ޞާދިރު ޢަލީދީދީ   2 އޯގަސްޓު 2020 - 13:52
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 04

...............

އެދުވަހުގެ ފޯންކޯލް ނިމުމަކަށް އައީ، ރަނާގެ ލޯބީގެ ޙަޔާތަށް ވާސިލް، ވާސިލްގެ ލޯބީގެ ޙަޔާތަށް ރަނާގެ ނަން ލިޔެވި ރަޖިސްޓްރީވެ، ލޯބީގެ މައިދާނަށް ނިކުމެވުމަށްފަހުގައެވެ.

އެންމެ ފުރަތަމަވެސް އެ އުފާވެރި ޚަބަރު އޭނާ ދިނީ ޝެހެނާއަށެވެ.

[އަޞްލުވެސްތަ؟ ވަރަށް އުފާވެދޯ ތިއިނީ....މިހާރު ދެން ތިއޮތީ ތިކަންވެސް ފެށިފައި. ވަރަށް ވިސްނައިގެން އުޅޭތި. ކައިވެނީގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންތައް، އެއިމުން ބޭރުގައި ނުކުރާތި. އެހެން ނޫނީ ލޯބީގެ ގުޅުން ޒަވާޖީ ގުޅުމަށް ބަދަލުވާއިރު، އެއްވެސް އަގެއް ނުހުންނާނެ. އަންހެނެއްގެ ކިބައިގައިވާ އެންމެ އަގުބޮޑު އެއްޗަކީ ޢިއްފަތްތެރިކަން. މިއީ ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ ހެޔޮ ނަޞޭޙަތެއް.] ނަޞޭޙަތަށްފަހު ޝެހެނާ ފޯން ބޭއްވިއެވެ.

ޙަޤީޤަތުގައިވެސް ޝެހެނާ އެދިނީ ވަރަށް ރަނގަޅު ނަޞޭޙަތެކެވެ. ޒަމާނުގެ ގިނަ އަންހެން ކުދިން ޝެހެނާ އެ ވިސްނާވަރަކަށް ތިމާގެ ނަފްސާ ދޭތެރެއަކު ނުވިސްނާނެއެވެ.

ގިނަ ކުދިން ތިމާގެ އަބުރާއި ޢިއްފަތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ލޯބީގެ ޙަޔާތެއް ފަށައިގަނެވުމާއެކު، އެއްވެސް ފިކުރެއްނެތި ހުރިހާ އިޚްތިޔާރެއް ލޯބިވެރިޔާއަށް ދޫކޮށްލުމަކީ، އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫނެވެ.

ތިމާގެ ޢިއްފަތުގެ މީރުކަމަކީ ކައިވެންޏާނުލާ އެއްވެސް ފިރިހެނަކަށް ދެވިގެންވާނޭ އެއްޗެއް ނޫނެވެ. އަގުހުރި ގުޅުމަކަށް ރަނގަޅު ބިންގަލެއް އެޅޭނީ، ޢިއްފަތްތެރި ދެބައިވެރިޔަކު ފަށާ ގުޅުމަކުންނެވެ. ކޮންމެ އަންހެނަކާއި ފިރިހެނަކުވެސް އެކަން ދަންނަންވާނެއެވެ.

ޝެހެނާއަކީ އެ ވިސްނުން އެންމެ ފުރިހަމަ ގޮތުގައި ގެންގުޅޭ އަންހެން ކުއްޖެކެވެ. އެހެންކަމުން، އޭނާ ބޭނުންވަނީ ރަނާގެ ކިބައިގައިވެސް އެ އާދަ އަށަގަންނުވާށެވެ.

[މަންމާ...އަހަރެން މަންމަ ގާތު ވަރަށްބޮޑު ވާހަކައެއް ދައްކަން ބޭނުން. އަހަރެން ބޭނުމެއް ނޫން، އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ކަމެއް މަންމައަށް ސިއްރުކުރާކަށް.] ރަނާ ބޭނުންވަނީ އޭނާ ލޯބީގެ ގުޅުމެއް ފެށި ވާހަކަ، މަންމަ ގާތު ބުނާށެވެ. އެހެން ނަމަވެސް، އެވާހަކަ އަދި ބައްޕައަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ.

[އަވަހަށް ބުނޭ، އަނެއްކާ ކިހިނެއްވީ؟] ޝަފީޤާ ބުންޏެވެ. ރަނާ އައިސް މަންމަގެ ގާތުގައި އިށީނެވެ.

[އަޅެ މަންމަ ބައްޕަ ގާތު ނުބުނައްޗޭ. ބައްޕަ ގާތު ނުބުނާނަންދޯ؟] ރަނާ ރަކި ހިނިތުންވުމަކާއެކު، މަންމަގެ މޫނަށް ބަލައިލިއެވެ.

[އާނ މަންމަ ނުބުނާނަމޭ. ކޮން ވާހަކައެއްތަ ދަރިފުޅު ދައްކަން ތިއުޅެނީ. އަވަހަށް ބުނޭ.] ޝަފީޤާ ރަނާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[މަންމާ، ވަރިހަމަތަ، އަހަރެން ކުއްޖަކާ ރައްޓެހިވިޔަސް.] ރަނާ އިސްޖަހާލައިގެން ވަރަށް ލަދުން އިނދެމެ ބުންޏެވެ. ޝަފީޤާ ރަނާގެ ދަތްދޮޅީގައި ހިފައި، އިސް އުފުލައިލަމުން ހިނިތުންވެލިއެވެ.

[މައްސަލައެއް ނެތް ދަރިފުޅާ. މަންމަ ދަރިފުޅަށް އަބަދުވެސް އިތުބާރު ކުރަން. އެކަމަކު މަންމަ ބޭނުން ދަރިފުޅަށް ކުޑަކުޑަ ނަޞޭޙަތެއް ދޭން. ޢިއްފަތާއި އަބުރަށް ރައްކާތެރިވާތި. އެކަހެރި ތަންތާ ގިނައިރު ވާހަކަ ދައްކަން ނުތިބޭތި. އެފަދަ ވަގުތުތަކުގައި އިބިލީސް ވަސްވާސްދޭނެ. ދަރިފުޅު ރީތި ނަމެއް ހޯދައިފިއްޔާ ފަޚްރުވެރިވާން ތިބި ފަދައިން، ދަރިފުޅުވާ ކޮންމެ ބަދުނާމަކީ މަންމައާއި ބައްޕަގެ ޙަޔާތުގައި ޖެހޭނެ ލައްގަނޑެއް. މިހެން ބުނާއިރުވެސް މަންމައަށް އެނގޭ، ދަރިފުޅަކީ ހެޔޮ ވިސްނޭ ކުއްޖެއްކަން. މަންމަގެ ނަޞޭޙަތް ހަނދާން ބަހައްޓާތި.] ޝަފީޤާ ފިސާރި ލޯތްބާއެކު ދަރިފުޅުގެ ކޮލުގައި ހިފާލިއެވެ.

[މަންމާ، މަންމަ ތިދިން ނަޞޭޙަތް މިއަދު ޝެހެނާވެސް ދިން. އިރާދަކުރެއްވިއްޔާ، އަހަރެން ހަމަ ހޭގައި ހުރެގެން ޢާއިލާއަށް ހުތުރުވާ ޒާތުގެ އެއްވެސް ޢަމަލެއް ނުހިންގާނަން. އެފަދަ ވިސްނުން ގެންގުޅޭ މީހަކާ ގުޅުން ބާއްވާކަށްވެސް އަހަރެން ބޭނުމެއް ނުވާނެ. ޝުކުރިއްޔާ....މަންމާ....] ރަނާ މަންމަގެ ކަރުގައި އެލިގަތެވެ.

ޙަޤީޤަތުގައި ވާސިލަކީވެސް ޝަފީޤާމެން ވިސްނާގޮތަށް ވިސްނާ ޒުވާނެކެވެ.

ކައިވެނީގެ ގުޅުމަކަށް އަންނައިރު އޭނާވެސް ބޭނުންވަނީ ޢިއްފަތްތެރި އަބުރުވެރި އަންހެން ކުއްޖެކެވެ. އޭނާ ރަނާ ޚިޔާރުކުރީވެސް އޭނާއަށް އޮތް އިތުބާރެއްގެ ސަބަބުންނެވެ.

[އަހަރެން ވަރަށް ބޮޑަށް ރަނާއަށް އިތުބާރު ކުރަން. އަހަރެން ރަނާއާ ގުޅުނީ ހުރިހާ ގޮތަކުންވެސް ވިސްނާފައި.] ވާސިލް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޖިނާނާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ވާސިލްމެންގޭ ގޯތިތެރޭ ޖޯލިފަތީގައެވެ.

[ތިބުނީ ރަނގަޅަށް. ރަނާއަކީ ރަނގަޅު އަންހެން ކުއްޖެއް. އޭނާގެ ޢާއިލާވެސް ރަނގަޅު. އެހާ ރީތިވެސް ކުއްޖެއް. ވާސިލް ތިއީ ވަރަށްބޮޑު ނަޞީބުވެރިއެއް.] ޖިނާން، ރަނާއަށް ތަޢުރީފު ކުރިއެވެ.

[ކޮބާ ޖިނާން ފުރުން ކޮންދުވަހަކު. އަދިވެސް ޗުއްޓީ ހަމައެއްނުވޭތަ؟] ޖޯލީގައި ރަނގަޅަށް އޮށޯވެލަމުން ވާސިލް އެއްސެވެ.

[ޗުއްޓީ ހަމަވާން އަދި ދިހަވަރަކަށް ދުވަސް އެބައޮތް. ވާސިލް ފުރާނީ ރަނާމެނާއެކުގަދޯ؟] ވާސިލަށް ޖަވާބު ދިނުމަށްފަހު، ޖިނާން އެއްސެވެ.

[ދެން ވާނީވެސް އެހެންތާ.] ވާސިލްގެ ޖީބުގައި އޮތް މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ.

[ރަނެއްފަދަ ރަނާ ކިހިނެއްވީ؟] ވާސިލް ފޯނުން ވާހަކަ ދައްކަމުން ތެދުވިއެވެ.

[ހަނދާންވާތީ.....މިގެޔަށް އަންނަންވީނު.] ރަނާ އެދުނެވެ. މިދަނީއޭ ބުނެ، ފޯން ބޭއްވުމަށްފަހު، ވާސިލް ދިޔައީ ރަނާގެ ގެޔަށެވެ. ރަނާއާ ބައްދަލުކުރުމަށްޓަކައެވެ.

ލޯބީގެ ގުޅުމަށްފަހު، ރަނާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެބަދަލުތައް އޭނާގެ ބައްޕަ ހާޝިމަށް ފާހަގަކުރެވި، އެވާހަކަ ރަނާގެ މަންމަ ޝަފީޤާ ގާތު ދެއްކިވެސްމެއެވެ.

[މިޢުމުރުގައި ބަދަލުތައް އަންނާނެ. ވެދާނެއެއްނު، އެމަންޖެވެސް އެޢުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިން ގުޅުމެއް ފެށީ ކަމަށްވެސް.] ޝަފީޤާ ބޭނުންވަނީ، ދުރުދުރުން އެވާހަކަ ހާޝިމަށް ކިޔައިދޭށެވެ.

[ޝަފީޤާ، އެމަންޖެއަށް ވަރަށް ބަލައްޗޭ.] ހާޝިމް ބުންޏެވެ. ހާޝިމަކީ އޭނާގެ ދެކުދިންނާ ދޭތެރޭވެސް ވަރަށް ވިސްނާ ބައްޕައެކެވެ.

އެދުވަހުގެ އިރުއޮއްސެމުން އައި ވަގުތެވެ. ރަނާ މަގުމައްޗަށް ނުކުތީ ޝެހެނާ ގުޅާފައި ބުނެގެންނެވެ. ނަމަވެސް އޭނާ ބޭރަށް ނުކުތްއިރު އެއްވެސް މީހަކު އެހިސާބަކު ފެންނާކަށް ނެތެވެ. އެހެންވުމާއެކު، އޭނާ އުޅުނީ ޝެހެނާއަށް ގުޅާށެވެ. ނަމަވެސް، އޭނާގެ ފޯނު އޮތީ ކޮޓަރީގައި ކަމުން، އޭނާ އެތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

[ރަނާ އައިސްބަލަ....] ކުރިއަށް އެޅި ފިޔަވަޅާއެކު، ރަނާއަށް އެނބުރިލެވުނީ، ކުރިން ދުވަހަކުވެސް ނީވޭ އަޑެއް، އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. ރަނާގެ ކުރިމަތީގައި ހުރީ ޒުވާން ފިރިހެނެކެވެ. އޭނާ ހުރީ ރަނާއަށް މޫނު ނުފެންނާނޭހެން އެނބުރިގެންނެވެ.

[ކާކުތަ....!؟] ރަނާއަށް މިހެން ބުނެވުމާއެކު، އޭނާ ރަނާއާ ދިމާއަށް އެނބުރުނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އެއީ ކުރިން ދުވަހަކުވެސް އޭނާ ދުށް ޒުވާނެއް ނޫނެވެ. އެހެން ނަމަވެސް، އެއީ ރަނގަޅު އިސްކޮޅަކާ އެއްވަރުގެ ހަށިގަނޑެއް ލިބިފައިވާ، އަންހެން ކުދިން މަސްތު ކުރުވާފަދަ ހިތްގައިމު ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ.

[ކާކުތީ!؟ އަހަންނަކަށް ނޭނގުނު.] ރަނާ ޙައިރާންކަމާއެކު އެޒުވާނާގެ މޫނަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

[ނޭނގޭނެ. އަހަންނަށް ކިޔަނީ ނިހާލް. އަހަންނަކީ ގދ. ތިނަދޫ މީހެއް.] އެޒުވާނާ ތަޢާރަފްވިއެވެ.

[ކިހިނެއް އަހަރެންގެ ނަން އެނގުނީ!؟] އެރަށަށް އައިސްހުރި ބީރައްޓެއްސަކަށް، ރަނާގެ ނަން އެނގުނީތީ، އޭނާ ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ.

[އަހަރެން ރަނާ ވަރަށް ކުޑައިރުއްސުރެންވެސް ދަންނަން. ކޮންތާކަށް ދާންތަ ތިއުޅެނީ....] އެޒުވާނާ، އާދެ! ނިހާލް ބުންޏެވެ.

[އެއްވެސް ތާކަށް ދާކަށް ނޫޅެން.] މިހެން ބުނެފައި ރަނާ އެތެރެއަށް ވަނެވެ. ނިހާލަކީ ކިތަންމެ ރީތި ޒުވާނަކަށްވިޔަސް، އޭނާއާމެދު ރަނާގެ އެއްވެސް ޝައުޤެއް ނެތެވެ.

ރަނާ އެތެރެއަށް ވަންނަންދިޔަ ވަގުތު، ދެތިންފަހަރު ނިހާލް އޭނާއަށް ގޮވިވެސްމެއެވެ. ނަމަވެސް، ރަނާ އެއްގޮތަކަށްވެސް އަޅައެއްނުލައެވެ.

ރަނާގެ ލޯބިވެރިޔާ ވާސިލް ނޫން މީހަކާ ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއް ނޫނެވެ. ރަނާ ފޯނު ހިފައިގެން ނުކުތްއިރުވެސް، ނިހާލް އެގެޔާދިމާ މަގުމަތީގައި ހުއްޓެވެ. ހީވާކަހަލައެވެ. އޭނާ އެހުރީ ރަނާގެ އިންތިޒާރުގައެވެ. ރަނާ އޭނައާ ދިމާއަށް ބަލައިވެސްނުލާ ހިނގައިގަތީ ޝެހެނާގެ ގެޔަށް ދިޔުމަށްޓަކައެވެ.

[ރަނާ....ކުޑައިރުކޮޅަކަށް މަޑުކޮށްފާނަންތަ؟] ނިހާލް އުޅުނީ ރަނާ ހުއްޓުވާށެވެ. ނަމަވެސް، ރަނާ މަޑެއްނުކުރެއެވެ.

[ކީއްކުރަން.......ނުދަންނަ މީހުނާ ވާހަކަ ދައްކަން މަޑުކުރުމަކީ، އަހަރެން ކޮށްއުޅޭ ކަމެއް ނޫން. އަހަރެންގެ ފަހަތުން ނާންނައްޗޭ.] ރަނާ ތަންކޮޅެއް ބާރަށް ހިނގައިގެންފިއެވެ.

[ރަނާ ފުރަތަމަ ފެނުނު ވަގުތު ނޭނގުނަސް، މިހާރު އަހަންނަކީ ކާކުކަން އެނގެއެއްނު. އަޅެ މަޑުކޮށްބަލަ، އަހަރެން ކުޑަކުޑަ ވާހަކައެއް ދައްކާލަންވެގެނޭ.] ނިހާލްވެސް ރަނާގެ ފަހަތުން ނިކަން ބާރަށް ހިނގައިގެންފިއެވެ. ރަނާ ހުއްޓުނެވެ. ހިތްހަމަނުޖެހިފައި ހުރެމެއެވެ.

[ތިދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ.] ފޫހި ރާގަކަށް ރަނާ ވާހަކަ ދެއްކިއެވެ.

[ވަރަށް ދުވަސްވެއްޖެ، އަހަރެން ރަނާއަށް ފާރަލާތާ. ރަނާ، އަހަންނާ ރައްޓެހިވާން ކެރިދާނެތަ؟] ނިހާލަކީ ވަރަށް ކެރޭ، ކޮންމެ ކަމެއްވެސް ވަގުތުން ވަގުތަށް ކޮށް ނިންމަން ބޭނުންވާ ޒުވާނެކެވެ.

[ނޫނޭ....އަހަންނަކީ މާގިނަ ފިރިހެން ރައްޓެހިން ބޭނުން މީހެއް ނޫން. އަހަރެންގެ ހިތް އެދޭ މީހާއާ އަހަރެން މިއުޅެނީ ރައްޓެހިވެގެން. އަހަރެން އިތުރު މީހަކު ބޭނުމެއް ނޫން.] ރަނާ އަނެއްކާވެސް ހިނގައިގެންފިއެވެ. ނިހާލް ދެއަތަކަށް ބޯހޫރާލިއެވެ. ރަނާގެ އެ ޖަވާބުންވެސް ނިހާލް އެއްވެސްވަރަކަށް މާޔޫސްވީހެނެއް ހިއެއްނުވެއެވެ. ހީވާކަހަލައެވެ. އޭނާއަށް ރަނާ ކާމިޔާބު ކުރެވިދާނޭ ކަމުގެ ޔަޤީންކަން އޭނާއަށް އޮތީއެވެ.

[ފާޑެއްގެ ފިރިހެނަކު އަހަރެން ފަހަތުން އަޅުވާލި....އަހަރެން އެންމެ ޢަޖައިބުވަނީ، ފެންނައިރަށް ރައްޓެހިވާން އަހައިފިޔޭ. އަހަންނަށް ހީވަނީ އެއީ އަންހެނަކު ނުފެނިފައި ހުރި މީހެއްހެން.] ރަނާ ޝެހެނާގެ ގެޔަށް ގޮސް އެވާހަކަ ކިޔާދިނެވެ.

[ކާކުތަ ތިބުނީ! މިރަށު މީހެއްތަ؟] ޝެހެނާ އެއްސެވެ.

[ތިމަންނައަކީ ތިނަދޫ މީހެކޯ. އަހަރެންގެ ފަހަތުން އަޅުވާލަންވެސް އުޅުނޭ.] ރަނާ އިތުރަށް ކިޔާދިނެވެ.

[އަހަންނަށް ދައްކާލައްޗޭ. ރީތި މީހެއްތަ؟] ޝެހެނާ އެއްސެވެ.

[އާނ، އެއީ ޙަޤީޤަތުގައިވެސް ވަރަށް ރީތި ޒުވާނެއް. އަޞްލު އޭނާ ހީކުރާނީ، އޭނާގެ ރީތިކަމުން އަހަރެން ހެއްލިދާނެޔޭ. އެކަމަކު އެހެން ނުވާނެތާ، އަހަރެން ވާސިލްދެކެ ނުލާހިކު ލޯބިވޭވިއްޔަ.] ރަނާ ޝެހެނާއާއެކު ނުކުތެވެ.

ދުވަސްތައް އާދައިގެ މަތިން ފާއިތުވަމުން ގޮސް، ރަނާއާއި ޝެހެނާގެ ޗުއްޓީވެސް ހަމަވެއްޖެއެވެ. ފާއިތުވީ މަސްދުވަސްތެރޭ ރަނާއާއި އޭނާގެ ލޯބިވެރިޔާ ވާސިލްގެ ގުޅުންވަނީ ވަރަށް ބޮޑަށް ބަދަހިވެ، އެކަކު އަނެކަކަށް ވަކިން ނުއުޅެވޭ ހިސާބަށް ގޮސްފައެވެ. ނަމަވެސް އަދި ރަނާގެ ތަޢުލީމީ ދައުރު ކުރިއަށް އޮތުމާއެކު، އެދެލޯބިވެރިންނަށް އެކުގައި އުޅުމުގެ އަވަސް ފުރްޞަތެއް ނެތެވެ.

މިހާރު އެދެލޯބިވެރިންގެ ގުޅުން ރަނާގެ ބައްޕައަށްވެސް ވަނީ އެނގިފައެވެ.

ފާއިތުވި މަސްދުވަސްތެރޭ ރަނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ނިހާލްވެސް ވަރަށް މަސައްކަތް ކުރިއެވެ. ރަނާ އެކަނި މަގަށް ނުކުންނަ ކޮންމެ ވަގުތަކުވެސް ނިހާލް ރަނާއާ ކުރިމަތިލައެވެ. ތަކުރާރުކޮށް އޭނާ ރަނާގެ ލޯތްބަށް އެދި އާދޭސްވެސް ކުރެއެވެ.

[ކިހާ ދެރަކަމެއްތަ. ތިގޮތަށް ކިތަންމެ އާދޭސް ކުރިޔަސް، އަހަރެންގެ ވިސްނުން ބަދަލެއް ނުވާނެ. އަޅެ، އަހަންނަށް ތިގޮތަށް އުނދަގޫ ނުކޮށްބަލަ. ނިހާލްގެ ރަށުން ނިހާލް ބައިވެރިޔަކު ހޯދަން އުޅެބަލަ.] އެއްދުވަހު ރަނާ ހިތްހަމަނުޖެހިފައި ހުރެ ނިހާލާ ދިމާއަށް ބުންޏެވެ. އެދުވަހު ނިހާލް ރަނާގެ ކުރިމަތީގައި ހުރެ ކަރުނަ އަޅާ ރުޔެވެ. ނަމަވެސް، ރަނާގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ.

[ރަނާ ތިބުނާ އުނދަގޫކުރާ މީހަކު އަހަރެމެންނަކަށް ދުވަހަކުވެސް ނުފެނޭ. ތިކަލޭގެ އުޅެނީ މިރަށު ކޮން ގެއެއްގައިތަ؟] ވާސިލާއި އޭނާގެ ރައްޓެހިން އެމީހަކު ފެނޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. ނަމަވެސް، އެމީހުންނަކަށް އޭނާ ހުންނަ ގެއެއްވެސް ނޭނގުނެވެ.

[އޭނާ އުޅެނީ އަހަންނަށް ފާރަލައިގެން. އަދި އަހަންނާ ދިމާއަށް ބުންޏޭ، އަހަރެންގެ ފަހަތުން މާލެވެސް ދާނެ ވާހަކަ.] ރަނާ ބުންޏެވެ.

[މާބޮޑަށް އަޅާނުލާ. ފުރުން ކޮންދުވަހަކުތަ؟] ވާސިލް ރަނާގެ ދެކޮނޑުގައި ހިފާ، އޭނާއާ ގާތަށް ލަފާލައި، ރަނާގެ ނިތްކުރީގައި ބޮސްދިނެވެ.

[މާދަމާ ނޫން އަނެއް ދުވަހު. ވާސިލް ނުފުރަންތަ؟ ހިނގާ ވާސިލްވެސް އަހަރެމެންނާއެކު ދާން....] ރަނާ ބުންޏެވެ.

[ޓިކެޓް ވަރަށް ބާރުބޮޑު. ކުރިއަށް އޮތް ދެތިން ދުވަސްތެރޭ އަހަރެން ދާނަން.] ވާސިލަށް މިހެން ބުނެވުނުއިރު، އެގޭ ބަދިގެފަރާތުން ރަނާގެ މަންމަ ޝަފީޤާ ގޮވާލި އަޑު އިވުނެވެ.

[މިއަންނަނީ މަންމާ.....] ރަނާ ބަދިގެއާ ދިމާއަށް ހިނގައިގަތުމުން، ދަނީއޭ ބުނެފައި، ވާސިލްވެސް އެގެއިން ނުކުތެވެ.

ރަނާ ނުފެނި، ޚަބަރެއްވެސްނުވެ، މަހެއްހާ ދުވަސް ފާއިތުވެދިޔައިރުވެސް އަމަރްގެ ވިސްނުން ބަދަލެއް ނުވެއެވެ. އޭނާ އައީ، އެކިގޮތްގޮތުން ރަނާއާ ގުޅޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާ ރަނާ ކިޔަވާ ސްކޫލާ ގުޅައިގެންވެސް ރަނާގެ މަޢްލޫމާތު ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާއަށް އެއްވެސް އަލިމަގެއް ނުފެނުނެވެ.

[މަހެއްހާ ދުވަސްވީ، އަދިވެސް ރަނާގެ އިތުރު އެއްވެސް މަޢްލޫމާތެއް ނުލިބޭ. ޒަފަރަށް ކުރެވެނީ ކޮންކަމެއްތަ؟] އަމަރްއާއި އޭނާގެ ރަޙްމަތްތެރިޔާ ޒަފަރް ވާހަކަ ދައްކަން ތިބީ، އަމަރްމެން އޮފީހުގެ ޕޯޓިކޯގައެވެ.

[މިހާރު ދެން ޗުއްޓީވެސް ނިމުނީތާ. ފެށޭ ހަފްތާގެ އާދީއްތަ ދުވަހު ކިޔެވުންވެސް ފެށޭނެ. އަހަރެން ތިކަން ކާމިޔާބު ކުރަން މަސައްކަތްކޮށްދޭނަން.] ޒަފަރް ބުންޏެވެ. އެއީ އެއޮފީހުގެ އެކައުންޓެންޓް ރަޝްފާ ބޭރުން އައިސް އޮފީހަށް ވަން ވަގުތެވެ.

[އެއީ ކޮންކުއްޖެއް!؟] ރަޝްފާ ވަދެގެން ދިޔައިމާ ޒަފަރް އެއްސެވެ.

[ކިހިނެއްވީ؟ އަޅައިގަތީދޯ. އެއީ ރަޝްފާ. މިއޮފީހުގެ އެކައުންޓެންޓް. މިތަނުގެ ވަޒީފާއަށް ވަންތާ ހަތަރުވަރަކަށް މަސްމިވީ.] އަމަރް ބުންޏެވެ.

[އެހާ ރީތި ކުދިން މިއޮފީހުގައި އުޅެނިކޮށް، އަމަރް އެހެން ދިމަދިމާއަށް ކަޅިއުކާތީ.....އަހަންނަށްވާނެބާ.] ޒަފަރު ލާނެތް ފާޑަކަށް މިހެން ބުނެފައި، އަމިއްލައަށް މޭގައި އަތް ކާއްތާލިއެވެ.

[އެއަށްވުރެންވެސް ރީތި ކުއްޖަކު ހޯދާށޭ އަހަރެން މިއުޅެނީ. އެކަމާ ޒަފަރް އުޅޭ. ތިހިރީވިއްޔަ، އޭނާގެ ފުރަތަމަ ފެނިލުމާއެކުވެސް ޒަފަރަށްވީގޮތް. މިހާރުވެސް ތިޔަހުރީ ދެމިޔަކަނުން ސޮނި ވެއްޓިފައި.] އަމަރް ޒަފަރާ ދިމާކޮށްލިއެވެ.

[އާނ މިހާރު ތިހެން ކިޔާ. އަމަރަށް ރަނާ ފުރަތަމަ ފެނުނު ވަގުތު، ވީގޮތާއި އުޅުނު ޙާލު، އެންމެ ގާތުން ދުށް މީހަކީވެސް އަހަރެން. އެދުވަހު އަހަރެން ހީކުރީ އަމަރް މޮޔަވިއްޔޭ. އަހަރެން އެވަގުތު އެތަނުގައި ނެތްނަމަ މޮޔަވީސް. ދެންވެސް އަނގަ މަޑުކޮށްގެން ހުރޭ. ތިޔައީ އެހެން މީހުނަށް ފާޑުކިޔޭވަރުގެ މީހެއް ނޫން.] އަމަރްގެ އަނގަ ޒަފަރް ބަންދުކޮށްލިއެވެ.

[އެންމެ ރަނގަޅު، ކޮފީއަކަށްދާނަންތަ!؟] އަމަރް ހިނގައިގެންފިއެވެ.

[ރަޝްފާވެސް ގޮވައިގެން ދާންވީނު.] އަމަރްގެ ފަހަތުން ހިނގައިގަންނަމުން ޒަފަރް އެދުނެވެ.

[ތިޔައީ ދެން ބޮޑުވަރު. މިހާރު އޯވަރ ތިވަނީ. ތިޔަ އުޅެނީ މަލެއް ފެންނައިރަށް ފޮނިކޮޅު ބޯލަންވެގެން.[ އަމަރް ކާރަށް އެރިއެވެ.

ރަނާ މާލެ ދިޔުމަށްޓަކައި ފުރި ދުވަހުވެސް އެއަރޕޯޓްތެރެއިން ނިހާލް ރަނާއާ ދިމާކުރިއެވެ. އެއީވެސް ރަނާ އެކަނިހުރި ވަގުތެއްގައެވެ.

[މިތާވެސް!؟] ކުއްލިއަކަށް ނިހާލް ފެނުމުން، ރަނާއަށް ވަރަށްބޮޑު ޙައިރާންކަމެއް ލިބުނެވެ.

[އާނ....ރަނާ އަޅާ ކޮންމެ ފިޔަވަޅަކާއެކުވެސް އަހަރެންވާނަން. އަހަންނާ ރަނާ ދުރުކުރާކަށް އެއްވެސް މީހަކަށް މަސައްކަތެއް ނުކުރެވޭނެ. ރަނާގެ ލޯބި އަހަރެން ޙާޞިލް ކުރާނަން.] ނިހާލް މިހެން ބުނީ ،ލުއި ހިނިތުންވުމަކާ އެކުގައެވެ.

[ނުވާނެ ތިކަމެއް، ހަނދާންނައްތާލާ. އަހަންނާ ދެކޮޅަށް އަހަރެންގެ ލޯބި ޙާޞިލް ކުރުމުގައި، ކަލެއަށް އޮތީ ކޮން ބާރެއް. ކިތައްފަހަރުތަ އަހަރެން ބުނާނީ، އަހަރެންގެ ލޯބިވެރިއަކު ހުރެއޭ....] ރަނާ ވަރަށް ރުޅިއައިސްފައި މިހެން ބުނެފައި، އޭނާގެ މަންމަމެން ތިބި ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު ނިހާލް މަލާމާތުގެ ރާގަކަށް ހީނގެންފިއެވެ. ނަމަވެސް ރަނާ ފަސްއެނބުރި ބަލާވެސްނުލިއެވެ. ރަނާ އޭނާގެ މަންމަ ގާތު ނިހާލް އުނދަގޫކުރާ ވާހަކައާއި، މިހާރު އޭނާގެ ފަހަތުން އައިސް އެރަށުގައި ހުރި ވާހަކަވެސް ބުންޏެވެ.

[މަންމައަށް ތިބުނާ މީހަކު ދައްކަބަލަ. ދަރިފުޅު ތިޔަހާވަރަށް ނުރުހުން ފާޅުކުރާއިރުވެސް އޭނާ ފަހަތުން އަޅުވާލަނީއޭދޯ.] ޝަފީޤާ ބުންޏެވެ. ރަނާ ނިހާލް އޭނާއާ ދިމާކުރި ސަރަޙައްދާ ދިމާއަށް އަތުން އިޝާރާތް ކުރިއެވެ. ޝަފީޤާއާއި ޝެހެނާ އެދިމާއަށް ދިޔައެވެ. ނަމަވެސް، އެމީހުން ދިޔައިރަކު، އެތާކު ނިހާލެއް ނެތެވެ. ބެލެވޭގޮތުގައި އޭނާ ޝަފީޤާމެން އަންނަކަން އެނގިގެން ފިލީއެވެ.

***************

* "ހުވާކޮށްފާ ބުނަން" ވާހަކަ އެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން