ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގެ ހުއްދައަށް ކުރީގެ ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.

ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ. އެޕާޓީ އުފެއްދުމަށް ޖަލްސާ ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރަށްވާ ކުރީގެ ޓެލެކޮމް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ޔާމީން މިނިވަން ކުރުމުގެ ވައުދުގެ މަތީގައި ދެމި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވުމުގެ ހުއްދައަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައި ވާނެ ކަމަށް މަލީޙް ވިދާޅުވި އެވެ.

"ބަހާ އަމަލާ ދިމާވޭތޯ ބަލާނީ ރައްޔިތުން." މަލީހު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމުން އެ މަސައްކަތްކުރުމަށް އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީނެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމާއި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް އެމަނިކުފާނުގެ ބަންދަށް ލުއިދީ، މިހާރު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން