އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް
އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް
ކ. ގުރައިދޫ ބިން ހިއްކުމާއެކު، މުޅިން އަލަށް ބޮޑު 24 މަޝްރޫޢެެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމް ވިދާޅުވީ، މުޅިން އަލަށް 24 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށް އެކުންފުނިން ތައްޔާރުވަމުންދާ ކަމަށާއި، އެގޮތުން ބައެއް މަޝްރޫޢުތަކަށް ބޭނުންވާ މޮބިލައިޒޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެމް.ޓީ.ސީ.ސީން އަލަށް ފެށުމަށް ތައްޔާރުވާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ، ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ވަރަށްބޮޑު ޕްރޮޖެކްޓެއް ކަމަށާއި، އޭގެ އިތުރުން ތ. ގުރައިދޫ ބަނދަރު ހެދުމާއި، ނ. އަތޮޅުގައި ބަނދަރު ހެދުމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ވަރަށް ބޮޑު ޕްރޮޖެކްޓެއް އެއީ ތ. ގުރައިދޫ ބިން ހިއްކުން. އެ މަސައްކަތްވެސް އަޅުގަނޑުމެން މިމަހުގެ ތެރޭގައި ފަށާނަން. ނ. އަތޮޅުގައިވެސް ބަނދަރު ހެދުމުގެ މަޝްރޫޢެއްގެ މަސައްކަތް މިމަހުގެ ތެރޭގައި އަޅުގަނޑުމެން ފަށާނަން. މިހެންގޮސް އެތައް ބިޔަ މަޝްރޫޢުތަކެއް އެބަހުރި ޕްލޭންކުރެވިފައި." އާޒިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އާޒިމް ވަނީ، ރާއްޖެއިން ފަތުރުވެރިކަމަށް ބަރޯސާ ވެގެން އޮތުމަށްވުރެ،، އިތުރު ފުރުސަތުތައް ސަރުކާރާއި ގުޅިގެން ހޯދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާޒިމް ވިދާޅުވީ، އެމްޓީސީސީން އިންޓަރނޭޝަނަލް ކުލާސް ގެ ޑޮކްޔާރޑް އެއް ރާއްޖޭގައި އެޅުމުގެ މަޝްވަރާ މިހާރު ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ 35 ރަށުގައި އެމް.ޓީ.ސީ.ސީން މިވަގުތުވެސް 48 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި، ކޯވިޑް-19ގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ނިޒާމަށާއި، މަޝްރޫޢުތައް ކުރިއަށްދާ ސްޕީޑަށް ބަދަލުތަކެއް އައި ނަމަވެސް އެއްވެސް މަޝްރޫޢެއްގެ މަސައްކަތް މަޑުޖައްސާލުމަކީ އެކުންފުނިން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށެވެ.

އެމްޓީސީސީން މިދިޔަ ކުއަރޓާގައި 14 މަޝްރޫޢެއް ނިންމައިފައިވާ ކަމަށާއި، އަދި އިތުރު 8 މަޝްރޫޢެއް މިދިޔަ ކުއަރޓާގައި އަލަށް ފަށައިފައިވާކަމަށް އާޒިމް ވަނީ އެ ޕްރޮގްރާމްގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން