ޞާދިރު ޢަލީދީދީ   4 އޯގަސްޓު 2020 - 14:56
ހުވާކޮށްފާ ބުނަން
ހުވާކޮށްފާ ބުނަން
އެޕިސޯޑް 06

...............

އެސޮރު ކޮބައިތަ!؟] ފަރީޝާ އައިސް ހުއްޓުމާއެކު ނިޔާޒް އެއްސެވެ.

[ކާން އެބައިން، ކިހިނެއްވީ؟] ފަރީޝާ ނިޔާޒް ގާތުގައި އިށީނެވެ.

[އަހަރެން މިހާރު ވިސްނައިފިން، އެސޮރުގެ ޙަޔާތަށް އަހަރެމެންވެސް ރަނގަޅު ކުއްޖަކު ހަމަޖައްސަން. އަހަރެންގެ ރައްޓެހި ޙަމްދީގެ ހުންނާނެ، ވަރަށް ރީތި ކުއްޖެއް. އެމަންޖެ އައެއްނު، އެދެމަފިރިންނާއެކު އެއްދުވަހު މިގެޔަށްވެސް. އަހަރެން ޙަމްދީއާ ވާހަކަ ދައްކާނަން.] ނިޔާޒް ބުންޏެވެ.

[ތިޔައީވެސް ރަނގަޅު ގޮތެއް. ތިޔަ ބުނާ ކުއްޖާއަކީ ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ކިޔަމަންތެރި ޞާލިޙް ކުއްޖެއް އެއީ. ބުރުގާވެސް އަޅައިގެނެއްނު އުޅެނީ.] ފަރީޝާވެސް ތާއީދު ކުރިއެވެ.

އެހެންވުމާއެކު، އެރޭ ނިޔާޒް ޙަމްދީއާ ބައްދަލުކޮށް، އެވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައި އެއީ ޙަމްދީވެސް ވަރަށް ބޭނުންވެފައި ހުރި ކަމެކެވެ.

[ތީ އަހަރެން ވަރަށް ރުހޭ ކަމެއް. އަހަރެން ޞަފާއާ ވާހަކަ ދައްކާނަން. ހަމަގައިމުވެސް އަހަރެން ބުނާގޮތަކަށް ނޫނީ، ޞަފާއެއް އެއްވެސް ކަމެއް ނުކުރާނެ.] ޙަމްދީ އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ.

[ފުރަތަމަ ތަންކޮޅެއް ގިނަގިނައިން ތިމަންޖެ ގޮވައިގެން އަހަރެމެން ގެޔަށްދާތި. އެދެކުދިން ފެނިދެނިވެ ރައްޓެހިވީމާ ފަސޭހަވާނެ.] ނިޔާޒް ބުންޏެވެ.

[އެންމެ ރަނގަޅު. ކޮންމެ ދުވަހަކުވެސް ޞަފާ ތިގެޔަށް ފޮނުވާނަން. ކޮބާ މިހާރު އެއްކަލަ ގެ ހަދާ ނިމިއްޖެތަ؟] މިހާރު ޙަމްދީވެސް އެހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

[ދެން މާގިނަ ދުވަސްތަކެއްނުވެ، އެތަން ނިމިދާނެ. އެދެކުދިންގެ ކައިވެނި ކުރެވެންވާއިރަށް، އެގެ ނިންމަން މި ޤަޞްދުކުރަނީ. މިހާރު މައިގަނޑު މަސައްކަތަކަށް އޮތީ، ކުލަލުމާއި ފަރުނީޗަރު ވެއްދުން.] ނިޔާޒް ކާރު ދުއްވާލިއެވެ.

އެދުވަހު ޙަމްދީ ގެޔަށް ގޮސް، އޭނާގެ ދަރިފުޅު ގާތު އަމަރާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

[ބައްޕާ، އަމަރް އަހަންނަކާ ނުގުޅޭނެ. ހާދަ ޤަބޫލު ނުކުރެވެއޭ.] ޞަފާއަކަށް ބައްޕަގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ޤަބޫލު ނުކުރެވިގެން އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ.

[އެއީ ކީއްވެ ދަރިފުޅާ، އަމަރްގެ ބައްޕައާއި ދެބައްޕަ މިހާރު ނިންމައިފިން، ތިދެކުދިންގެ ކައިވެނި ވީހާވެސް އަވަހަކަށް ކުރަން.] ޙަމްދީ އޭނާގެ ދަރިފުޅު ޞަފާ ގާތު ބުންޏެވެ. ޙަޤީޤަތުގައި އަމަރަކީ ވަރަށް ކުރިއްސުރެވެސް ޞަފާ ބޭނުންވެގެން ފާރަލަމުންދާ ޒުވާނެކެވެ. އޭނާއަކީ ފިރިހެނަކަށްވެ، އަމަރަކީ އަންހެނެއްނަމަ މިހާރު އޭނާ އަމަރްގެ ލޯތްބަށް އެދި ހުށަހެޅީހެވެ.

[ބައްޕާ ތިޔައީ އަހަރެންވެސް ވަރަށް ބޮޑަށް ބޭނުން ކަމެއް. އެކަމަކު ތިޔަކަމަށް އަމަރް ޤަބޫލުވާނޭހެން އަހަންނަކަށް ހިއެއްނުވޭ.] ބައްޕަގެ ވާހަކަ ޞަފާއަކަށް ޔަޤީން ނުކުރެވުނެވެ.

[އަހަންނަށް ޔަޤީން، އެސޮރު އަހަރެމެން ކުރަން އުޅޭ ކަމަކަށް ދެކޮޅެއް ނަހަދާނެ. އެސޮރު ރުހި ޤަބޫލުވާނެ. އެކަމަކު އެސޮރު ގާތު ކައިވެނީގެ ވާހަކަ ދައްކާނީ ޞަފާ ތަންކޮޅެއް ގިނައިން މިގެޔަށް ގެނެސް، އެސޮރާ ރައްޓެހިކަން އުފެދުނީމާ....] ނިޔާޒް ވާހަކަ ދެއްކީ އޭނާގެ އަންހެނުން ފަރީޝާއާއެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހެއްގެވެސް ގިނަ ވަގުތު ޞަފާ ހޭދަކުރަނީ، އަމަރްމެންގެ ގެ ކަމުގައިވާ މާފަންނު މަންޒިލްގައެވެ.

ކޮންމެ ދުވަހަކުވެސް ޞަފާ އަމަރާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް، ޞަފާގެ މަޤްޞަދު އެނގޭތީކަންނޭނގެއެވެ. ޞަފާއަށް މާގިނަ ވާހަކަ ދައްކާނޭ ފުރްޞަތެއް އަމަރް ނުދެއެވެ.

ނަމަވެސް، ދެފަރާތުގެ ޢާއިލާގެ ފުރިހަމަ އެއްބާރުލުން ލިބެމުން ދިޔުމާއެކު، ޞަފާ ހިތްވަރު އެލުވައެއްނުލައެވެ. އޭނާއަށް އެންމެބޮޑު ހިތްވަރެއް ލިބެމުންދަނީ، އަމަރްގެ މަންމަ ފަރީޝާގެ ފަރާތުންނެވެ. އަމަރްގެ ހިތް ލެންބުމަށްޓަކައި މަސައްކަތް ކުރަންވާގޮތް، ޞަފާއަށް ބުނެދެނީ ސީދާ ފަރީޝާއެވެ.

މިގޮތަށް އަމަރްގެ ލޯބި ހޯދުމަށް ޞަފާ މަސައްކަތް ކުރަމުންދާތާ ހައެއްކަ މަސް ފާއިތުވެދިޔައިރުވެސް، އެއްވެސްވަރެއްގެ އަލިމަގެއް ޞަފާއަކަށް ނުފެނުނެވެ. ބޮޑަށް ބެލެވޭ ގޮތުގައި، ޞަފާގެ މަޤްޞަދު އަމަރަށް އެނގޭތީ، އޭނާ ޞަފާއަށް ވާހަކަ ދައްކާނޭ ފުރްޞަތު ނުދެނީއެވެ.

ރަނާ ނުގުޅާށޭ ބުނީމާ ފޯނު ނުކުރިޔަސް، އަމަރް އައީ ފާއިތުވަމުންދާ ކޮންމެ ދުވަހަކުވެސް ރަނާ އުޅޭނޫޅޭ ގޮތް ބަލަމުންނެވެ.

އަމަރް ނޫނަސް، ރަނާގެ ޙަރަކާތްތަކަށް ފާރަލާ މީހަކު ހުރެއެވެ. އޭނާ ފާއިތުވެދިޔަ ދުވަސްތަކުގައި، ވަރަށްގިނަފަހަރު މަތިން ރަނާއާ ކުރިމަތިވެސްލިއެވެ. އެމީހަކީ ރަނާ ޗުއްޓީއަށް ރަށަށް ގޮސް ހުއްޓާ، ރަށުން ދިމާވި ޒުވާން ނިހާލެވެ.

[ކަލޭ ގާތު ކިތައްފަހަރުތަ އަހަރެން ބުނާނީ، އަހަންނަށް އުނދަގޫ ނުކުރާށޭ. ބުނެފީމެއްނޫންތަ، އަހަރެންގެ ލޯބިވެރިޔަކު ހުރެޔޭ. މިއަހަރު ނިމުމާއެކު، އަހަންނާ އަހަރެންގެ ލޯބިވެރިޔާގެ ކައިވެނި ކުރެވޭނެ. މީގެފަހުން ތިގޮތަށް ބޮލަށް އުނދަގޫ ކުރަން ނުގުޅާތި.] ރަނާ ކޮންމެފަހަރަކުވެސް ފޯނު ބާއްވަނީ އެވަރުކޮށްފައެވެ.

[ގުޅާނަން. އަހަރެންވެސް އަހަރެންގެ ލޯބި ހޯދަން މިކުރާ މަސައްކަތް ހުއްޓައެއްނުލާނަން. ބުނެބަލަ، ރަނާ ރައްޓެހިވެގެން ތިއުޅޭ ވާސިލަށްވުރެން އަހަރެން ހުތުރީތަ. ކީއްވެތަ، ރަނާ ތިޔަވަރަށް އަހަރެންދެކެ ފޫހިވަނީ.] ނިހާލަކީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ ކަހަލަ ޒުވާނެއް ނޫނެވެ.

[އާނ....އަހަންނަށް ކަމުދާ އެއްވެސް ސިފައެއް، ކަލޭގެ ކިބައަކު ނެތް. ވާސިލަކީ އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއްވެސް ލިބިފައިވާ ޒުވާނެއް. ބުނެފީމެއްނޫންތަ، މިނެޓަކު އެއްފަހަރު ގުޅިޔަސް، އަހަރެންގެ ޚިޔާލު ބަދަލެއް ނުކުރެވޭނޭ.] ރަނާ ފޯނު އޮފްކޮށްލިއެވެ. އެއަށްފަހު، އޭނާ އަތްދަބަސް ތެރެއަށް ފޯނުލިއެވެ. ފުރަތަމަފަހަރަށް އޭނާ ޢަޖައިބުވާފަދަ ކަމަކާ ކުރިމަތިވީ އެވަގުތެވެ.

އޭނާ އޮފްކޮށްފައި އަތްދަބަސް ތެރެއަށްލި ފޯނު ރިންގްވާން ފެށިއެވެ. އޭނާ އަތްދަބަހުން ފޯނު ނެގިއެވެ. ނަމަވެސް، ފޯނުގެ ސްކްރީނުން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް، ފޯނު ރިންގްވާ އަޑު އިވެމުންދެއެވެ. ރަނާ ރިސީވް ބަޓްންއަށް ފިތާލިއެވެ.

[ރަނާ! އާދޭސް ކުރަން، ތިފޯން އޮފް ނުކޮށްބަލަ. އަހަރެން ރަނާދެކެ ވަރަށް ލޯބިވޭ. ވާސިލްގެ މަތިން ހަނދާން ނައްތާލަން އުޅޭ. އޭނައަށްވުރެން މާރަނގަޅަށް އަހަރެން ރަނާއަށް ލޯބިދޭނަން.] މިފަހަރުވެސް ގުޅީ ނިހާލެވެ.

[ކިހާ ދެރަ ކަމެއް. ތިއަޑު އަހާކަށް އަހަންނަކަށް މުހިއްމެއް ނޫން.] ދެންވެސް ރަނާ މަސައްކަތްކުރީ ފޯން އޮފްކުރާށެވެ. ނަމަވެސް، ފޯނުގެ އެއްވެސް ފިތަކަށް ނުފިތުނެވެ. އެހެންވުމުގެ ސަބަބުން އައި ރުޅީގައި ރަނާ ފޯނު ހޫރާލިއެވެ.

އެއީ އޭނާގެ ލޯބިވެރިޔާ ވާސިލް އައިސް ގެޔަށް ވަން ވަގުތެވެ. ފޯނު ގޮސް ޖެހުނީ ވާސިލްގެ ފައިދަށުގައެވެ.

[ރަނާ....ކިހިނެއްވީ؟] ވާސިލް ފޯނު ނަގައިގެން ގޮސް، ރަނާގެ ގާތުގައި ސޯފާގައި އިށީނެވެ. ރަނާ ނިހާލް ގުޅާފައި އުނދަގޫކުރާ ވާހަކަ ބުނެ، ފޯނުގެ ފިއްތަކަށް ނުފިތޭ ވާހަކަ ބުނީމާ، ވާސިލް ފޯނުގެ ކަވަރު ނައްޓާލުމަށްފަހު، އެ ފޯނު ރަނގަޅުކޮށްލަދިނެވެ.

[އޭނާ ގުޅީމާ ވާހަކަ ނުދައްކާ ކަނޑާލާ. އެކަމާ މާ ބޮޑަށް ފިކުރުނުކުރޭ. ކޮބައިތަ މަންމަމެން ގޭގައި ނޫޅެނީތަ؟] ވާސިލް ރަނާގެ ފޯނު ސޯފާމަތީ ބާއްވާލުމަށްފަހު، ރަނާގެ އަތުގައި ހިފިއެވެ. އެއަށްފަހު، ނުހަނު ޢިޝްޤީ އަސަރުގައި އޭނާ ރަނާގެ އަތަށް ބޮސްދިނެވެ. އެދެލޯބިވެރިން ގެ ޙަޔާތުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ރަނާއާ ކައިރިވާ މިންވަރަކީ އެއީއެވެ.

[މަންމައާއި ބައްޕަ އެކުގައި ނިކުތީ. ބައްޕަވެސް ރިޒޯޓުން އައީ ރޭގަ.] ރަނާވެސް ވާސިލްގެ އަތުގައި ހިފެހެއްޓިއެވެ.

[އަޅެ....ރަނާ އަބަދުވެސް ތިގޮތަށް އަހަރެންގެ މުށުތެރޭގައި ހުންނާނަންތަ. ރަނާއަށް އެނގޭތަ، ރަނާ އަހަރެންގެ މުށުން ދޫވެގެން ހިނގައްޖެނަމަ، އަހަރެން މޮޔަވެދާނެ. ތެދުވެރި ލޯތްބަކީ އަންހެން ކުއްޖަކު އަތްމަތިވާއިރަށް، ޢިއްފަތުގެ މީރުކަން، ނަހަމަގޮތުގައި ލިބިގަތުމެއް ނޫން. އަހަރެން ބޭނުންވަނީ، އާ ކައިވެނީގެ ރޭގެ ޙަޤީޤީ ހިތްހަމަޖެހުން. އެރެޔަށްޓަކައި އިންތިޒާރު ކުރަމުންދާތާ އަހަރެއްވަނީ.] ވާސިލް ކުޑަކޮށް ތެދުވެ، ރަނާގެ ނިތްކުރީގައި ބޮސްދިނެވެ.

[ވާސިލް....ވާސިލްގެ މުށުތެރެއިން އަހަރެން ދޫކޮށްފިނަމަ، އަހަރެންވެސް މޮޔަވެދާނެކަންނޭނގެ. އަޅެ އަހަރެން ދޫކޮށްނުލައްޗޭ. އަހަރެން އަބަދުވެސް މި ލޯބީގައި ތެދުވެރިވާނަން. ވަފާތެރިވާނަން. މިއީ އަހަރެން ހުވާކޮށްފައި ބުނާ ތެދު ވާހަކައެއް. އަހަރެން މިހާރު ބޭނުންވަނީ، ވީހާވެސް އަވަހަކަށް ވާސިލްގެ ދާއިމީ މީހަކަށްވާން.] ރަނާ ވާސިލްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ދެން އޮތީ އެންމެ ދެތިންމަސް. އިތުރު ކޯސްތައް ހަދާނީ ކައިވެންޏަށްފަހު.] ވާސިލް މިހެން ބުނެފައި، ކުޑަކޮށް ރަނާއާ ދުރަށް ޖެހިލިއެވެ. ނަޞީބު ދިމާކުރިގޮތުން އެއީ ރަނާގެ ބައްޕަ ހާޝިމާއި، މަންމަ ޝަފީޤާ ގެޔަށް އައިސް ވަން ވަގުތެވެ.

[ވާސިލް ކޮންއިރަކު އައީ؟] ވާސިލްގެ ގާތުގައި އިށީންނަމުން ހާޝިމް އެއްސެވެ.

[މިއަދު ހެނދުނު އައީ. ހަވީރު ދާނަން.] ވާސިލް ޖަވާބު ދިނެވެ.

[ރަނާ ބޭނުމެއްނުވެޔޯ، އެގާރަ ބާރަ ކިޔަވާކަށް. ޓީޗިންގ ހެދިދާނެ ކައިވެނިކޮށްގެންވެސް. ބައްޕަމެންގެ މައްސަލައެއް ނެތް، ތިޔަ ދެކުދިންނަށް ފެންނަ ރަނގަޅު ގޮތަކަށް ކުރިއަށް ދިޔައީމަ ރަނގަޅުވާނެ.] ބައްޕަ މިހެން ބުނީމާ، އުފާވިނަމަވެސް، ރަނާ ހުރީ ހިސާބަކަށް ލަދުވެސްގެންފައެވެ. ކައިވެނީގެ ވާހަކަ ބައްޕަ ދެއްކީމައެވެ.

އެދުވަހު ހަވީރު ވާސިލް ރިޒޯޓަށް ދިޔުމަށްޓަކައި އެގެއިން ނުކުތްތަނާހެން ނިހާލް ގުޅިއެވެ.

[ހަނދާންކުރާތި، އަހަރެންގެ ހިތްގައި ޖައްސާފައި، ތިޔަ ކައިވެނި ކުރާކަށް ލާހިކެއް ނޫން.[ ރަނާ ފޯނު ކަންފަތުގައި ޖައްސާލުމާއެކު، ނިހާލް އިންޒާރު ކުރިއެވެ.

[އައްދޭ! ކަލޭ ތީ ހާދަ ބާރުގަދަ މީހެކޭ. ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ. ކަލޭ ތިބުނީ އަހަންނާ ވާސިލްގެ ކައިވެނި ނުކުރެވޭނެޔޭ. އޭގެ މާނައަކީ އަހަރެން އިންނާނީ ކަލެޔާއޭތަ.....ހަނދާންނައްތާލާ....] ރަނާ މަލާމާތުގެ ފާޑަކަށް ހީގަތެވެ. ނިހާލްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މިފަހަރު ފޯނު ކަނޑާލީ އޭނާ އަމިއްލައަށެވެ. ނިހާލް ހީވަނީ ލޯތްބަށްޓަކައި ދީވާނާވެފައިވާ މީހެއްހެންނެވެ.

ރަނާގެ އެދުމުގެ މަތިން އަމަރް ރަނާއަށް ނުގުޅި ކަމުގައިވިޔަސް، އަބަދުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ރަނާގެ ޚިޔާލުތަކާއި ރަނާގެ ތަޞްވީރެވެ.

[އަމަރް...އަބަދު ކޮން ފިކުރެއްގައިތަ ތިހުންނަނީ....ތިކުރާ ފިކުރުތަކާއި ޚިޔާލުތައް، ކޮންމެވެސް މީހަކާއެކު ޙިއްޞާކޮށް، ބައިވެރިވުން ހޯދައިފިނަމަ، ސިކުނޑިއަށް ވަރަށް ބޮޑަށް ލުއިވެގެންދާނެ.] ފުން ޚިޔާލަކަށް ގެނބެމުންދިޔަ އަމަރް ސިހުނީ، ދާދި ގާތުން ޞަފާގެ އަޑު އިވުމުންނެވެ.

[އަހަރެން މި ވިސްނަނީ، އަހަރެންގެ ލޯތްބާމެދު. ހިތަށްއަރަނީ ލޯބި ލިބޭނެބާވައޭ. ހިތަށްއަރަނީ އިންތިޒާރު ކުރަންވީބާއޭ.] މިހާ ހިސާބަށް ބުނެފައި، އަމަރް އިސްއުފުލައި، ޞަފާގެ މޫނަށް ބަލައިލިއެވެ. އޭރު ޞަފާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ސީދާ އަމަރްގެ މޫނަށެވެ.

[އިންތިޒާރު ކުރުމުގެ މާނައެއް ނެތް. ލޯބި ލިބޭނެ....ލޯބިދޭނަން. ލޯބި ބަލައިގަންނާތި.....] ޞަފާ ވާހަކަ ދެއްކީ، ދެލޯ މަރައިގެންހުރެ ނުހަނު ޖަޒްބާތީ އަސަރުގައެވެ.

[އޭނ....ލޯބި ލިބޭނެޔޭ....ލޯބިދޭނަމޭ!؟] ރަނާ ނޫން އެއްވެސް މީހަކަށް އަހަރެން ބޭނުންވާ ލޯތްބެއް ނުދެވޭނެ.....] އަމަރް އަނެއްފަރާތަށް އެނބުރުނެވެ. އަމަރްގެ އެޙަރަކާތުން ޞަފާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

[އަމަރް....އަހަރެންވެސް އަމަރަށް ލޯބި ދީފާނަން. އަމަރް ތިބުނާ މީހަކު މިހާރު އަމަރާ މާ ދުރަށް ހިނގައްޖެ.] ޞަފާ އަމަރާ ކުޑަކޮށް ކައިރިއަށް ޖެހިލިއެވެ.

[ވަރިހަމަ އޭނާ ކިތަންމެ ދުރަށް ދިޔަޔަސް. އަހަންނަށް އެހެން އެއްވެސް މީހަކ ެކެ ލޯތްބެއް ނުވެވޭނެ. ކިތަންމެ ދުވަހެއްވިޔަސް، އަހަރެން ލޯތްބަށް އިންތިޒާރު ކުރާނަން.] މިހެން ބުނެފައި، އަމަރް އެނދުގައި އޮށޯވެލިއެވެ. އެއާއެކު ހިތަށްކުރި ފުން އަސަރެއްގެ ސަބަބުން ޞަފާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.

މިއާދައިގައި ޞަފާ އަމަރްގެ ލޯބި ހޯދޭތޯ ކުރަމުންދިޔަ މަސައްކަތާއި، އަމަރް ރަނާގެ ލޯތްބަށް ކުރަމުންދިޔަ އިންތިޒާރާއި، ނިހާލް ރަނާ ހޯދަން ކުރި މަސައްކަތާއެކު، ދުވަސްތައް ފާއިތުވަމުންގޮސް ރަނާގެ މަދްރަސީ ދައުރުވެސް ނިމިއްޖެއެވެ. ކުރިން ކާމިޔާބުނުވި އެއްވެސް ކަމެއް، މިއިން އެއްވެސް ފަރާތަކަށް ކާމިޔާބެއް ނުކުރެވެއެވެ.

މިހާރު ރަނާއާއި އޭނާގެ ލޯބިވެރިޔާ ވާސިލްގެ ކައިވެންޏަށް، ދެފަރާތުގެ ޢާއިލާއިންވެސް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކައިވެނީގެ ދުވަސް ކައިރިވަމުންދާ ވަރަކަށް ނިހާލްގެ އުނދަގޫ ރަނާއަށް އައީ ވަރަށް ބޮޑަށް ކުރިމަތިވަމުންނެވެ. އޭނާގެ ކަމަކީ ރަނާއަށް ބިރުދައްކައި އިންޒާރު ކުރުމެވެ. ނަމަވެސް، ރަނާ އެކަމަކާ މާބޮޑަކަށް ނުވިސްނައެވެ. އޭނާ އެންމެ ލޯބިވާ ބައިވެރިޔާއާ ކައިވެނީގެ ގުޅުމަކުން ގުޅެވޭތީ، އޭނާ ހުންނަނީ ފިސާރި އުފާވެ ހިތްހަމަޖެހިފައެވެ.

[ވެޑިންގ ޑްރެސް ފަހާނީ ކޮން ކުލައަކުން؟ ދެ ޢާއިލާގެ މީހުންވެސް އެއްކުލައެއްދޯ ލާނީ؟] ރަނާ ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ވާސިލާއެވެ. ހަފްތާއެއްގެ ޗުއްޓީއެއް ނަގައިގެން، ވާސިލް ހުންނަތާ މިހާރު ތިންދުވަސްވީއެވެ.

[ތިކަންތައްތައް އެނގޭނީ ރަނާއަށް. ރަނާއަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް، ކަންތައް ގެންދިޔައީމަ ރަނގަޅުވާނެ. މިރޭ ވެޑިންގ ޑްރެސް ފައްސަންދަމާ....ރަނާގެ މަންމައާއި އަހަރެންގެ މަންމަވެސް ގޮވައިގެންދާނީ.] ވާސިލް ބުންޏެވެ.

[އަހަރެމެންގެ ކައިވެނި ޕާޓީވާނެ، ވަރަށް ބޮޑަށް ތަފާތުކުރަން. ވެޑިންގ ޑްރެސް ފަހާ ފޮތިން އެކަހަލަ ގޮތަކަށް ދެމަންމައަށްވެސް ހެދުން ފައްސަން ރަނގަޅުވާނެތަ؟] ރަނާ ބުންޏެވެ. ރަނާއަކީ އަބަދުވެސް އެހެން ބަޔަކު ނުކުރާ ކަންތައްތަކަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އޭނާކުރާ ކޮންމެ ކަމެއްވެސް އޭނާ ބޭނުންވަނީ ތަފާތު ކުރުމަށެވެ.

[ރަނާ ބޭނުންވާ ގޮތަކަށް ހަމަޖައްސާ. ކުރީ ދުވަހެއްގައި ރަނާ ބުނީމެއްނު، ކައިވެނީގެ ކުރިން ބުރުގާ އަޅާނެ ވާހަކަ. އެހަނދާން އެބަހުރިތަ؟] ވާސިލް ވައްކަޅިން ރަނާއާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

[ވާސިލަކީ އަބަދުވެސް ޢައުރަ ނިވާނުވާ ގޮތަށް އަންހެން ކުދިން ހެދުންއެޅުމާ ދެކޮޅުހަދާ ޒުވާނެކެވެ.

[ބުރުގާ އަޅާނަމޭ. މިހާރުވެސް ހަތަރު ހެދުން ފައްސައިފިން. އަޞްލު އަހަރެން އުޅުނީ ވާސިލަށް ސަޕްރައިޒެއްދޭން.] ރަނާ ބުންޏެވެ.

[އަޞްލުވެސްތަ؟ އަހަރެން ވަރަށް އުފާވެއްޖެ. ބުރުގާ އެޅީމ އަޞްލު ބައެއް އަންހެން ކުދިންގެ ސިފަ ރީތިވެސްވޭ. ދެން އަހަރެން ރިޒޯޓުން އަންނައިރު، ރަނާ ބަދަލުވާނެދޯ.] ރަނާގެ އަތުގައި ވާސިލް ހިފާލިއެވެ.

[އާނ....ވާސިލް...ހިނގާބަލަ، މަންމަ ގާތު ބުނެފައި، ޝެހެނާމެން ގެޔަށް ވަދެލަން. އޭނާ އަބަދުވެސް އަހަރެން އެގެޔަށް ނުދާތީ ޝަކުވާކުރޭ.] ރަނާ މިހެން ބުނެފައި ގޮސް މަންމަ ކައިރިން ހުއްދަ ހޯދިއެވެ.

އެދުވަހުގެރޭ އެދެލޯބިވެރިންގެ ދެމަންމައިންނާއެކު ގޮސް، ކައިވެނީގެ ހެދުން ފަހަން ބަޔަކާ ޙަވާލުކުރިއެވެ. މިހާރު ރަނާ ހީވަނީ އުފަލުން މޮޔަވެދާނޭހެންނެވެ.

އަލަތު ލޯބީގައި ކައިވެނީގެ ކުލަ ޖެހުމަކީ، ކޮންމެ ބަޔަކުވެސް ކުރާނޭ އުއްމީދެކެވެ. އަލަތު ލޯތްބަކަށް ކައިވެނީގެ ސިފަ އަތުވެއްޖެނަމަ، އެކައިވެންޏަކީ ބާއްޖަވެރި ކައިވެންޏަކަށްވުމަކީ ވަރަށް ކައިރި ކަމެކެވެ.

ވަރަށްމަދު ފަހަރެއްގައި ނޫނީ، އަލަތު ލޯބީގައި ކައިވެނީގެ ކުލަ ޖެހިފައިނުވާ ކަމަށް ވަރަށްގިނަ ލިޔުންތެރިންވެސް ފާހަގަކުރެއެވެ.

އެހެން ނަމަވެސް، ރަނާއާއި ވާސިލަކީ އަލަތު ދެލޯބިވެރިއެކެވެ. ވާސިލް އެންމެ ފުރަތަމަވެސް އަދި މިހާރުވެސް ލޯބިވާ މީހަކީ ރަނާއެވެ.

އެތައް ޒުވާނުންނެއް، ރަނާގެ ފަހަތުން އާދޭސް ކުރިއިރުވެސް އޭނާއަށް ލޯބިވެވުނު މީހަކީ ވާސިލެވެ. ވާސިލްގެ ޒުވާންކަމާއެކު، ފެނުނު ފުރަތަމަ ފެނިލުމާއެކު، އޭނާގެ ހިތް ވާސިލަށް ހަދިޔާ ކުރެވުނުފަދައެވެ. އޭނާ ޤަބޫލުކުރެއެވެ. ވާސިހަކީ އޭނާއަށްޓަކައި ދުނިޔެއަށް އައި ޒުވާނެކެވެ. އެފަދައިން އޭނާއަކީ ވާސިލަށްޓަކައި ދުނިޔެއަށް އައި އަންހެނެކެވެ.

އެފަދައެވެ. އަމަރާއި ނިހާލްވެސް ޤަބޫލުކުރަނީ، ރަނާއަކީ އެމީހުންނަށްޓަކައި ދުނިޔެއަށް ފޮނުއްވި އަންހެނެއް ކަމުގައެވެ.

[އެއްކަލަ އަމަރް މިހާރު އެއްގޮތަކަށްވެސް ނުގުޅާދޯ؟ ކިހިނެއްބާވީ؟] ޝެހެނާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ. އެވަގުތު ރަނާއާއި ޝެހެނާ ވާހަކަ ދައްކަން ތިބީ، މަޖީދީ މަގުގައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[އަހަރެން އޭނާ ގުޅީމާ ބުނިން، އަހަރެންދެކެ ލޯބިވަންޏާ، އަހަންނަށް ނުގުޅާށޭ. އޭނަ ލޯބިވާކަން ސާބިތު ކޮށްދެނީކަންނޭނގެއެއްނު. އެދުވަހަށްފަހު އެއްވެސްފަހަރަކު ނުގުޅާ....] ރަނާ ބުންޏެވެ.

[ކޮންކަހަލަ ބޮޑު އަދަބެއް އޭނައަށް ތިދިނީ. މާލޭގެ ބޮޑު ފައިސާވެރިއަކު ލިބުނީމަ، ބަލައިގަންނާކަށްވެސް ނޭނގުނު.] ޝެހެނާ ދިމާކޮށްލިއެވެ.

މިހާރު ޗުއްޓީ ހަމަކޮށް ވާސިލްވެސް ރިޒޯޓަށް ހިނގައްޖެއެވެ. ވާސިލް ރިޒޯޓަށް ދިޔުމާއެކު، ރަނާ ބުރުގާ އެޅިއެވެ. ބުރުގާ އެޅުމަށްފަހު، ރަނާ ޑްރެސިންގ ޓޭބަލްގެ ކުރިމައްޗަށް ހުއްޓުނު ވަގުތު ފޯނު ރިންގްވިއެވެ. ރަނާ ފޯނު ނެގިއެވެ.

[ކުރިއަށްވުރެން މާ ރީތި....އަދި ކިރިޔާ އަންހެނަކާ ވައްތަރުވީ.] ފޯނު ކަންފަތުގައި ޖެހުމާއެކު، އިވުނީ މިހާރު ރަނާ އެންމެ ނަފްރަތުކުރާ އަޑެވެ.

[ކިހާ ދެރަކަމެއްތަ، ކީއްވެތަ އަޅައިގަތްގޮތަށް ނެއްޓެން ނޭނގިގެން ތިއުޅެނީ. ކިތަންމެ ރީއްޗަސް، ކަލެއަށް ކުރާނޭ ފައިދާއެއް ނެތް.....] ރަނާ ފޯން އޮފްކޮށްލިއެވެ.

އެދުވަހަށްފަހު ފާއިތުވާ ކޮންމެ ދުވަހެއްވެސް ރަނާއަށް ހީވަނީ އެތައް ސަތޭކަ ދުވަހަށް ދިގުދެމިގެންދާހެންނެވެ. އޭނާ ބޭނުންވަނީ ބުރުގާ އަޅައިގެންހުއްޓާ، ލޯބިވެރިޔާއަށް ފެނުމުން ވާނޭގޮތް ބަލާށެވެ.

ބުރުގާ އެޅިތާ ގިނަ ދުވަސްތަކެއްނުވެ، ރަނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ނަމަވެސް، އެއީ އަލަށް ބުރުގާ އެޅީމާ ވާގޮތެއް ކަމަށް ވިސްނާފައި، އޭނާ ޑޮކްޓަރަށްދާކަށް އެއްބަހެއް ނުވެއެވެ. ނަމަވެސް ގަދައަށް ބޮލުގައި ރިއްސާފައި ހޮޑުވެސްލެވޭތީ އެންމެފަހުން އޭނާގެ މަންމައާއި ބައްޕަ، އޭނާ ގަދަކަމުން ހޮސްޕިޓަލަށް ގެންދިޔައެވެ. އެއީ ވާސިލްވެސް ރިޒޯޓުން އައި ދުވަސްކަމުން، ރަނާއާއެކު އޭނާވެސް ހޮސްޕިޓަލަށްދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން