ރައީސް ޔާމީން
ރައީސް ޔާމީން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިގެންވާ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް އިންސާފުވެރިކަމާއެކު ނުބެލޭނެ ކަމަށާއި، އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ނުތިއްބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރިފައިވާއިރު، ފާއިތުވި ދުވަސްތަކުގެ ތަޖުރިބާއިން ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ކަމުނުދާކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ ކޮމިޝަނުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅުންނާއި، ބަންޑާރަނައިބުގެ އިތުރުން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުން ތިއްބަވައިގެން ނަޒާހާތްތެރިކަން ކަށަވަރު ނުކުރެވޭނެއެވެ. އެހެންކަމުން ޖޭއެސްސީއަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ މުޅިން މިނިވަން މުއައްސަސާއަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި އާންމު މެންބަރެއްގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބަކާއި ބަންޑާރަނައިބު އަދި ވަކީލުންގެ މަންދޫބެއް ހިމެނޭ ގޮތަށް ޖުމްލަ 10 މެންބަރުންގެ މައްޗަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ މައިދާނުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ، ޖޭއެސްސީ އިސްލާހުކުރުމަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތާރިގް ތިން ފަހަރެއްގެ މަތިން ހުށަހެޅުއްވި ބިލު ވެސް ވަނީ ބޭރުކޮށްލައިފައެވެ.

މި މައްސަލައިގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ، ސަރުކާރުގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށާއި، ފަނޑިޔާރުގެތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް އޮތް ހުރިހާ ދޮރުތަކެއް ބަންދުކުރުމަށްޓަކައި ގާނޫނުއަސާސީއަށް މިފަދަ އިސްލާހެއް ގެނައުމަކީ މިހާރުން މިހާރަށް ވެސް ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މުހިންމު މަސައްކަތެއްކަން ގިނަ ފަރާތްތަކަކުން ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް