މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމް.ޕީ.އެލުން އަލަށް ފެށި "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތުގެ ދަށުން ބޭރަށް ފޮނުވި، ފުރަތަމަ ޝިޕްމަންޓް ޓާކިޝް އެއާލައިންސްއާ ގުޅިގެން ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.

ބަންގްލަދޭޝް އިން ކަނޑުމަގުން ރާއްޖެ ގެނައި ކޮންޓޭނަރ އެމް.ޕީ.އެލް އިން އެއާޕޯޓަށް ޑެލިވަރކޮށް، ޓާކިޝް އެއާލައިންސްގެ ފްލައިޓުން ރާއްޖޭން ބޭރަށް ފޮނުވާލީ ހުކުރު ދުވަހުގެ ރޭގައެވެ. މި ކޮންޓޭނަރގައި ހިމެނެނީ ރެޑީ މޭޑް ގާމަންޓްސްގެ 935 ކާޓަންއެވެ. އެމް.ޕީ.އެލުން ބުނީ މި ކާގޯގެ ފަހު މަންޒިލަކީ ޖަރުމަންވިލާތް ކަމަށެވެ.

އެމް.ޕީ.އެލުން ތައާރަފްކުރި "ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް" ކާގޯގެ ޚިދުމަތް ފޯރުކޮށްދެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަމާއެކުއެވެ.

އަދި މި ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.އޭ.ސީ.އެލް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) އަދި ޓާކިޝް އެއާލައިންސްއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފައިވާކަމަށް އެމް.ޕީ.އެލުން ބުނެއެވެ.

‎އެމް.ޕީ.އެލުން އަލަށް ތަޢާރަފްކުރި ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ވައިގެ މަގު އަދި ކަނޑު މަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރި ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެއެވެ.

‎މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ޤައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެކެވެ. އެގޮތުން ރާއްޖެއަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ޤައުމުތަކަކުން ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމެވެ. ހާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތައް މީގެ ތެރޭގައި ހިމެނޭނެއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ހުުރިހާ އެއާލައިނަކަށްވެސް އޮތީ ހުޅުވިފައެވެ. އަދި އެމް.ޕީ.އެލުން މިހާރު ދަނީ މި ޚިދުމަތް އިތުރަށް ފުޅާކުުރުމަށް މަސައްކަތްކުރަމުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން