ހުސްވި 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މީގެ ކުރީ ކުއާޓާރއާއި އަޅާ ބަލައިއިރު 3 އިންސައްތައިގެ ދަށްވުމެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، ކުންފުނީގެ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެއްކަމަށްވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުންކަމަށެވެ.

އެހެންނަމަވެސް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބަފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯގެ އިމްޕެއާރމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހުސްވި އަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 1.3 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން ޓެކްސްއަށް ކެނޑުމުގެ ކުރިން އަހަރުގެ ސާފު ފައިދާގެ 995 ގޮތުގައި މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފުފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުންދާކަމަށާއި، އަދި ކުންފުނީގެ ބެލެންސްޝީޓް ރީސްޓްރަކްޗާރ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށްފަހު އެސެޓްތައް އެޖަސްޓްކުރެވިފައިވާކަމަށެވެ.

މީގެއިތުރުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަދަށް ރިބޭޓްތައް ފޯރުކޮށްދީފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. ފިއުލް ރިބޭޓް އަދި އެސެޓް އިމްޕެއާރމަންޓް ހަރަދުތައް އޭގެ އެންމެ އެކަށޭނެ މުއްދަތުގައި އެޖަސްޓް ކުރުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ތިން ކުއާޓާރގެ ހިސާބުތައް ރީސްޓޭޓް ކުރެވިފައިވާކަން އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން