަށް އޭނާގެ ޙަޤީޤަތް ނޭނގޭތީއެވެ. ޙަޤީޤަތް އެނގޭ ދުވަހަކުން ވާނެގޮތް ހިތަށް އެރުމާއެކު، އޭނާގެ ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ.

[އަހަނ! ރޮނީތަ! އަނެއްކާ ހިތްހަމަނުޖެހޭ ވާހަކައެއް ދެއްކުނީތަ؟] ޝިޒްނީގެ ފެންކަޅިވެފައިވާ ލޯ ފެނުމުން ޒަހީން ކަންބޮޑުވިއެވެ.

[އުހުނ އަޅާނުލާ. އަހަންނެއް ނުރޮމެއްނު.] ޝިޒްނީ ދެލޯ ފޮހެލަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

[ޝިޒޫ ލޮލުން ފެންނަ ކަންތައްވެސް ސިއްރު ކުރަނީތަ؟] ޒަހީން ޝިޒްނީގެ ޙަރަކާތްތަކަށް ޝައުޤުވެރިކަމާއެކު ބަލަން ހުރެފައި ބުންޏެވެ.

[އުހުނ ޙަޤީޤަތުގައިވެސް އަހަންނެއް ނުރޮމޭ. ވެދާނެ ޒަހީނަށް ހީވި ހީވުމަކަށްވެސް.] ޝިޒްނީ މަސައްކަތްކުރީ އޮޅުވާލާށެވެ. އެހެނަސް ޒަހީން އެކަން ދެނެގަތެވެ.

[އަހަންނަށް އެނގެޔޭ، ޝިޒޫ ކޮންމެވެސް ކަމެއް ސިއްރުކުރާކަން. އަޅެ ބުނަންވީނު.] ޒަހީންގެ ރާގުގައި ވަނީ މާޔޫސްކަމެވެ.

[އަޅެ [ޕްލީޒް] ޒަހީން އަހަރެން ސިއްރެއް ނުކުރަން. ސިއްރެއް އޮތަސް، އެ ސިއްރެއް ކޮންމެވެސް ދުވަހަކުން އެނގޭނެއެއްނު. ޒަހީން......އަހަންނާ ތިޔަ ސުވާލު ނުކޮށްބަލަ! ތިޔަ ސުވާލާ ކުރިމަތިލާ ކޮންމެފަހަރަކުވެސް އަހަރެންގެ ހިތަށް ވަރަށް......] ޝިޒްނީއަށް ރޮވުނީ ދެނެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ.

[ނޫން ޝިޒޫ. އަހަރެން ޝިޒޫގެ ހިތުގައިޖެހޭ ކަހަލަ އެއްވެސް ކަމެއް ނުކުރާނަން. ހުއްޓާލާ....ވަރަށް......ބޮޑަށް [ސޮރީ]. ޒަހީން މަޢާފަށް އެދުނެވެ. އޭރު ޒަހީންވެސް އިނީ ފެންކަޅިވެފައެވެ.

ޝިޒްނީގެ މޫނުމަތިން މޮޅިވުމުގެ އަސަރު ފެނުމަކީ އޭނާ ފަހަރެއްގައިވެސް އެދޭ ކަމެއް ނޫނެވެ. އޭނާގެ އެދުމަކީ ޝިޒްނީ އަބަދުވެސް އުފަލުގައި އުޅުމެވެ.

[ކޮއްކޯ ޒަހީނަށް އެއްޗެއް ނުދޭނަންތަ؟] އެވަގުތު އެތަނަށް ޝިޒްނީގެ ދައްތަ ރިޝްމީ އައިސް ވަނެވެ.

[ނޫނޭ ދައްތާ، އަދި މާގިނައިރެއްވެސް ނުވެއެއްނުންދޯ! ޒަހީން؟] ޝިޒްނީ ބުނެލިއެވެ.

[އޭ މިއަދު އަހަންނަށް އެއްޗެއް ގެނެސްދޭނެ ކަމެއް ނެތް....ދެން އެހެން ފަހަރަކުން.] ޒަހީން އެކަނި ޝިޒްނީއަށް އަޑުއިވޭވަރަށް އޭނާގެ ކަންފަތްދޮށުގައި ބުންޏެވެ.

[އޫނ......އަހަރެން ނިކަމެތިވީމަދޯ. އެންމެ ރަނގަޅޭ. އަހަންނަށްވެސް ދުވަހެއް އަތުވެދާނެ.] ޝިޒްނީވެސް ވާހަކަ ދެއްކީ އެކަނި ޒަހީނަށް އިވޭވަރަށެވެ.

ފަހުވަގުތު ހަތިޔާރު ބެހެއްޓީ ޒަހީނެވެ. އެރޭ ޒަހީން އެގެއިން ޝިޒްނީއާއެކު ސައި ބުޔެވެ. ޒަހީން ސައިބޯން ފެށުމާއެކު، ރިޝްމީ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

[ޝިޒޫ އަހަރެން ދަނީ.....ވަކިވުމުގެ ކުރިން ހަދިޔާއެއް ނުދޭނަންތަ؟] ޒަހީން ތެދުވަމުން އެއްސެވެ.

[އަހަރެން ދޭނީ އެހެން ފަހަރަކުން. މިރޭ....] ޝިޒޫ މިހެން ބުނަމުން ހީލިއެވެ.

[އާނ އާނ މިފަހަރު ދޭންވީ އަހަރެންދޯ.] ޒަހީން މިހެން ބުނަމުން، ޝިޒްނީއާ ހަތަރުކަޅިހަމަކޮށްލިއެވެ.

[ނޫން...ނޫން.....މިހާރަކު ނޫން.] ޒަހީން ޚިޔާލު ބަދަލުކޮށްލިއެވެ.

ޒަހީން ދިޔުމާއެކު، ޝިޒްނީ ގޮސް ވަނީ ރިޝްމީގެ ކޮޓަރިއަށެވެ. ރިޝްމީ އެނދުގައި އޮތެވެ. ރިޝްމީގެ ދެލޮލުން އޮހެމުންދާ ކަރުނަތަކުން ދެކޯތާފަތް ތެމެމުންދެއެވެ.

[ދައްތާ....ކިހިނެއްވީ، އަނެއްކާ ޒަހީން މިގެޔަށް ގެނައުން ކުށެއްތަ؟] ޝިޒްނީއަކަށްވެސް ކެތެއް ނުކުރެވުނެވެ. ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ.

[އުނހު ކޮއްކޯ، ދައްތައަށް ހީވަނީ ދައްތަގެ ބަލި.....] ރިޝްމީއަށް ގިސްލެވިއްޖެއެވެ.

[ކިހިނެއް....ދައްތަ އަނެއްކާ ސަކަރާތްވީތަ؟ ދެންމެވެސް ދައްތަ ހުރީ ނުލާހިކު ރަނގަޅަކަށްނު.] ޝިޒްނީގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފައިބައިގަތެވެ.

[ޝިޒޫ، ދައްތައަށް ވަރަށް އުނދަގޫވޭ. ކުއްލިއަކަށް ތަދުއެރީ.....] ރިޝްމީ ބަނޑުގެ ވަކި ހިސާބެއްގައި އަތް އަޅައިގެން އޮވެ ވާހަކަ ދެއްކިއެވެ. ޝިޒްނީއަށް ދައްތަގެ ޙާލަތު ތަޞައްވުރު ކުރެވެއެވެ. އެހެންވެ އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދެއެވެ.

[ދައްތާ، ހޮސްޕިޓަލަށް ދާންވީނުން. ގުޅަންތަ ޓެކްސީއަކަށް.] ޝިޒްނީ ފޯނާ ދިމާއަށް ހިނގައިގަތެވެ.

ފުރަތަމަ ޝިޒްނީ ގުޅީ ޒަހީނަށެވެ.

[ހެލޯ ޒަހީން ތަ؟] އެކޮޅުން ފޯނު ނެގުމުން، ޝިޒްނީ ވާހަކަ ދެއްކިއެވެ.

[އާނ....ކިހިނެއް....ޝިޒޫ ތަ؟] ޝިޒްނީގެ އަޑު އޭނާއަށް ފާހަގަކުރެވުނެވެ. ޝިޒްނީކަން އެނގުމުން ޒަހީން އިންތިހާއަށް އުފާވެއްޖެއެވެ.

[އާނ...ޒަހީން...ޒަހީން....] ޝިޒްނީއަށް ރޮވިއްޖެއެވެ.

[ޝިޒޫ ރޮނީތަ. ކިހިނެއްވީ؟ އަޅެ.....] ޝިޒްނީގެ ގިސްލުމުގެ އަޑު އިވިފައި ޒަހީން ހާސްވިއެވެ.

[ޒަހީން، ދައްތަ ވަރަށް ކުއްލިގޮތަކަށް ޙާލު ބޮޑުވެއްޖެ. މިގެޔަށް އައިސްދީފާނަންތަ؟] ޝިޒްނީގެ އަޑު ތުރުތުރުއަޅައެވެ.

[ހަމަ މިހާރު މިދަނީ. އަހަރެން ދާނީ ޓެކްސީއެއްގައި. އިތުރު ޓެކްސީއަކަށް ނުގުޅާތި.] ޒަހީން ފޯން ބޭއްވިއެވެ.

ދައްތާ! އަހަރެން ޒަހީނަށްވެސް ގުޅައިފިން. އޭނަ އެބައާދޭ ޓެކްސީއެއްގަ.] ފޯން ބޭއްވުމަށްފަހު ދައްތަގެ ކައިރިއަށް އައިސް ޝިޒްނީ ބުންޏެވެ.

[ކޮއްކޯ....ދައްތައަށް ހީވަނީ ކޮއްކޮ އުފަލުގައި އުޅޭ ދުވަސް ނުފެނިހެން ދައްތަ މަރު....] ރިޝްމީއަކަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޝިޒްނީ އޭނާގެ އަނގަމަތީ އަތް އެޅިއެވެ.

[ނޫން ދައްތާ، ތިޔަހެން ނުބުނޭ. ދައްތައަށް އެދުވަސް ފެންނާނެ. އާނ އިރާދަކުރެއްވިއްޔާ ފެންނާނެ.] އެއީ ޒަހީންވެސް އައިސް ވަން ވަގުތެވެ.

[ކޮބާ ތައްޔާރު ތަ؟] ޒަހީން އެތެރެއަށް ވަންނަމުން އެހިއެވެ. ޝިޒްނީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ޒަހީންމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު، ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ރިޝްމީ ޑޮކްޓަރަށް ދެއްކުމުގެ ކަންތަކާ ޙަރަކާތްތެރިވީ ޒަހީނެވެ.

[ވަރަށް ސީރިއަސް] ފައްތަރެއްގައި މިހާރުވަނީ.] ޑޮކްޓަރު ޓެސްޓްތަކެއް ހެދުމަށްފަހު ބުންޏެވެ.

[ކިހިނެއްތޯ ވީ؟] ޒަހީން ހުރީ ހާސްވެފައެވެ. އޭނާ ދެކޭގޮތުގައި ޝިޒްނީގެ ދައްތައަކީ އޭނާގެވެސް ދައްތައެވެ. ޝިޒްނީއަށް ލިބޭ ކޮންމެ ދެރައަކީ އޭނާއަށްވެސް ލިބޭ ދެރައެކެވެ.

[މީނާގެ ދެ ކިޑްނީގެވެސް ބާރެއް ނެތޭ ދެންނެވޭނީ.] ޑޮކްޓަރ ރިޒާ ޙަޤީޤަތް ފާޅުކުރިއެވެ.

[ދެން ރަނގަޅެއް ނުވާނެތޯ؟] ޒަހީންގެ ހިތް އަވަސްވިއެވެ. މުޅި މީހާ ދާހިއްލާ ފޯވިއެވެ. ޑޮކްޓަރ ރިޒާ އިރުކޮޅެއް ވަންދެން ހިމޭނުން އިނެވެ. މިފަހަރު ޙަޤީޤަތަށް ބުނަން އޭނާއަށް ނުކެރުނީ ކަމަށްވެސް ވެދާނެއެވެ. އޭނާ ފަސްޖެހުނެވެ.

[އެއީ ދައްތަތަ؟] ރިޒާ ބޭނުންވީ ރިޝްމީއަކީ ޒަހީނާ ކިހާ ގާތްކަމެއް ހުރި މީހެއްތޯ ބެލުމަށެވެ.

[އެއީ....އަޅުގަނޑުގެ ލޯބިވެރިޔާގެ ދައްތަ. ތިޔަހެން ތިޔަ އެއްސެވީ ކީއްވެގެންތޯ؟] ޒަހީންގެ ހާސްކަން އިތުރުވަމުން ދިޔައެވެ.

[އެއްވެސް އުއްމީދެއް ނެތް.] ޑޮކްޓަރ ރިޒާ ތެދުތެދަށް ބުންޏެވެ. ރިޒާގެ އެ ޖުމްލައިން ޒަހީނަށް ތެޅިގަނެވުނެވެ.

އިތުރަށް އޭނާ މަޑެއް ނުކުރެއެވެ. ހަލުވި ހިނގުމެއްގައި ގޮސް އޭނާ ވަނީ ރިޝްމީ އެނދުމަތި ކޮށްފައި އޮތް ކޮޓަރިއަށެވެ.

[ޝިޒޫ އަހަރެން އެބަ އަންނަން ރައްޓެއްސަކަށް ގުޅާފައި.] ޒަހީން ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ޝިޒްނީ ކަރުނައިން ތެމެމުންދިޔަ ދެލޮލުން ޒަހީނަށް ބަލާލަމުން ބޯޖަހާލިއެވެ. ޒަހީން ޝިޒްނީއަށް އިތުރަށް ބެލުމެއްނެތި ނުކުތެވެ.

ޒަހީން ބޭރަށް ނުކުމެ ނާފިޒަށް ގުޅިއެވެ. ކޮޓަރިން އޭނާ ނާފިޒަށް ނުގުޅީ ދައްކަން ޖެހިފައިވާ ވާހަކަތައް އެތާހުރެ ނުދެއްކޭނެތީއެވެ.

[އޭތް ނާފިޒް ވަރަށް ސަކަރާތް.] ޒަހީން ވާހަކަ ފެށީ ދުރުދުރުންނެވެ.

[ކިހިނެއްވީ؟ ހަމަޖައްސަން އުޅުމުން އެކަން ނުވީދޯ؟] ނާފިޒް ހީކުރީ އެހެން ކަމަށެވެ.

[އައްދޭ! އެކަން ކާމިޔާބު. އަދި ރަނގަޅަށް ހަމައަކަށް ނޭޅެނީސް މިއުޅެނީ އޭނާގެ ދައްތަ ބަލިވެގެން. މިހާރު މިގުޅީވެސް ހޮސްޕިޓަލުން.] ޒަހީން ވެގެން އުޅޭގޮތް އޮޅުންފިލުވައިދިނެވެ.

[ދެން އެހެނޭ ކިޔާފައި ޒަހީނަކާ ކީއް. އޭނާގެ ޢާއިލާގެ އެހެން މީހުން ތިބޭނެއްނު.] ނާފިޒް ބުންޏެވެ.

[އޭތް އެއީ ވަރަށް އެކަނިވެރި ކުއްޖެކޭ. އޭނާގެ ހުރިހާވެސް މީހަކީ ދައްތަ ރިޝްމީ.] ޒަހީން ނާފިޒަށް ކިޔައިދިނެވެ.

[ދެން ކޮބައިތަ އެމީހުންގެ މަންމައާއި ބައްޕަ.] ނާފިޒް އެއްސެވެ.

[އޭނާގެ މަންމައާއި ބައްޕަ ނިޔާވެއްޖެ. އެއީ މީގެ އެއްއަހަރު ކުރިން. މިކަހަލަ ވަގުތެއްގައި އަހަރެން ޖެހޭނެއެއްނު އެހީވާން. ފަހުންވެސް އެހީވާން ހުރީ އަހަންނެއްނު. އޭ މާގިނަ ވާހަކަ ދައްކުވަން ނޫޅެ މިކޮޅަށް އައިސްބަލަ. ވަރަށް ސީރިއަސްއޭ. ޑޮކްޓަރ އުއްމީދުވެސް ކަނޑާލައިފި.] ޒަހީން ފަތިވަރެއްހެން ހުރިހާ ވާހަކައެއް އަމުނާލިއެވެ.

[އާނ މިދަނީ. ކޮން ހޮސްޕިޓަލެއްގައި ތިޔަ ތިބީ.] ނާފިޒް އެހިއެވެ.

[އޭ.ޑީ.ކޭ.ގައި. އަވަސް ކުރައްޗޭ.] ޒަހީން ފޯން ބޭއްވިއެވެ.

ނާފިޒް ހޮސްޕިޓަލަށް އައިއިރު ކައުންޓަރު ކައިރީ ނާފިޒްގެ އިންތިޒާރުގައި ޒަހީން ހުއްޓެވެ.

[ކޮންމެވެސްވަރަކަށް ފައިސާވެސް ހިފައިގެން މިއައީ.] ޒަހީނާ އަރާ ހަމަކުރަމުން ނާފިޒް ވާހަކަ ދެއްކިއެވެ.

[ބޭނުންވީމާ އަހަރެން ބުނާނަން. އަވަހަށް ހިނގާ. ރިޝްމީ މިހާރު އޮތް ޙާލެއްވެސް ނޭނގެ.] ޒަހީން ކުރިއަށް ހިނގައިގަތެވެ.

[ކޮބައިތަ ބައިވެރިޔާ. އަހަރެން ހީކުރީ އަހަރެންގެ އިސްތިޤްބާލުގައި އޭނާވެސް ހުންނާނެ ކަމަށް.] ޒަހީނާއެކު ހިނގައިގަންނަމުން ނާފިޒް ބުންޏެވެ.

[ޝިޒޫވެސް އިސްތިޤްބާލުގައި އެބައިނޭ. އެކަމަކު ކޮޓަރީގައި.] އޭރު އެމީހުންނަށް ކޮޓަރިއާ ހަމައަށް އާދެވިއްޖެއެވެ.

ފުރަތަމަ ވަނީ ޒަހީނެވެ. ނާފިޒްވަނީ ޒަހީންގެ ފަހަތުގައި ހުރެގެންނެވެ. އޭރު ޝިޒްނީ، ދައްތައަށް ކޮންމެވެސް އެއްޗެއް ކާންދެވޭތޯ އުޅެއެވެ.

[ޝިޒޫ.....] އެތެރެއަށް ވަންނަމުން ޒަހީން ގޮވާލިއެވެ. ޝިޒްނީ ދޮރާ ދިމާއަށް އެނބުރުނެވެ. ހަމައެއާއެކު، އޭނާގެ އަތުގައި ހުރި ތަށިން އަތް ދޫކޮށްލެވިއްޖެއެވެ. މާޒީގެ ދުވަސްތަކެއް އާވާން ފެށިކަހަލައެވެ. ޔަޤީނެވެ. ޒަހީންގެ ގާތުގައި އެހުރީ ހަމަ އޭނާއެވެ. ޝިޒްނީއަށް ވީގޮތަށް ހަމަ ނާފިޒަށްވެސްވިއެވެ. ކުއްލިއަކަށް ޝިޒްނީ ފެނުމުން އޭނާއަށް ބަސް ހުއްޓިފައި ހުރެވުނެވެ.

ބިންމައްޗަށް ވެއްޓި ތެޅުނު ތަށީގެ އެތިކޮޅުތައް ނަގަމުން ދިޔައިރުވެސް ޝިޒްނީގެ ސިކުނޑީގައި އެނބުރެނީ އެއް ޚިޔާލުތަކެކެވެ. ޔަޤީނެވެ. އެއީ ހަމަ އޭނާއެވެ. އޭނާއާ ހެދި މޮޔަވެދާނެ ކަމަށް ބުނި ނާފިޒެވެ.

އާއެކެވެ. އޭނާ ރަނގަޅަށްވެސް ހަނދާން އެބަހުއްޓެވެ. އޭނާ ކޮންމެ ތަނަކުން ފެނުނަސް، އެ ނާފިޒް އޭނާއާ ދިމާކުރެއެވެ. ތަކުރާރުކޮށް ލޯބިވާ ވާހަކަ ބުނެއެވެ.

[އޭތް...ގެއްލިފަތަ؟] އޭގެ ދެމީހުންގެ ޚިޔާލީ ވާފަށް ކަނޑާލީވެސް ޒަހީނެވެ. ޝިޒްނީ އަވަސް އަވަހަށް ބިއްލޫރިތައް ނަގާފައި ވަށިގަނޑަށްލިއެވެ.

[ޝިޒޫ....އެނގޭތަ މީ ކާކުކަން.] ޝިޒްނީ މަސައްކަތް ނިންމާލުމަށްފަހު އައުމުން، ޒަހީން ރަޙްމަތްތެރިޔާ ތަޢާރަފްކޮށްދޭން ފެށިއެވެ. ޝިޒްނީ ލަދުރަކި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވަމުން، ނޭނގެޔޭ ބުނާކަހަލަ އިޝާރާތެއް ބޮލުން ދައްކާލިއެވެ.

[މިއީ.....އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނާފިޒު. އަދި ބުނަން ރާއްޖޭގެ ނިސްބަތުން މީނާގެ ބައްޕައަކީ މިލިއަނަރެއް.] ޒަހީން ނާފިޒާއެކު ނާފިޒްގެ ބައްޕަވެސް ޝިޒްނީއަށް ތަޢާރަފްކޮށްދިނެވެ.

ޒަހީން ވާހަކަ ދައްކަމުން ދިޔައިރުވެސް ޝިޒްނީއާއި ނާފިޒަށް ކުރެވެމުން ދިޔައީ އެއް ޚިޔާލުތަކެކެވެ.

[ޝިޒޫ......ހާދަ ޚިޔާލު ބޮޑުހެން ހީވެޔޭ.] ޒަހީން ޝިޒްނީގެ ޙާލު ދެނެގަތްކަހަލައެވެ.

[އުނހު....ޚިޔާލެއް ނުކުރަން.] ޝިޒްނީއަށް ތެޅިގަނެވުނެވެ.

[ޒަހީން އަހަރެން މިވަގުތު ގޮސްލިއްޔާ ކިހިނެއްވާނެތަ؟] ނާފިޒް ބޭނުންވީ ޝިޒްނީގެ ކުރިމަތިން އަވަހަށްދާށެވެ.

[އެކަމަކު އަދި އަންނައްޗޭ. އެހެން ނޫނީ އެކަނިމާއެކަނި އުޅެން ޖެހޭނީ.] ޒަހީން އެދުނެވެ.

[އަން މިފައިސާކޮޅުގައި ހިފާ. މިރޭ ޑިއުޓީގައި ހުންނަން އަންނާނަން.] ނާފިޒް ދަމުން ޒަހީންގެ އަތަށް ފައިސާ ބޮނޑިއެއް ދިނެވެ. ޙަޤީޤަތުގައި އެވަގުތު އެފައިސާ ދިނުމުގެ މަޤްޞަދެއްވެސް ވެއެވެ. ބޭނުންވަނީ އޭނާގެ ހުރި ދީލަތިކަން ޝިޒްނީއަށް އެންގުމެވެ. ނަމަވެސް، ފައިސާއަކުން ލޯބި ނުގަނެވޭނެކަން އޭނާ ނުދަންނަކަން ޔަޤީނެވެ.

ޒަހީން ފައިސާ އަތުލިއެވެ. ނާފިޒް ނުކުތުމުގެ ކުރިން ޝިޒްނީއަށް ބަލާލިއެވެ.

[ފަހަރީ މިވަގުތު ދަނީ.] ނާފިޒް ތުރުތުރެއް އެކުލެވިފައިވާ އަޑަކުން ޝިޒްނީއާ މުޚާޠަބު ކުރުމަށްފަހު ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނުކުތެވެ. ނާފިޒްގެ އަޑުގައި ހުރި ނުތަނަވަސްކަމާއި ހާސްކަން ޒަހީނަށް ފާހަގަނުކުރެވުނު ނަމަވެސް، ޝިޒްނީއަށް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް، ޝިޒްނީގެ މޫނުމަތިން ފެނުނު ހާސްކަމުން ޒަހީނަށް ކޮންމެވެސް އެއްޗެއް އެނގުނުހެން ހީވެއެވެ.

[ޝިޒޫ ހާދަ ފާޑަކަށް ނާފިޒަށް ތިޔަ ބަލަނީ. އަނެއްކާ ދެމެދުގައި ސިއްރެއްވަނީތަ؟] ޒަހީންގެ ވާހަކަ ސަމާސާއާ ގުޅިފައިވިޔަސް، ޝިޒްނީ އިތުރަށް ހާސްވިއެވެ.

[އައްދޭ ރަޙްމަތްތެރިޔާއަށްވެސް ޝައްކު ކުރަނީތަ؟] ޝިޒްނީ ހިނިތުންވުމުގެ އަސަރު ތުންފަތްމައްޗަށް ގެންނަމުން ޒަހީނާ ދިމާކޮށްލިއެވެ.

[ޝައްކު ކުރެވޭނެއެއްނު. ފާޑަކަށްވިއްޔަ ތިޔަބެލީ.....ޒަހީން ގާތުގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.

އެރޭ ރިޝްމީގެ ކައިރީގައި ޒަހީންމެނާއެކު ނާފިޒްވެސް ހުއްޓެވެ. ހުރިހާ ޚަރަދުތަކެއް ބެލެހެއްޓީވެސް ޚުދު އޭނާއެވެ.

ކިތަންމެ ފަރުވާކުރި ނަމަވެސް، ރިޝްމީގެ ޙާލުދަނީ ދުވަހަކަށްފަހު ދުވަހެއް ދަށްވަމުންނެވެ. ދައްތަ ތަޙައްމަލްކުރާ ވޭނުގެ ސަބަބުން އެންމެބޮޑު އަސަރުތަކެއް ކުރަމުންދަނީ ޝިޒްނީއަށެވެ. އޭނާގެ ލޮލުން ކަރުނަ ހިކޭނެ ވަގުތެއް ނުމެއާދެއެވެ.

ދައްތަގެ ނާޒުކު ޙާލު ޑޮކްޓަރާއި ޒަހީން އޭނާއަށް ސިއްރުކުރި ނަމަވެސް، ދައްތަގެ މިލަމުންދާ ހަށިގަނޑުން އޭނާއަށް ހުރިހާ ކަމެއްވެސް އެނގޭކަހަލައެވެ.

[ޒަހީން އަހަންނަށް ހީވަނީ ދައްތަގެ ޙާލު މިހާރު މާދެރަހެން.] ޝިޒްނީއަށް ރޮވިއްޖެއެވެ.

[ޝިޒޫ ހިތާމަނުކުރޭ. ކޮންމެ އެއްޗަކީވެސް ފަނާވާނެ އެއްޗެއް. ހަމައެފަދައިން ކޮންމެ އިންސާނަކީވެސް......] ޒަހީން ހުއްޓާލިއެވެ. އިތުރަށް އެ މަޥްޟޫޢާއިގެން ކުރިއަށްދާން އޭނާ ބޭނުންނުވީއެވެ. ޝިޒްނީ ދެރަވާނެވަރު އެނގޭތީއެވެ.

[ނޫން...ނޫން.....ޒަހީން ތިޔަހެން ނުބުނޭ. އަހަރެންގެ ދައްތަ އަހަންނާ ވަތްކެއް ނުވާނެ.] ޝިޒްނީއަށް ގިސްލެވެން ފެށުނެވެ. އޭރު ރިޝްމީއަށް އޮތީ ނިދިފައެވެ.

[ޝިޒޫ ދައްތަގެ ކުރިމަތީގައި ތިގޮތަށް ރުއިމުން، ދައްތަގެ ޙާލު މާޔޫސްވެދާނެ. ދައްތަ މިހާރުވެސް ވިސްނާނެ، ޝިޒޫއާ ދޭތެރޭ.] ޒަހީން ޝިޒްނީއަށް ވިސްނައިދިނެވެ.

[އާނ އަހަރެން ނުރޯނަން. ދެން ދައްތަގެ ޙާލު ރަނގަޅުވޭތަ؟] ޝިޒްނީ ދެލޯ ފޮހެލިއެވެ.

[ދެން އެންމެ ރަނގަޅު. ރުއިމަކުން ކުރާނެ ފައިދާއެއް ކޮބައިތަ؟ އާނ! އަހަންނަށްވެސް އިޙްސާސް ކުރެވެޔޭ، ޝިޒޫ ދެރަވާނެވަރު. ޝިޒޫ ކެތްތެރިވާން ދަސްކޮށްބަލަ.] ޒަހީންގެ ހިތްވަރުގެ ބަސްތައް އަޑުއަހަން އިން ޝިޒްނީ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު، ހިނިތުންވުމުގެ އަސަރު ތުންފަތްމައްޗަށް ގެންނަން މަސައްކަތް ކުރިއެވެ.

އެވަގުތު ނާފިޒު އެތަނަށް އައިސް ވަނެވެ.

[މިއަދު ހާދަ ލަހަކުން. އަނެއްކާ ކިހިނެއްވީ؟] ނާފިޒް އައިސް ވަނުމުން ޝަކުވާގެ ރާގަކަށް ޒަހީން އެއްސެވެ.

[ކޮބާ ދައްތަގެ ޙާލު މިހާރު ކިހިނެއް؟] ޒަހީން ކުރި ސުވާލަށް ޖަވާބު ދިނުމެއްނެތި ނާފިޒް އެއްސެވެ.

[ރަނގަޅުވާނެހެނެއް ހިއެއްނުވޭ.] ޒަހީން މާޔޫސީ ރާގަކަށް ޝިޒްނީއަށް ބަލާލިއެވެ.

[ޑޮކްޓަރާ ވާހަކަ ދައްކައިގެން އިންޑިއާއަށް ނަމަވެސް ގެންދެވޭތޯ އުޅެންވީނު.] ނާފިޒް ޚިޔާލެއް ދިނެވެ. އެޚިޔާލު ޝިޒްނީއަށް ކަމުދިޔަނަމަވެސް އޭނާ އިސްޖަހާލިއެވެ.

[ތިޔަގޮތްވެސް ރަނގަޅު. އެކަމަކު.....] މިފަހަރު ވާހަކަ ދެއްކީ ޝިޒްނީއެވެ.

[އެކަމަކު ފައިސާ ނެތޭތަ ބުނަން ތިޔައުޅުނީ. އެކަންތަކާ ނުވިސްނާ.] ޝިޒްނީ ޖުމްލަ ފުރިހަމަ ނުކުރި ނަމަވެސް، ނާފިޒަށް ވިސްނުނެވެ. ޝިޒްނީ ލަދުން އިސްޖަހާލިއެވެ.

ހަމަ އެދުވަހު ޒަހީނާއި ނާފިޒް ޑޮކްޓަރާ ވާހަކަ ދެއްކިއެވެ. ރިޝްމީ ދޫކޮށްލައިދޭތޯ އާދޭސް ކުރިއެވެ.

[ބުނާ އެއްޗެއް ޤަބޫލުކުރޭ! ޒަހީން އިންޑިއާއަކަށް ނޫން އެމެރިކާއަށް ގެންދިޔަސް ދޭނީ އެއްފަރުވާއެއް. އެކަމަކު ޒަހީން މިހާރު ވަގުތެއް ނެތް. އާނ ވަގުތު ފާއިތުވެއްޖެ.] ޑޮކްޓަރ ރިޒާ ދައްކައި ނިންމާލީ ވަރަށްގިނަ ވާހަކަތަކެކެވެ.

އަނެއްކާވެސް ޒަހީން މާޔޫސްވިއެވެ. ޑޮކްޓަރުގެ ވާހަކައިން އުންމީދު ގެއްލިފައިވާކަން އެނގެއެވެ. އެހެންވެ ޒަހީން އިތުރަށް ވާހަކައެއް ނުދައްކައެވެ. ނާފިޒްވެސް އިތުރަށް ވާހަކައެއް ނުދައްކައެވެ.

[ދެން ކުރާނެ ކަމެއް ނެތެއްނު.] ހިނގައިގަންނަމުން ޒަހީން ވާހަކަ ދެއްކިއެވެ. ފަހަތުން ނާފިޒްވެސް ހިނގައިގަތެވެ.

[ވަރަށް ދެރަ. ޑޮކްޓަރ ބުނުއްވީ ފްލައިޓަށް އަރުވާވަރަށްވުރެން ރިޝްމީގެ ޙާލު މާ ދަށޯ.] ޒަހީން ރިޝްމީ އޮތް ކޮޓަރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އޭރު ރިޝްމީއަށް އޮތީ ނިދިފައެވެ.

[ކީކޯ؟ މި ރަށުން ރަނގަޅުވާނެއޭތަ؟] ޝިޒްނީ އޮޅުންފިލުވަން ބޭނުންވިއެވެ.

[އުއްމީދު ކުރަމޯ.] ޒަހީން ދޮގު ހެދިއެވެ.

[ރޭގައިވެސް ނުނިދަމެއްނު. ތިޔަހަރަ އެނދުގައި އޮށޯވެ ނިދާލަބަލަ!] ދެންވެސް ވާހަކަ ދެއްކީ ޒަހީނެވެ.

[ދައްތަ އެކަނިކޮށްފައި ނިދާހިތެއްނެތް.] ޝިޒްނީ ނިދިފައި އޮތް ދައްތަގެ މޫނަށް ބަލައިލަމުން ބުންޏެވެ.

[ދައްތައަށް ހޭލެވުނީމާ އަހަރެމެން ގޮވާނަމޭ.] ޒަހީން ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. ނާފިޒް އެތަނަށް ވަންގޮތަށް ދެވަނަ ތަނަކަށް ނުބަލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޝިޒްނީއަށެވެ. ޝިޒްނީއަށް އެކަން ފާހަގަވެސް ކުރެވުނެވެ. އެހެނަސް ޒަހީނަކަށް ފާހަގައެއް ނުކުރެވެއެވެ.

[އޭތް ނާފިޒް ހާދަ ބަސްމަދުވެފައި! ހީވަނީ އަންހެނުން ދެކެ ލަދުގަންނަނީހެން.] ޒަހީނަށް ނާފިޒް ހުރިގޮތް ފެނިފައި ނާފިޒާ ދިމާކޮށްލިއެވެ. ނާފިޒަށް ސިހިގެންދާކަހަލަ ގޮތަކަށް ތެޅިގަނެވުނެވެ.

[އުނހު.....ކީކޭ......ހަމަ ރަނގަޅަށްވެސް ގެއްލިފައި މިހުރެވުނީ.] ނާފިޒް ހާމަކުރީ ޙަޤީޤަތެވެ.

[އަނެއްކާ ކޮންކަމަކަށް....؟] ޒަހީން އެއްސެވެ.

[އުނހު، އެއީ އެހެން ބުނި އެއްޗެއް ނޫން.] ނާފިޒަށް ބުނެވުނު އެއްޗަކާމެދު ވިސްނުނެވެ.

[ހާދަ ހީވެޔޭ ކަމެއް ސިއްރުކުރާހެން.] ޒަހީން ނާފިޒްގެ ވާހަކައާ ގުޅުވައިގެން ވާހަކަ ދެއްކިއެވެ.

[ރަނގަޅޭ ތިހީވީ ހީވުމެކޭ.] ނާފިޒް ޖަވާބު ދިނެވެ. އިތުރަށް ނާފިޒް މަޑެއް ނުކުރެއެވެ. އެބަ އަންނަމޭ ބުނެފައި، ނުކުމެއްޖެއެވެ.

ޖެހިގެންހުރި އެނދުގައި ޝިޒްނީ އޮށޯވެލިއެވެ. ޒަހީން ރިޝްމީއަށް ވާނުވާ ބަލަން ހުއްޓެވެ.

އެނދުގައި އޮށޯތްތާ އިރުކޮޅެއްގެ ފަހުން ޝިޒްނީއަށް ނިދުނެވެ. އޭރު ޒަހީންވެސް ހުރީ ތާއްޔާ ޖެހިޖެހިއެވެ. މިހާރު ޒަހީންވެސް ލޮލުފިޔައެއް ނުޖަހާ ހުންނަތާ މީ ދެވަނަ ރެއެވެ.

މިއަދަށް މިއީ ރިޝްމީ ހަސްފަތާލުގައި އެނދުމަތި ކުރިތާ ދެވަނައަށްވީ ދުވަހެވެ. ދުވަސްތައް ދިގުދެމެމުންދާ ފަދައިން، ރިޝްމީ ފަކީރުގެ ޙާލަތުވެސް ދަނީ އިހުނަށްވުރެން ދަށްވަމުންނެވެ. ޒަހީނަށް ރިޝްމީގެ ބަލީގެ ހުރިހާ ޙަޤީޤަތެއް އެނގުނަސް، ލޯބިވެރިޔާ ޝިޒްނީއަށް އެކަންވަނީ ސިއްރު ކުރެވިފައެވެ. އޭނާގެ ލަފާގެ މަތިން ޑޮކްޓަރުވެސް ޝިޒްނީ ހުއްޓާ ރިޝްމީގެ ބަލީގެ އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކުއްލިއަކަށް ރިޝްމީގެ އަނގައިން ބޭރުވި ވޭނީ އާހެއްގެ އަޑުން ޒަހީން ސިހުނެވެ. އޭނާ ތެދުވެ އެނދާ ގާތަށް ޖެހިލުމަށްފަހު ރިޝްމީއަށް ގޮވާލިއެވެ.

[ދައްތާ....] ޒަހީންގެ އަޑު ފިސާރި އޯގާތެރިއެވެ. ޒަހީނަކީ ހޭވެރިކަން ހުރި ފިރިހެނެއް ނަމަވެސް، އެވަގުތު ރިޝްމީ އޮތް ޙާލު އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ.

[ދައްތާ....] ދެންވެސް އޭނާ ގޮވާލިއެވެ. މިފަހަރުވެސް ޚަބަރެއްނުވިއެވެ. ދެލޯ ހުޅުވިފައި އޮތެއްކަމަކު އެހަށިގަނޑަކު ބާރެއް ނެތެވެ. އެކަން ޒަހީނަށް ފާހަގަކުރެވުނީ ރިޝްމީގެ ކަޅި ޙަރަކާތް ނުކުރީމައެވެ.

ޒަހީން ދުވެފައި ގޮސް ނަރުސް ކުއްޖަކަށް އެންގިއެވެ. ނަރުސް ކުދިންގެ ޙަރަކާތްތައް ފިސާރި އަވަހެވެ. ވަގުތުން ރިޝްމީއަށް އޮކްސިޖަން ގުޅިއެވެ. އެހެނަސް އެއަކުން އެއްވެސް އަސަރެއް ނުކުރިއެވެ. ނަރުސް ކުއްޖާ ރިޝްމީގެ މޭކަށިގަނޑަށް ފިއްތާލައިގެން ހުއްޓިފައިވާ ނޭވާލާތޯ މަސައްކަތް ކުރިއެވެ. އޭރުވެސް ޝިޒްނީއަށް އޮތީ ނިދިފައެވެ.

އެންމެފަހުން ނަރުސް ކުއްޖާ ނާއުއްމީދުވިއެވެ.

[ނޭވާ....ހުސްވެއްޖެ.] ނަރުސް އަންހެން ކުއްޖާ މާޔޫސީ ނަޒަރަކުން ޒަހީނަށް ބަލައިލުމަށްފަހު ބުންޏެވެ.

[މަރު.....މަރުވީތަ؟] ޒަހީން ހުރީ ހާސްވެފައެވެ. އެވަގުތު އެތަނަށް ނާފިޒް އައިސް ވަދެއްޖެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން