ޞާދިރު ޢަލީދީދީ   3 އޯގަސްޓު 2020 - 12:55
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 05

...............

[މަންމައަށް ތިބުނާ މީހަކު ދައްކަބަލަ. ދަރިފުޅު ތިޔަހާވަރަށް ނުރުހުން ފާޅުކުރާއިރުވެސް އޭނާ ފަހަތުން އަޅުވާލަނީއޭދޯ.] ޝަފީޤާ ބުންޏެވެ. ރަނާ ނިހާލް އޭނާއާ ދިމާކުރި ސަރަޙައްދާ ދިމާއަށް އަތުން އިޝާރާތް ކުރިއެވެ. ޝަފީޤާއާއި ޝެހެނާ އެދިމާއަށް ދިޔައެވެ. ނަމަވެސް، އެމީހުން ދިޔައިރަކު، އެތާކު ނިހާލެއް ނެތެވެ. ބެލެވޭގޮތުގައި އޭނާ ޝަފީޤާމެން އަންނަކަން އެނގިގެން ފިލީއެވެ.

[ދަރިފުޅާ، އެތާކު އެއްވެސް މީހަކު ނެތް. ތިބުނާ މީހަކީ ކޮން ރަށެއްގެ މީހެއްތަ؟] އެނބުރި އައިސް ރަނާގެ ކުރިމައްޗަށް ހުއްޓެމުން ޝަފީޤާ ވާހަކަ ދެއްކިއެވެ.

[ރަށުން ދިމާކުރި ދުވަހު ބުނީ، އޭނާއަކީ ތިނަދޫ މީހެކޯ. އެދުވަހުވެސް އޭނާ އުޅުނީ އަހަރެންގެ ފަހަތުން އަޅުވާލަން.] ރަނާ ކިޔާދިނެވެ.

[ދެން އަޅާނުލާ....މާލެ ދިޔައީމަކާ އޭނާއަކަށް ދިމައެއް ނުކުރެވޭނެ.] ޝަފީޤާ ރަނާގެ ބޮލުގައި އަތް ކާއްތާލިއެވެ.

ޙަޤީޤަތުގައި ވާސިލް ނޫން ފިރިހެނަކާ ލޯބީގެ ނަޒަރުން ވާހަކަ ދައްކާކަށް، ފަހަރެއްގައިވެސް ރަނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ، އޭނާގެ މަދްރަސީ ދައުރު ނިމެންދެން، ވާސިލަށް ތެދުވެރިވެ ހުންނާށެވެ. އޭގެފަހުންވެސް އޭނާ ބަދަލެއް ނުވާނެއެވެ.

ރަނާމެން މާލެ ދިޔަތާ، ހަފްތާއެއްހާ ދުވަސްތެރޭ އެމީހުން އުޅެމުން އައި ގެއިން ބަދަލުވާންޖެހުނެވެ. އިންޑިއާގައި ތިބޭ އެގޭގެ ވެރިން އަލުން އެނބުރި މާލެ ބަދަލުވުމަށްޓަކައި އެގެ ބޭނުންވިއެވެ.

[މިހާރު ތަނެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެންގެ ރައްޓެއްސަކު ބުނި ތަނެއްގެ ވާހަކަ. ތަންތަނުގެ ކުލިވެސް ހާދަ ބޮޑޭ މިހާރު. ސަރުކާރުން މިކަމަށް ޙައްލެއް ހޯދައިދޭކަށްވެސް ނޫޅޭވިއްޔަ. އިއްޔެ އަހަރެން ބެލި އެންމެ ކޮޓަރިއެއް ލިބެންހުރީ އަށްހާސް ފައްސަތޭކަ ރުފިޔާއަށް. އެތަން އެއަގަށް ހިފާނީ ހޭބަލިވެފައި ތިބި ބަޔަކު.] ހާޝިމް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިއެއް ކަމުގައިވާ މަންޞޫރާއެވެ.

[ހުޅުމާލެއާއި ވިލިނގިލީގައި މީހުން އާބާދުވީމާ، ތަންތަނުގެ އަގު މި އަރަނީ މައްޗަށް.] މަންޞޫރު ބުންޏެވެ. މަންޞޫރަކީވެސް އަށްހާސް ރުފިޔާއަށް ދެކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން އުޅޭ ޢާއިލާއެއްގެ އިސް މީހާއެވެ.

[ހިނގާބަލަ ތަނެއް ލިބޭތޯ. ކޮންމެ އަގެއްގައިވެސް ތަނެއް ހޯދަން ޖެހިފަތަ މިއޮތީ.] މަންޞޫރުގެ ސައިކަލް ފަހަތަށް ހާޝިމް އެރިއެވެ. އެދުވަހު އެމީހުން ކުރި މަސައްކަތުން، އެމީހުން މިހާރު އުޅެމުންދާ ގެޔާ މާދުރު ހިސާބަކުން ދެކޮޓަރީގެ އެޕާޓްމަންޓެއް ލިބުނެވެ. ނަމަވެސް، މިހާރު އެމީހުން އުޅޭ ކުއްޔަށްވުރެ މާބޮޑު ކުއްޔަކަށެވެ.

ހާޝިމް ރިޒޯޓަށް ފުރައިގެން ދިޔައީ އެގެޔަށް ބަދަލުވުމަށްފަހުގައެވެ.

ރަނާމެންގެ ގެ ބަދަލުވުމަކީ، އަމަރަށް ރަނާއާ ބައްދަލުކުރުމަށް ކުރިމަތިވި ހުރަހަކަށްވިއެވެ. އޭނާ ރަނާ ފެނޭތޯ ފާރަލަމުން ދިޔައީ ކުރިން ރަނާމެން އުޅުނު ގެޔަށެވެ. ނަމަވެސް، އެއީ ރަނާމެން އެގެއިން ބަދަލުވިފަހުންނެވެ. އެހެން ނަމަވެސް، އޭނާއަށް އެކަމެއް ނޭނގެއެވެ. އޭނާ ހީކުރީ ސްކޫލް ފެށުނީމާވެސް ރަނާމެން ނާންނަނީ ކަމަށެވެ.

[އަހަންނަށް ހީވަނީ އަދިވެސް ރަނާމެން މާލެ ނާދޭހެން. މިހާރު ސްކޫލްވެސް ފެށިއްޖެ.] އަމަރް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ޒަފަރާއެވެ.

[މިހާރު ސްކޫލް ފެށިގެންވެސް ހަފްތާއެއް ފާއިތުވެއްޖެ. އަދިވެސް އެގެއިން ފޯނެއް ނުނަގާތަ؟] ޒަފަރް ބުންޏެވެ.

[އަހަރެން އިއްޔެއާއި މިއަދަކު ނުގުޅަން. މިހާރު ގުޅަންވީކަންނޭނގެ.] ޖީބުގައި އޮތް މޯބައިލް ފޯނު އަމަރް ނެގިއެވެ.

[މިހާރު އެމީހުން ނައިހެން ނުތިބޭނެ. ފަހަރުގައިވެދާނެ، އެމީހުންގެ ގެ ބަދަލުވީ ކަމަށްވެސް.] ޒަފަރް ބުންޏެވެ. އަމަރް ގުޅަން ފެށިއެވެ. މިފަހަރު ރިންގްވާން ފެށުމާއެކުހެން ފޯނު ނެގިއެވެ.

[ރަނާ ކިޔާ ކުއްޖަކު އުޅޭތަ؟] ފޯނު ނެގުމުން ހިތްހަމަޖެހިފައިހުރެ، އަމަރް އެއްސެވެ.

[ރަނާއޭ! ކޮން ރަނާއެއް. ތިނަން ކިޔާ ކުއްޖަކު މިގެޔަކު ނޫޅެ.] އެގެއިން ފޯނުނެގި މީހަކު ޖަވާބުދިނެވެ.

[ތިގޭގައި ނޫޅޭތަ ވިލިނގިލީ ބަޔަކު؟] އަނެއްކާވެސް އަމަރް އެއްސެވެ.

[އާނ....މިގޭގަ ކުއްޔަށް އުޅުނު ބައެއްގެ ވާހަކަދޯ ތި ދައްކަނީ. އެމީހުން މިހާރު އެހެން ތަނަކަށް ބަދަލުވެއްޖެ.] މިހެން ބުނެފައި އެމީހަކު ފޯނު ބޭއްވިއެވެ. އަމަރް މުޅިން މާޔޫސްވިއެވެ.

[އެމީހުންގެ ގެ ބަދަލުވެއްޖެޔޯ. ކިހިނެއްތަ ދެން ހޯދާނީ، ބޯހަލާކު.] ދެއަތަކަށް ބޯހޫރާލަމުން އަމަރް އޮފީހުން ނުކުތެވެ.

[ތިޔަހާ ކެތްތެރިކަން ކުޑަނުވެބަލަ. އެއީ އަދި ސްކޫލް ކުއްޖެއް. އޭނާ ފެނުނަސް ޖެހޭނީ އިންތިޒާރު ކުރަން. ނުފެނުނަސް ޖެހޭނީ އިންތިޒާރު ކުރަން. ސްކޫލް ސަރަޙައްދުގައި ފާރައަށް ތިބެފައި، އޭނާއަށް ނޭނގޭގޮތަށް ފަހަތުން އެގެ ހޯދަން ދާނީ.] ޒަފަރް ޚިޔާލުދިނެވެ.

މިގޮތަށް ދުވަސްތައް މާޒީވަމުން ގޮސް މަސްދުވަސް ފާއިތުވެދިޔައިރުވެސް، އަމަރްމެންގެ މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. އެމީހުނަށް ރަނާ ނުވެސް ފެނެއެވެ.

[ޒަފަރް! އެދަނީ ރަނާގެ ބެސްޓް ފްރެންޑް. ހިނގާބަލަ އޭނައާ ވާހަކަ ދައްކާލަން.] ދުރުން ސްކޫލާ ދިމާއަށް އައިސް އައިސް ހުރި ޝެހެނާ ފެނުމުން، އަމަރް ބުންޏެވެ. އެމީހުން މަޑުމަޑުން ކާރު ދުއްވާފައި ގޮސް ޝެހެނާއާ އަރާހަމަކުރިއެވެ.

[ޝެހެނާ ޕްލީޒް މަޑުކޮށްފާނަންތަ. މިހާރު ރަނާ އުޅެނީ ކޮން ގެއެއްގައިތަ. ޝެހެނާމެން ހިތަކަށް ނުގެނެވޭނެ، ރަނާ ހޯދަން މިކުރާ މަސައްކަތް. އަޅެ އާދޭސް މިކުރަނީ، އަހަންނަށް އޭނާގެ ނަމްބަރު ދީފާނަންތަ.] އާދޭހުގެ ރާގުގައި އަމަރް އެދުނެވެ.

[އަހަންނަށް އެނގޭ، އަމަރް ރަނާ ހޯދަން މަސައްކަތް ކުރާކަން. އެކަމަކު މިހާރު އޭނާ އުޅެނީ ވަރަށް ސީރިއަސްކޮށް ކުއްޖަކާ ރައްޓެހިވެގެން. އެދެމީހުންވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވޭ. އަހަންނަށް ފެންނަނީ، އަމަރަށް ތިޔަކުރެވޭ ބޭކާރު މަސައްކަތް ހުއްޓާލަން.] ޝެހެނާ އުޅުނީ މިހެން ބުނެފައި ހިނގައިގަންނާށެވެ.

[ނޫނޭ ޝެހެނާ، ތިޔަހެން ނުބުނޭ. ހެޔޮނުވާނެ އަހަންނަށް ރަނާގެ ނަމްބަރުދީ....އަހަރެން ބޭނުން، ރަނާއަށް ގުޅާފައި، އަހަރެންގެ ލޯބި ރަނާގެ ކުރިމައްޗަށް ބަންޑުންކޮށްލަން. އަހަންނަށް ނަމްބަރު ދިން މީހަކު އަހަރެން ނުބުނާނަމޭ.]

އަމަރް ކުރި އާދޭހުގެ ސަބަބުން ޝެހެނާ ރަނާގެ ނަމްބަރު ދިނެވެ. އަދި ކުޑަކޮށް ބަލިވެއުޅޭތީ، ރަނާ ސްކޫލަށް ނާންނަ ކަމަށް ބުނެފައި، އޭނާ ގޮސް ސްކޫލަށް ވަނެވެ.

[ޝެހެނާ ކިތަންމެ ބުންޏަސް، އަހަރެންގެ މަސައްކަތް އަހަރެން ހުއްޓައެއްނުލާނަން. އަހަރެންގެ ލޯބި ޙާޞިލް ކުރުމަށް މިކުރާ މަސައްކަތަށް އެއްވެސް މީހަކަށް ހުރަހެއްނޭޅޭނެ.] އަމަރް ކާރު ދުއްވާލައިފިއެވެ. ޙަޤީޤަތުގައި ބޭރުފުށަށް ނޭނގުނަސް މިހާރު އޭނާއަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ދެންވެސް ގުޅާބަލަ. ޗުއްޓީއަށް ރަށަށް ގޮސް އޭނާ ކުރި މަސައްކަތަކީ އެއީތާ. އެމަންޖެ އެހެން ބުންޏަސް އަދި ދޫކުރާނެ ކަމެއްނެތް.] ޒަފަރް ދިނީ ހިތްވަރެވެ.

[އަހަރެން ގުޅާނީ ގެއަށް ގޮސް ހަމަޖެހިލައިގެން ހުރެ. ޒަފަރް ފައިބާނީ ކޮންތާކަށް. ޝެހެނާ އަދި އެހެން ބުންޏަކަސް، އަހަރެން މާޔޫސެއްނުވޭ.] އަމަރް ބުންޏެވެ.

[އަހަރެން ގެޔަށް ވައްޓާލާ. އަމަރަށް ރަނގަޅަށް ވާހަކަ ދައްކަން އެނގިއްޖިއްޔާ، އޭނާގެ ވިސްނުން ބަދަލުކުރެވިދާނެ. ރަނގަޅަށް މަސައްކަތް ކުރާތި....] ޒަފަރް ބުންޏެވެ. ޒަފަރަކީ އެއްވެސް ކަމެއްގައި އެހާ ލުއިގޮތަކަށް ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ. އޭނާ ޙާޞިލް ކުރަން ބޭނުންވެއްޖެ ކަމެއް، އޭނާ ޙާޞިލް ކުރެއެވެ. ވުމާއެކު، އޭނާ އެދެނީ، އޭނާގެ އެކުވެރިޔާއަކީވެސް އޭނާފަދަ ހުޝިޔާރު މީހަކަށްވުމަށެވެ.

ރަނާގެ މޯބައިލަށް އަމަރް ފުރަތަމަފަހަރަށް ގުޅީ، ގެޔަށް އައިސް ކޮޓަރިއަށްވަދެ، ހަމަޖެހިލައިގެން އޮވެއެވެ. ރަނާ ފޯނު ނެގީވެސް އެތައްފަހަރަކު ރިންގްވީފަހުންނެވެ.

[އައްސަލާމް ޢަލައިކުމް. ތިޔައީ ކޮން ކުއްޖެއްތޯ؟] އަމަރް ފުން ނޭވާއެއްލިއެވެ.

[ވަޢަލައިކުމުއްސަލާމް، ކާކަށް ތިގުޅީ؟] ހީވަނީ ރަނާއަށް އަޑުން އެއީ އަމަރްކަން އެނގުނީހެންނެވެ.

[ރަނާއަށް މިގުޅަނީ. އެބަ އެނގޭ ތިޔައީ ރަނާކަންވެސް. ރަނާ އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ ރަނާއަށް ގުޅަން.] އަމަރް ބޭނުންވަނީ މިހާރު އޭނާގެ ހިތުގެ އަޑު ސީދާ ރަނާއަށް އިއްވާލާށެވެ.

[ކީއްކުރަން އަހަންނަށް ގުޅަނީ؟ ބާއްވަނީ....] ރަނާ އުޅުނީ ފޯނު ބާއްވާށެވެ.

[އަޅެ ޕްލީޒް އަހަރެން މިދައްކާ ވާހަކަ އަޑުއަހާލަބަލަ. ރަނާއަށް މާރަނގަޅަށްވެސް އެނގޭނެ، އަހަރެން ރަނާއަށް އިންތިޒާރު ކުރަމުންދާކަން. އަހަރެން ރަނާދެކެ ވަރަށް ލޯބިވޭ....ވަރަށް ލޯބިވޭ....އަހަންނަށް ޖަވާބެއްދީބަލަ.] ރަނާ ފޯނު ބާއްވަން އުޅޭތީ، އަމަރް ވާހަކަ ދިގުނުކޮށް، ލޯބި ހުށަހެޅިއެވެ.

[އަމަރް، އަހަންނަށް ގުޅުމަކުން އަމަރަށް އެއްވެސް ފައިދާއެއް ނުކުރާނެ. އަހަރެން އަހަރެންގެ ޙަޔާތަށް ބޭނުންވާ ބައިވެރިޔާ ހޯދައިފިން. އަހަރެން އޭނާދެކެ ވަރަށް ލޯބިވޭ. އޭނާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. އަމަރްގެ ކިބައިން އަހަރެން ވަރަށް ބޮޑަށް އެދެން، އަހަރެންދެކެ ލޯބިވާ ކަމަށްވަނީނަމަ، އަހަންނަށް ގުޅާ އުނދަގޫ ނުކުރުމަށް. ގުޅާ އުނދަގޫކޮށް އިންތިޒާރު ކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެ.] ރަނާ މިހެން ބުނެފައި ފޯނު ކަނޑާލިއެވެ. ހިތަށްކުރި ފުން އަސަރާއެކު، އަމަރްގެ ލޮލުން ކަރުނަ ހިލުނެވެ.

އަމަރަކީ މީގެކުރިން ދުވަހަކުވެސް އަންހެން ކުއްޖެއްގެ ސަބަބުން ކަރުނައެޅި ޒުވާނެއް ނޫނެވެ. އެހެން ނަމަވެސް، މިއަދު އޭނާ އެވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ދިގު އިންތިޒާރަކަށްފަހު، ލިބުނު ހިތްދަތި ޖަވާބެއްގެ ސަބަބުން އޭނާއަށް އެވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ޙަޤީޤަތުގައި މިވަރުގެ ބޮޑު ނާކާމިޔާބެއް އޭނާއަށް ކުރިމަތިވެދާނެއެކޭ ފަހަރެއްގައިވެސް އޭނާއެއް ހިއެއްނުކުރެއެވެ. އޭނާ އުއްމީދު ކުރިއެވެ. ރަނާގެ ލޯބި އޭނާއަށް ލިބޭނެއެވެ. ރަނާ އޭނާ މާޔޫސްކޮށްނުލާނެއެވެ.

[ނޫން....ރަނާގެ ޚިޔާލު އަދި ބަދަލުވާނެ. އެހެން ނޫންނަމަ، އަހަންނަށް ހަމައެކަނި ރަނާދެކެއެއްނޫން ލޯބިވެވޭނީ.] މާޔޫސްވެފައިވާ އަމަރް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ޒަފަރާއެވެ.

[އަހަންނަކަށް ނުފެނޭ، އަމަރްފަދަ މީހަކު، އެ ލޯތްބަށްޓަކައި އިތުރު މަސައްކަތެއް ކުރާކަށް. އެކަހަލަ އަންހެން ކުއްޖެއްގެ ފަހަތުން ސަލާން ޖަހަންޖެހޭވަރުގެ މީހެއް ނޫނޭ ތިޔައީކީ.] ޒަފަރް އުޅުނީ އަމަރަށް ވިސްނައިދީގެން، ރަނާގެ ޚިޔާލުތަކުން އޭނާ މިންޖު ކުރުވާށެވެ. ނަމަވެސް އަމަރްގެ ހިތް، އެ ލޯތްބަށް އެދެމުންދަނީ، އެހާ ފަސޭހައިން އެޚިޔާލުތަކާ ދުރަށް ދެވޭނޭ މިންވަރަކަށް ނޫނެވެ. އަމަރަކީ ރަނާމެން ރަށަށް ފުރި ދުވަހު ރަނާމެންގެ ފަހަތުން އެއަރޕޯޓަށްވެސްދިޔަ މީހެކެވެ. އެއީވެސް އޭނާގެ ހިތް ރަނާއަށް އެދޭ މިންވަރު ހާމަކޮށްދޭނޭ ހެއްކެކެވެ.

[ޒަފަރް، ރަނާއަކީ އަހަރެންގެ މިލްކެއް. އަހަރެން ރަނާ ކާމިޔާބު ކުރާނަން.] އަބަދުވެސް އަމަރް ބުނަނީ މިހެންނެވެ. އޭނާ އުއްމީދު ގެއްލުވައެއް ނުލައެވެ. އޭނާއަށް ހީކުރެވެއެވެ. ރަނާ އޭނާގެ މިލްކަކަށްވާނެއެވެ. ތަޤްދީރުގައި އެކަން ލިޔެފައިވާނެއެވެ.

މިގޮތަށް ރަނާގެ އިންތިޒާރުގައިހުރެ، ދުވަސްތައް ފާއިތުވަމުންދިޔައެވެ. ރަނާގެ އެދުމުގެ މަތިން، އަމަރް ރަނާއަކަށް ނުގުޅައެވެ. އެއީ ލޯބިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް، އެއީވެސް ރަނާ އޭނާއަށް ދީފައިވާ ބޮޑު އަދަބެކެވެ.

[އަހަރެން އޭނާއަށް ނުގުޅިޔަސް، އިންތިޒާރު ކުރާނަން ޒަފަރް. އަހަރެން އޭނާދެކެ ހާދަ ލޯބިވެޔޭ.] އަމަރަށް އެވަނީ ޒަފަރްވެސް ހީނުކުރާވަރަށް ރަނާދެކެ ލޯބިވެވިފައެވެ.

ފާއިތުވެގެންދާ ކޮންމެ ދުވަހަކީވެސް، ރަނާއާއި އޭނާގެ ލޯބިވެރިޔާ ވާސިލްގެ ގުޅުމަށް އިތުރު ބަދަހިކަން އަންނަމުން، ކުރިއެރުން ލިބެމުންދާ ދުވަސްތަކެކެވެ. ރިޒޯޓްގައި ހުރި ކަމުގައިވިޔަސް، ކޮންމެ ދުވަހަކުވެސް ވާސިލް ރަނާއަށް ގުޅައެވެ. މީގެއިތުރުން ކޮންމެ ހަފްތާއަކު އެއްދުވަހު އޭނާ މާލެއައިސް ލޯބިވެރިޔާއާ ބައްދަލުކުރެއެވެ.

އެދެލޯބިވެރިން ރާވާފައިވަނީ، ރަނާގެ ސްކޫލް ދައުރު ނިމުމާއެކު، ކުލަގަދަ ޙަފްލާއަކަށްފަހު ކައިވެނި ކުރުމަށެވެ.

އެދެލޯބިވެރިންގެ ލޯތްބަށް ފާއިތުވަމުންދިޔަ ދުވަސްތަކާއެކު، މިހާރު އެމީހުންގެ ގުޅުން ދެފަރާތުގެ ޢާއިލާއަށްވެސް އެނގި މިހާރުވަނީ އެކަމާ މަޝްވަރާވެސް ކުރެވިފައެވެ.

[ވާސިލަކީ ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ.] އެދެކުދިން ގުޅިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސްވީ. ދުވަހަކުވެސް ރަނާ ގޮވައިގެން މިގެއިން ބޭރަކަށް ނުދޭ. އެސޮރާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ.] ރަނާގެ ބައްޕަ ހާޝިމް ވާހަކަ ދެއްކީ ރަނާގެ މަންމަ ޝަފީޤާއާއެވެ.

[އެއްދުވަހު އެސޮރުގެ މަންމައާއި އަހަންނާ ދެމީހުން ގޮވައިގެން މިތާ ރެސްޓޯރެންޓަކަށް ކާލަންދިޔަ. އަހަރެން އަބަދުވެސް ބުނަން، ވާހަކަ ދައްކަން ސިޓިންގރޫމްގައި ތިބޭށޭ. އެސޮރު ރިޒޯޓްގައި ހުރެފައި އަންނަނީ ހަފްތާއަކު އެއްދުވަހު.] ޝަފީޤާ ބުންޏެވެ.

ރަނާއާމެދު ރަނާގެ މަންމައާއި ބައްޕަ ވިސްނާގޮތަށް، އެހެން ކުދިންގެ މައިންބަފައިންވެސް އެކުދިންނާމެދު ވިސްނާނެއެވެ.

އަމަރްގެ މަންމަ ފަރީޝާއާއި ބައްޕަ ނިޔާޒްގެ ހުރިހާ ވިސްނުމެއްވެސް ވަނީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅާ މެދުގައެވެ. އެމީހުންގެ ހުރިހާވެސް ފިކުރަކީ، އަމަރް ދިރިއުޅުމަކާމެދު ވިސްނާކަން ނޭނގޭތީވެ، ކުރެވޭ ފިކުރުތަކެވެ.

[ފަރީޝާ، އެސޮރުގެ ޢުމުރުން ބާވީސް އަހަރު ވެގެން ދިޔައިރުވެސް، އެކަހަލަ ފިކުރެއް ނުވެސް ގެންގުޅޭހެން ހީވަނީ. ފަރީޝާ އެސޮރުގެ ބޮލުގައި ކޮއްޓާލަބަލަ. މިފަހަކަށްއައިސް ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އުޅޭހެން ހީވަނީ. އިއްޔެ އޮފީސްތެރޭ ހުރިގޮތުން އަހަރެން ސުވާލުވެސް ކުރިން. ބުނީ އެއްވެސް ކަމެއް ނުވެޔޯ.] ނިޔާޒްގެ ދެމަފިރިން އަބަދުވެސް އަމަރާމެދު ވަރަށް ބޮޑަށް ވިސްނައެވެ.

[އަދި މިއަދު މެންދުރު ކާކަށްވެސް ނާދޭ. މިހާރަކަށްއައިސް ކެއުންވެސް ވަރަށް މަދުވެއްޖެ. އެސޮރަށް ކޮންމެވެސް ބަދަލުތަކެއް އަތުވެއްޖެ.] އަމަރް ގެޔަށް އައިސް ވަނީ ފަރީޝާއަށް މިހެން ބުނެވުނު ވަގުތެވެ.

[މަންމައާއި ބައްޕަ ހާދަވަރަކަށޭ އަހަންނާމެދު ތި ވިސްނަނީ. އަހަންނަށް ކޮން ބަދަލެއްތަ އައިސްގެން އުޅެނީ. އަހަރެން މަންމައާއި ބައްޕަ ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނަން.] މަންމައާއި ބައްޕަމެން ތިބި ސޯފާގައި އިށީންނަމުން، އަމަރް ވާހަކަ ދެއްކިއެވެ.

[ދަރިފުޅާ، ދަރިފުޅު ކިތަންމެ ސިއްރު ކުރަން އުޅުނަސް، މަންމައަށް ދަރިފުޅުގެ އިޙްސާސްތައް އެނގޭ. އެއްވެސް ކަމެއް ނުފޮރުވާ ބުނެބަލަ. ކޮންކަމަކާތަ ދަރިފުޅު ފިކުރު ކުރަނީ. ކުރިއަށް އޮތް ހަތަރުމަސްތެރޭ، ދަރިފުޅުގެ ގެވެސް މުޅިން ނިމޭނެ.] ފަރީޝާ އަމަރްގެ ބޮލުގައި ނުހަނު ލޯތްބާއެކު އަތް ކާއްތާލިއެވެ.

[ދަރިފުޅާ، މަންމައާއި ބައްޕައަށް ދިރިއުޅުމުގައި ދިމާވާ ކަންތައްތައް ސިއްރުކޮށްގެން ނުހުންނާތި. އަބަދުވެސް ބައްޕަމެން ތިބޭނީ، ތި ދަރިފުޅުގެ ޚިދްމަތުގައި. ބައްޕަކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ، ތިޔަ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި.] ނިޔާޒްވެސް އަމަރްގެ ބުރަކަށީގައި ފިރުމާލިއެވެ.

[ބައްޕާ، ކަމަކާ ޖެހުނީމާ އަހަރެން ބުނާނަމޭ. ބައްޕަމެން އަހަންނާ ދޭތެރޭ ވިސްނާވަރަށް، އަހަރެންވެސް ބައްޕަމެނާމެދު ވިސްނަމޭ.] މިހެން ބުނެފައި، އަމަރް މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ދަރިފުޅުވެސް ތި ޢުމުރުގެ ކުދިން ވިސްނާފަދަ ކަންތައްތަކާމެދު ވިސްނަންދޯ؟] އަދިވެސް ދަރިފުޅު ބޭނުންކަހަލަ ކުއްޖަކު ނުފެންނަނީތަ؟] ފަރީޝާ ލޮލުގެ ކުޑަކޮޅުން ނިޔާޒަށް ބަލައިލަމުން، ޙަޤީޤީ މަޥްޟޫޢަށް ދިޔައެވެ.

[ނޫން މަންމާ...ފެނިއްޖެ. އަހަރެން އިންތިޒާރުވެސް ކޮށްފިން. އެކަމަކު އަހަރެން އެކުއްޖާއަށް ފާރަލަމުން ދަނިކޮށް، އެކުއްޖާ އެހެން ބައިވެރިޔަކު ހޯދައިފި.....] އެންމެފަހުން އަމަރް އޭނާގެ މަންމައާއި ބައްޕައަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

[އެކަމާދޯ މާބޮޑަށް ފިކުރު ބޮޑުވެފައި ތިޔަހުންނަނީ. އަޅާނުލާ ދަރިފުޅާ...އެކުއްޖާއަށްވުރެ، މާރަނގަޅު ކުއްޖަކާ އަދި ދަރިފުޅާ ދިމާވާނެ.] ފަރީޝާ ދަރިފުޅަށް ހިތްވަރުދީ ނަޞޭޙަތްތެރިވިއެވެ.

[އެހެން ކުއްޖަކު ހޯދާކަށް، އަހަންނަކަށް ދެން މަސައްކަތެއް ނުކުރެވޭނެ. އަހަރެންގެ ޢުމުރުން ބާވީސް އަހަރުވެގެން ދިޔައިރު، އަހަންނަށް ފެނުނު ހިތްހަމަޖެހޭ ކުއްޖަކީ އެއީ....ދެން ތިވާހަކަ ހުއްޓާލާ. ހިނގާބަލަ ކާން.] މަންމަގެ އަތުގައި ހިފައިގެން އަމަރް ތެދުވިއެވެ. ދަރިފުޅުގެ ވާހަކަތަކާމެދު ވިސްނަން ނިޔާޒް އިނެވެ.

ދަރިފުޅުގެ ދިރިއުޅުމާމެދު އެކިއެކި ގޮތްގޮތަށް ވިސްނުމަށްފަހު، އެދުވަހު ނިޔާޒް ނިންމީ، ދަރިފުޅުގެ ޙަޔާތުގެ ބައިވެރިއަކު ހޯދުމުގައި، އޭނާއާއި ފަރީޝާ ރަނގަޅު ރޯލެއް އަދާކުރާށެވެ.

[ފަރީޝާ.....އައިސްބަލަ....] ފަރީޝާ ކާންހަދާ ނިމޭހާއިރު ކޮށްފައި ނިޔާޒް ގޮވާލިއެވެ. ދަރިފުޅު ގާތު އެބަ އަންނަމޭ ބުނެފައި، ފަރީޝާ ކާގެއިން ނުކުމެގެން ގޮސް ސިޓިންގރޫމަށް ވަނެވެ.

[އެސޮރު ކޮބައިތަ!؟] ފަރީޝާ އައިސް ހުއްޓުމާއެކު ނިޔާޒް އެއްސެވެ.

[ކާން އެބައިން، ކިހިނެއްވީ؟] ފަރީޝާ ނިޔާޒް ގާތުގައި އިށީނެވެ.

[އަހަރެން މިހާރު ވިސްނައިފިން، އެސޮރުގެ ޙަޔާތަށް އަހަރެމެންވެސް ރަނގަޅު ކުއްޖަކު ހަމަޖައްސަން. އަހަރެންގެ ރައްޓެހި ޙަމްދީގެ ހުންނާނެ، ވަރަށް ރީތި ކުއްޖެއް. އެމަންޖެ އައެއްނު، އެދެމަފިރިންނާއެކު އެއްދުވަހު މިގެޔަށްވެސް. އަހަރެން ޙަމްދީއާ ވާހަކަ ދައްކާނަން.] ނިޔާޒް ބުންޏެވެ.

[ތިޔައީވެސް ރަނގަޅު ގޮތެއް. ތިޔަ ބުނާ ކުއްޖާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ކިޔަމަންތެރި ޞާލިޙް ކުއްޖެއް އެއީ. ބުރުގާވެސް އަޅައިގެނެއްނު އުޅެނީ.] ފަރީޝާވެސް ތާއީދު ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން